Support Us

ކުރު ވާހަކަ: ހިމާރު ރަސްގެފާނު

އެއްދުވަހު، ޖަންގަލީގެ ސިންގާތައް އެކުވެގެން ޝިކާރައަށް ނިކުތެވެ. އަދި، ހިމާރު އައިނެއްގެ ތެރެއިން ހިމާރެއް އަތުލައިގަތެވެ. ދެން، ހުރިހާ ސިންގާތައް ނިންމީ ހިމާރު ކައިނުލައި، ހިމާރު އައިނުގެ ރަސްކަލަކަށް އެ ހިމާރު ހެދުމަށެވެ. އަދި، ހިމާރު ގާތު ސިންގާތައް ބުންޏެވެ. "އޭ ހިމާރާއެވެ! ކަލޭގެ ދެ ލޯ މަރާލާށެވެ! ދެން ކަލެއަކީ ސިންގާއެއް ކަމުގައި ހީކޮށްލާށެވެ!" ސިންގާތައް ބުނި ފަދައިން ހިމާރު ކަންތައް ކުރުމުން، ސިންގާތައް ބުންޏެވެ. "އޭ ހިމާރާއެވެ! ކަލެއަކީ މިހާރު ސިންގާއެކެވެ! ކަލޭގެ ބައިގަނޑުގެ ތެރޭގައި ހުރި ހަމައެކަނި ސިންގާއެވެ! ކަލޭ ގޮސް އެމީހުންގެ ރަސްކަލަކަށް ވާށެވެ! އެމީހުންގެ ތެރެއިން ކަލެއަށް ތަބާނުވާ އެއްޗެއް އަހަރުމެންނާ ހަވާލުކުރާށެވެ!"

ސިންގާތައް މިގޮތަށް ކަންތައް ކޮށް، ޝިކާރަކުރުމަކާ ނުލައި އެ އެއްޗެއްތީގެ ކޮއްތު ލިބޭނޭ ގޮތް ހެއްޖެވެ. ދެން، އަނެއްކޮޅުން ހިމާރު އެނބުރި ހިމާރުންގެ ބައިގަނޑުތެރަށް ގޮސް ސިންގާއަކަށް ވެގެން އުޅެން ފެށިއެވެ. އަދި، އެއްވެސް ހިމާރެއް، ހިމާރު ރަސްގެފާނުގެ އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ އެ ހިމާރު ސިންގާތަކާ ހަވާލުކުރެއެވެ. އާދެ، ހިމާރު ރަސްގެފާނުވީ ހިމާރުންގެ ތެރޭގައި އުޅޭ ސިންގާއަކަށެވެ. ނަމަވެސް، ސިންގާތަކުގެ ކުރިމަތީގައި، ހިމާރު އެކަން ނުދަތަސް، އޭނާ އަކީ އަބަދުވެސް ހިމާރެކެވެ. ހިމާރުތައް ގުރުބާންކޮށް، ސިންގާތަކުގެ ބޭނުންތައް ފުއްދައިދޭ ބޯ ގޯސް ހިމާރެކެވެ!

އާދެ، ހުރިހާ މުޖުތަމައުތަކެއްގައި ވެސް، މުޅި މުޖުތަމައަކީ ހިމާރުންގެ ބައިގަނޑެއް ކަމަށް ދެކިގެން، ތިމާގެ އަމިއްލަ މަސްލަހަތަށްޓަކައި، މުޅި މުޖުތަމައު ގުރުބާންކޮށް، ސިންގާ ހެދިގެން އުޅޭ ހިމާރު ރަސްކަލުން އުޅެއެވެ! މިކަމަށް ސަމާލުނުވެ، މުޖުތަމައުގެ ހިމާރު ރަސްކަލުން ބޭނުން ގޮތަކަށް ކަންތައް ކުރުމަށް މުޖުތަމައުގެ ލަގަން ދޫކޮށްލައިފި ނަމަ، ހިމާރު ރަސްކަލުންގެ ބާރު ދެމެހެއްޓުމަށްޓަކައި، ހިމާރު ރަސްކަލުންގެ ސިންގާ ބައިގަނޑަށް މުޅި މުޖުތަމައު އެއްކޮށް ކާންދީ މުޖުތަމައުގެ ދުވަސް ދުއްވާލަފާނެއެވެ!