Support Us

ހޮލަންޑާއި ނެދަރލޭންޑްސްއަކީ އެއް ގައުމެއްތަ؟

ޔޫރަޕްގައި "އޮރެންޖް"ގެ ނަމުން ނަން ލިބިގެންވާ، އަދި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނެދަރލޭންޑްސް އަކީ އާ ނަމެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު ނެދަރލޭންޑްސަށް ބައެއް މީހުން ހޮލެންޑޭ ވެސް ކިޔައި އުޅެއެވެ. ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. ހޮލެންޑަކީ މުޅި ނެދަރ ލޭންޑްސް އެއް ނޫނެވެ. ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކާ ބައްދަލުކޮށް ނެދަރލޭންޑްސް މުބާރާތުން ކަޓައިފައިވާއިރު، "ހޮލަންޑަކީ ނެދަރލޭންޑްސްހޭ" ބައެއް ރައްޓެހިން އަޅުގަނޑާ ސުވާލު ކުރެއެވެ. އެހެންކަމުން ނެދަރލޭންޑްސާއި ހޮލަންޑްގެ ތަފާތާ ބެހޭ ގޮތުން ކުރުކުރު ނަމަވެސް ބަޔާނެއް ލިޔެލާހިތްވީއެވެ.

ނެދަރލޭންޑްގެ ރަސްމީ ނަމަކީ "ދަ ކިންގްޑަމް އޮފް ނެދަރލޭންޑްސް" އެވެ.  އެ ޤައުމުގައި 2013 ން ފެށިގެން ރަސްކަން ކުރައްވަނީ ވިލިއަމް އެލެކްޒެންޑަރ ވްލައުސް ޖޯޖް ފާރޑިނަންޑެވެ. ރަސްކަން ވާރުތަވީ އެ މަނިކުފާނުގެ މަންމާފުޅުގެ ފަރާތްޕުޅުންނެވެ.

މިހާރު "ނެދަރލޭންޑްސް"އޭ ނަމަކަށް ކިޔާ ސަރަހައްދުގައި 1588ން 1795 އާ ދޭތެރޭގައި އޮތީ "ރިޕަބްލިކް އޮފް ސެވެން ޔުނައިޓެޑް ނެދަރލޭންޑްސް"އެވެ. މި ޖުމްހޫރިއްޔަތުގެ މައްޗަށް 1795ގައި ފަރަންސޭސި ލަޝްކަރުތައް ބާރު ފޯރުވައި އެ ޖުމްހޫރިއްޔަތު އެ މީހުންގެ ދަށަށް ގެންދިޔައެވެ. އަދި އެ ސަރަހައްދަށް ބެޓޭވިއަން ޖުމްހޫރިއްޔަތޭ ކިޔައި ނަން ދިނެވެ. އޭގެ ފަހުން ނަޕޯލިއަންގެ ކޮއްކޮ ލުއިސް އެ ސަރަހައްދުގެ ރަސްކަލެއްގެ ގޮތުގައި އައްޔަންކޮށް 1806ގައި އެ ޤައުމު ރަސްކަމަކަށް ބަދަލުކޮށްލިއެވެ. ފަހުން ނަޕޯލިއަން ބަލިވުމުން ވެސް ރަސްކަމެއްގެ ގޮތުގައި އެ ޤައުމުގެ ވެރިކަން ދެމެހެއްޓިއެވެ. އެ ދުވަސްވަރު އެ ސަރަހައްދަށް ކިޔަނީ "ހޮލަންޑް"އެވެ. މުޅި ނެދަރލޭންޑްސްގެ ތަނަވަސްކަމާއި އިގުތިސާޑުގެ ބޮޑު ބައެއް ހިއްސާކުރަނީ ހޮލަންޑުންނެވެ. އެހެންކަމުން މުޅި ގައުމަށް ވެސް "ހޮލަންޑް"ގެ ނަމުން އިޝާރާތްކުރަނީއެވެ.

ނެދަރލޭންޑްގެ 12 ޕްރޮވިންސްގެ ތެރޭގައި ހިމެނޭ "ނޯރޑްހޮލަންޑާއި "އާއި "ޒުއިޑްހޮލެންޑް" ހިމެނޭހެން މި ސަރަހައްދަށް "ހޮލެންޑް"އޭ ނަންދީ އުޅެއެވެ. ނަމަވެސް މި ދެ ޕްރޮވިންސްގެ އިތުރު 10 ޕްރޮވިންސެއް ވެސް ނެދަރލޭންޑްސްގައި އޮވެއެވެ.

ހޮލަންޑްގެ 12 ޕްރޮވިންސަކީ:

  • ޑްރެންތޭ (DR)
  • ފްލެވޯލޭންޑް (FL)
  • ފްރައިސް ލޭންޑް (ފްރީސްލާން) (FR)
  • ގެލްޑެރލޭންޑް (GE)
  • ގްރޮނިންޖަން (GR)
  • ލިމްބަރގް (LI)
  • ނޯތު ބްރާންބަންޓް (ނޯރޑްބްރާންބަންތު) (NB)
  • ނޯތު ހޮލަންޑް (ނޯރޑްހޮލެންޑް) (NH)
  • އޮވަރިޖްސެލް (އޮވަރިސެލް) (OV)
  • ސައުތު ހޮލެންޑް (ޒުއިޑް ހޮލަންޑް) (ZE)
  • އުތުރެޗް (UT)
  • ޒީލޭންޑް (ZE) މިއީއެވެ.

މި ލިސްޓްގައި ނަންތައް ލިޔެފައި އެވަނީ އިނގިރޭސިބަހުން ކިޔާ ގޮތަށެވެ. އިނގިރޭސިން ކިޔާ ގޮތާ ތަފާތުކޮށް އެ ޤައުމުގެ ރަށްވެހީން ކިޔާ ނަން ގައުސެއްގެ ތެރޭގައި ލިޔެފައި އެވަނީއެވެ. ގައުސެއްގެ ތެރޭގައި އެވާ ދެ އަކުރަކީ އެ ޕްރޮވިންސްތަކުގެ ރަމްޒެވެ. ކުރުނަމެވެ. އެބްރެވިއޭޝަނެވެ.

ހޮލަންޑްގެ ކުރު ޚުލާސާއެއް މި ދަންނަވައިލެވުނީއެވެ. ނަމަވެސް ބައެއް މީހުން މި 12 ޕްރޮވިންސްގެ މައްޗަށް އެކުލެވޭ މުޅި ޤައުމު (ނެދަރލޭންޑްސް) އަށް ވެސް ހޮލަންޑޭ ކިޔައި އުޅެއެވެ.

ނެދަރލޭންޑްސްއަކީ ފަތާކޮށް އޮންނަ ބިން ތިރި ގައުމެކެވެ. ބައިސިކަލް ދުއްވާށާއި ފައިމަގުގައި ހިނގައި އުޅޭން ފަސޭހަ ހަމަ ބިމެކެވެ. އެންމެ ޕާކް ގިނަ ރީތި ގައުމެކެވެ. ކަނޑާއި ޖަންގަލީގެ ދިރުންތަކުގެ ހިތްގައިމުކަން ލިބިގެންވާ ގައުމެކެވެ. ވިލާތުގެ ގައުމެއް ކަމަށްވާ ނެދަރލޭންޑްސްއަކީ ދިގު ރީތި އަތިރި މައްޗެއް ލިބިފައިވާ، ނަމަވެސް ފެންބޮޑުވުމުގެ ހިރާސް އޮންނަ ގައުމެކެވެ. މުޅި ގައުމުގެ ބޮޑުމިނަކީ ސާޅީސް އެއް ހާސް އަށް ސަތޭކަ އަކަކިލޯމީޓަރު ކަމަށް ވިޔަސް ބިމުގެ ބޮޑުމިނަކީ (ނުވަތަ އެއްގަމަކީ) ތެއްތިރީސް ހާސް އަށް ސަތޭކަ އަކަކިލޯމީޓަރެވެ. ޖުމްލަ 17.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ޤައުމަކީ މިނިވަން މުސްތަގިއްލު ރަސްކަމެއް އޮންނަ ގައުމެކެވެ. ޤައުމީ ބަހެއްގެ ގޮތުގައި ޑަޗް ބަސް އޮންނަ މި ގައުމުގެ އާބާދިގައި މުސްލިމުންގެ ނިސްބަތަކީ ފަސް އިންސައްތައެވެ.

ވީމާ، ނެދަރލޭންޑްސް އަށް ބައެއް މީހުން "ހޮލަންޑް"އޭ ކިޔައި އުޅުނަސް މުޅި ނެދަރލޭންޑްސަކީ ހޮލަންޑެއް ނޫނެވެ. ހަގީގަތުގައި "ހޮލަންޑް" އަކީ ނެދަރލޭންޑްސްގެ ވަކި ބައެކެވެ. އެއީ ނެދަރލޭންޑްސްގެ ދެ ޕްރިވިންސެކެވެ. އަޅުގަނޑު މި ލިޔުން މި ލިޔެލީ ބައެއް މީހުން ކުރާ ސުވާލަށް ވަކިވަކީން ޖަވާބު ދިނުމަށްވުރެ މި ފަދަ ލިޔުމެއް ލިޔެލުމުން ގިނަ ބަޔަކަށް މި ކަން އޮޅުން ފިލާނެކަމަށް އުންމީދުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. މައުލޫމާތުގެ ހަޒާނާއަށް އެެއްޗެއް އިތުރުކުރެވިއްޖެ.ޝުކުރިއްޔާ އަލްއުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *