...

Support Us

ފޮތުގެ ބޭރުގަނޑު ފަރުމާކުރުން- ރީތިކަމާއި ބާޒާރަށް ފަހިގޮތަށް

ފޮތުގެ ބޭރުގަނޑަކީ ބާޒާރަށް ނެރުމަށް ބޭނުންވާ އަސާސީ އޮޅިގަނޑެވެ. ފޮތް ކިޔާމީހާ ފޮތަށް ޝައުޤުވެރި ކުރުވުމަށް އޮތް ފުރަތަމަ މަންޒަރެވެ.

ފޮތުގެ ބޭރުގަނޑު ފަރުމާކުރުމުގައި ތިން ފަރާތެއް ވެއެވެ. އެއީ ބޭރުގަނޑު ފަރުމާ ކުރާ މޭސްތިރިޔާއާއި ފޮތުގެ މުއައްލިފާއި ފޮތް ވުޖޫދަށް ނެރެދޭ ނާޝިރު (ޕަބްލިޝަރ) އެވެ. ބޭރުގަނޑު ފަރުމާކޮށްދޭ ފިހީގެ ވެރި ފަންނާނުގެ ވިސްނުމާއި މުއައްލިފުގެ ވިސްނުމާ ފޮތް ޗާޕުކޮށް ޝާއިޢުކުރާ ފަރާތުގެ ވިސްނުން އެއްގަލަކަށް ނާރާތަން ފެނެއެވެ.

ފަރުމާ ކުރާ ފަންނާނުންގެ ޚިޔާލު

ހާހެއްގެ ފޮތުގެ ބޭރުގަނޑު ފަރުމާ ކުރައްވާފައިވާ މަޣްރިބުގެ މޭސްތިރިއަކު ވިދާޅުވާގޮތުގައި، އޭނާ ފަރުމާ ކުރައްވާއިރު ބައްލަވަނީ

  • ފޮތުގައި ހިމެނޭ ވާހަކަތަކަށެވެ. ފޮތުގައި ހިމެނޭ ވާހަކަތަކުގެ އޮޅިގަނޑަކަށް ބޭރުގަނޑުގެ ވާން ޖެހޭނެއެވެ. ފޮތުގެ އެތެރޭގެ ރީތިކަން ބޭރުގަނޑުން ރިވެލިވާން ޖެހޭނެއެވެ.
  • އޭނާ ވިދާޅުވާ ގޮތުގައި ވާހަކައެއްގެ ބޭރުގަނޑު ފަރުމާކުރަން ތަންކޮޅެއް ފަސޭހައެވެ. މި ފަދަ ފޮތެއްގެ ބޭރުގަނޑު ފަރުމާކުރާއިރު ބައްލަވަނީ އެ ވާހަކައިގެ އެންމެ މުހިއްމު ފަރުދާއަށެވެ. ނުވަތަ އެ ރިވާޔަތުގެ އެންމެ މުހިއްމު ޞަޚްޞަށެވެ.
  • ބޭރުގަނޑު ފަރުމާ ކުރަން އެންމެ އުދަނގޫ ވަނީ ފަލްސަފީ ނުވަތަ އަޅައިބެލުމުގެ އަދަބިއްޔާތާ ބެހޭ ފޮތްތަކުގައެވެ.
  • އޭނާ ވިދާޅުވާ ގޮތުގައި ބޭރުގަނޑު ފަރުމާ ކުރައްވާއިރު ބާޒާރަށް ވެސް ރިޢާޔަތް ކުރައްވަން ޖެހިވަޑައިގަންނަވައެވެ. އެހެނަސް ބާޒާރުމަތީގެ ރަހަތަކަށް އޭނާ އިސްކަން ދެއްވަން އެދިވަޑައެއް ނުގަންނަވައެވެ.
  • އޭނާ ހާމަކުރެއްވި ގޮތުގައި އޭނާގެ ޚިޔާލާއި މުއައްލިފުންގެ ޚިޔާލު ވަރަށް ގިނަފަހަރަށް އެއްފަސްނުވާކަން ފާހަގަ ކުރެއްވެއެވެ. އެހެނަސް އެންމެފަހުން އެބޭފުޅުން އޭނާގެ ތަޞައްވުރަށް ޤަބޫލުފުޅުވެފައި ވެއެވެ.

ފޮތުގެ ބޭރުގަނޑު ފަރުމާ ކުރުމުގެ މަސައްކަތުގައި މަސައްކަތް ކުރައްވާ މިޞްރުގެ ފަންނާނެއް ކަމުގައިވާ ހިންދު ސަމީރު ވިދާޅުވާގޮތުގައި އޭނާ މި ކަމުގައި ބައްލަވާ ކަންތައްތަކަކީ

  • ޝައުޤުވެރކަން އަތުލައިގަތުމާއި ބާޒާރު ހޯދުމުގައި ތަވާޒުނު ކުރުން
  • ފޮތުގެ ނަމާއި މުއައްލިފުގެ ނަމާއި ނާޝިރުގެ ނަން ސާފުކޮށް އެނގޭ ގޮތަށް އޮތުން
  • ފޮތުގެ ނައްޞުތަކާއި ބޭރުގަނޑު ގުޅޭގޮތަށް ފަރުމާކުރުން

މިޞްރުގެ ތަޖްރިބާކާރެއް ކަމުގައިވާ ޢުމަރުލް ކަފްރާވީ ވިދާޅުވާގޮތުގައި

  • މުއައްލިފުގެ ރުހުމަށް އޭނާ އިސްކަމެއް ނުދެއްވައެވެ. އެހެނީ އެ ބޭފުޅުންގެ ތަޞައްވުރުތައް ގިނަފަހަރަށް ހުންނަނީ މާ ހުވަފެނީ މައިދާނެއްގައެވެ.
  • ފުރަތަމަކޮޅުގައި އޭނާ އިސްކަން ދެއްވާފައި ވަނީ ފަންނީ ފަށުވިކަމަށެވެ. އެހެނަސް ފަހަކަށް އައިސް ފަރުމާކުރުމުގައި ފޮތުގެ ވާހަކަތަކަށާއި ނައްޞަށް ވެސް ބައްލަވައެވެ.
  • ފޮތުގެ ބޭރުގަނޑު ފަރުމާ ކުރުމުގައި އެންމެ ފަހުގެ އަމާޒަކަށް އޭނާ ހައްދަވަނީ ބާޒާރުގެ ޢުންޞުރަށް ރިޢާޔަތްކޮށްގެން ރީތިކަމުގެ ހުރިހާ ދުރުމިންތަކެއްގެ ތެރޭގައި ފަންނީ މަސައްކަތެއް ވުޖޫދަށް ނެރުމެވެ. ބޭރުގަނޑު ވާންޖެހޭނީ ފޮތުގެ ރަނގަޅު އިޝްތިހާރަކަށެވެ.

ނާޝިރުންގެ ރައުޔު

ފޮތުގެ ބޭރުގަނޑު ފަރުމާ ކުރުމުގައި ފޮތް ޗާޕުކޮށް ނެރޭ ނާޝިރުން ވަރަށް ބޮޑު ބައެއް ކުޅެއެވެ. މި މައިދާނުގައި މަސައްކަތް ކުރައްވާ ލުބްނާނުގެ ތަޖްރިބާކާރެއް ކަމުގައިވާ ނޫރާ ރަޝާދު ވިދާޅުވާގޮތުގައި

  • ފޮތުގެ ބޭރުގަނޑަކީ ފޮތް ކާމިޔާބު އެއްޗަކަށް ހެދުމަށް ބޭނުންވާ މުހިއްމު ބަހާއެކެވެ. މުއައްލިފާއި ފޮތުގައި ހިމެނޭ ވާހަކަތައް ފަދައިންނެވެ.
  • ވަރަށް ގިނަފަހަރަށް ފަންނީ މަސައްކަތަކަށް ވާތީ އެ ކުރެހުން ބަލައިނުގެންފައި ވެސް ހުންނާނެއެވެ.
  • އޭނާ ވިދާޅުވާ ގޮތުގައި ފޮތުގައި ހުރި މަޢުލޫމާތު ކިތަންމެ އަގު ބޮޑަށް ޝޯކޭސްތަކުގައި ބަންދުކުރެވިފައިވާ އަސީރަކަށް ފޮތްވެގެން ނުވާނެއެވެ. މި ކަމަށް ޓަކައި ހިތް ދަމައިގަންނަ ފަދަ ބޭރުގަނޑަކަށް ބޭނުންވާނެއެވެ.
  • ބައެއް ފަހަރަށް ބޭރުގަނޑު ފަރުމާ ނުކުރެވިގެން ފޮތް ނެރުން ލަސްވެގެން ދެއެވެ. އެއްފަހަރަކު ކޮންމެވެސް ވާހަކަ ފޮތެއްގެ ބޭރުގަނޑު 14 ފަހަރު ފަރުމާކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ދާރުލް މުޘައްޤަފުގައި މަސައްކަތް ކުރައްވާ ޚާލިދު ޢަދްލީ ވިދާޅުވާ ގޮތުގައި

  • ބޭރުގަނޑު ހެދުމަކީ ވަރަށް ބުރަ ކަމެކެވެ. ނެޓުގެތެރޭގައި ރަނގަޅު ޚިޔާލެއް ލިބޭތޯ ވަރަށް ގިނަ ވަގުތު ހޭދަ ކުރެއެވެ. ބޭރުގަނޑު ވާން ޖެހޭނީ ފަންނީ އުފެއްދުމަކަށެވެ. ފޮޓޯޝޮޕުން ކުރަހާލާ ކުރެހުމަކަށް ވެގެން ނުވާނެއެވެ.
  • ފޮތަކީ ވިޔަފާރީގެ އުފެއްދުމަކަށް ވާތީ ވިޔަފާރީގެ މިއުޔާރުތަކަށް ރިޢާޔަތް ކުރަން ޖެހޭނެއެވެ. އެއާއެކު ފަންނީ ފިހިން ވެސް ކުލަ ޖައްސައި ލެވެން ޖެހޭނެއެވެ.

ދާރު ރީޝާގައި މަސައްކަތް ކުރައްވާ މުޙައްމަދު ތައުފީޤަކީ ވަނަވަރުތަކަށާއި ތާރީޚަށް އިސްކަންދޭ ނާޝިރެއްގެ ގާތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ފޮތްނެރޭ ކޮންމެ ޗާޕުޚަނާއަކަށް ޚާއްޞަ ކަންތައްތަކެއް ހުންނާނެއެވެ. އެ ފޮތުގެ ބޭރުގަނޑުން ޓަސްލައިފާ އެއީ ކޮން ނާޝިރެއްގެ  އުފެއްދުމެއްކަން އިޙްސާސް ކުރެވެން ޖެހޭނެއެވެ.

މުއައްލިފުންގެ ރައުޔު

ބޮޑެތި މަޝްހޫރު ލިޔުންތެރިންނަކީ މި ކަމަށް އިސްކަން ދެއްވާ ބޭފުޅުންނެއް ނޫނެވެ. ވަރަށް މަދު ފަހަރަކު މެނުވީ އެބޭފުޅުން ފޮތުގެ ލޭއައުޓާ މެދު އެއްޗެއް ވިދާޅެއް ނުވާނެއެވެ. އެބޭފުޅުން ބޭނުންފުޅު ވާނީ ސާފުކޮށް ބާބުބާބަށް ވާ ގޮތަށް އެތުރިފައި ހުންނާށެވެ.

ޅެންވެރިއެއް އަދި ކާތިބެއް ކަމުގައިވާ އަޝްރަފު އަބުލްޔަޒީދު ވިދާޅުވާ ގޮތުގައި

  • ފޮތުގައިވާ ބަސްތައް ހުންނަން ޖެހޭނީ އަދަބުގެ ގިއުގަނޑުގެތެރޭގައެވެ. މި ބަސްތައް މީހުންގެ ތެރެއަށް ނުކުތުމުން އެ ވާނީ އަދަބީ އުފެއްދުމަކަށެވެ. ސަޤާފީ މުދަލަކަށެވެ. މި އުފެއްދުމުގެ ބޭރުގަނޑު ވާނީ އޭގެ އިޝްތިހާރަށެވެ. "ފޮތަކީ ސުރްޚީގެ ބަޔާނެއް" އޭ ބުނެވެނީ މިހެންވެގެންނެވެ.
  • ބައެއް ފޮތްފޮތުގެ ނަން ފިހާރައެއްގެ ނަން ބޯޑެއްހެން ފަރުމާ ކުރެވިފައިވާ ތަން ފެނެއެވެ.
  • ފޮތުގައި ބޭނުންކުރެވޭ ފޮންޓަކީ ވަރަށް މުހިއްމު އެއްޗެކެވެ. ކޮމްޕިޔުޓަރުގެ ތަފާތު ޕްރޮގްރާމުތަކުގެ ސަބަބުން އެތައް ފޮންޓުތަކެއް ވަނީ އީޖާދު ކުރެވިފައެވެ. ފޮތުގައި ބޭނުން ކުރަން ވާނީ މީހުންނަށް ފަސޭހައިން ކިޔަން އެނގޭ ފަދަ ފޮންޓެކެވެ.

ވާހަކަ ލިޔުންތެރިއެއް ކަމުގައިވާ ރަޝާ ޢަދްލީ ވިދާޅުވާގޮތުގައި

  • ބޭރުގަނޑަކީ މުއައްލިފު ވަރަށް އިސްކަންދޭ އެއްޗެކެވެ. ފަރުމާކުރާ މީހާއާ މުއައްލިފުގެ ޚިޔާލު އެއްގޮތްނުވެ ހިނގައިދާނެއެވެ. ފޮތަކީ މުއައްލިފުގެ އެއްޗަކަށް ވާތީ ބޭރުގަނޑު ފަރުމާ ކުރެވެން ވާނީ މުއައްލިފުގެ ޚިޔާލުވެސް ހޯދައިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.