Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: މައުމޫން، ޤާސިމް، އިމްރާން ތޯއެވެ؟ ނުވަތަ އުޤައިލް، މުނައްވަރު، ހަސަން ސައީދު ތޯއެވެ؟

ރާއްޖޭގެ ހާލަތު ވަޒަން ކޮށްލުމަށް ވަރަށް ކުޑަ މިސާލެކެވެ. ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިއާއިން ދިވެހި ރާއްޖެއަށް ފޮނުވާ ޤުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު ރާއްޖެ އައިކަން ދިވެހި މީޑިއާއަށް ވެސް ނޭނގެނީސް އެންމެ ފުރަތަމަ އެވާހަކަ ރިޕޯޓް ކުރީ އިންޑިއާގެ "ދަ ހިނދޫ" ނޫހުންނެވެ. ދިވެހީންނަށް، އަދި ދިވެހި ސަރުކާރަށް ވެސް ނޭނގެނީސް، ރާއްޖެއާ ބެހޭ ކަންކަން މިހާރު އެންމެ ފުރަތަމަ އިއުލާން ކުރަނީ އިންޑިއާގެ މީޑިއާތަކުންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއާއި، އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއާއި، އަދި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ހެދުން ފަދަ ހުރިހާ ކަމެއް ކުރިއަށް ގެންދާ ގޮތުގެ ވާހަކަ، ދިވެހި މީޑިއާ ތަކަށް އެނގެނީ، އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާ ހަވާލާދީ، އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރުމުންނެވެ. ދިވެހި ޤައުމު ހިންގަނީ މިހާރު މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް ނިއުދިއްލީންނެވެ. ރައީސް އޮފީހަކީ އިންޑިއާ ބޭނުން ގޮތަކަށް ރަސްމީ ތައްގަނޑު ޖަހައިދޭން ތިބޭ ކާތިބުންތަކެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އިންޑިއަން ސްޓޭޓް އޮފް މޯލްޑިވްސްގެ ޗީފް މިނިސްޓަރު ފަދައެވެ!

ދިވެހި ސިފައިންގެ މަރުކަޒެއް ކަމުގައިވާ ކަޅުތުއްކަލާ ކޮށީގެ ބައެއް ފާހާނާ ތަކުގައި "އިންޑިއާ-އައުޓް" ލިއެފައި ހުއްޓާ މީގެ ހައެއްކަ ދުވަސް ކުރިން ފެނުނު ކަމަށް ދިވެހި މީޑިއާ އަކުން ރިޕޯޓް ކޮށްފައި ވިއަސް ސިފައިންގެ ތެރެއިން އިންޑިއާ-އައުޓްގެ އަޑުއިވެންވާ ވަރަކަށް ނީވެއެވެ. ދިވެހި ޤައުމު ހިމާޔަތް ކުރުމަށް ހުވާކޮށްގެން ތިބި ސިފައިންގެ ލޯ ކުރިމަތީގައި އިންޑިއާގެ އަޅުވެތިކަމަށް މި ދިވެހި، އިސްލާމީ ޤައުމު ދާއިރު ދިވެހި ސިފައިން މިހާ ނިކަމެތި ބައެއްގެ ގޮތުގައި ބަލަން ތިބުމަކީ ސިފައިންވެސް އަދި ދިވެހިން ވެސް ލަދުގަންނަން ޖެހޭ ކަމެކެވެ.

ދިވެހި ޤައުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ މުހިއްމު އެއް ކަމަކީ އިންޑިއާގެ އަޅުވެތިކަމަށް ޤައުމު ދިއުން ހުއްޓުވުމާއި، ލާދީނީ ފިކުރު މުޅި ޤައުމުގައި އާއްމުވުން ހުއްޓުވުމެވެ. މިފަހަކަށް އައިސް ފާޅުގައި ދީނަށް ހަޖޫޖެހި ދެ ޖަމްއިއްޔާއެއްގެ ނަން ހުރިހާ ދިވެހީންނަށް ވެސް އެނގެއެވެ. އެ ދެ ޖަމްއިއްޔާގެ ނަން މިތާނގައި ނަކަލުކުރަންވެސް ބޭނުމެއް ނޫނެވެ. އެ ދެ ޖަމާއަތާ މެދު ސަރުކާރުން ފިޔަވަޅެއް ނާޅައެވެ.

ލާދީނީ ބިލް ނުވަތަ ނަފްރަތުގެ ބިލްގެ ނަމުގައި ސަރުކާރުން މަޖުލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ނެގުމަށް އެތައް ސަތޭކަ މަދަނީ ޖަމްއިއްޔާ އަކުންނާއި އެތަކެއް ރަށު، އަތޮޅު، އަދި ސިޓީ ކައުންސިލްތަކުން ބަޔާން ނެރެ އެތައް ސަތޭކަ އިލްމުވެރީންނާއި އެތައް ހާސް ދިވެހީން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާއިރުވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކަމާ ކަންބޮޑުވެވަޑައިގެން އުޅުއްވާ ތަނެއް ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ފެންނަނީ ބިލް ފާސް ނުވެގެން އުޅޭތަނެވެ. ދިވެހި ރައްޔިތުން ކަންބޮޑުވާ ޤައުމީ ބޮޑެތި މައްސަލަތަކުގައި ސަރުކާރާއި ރައްޔިތުންގެ މަޖުލިސް މިހާރު ފެންނަނީ ރައްޔިތުންގެ ވިސްނުމަށް އެއްވެސް އިހުތިރާމެއް ނުކުރާތަނެވެ.

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހެދުމާ އެތަކެއް ދިވެހި ރައްޔިތުން ދެކޮޅެވެ. ހަނިމާދޫން އެއާޕޯޓް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް އަށް ލައްކަ އަކަފޫޓުގެ ބިން ދިނުމާ އެތަކެއް ހާސް ދިވެހީން ދެކޮޅެވެ. އުތުރު ތިލަފަޅުގައި އިންޑިއާގެ އެހީގައި ތަރައްޤީ ކުރާ މިލިޓަރީ ބަނދަރުން އިންޑިއާ އަށް ދީފައިވާ ފުރުސަތާ މެދު ރައްޔިތުން ނިހާޔަތަށް ކަންބޮޑުވެއެވެ. އިންޑިއާއިން ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރ ތަކުން މުޅި ދިވެހި ޤައުމަށް އިންޑިއާ އިން ސްޕައި ކުރާތީ ދިވެހީން ކަންބޮޑުވެއެވެ. ރާއްޖޭގެ ކަނޑުގެ އަޑީގެ ޗާޓް ކުރަހަން އިންޑިއާއާ ހަވާލު ކުރުމުން ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި، ރައީސް ސޯލިހާއި، ރައްޔިތުންގެ މަޖުލީހުން ރައްޔިތުންނަށް މަލާމާތްކުރާ ފަދައެވެ. އެނގޭ ކަމަށް ވެސް ނުހަދައެވެ.

ޤައުމުގައި ލާދީނީ ފިކުރު ފެތުރޭވަރު މަދުވެގެން މިހާރުގެ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ފައްޓަވައިގެން އުޅުއްވާ މަސައްކަތަކީ ހޯމް-ސްޓޭ ނުވަތަ މީހުން ދިރިއުޅޭ ގޭގޭގައި ގެސްޓުން ބޭތިއްބުމުގެ ވިޔަފާރި ތައާރަފް ކުރުމުގެ މަސައްކަތެވެ. އެއިރުން އަނބިމީހާ އާއި އަންހެން ދަރީން ގެސްޓުންނަށް ވިއްކުމާއި، ރާބުއިމާއި، ފަތްބުއިން މިހާރަށް ވުރެވެސް ބޮޑަށް އާއްމުވެ، ދީން ޤަބޫލް ނުކުރާ ދިވެހީން މިހާރަށްވުރެ ގިނަވާނެއެވެ. ޑޮލަރުކޮޅެއް ލިބުނީމާ ނިމުނީއެވެ. އިޖްތިމާއީ އަދި ދީނީ ފޭރާން ވީދުނަސް ހެވެވެ. ހޯމް-ސްޓޭ އަކީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމެކެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންޑިއާ ބޭނި މުޅި ޤައުމު ލާދީނިއްޔަތަށް ހުޅުވެމުންދާ ދިއުމާމެދު ކަންބޮޑުވާ އަޑުތަކުގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމް.އެން.ޑީ.އެފްގެ (ރިޓަޔަރޑް) ކެޕްޓަން އަލީ އިހުސާނާއި ޕްރޮފެސަރު ހަސަން އުގެއިލް ފަދަ ބޭފުޅުންގެ އަޑުވެސް މީޑިއާތަކުން އިވެއެވެ. ނަމަވެސް އިދިކޮޅުގައި މިވަގުތު އޮތް ދެ ޕާޓީ ކަމުގައިވާ ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ އިން ގުޅިފައިވާ އިއްތިހާދުގެ މާބޮޑު ކުލަވަރެއް ނުފެނެއެވެ. ކޮންމެ ޕާޓީއެއްގެވެސް އަދި އިދިކޮޅުގެ ވަކިވަކި ބޭބޭފުޅުންގެ ފަރާތުންވެސް ފެންނަނީ ފަރުދީ އެޖެންޑާއެކެވެ. ގުޅިފައިވާ އިދިކޮޅެއް ނުފެނެއެވެ. ސަރުކާރުން އިންޑިއާއަށް ޤައުމުގެ ލަަގަން ދޫކޮށް ނިމި، ސޮއެކުރާނެހާ އެއްޗެއްގައި ސޮއިކޮށް ނިމޭ ފަހުން، 2023 ލިބޭނެކަމުގެ އުއްމީދުގައި ތިއްބަސް ސަލާމަތެއް ނުވާނެއެވެ.

ޤައުމުގައި އަމަން އަމާންކަން ފުރިހަމައަށް ނުބެލެހެއްޓެއެވެ. ފުލުހުންވެސް ވަނީ ސިޔާސީވެފައެވެ. ފުލުހުންވެސް ތަހްޤީގް ކުރަނީ ހަމައެކަނި ސިޔާސީ ގޮތުން ބޭނުން ކަމެކެވެ. ތޭރަ އަހަރުގެ ކުދިން ކިޑްނެޕްކޮށްް މަރަނީއެވެ. އެމްބިއުލާންސް ނޮފޮނުވިގެން ކުދިން މަރުވަނީއެވެ. ޑރ. އަފްރާޝީމް، ޔާމީން ރަޝީދު އަދި ރިލްވާންގެ މަރުން ފެށިގެންގޮސް އެހެން އެއްވެސް މަރެއްގެ ހަޤީޤަތެއް ވެސް ނުހޯދެއެވެ. އިންސާފެއް ނުލިބެއެވެ. މިގޮތަށް ވިސްނާއިރު މީ ޖަންގަލީގެ ޤާނޫނު އޮތް ޤައުމެކެވެ. މީގެ 20 އަހަރު ފަހުންވެސް ޑރ.އަފްރާޝީމާއި ޔާމީނާއި ރިލްވާންގެ މަރުވެސް ބޭނުންކުރާނީ ސިޔާސީ ހަތިޔާރަކަށެވެ.

މި ޤައުމުގެ ހާލަތު ވެއްޓިފައި އޮތް ދަށުދަރަޖައަކީ، މިޤައުމުގެ އެތައް ރައްޔިތަކަށް މިހާރު، މިސާލަކަށް، ސައުދީ އަރަބިއާއަށް ވުރެ އިންޑިއާ ވެސް ރަނގަޅެވެ. އަދި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަ ކުރުމަށް ވުރެ ބައެއް ދިވެހީންނަށް މިހާރު މުހައްމަދު ނަޝީދަށް ފުރައްސާރަ ކުރުމުން މާބޮޑަށް އަސަރުކުރެއެވެ.

ޤައުމެއްގެ ރައީސަކީ އެ ޤައުމެއްގެ ބައްޕައެވެ. މިއަދު މި ދިވެހި ޤައުމުގެ ރައްޔިތުން އިންޑިއާ އައުޓާއި، ބޭން ސެކިއުލަރ ބިލްއޭ ކިޔައިގެން އުތުރިއަރާއިރު މިޤައުމުގެ "ބައްޕަ"އެއް ނެތެވެ. ރައްޔިތުންގެ މަޖުލީހަކީ ނަމަކަށް "ރައްޔިތުންގެ" ތަނެކެވެ. އެތަނުގެ ކޮންޓްރޯލް ނަންގަވާފައި ވަނީ އާއްމު އިންތިހާބުގައި އެންމެ ހަސަތޭކަ ވަރަކަށް ވޯޓުލިބިވަޑައިގެން މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ނަޝީދެވެ. ލިބިވަޑައިގަތީ 600 ވަރަކަށް ވޯޓެވެ. ނަމަވެސް މުޅި ޤައުމު ނަޝީދުގެ މުށުތެރޭގައެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ސިޔާސީ ބައެއް ޚިޔާލްތަފާތުވުން ހުއްޓަސް އޭގެ ސަބަބުން ރައްޔިތުންނަށް ހުރި ފައިދާއެއް ނެތެވެ. ދެބޭފުޅުންވެސް ފެންނަނީ އިންޑިއާ އަށް ޤައުމު ވިއްކައި ލާދީނިއްޔަތުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާތަނެވެ. ރައީސް ޔާމީނުގެ ރިއާސީ ދައުރުގައި އެއިރުގެ ޓޫރިޒަމް މިނިސްޓަރ، އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަހްމަދު އަދީބް (ބްރޯ) ގެ ބާރު މުޅި ޤައުމަށް ފެތުރިފައި އޮތްގޮތަށް ރައީސް ސޯލިހުގެ ވެރިކަމުގައި ބްރޯއެއްގެ ގޮތަށް މަޝްހޫރުވެފައި ވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ފައްޔާޒަކީ ވެސް ޤައުމުގެ މޫނުމަތީގައި އިން ފާރުގަނޑެކެވެ. ފައްޔާޒުގެ ބަސްމަގާއި އަމަލު ތަކަށް ރައްޔިތުން ކަންބޮޑުވިއަސް ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވަނީ ފައްޔާޒަށެވެ. އިންކަމް ޓެކްސްގެ ބިލަށް ގެނެވޭ ބަދަލުގެ ފަހަތުގައި ފައްޔާޒަށް އެތަކެއް ޒާތީ ފައިދާއެއް އެކުލެވިފައިވާ ކަމަށް މީޑިއާތަކުން ތުހުމަތު ކުރިއަސް ރައީސް ސޯލިހަކަށް މައްސަލައެއް ނެތެވެ. ރައީސް ސޯލިހު ރައްޔިތުންގެ ކަންބޮޑުވުމަކަށް ފަރުވާލެއް ބަހައްޓަވާ ތަނެއް ނުފެނެއެވެ.

އެއްވެސް ސިޔާސީ ހައިސިއްޔަތެއް، ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތް، ކުޑަކުޑަ ތިން ޕާޓީ ނިވާފަތްގަނޑަކަށް ނެރުއްވައިގެން، އެއީ ކޯލިޝަނެކޭ ވިދާޅުވެ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފަރުވާލެއް ނުބަހައްޓަވަައި ރައީސް ސޯލިހު ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ. އަމިއްލަ އެޖެންޑާއެއް ހިންގަވަނީއެވެ. އަދާލަތު ޕާޓީ އަކީ މި ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން ހައިޖެކް ކުރައްވާފައި އޮތް ޕާޓީއެއް ފަދައެވެ. ޕާޓީގެ އެތެރޭގެ ޑިމޮކްރެސީއެއް ނެތެވެ. އާއްމު މެމްބަރުންގެ އަދަދު އިންތިހާއަށް މަދެވެ. އަދާލަތު ޕާޓީއަކީ ހަމައެކަނި ކަރުދާހުގައި އޮތް ޕާޓީއެކެވެ. ދީން ހިމާޔަތް ކުރުމުގެ ނަމުގައި އައި ޕާޓީ މިއަދު މި ފެންނަނީ މަގުމަތީގައި މުސްލިމުން މަރައި، މިސްކިތްތަކުގައި ހުޅުޖަހާ އިންޑިއާ ހިމާޔަތްކޮށް، ލާދީނީ ބިލް ޕޮލިޝްކުރާ ބައެއްގެ ގޮތުގައެެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާރޓީވެސް ދަތްނެތް ސިންގާ އަކަށް ވެއްޖެއެވެ. ޤާސިމް ވަނީ ކޮންމެވެސް އެއްސިފައެއްގައި މިސަރުކާރުގެ ދަށުވެފައެވެ. އިންޑިއާއިން ޤައުމު އަޅުވެތިކޮށް މުޅި ޤައުމު ލާދީނިއްޔަތަށް ފިރުކައިލެވޭ އިރުވެސް މި ދެކަމާ މެދުވެސް ޗުއްޕު ވެސް ވިދާޅުވާން ޖުމްހޫރީ ޕާޓީގެ ލީޑަރަށް ކެރިވަޑައެއް ނުގަންނަވައެވެ. މައުމޫން އަބްދުލް ޤައްޔޫމްގެ އެމް.އާރ.އެމް އަކީ ވެސް އެފަދައިން ހަމައެކަނި ކަރުދާހުގައި އޮތް ޕާޓީ އެކެވެ. ރައްޔިތުންގެ ޕޮޕިިއުލަރ ސަޕޯޓެއް ނެތަސް ކޯލިޝަންގެ ނަމުގައި ސަރުކާރުން ބައިއެޅިފައިވާ ޕާޓީ އެކެވެ. ރައްޔިތުންގެ އެކިއެކި އުދާސްތައް އުތުރިއަރާއިރުވެސް އިމްރާން، ޤާސިމް އަދި މައުމޫން ހަނުތިއްބެވުމަކީ ޤައުމީ ފެންވަރުގެ ޖަރީމާއެކެވެ.

މި ޤައުމުގެ ވެރިކަން އާ ޖީލަކަށް ހުޅުވާލެވެން އެބަޖެހެއެވެ. ވެރިކަމަކީ ހަމައެކަނި މައުމޫން، ނަޝީދު، ޤާސިމް ނުވަތަ ޔާމީނަށް އޮތް ކަމެއް ނޫނެވެ. ރައީސް ކަމުން ފެށިގެން ގޮސް ކެބިނެޓް ތެރެއިންވެސް ތައުލީމީ މޮޅެތި މީހުން ފެންނަން އެބަޖެހެއެވެ. ވެބް ކޭމް ޖެއްސި މީހުންނާއި، ހޮނޑައިދޫން ހައްޔަރުކުރި މީހުންނާއި، ޤައުމު ހުޅުޖެހި މީހުން އެއްކައިރިވާން ޖެހެއެވެ. މި ޤައުމުގައި ވެސް ޕްރޮފެސަރ ހަސަން އުގެއިލް، ޑރ. މުހައްމަދު މުނައްވަރު، ޑރ. ހަސަން ސައީދު، އަދި ޑރ. މުހައްމަދު ޝިހާމް އާދަމް ފަދަ އެތައް ސަތޭކަ ޓެކްނޯކްރެޓުން އެބަތިއްބެވިއެވެ. ނަމަވެސް އެބޭފުޅުން އެއްކައިރި ކޮށްފައި ޤައުމު މި ހިންގަނީ މާބޮޑު ތައުލީމެއް ނެތް މީހުންނެވެ. މަޖުލީހުގައި ވެސް އަދި ސަރުކާރުގެ އިސް މަޤާމް ތަކުގައި ވެސް ގިނައީ މާބޮޑު އިލްމީ ފެންވަރެއް ނެތް، ތަންދޮރު ނޭނގޭ އެކްޓިވިސްޓުންނެވެ. މިއީ މިކަން ތާއަބަދު އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ވެރިންނަކީ ކޮބައިކަމާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވާން ޖެހެއެވެ. ރައްޔިތުންގެ ވިސްނުމާއި ވޯޓުލާގޮތް ބަދަލުވެގެން މެނުވީ މައުނަވީ ބަދަލެއް މި ޤައުމަކަށް ނާންނާނެއެވެ. ރައީސް ކަމަށް ވެސް ވަކި ޕާޓީ އަކަށް ނިސްބަތްނުވާ އާމޫނެއް، އަދި ކެބިނެޓުންވެސް ތައުލީމީ އާމޫނުތަކެއް، އަދި ކައުންސިލް ތަކުންނާއި މަޖުލީހުންވެސް ތައުލީމީ އާމޫނުތަކެއް ފެންނަން ޖެހެއެވެ. ޕާޓީތަކުގެ ކުލަތަކަށް ބެލުމެއްނެތި ތާޒާ، ތައުލީމީ، ޤާބިލް، ތެދުވެރި އާމޫނުތަކެކެވެ. ޤައުމު އަޅުވެތިކުރަން އުޅޭ އިންޑިއާ ފަދަ އިސްތިއުމާރީ ބާރުތަކުގެ ހިޔަނިން ސަލާމަތްވެ، ތައުލީމީ، ދީނީ އާޖީލެއް ބިނާ ކުރެވޭނީ އެފަދަ ބަދަލެއް ގެނެވިގެންނެވެ.

ކަވަރ ފޮޓޯ؛ ސޯޝަލް މީޑިއާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
912

2 Responses

  1. މީ ހުސް ހަގީގަތް … ސަހަރޯ ހިތަށް އަރާ ވަރަށް ދެރަވޭ. ﷲ އިރާދަ ކުރެޢްވިޢްޔާ 2023 ގެ ކުރިންވެސް މިކަން ނިމޭނެ..
    ބުސްރީ ވަރަށްމޮޅު ސުކުރިޢްޔާ

  2. ތިޔަ ތާކު ކަމުދާ އެކަކު ވެސް ނެތް. ޙަސަން ސަޢީދާއި ޑރ. ޝަހީދާއި ޑރ. މުނައްވަރަކީ އެމްޑިޕީގެ ލާދީނިއްޔަތުގެ ގަސް މި ޤައުމުގައި އިންދައި ހައްދާން މުޑުވައްކޮށް ފެންދީ ހެއްދި މީހުން. ޑރ. ޝިހާމަކީ ޤައުމެއް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ހުރި ބޭފުޅެއް ނޫން. މައުމޫނާއި ޤާސިމާއި ޢިމްރާނަކީ ނުވަވަނަ ޙަސަން ރަސްގެފާނަށްވުރެ ބޮޑެތި ޚާއިނުން. މި ޤައުމު ތަރައްޤީކޮށް ޤައުމިއްޔަތު ދިރުވުމުގެ ތަޞައްވުރެއް ގެންގުޅުއްވި ލީޑަރެއް ޔާމީން ނޫނީ ނެތް. ޕާޓީ އުފެއްދި މީހުންނަގައި މަތި ފަޑިއަށް ލާ ވާހަކަ ތިޔަ ވިދާޅުވަނީ ޕާޓީއަށް ނުބަލާށޭ ވިދާޅުވަމުން. ދެން މި ރާއްޖޭގައި ޕާޓީގެ ތެރެއިން ނޫނީ ކާމިޔާމެއް ނެތް. މި ރާއްޖޭގައި އޮތީ ދެ ފިކުރެއް. ލިބަރަލްއާއި ކޮންޒަރވޭޓިވް. ކޮންމެވެސް އެއް ކޮޅަކަށް އަރުއްވާ. ހުދު ނޫނީ ކަޅު. ދޭތެރޭ މެދުގެ އަޅި ކުލައެއް ނެތް. ނުހިނގާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *