Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އެމް.ޑީ.ޕީ ބޮޑަށް ވައްތަރީ ހަމަ "ލާދީނީ" ފިކުރަކާ!

ހިސާންގެ ބިލޭކިއަސް، ނަފްރަތުގެ ބިލޭ ކިއަސް، ނުވަތަ ލާދީނީ ބިލޭ ކިއަސް، އެ ބިލުގައި ހުށަހަޅައިފައި އެވާ މާއްދާތަކާ އެންމެ ބޮޑަށް މިހާރު ވެސް ޚިލާފްވަނީ ހަމަ އެމް.ޑީ.ޕީ އަށް ނިސްބަތްވާ މަޖުލިސް މެމްބަރުންނާއި އެމް.ޑީ.ޕީގެ އިސް ފަރާތްތަކުންނެވެ. މިސާލެއްގެ ގޮތުން ބަލާލަމާ ހިންގަވާށެވެ. މާފަންނު މެދު ދާއިރާގެ މެމްބަރ (އެމް.ޑީ.ޕީ އަށް ނިސްބަތްވާ) އިބްރާހިމް ރަޝީދު (ބޮންޑޭ) މި ޖޫން މަހުގެ 17 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމަށް އިބިލީހަށް ގޮވާފައި ވެއެވެ. އިބިލީހަކީ ކާފަރަކަށް ވުރެވެސް ނުބައި އެއްޗެކެވެ. މަޖުލިސް މެންބަރަކު އެހެން ދިވެއްސަކަށް އިބިލީހޭ ގޮވުމަށް ވުރެ ބޮޑު ނަފްރަތު އުފެއްދުމެއް ކޮބައިތޯއެވެ؟

އިސްލާމީ އަޤީދާއާ ގުޅުވައިގެން މީހަކާ މެދު ނަފްރަތު އުފެއްދުމަކީ މިބިލުގެ ފުރަތަމަ މާއްދާގެ ދެވަނަ ނުކްތާގައި ވާގޮތުން ނަފްރަތުގެ ކުށެކެވެ. އަދި އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީވެސް މި ބިލުގައިވާ ގޮތުން ކުށެކެވެ. ބޮންޑާގެ ޓްވީޓަކީ ޤާސިމަކީ ކާފަރެއް ކަމަށް ތުހުމަތު ކުރުމެވެ. އަދި އެއީ އިސްލާމީ އަޤީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމެވެ. ޤާސިމަކީ ޓަނުން ޓަނަށް ރާއްޖެއަށް ބަނގުރަލާއި އޫރުމަސް އެތެރެކުރަމުންދާ އިބިލީހެއް ކަމަށް ބޮންޑާގެ ޓްވީޓްގައި ވެއެވެ. މިއީ ނަފްރަތު އުފެއްދުން ނޫންނަމަ ދެން ނަފްރަތަކީ ކޮބައިބާވައެވެ؟

އިނގުރައިދޫ ދާއިރާގެ މެމްބަރ (އެމް.ޑީ.ޕީ އަށް ނިސްބަތްވާ)، ހަސަން އަހްމަދު (ހަސަންޓޭ)، ދިވެހި ރާއްޖޭގެ އިސްލާމީ އިލްމުވެރީންނަށް ޖަދަލު ކުރައްވައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ދީނީ މީހުންނަކީ ކޮބައިކަން ޤާނޫނަކުން ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި އެމް.ޑީ.ޕީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ، އަދި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ، 18 ޖޫންގައި ޓްވީޓް ކުރައްވާފައި ވެއެވެ: "ޑޮކްޓަރަކަށްް، ޓީޗަރަކަށް، އެކައުންޓެންޓަކަށް ވާން ވެސް ވަރަށް ގިނަ ދުވަހު ކިޔަވަންޖެހޭ. އިލްމުވެރިއަކަށް ވާން ކިޔަވަން ޖެހެނީ ކޯޯއްޗެއް ކިހާ ވަރަކަށް؟"

މިއީ އިސްލާމީ އަޤީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުން ނޫން ދެން ކޮން އެއްޗެއްތޯއެވެ؟ އަދި މި ލާދީނީ ބިލަށް "ނަފްރަތު ބިލް"، މިނަމުން ނިސްބަތްކޮށް މިހާރު ނޫހުގައި 16 ޖޫންގައި ލިއުނު ލިއުމަކަށް އިޝާރާތް ކުރައްވައި އައިޝަތު ޖެނިފަރ ޓްވީޓް ކުރައްވާފައި ވެއެވެ: "ކިހާ ދެރަ ކަމެއް މިހާރު ނިއުސް، ކަލޭމެން ނަފްރަތު ބިލޭ ކިޔައިގެން ތި ކުޅޭ ގޭމް ހުއްޓާލާނީ ކަލޭމެންގެ މީީހެއް މަޖީދީ މަގު މެދުގަ މަރާލީމަތަ؟"

މިއީ ނަފްރަތު އުފެއްދުމެވެ. މިއީ ނޫސްވެރިންނަށް ސީދާ މަރުގެ އިންޒާރު ދިނުމެވެ. ނަމަވެސް އެމް.ޑީ.ޕީ މީހަކު ކުރީމަ މި ސަރުކާރުން ފިޔަވަޅު އެޅުމުގައި ފަހަތު ފަޔަށް ބުރަވެއެވެ. ފުލުހުންނަކަށް ވެސް ވީ ކަމެއް ނެތެވެ. ޖެނިފާގެ ޓްވީޓާ ގުޅިގެން މީޑިއާ ކައުންސިލުން ތަހްޤީގު ކުރަންވެސް ފެށި ކަމަށް ނޫސްތަކުގައި އޮތެވެ. ނަމަވެސް އެޅި ފިޔަވަޅެއް ނެތެވެ. އެމް.ޑީ.ޕީ އެކްޓިވިސްޓުން ފާޅުގައި މީހުން މަރަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓްކޮށް، ދިނީ އިލްމުވެރީންނަކީ އިލްމެއް ނެތް ބައެއް ކަމަށް ދޭހަވާ ގޮތަށް މަލާމާތުގެ ޓްވީޓްކޮށް، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އިބިލީހަށް ގޮވުމަކީ ނަފްރަތު އުފެއްދުން ކަމަކަށް އެމީހުން ނުދެކެއެވެ. އެމީހުން އެފަދަ އަމަލު ކުރުމުން އެޅޭ ފިޔަވަޅެއް ވެސް ނުފެނެއެވެ. އެކަމަކު ދިވެހި އަންހެނަކު ފަރުޟް ފަސް ނަމާދުކޮށް މޫނު ބުރުޤާ އަޅައިފިނަމަ ނުވަތަ ދިވެހި ފިރިހެނަކު މިސްކިތަށް ޤަވާއިދުން ގޮސް، ތުނބުޅި ބަހައްޓައިފިނަމަ އެއީ "ހައްދުފަހަނަ އެޅި މީހެއް" ނޫނީ "ހަރުކަށި ފިކުރުގެ މީހެއް" ކަމަށް ލޭބަލް ކުރުން އޯކޭއެވެ. މިއީ އެމް.ޑީީ.ޕީ ބައެއް މީހުންގެ ދެފުށްކެހެރި ކަމުގެ ކުޑަ މިސާލެކެވެ.

 

އެމް.ޑީ.ޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރައީސަކަށް ހުންނެވި އިރު، 16 އޮކްޓޯބަރ 2009 ގައި، އިސްލާމީ ޝަރީއަތުގައި ޝަރުއު ކުރައްވާފައިވާ މަރުގެ އަދަބު ދިނުމާއި، ވައްކަން ކުރުމުން އަތް ކެނޑުމުގެ ހުކުމަށް ކަނޑައެޅިގެން އިންކާރު ކުރައްވާފައިވެއެވެ. އަތް ކެނޑުމާއި މަރުގެ އަދަބު ކަނޑައަޅަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. މިއީ ނަޝީދާ އެއް ފިކުރެއްގެ އެމް.ޑީ.ޕީގެ ގިނަ މެމްބަރުންގެ ޚިޔާލް ހުންނަ ގޮތެވެ.

މި މީހުންނަށް އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުން ހުއްދައެވެ. އެކަމަކު މި މީހުން ﷲ އަށް ޖަދަލު ކުރުމުން ނުވަތަ ﷲ ގެ ޝަރީއަތަށް އިންކާރު ކުރުމުން އެއީ ލާދީނީ މީހެކޭ ބުނުމަކީ މި މީހުންގެ ނަޒަރުގައި ބޮޑުވެގެންވާ ކުށެކެވެ. ނަފްރަތުގެ ބިލުން ކުރަން މިއުޅޭ ކަމަކީ ނަޝީދާއި ނަޝީދާ އެއް ފިކުރެއްގެ އެމް.ޑީ.ޕީ މީހުން އިސްލާމް ދީނަށް ފުރައްސާރަކޮށް، މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ޒާތުގެ ވާހަކަ ދެއްކުމުން އެކަމާމެދު ދިވެހީންނަށް އެއްޗެކޭ ނުބުނެވޭ ގޮތަށް އަނގައިގައި ޓޭޕް އެޅުމެވެ.

