Support Us

ޙައްޖުވެރީންގެ ބަޔަކު ޢަރަފާތު ބިމުގައި

ޢަރަފާތު ދުވަސް މުހިއްމު ދުވަހަކަށްވީ ކީއްވެ؟

ޢަރަފާތު ދުވަހަށް يوم الوقفގެ ނަމުން ވެސް ނަން ކިޔެއެވެ. އެހެނަސް އެންމެ މަޝްހޫރު ނަމަކީ ޢަރަފާތު ދުވަހެވެ. އެއީ އިސްލާމީ ކަލަންޑަރުގައި އަންނަ އެންމެ މާތް އެންމެ އިތުރު ދުވަހެވެ. އެއީ ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. މާދަމާއެވެ.

އިސްލާމީ ކަލަންޑަރުގައި އަންނަ އެންމެ މާތް އެންމެ އިތުރު ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެއީ ރަމަޟާން މަހުގައި މާތް ﷲ ލައްވާ ރެއެވެ. ޢަރަފާތު ދުވަހާ ލައިލަތުލް ޤަދްރި ވިލޭރޭގެ އެންމެ ބޮޑު ތަފާތަކީ ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ނޭނގޭކަމެވެ.

ޢަރަފާތު ދުވަހަކީ ކޮބާ؟

ޢަރަފާތު ދުވަހަކީ ޙައްޖުގެ މަނާސިކުތަކުގައި ހިމެނޭ އެންމެ މުހިއްމު މަނާސިކު އަދާކުރާ ދުވަހެވެ. އެއީ ޙައްޖުގެ އެންމެ މުހިއްމު ރުކްނެވެ. މި ރުކުން ފާއިތުވެއްޖެނަމަ އެ އަހަރުގެ ޙައްޖެއް ނުލިބޭނެއެވެ. މިހެންވެ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((اَلْحَجُّ عَرَفةُ، فَمَنْ أَدْرَكَ عَرَفَةَ فَقَدْ أَدْرَكَ الحَجَّ [1]– ޙައްޖަކީ ޢަރަފާތެވެ. ފަހެ ޢަރަފާތުގައި ހުރެވުނު މީހާއަށް ފަހެ ހަމަކަށަވަރުން ޙައްޖު ލިބިއްޖެއެވެ.)) މި ބަސްފުޅުން އެނގެނީ ޙައްޖަކީ އޭގެ ޒާތުގައި ޢަރަފާތުގައި ހުރުމެވެ. ޙައްޖުގެ އެހެނިހެން މަނާސިކުތައް އެހެން ވަގުތުތަކެއްގައި އަދާކުރެވިދާނެ ކަމެވެ.

ޢަރަފާތު ދުވަހުގެ މަންޒަރަކީ ޤިޔާމަތް ދުވަހުގެ މަންޒަރު ތަޞައްވުރުކޮށްދޭ ކަމެކެވެ. ﷲގެ ޙަޟްރަތުގައި އެއް ހެދުމެއްގައި ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމުގައި އެކަލާނގެ ރަޙްމަތަށާއި މަޣްފިރަތަށް އެދި ދެ އަތް އުފުލައިގެން ތިބޭ މަންޒަރު ކުރަހައިލަދެނީ މަޙްޝަރު ދުވަހެވެ. ހިސާބު ބެއްލެވުމުގެ ދުވަހެވެ. ޢަރަފާތުން ފެންނާނީ ނަސްލެއް ޤައުމެއް ޤަބީލާއެއް ކުލައެއް ތަފާތު ނުވާގޮތަށް ތިބި އިންސާނުންގެ ބޮޑު ކަނޑެކެވެ. މި ދުވަހުގައި ޙައްޖާޖީންގެ ލޯތައް ނިދިފިޔަ ޖަހައިނުލައި، އަރާމެއް ރާޙަތެއްނެތި ﷲގެ ދަރުބާރުގައި ތިބޭނީ ދުޢާކުރުމާއި ޒިކްރުކުރުމުގެ މަތީގައެވެ.

މި ނަންދެވުނީ ކިހިނެއް

ޢަރަފާތު ނުވަތަ ޢަރަފާތުގެ ބަހަވީ މާނަތަކަކީ

  • ބައްދަލުވާ ތަން
  • ފަރުބަދަ ނުވަތަ ދިދަ
  • ހުވަދު ނުވަތަ އަތަރު އެވެ.

ޢަރަފާތަކީ ގެފުޅުގެ އިރުދެކުނުގައި ބާރަވަރަކަށް މޭލު ދުރުގައި އޮންނަ ތިރި ބިމެކެވެ. މި ބިމުގައި ހުންނަ ކުޑަކުޑަ ފަރުބަދައަށް ޢަރަފާތު ފަރުބަދައޭ ކިޔެއެވެ. މި ފަރުބަދައަށް ޖަބަލުއް ރަޙްމަތި (ރަޙްމަތުގެ ފަރުބަދަ) އޭ ވެސް ކިޔެއެވެ. މިއީ 230 ފޫޓުގެ އުސް ގްރެނައިޓް ހިލައިގެ ފަރުބަދައެކެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ޢަރަފާތުގެ ނަން ކީރިތި ޤުރްއާނުގައި ގެންނަވާފައި ވެއެވެ. އަލްބަޤާރާ ސޫރަތުގެ 198 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. ((لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ ۚ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِندَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ- މާނައީ: ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބޭ فضل ވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، އަލްމަޝްޢަރުލް ޙަރާމުގައި (އެބަހީ: މުޒްދަލިފާ ނިމޭތާނގައިވާ ޤުޒަޙު ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! (އެބަހީ: ތަލްބިޔާ ކިޔައި، ދުޢާ ކުރާށެވެ!) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.))

ޢަރަފާތަށް މި ނަންދެވުނު ގޮތާ ބެހޭގޮތުން ތަފާތު 4 ރިވާޔަތެއް ވެއެވެ.

  • އާދަމުގެފާނާއި ޙައްވާގެފާނު މާތްﷲ ގެ އަމުރުފުޅާ ޚިލާފުވެ ވަޑައިގެން ފަރިއްކުޅުއްވުން މަނާކުރައްވާފައިވާ ގަހުން ފަރިއްކުޅުވުމުގެ ސަބަބުން އެ ދެކަނބަލުން ބިމަށް ފޮނުއްވާ ލެއްވިއެވެ. މި ދެކަނބަލުންނަށް ފައިބާވަޑައިގެންނެވުނީ މި ބިމުގެ ތަފާތު ދެ ހިސާބަކަށެވެ. އެއްބޭފުޅަކަށް އަނެއް ބޭފުޅަކު ވީ ތަނެއް އެނގިވަޑައެއް ނުގަންނަވައެވެ. ބުނެވޭގޮތުގައި އާދަމުގެފާނަށް ފައިބާ ވަޑައިގެންނެވުނީ އިންޑިޔާގެ ހިސާބަކަށެވެ. އެއީ އެވަރ ރެސްޓް ކަމަށް ވެސް ބައެއް މުއައްރިޚުން ވިދާޅުވެއެވެ. ޙައްވާގެފާނަށް ފައިބާ ވަޑައިގެންނެވުނީ ސުޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ކަމަށް ބުނެވެއެވެ. ޖިއްދާގެ މާނައަކީ "މާމަ" އެވެ. އެ ކަމަނާއަކީ  އަޅުގަނޑުމެންގެ މާމަކަމުގައިވާތީއެވެ. އެހެނަސް ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެކަމަނާއަށް ފައިބާވަޑައިގެންނެވުނީ އިރުމަތީ އެފްރިކާގެ  ހިސާބަކަށެވެ. މި ދެކަނބަލުން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހޯއްދެވުމަށް ޓަކައި ކުރެއްވި ދިގު ދަތުރުފުޅު ނިމުނީ ޢަރަފާތަށެވެ. މި މުޤައްދަސް ބިމުގައި އާދަމުގެފާނާއި ޙައްވާގެފާނު ބައްދަލުވެ ވަޑައިގަތީ މައްކާ ކައިރީގައި އޮންނަ ތިރި ބިމެއްގައި ހުރި ކުޑަކުޑަ ފަރުބަދައެއް މަތީގައެވެ. މިހެންވެ  މި ފަރުބަދައަށް  "ޢަރަފަތު" އޭ ކިޔުނެވެ. އެއީ މި ދެކަނބަލުންނަށް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެ ވަޑައިގެން ތަޢާރުފުވެ ވަޑައިގެންނެވީ އެތާނގައި ކަމަށް ވާތީއެވެ.
  • ދެވަނަ ރައުޔަކީ ﷲ ތަޢާލާގެ އަމުރުފުޅަށް ޖިބްރީލު ޢަލައިހިއް ސަލާމު އިބްރާހީމު ޢަލައިހިއް ސަލާމުގެ އަރިހަށް ވަޑައިގެން ޙައްޖުގެ މަނާސިކުތައް ދަސްކޮށް ދެއްވުމަށްފަހު އިބްރާހީމުގެފާނަށް ޙައްޖުގެ ޝަޢީރާތައް މިހާރު އެނގިވަޑައިގަންނަވައިފިތޯ ދެންނެވުމުން ވިދާޅުވިއެވެ. "عَرَفْتُه – އަޅުގަނޑަށް އެނގިއްޖެއެވެ."
  •  ތިންވަނަ ރައުޔު ދެކޭގޮތުގައި، މި ބިމަށް ޢަރަފާތޭ ކިޔުނީ އެތާނގައި ޙައްޖުވެރީން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވެގެން ދާތީއެވެ.
  • މި މުޤައްދަސް ބިމަށް ޢަރަފާތޭ ކިޔުނީ ޙައްޖު މޫސުމުގައި ﷲ ތަޢާލާގެ ރަޙްމަތާއި ފުއްސެވުން ޙައްޖުވެރީންގެ މައްޗަށް ބާވައިލައްވާތީއެވެ. އެއީ "ސަމާވީ ހުވަނދެއް" ކަމުގައި ވާތީއެވެ. މިއީ ޢަރަފާތގެ މާނަތަކުގެތެރޭގައި ހިމެނޭ މާނަތަކުން މާނައެކެވެ.

