Support Us

ޙައްޖު މަހުގެ ދިހަ ދުވަސް… ބަރަކާތްތެރި ފޯވައްސެއް

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކޮށް ދެއްވައި، ވަޙީ ކުރައްވަނީ "وَ ٱلْفَجْرِ وَلَيَالٍ عَشْرٍ[1]– ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." އިބްނު ޢައްބާސުގެފާނާއި މުޖާހިދު ފަދަ ބޮޑެތި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ޙައްޖުމަހުގެ ފުރަތަ ދިހަ ރެއެވެ. މާތް ﷲ އެއްޗެއް ގަންދެއްވައިފިނަމަ  އެއިން އެނގެނީ އެއީ ވަރަށް މަތިވެރި އެއްޗެއް ކަމެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ އަޅުގަނޑުމެންނަށް ޓަކައި ހުޅުއްވާ ދެއްވާފައިވާ ޚައިރާތުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ގޮވައިލައްވަނީ އެކަލާނގެ ޙަޟްރަތަށް އަލުން އައުމަށެވެ.

މާތްﷲއީ އެކަލާނގެ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި، އޭގެ ތެރއިން އިރާދަ ކުރައްވައި އެއްޗެއް މާތް ކުރައްވައި، ޚިޔާރު ކުރައްވައި، ރަސްކަލާނގެއެވެ. އެކަލާނގެ ހަތް އުޑު ހައްދަވައި އޭގެ ތެރެއިން ހަތްވަނަ އުޑު ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ ސުވަރުގެތައް ހައްދަވައި ފިރްދައުސު އޭ ކިޔުނު ސުވަރުގެ ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ މަލާއިކަތުން ހައްދަވައި އެ ބޭކަލުންގެ ތެރެއިން ޖިބްރީލުގެފާނާއި މީކާއީލުގެފާނާއި އިސްރާފީލުގެފާނު ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ އާދަމުގެ ދަރިން ހައްދަވައި އޭގެ ތެރެއިން މުއުމިނުތަކުން ޚިޔާރު ކުރެއްވިއެވެ. އެކަލާނގެ މުއުމިނުތަކުންގެ ތެރެއިން ނަބީބޭކަލުން ޚިޔާރު ކުރެއްވިއެވެ. ނަބީބޭކަލުންގެ ތެރެއިން ރަސޫލު ބޭކަލުން އަދި ރަސޫލު ބޭކަލުންގެ ތެރެއިން އުލުލް ޢަޒްމުން ޚިޔާރު ކުރެއްވިއެވެ. އުލުލް ޢަޒްމުންގެ ތެރެއިން ދެ ޚަލީލުން (ދެ މިތުރުން) ޚިޔާރު ކުރެއްވިއެވެ. މި ދެ ޚަލީލުންގެ ތެރެއިން ކީރިތި ރަސޫލާ ﷺ ޚިޔާރު ކުރެއްވިއެވެ.

ރަޙްމާންވަންތަ ރަސްކަލާނގެ އަޅުގަނޑުމެންނަށް ތަނަވަސްކޮށް ދެއްވާފައިވާ ޚައިރާތުގެ މޫސުންތައް ވަރަށް ގިނައެވެ. އަޅުގަނޑުމެން މިހާރު ކުރިމަތިލާން މި އުޅެނީ ބަރަކާތްތެރި ޙައްޖުމަހާއެވެ. ކަލަންޑަރު ބުނާގޮތުގައި 1442ވަނަ އަހަރުގެ ޙައްޖު މަސް އާދީއްތަ ދުވަހު ފެށޭނެއެވެ. އެހެންކަމުން ޙައްޖުމަހުގެ ބަރަކާތްތެރި ފޯވަހި މި ވަނީ އަޅުގަނޑުމެންގެ ގާތަށް އައިސްފައެވެ. އެއީ ވަރަށް ދީލަތި މެހެމާނެކެވެ. މި މެހެމާނު އަޅުގަނޑުމެންގެ ގާތަށް އަންނަނީ ވަރަށް އަގުބޮޑު ހަދިޔާތަކަކާ އެކުގައެވެ. މި ކަމަށް ޓަކައި  އަތުކުރި އޮޅައިލައި ﷲގެ ދަރުބާރަށް ވަދެވޭތޯ މަސައްކަތް ކުރަންވާނެއެވެ. މާތްﷲ ރުއްސުން ލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު އަރިހުން ރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إِنَّ الْعَشْرَ عَشْرُ الْأَضْحَى وَالْوَتْرَ يَوْمُ عَرَفَةَ وَالشَّفْعَ يَوْمُ النَّحْرِ[2]– ހަމަކަށަވަރުން ދިހަ ދުވަހަކީ އަޟްޙާގެ ދިހަ ދުވަހެވެ. ވަތުރަކީ ޢަރަފާތު ދުވަހެވެ. ޝަފްޢަކީ ބޮޑު ޢީދު ދުވަހެވެ.))

މި ދިހަ ދުވަހުގެ ތެރޭގައި ޢަރަފާތު ދުވަހާއި އަޟްޙާ ޢީދު ދުވަސް ހިމެނެއެވެ. ޢަރަފާތު ދުވަހަކީ ފާފަތައް ފުއްސަވައިދެއްވާ ދުވަހެކެވެ. އެއީ މާތް ﷲ ނަރަކައިން އެތައް ބަޔަކު މުއްތިކޮށް ދެއްވާ ދުވަހެއް ވެސްމެއެވެ. އެއީ ޙައްޖުގެ މަތިވެރި ފަރީޟާތައް އަދާކުރެވޭ ދުވަހެވެ.  ޙައްޖުމަހުގެ 10 ވަނަ ދުވަހަކީ އުޟްޙިޔާ ކަތިލާ ދުވަސްވެސްމެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إنَّ أعظمَ الأيَّامِ عندَ اللَّهِ تبارَكَ وتعالَى يومُ النَّحرِ ثمَّ يومُ القُرِّ [3]– ހަމަކަށަވަރުން ﷲ ތަބާރަކަ ވަ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި ދުވަހަކީ ޙައްޖުމަހުގެ ދިހަވަނަ ދުވަހެވެ. ދެން އެގާރަވަނަ ދުވަހެވެ.))

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން އަލްބުޚާރީ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ فَقَالُوا يَا رَسُولَ اللَّهِ وَلَا الْجِهَادُ فِي سَبِيلِ اللَّهِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ– މި ދިހަ ދުވަހަށް ވުރެ، ﷲގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއޭވެ! ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އެކަމަކު މީހަކު އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ އެއިން އެއްވެސް އެއްޗަކާ އެކު އެނބުރި ނައި މީހާ ފިޔަވައެވެ.))

ކުރެވެން ހުރި ޞާލިޙު ޢަމަލުތައް

މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. ކީރިތި ރަސޫލާ ﷺގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. "އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހާއި ޢާޝޫރާ ދުވަހާއި ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.[4]"

ސަޢީދު ބުނު ޖުބައިރަކީ ޙައްޖު މަހަށް ހަނދު ބަލައިފި ނަމަ އަޅުކަން ކުރެއްވުމުގައި ހޭފުޅުލައްވައި ހުންނަވަން ވެގެން، ރޭގަނޑު ގޭގެ ބައްތި ނިއްވައިނުލައްވާ ބޭކަލެކެވެ.

މުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި ވަގުތުތަކުގައި، ﷲގެ ބަރަކާތާއި ފުއްސެވުމާއި ރުއްސެވުމުގެ ތެރޭގައި އުޅޭ ބަޔެކެވެ. ކުރާ ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ ﷲއަށް ކިޔަމަންގަނެ، ﷲގެ ޠާޢަތުގައި ކުރާ އަމަލުތަކާއި ހޭދަކުރާ ވަގުތުތަކެވެ. މާތް ﷲ ވަޙީ ކުރައްވަނީ "مَن جَآءَ بِٱلْحَسَنَةِ فَلَهُۥ عَشْرُ أَمْثَالِهَا[5] ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. "ކީރިތި ރަސޫލާ ﷺ މި ކަން އިތުރަށް ބަޔާންކޮށް ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً ،  فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ، وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً، فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً[6]– ހަމަކަށަވަރުން ﷲ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިޔުއްވިއެވެ. އެއަށްފަހު އެކަލާނގެ އެ ކަންތައް ބަޔާންކޮށް ދެއްވިއެވެ. މީހަކު ހެޔޮ ކަމެއް ކުރުމަށް ގަސްތުކޮށް އެ ކަން ނުކުރިޔަސް އޭނާއަށް އެއް ހެޔޮކަން ފުރިހަމައަށް ކުރި ކަމުގެ ސަވާބު ﷲ ލިޔުއްވާނެއެވެ. އޭނާ އެކަން ކުރުމަށް ގަސްތުކޮށް އެކަން ކުރި ނަމަ އޭނާއަށް ދިހަ ހެޔޮކަމުން ގޮސް ހަތް ސަތޭކައިގެ މިންވަރަށް އަދި އެއަށް ވުރެވެސް އިތުރު ގުނަ މިންވަރަށް ހެޔޮކަން ލިޔުއްވާނެއެވެ. އަދި މީހަކު ނުބައި ކަމެއް ކުރުމަށް ގަސްތުކޮށް އެ ކަމެއް ނުކުރި ނަމަ އޭނާއަށް ފުރިހަމަ ހެޔޮ ކަމެއް ކުރިކަމުގެ ސަވާބު ލިޔުއްވާނެއެވެ. އޭނާ ނުބައި ކަމެއް ކުރުމަށް ގަސްތުކޮށް އެކަން ކުޅަނަމަ އޭނާގެ މައްޗަށް އެންމެ ނުބައި ކަމެއް ކުރިކަމަށް ލިޔުއްވާނެއެވެ.))

މި ބަސްފުޅުން އެނގެނީ ﷲއަށް ކިޔަމަންގަތުމުގައި ބަހެއް ބުނުމަކީ ބަރަކާތެއް ކަމެވެ. ކިޔަމަންގަތުމުގެ އެންމެ ބަހަކީ ދިހަ ސަވާބެވެ. ހަމަ އެފަދައިން ކިޔަމަން ގަތުމުގެ ކޮންމެ ޢަމަލަކީ ވެސް ބަރަކާތެކެވެ. ނަމާދެއް ކުރުމުން ދިހަ ނަމާދު ކުރުމުގެ ސަވާބު ދެއްވާނެއެވެ. ޤުދްސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރެއްވިއެވެ. ((أَمْضَيْتُ فَرِيضَتِي، وَخَفَّفْتُ عَنْ عِبَادِي ، وَجَعَلْتُ لِكُلِّ حَسَنَةٍ عَشْرَ أَمْثَالِهَ [7]– ތިމަންރަސްކަލާނގެ ފަރްޟުތައް ވަނީ ކަނޑައަޅުއްވައިފައެވެ. އަދި ތިމަން ރަސްކަލާނގެ ތިމަންރަސްކަލާނގެ އަޅުންގެ ކިބައިން އެ ކަންތައްތައް ލުއިކޮށް ދެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮ ކަމުގެ ސަވާބު ލެއްވީމެވެ.))

ﷲއަށް ކިޔަމަންގަތުމަކީ ފާފައިން ޠާހިރުވުމެއް ވެސް މެއެވެ. ނަމާދު ކުރުމަކީ ކުށްފާފަތަކުން ޠާހިރު ވުމެކެވެ. ރޯދައަކީ ކުށް ފާފަތަކުން ޠާހިރުވުމެކެވެ. ޒަކާތް ދިނުމަކީ ކުށް ފާފަތަކުން ޠާހިރުވުމެކެވެ. ހަމަ އެ ފަދައިން ޙައްޖު ވުމަކީ ވެސް ފާފަތައް ފުއްސަވާ ދެއްވާނެ އަޅުކަމެކެވެ. މިހުރިހާ އަޅުކަންތަކެއް މި ދިހަ ދުވަހުގެ ތެރޭގައި ހިމެނެއެވެ.

މިހެންވެ ހެޔޮ ޢަމަލުތައް ގިނަކުރުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((ما مِن أيّامٍ أعظَمُ عِندَ اللهِ ولا أحَبُّ إليه مِن العَمَلِ فيهنَّ مِن هذه الأيّامِ العَشرِ، فأكثِروا فيهنَّ مِن التَّهليلِ والتَّكبيرِ والتَّحميدِ[8]– މި ދިހަ ދުވަހަށްވުރެ ﷲގެ ޙަޟްރަތުގައި މާތްކަން ބޮޑު އަދި ހެޔޮ ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހްލީލާއި ތަކްބީރާއި ތަޙްމީދު ކުރުން ގިނަކުރާށެވެ.))

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތްﷲ އަޅުގަނޑުމެންގެ މި މަތިވެރި ދީން އިސްލާމުދީން ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހްލުވެރީންނަށް ފުރިހަމަކަން ލިބުނެވެ. އެމީހުން ކުރާ އަމަލުތަކަށް ފުރިހަމަ ސަވާބު ދެއްވަތެވެ. އެމީހުންގެ ޙަޔާތް އަމާންކަމާއި ރައްކައުތެރިކަން ލިބިފައިވާ ހެޔޮ ލަފާ ޙަޔާތަކަށް ހައްދަވަތެވެ. އެމީހުންގެ ސުލޫކާއި އަޚްލާޤު ރިވެތި ސުލޫކު ކަމުގައި ވެދެއެވެ. އަޅުގަނޑުމެން ޤަބޫލު ކުރާ ދީން ފުރިހަމަ ވުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެންމެ ސީދާ ތެދު މަގު އެނގި، އެ މަގަށް ތަބާވުމުގެ ނަޞީބު ލިބެއެވެ. ކީރިތި ރަސޫލާ ﷺ މި ދީން ފުރިހަމަކޮށް ދެއްވުމަށްފަހު މި ދުނިޔެ ދޫކުރެއްވީ ކަޅާއި ހުދުން އެނގޭނެ ފަދަ ސާފު އަމާން މަގެއް މައްޗަށް އަޅުގަނޑުމެން ނެރުއްވައިފައެވެ.

ޙައްޖުމަހު ރޯދަހިފުން

ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމަކީ މުސްތަޙައްބު ކަމެކެވެ. ކީރިތި ރަސޫލާ ﷺގެ އަނބިއަނބިކަނބަލުންގެ އަރިހުން މި ކަން އެނގިފައިވާތީއެވެ. އެކަނބަލުން ވިދާޅުވިއެވެ. ((كانَ رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ يصومُ تسعَ ذي الحجَّةِ[9] ކީރިތި ރަސޫލާ ﷺ ޙައްޖު މަހުގެ ނުވަ ދުވަހު ރޯދަފުޅު ހިއްޕެވިއެވެ.)) ހަތަރު މަޒްހަބުގެ ޢިލްމުވެރީން މިކަމަށް ވަނީ އިއްތިފާޤުވެ ވަޑައިގަންނަވައިފައެވެ. ނަވަވީގެފާނު ވިދާޅުވާގޮތުގައި މި ދުވަސްތަކުގައި ރޯދަހިފުން މުސްތަޙައްބުވެގެން ވަނީ މި ދުވަސްތަކުގެ މާތްކަމާ ހެދިއެވެ. ޙައްޖުމަހުގެ ނުވަ ވަނަ ދުވަހު ރޯދަހިފުން ސުންނަތްވާނީ ޙައްޖުވެރީން ނޫން މީހުންނަށެވެ. ޙައްޖުވެރީން އެ ދުވަހު ތިބޭނީ ޢަރަފާތުގައި ﷲއަށް ޒިކްރުކުރުން މަތީގައެވެ.

ޢަރަފާތު ދުވަހު ރޯދައަކީ ޚާއްޞަ އަޅުކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((صِيامُ يومِ عَرَفَةَ، إِنِّي أحْتَسِبُ على اللهِ أنْ يُكَفِّرَ السنَةَ التي قَبلَهُ، و السنَةَ التي بَعدَهُ –[10] ޢަރަފާތު ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެކަމެކެވެ.)) ދިހަވަނަ ދުވަހު ރޯދަ ހިފުމެއް ނޯންނާނެއެވެ. އެއީ ޢީދު ދުވަސްކަމުގައި ވާތީއެވެ.

ﷲގެ ނިޢުމަތް ފުރިހަމަކޮށް ދެއްވުން

މި ދުވަސްތަކުގެ މާތްކަމުގެ ތެރޭގައި ﷲގެ ނިޢުމަތް މުސްލިމުންގެ މައްޗަށް ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ކަމާ ވިދިގެން މީސްތަކުން މި ދީނަށް ބައިބަޔަށް ވަންނަން ފެށްޓެވެ. ﷲގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވި ފުރިހަމަ ކުރެއްވުމުގެ ތެރޭގައި، އިސްލާމުދީން އެހެން ދީންތަކުގެ މައްޗަށް ފާޅު ކުރެއްވުން ހިމެނެއެވެ. އެ ދުވަސްވަރު ޢަރަބި ކަރައިގައި ޔަހޫދީ ދީނާއި ނަޞްރާނީ ދީނާއި މަޖޫސީ ދީނާއި ވަޘަނިއްޔަތު ވަނީ ފެތުރިފައެވެ. އިސްލާމުދީން އަރަބި ކަރައަށް ފެތުރި އެ ކަރައިގެ ބިންތަކުން އެހެން ހުރިހާ ދީންތަކެއް ވަނީ ފުހެވިގެން ގޮސްފައެވެ. މާތްﷲ ވަޙީ ކުރައްވަނީ "هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِ وَكَفَىٰ بِٱللَّـهِ شَهِيدًا [11]– އެކަލާނގެއީ، ތެދުމަގާއި حق دين އާއިގެން އެކަލާނގެ رسول އާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހާ دين ތަކުގެ މައްޗަށް، އެ دين ފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ. ހެކިވެ ވޮޑިގެންވާ ކަލަކުކަމުގައި اللَّه ފުދެއެވެ."

 

[1] – الفجر : 1-2

[2] – رواه أحمد

[3]  – صحيح أبي داود ١٧٦٥

[4] – رواه البيهقى وأحمد

[5] – الأنعام : 160

[6]  – رواه البخارى ومسلم و أحمد

[7] – رواه البخاري وأحمد والبيهقي وابن حبان

[8]  – أخرجه أحمد (٥٤٤٦)، والدارقطني (١٢/٣٧٦)

[9]  – أخرجه أبو داود (٢٤٣٧) واللفظ له، والنسائي (٢٤١٧)، وأحمد (٢٢٣٣٤

[10]  – أخرجه مسلم (١١٦٢)، وأبو داود (٢٤٢٥)، وأحمد (٢٢٦٥٠) والترمذي (٧٤٩، ٧٥٢) وابن ماجه (١٧٣٠، ١٧٣٨) وابن حبان (٣٦٣٢)

[11]  – الفتح : 28

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *