ޣައްޒާ އާރާސްތު ކުރުމުގެ މަޝްރޫޢަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އިސްރާއީލުގެ އަސީރުންގެ މަސްއަލަކަމަށް ވެއްޖެއެވެ. ޙަމާސުން މި ދެ މަސްއަލަ ނުގުޅުވޭނެ ކަމަށް ބުނަމުންދާއިރު އިސްރާއީލުން ދަނީ ޣައްޒާ އާރާސްތު ކުރުމާ އަސީރުންގެ މަސްއަލައާ ގުޅުވަމުންނެވެ. ޙަމާސުން ބުނާގޮތުގައި އަސީރުންނަކީ ޤުދުސް ކަނޑި ހަނގުރާމައާ ގުޅުން އޮތް ކަމެއް ނޫނެވެ. އެއީ މާ ބޮޑު މުސްތަޤިއްލު މަސްއަލައެކެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު އެޝްކަނާޒީ އާދީއްތަ ދުވަހު ޤާހިރާއާށް ކުރެއްވި ދަތުރުފުޅަށްފަހު ވިދާޅުވިގޮތުގައި މިޞްރުގައި އޭނާ ދެއްކެވި ވާހަކަފުޅުތަކުގައި ޙަމާސުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ދެ ސިފައިންނާއި ޢާއްމުންގެ ދެމީހަކު ސަލާމަތް ކުރުމުގެ މަސްއަލައާމެދު މަޝްވަރާ ކުރެވުނެވެ. އެޝްކަނާޒީ ޤާހިރާއާށް ވަޑައިގެންނެވީ މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީގެ ދަޢުވަތަކަށެވެ. އެއީ ޣައްޒާގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ އެއްބަސްވުން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޓަކައެވެ. ޖުމްލަ 11 ދުވަހުގެ ޣައްޒާ ހަނގުރާމަ ހުއްޓައިލެވުނީ އެއްވެސް ޝަރްޠަކާ ނުލައި 21 މޭގައެވެ.
ޙަމާސުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ދެ ސިފައިން ހައްޔަރު ކުރީ 2014ގެ ހަނގުރާމައިގައެވެ. ޢާއްމުންގެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޣައްޒާއަށް ވަގަށް ވަނުމުގެ ސަބަބުންނެވެ. މި ހަތަރު މީހުންގެ ޙާލުއަޙްވާލާ ބެހޭގޮތުން ޙަމާސުން އެއްޗެއް ނުބުނެއެވެ. އިސްރާއީލު ބުނާގޮތުގައި ދެ ސިފައިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ.
ޣައްޒާ އާރާސްތު ކުރަން ހުއްދަ ދެވޭނީ އަސީރުން ދޫކޮށްލުމުން
އިސްރާއީލުގެ ޚާރިޖީ ވަޒީރު އެޝްކަނާޒީ މިޞްރުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ހާމަ ކުރެއްވިގޮތުގައި ޣައްޒާ އާރާސްތު ކުރުމުގެ ހުއްދަ ދެވޭނީ 2014ގެ ހަނގުރާމައިގައި މަރުވި އިސްރާއީލު ދެ ސިފައިންގެ ހަށިގަނޑު އިސްރާއީލާ ޙަވާލުކޮށް ޣައްޒާއަށް ވަނުމުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ދެ ރައްޔިތުން ދޫކޮށްލުމުންނެވެ. އިސްރާއީލުގެ ދެ ސިފައިން މަރުވެފައިވާ ކަން ކަށަވަރެއް ނުވެއެވެ. އެ ދެ ސިފައިންގެ ޢާއިލާތަކުން ބުނާގޮތުގައި އެމީހުން އަދި މަރެއް ނުވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އޭނާ ކުރެއްވި ޓްވީޓެއްގައި އިސްރާއީލުގެ މި ދެ ސިފައިންގެ ހަށިގަނޑުތައް ދިނުމަށާއި އިސްރާއީލުގެ މި ދެ މީހުން ދޫކޮށްލުމަށް ގޮވައިލައްވާފައި ވެއެވެ.
އެހެނަސް ޣައްޒާ އާރާސްތު ކުރުމާ އަސީރުން ބަދަލު ކުރުން ގުޅުވުމަށް ޙަމާސުން ދެކޮޅު ހަދައެވެ.ޙަމާސުން ބުނާގޮތުގައި އަސީރުން ބަދަލު ކުރެވޭނީ އެ ޖަމާޢަތުން ކަނޑައަޅާ ޝަރްޠުތަކެއްގެ މަތިން އަސީރުންނާއެވެ. ޙަމާސާއި ފަލަސްޠީނުގެ އެހެނިހެން ޖަމާޢަތްތަކުގެ އެތައް ހާސް ބަޔަކު އިސްރާއީލުން ހައްޔަރުކޮށްފައި ވެއެވެ.
ޙަމާސުގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ޚަލީލުލް ޙައްޔާ ވިދާޅުވިއެވެ. "މިޞްރުގައި އުޅޭ އަހަރެމެންގެ އަޚުންނަށް މި ކަން މޭރުންވެއެވެ. ޣައްޒާ އާރާސްތުކުރުމާ އަސީރުން ގުޅުވުމާ އަހުރެމެން ދެކޮޅު ހަދަމެވެ. އަދި އެހެން މަސްއަލައަކާވެސް މި މަސްއަލަ ގުޅުވައިގެން ނުވާނެއެވެ. ޣައްޒާގެ ޙިޞާރު، ފަލަސްޠީނުގެ ޙައްޤުތައް ކޮބައިހެއްޔެވެ؟"
ޣައްޒާގެ ޒަޢީމު ޔަޙްޔާ އައްސިންވާރު އިއްޔެ ވިދާޅުވިއެވެ. "ތިޔަބައިމީހުން 1111 ނަންބަރު މަތިން ހަނދާން ބަހައްޓާށެވެ!" އޭނާ އިތުރަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ރިޕޯޓަރުން ބުނާގޮތުގައި މި ބަސްފުޅުން ދޭހަވަނީ އިސްރާއީލުގެ ހަތަރު މީހުންގެ ބަދަލުގައި ފަލަސްޠީނުގެ 1111 މީހަކު މިނިވަން ކުރަން ޙަމާސުން ބޭނުންވާ ކަމެވެ.
ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ މެންބަރެއްކަމުގައިވާ މޫސާ އަބޫ މަރްޒޫޤު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. "ނަތަންޔާހޫ ޣައްޒާ އާރާސްތު ކުރުމުގެ ފައިލާ ގެއްލިފައިވާ އޭނާގެ ސިފައިންގެ ފައިލް ގުޅަން އުޅޭއުޅުން އަހުރެމެން ބަލައެއް ނުގަންނާނަމެވެ."
އޭނާ ވިދާޅުވިއެވެ. "މިއީ އަހުރެމެން ދެކޮޅު ހަދާ ކަމެކެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެކެވެ. އޭނާގެ ސިފައިން އަހުރެމެން ހައްޔަރު ކުރީ ހަނގުރާމައިގެތެރޭގައެވެ. ތިޔަބައިމީހުން އަހުރެމެންގެ އަޚުން ހައްޔަރު ކުރީ އަހުރެމެންގެ ބިންތަކަށް އަރައި އެ ބިންތައް ހިފުމުގެތެރޭގައެވެ. މާދަލާއަކީ މިއީ އެވެ."
މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިއާ ޢައްބާސް ކާމިލް ހޯމަ ދުވަހު ޣައްޒާއަށް ވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި އޭނާ ތިން ފައިލަކާ ބެހޭގޮތުން ބަޙުސްކުރެއްވިއެވެ. އެއީ ޣައްޒާގައި ހަނގުރާމަ ހުއްޓާފައި ބޭއްވުމާއި، އަސީރުން ބަދަލު ކުރުމާއި، ޣައްޒާ އަލުން ބިނާކުރުމާ ބެހޭގޮތުންނެވެ.
މިޞްރުގެ ސިޔާސަތު
އިސްރާއީލުގެ "ކާން" ޗެނެލް ބުނާގޮތުގައި މިޞްރުން މަސައްކަތް ކުރަނީ ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތުގައި ޤާހިރާ ބައިވެރި ކުރުމަށެވެ. މިޞްރު ދެކޭގޮތުގައި ޣައްޒާ ބިނާކުރުމުގެ މަސައްކަތާ އަސީރުން ބަދަލު ކުރުމާ ގުޅުވައިގެން ނުވާނެއެވެ. އެއީ ދެ ބާވަތެއްގެ ދެ ކަމެކެވެ.
އަލްޢަރަބިއްޔާ ޓީވީ ބުނާގޮތުގައި "މިޞްރުން ޣައްޒާ ބިނާކުރުމުގެ ފައިލާ އަސީރުން ބަދަލުކުރުމުގެ ފައިލް ގުޅުވާކަށް ނޭދެއެވެ. މިޞްރުން އެދެނީ ޣައްޒާ ބިނާ ކުރުމުގެ މަޝްރޫޢުގައި އދ އާއި ފަލަސްޠީނު ސަރުކާރު ބައިވެރި ކުރުމަށެވެ. ޣައްޒާ ބިނާކުރުމުގެ މަޝްރޫޢު ހިންގުމަށް ޓަކައި މުސްތަޤިއްލު ވަކި އިދާރާއެއް އުފައްދަން ޖެހޭނެ ކަމަކަށް މިޞްރެއް ނުދެކެއެވެ."
މިޞްރުގެ ރައީސް ސީސީ ހާމަކުރައްވާފައިވާ ގޮތުގައި ޣައްޒާ އާރާސްތު ކުރުމަށް ޓަކައި މިޞްރުން 500 މިލިއަން ޑޮލަރު ދޭނެއެވެ. މި މަޝްރޫޢު ހިންގުމާ ހާވާލު ކުރަން ވާނީ މިޞްރުގެ ކުންފުނިތަކުންކަމަށް ރައީސް ސީސީ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި "އެހެނިހެން ޤައުމުތަކުން ޣައްޒާ ބިނާކުރުމަށް ހިންގާ މަޝްރޫޢުތަކުގައި މިޞްރުގެ ކުންފުނިތަކަށް ޙިއްޞާއެއް ލިބުމަކީ ޤާހިރާގެ ވަރަށް ބޮޑު އެދުމެކެވެ."
ޖެނެރަލް ޢައްބާސް ކާމިލު ޣައްޒާއަށް ކުރެއްވި ދަތުރުފުޅުގައި ޙަމާސްގެ ރައީސް އައްސިންވާރާއެކު ޣައްޒާގައި ވަނީ "ސީސީ ސަހަރު" ގެ ބިންގާ އަޅުއްވާ ދެއްވައިފައެވެ. މި ރަސްމިއްޔާތުގައި ފަލަސްޠީނު ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސީސީ ސަހަރު ބިނާ ކުރެވޭނީ ބަހްރުއް ނުޞައިރާތުގައި އެއްލައްކަ މީޓަރުގެ ބިމެއްގައެވެ. މި ސަހަރުގައި މީހުން ދިރިއުޅުމަށް ޓަކައި 10 ހާސް ފްލެޓް ބިނާކުރެވޭނެއެވެ.

އައްސިންވާރު ވިދާޅުވިގޮތުގައި "މިޞްރުގެ މި މަޝްރޫޢު ވެގެންދާނީ އެހެން ފަރާތްތަކަށް ލިބިގެންވާ ހެޔޮ ނަމޫނާއަކަށެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ފަލަސްޠީނުގެ ޒުވާން އަދި ކުރިމަގުގެ ޖީލުތަކަށް ޓަކައި ކޮށްދެވޭ ކަމެކެވެ." އައްސިންވާރު ވިދާޅުވިއެވެ. "އިސްރާއީލުގެ އަޑުތައް އިވޭ ކަމަށް ނަހަދާ އަހަރެމެންނަށް މި މަޝްރޫޢު ކުރިއަށް ގެންދެވިދާނެއެވެ."
އިސްރާއީލުގެ ދާޚިލީ މަސްއަލައެއް
ޤުދުސްގެ އޯޕަން ޔުނިވަރސިޓީގެ މުޙާޒިރެއް ކަމުގައިވާ ނުޢުމާން ޢަމްރު ވިދާޅުވިއެވެ. "މިއީ އެމީހުންގެ ސިޔާސީ ވަރަށް ފުން މަސްއަލައެކެވެ. އެމީހުން ބޭނުން ވަނީ މި މަސައަލައާ ދުރަށް ގޮސް ފިލާށެވެ."
އޭނާ އަނާޟޫލް ނޫސް އޭޖެންސީއަށް ވިދާޅުވިގޮތުގައި "ޣައްޒާ ބިނާކުރުމާ ބެހޭގޮތުން އިސްރާއީލުން ދައްކާ ވާހަކަތަކަކީ ދާޚިލީ އަދި އިންތިޚާބީ އިސްތިހްލާކެކެވެ. މީގެއިތުރަށް އެއީ ސިޔާސީ ނީލަމެކެވެ." އޭނާ ބަޔާންކުރެއްވި ގޮތުގައި "މީޑިއާއާ ދުރުގައި ބަންދު ކޮޓަރިތަކުގައި ހިނގާ ކަންތައްތަކާ މި ކަމާ ގުޅުމެއް ނެތެވެ."
އޭނާ ވިދާޅުވިއެވެ. "ނަތަންޔާހޫގެ މި މަސައްކަތަކީ އިސްރާއީލުގައި ލާބީދާއި ބީނީތު ސަރުކާރެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ކުރާ ކަމެކެވެ."
އިސްރާއީލުގެ މަސއަލަތަކާ ބެހޭ ލިޔުންތެރިއެއް ކަމުގައިވާ މުޙައްމަދު އަބޫ ޢަލާން ވިދާޅުވާގޮތުގައި "ޣައްޒާ އާރާސްތުކުރުމުގެ މަސްއަލައާ އަސީރުން ބަދަލުކުރުމުގެ މަސްއަލަ ގުޅުވަން އިސްރާއީލުން ކުރާ މަސައްކަތަކީ ޣައްޒާ ހަނގުރާމައިގައި އިސްރާއީލަށް ލިބުނު ނާކާމިޔާބުގައި މަތިޖަހަން ކުރާ ކަމެކެވެ. އަދި މިއީ ގެއްލިފައިވާ އިސްރާއީލު ސިފައިންގެ ޢާއިލާތަކުން ފިއްތާ ފިއްތުންތަކަށް އިޖާބަދިނުމަށް ޓަކައި ކުރާ ކަމެކެވެ."



advertisment