Support Us

ކްނީސަތުގެ ޖަލްސާއެއް ބާއްވައި ވޯޓު ނެގުން ކުރިއަށް ގެންދާން ކްނީސަތުގެ ރައީސް ލެވިނަށް ބިނީތުވަނީ ބުދަދުވަހު އިލްތިމާސްކޮށްފައި

އާ ސަރުކާރާ މެދު ގޮތެއް ނިންމުން އާދީއްތަ ދުވަހަށް ތާވަލުކޮށްފި

އިސްރާއީލުގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރުމުގެ ރެކޯޑް އޮތް އަނިޔާވެރި، ހަރުކަށި ބޮޑުވަޒީރު ބުންޔަމީން ނަތަންޔާހޫގެ ވެރިކަމަށް ނިމުން ގެންނާނެ، އާ ސަރުކާރަށް ރުހުން އޮތްތޯ ބެލުމަށް ޓަކައި އިސްރާއީލީ ބަރުލަމާނުގައި އަންނަ އާދީއްތަ ދުވަހު ވޯޓަށް އަހާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ބާރަ އަހަރު ދުވަހު ބޮޑުވަޒީރުކަން ކުރި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނާނެ ވޯޓު މިހާރުވަނީ އެ ދުވަހު ބާއްވާ ޚާއްސަ ޖަލްސާއަކަށް ތާވަލުކޮށްފައެވެ. "އާ ސަރުކާރަށް ރުހުން އޮތްތޯ ބެލުމަށް ޓަކައި، އާދީއްތަ ދުވަހު ބާއްވާ ޚާއްސަ ޖަލްސާގައި ސަރުކާރާމެދު ބަހުސްކުރުމާއި ވޯޓުނެގުން އޮންނާނެއެވެ." އަންގާރަ ދުވަހު ދިން ބަޔާނެއްގައި އިސްރާއީލީ ބަރުލަމާނު (ކްނީސަތު)ގެ ރައީސް ލެވިން ބުނެފައިވެއެވެ.

ކަނާތު ފިޔައިގެ ޕާޓީތަކާއި ވާތުފިޔައިގެ ޕާޓީތަކާއި މެދުމިނުގެ ސިޔާސަތަށް ލޯބިކުރާ ޕާޓީތަކާއި ޢަރަބި ޕާޓީތަކުގެ މައްޗަށް އެކުލެވޭ މަސްހުނި ސަރުކާރަށް މި ވޯޓުން ކާމިޔާބު ލިބިއްޖެ ނަމަ، ނަތަންޔާހޫގެ މަގާމު ގެއްލި، ބޮޑުވަޒީރެއްގެ ގޮތުން، ވަޠަނީއެއްކަމަށްވާ ނަފްތާލީ ބިނީތާއި އާ ސަރުކާރުގެ ވަޒީރުން ހަމަ އެ ދުވަހު ހުވާކުރާނެއެވެ.

މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ޔެޝް އަތީދު (ކުރިމަގު އެތާނގައި) ޕާޓީގެ އިސްވާރު ޔާއީރު ލާބީދު މި ދިޔަ ބުދަ ދުވަހު އިޢުލާނުކޮށްފައިވާ ގޮތުގައި އޭނާއާއި ދީނީ ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށްވާ ޔަމީނާ ޕާޓީގެ އިސްވާރު ބީނީތު ވަނީ ވަރަށް ފުޅާ އިއްތިޙާދީ ސަރުކާރެއް އެކުލަވައިލައިފައެވެ. އެއީ މި ދިޔަ ދެ އަހަރުގެ ތެރޭގައި ބޭއްވި ހަތަރުވަނަ އިންތިޚާބުގައި ނަތަންޔާހޫއަށް ފަހު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ދެ އިސްވާރުންނެވެ.

މި ދެ އިސްވާރުން އެއްބަސްވެފައިވާ ގޮތުގައި ފުރަތަމަ ދައުރުގައި ބޮޑުވަޒީރުކަން ކުރާނީ ހަރުކަށި ފިކުރުގެ ޔަމީނާ ޕާޓީގެ އިސްވާރު ބީނީތެވެ. އޭގެ ފަހުން ލާބީދެވެ.

ވޯޓުނެގުން ބާއްވައިދޭން ކްނީސަތުގެ ރައީސަށް ބިނީތު ވަނީ ބުދަ ދުވަހު އިލްތިމާސްކޮށްފައެވެ. އަދި މި ވޯޓު ގަޑުބަޑުކުރާން މެންބަރުންނަށް ހިތްވަރު ނުދީ މިނިވަންކަމާއެކު މިކަން ކުރިޔަށް ގެންދިޔުމުގެ ފުރުޞަތު ދޭން ނަތަންޔާހޫއަށް ވެސް ބިނީތު ގޮވައިލިއެވެ.

އަލްޖަޒީރާގެ މުރާސިލެއް ކަމަށްވާ ހެރީ ފައުސެޓް ޖަރޫސަލަމްގައި ހުރެ ބަޔާންކުރި ގޮތުގައި އާ ސަރުކާރުން މި ވޯޓު ކާމިޔާބުކުރުން ވަރަށް އެކަށީގެންވެއެވެ. "އެހެންވެއްޖެ ނަމަ އެއީ އިސްރާއީލުގެ ސިޔާސިއްޔަތުގައި ވަރަށް ފާހަގަކުރެވޭ ކަމަކަށް ވާނެއެވެ.– ނަތަންޔާހޫ ބޮޑުވަޒީރުގެ އޮފީހުގައި ހޭދަކުރާ ދުވަސްތައް ނިމުމަކަށް އަންނާނެއެވެ." ހެރީ ހާމަކުރި ގޮތުގައި "ކްނީސަތުގެ 120 މެންބަރުންގެ ތެރެއިން 61 ވޯޓު ލިބިއްޖެ ނަމަ އަޣުލަބިއްޔަތު ލިބުނީއެވެ. އޭރުން އިސްރާއީލުގައި އޮންނާނީ އާ ސަރުކާރެކެވެ. ނަތަންޔާހޫ ބޭރުވީއެވެ." އޭނާ އިތުރަށް ހާމަކުރި ގޮތުގައި ކޯލިޝަންގައި ހިމެނޭ ކަނާތު ފިޔައިގެ މެންބަރުންނަށް ނަތަންޔާހޫއަށް ވީވަރަކުން އޭނާއަށް ތާއީދުކުރާން ފިއްތުންތައް ކުރިމަތިކުރަމުން ވެސް އެބަ ގެންދެއެވެ.

ތަފާތު ފިކުރުތަކުގެ މެންބަރުންގެ މަސްހުނިވުމުގެ މައްޗަށް އެކުލެވިގެންވާ ކޯލިޝަނަށް ނަޔަންޔާހޫވަނީ "ޤަރުނުގެ ބޮޑު މަކަރު" ކަމަށް ނަން ވެސް ދީފައެވެ. ވާތު ފިޔައިގެ (ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު ރަށްވެހީންކަމުގައިވާ) ޢަރަބި މެންބަރުންނާއެކީ މަސައްކަތްކުރުން އޭނާ ސިފަކޮށްފައިވަނީ ބޮޑު ހީލަތެއް ކަމުގައެވެ.

މި ދިޔަ ދެ އަހަރަށްވުރެ ވެސް ކުރު މުއްދަތެއްގެ ތެރޭގައި އިސްރާއީލުގައި ބަރުލަމާނުގެ ހަތަރު އިންތިޚާބެއް ވަނީ ބާއްވައިފައެވެ. އެންމެ ފަހުން އިންތިޚާބު ބާއްވައިފައިވަނީ މި ދިޔަ މާރިޗު މަހުގެ ތެރޭގައެވެ. ކޮންމެ ފަހަރަކު ވެސް އެންމެން "ވާގި ނައްތައިލުމަށްފަހު" ބޮޑުވަޒީރުގެ އޮފީހަށް ދަނީ ނަތަންޔާހޫއެވެ. މިއީ ރިޝްވަތާއި ނާޖާއިޒު ފައިދާ ނަގައިގެން އޭނާ ކޮށްފައިވާ ޚިޔާނަތެއް ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މި މައްސަލަތައް މިހާރު ވެސް ވަނީ ޝަރީޢަތަށް ހުށަހެޅިފައެވެ. ބަރުލަމާނީ ނިޒާމުގެ އެންމެ ބޮޑު ގެއްލުމަކީ ވެސް މިއީއެވެ. މި ނިޒާމުގައި ބޮޑުވަޒީރު ހޮވާނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެއް ނޫނެވެ. ބޮޑުވަޒީރުކަމުގައި ކިތަންމެ ދުވަހަކު ވެސް އެކަކަށް ހުރެވިދާނެއެވެ. އަދި ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ތިބޭނީ ބަރުލަމާނަށް ހޮވޭ މެންބަރުންގެ ތެރެއިން މީހުންނެވެ.

މިދިޔަ އަހަރު ވަގުތީ ކުއްލި ސަރުކާރެއް އެކުލަވައިލި ނަމަވެސް އެ ސަރުކާރުވަނީ ނާކާމިޔާބުވެގެން އުވިފައެވެ. މާރިޗު މަހު ބޭއްވި އިންތިޚާބަށް ފަހު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ނަތަންޔާހޫ ވަރަށް ގަދައަށް ކުރިއެވެ. ނަމަވެސް އޭނާއަށް އެކަން ނާކާމިޔާބުވުމުން އެ މަސްއޫލިއްޔަތު ލާބީދާ ހަވާލުކުރެވުނީއެވެ.

އިސްރާއީލުގެ ސިޔާސިއްޔަ މައިދާނަށް މި އަންނަ ބަދަލުގެ ސަބަބުން ކުރިއަށް އޮތް ހަފުތާތަކަކީ ވަރަށް ހަލަބޮލި ހަފުތާތަކަކަށް ވެދާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ. (އަލްޖަޒީރާ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *