Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

އަލިފާންގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް ހަރުފައެއް މީހަކަށް ފެނުނެވެ. ދެން، އެ ހަރުފަ ނެގޭތޯ އެ މީހާ މަސައްކަތްކުރިއެވެ. ނަމަވެސް، އޭނާގެ އަތުގައި ދައިގަނެ ވިހަލެވޭތޯ ހަރުފަ އުޅުމުން މިކަމެއް ނުވިއެވެ.

ދެން، ދުރަށް ޖެހިލައިފައި ދަނޑިކޮޅެއް ހިފައިގެން އައިސް އަލިފާންގަނޑުން ހަރުފަ ނަގައި އޭތި ސަލާމަތް ކުރިއެވެ. ދެންވެސް، ހަރުފަ މަސައްކަތްކުރީ އެމީހާ ގަޔަށް ވިހަލެވޭތޯއެވެ.

މި މަންޒަރު ބަލަހައްޓައިގެން ހުރި އެހެން މީހަކު، ހަރުފަ ސަލާމަތްކުރި މީހާއާ މުޚާތަބުކޮށް ބުންނެވެ. "ކަލޭ ގައިގައި ދައިގަނެ ކަލޭ ގަޔަށް ވިހަލާ އުޅުމުން ވެސް ހަރުފަ ސަލާމަތްކުރަން ކަލޭ އުޅުނީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި އޭނާ ބުންޏެވެ. "ހަރުފައިގެ ތަބީއަތަކީ އެއެވެ. ދައިގަނެ ވިހަލުމެވެ. އަހަރެންގެ ތަބީއަތަކީ ހަމްދަރުދީވެ، އެހީވުމެވެ. މީހެއްގެ ތަބީއަތް ފެނުމުން، ތިމާގެ އަމިއްލަ ތަބީއަތް ބަދަލުކުރާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟"

މި ތަސްވީރުން ލިބިދޭ ދަރުސަކީ، ފިލާވަޅަކީ ކޮބައިހެއްޔެވެ؟ މީހަކު އުނދަގޫކޮށް، ދޯކާއެއް، ލަނޑެއް ދޭން އުޅުމުން، ކަލޭގެ ތަބީއަތާއި އިންސާނިއްޔަތުކަން، ބަދަލުކުރަން ނުޖެހޭ ކަމެވެ! ތަސްވީރު ބުނެދެނީ ރައްކާތެރިވެ ހުރެ، ދޯކާގެ ބަދަލުގައި އަބަދުވެސް އިހުސާންތެރިވުމަށެވެ. ކީރިތި ގުރުއާނުގައި ادفع بالتي هي أحسن، މިއާޔަތުގައި ބުނެފައި އޮންނަ ފަދައިންނެވެ. މި އާޔަތުގެ މާނައިގެ މުރާދަކީ ތިމާއާ މެދު، އެހެން މީހަކު ނުބައިކޮށް މުއާމަލާތް ކުރުމުން ވެސް، އޭގެ ބަދަލުގައި، އެމީހަކާ ދޭތެރޭ ރަނގަޅު، ހެޔޮ، ގޮތުގައި މުއާމަލާތް ކުރާށެވެ! މިފަދައިން ކަންތައް ކުރުމުގެ ނަތީޖާއަކަށް ވާނީ، އެ އާޔުތުގެ އަނެއްބައިގައި ބަޔާންކޮށްދެވިފައިވާ ގޮތުން، ދެމީހުންގެ ދެމެދުގައި އޮތް ނުރުހުމާއި ހަތުރުވެރިކަން، ރުހުމާއި މިތުރުވެރިކަމަށް ބަދަލުވެގެން ދިޔުމެވެ!

އާދެ، އެހެންވެ، ހަރުފައަކަށް ނުވާށެވެ! އިންސާނިއްޔަތުކަން ހުރި އިންސާނަކަށް ވާށެވެ!

(މި މާނައިގެ މައްޗަށް ހެދިފައިވާ ދެ ލަވައެއް)