ނަޝީދު ކުރެއްވި މިފަދަ އެހެން ކަމެއްގެ ވާހަކަ ވެސް މިތާނގައި ނަކަލު ކޮށްލާނަމެވެ. އައިޝާ ވެރެލް އަކީ ނިއުޒިލޭންޑްގެ ޕާލިމެންޓް މެމްބަރެކެވެ. އެތާނގެ ރައްޔިތެކެވެ. އަދި ނިއުޒީލޭންޑްގެ އުމުރުން ދުވަސްވީ މީހުންނާ ބެހޭ ވަޒީރެވެ. އައިޝާ އަކީ ނިއުޒީލޭންޑް ރައްޔިތަކަށް ވުމުގެ އިތުރުން ދިވެހި ޕާސްޕޯޓް އޮތް، ދިވެހި ރައްޔިތެއްވެސް މެއެވެ. ނަޝީދުގެ ދެބެއިންގެ ދެދަރި ބޭފުޅެކެވެ. އައިޝާ އަކީ ތިމަންނާ އަކީ މުސްލިމެއް ނޫން ކަމަށް ފާޅުގައި ވިދާޅުވެ، އެފަދައިން ޓްވީޓްވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފާޅުގައި އެއްޖިންސުން ގުޅުން ހިންގަވާ ފަރާތެކެވެ. "ކައިވެނި" ބައްލަވައިގެން އުޅުއްވަނީ ވެސް ސައީދާ ނަމަކަށް ކިޔާ ނިއުޒީލޭންޑްގެ އަންހެނަކާއެވެ. މިފަދަ ލާދީނީ ފަރާތެއް ޓެގް ކުރައްވައި ރައީސް ނަޝީދު ޓްވީޓް ކުރައްވާފައި ވެއެވެ: "ވަރަށް އުފާވެރި އުފަން ދުވަހެއް ޑރ.އައިޝާ. އަޅުގަނޑު ރަނގަޅުވިހާ އަވަހަކަށް އައިޝާ އާއި (އަނބިމީހާ) ސައީދާއާ ބައްދަލު ކުރަން ދާނަން".

 

ނަޝީދުގެ ދެބެއިންގެދެދަރި ބޭފުޅަކީ މުސްލިމަކަށް ނުވިއަސް، އަދި އެއީ އެއް ޖިންސުން ގުޅުން ހިންގާ ފަރާތަކަށް ވިއަސް، ނަޝީދު އެފަރާތާ ގުޅުން ބޭއްވެވިއަސް މައްސަލައެއް ނެތެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ މަޖުލިހުގެ ރައީސަކަށް ހުންނަވައި، އެފަދަ ކާފަރު، ނުބައި މީހަކަށް ޓްވީޓް ކުރައްވައި، އެ އަންހެން މީހާގެ "އަނބިމީހާއަށް" ވެސް ސަލާން ގަލާން ފޮނުއްވައި ހެއްދެވުމަކީ މި މުސްލިމް ޤައުމަށް ކުރެވޭ ފުރައްސާރައެކެވެ. އިސްލާމް ދީނަށް ކުރެވޭ ނަފްރަތެކެވެ.

އެމް.ޑީ.ޕީ ބައެއް އެކްޓިވިސްޓުންނާއި، އެމް.ޑީ.ޕީ އަށް ނިސްބަތްވާ މަޖުލިސް ބައެއް މެމްބަރުންނާއި، އެމް.ޑީ.ޕީގެ ރައީސްގެ ބަސްމަގާއި އަމަލު ގިނަ ފަހަރަށް ހުރީ އިސްލާންދީނާ މެދު ނަފްރަތު އުފެއްދުމަށެވެ. މާތް ﷲގެ ޝަރީއަތާ މެދު ނަފްރަތު އުފެއްދުމަށެވެ. ދިވެހީންނަށް އިބިލީހަށް، ކާފަރަށް ގޮވުމަށެވެ. ދިވެހި ދީނީ އިލްމުވެރީންނަށް ހަޖޫ ޖަހައި މަލާމާތްކުރުމަށެވެ. ސިޔާސީ ވާދަވެރީންނަށް ކާޅަށް ގޮވުމަށެވެ. ޤައުމުގައި ހިނގާ ހުރިހާ ގޯސް ކަމެއް ދީންވެރި ދިވެހީންގެ ބޮލުގައި އަޅުވައި "ހަރުކަށި ފިކުރުގެ" ލޭބަލް ޖެހުމަށެވެ. މިފަދައިން އަމަލު ކޮށްފައި އެމް.ޑީ.ޕީ އެކްޓިވިސްޓުންނާއި އެމް.ޑީ.ޕީ އަށް ނިސްބަތްވާ މަޖުލިސް މެމްބަރުންނާއި، އެމް.ޑީ.ޕީގެ ރައީސްގެ މި އަމަލުތަކަށް ފާޑުކިޔާ މީހަކީ ނަފްރަތު އުފައްދާ މީހެއް ކަމަށް ލޭބަލްކޮށް ޖަލަށް ކޮށްޕާލުމަށްޓަކައި ހެދޭ ބިލެކެވެ.

މަތީގައިވާ ވާހަކަތަކަށް ވިސްނާލުމުން ދޭހަވާ އެއްޗަކީ، ނަފްރަތު އުފައްދަނީ ވެސް ނަފްރަރަތު ކުރަނީ ވެސް، އަދި ހައްދުފަހަނަ އަޅާފައި ވަނީ ވެސް، އަދި ހަރުކަށި ފިކުރު ގެންގުޅެނީވެސް ހަމަ އެމް.ޑީީ.ޕީ އާއި ރައީސް ނަޝީދުކަމެވެ. ބިލެއް ހަދާނަމަ، ޤާނޫނެއް ބަދަލު ކުރާނަމަ ކުރަންޖެހޭ ކަމަކީ އިސްލާމް ދީނަށާއި ދިވެހި މުސްލިމުންނަށް ހަޖޫޖަހައި، މަލާމާތްކޮށް، ނަފްރަތު އުފައްދައި، އިސްލާމް ދީން މި ޤައުމުގައި ބަލިކަށި ކުރަން އުޅޭ "ލާދީނީ" މީހުންނާ މެދު ފިޔަވަޅު އަޅާނެ ބިލެއް ހެދުމެވެ. ރައީސް ނަޝީދުގެ ވަރަށް އަތްމަތީ ބަހެއް އޮވެއެވެ. އެމް.ޑީި.ޕީ އަކީ "ފިކުރެއް" ކަމަށެވެ. ތެދެކެވެ. އެއީ ފިކުރެކެވެ. ނަމަވެސް ބޮޑަށް ވައްތަރީ ހަމަ "ލާދީނީ" ފިކުރަކާއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1111

2 Responses

  1. ބުޝްރީއަކީ ހަމަ ބެސްޓް. ވަރަށް ތެދު ހަގީގީ ވާހަކަތަކެއް. ޝުކުރިއްޔާ ބުޝްރީ. ޙެޔޮ ޖަޒާ ދެއްވާށި!

  2. ބުޝްރީގެ ލިޔުމުން ފެނުނު ހިތްހަމަ ނުޖެހޭ ތަންކޮޅެއް އިޞްލާޙު ކޮށްލަމާތޯ! "އިސްލާންދީން" މިގޮތަށް ލިޔުއްވުން ރަނގަޅެއް ނޫނެވެ. ރަނގަޅު ގޮތަކީ "އިސްލާމް ދީން" މިހެން ލިޔުއްވުމެވެ. އަހަރުމެންގެ ދީނަށް ނަން ކިޔަން ޖެހޭނީ އެ ނަން އައިސްފައިވާ ގޮތަށެވެ. ތަންކޮޅެއް އިހުގެ މީހުން އިސްލާން، ސަލާން މިހެން ކިޔައެވެ. އެއީ ދިވެހިން ދޫފަސޭހަ އަށް ކިޔަމުން އައި ގޮތެއް ކަމަށް ފެނެއެވެ. ބަހުގެ ޤަވާޢިދުގެ ތެރެއަށް ފެތިފައި ވާނަމަ އެއީވެސް އެ އުޞޫލުން ކޮށްފައި އޮތީއެވެ. ދަންނަވަންތޯއެވެ. އިސްލާމް ދީނަށް ބީރަށްޓެހި މިހާރުގެ (ފަހުގެ) ބައެއް ދިވެހިންވެސް "އިސްލާންދީން" މިގޮތަށް ކިޔައެވެ. އެމީހުންނަށް އިސްލާން މޭރުންވެފައި އޮންނަނީ ދީނުގައި ވާޖިބުވާ ހުރިހައި ކަމެއް ނުކުރިޔަސް ދީނަށް އުޅެވޭނެ ކަމެވެ. ދިވެހީންގެ ތެރޭގައި ކުރިންވެސް ކުރަމުން އައި ބައެއް ބިދުޢަގެ ތެރެއަށް ފެތޭ ކަންތަކާއި ޚުރާފާތްތައް އެއީ އެ ކިޔާ އިސްލާންދީންގެ މުހިންމު އަދި ދިވެހީންގެ ރީތި ޘަޤާފީ ކަންކަމުގެ ގޮތުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *