Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ފަހެލި: ރަހަތަފާތަކަސް ރަހަމީރު ނޫން މިނިސްޓަރު!

ދިވެހި ރާއްޖެ ވަނީ ވަރަށް ވަރުގަދަ ޓޫރިޒަމް މިނިސްޓަރުން ދެކެފައެވެ. އިބްރާހިމް ހުސެން ޒަކީ، ސީނާ އަހުމަދު ޒާހިރު، ޑރ. މަހުމޫދު ޝައުޤީ، އަހުމަދު މުޖުތަބާ، ޑރ. މަރިޔަމް ޒުލްފާ، ޑރ. އަހުމަދު ޝަވާދު، އަދި ހަސަން ސޯބިރު ފަދަ ބޭފުޅުންނެވެ. މިހާރު މިހުންނެވި މަނިއްޕުޅު، ޑރ. އަބްދުﷲ މައުސޫމަކީ ވަރަށް ޒާތެއްގެ ބޭފުޅެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިއްމު ވަރަށް ގިނަ ފަރާތްތަކާ މާބޮޑު ގުޅުމެއް ނެތް މިނިސްޓަރެކެވެ. މިނިސްޓްރީގެ އެތެރޭގެ ސެކްޝަން ތަކުގެ މީޓިންގް ވެސް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް އެތެރެއިން މައުލޫމާތު ލިބެއެވެ. ރިސޯޓް ސްޓާފުންގެ، ހާއްސަކޮށް ދިވެހި ސްޓާފުންގެ، ޝަކުވާ އަޑުއަހައެވެ. ކަންފަތް ހުރެއްޖެ ނަމަ އެންމެން ވެސް އަޑުއަހާނެއެވެ. އެކަމަކު ޝަކުވާތަކަށް ހައްލެއް ހޯއްދަވައިދެއްވަން މިނިސްޓަރު ކުރައްވާ ކަމެއް ނުފެނެއެވެ. މިނިސްޓަރު މުޅިންވެސް ދިފާއު ކުރައްވާތަން ފެންނަނީ ރިސޯޓް އިންވެސްޓަރުންނެވެ. ހާއްސަކޮށް ބޭރުގެ އިންވެސްޓަރުންނެވެ.

ޓޫރިޒަމް މިނިސްޓްރީ އަކީ ދިވެހި އިގްތިސޯދުގެ މައިނާރޭ ކިޔާ އަޑު އިވެއެވެ. އެކަމަކު ޑރ. މައުސޫމްގެ ނަމުގެ ކުރިއަށް "ޑރ" އޮތަކަސް މި މައިނާރުގެ ލޭހިނގާ ވަރުގެ ހިންގުންތެރި ކަމެއް ޑރ. މައުސޫމަކަށް ނުދެއްކެއެވެ. ރިސޯޓް އޯނަރުންނާއި "މާޔާ"ގެ އިސް ވެރިންނާއި "އާޓާ"ގެ އިސްވެރިންނާއި ގެސްޓް ހައުސް އެސޯސިއޭޝަން ފަދަ، މި ދާއިރާގެ ވަރަށް ގިނަ ސްޓޭކް ހޯލްޑަރުން ތިބީ ޓޫރިޒަމް މިނިސްޓްރީ މިހާރު ކުރިއަށްދާ ބަރުހެލި ދުވެލީގެ ސަބަބުން ގޮތްހުސްވެ، މާޔޫސްވެ ނުހަނު ރުޅިގަދަވެފައެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރުމާ ދިމާކޮށް މުޅި ސިނާއަތް ހެއްވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެބިނެޓަށް ގެންނެވި ޖޯކަރެއްތޯ ވެސް ބައެއް ބޭފުޅުން އެއްކޮލަށް ދޫލެއްވުމަށް ފަހު، އެއްލޯ މަރާލާފައި ސުވާލު ކުރެއެވެ. އަނެއް ބައި ބޭފުޅުން ހިނިގަނޑެއް ޖަހާލާފައި ވިދާޅުވަނީ މިނިސްޓްރީގެ ހުންގާނު ހަވާލުކުރެވިފައި ވަނީ "ބޮޑު ކައްކާ"އަކާ ކަމަށެވެ.

ރިސޯޓެއްގެ ޝެފްކަން ކުރަން އެނގުނަސް، އަދި ހޮޓެލްް ސްކޫލް މޮޅަށް ހިންގާލެވުނަސް، އަދި ބޮޑު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރުކަން ކުރަން އެނގުނަސް ޓޫރިޒަމް މިނިސްޓްރީ ހިންގުމަކަށް އަދި ކުފޫހަމައެއް ނުވާނެއެވެ. މި ސިނާއަތުގައި، ރާއްޖޭގެ އިގްތިސޯދާ ސީދާ ގުޅިފައިވާ އެތައް ދާއިރާއެއް ވެއެވެ. ވަގުތުން ވަގުތަށް ދޭންޖެހޭ ހުއްދަތައް ލަސްވުމުން އެތައް ލައްކަ، ނުވަތަ އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ އިގްތިސޯދަށް ނުވަދެ ހިނގައިދެއެވެ.

އަޅުގަނޑު ވާހަކަ ދައްކާލި ގިނަ ރިސޯޓް އޯނަރުންނާއި ލަގްޒަރީ ޔޮޓް އޯނަރުންނާއި ޓްރެވެލް އޭޖެންޓުންނާއި ރިސޯޓް މުއައްޒަފުންނާއި ގެސްޓް ހައުސް ހިންގާ ފަރާތްތަކުންނާއި މި ދާއިރާއާ ގުޅިފައިވާ އެތައް ޖަމިއްޔާތަކެއްގެ އިސް ބޭފުޅުންވެސް ތިއްބެވީ ޓޫރިޒަމް މިނިސްޓްރީން ހުއްދައެއް ނަގަން ޖެހުނަސް، އަދި މިނިސްޓްރީ މެދުވެރިކޮށް ކަމެއް ކުރަން ވެއްޖެ ނަމަ ދެބުމަ ގޮށްޖަހައި ތުންފިއްތަން ޖެހިފައެވެ. ފާޅުގައި އެއްޗެކޭ ބުނެފިނަމަ އެމީހަކަށް އިތުރަށް ދަތިކޮށްލަފާނެތީ ބިރުންނެވެ. އެއްޗެކޭ ނުބުނެފިނަމަ ބިއުރޮކްރެސީ އިތުރަށް ބޮޑުވެ ހިންދެމިނުލެވޭވަރު ވެފައެވެ. މިއީ ހައްލެއް ފެންނަން ނެތް ޗަރުކޭހަކަށް ވެއްޖެއެވެ.

ލަގްޒަރީ ޔޮޓްފަހަރު ރާއްޖެ އައުމުގެ ދެތިން ދުވަސް ކުރިން ހުއްދައަށް އެދުނަސް މީގެ ކުރީން ހުއްދަ ލިބެއެވެ. ނަމަވެސް މިހާރު މިނިސްޓަރީން ބުނަނީ 14 ދުވަސް ކުރިން ހުއްދަ ނަގަންޖެހޭ ކަމަށެވެ. މަލްޓިމިލިއަނަރުން ދަތުރެއް ކުރަން ކުއްލިއަކަށް ވެސް ނިންމަފާނެއެވެ. ދެން 14 ދުވަސް ކުރިއަށް ލާފައި ހުއްދައަށް އެދެންޖެހޭތީ އެއްކަލަ މަލްޓިމިލިއަނަރުގެ ދަތުރު ކެރީބިއަން ކަހަލަ އެހެން ދިމާލަކަށް ބަދަލުކޮށްލަފާނެއެވެ. ލަގްޒަރީ ޔޮޓްފަހަރު އައުމުން ޔޮޓުގެ ކޮންމެ މޫވްމެންޓަކުން ދައުލަތަށް ފީނަގައެވެ. އެއަށް ތެޔޮ އެޅުމުން ލޯކަލް އެޖެންޓުންނަށް އެތައް ލައްކަ ޑޮލަރު ލިބެއެވެ. ކާބޯތަކެއްޗާއި ފެން ސަޕްލައި ކުރުމުން ލާރި ލިބެއެވެ. ޗާޓަރު ލައިސެންސް ފީ ލިބެއެވެ. އެޔޮޓްތަކުގެ މިލިއަނަރުން ދުވާލު ގަޑީގައި ގޮސް ރިސޯޓް ތަކުން ކޮޓަރި ކުއްޔަށް ހިފައި ކައިބޮއެ ހެދުމުން ރިސޯޓް ތަކަށް އެތައް ލައްކަ ޑޮލަރެއް ލިބެއެވެ. އަދި އެފަދަ ޔޮޓްތަކުގެ ވެރީން ގިނަ ފަހަރަށް އަންނާނީ ޕްރައިވެޓް ޖެޓުގައި ވެލާނާ އެއާޕޯށެވެ. އެމީހުން އައުމުގެ ކުރިން ޔޮޓް ރާއްޖެއަށް އާދެއެވެ. އެމީހުން އަންނަ ޕްރައިވެޓް ޖެޓުގެ ކުރޫންވެސް ތިބޭނީ ރިސޯޓެއްގައެވެ. ޖެޓު އައުމުން ތެޔޮ ވިއްކައިގެންނާއި ލޭންޑިންގެ ފީން އެތައް ޑޮލަރެއް އެއާޕޯޓަށް ލިބެއެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލަގްޒަރީ ޔޮޓުުން ލިބޭ ގުނައި އަދަދު ނުކުރެވޭ ފައިދާގެ ތަފްސީލް ނޭނގޭ، ތަޖުރިބާއެއް ނެތް ބަޔަކު މިނިސްޓްރީއާ ހަވާލުވެ، ބިއުރެކްރެޓިކް ޤަވާއިދު ހަދައި މުޅި ލަގްޒަރީ ޔޮޓިންގް ދާއިރާ އިނދަޖައްސާލައިފިއެވެ. ކުރިއަރަންވާ ވަރަށް ކުރިނާރައި ގުރުޑުވަނީއެވެ.

ޓޫރިޒަމްގެ ސިނާއަތުގެ ދުވެލި އަވަސްކޮށް، ހިންގުންތެރިކަން އިތުރުކޮށް، ސްޓޭކް ހޯލްޑަރުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މިނިސްޓަރު މައުސޫމް ފެންނަނީ ރާއްޖޭގެ ފަޅުރަށްތައް ބޭރުމީހުން ގެެދޮރުއަޅަން ނުވިއްކިގެން އުޅުއްވާތަނެވެ. އަދި މީހުން އުޅޭ ރަށްރަށުގައި، މީހުން އުޅޭ ގޭގޭގައި "ގޭދޮށޫ ޓޫރިޒަމް" ނުވަތަ "ހޯމް ސްޓޭ" ތައާރަފް ކުރައްވަން ފޫގަޅުއްވާތަނެވެ. ހޯމް ސްޓޭ ތައާރަފް ކުރުމަކީ ދިވެހި އިސްލާމީ މުޖުތަމައު ހަލާކުކޮށްލާނެ ފަދަ ބޮޑު ޖަރީމާއެކެވެ. ބޭރު މީހުން ގެދޮރު އަޅަން ރަށްރަށް ވިއްކާލުމަކީ ވެސް ހަމަ އެފަދަ ޖަރީމާއެކެވެ. މިކަހަލަ މޮޅެތި ސްޓަންޓު ޖެއްސެވުމަށް މިނިސްޓަރ މައުސޫމް އަވަދިނެތި އުޅުއްވާއިރު ޤައުމުގެ އިގްތިސޯދުގެ ހަޤީޤީ ލޭނާރު އޮތީ ކޮލެސްޓްރޯލުން ބެދިފައެވެ. ސްޓްރޯކެއް ޖެހެން ތައްޔާރުވެފައެވެ.

ކޮރަޕްޓް ކަމަށް ބުނި އަލީ ވަހީދުގެ މިނިސްޓަރު ކަމުގައިވެސް މިނިސްޓްރީ މާ ހިންގުންތެރިކަމަށް ބައެއް ސްޓޭކް ހޯލްޑަރުން ބުނެއެވެ. މިހާރު، ކޮވިޑްގެ ހާލަތުގައި ގެސްޓަކު އެއް ރިސޯޓުން އެހެން ރިސޯޓަކަށް ބަދަލުވާ ނަމަ ކުރީ ބައިގައި ހުއްދަ ނަގަން ޖެހެއެވެ. މި ހުއްދައަށް އެދުމުން، ހުއްދަ ލިބޭކަން އަންގާއިރު ގެސްޓު މީހާ ފުރާ ދުވަސް އޮންނަނީ ޖެހިފައެވެ. މި ވެސް މިނިސްޓްރީގެ ސްލޯކަމުން ވެފައި ހުރި ކަންކަމެވެ. އަލަށް ސްކޫލް ނުވަތަ ޔުނިވަރސިޓީ ނިންމާފައި އަންނަ ޒުވާން ކުދިން ކުއްލިއަކަށް މިނިސްޓްރީގެ މުހިއްމު ސެކްޝަންތަކުގެ ހެޑުންނަށް ލުމުން ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތި ހިންގަން ހަދައިގެން އެތައް ގިނަ ކަމެއް ލަސްވެ، މުޅި ސިނާއަތުގެ ދުވެލި ލަސްވެއެވެ.

ޓޫރިޒަމް ސިނާއަތަކީ ދިވެހި އިގްތިސޯދުގެ މައިނާރުތޯ ނުވަތަ ކޮންމެވެސް އެހެން ނާރެއްތޯ މިހާރު ދިރާސާކޮށް ބަލަން އެބަޖެހެއެވެ! މި ސިނާއަތަކީ އިގްތިސޯދުގެ މައިނާރު ކަމުގައި ސަރުކާރުން ޤަބޫލް ކުރާނަމަ އެ ދާއިރާ ހިންގަން ލާންޖެހެނީ ކޮންމެހެން ޕީއެޗްޑީއެއް އޮތް މީހެއް ނޫނެވެ. މޮޅު ކައްކާއެއް ނޫނެވެ. މޮޅެތި ސިޔާސީ ޓްވީޓްކުރާ މީހެއް ވެސް ނޫނެވެ. ދާއިރާގެ ތަޖުރިބާގެ އިތުރުން، މީހުން ގޮވައިގެން އުޅެން އެނގޭ ހިންގުންތެރިއެކެވެ. ޑރ. މައުސޫމްގެ ކެއްކުން ކިތައްމެ މޮޅަސް، ރަހަ ކިތައްމެ ތަފާތަސް، ރައީސް ސޯލިހު ރުއްސަން މޮޅެތި ސިޔާސީ ޓްވީޓް ކުރެއްވިއަސް، މި ސިނާއަތު ހިންގަން ބޭނުންވާ ލީޑަޝިޕާއި ހިންގުންތެރިކަމެއް ނުދެއްކެއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސިނާއަތުގެ އެންމެންނަށް ސަރުކާރުން ދެއްވާ ހަދިޔާއެއްގެ ގޮތުން، ޤާބިލް، ހިންގުންތެރި ޓޫރިޒަމް މިނިސްޓަރެއް ދެއްވުމަކީ ވަރަށް ގިނަ ސްޓޭކް ހޯލްޑަރުންގެ އެދުމެކެވެ. ޕްލީސްސްސް….

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
412

4 Responses

  1. ވަރަށް ގިނަ ސަކުވާ އަހަރުމެންގެވެސް އެބަހުރި. ހިންގުންތެރި، ކަންކަން އަވަހަށް ބެލޭ ގާބިލު ބަޔަކު ނެތް މިނިސްޓްރީއެއް ތީ .

  2. ކައްކަން އެނގުނަސް ރަހަމީރު ނޫނީވިއްޔާ ކައްކަން ނޭނގެނީ . އަދީބަށް ބްރޯ ކިޔާހެން ތިވީ މައުސޫމަށް ، ބޮޑުކައްކާ ގެ ނަން ދޭން

  3. ލިޔުން ކިޔާލުމުން ދޭހަވީ ބުޝްރީއަށް އެއްޗެތް މަދުވެގެން އުޅޫކަހަލަ އިހުސާސެއް.. ލިޔުމުން ޔަގީންވި ކަމަކީ ޑރ. މައުސޫމުގެ އިލްމާއި ހުނަރާއި ތަޖުރިބާގެ ވާހަކަ. ބޮޑު ކައްކާއަކުން، ރިސޯޓު މެނޭގަރަކުން ޕީއެޗްޑީއެއް ނަންގަވާފަ ވީއިރު ޓޫރިޒަމްގެ ވަޒީރެއްގެ ދެން މަދުވަނީ ކޮން ޝަރުތެއްތޯ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *