Support Us

ކޮލަމް: ފަހެލި

ކޮލަމް ފަހެލި: އަމިއްލައެދުންވެރިންގެ މަޖުލިސް!

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި، ސިޔާސީ މަޤާމްތަކުގައި ތިއްބަވާ، ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯލްޑަރުންނަކީ އުމުރުން ދެއަހަރު ނުވާ ކުޑަކުދިން ފަދަ މައުސޫމް ބައެއްކަން މިއަދު އެނގިއްޖެއެވެ. ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ (ދިވެއްސެއް ވިއަސް ބޭރު މީހެއް ވިއަސް)، ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީ އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި އިރު، ބޮޑުކުރި ފީ ދައްކަން ނުޖެހި، އެ ފީން އިސްތިސްނާ ވަނީ ތިން ބައެކެވެ. އެއީ ރައްޔިތުންގެ މަޖުލީހުގެ "އިއްޒަތްތެރި" މެމްބަރުންނާއި، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިވަޑައިގެންފައިވާ ސިޔާސީ ފަރާތްތަކާއި، އުމުރުން ދެއަހަރު ނުފުރޭ ކުޑަ ކުދިންނެވެ!

ރައީސް ޔާމިނުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ ބިޔަ މަސައްކަތް ފައްޓާފައި ވިއަސް މި ސަރުކާރުން އެ މަޝްރޫއު ފިނިހަކަ ދުވެލީގައި ކުރިއަށް ގެންގޮސް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނުވެސް ނިމެނީސް ވެލާނާ އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުންނަގާ ޑިޕާޗަރ ޓެކްސްއެއް ތައާރަފްކޮށް، އެތައް ގުނައަކަށް ފީ ބޮޑުކުރިއިރު، ދައުލަތުން މަހަކު ލައްކައެއްހާ ރުފިޔާގެ މުސާރައާއި އެތައް އިނާޔަތެއް ނަންގަވައިގެން ތިއްބަވާ މަޖުލިސް މެބަރުން މި ފީ ދެއްކުމުން އިސްތިސްނާ ވާގޮތަށް ޤާނޫނު އިސްލާހު ކުރުމަކީ އަމިއްލަ ފައިދާއަށް މެމްބަރުން ކުރެއްވި ވަރަށް ދަށުދަރަޖައިގެ ކަމެކެވެ.

މިހާރުވެސް، މަޖުލިސް މެމްބަރެއް ނަމަ، ދުނިޔޭގެ ކޮންމެ ޤައުމަކުން ވިއަސް، ރައްޔިތުންގެ ޓެކްސ ފައިސާއިން މުޅި އާއިލާއަށް ހިލޭ ބޭސްފަރުވާ ކުރެވެއެވެ. އެންމެ އަގުބޮޑު ނަމްބަރ އައިނުވެސް ދައުލަތުގެ ހަރަދުގައި ހައްދާލެވެއެވެ. ނިކަމެތި ރައްޔިތު މީހާއަށް ލިބެނީ ޓްރިވެންޑްރަމަށް ދެކޮޅު ޓިކެޓާއި 200 ޑޮލަރެވެ. މެމްބަރުންގެ ކާރުން ޑިއުޓީ ފްރީ ކުރެވެއެވެ. މިނޫންވެސް އެތައް އިމްތިއާޒަކާއި ބާރުތަކެއް ލިބި ފީތައް ދެއްކުމުން އިސްތިސްނާވެއެވެ.

މަހު މުސާރަ ލައްކައެއްހާ ރުފިޔާ އަށް އަރައެވެ. ގަނެވިއްކާ ބާޒާރުގައި މިލިއަން ޑޮލަރުން ފައިސާ ހުށަހެޅެއެވެ. ތައުލީމެއް، ތަހުޒީބެއް، އަގަލެއް ނެތަސް، ނަމުގެ ކުރިއަށ "އިއްޒަތްތެރި"ކަމުގެ ލަގަބު އޮވެއެވެ. މިއީ ރައްޔިތުންގެ ހިދުމަތުގައި ކަމަށް ބުނެ މަޤާމަށް އައިސް އަމިއްލަ ފައިދާ އަށް މަސައްކަތް ކުރާ ބައެކެވެ. މިނޫނީ މަޤާމްގެ ޝަރުތުތަކުގެ ތެރޭގައި އެއްވެސް ތައުލީމީ ފެންވަރެއް ތަޖުރިބާއެއް ހުންނަން ނުޖެހޭ މަޤާމެއްވެސް ނެތެވެ. އަލިފް އޮންނަނީ ތެދަށްތޯ ބަޅުކޮށްތޯ ނޭނގުނަސް، ޖުނުބުން ހިނައިގަންނަން ނޭނގުނަސް، ޤަރުއާނުން އަކުރެއް ކިއަން ނޭގުނަސް، ދުވަހަކު އަތުންފައިން މަސައްކަތެއް ކުރުމުގެ ތަޖުރިބާއެއް ނެތަސް މަޖުލިސް މެބަރުކަމަށް ޝަރުތު ހަމަވެއެވެ. މަޤާމަށް އައިސް ކުރާކަމަކީ އުމުރުން ދެއަހަރު ނުފުރޭ ކުޑަކުދިންނަށް ލިބޭ އިނާޔަތަށް ދާންދެން ތިމާމެންނަށް ހޯދައި މުޅި ޤައުމު ދޮވެލުމުވެ. މިއީ "އިއްޒަތްތެރި" މެމްބަރުންނެއް ނޫނެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ބައެކެވެ. ރައްޔިތުންގެ މަޖުލީހެއް ނޫނެވެ. އަމިއްލަ އެދުންވެރިންގެ މަޖުލީހެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

One Response

  1. ތެދެއް މިއީ. މަޖިލިސްގެ ކައިރީ މުޒާހަރާކުރަންވީ ރައްޔިތުން ނުރުހޭ މިފަދަ މާއްދާތައް އުވާލުމަށް. މުސާރައަކީ ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ރައީސް އޮފީހުން ކަނޑައަޅާ އެއްޗަކަށް ވާންޖެހޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *