ﷲގެ ޙަޟްރަތުން ކަންކަމަށް އެދުމާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ ވިއްސަކަށް އާޔަތް ޢިލްމުވެރީން ފާހަގަ ކުރައްވާފައި ވެއެވެ. އެއިން ކޮންމެ އާޔަތަކީ އެހެން އާޔަތްތަކަށްވުރެ އެދުންވެރިކަން ބޮޑު އާޔަތެކެވެ. އެއިން ކޮންމެ އާޔަތަކީ ފަޞާޙަތްތެރިކަން ބޮޑު ބަލާޣަތްތެރި އާޔަތެކެވެ. އެއިން ކޮންމެ އާޔަތަކީ އެހެން އާޔަތްތަކަށްވުރެ ނަސޭޙަތްތެރިކަން ބޮޑު ވަޢުޡެކެވެ.
ކަންކަމަށް އެދުން އެންމެ ބޮޑު އާޔަތާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި ޘައުބާންގެ އަރިހުން ރިވާވެގެން ވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ ވިދާޅުވި އަޑުފުޅު އެހީމެވެ. يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ [1]– މާނައީ: އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ." ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ މި އާޔަތް ތިމަންކަލޭގެފާނުގެ އަރިހުގައި ލޮބިވެތިކަން ބޮޑުވެގެން ވެއެވެ.) އެހިނދު މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ! ޝަރީކު ކުރިމީހާ ވެސް ތޯއެވެ؟ އޭނާ ތިންފަހަރަށް މިހެން ދެންނެވުމުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. إلّا مَن أشرك- ޝަރީކުކުރި މީހާ ފިޔަވައެވެ. މިފަދައިން ތިންފަހަރު ޙަދީސް ކުރެއްވިއެވެ.) [2]
މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވާގޮތުގައި ޙަމްޒަތުގެފާނުގެ ޤާތިލު ވަޙްޝީގެ ގާތަށް ކީރިތި ރަސޫލާ ﷺ މީހަކު ފޮނުއްވާ އިސްލާންދީނަށް ވަނުމަށް ގޮވައިލެއްވިއެވެ. އޭނާ ބުންޏެވެ. ތިޔަބައިމީހުން ބުނާގޮތުގައި މީހުން މަރާ މީހުންނާއި ޒިނޭކުރާ މީހުންނާއި ޝަރީކު ކުރާ މީހުންނާ އެ ޢަމަލުތަކުގެ ޢުޤޫބާތް ބައްދަލުކުރާނެތެވެ. އަދި އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޒާބު ގިނަގުނަ ކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޒާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. މަށަކީ އެ ކަންކަން ކޮށްފައިވާ މީހަކީމުއެވެ. އެހިނދު މާތްﷲ ބާވައިލެއްވި ބަސްފުޅަކީ: إِلَّا مَنْ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا [3]– ތައުބާވެ، އީމާން ވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަމީހަކު މެނުވީއެވެ. އެހިނދު ވަޙްޝީ ދެންނެވިއެވެ. އޭ މުޙައްމަދުގެފާނޭވެ! މިއީ އަދި މާ ވަރުގަދަ ޝަރްޠެކެވެ. އަޅުގަނޑަށް މި ކަންތައް ނުކުރެވިއްޖެނަމަ ވާނީ ކިހިނެއްތޯއެވެ؟ އެހިނދު މާތްﷲ ބާވައިލެއްވި ވަޙީބަސްފުޅަކީ: إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ [4]– ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އެހިނދު ވަޙްޝީ ދެންނެވިއެވެ. އޭ މުޙައްމަދުގެފާނޭވެ! އެކަމަކު މި ކަން މި އޮތީ އިރާދަ ކުރެއްވުމުގެ މަތީގައެވެ. އަޅުގަނޑަށް ފާފަ ފުއްސަވާދެއްވާނެ ކަމެއް ނޫންކަމެއް ނޭނގެއެވެ. އެހިނދު މާތް ﷲ ބާވައިލެއްވި ވަޙީބަސްފުޅަކީ: قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا[5]– ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.) އެހިނދު ވަޙްޝީ އާދޭހޭ ދަންނަވާ އިސްލާންވިއެވެ. [6]
އައްޝައުކާނީ ވިދާޅުވާ ގޮތުގައި ކީރިތި ޤުރްއާނުގައިވާ އެންމެ އެދުން ބޮޑު އާޔަތަކީ މި އާޔަތެވެ. މި އާޔަތުގައި އެތައް ކަންތައްތަކެއް ހިމެނޭތީއެވެ. މި އާޔަތުގައި؛
- މާތްﷲ މިވަނީ އެކަލާނގެ ޒާތުފުޅަށް އަޅުތަކުން ނިސްބަތް ކުރައްވާފައެވެ. މިއީ އެކަލާނގެ އަޅުންނަށް ދެއްވި މަތިވެރި ޝަރަފެކެވެ.
- އެކަލާނގެ ފާފަވެރިންނަށް މި އަންގަވަނީ ފާފަ ކުރުމުގައި އިސްރާފުކުރެވުނު ކަމުގައި ވިޔަސް އެއްގޮތަކަށް ވެސް މާޔޫސް ނުވާށެވެ.
- ދެން މި އަންގަވަނީ އެކަލާނގެ ހުރިހާ ފާފަތަކެއް ފުއްސަވާނެ ކަމެވެ. ވަކި ބާވަތެއް އިސްތިސްނާއެއް ނުކުރައްވައެވެ. ﷲއަށް ޝަރީކުކުރުން ފިޔަވައެވެ. ޝަރީކުކުރުމުގެ ފާފަ މާތްﷲ ވަނީ އިސްތިސްނާ ކުރައްވައިފައެވެ.
- ފާފަތައް ފުއްސަވާ ދެއްވަނީ ކީއްވެގެން ކަން ބަޔާންކުރައްވާ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި މި ވަނީ (އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެ) އެވެ.
ކީރިތި ރަސޫލާގެ އަރިހުގައި އެންމެ އެދުންފުޅު ބޮޑު އާޔަތް
މާތްﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި އާޔަތްތަކުގެތެރެއިން ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ އެދުންފުޅު ބޮޑު އާޔަތަކީ: وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَى[7]– އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ.) ފަހެ ތިމަންކަލޭގެފާނުގެ މި އެދުންފުޅު ތިމަންކަލޭގެފާނުގެ އުންމަތަށް ޓަކައި ޤިޔާމަތް ދުވަހަށް ރައްކައުކުރެއްވީމެވެ.[8] އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. (އެކަލޭގެފާނުގެ އެދިވަޑައިގަތުމަކީ އެކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވެއްދެވުމެވެ. [9] މާތް އެދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ އިބްރާހީމުގެފާނާ ބެހޭގޮތުން ﷲ ޢައްޒަ ވަ ޖައްލަ ބާވައިލެއްވި ބަސްފުޅު: رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَحِيمٌ[10] – އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އެ ބުދުތައް މީސްތަކުންކުރެ ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ، މި އަޅާޔަށް تبع ވެއްޖެ މީހަކީ، ހަމަކަށަވަރުން، އަޅުގެ (دين ގެ) މީހެކެވެ. އަދި އަޅާޔަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.) މި ބަސްފުޅާއި ޢީސާގެފާނާ ބެހޭގޮތުން ބާވައިލެއްވި ބަސްފުޅު :إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ[11] -އެއުރެންނަށް، އިބަރަސްކަލާނގެ عذاب ދެއްވާނަމަ، ފަހެ، ހަމަކަށަވަރުން، އެއުރެންނީ، އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެއުރެންނަށް އިބަރަސްކަލާނގެ ފާފަފުއްސަވާނަމަ، ފަހެ، ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަ ލާނގެއެވެ.) މި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްފަހު ދެއަތްޕުޅު އުފުއްލަވާ ދުޢާކުރައްވަމުން މާތް ﷲއަށް ދެންނެވިއެވެ. (اللهم أُمّتي أُمّتي– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އަޅާގެ އުންމަތް، މި އަޅާގެ އުންމަތް ސަލާމަތްކޮށް ދެއްވާނދޭވެ!) މިފަދައިން ދުޢާކުރައްވައި ކީރިތިފުޅު ކުރެއްވިއެވެ. އެހިނދު ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (އޭ ޖިބްރީލުގެފާނޭވެ! މުޙައްމަދުގެފާނު އަރިހަށް ވަޑައިގެން ދަންނަވާށެވެ! ކަލޭގެފާނުގެ އުންމަތަށް ޓަކައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ރުހިވޮޑިގަތުން ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެރަގޮތެއް ކުރިމަތި ނުކުރައްވާ ހުށީމެވެ. )[12]
(ނުނިމޭ)
[1] – الزمر:53
[2] – أخرجه أحمد (٢٢٣٦٢)، وابن أبي الدنيا (٤٩)، والطبراني (١٧٤)
[3] – الفرقان: 70
[4] – النساء: 48
[5] – الزمر: 53
[6] – المعجم الكبير، للطبراني (11/ 197)
[7] – الضحى : 5
[8] – الفردوس بمأثور الخطاب، للديلمي (4/ 62)، (6195)
[9] – رواه البيهقي في شعب الإيمان، (3/ 44)، (1374)
[10] – إبراهيم: 36
[11] – المائدة: 118
[12] – أخرجه مسلم في الصحيح: كتاب الإيمان، باب دعاء النبي -صلى الله عليه وسلم- لأمّته، (1/ 191)، (346)