الأيام البيض ނުވަތަ މެދުފޮޔަކީ ކޮންމެ ހަނދުމަހެއްގައި އަންނަ ދުވަސްތަކެކެވެ. އެއީ އެ ރޭތަކަށް އިރުއޮއްސޭ ވަގުތުން ފެށިގެން ގޮސް އިރު އަރަންދެން އުޑުމަތީގައި ހަނދު ހުންނަ ދުވަސްތަކެވެ. މިއީ ހަނދު މަހުގެ 13، 14، އަދި 15 ވަނަ ދުވަހެވެ.
މި ދުވަސްތަކަށް بِيضގެ ދުވަސްތަކޭ ކިޔުނީ މި ރޭތަކުގައި ހަނދުވަރުދޭތީ މުޅި ރޭ އަލިވެފައި އޮންނާނެތީއެވެ. އެހެން ރިވާޔަތެއް ބުނާގޮތުގައި މި ރޭތަކަށް بِيض ކިޔުނީ މާތްﷲ މި ރޭތަކުގައި އާދަމުގެފާނަށް ތައުބާ ލެއްވީތީއެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނުގެ ފަތް ސާފުވެ ހުދުވެގެން ދިޔުމުންނެވެ.
ކުވައިތުގެ ފިޤްހީ އެކުމާފާނު ބުނާގޮތުގައި الأيام البيض އަކީ (މެދުފޮއި ދުވަސްތަކަކީ) ކޮންމެ ޢަރަބި މަހެއްގެ 13، 14، އަދި 15 ވަނަ ދުވަހެވެ. މި ރޭތަކަށް بِيض ގެ ރޭތަކޭ ކިޔުނީ މި ރޭތަކުގައި ހަނދުވަރުދޭލެއް ގަދަކަމުންނެވެ.
މެދުފޮއި ދުވަސްތަކުގައި (ނުވަތަ الأيام البيض ގައި) ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަބޫ ދާވޫދާއި އައްނަސާއީ އާއި އިބްނު މާޖާއާއި އަޙްމަދު ރިވާކުރައްވާފައިވާ ގޮތުގައި ((كَانَ رَسُول اللَّهِ يَأْمُرُنَا أَنْ نَصُومَ الْبِيضَ ثَلاَثَ عَشْرَةَ وَأَرْبَعَ عَشْرَةَ َخمس عَشرَةَ قال: وَقال: هن كهيئة الدّهرِ- أخرجه أبو داود (٢٤٤٩)، والنسائي (٢٤٣٢)، وابن ماجه بعد حديث (١٧٠٧)، وأحمد (٢٠٣٢٠)– ކީރިތި ރަސޫލާ ﷺ އަހުރެމެންނަށް ބީޟުގެ ދުވަސްތަކުގައި ރޯދަހިފުމަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. އެއީ މުޅި އަހަރު ރޯދަ ހިފުމެވެ.))
މި ކަން އިތުރަށް ސާފުކޮށް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. ((صِيَامُ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ صِيَامُ الدَّهْرِ- أخرجه أحمد (١٥٥٩٤)، والدارمي (١٧٤٧)، والبزار(٣٣٠١)– ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފުމަކީ މުޅި އަހަރު ރޯދަ ހިފުމެވެ.))
ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފުމުން މުޅި އަހަރު ރޯދަހިފުމާ އެއްވަރު ވަނީ ކިހިނަކުން ހެއްޔެވެ؟ އާދެ! ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފުމުން ރޯދަ އެ ހިފުނީ 36 ރޯދައެވެ. ކީރިތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ކޮންމެ ހެޔޮ ކަމަކަށް މާތް ﷲ 10 ސަވާބު ދެއްވާނެއެވެ. އެހެންކަމުން 36 ދުވަހު ރޯދަ ހިފުމުން 360 ސަވާބު ލިބޭނެތެވެ. އެއީ މުޅި އަހަރެވެ. ޢަރަބި މަސްތަކުގައި އޮންނާނީ ގިނަވެގެން 30 ދުވަސް ކަމުގައި ވާތީއެވެ.
އައްޝައިޚު ބިން ބާޒު ވިދާޅުވިއެވެ. ބީޟުގެ ދުވަސްތަކުގައި ރޯދަހިފުމަކީ މުސްތަޙައްބު ކަމެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެހެން ދުވަސްތަކެއްގައި ކަމުގައި ވިޔަސް ކޮންމެ މަހަކު ތިން ދުވަހު ރޯދަހިފުން ސުންނަތްވެގެން ވެއެވެ. ކޮންމެ މަހެއްގެ ފުރަތަމަ ދިހައެއްގައި ނުވަތަ މެދު ދިހައެއްގައި ނުވަތަ ފަހު ދިހައެއްގައި ތިން ރޯދަ ހިފިދާނެއެވެ. ބީޟުގެ ދުވަސްތަކަކީ ކޮންމެ މަހެއްގެ 13، 14، އަދި 15 ވަނަ ދުވަހެވެ. އޭނާ ވިދާޅުވާގޮތުގައި އެންމެ ރަނގަޅީ 13، 14، އަދި 15 ވަނަ ދުވަހު ރޯދަ ހިފުމެވެ.
ރަސޫލާ ވަރަށް އިސްކަން ދެއްވި ކަމެއް
ޢަރަބި މަހުގެ 13، 14، އަދި 15 ވަނަ ދުވަހު ރޯދަ ހިފުމަކީ ކީރިތި ރަސޫލާ ﷺ އެކަމަށް ވަރަށް ސަމާލުކަން ދެއްވި ކަމެކެވެ. މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((كان النبيُّ ﷺ لا يُفطِرُ أيّامَ البِيضِ في حضَرٍ ولا سفَرٍ – أخرجه النسائي (٢٣٤٥) واللفظ له، والبزار (٥٠٣٥)، والضياء في «الأحاديث المختارة» (١٠٠) – ކީރިތި ރަސޫލާ ﷺ ރަށުގައި ހުންނަވާއިރުގައި ވެސް އަދި ދަތުރުފުޅުމަތީގައި ވެސް މެދުފޮއި ދުވަސްތަކުގައި (ނުވަތަ الأيام البيض ގައި) ރޯދަފުޅު ހިއްޕެވިއެވެ.))
މާތް ﷲ ރުއްސުންލެވި އުއްމުލް މުއުމީން ޙަފްޞަތުގެފާނު ވިދާޅުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ހަތަރު ކަމެއް ދުކޮށް ނުލައްވާ ކުރެއްވިއެވެ. އޭގެތެރޭގައި މެދުފޮއި ރޯދަ ހިމެނެއެވެ. ހަމަ މި ފަދަ ގޮތަކަށް ޢާއިޝަތުގެފާނު ވެސް ވިދާޅުވެފައި ވެއެވެ.
އައްޒަރްޤަނީ ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ﷺ މެދުފޮއި ރޯދަ ހިއްޕެވުމަށް އިސްކަން ދެއްވުމުގެ ޙިކްމަތަކީ އެއީ މަހުގެ މެދުތެރޭގައިވާ ތިން ދުވަސް ކަމުގައި ވާތީއެވެ. ކޮންމެ އެއްޗެއްގެ ވެސް އަދި ކަމެއްގެ ވެސް މެދަކީ މެދުމިންވަރެވެ. އެއީ އެންމެ އިންސާފުވެރި ގޮތެވެ. އެއީ ކަމެއްގެ ތަވާޒުނެވެ. ގިނަ ފަހަރަށް ހަދު ކޭތަ ހިފާނީ ވެސް މި ދުވަސްތަކުގައެވެ. ކޭތަ ހިފާއިރު ހެޔޮ ކަންތައް ކުރުން ގިނަ ކުރުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވައިފައި ވެއެވެ.




advertisment