ޢަރަފާތު ދުވަހުގެ މާތްކަމާއި މަތިވެރިކަން

ރޭދުވާލާއި، މަސްތަކާއި އަހަރުތަކުގެ ތެރޭގައި މާތްﷲ މާތްކުރައްވައި ، މަތިވެރިކުރައްވައިފައިވާ ދުވަސްތަކަކާއި، މޫސުންތަކަކާއި ފޯވަހިތަކަކާއި މުނާސަބާތަކެއް ވެއެވެ. މާތް ﷲ މީސްތަކުންނަށް މި ދުވަސްތަކާއި ރޭތަކުގެ ފައިދާ ލިބިގަތުމަށް ގޮވައިލެއްވިއެވެ. މި ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ﷲގެ ޙަޟްރަތަށް ކުއްތަންވުމަށް ލިބިފައިވާ ވަސީލަތަކަށް ހެދުމަށް އެކަލާނގެ އަޅުގަނޑުމެންނަށް އެންގެވިއެވެ.

މިފަދަ މުނާސަބަތުތަކުގެ ތެރޭގައި ޢަރަފާތު ދުވަސް (ޙައްޖު މަހުގެ ނުވަވަނަ ދުވަސް) ވެއެވެ. މި ދުވަހުގެ މާތްކަމާއި މަތިވެރިކަން މުޖްމަލުކޮށްލާނަމަ ފާހަގަ ކުރަން ޖެހޭ މުހިއްމު ކަންތައްތަކަކީ:-

  • ޢަރަފާތު ބިމަކީ ބުނެވޭގޮތުގައި އާދަމުގެފާނާއި ޙައްވާގެފާނު މި ބިމަށް ފޮނުއްވުމުން އެ ދެކަނބަލުން ފުރަތަމަ ފަހަރަށް އެއްބޭފުޅަކު އަނެއްބޭފުޅަކާ ބައްދަލުވެވަޑައިގެން ތަޢާރުފުވެ ވަޑައިގެންނެވި ބިމެވެ.
  • ޢަރަފާތު ދުވަހަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގެތެރެއިން ދުވަހެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ [2]– ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، اللَّه ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، اللَّه ގެ ޙަޟްރަތު ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރްމަތްތެރި ވެގެންވެއެވެ.) ޙުރްމަތްތެރިވެގެންވާ ހަތަރު މަހަކީ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމު މަހާއި ރަޖަބު މަހެވެ.ޢަރަފާތު ދުވަހަކީ ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހެވެ.
  • ޢަރަފާތު ދުވަހަކީ ޙައްޖުގެ މައްސަރުތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (الْحَجُّ أَشْهُرٌ مَعْلُومَاتٌ [3]– ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ.) ޙައްޖުގެ މައްސަރުތަކަކީ ޝައްވާލު މަހާއި، ޛުލްޤަޢިދާ މަހާއި ޛުލްޙިއްޖާ މަހެވެ.
  • ޢަރަފާތު ދުވަހަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކަނޑައަޅުއްވައި އެންގެވި ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. އެއީ އެ ދުވަހާ ބެހޭގޮތުން އަރަހުށި ﷲ ތާރީފުގެ ބަސް ވަޙީ ކުރެއްވި ދުވަހެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ[4]– އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުންޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ.) މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު ވިދާޅުވެފައިވާ ގޮތުގައި މާތް ﷲ ކަނޑައަޅުއްވައި އެންގެވި ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
  • ޢަރަފާތު ދުވަހަކީ މާތް ﷲ އެ ދުވަސްތައް ގަންދެއްވައި ބަސް ވަޙީ ކުރެއްވި ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ އެއް ދުވަހެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَيَالٍ عَشْرٍ [5] – އަދި ދިހަ ރޭ ގަންދެއްވަމެވެ.)  އިބްނު ޢައްބާސުގެފާނު ވިދާޅުވެފައިވާ ގޮތުގައި މި ދިހަ ދުވަހަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
  • ޢަރަފާތު ދުވަހަކީ މާތް ﷲ އެންމެ މާތް ކުރެއްވި ދިހަ ދުވަހުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ[6] – މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ.  އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއޭވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު  އެބުރި ނައި މީހާ ފިޔަވައެވެ.)
  • ޢަރަފާތު ދުވަހަކީ މާތް ﷲ މި ދީން ފުރިހަމަކޮށް ދެއްވި ދުވަހެވެ.
    މާތް ﷲ ޢަރަފާތު ދުވަހު ރަސުލާ ޢަރަފާތުގައި ހުންނަވަނިކޮށް ބާވައިލެއްވި ބަސްފުޅުގައި ވެއެވެ. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا [7]– މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)
  • ޢަރަފާތު ދުވަހަކީ މުސްލިމުންނަށް ޢީދު ދުވަހެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (يومُ عرفةَ ويومُ النَّحرِ وأيّامُ التَّشريقِ عيدُنا أهلَ الإسلامِ [8]– ޢަރަފާތު ދުވަހާއި ބޮޑު ޢީދު ދުވަހާއި މިނާގެ ދުވަސްތަކަކީ އަހުރެމެން މުސްލިމުންގެ ޢީދުތަކެކެވެ.)
  • ޢަރަފާތު ދުވަހަކީ ދުޢާކުރުން އިތުރުވެގެންވާ ދުވަހެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (خيرُ الدعاءِ دعاءُ يومِ عرفَةَ وخيرُ ما قلْتُ أنا والنبيونَ من قبلي لا إلهَ إلّا اللهُ وحدَه لا شريكَ له، له الملكُ وله الحمدُ وهو على كلِّ شيءٍ قديرٌ [9]– އެންމެ ރަނގަޅު ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަން ކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ވިދާޅުވި  އެންމެ ރަނގަޅު ބަސްފުޅަކީ: لا إلهَ إلّا اللهُ وحدَه لا شريكَ له، له الملكُ وله الحمدُ وهو على كلِّ شيءٍ قديرٌ އެވެ.)[10]
  • ޢަރަފާތު ދުވަހުގައި މާތް ﷲ ނަރަކައިން މުއްތި ކުރައްވާ މީހުންގެ ޢަދަދު ގިނަވެ އިތުރުވެގެންވުމަކީ އެ ދުވަހުގެ މާތްކަން ދޭހަކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْداً مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ اشهَدوا ملائكتي أني قد غفرتُ لهم [11]– ޢަރަފާތު ދުވަހަށް ވުރެ ގިނައިން އެހެން އެއްވެސް ދުވަހެއްގައި، ﷲ އެކަލާނގެ އަޅުން، ނަރަކައިން  މުއްތި ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެ ދުވަހު ކުއްތަންވެ ވޮޑިގަތުމަށް ފަހު މަލާއިކަތުންނަށް އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެއެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟ ތިމަންރަސްކަލާނގެ މަލާއިކަތުންނޭވެ! ތިޔަބައިމީހުން ހެކިވާށެވެ! ތިމަންރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވާ ދެއްވައިފީމުއެވެ.)
  • ޢަރަފާތުގެ އަހްލުވެރީންނާމެދު ﷲ ފަޚްރުވެރިވެ ވޮޑިގެންނެވުން: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلاَئِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ فَيَقُولُ: انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثاً غُبْراً [12]– ހަމަކަށަވަރުން އަރަހުށި މަތިވެރި ﷲ ޢަރަފާތު ދުވަހު ހަވީރު، އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހްލުވެރިން ދައްކަވާ އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަން ތިމަންރަސްކަލާނގެ އަޅުންނަށް ބަލާބަލާށެވެ!އެމީހުން ދަތުރުގެ ވަރުބަލިކަމާއެކު  ބޯހޭވި ހިރަފުހާ ތަތްތެޅިގެންވާ ޙާލުގައި އެ ތިބީ ތިމަންރަސްކަލާނގެ ޙަޟްރަތަށް އައިސްފައެވެ.)
  • ތަކްބީރު ކިޔުން: ޢަރަފާތު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދު ނިމެންދެން ފަރްޟު ކޮންމެ ނަމާދަކަށްފަހު ތަކްބީރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ޢަލީގެފާނާއި އިބްނު މަސްޢޫދުގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި  ތަކްބީރު ކިޔުން އޮތީ ފަރްޟު ފަސްނަމާދަށް ފަހުގައެވެ.
  • ޢަރަފާތު ދުވަހަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުން އަދާކުރެވޭ ދުވަހެވެ. އެއީ ޢަރަފާތު ބިމުގައި ހުރުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (الحج عرفة[13] – ޙައްޖަކީ ޢަރަފާތެވެ.)

ޢަރަފާތު ދުވަހު ރޯދަ ހިފުން

ޙައްޖުވެރީންނަށް ޙައްޖު ދުވަހު (ޢަރަފާތު ދުވަހު) ރޯދަހިފުން މަކްރޫހަވެގެން ވެއެވެ. އެއީ އެމީހުން ﷲގެ ޙަޟްރަތުގައި ދުޢާކުރުމާއި ޒިކްރުކުރުމުގެ މަތީގައި ތިބޭނޭތީއެވެ. އަދި އެ ދުވަހު އިރު އޮއްސުމުން ޢަރަފާތުން ފައިބައިގެން މުޒްދަލިފާއަށް ދާނެތީއެވެ. އަދި ފަތިހު މިނާއަށްގޮސް ޙައްޖުގެ އިތުރު މަނާސިކުތައް އަދާކުރަން ޖެހިފައިވާތީއެވެ. މި ބުރަ މަނާސިކުތައް އަދާކުރަމުން ރޯދަހިފުން ބުރަކަމަކަށް ވާނެތީ އެވެ. އެހެނަސް ޙައްޖަށް ނުގޮސް ތިބޭމީހުންނަށް ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ މުސްތަޙައްބު ސުންނަތެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (ޢަރަފާތު ދުވަހު ރޯދައަކީ ޚާއްޞަ އަޅުކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((صِيامُ يومِ عَرَفَةَ، إِنِّي أحْتَسِبُ على اللهِ أنْ يُكَفِّرَ السنَةَ التي قَبلَهُ، و السنَةَ التي بَعدَهُ  –[14] ޢަރަފާތު ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެކަމެކެވެ.)) ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ބަސްފުޅުގައި ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ހިމެނޭނެއެވެ. އެހެނަސް ގިނަ ޢިލްމުވެރީންގެ ބަސްފުޅަކީ މި ފާފަތަކަކީ ހަމައެކަނި ކުދި ފާފަތަކެވެ.

 

[1]  –  أخرجه أبو داود(١٩٤٩ )، والنسائي(٣٠٤٤ )، والترمذي(٢٩٧٥ ) ، وابن ماجة(٣٠١٥ )

[2]  – التوبة : 36

[3]  –  البقرة : 197

[4]  –  الحج : 28

[5]  –   الفجر : 2

[6]  –  رواه الدارمي وحسن إسناده الشيخ محمد الألباني في كتابه إرواء الغليل.

[7]  –   المائدة : 3

[8]  – أخرجه أبو داود (٢٤١٩)، والترمذي (٧٧٣)، والنسائي (٣٠٠٤)، وأحمد (١٧٣٧٩)

[9]  –  أخرجه الترمذي (٣٥٨٥)

[10]  – صححه الألباني في كتابه السلسة الصحيحة

[11] –  أخرجه مسلم (١٣٤٨)، والنسائي (٣٠٠٣) وابن ماجه (٣٠١٤)

([12]) أخرجه أحمد (٧٠٨٩) والطبراني (١٣/٦٠٤) (١٤٥٢٢)

[13]  – متفق عليه

[14]  – أخرجه مسلم (١١٦٢)، وأبو داود (٢٤٢٥)، وأحمد (٢٢٦٥٠) والترمذي (٧٤٩، ٧٥٢) وابن ماجه (١٧٣٠، ١٧٣٨) وابن حبان (٣٦٣٢)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *