...

Support Us

އެޗް.ޕީ.އޭގެ ފިޔަވަޅުތަކުގެ ސަބަބުން އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެފި

ކޮވިޑުގެ ވަބާއިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ބޯ ގޮވައިގެން އަމިއްލަ އަށް މަރުވާނެ ކަމަށް ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ބުނެފިއެވެ.

ދުވުން ހުއްޓައިލުމަށްފަހު، ހަންގޭރީގެ ޗަބާ ކިސްއާ ކައިވެނިކޮށް، ދެމަފިރިން ވެގެން ކުޑަކުދިންނަށް އެތުލެޓިކްސް ޓްރޭނިން ސްކޫލެއް ހިންގާ ޔަޒޫ އޭނާގެ ފޭސްބުކްގައި މިއަދު ބުނީ "އެޗް.ޕީ.އޭއާ ހެދި އަހަރެން އަމިއްލައަށް މަރުވާނަން" ކަމަށެވެ.

ދެ ކުދިންގެ މަންމަ، ޔަޒޫގެ އެ ޕޯސްޓަށް އޭނާގެ ރައްޓެހިން ދެކޮޅު ހަދައި، އެ ޚިޔާލު ދޫކޮށްލުމަށް ނަސޭހަތް ދިން ނަމަވެސް، ޗަބާ ކިސް، ވެލެންސިއާ އަށާއި ވީ.ބީ ސްޕޯޓްސް އަށް ގެނައި މަޝްހޫރު ފުޓުބޯޅަ ކޯޗު ލާސްލޯ ކިސްގެ ދަރިފުޅު، ބުނީ "އެކަމަށް އަހަރެންގެ ފަރާތުން ފުރިހަމައަށް ސަޕޯޓް ދޭނަން" ކަމަށެވެ.

"އޭނާ (ޔަޒޫ) ވަނީ ހަމަ ބޯ ގޮވައިފައި… އެކަމަށް އަހަރެންގެ ފަރާތުން ފުރިހަމައަށް ސަޕޯޓް ދޭނަން،" ޗަބާ ބުނެފައިވެއެވެ.

ޔަޒޫގެ މި ޕޯސްޓަށް އޭނާގެ އެކުވެރިން ވަރަށް ދެކޮޅު ހަދައި، ޔަޒޫ ހިތްވަރު ގަދަކޮށް، ހަމަޖެހުމަށް ބުނެފައިވެއެވެ.

ޖަވާބުގައި ޔަޒޫ ބުނެފައިވެއެވެ. "އަހަރެން ގަދަ. އެކަމަކު މި އެޗް.ޕީ.އޭ އެއްދުވަހު ބުނާނެ (ޕޮޒިޓިވްވި މީހުން) މިއަދު މާ މައްޗޭ އަނެއް ދުވަހު ދަށޭ."

ޔަޒޫމެން ދެމަފިރިން ހިންގާ އެތުލެޓިކްސް ޓްރޭނިން ސްކޫލްގެ ފަރިތަކުރުންތައް އޮންނަނީ މާފަންނު ޓްރެކް ދަނޑުގައެވެ. ކޮވިޑާ ހެދި އެ ދަނޑު މިހާރު އޮންނަނީ ބަންދުކޮށްފައެވެ.

ޔަޒޫގެ ރައްޓެހި އާމިނަތު އާތިފާ ބުނީ ޔަޒޫ ބުނަނީ މައްސަލައިގެ ހައްލެއް ނޫން ކަމަށާއި އެގޮތަށް ވާހަކަ ދައްކައިގެން ވެސް ނުވާނެ ކަމަށެވެ. އަދި އެ ކަމާ ވާހަކަ ދައްކާލަން ބޭނުން ނަމަ ގުޅައިލަދިނުމަށާއި ހަމަޖެހިގެން ހުރުމަށް އާތިފާ އެދިފައިވެއެވެ.

އަދި ޔަޒޫއާ އެއްކޮށް ދުވި ބާރު ދުވުންތެރިޔާ ސަމްހާ އަހުމަދު ވެސް ޔަޒޫ ގާތުގައި ބުނެފައި ވަނީ "ނޫން" ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
222
ޚިޔާލު ފާޅުކުރައްވާ!

6 Responses

  1. ތިކަހަލަ ޚިޔާލު ގެންގުޅޭ މީހުންކައިރިއަށް ކުޑަކުދިން ފޮނުވާކަށް ނުވާނެ. އެކުދިންނަށްވެސް ކިޔައިދީފާނެ ތިކަހަލަ އެއްޗެހި

  2. ޙެއްދެވި ފަރާތް ހަނދާން ކޮށްބަލަ. ތިޔަކަހަލަ ކުފުރުގެ ވާހަކަ ނުދައްކާ ފަރުޖެހޭނެ. ﷲ އަންގަވާފައި ވަނީ ޢަޅުތަކުންގެ ހިތްތަކަށް ހަމަޖެހުންވަނީ ﷲ ހަނދާން ކުރުމުން ކަމަށް .
    މީހުންގެ ސަޕޯޓް ހޯދަންވެގެން ކިޔާފަ ނުކިޔާނެ އެއްޗެއް ނޭނގިގެން ހޫރެނީ

  3. ޖާހިލު ކަމުގެ އިންތިހާ. އީމާން ތެރިކަމުގެ ކަންފުޅެއްވެސް ނެއް.ތިހިރީ ބޭރު މީހަކާ ކައަވެނި ކުރެވިފަ ސާބަސް ދަރިޔާ

  4. މިއީ އެޗްޕީއޭ އިން ވިސްނަންޖެހޭނޭ ކަމެއް. އަޅާ ބައެއް ފިޔަވަޅުތަކަކީ މަދުން ނަމަވެސް ބައެއް މީހުންނަށް ބޮޑު ވަބާއަކަށް ވެދާނެ. މިހިސާބުގައި އުޅޭ އެކަކު މާސްކު އަޅާ ކޮންމެ ފަހަރަކު އަނބުރައިގަނެގެން ވެއްޓޭ. ވީމާ އަޅުގަނޑު ލޯބިވާ އެެއް ދަރިވަރުކަމުގައިވާ ޔަޒްނީ ނަޝީދުގެ ޙާލަތު އެނގޭނީ ހަމަ އެ އާއިލާއަށް. ވީމާ މިކަމަށް ވިސްނައިލުން މުހިންމު.
    އަޅުގަނޑަށް ޔަޤީން ޔަޒްނީ މި ނިޔަތެއް ނުގެންގުޅޭނެ. އަމިއްލައަށް މަރުވާކަށް ނުވެސް އުޅޭނެ. އަދި މިއީ އެ ދަރި ކުރާނޭވެސް ކަމެއް ނޫން. އެކަމަކުވެސް ޔަޒްނީއަށް ބުނަން އޮތީ ދަރިފުޅާއޭ. ހިތަށް ކަމެއް އަރާއިރަށް އަވަހަށް ޢައޫޛު ކިޔައި ވިސްނައިލާށޭ. އަމިއްލައަށް މަރުވުމަކީ އޮތް ހައްލެއް ނޫނޭ. ﷲ އަންގަނީ ކަންކަމާ ކެތްތެރިވެ ޝުކުރުކުރުމަށް. އަދި ވިސްނަންޖެހޭ ތިމާ މިއަޅާ ފިޔަވަޅަށް ކިތަންމެ ގާތް މީހަކު ތާއީދުކުރިނަމަވެސް އެއީ ނުބައިކަމެއްކަމުގައި ވާނަމަ ދުރަށް ދާންޖެހޭނޭކަމުގައި. މި ކަމުގައި ކަމާބެހޭ ފަރާތްތަކާއި އައުލާދު މީހުންނާއި ރަޙުމަތްތެރިންނާ މަޝްވާރާކުރާންވާނެ.
    ކޮންމެ ކަމެއް ދެނެވޮޑިގެންވަނީ ﷲ. ޔަޒްނީއާއި އެ އާއިލާއަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ހާލުގައި އުމުރަށް ލައްވާށިއެވެ.

  5. ތިޔައީ ދުނިޔޭގައި މީހަކު ކުރާނެ އެންމެ ގޯސްކަންތައް. އެހެން ނުހަދާތި

  6. އަމިއްލައަށް މަރުވާނެ ވާހަކަ އޮތީ ސީދާކޮށް ބުނެފަ އާދަނާ..! ދީނީ ނަސޭހަތް ފަހުމްވާ ވަރަށްވުރެ ޗާޓުން ބޭރުގަ އުޅުއްވާ ކަނބަލެއް ހެން ހީވަނީ..!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.