Support Us

ކޮލަމް: ފަހެލި

މިއީ ވެރިކަމެއްތޯ؟ ނުވަތަ…

މި ޤައުމުގައި މިވަގުތު ވެރިކަން ކުރާ އެމް.ޑީ.ޕީ އަށް ވެގެން މިއުޅެނީ ކީއްތޯއެވެ؟ ރައީސަކީ އެމް.ޑީ.ޕީ ބޭފުޅެކެވެ. މަޖުލިސް ރައީސަކީ އެމް.ޑީ.ޕީ ބޭފުޅެކެވެ. އެމް.ޑީ.ޕީ އަށް ސުޕަރ މެޖޯރިޓީ ލިބިފައިވާ މަޖުލީހުގެ 88 ގޮނޑީގެ ތެރެއިން 66 ގޮނޑީގައި ތިބީ އެ ޕާޓީގެ މެމްބަރުންނެވެ. އެކަމަކު ލާދީނީ ނަފްރަތުގެ ބިލެއް އެމް.ޑީ.ޕީ އިން މަޖުލީހަށް ހުށަހަޅައި، ރައްޔިތުން އެބިލާއި ދެކޮޅުވުމުން އެބިލް ފާސްކުރަން ގޮވާލައި އެމް.ޑީ.ޕީ އިން ބަޔާނެއް ނެރުމުން އެ ޕާޓީގެ ސުޕަރ މެޖޯރިޓީ ބައިބައިވެފައި އޮތްކަން ވަރަށް ސާފެވެ. ރައީސް ނަޝީީދަށް ދެވުނު ބޮމުގެ ހަމަލާގެ ތަހްޤީގް ލަސްކަމަށް ބުނެ، އެ ހަމަލާގައި ސަރުކާރުގެ އަތެއް ވާކަމަށް އެމް.ޑީ.ޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ތުހުމަތުކޮށް، އެ ތަހްޤީގު ހިނގާ ގޮތްބަލަން މަޖުލީހުން ވަކި ކޮމިޓީއެއް އެކުލަވާލުމުން ރައީސް ސޯލިހާއި އެމް.ޑީ.ޕީގެ އެހެން އިސްވެރީންނާ ދެމެދު ބޮޑެތި މައްސަލަތައް އުފެދިފައިވާކަން ވަރަށް ސާފެވެ.

މަޖުލިހުގެ ސުޕަރ މެޖޯރިޓީއާއި، ރައީސް ކަމާއި، ކައުންސިލްތަކުގެ ބޮޑުބައެއް ދިނުމުން ވެރިކަން ކުރަން ނޭނގުނު ޕާޓީއަކަށް އެޅޭނެ ބްރިޖެއް، ގެނެސްދެވޭނެ ތަރައްޤީއެއް، ހަމަޖެހުމެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބްގައި އެމް.ޑީ.ޕީގެ މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމުންވެސް ތިމަންނާގެ ޕާޓީ ނޫން މީހަކު ކަމަކު އައިސްފިނަމަ ހުރި ނުލަފާކަން ދައްކާލާނަމޭ ވިދާޅުވެ، މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރައްވައި، ބާރުގަދަ ޑްރަގްގެ ބަދަލުގައި ބާރުދަށް ޑްރަގް ބޯންދޭންޖެހޭނެ ކަމަށް ވިދާޅުވެ މުޅި ޤައުމު ހަލަބޮލި ކުރައްވައި، ފަނޑިޔާރުން ކިޑްނެޕް ކުރައްވައި، އެތައް ހައިޖާނެއް އުފެއްދެވުމުގެ ސަބަބުން އެންމެ ފަހުން ރައްޔިތުން އިހްތިޖާޖް ކުރަން ފެށުމުން އިސްތިއްފާ ދެއްވީއެވެ. ދެހާސް އަށެއްގެ ވެރިކަމާއި، މިހާރުގެ ވެރިކަމަށް ބަލާލުމުން އެއްކަމެއް ވަރަށް ސާފެވެ. އެމް.ޑީ.ޕީ އަކީ މަގުމަތީގައި އިހުތިޖާޖް ކުރުމުގެ ފިކުރެކެވެ. އިދިކޮޅުގައި އޮވެ ޤައުމެއް ހަލަބޮލި ކުރުމުގެ މާހިރުންނެވެ. ނަމަވެސް ޤައުމެއް ލީޑުކޮށް، ހަމައަކަށް އަޅުވައި، ރައްޔިތުން ރުއްސައިގެން ވެރިކަން ކުރަން އެނގޭ ޕާޓީއެއް ނޫނެވެ.

ސަރުކާރު ވެއްޓިދާނެތީ ބިރުން ފަސް އަހަރުގެ ދައުރެއް ނިންމާލެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސް މީކާއިލް އަހުމަދު ނަސީމް ވިދާޅުވުމަކީ ޖޯކެކެވެ. ޓީވީ ޗެނެލަކަށް ދެއްވި ބަސްދީގަތުމެއްގައި މީކާއީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ 66 މެމްބަރުންނާއި ރައީސް އާއި ކެބިނެޓުން ވެސް އެމްޑީޕީ ވެރިކަމަށް އައީ ކީއްވެކަން ހަނދާނަށް ގެންނަން ޖެހިފައިވާ ކަމަށެވެ. މާނައަކީ ރައީސް ސޯލިހާއި އެމް.ޑީ.ޕީގެ މަޖުލިސް 66 މެބަރުންނަށް އެމީހުން ވެރިކަމަށް އައީ ކީއްކުރަންކަން ނޭނގޭ ކަމަށް މީކާއީލް އެއްބަސްވެ ވަޑައިގަތުމެވެެ. ޕޮއިންޓަކީ މިއީއެވެ.

ވެރިކަމަށް އައީ ކީއްކުރަން ކަމާއި، ވެރިކަން ކުރާނީ ކިހިނެއްކަމާއިި، އިގްތިސޯދު ކުރިއަރުވާނީ ކިހިނެއް ކަމާއި، ބްރިޖް އަޅާނީ ކިހިނެއްކަން ނޭނގޭ ބަޔަކު ވެރިކަމަށް އައިސް ޤައުމުގެ ދުވަސް ދުއްވާލައިފިއެވެ. ކޮވިޑް ވައިރަސް ވެސް އެމް.ޑީ.ޕީ ސަރުކާރަކަށް ކޮންޓްރޯލެއް ނުވާނެއެވެ. ބެރިޖެއްވެސް ނޭޅޭނެއެވެ. އިގްތިސޯދު ގަޑުބަޑުކުރުމުގެ ސަބަބުން ސިވިލް ސާރވިސް މުއައްޒަފުންގެ މުސާރަކޮޅުވެސް ދެވެނީ އިންޑިއާއިން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ލާދީނިއްޔަތުން ޤައުމު އިނދަޖެހެނީއެވެ. ޤައުމުގެ ވެރިއެއްނެތެވެ. ބައްޕައެއްނެތެވެ! މުޅި ދިވެހި ޤައުމަށްވުރެ ނަޝީދު މާއިސް ކަމަށް ދެކިގެން ޤައުމު ފުނޑަނީއެވެ. މިއީ ވެރިކަން ކުރަން ނޭނގޭ ޕާޓީއެކެވެ. ގިނަ ބަޔަކު ކިޔަނީ ވެރިކަމެކޭ ނޫނެވެ. "ބ." ވެރިކަމެކޭ އެވެ. މިކަމުން ޤައުމު ސަލާމަތް ވާނީ ކޮން ދުވަހަކުންތޯ މިއީ ރައްޔިތުން މިހާރު ކުރާ އެންމެ ބޮޑު ސުވާލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ނޫން ބުޝްރީ! އެ ބަޔާނަކީ ހަމަ ޑްރާމާއެއް. އެއީ އެމްޑީޕީ ލާދީނިއްޔަތާ ދެކޮޅުކަމަށް ދައްކާން ކުރި ކަމެއް. ނަމަވެސް މަޖިލީހުން ފާސްކުރީމާ އެއީ އެމްޑިޕީއާ ގުޅޭ ކަމެއް ނޫނޭ ބުނާން ވެގެން. ޑްރާމާ، ހުސް ޑްރާމާ. ނަޝީދުގެ ހާދިސާއަކީ ވެސް ޑްރާމާއެއް އަތަށް ގޮވީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *