Support Us

މިނިސްޓަރ އަމީން: ކޮވިޑްގެ ހާލަތު ރަނގަޅުވުމާއި ގޯސްވުން އޮތީ އާއްމުންގެ އަތްމަތީގައި

ދުސްތޫރީ ނަޒަރަކުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު

ޑިސެންބަރު 2019 ގައި ޗައިނާގައި ފެތުރެންފެށި ކޮރޯނާ ވައިރަސް (covid-19) ގެ ޢާލަމީ ވަބާ ނުވަތަ ބަލިމަޑުކަން ދިވެހިރާއްޖޭގައި ފެތުރެންފެށުމާއެކު، އޭގެ ނުރައްކަލުން ދިވެހި ރައްޔިތުންނާއި މުޅި މުޖުތަމަޢު ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ މާއްދާގެ (ށ) ގެ ދަށުން ރާއްޖޭގެ ވަކި ސަރަޙައްދުތަކެއްގައި "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ޞިއްޙަތާބެހޭ ވަޒީރު ޢިޢުލާންކުރިއެވެ. އަދި އެއާ ވިދިގެން، ގެއިން ބޭރަށް ނުކުމެ އުޅުމާއި، އެއްވެ އުޅުމާއި، ދަތުރުފަތުރު ކުރުން ފަދަ އަސާސީ އެތައް ޙައްޤުތަކަކުން ދިވެހި ރައްޔިތުން މަޙުރޫމްވެގެން ދިޔައެވެ. މިއާއެކު، ޤާނޫނީ ވަކީލުންނާއި، އެނޫންވެސް ދިރާސާކުރާ ބައެއް ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ސުވާލަކީ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އިޢުލާންކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ތަފާތު ޙާލަތެއް ތޯ ނުވަތަ ނޫންތޯ މި ސުއާލެވެ. ޕަބްލިކް ލޯ އާއި ދުސްތޫރީ ޠަބީޢަތުގެ މައްސަލަތައް ދިރާސާކުރާ މީހެއްގެ ޙައްޘިއްޔަތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާންމު އުޞޫލުތަކުގެ އަލީގައި އިސްވެދިޔަ ސުވާލުގެ މައްޗަށް ކުރުގޮތަކަށް ނަމަވެސް ނަޒަރު ހިންގާލުމަކީ މުހިއްމުކަމެއްގައި ދެކެމެވެ.

ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަކީ ދައުލަތުގެ އަދި ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ވ) ގެ ދަށުން ޙަވާލުކޮށްފައިވާ ބާރެކެވެ.

ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޤުދުރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައި ވެއެވެ. މިމާއްދާގެ ޞަރީޙަ ޢިބާރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު ޢިޢުލާންކުރެވޭނެ ޙާލަތްތަކާއި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ އިޚްތިޞާޞް ސީދާ ލިބިގެންވާ ފަރާތަކީ ކޮބައިކަން ސާފުކޮށް އެނގެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ޢާންމު ބާރުތަކުގެ ތެރެއިން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާބެހޭ ކަންކަން ތަންޡީމުކުރުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް އެއީ މުޠުލަޤު ބާރެއް ނޫނެވެ. އެ ބާރަކީ "ދުސްތޫރިއްޔަތު" ނުވަތަ "ކޮންސްޓިޓިއުޝަނަލިޓީ" ގެ އުޞޫލުތަކުން ޤައިދުކުރެވިގެންވާ ބާރެކެވެ. މިކަން އެއްވެސް އޮޅުމެއްނެތް މިންވަރަށް ސާފުކޮށް ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައި ވެއެވެ.

އެ މާއްދާގައި ބަޔާންވެގެންވަނީ "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ"، މިފަދައިންނެވެ.އެހެންކަމުން ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އިޢިލާންކުރެވޭ ކުއްލި ނުރައްކަލުގެ ޙާލާތުވެސް ތަންޡީމުކުރެވިފައި އޮންނާންވާނީ ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭ ޢާންމު އުޞޫލުތަކާ ތަޢާރުޟު ނުވާނޭ ގޮތެއްގެ މަތިންނެވެ.

މިގޮތުން ބަލާއިރު، ޤާނޫނުއަސާސީގެ އިސްވެ އިޝާރާތްކުރެވުނު 253 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ލިބިދޭ ސަބަބުތައް ބަޔާންކޮށްފައިވަނީ "ޙަޞްރު" "exhaustive" ކޮށް ކަމުގައިވާއިރު، ޤާނޫނަކުން ކަނޑައެޅޭ އެނޫން ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް އެއްވެސް ސިފައެއްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުން ޞައްޙަ ނުވާނެކަމީ ދުސްތޫރީގޮތުން ދެބަސް ވެވޭނެކަމެއް ނޫނެވެ. އެހެންކަމުގައި ވާނަމަ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގައި ބުނެފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުން ދުސްތޫރީގޮތުން ޞައްޙަވާނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ބަލިމަޑުކަމުގެ މަފްހޫމަށް ފެތޭ ސަބަބެއް ކުރިމަތިވެގެންކަމުގައި ވާއިރު، އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މިފަހުން ޢިޢުލާންކުރެވުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ  ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވާ ފަދަ ބަލިމަޑުކަމެއް ވާޤިޢީގޮތުން ކުރިމަތިވެގެން އިޢުލާންކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތެއްކަމުގައި ވާއިރު، އެއީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތާ ތަފާތު ޙާލަތެއް ކަމަށް ދުސްތޫރީގޮތުން ބަލާނެ ޖާގައެއް ނެތެވެ. އެހެނީ، ކުއްލި ނުރައްކަލުގެ ޙާލަތު ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ތަންޡީމުކުރެވިފައި ވީނަމަވެސް، މިޒަމާނުގެ އެންމެހައި ޤާނޫނީ ނިޒާމްތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އޭގެ ދަށުން އަޅާ އިސްތިޘްނާއީ ފިޔަވަޅުތަކުގެ ޝަރްޢިއްޔަތު ނުވަތަ "ލެޖިޓިމެސީ" ބިނާވެގެންވާ ޤާނޫނީ އަސާސަކީ "ސުޕްރާ ކޮންސްޓިޓިއުޝަނަލް ޕްރިންސިޕަލް" (supra constitutional principle) އެއްކަމުގައިވާ "ނަޡަރިއްޔަތުއް ޟަރޫރާ" ނުވަތަ "ޑޮކްޓްރްރީން އޮފް ނެސެސިޓީ" އެވެ. އިސްލާމީ ޝަރީޢަތުގަޔާއި ވަޟްޢީ ޤާނޫނުތަކުގައި މި ނަޡަރިއްޔާ އޭގެ މައްޗަށް ބިނާވެގެންވާ އުޞޫލީ ޤާޢިދާއަކީ "الضَّرُورَاتُ تُبِيحُ المَحُظُورَات" (necessitas facit licitum quod alias non est licitum) މި ޤާޢިދާއެވެ.

މި ޤާޢިދާގެ މަފްހޫމަކީ އާދައިގެ ޙާލަތުގައި ކޮށްފިނަމަ މަޝްރޫޢިއްޔަތުކަން ލިބިގެންނުވާ ޢަމަލަކަށް "ޟަރޫރާ" ނުވަތަ "ނެސެސިޓީ"ގެ ޙާލަތުގައި މަޝްރޫޢިއްޔަތުކަން ލިބިގެންވުމެވެ. ބަޔާންވެދިޔަ އަސާސްގެ މައްޗަށް ބިނާކޮށް، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާފަދަ ސަބަބެއް ކުރިމަތިވެގެން ދައުލަތާއި ރައްޔިތުންގެ އަސާސީ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތް ކުރުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް އޭގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރައްޔިތުންގެ ބައެއް އަސާސީ ޙައްޤުތަކާއި މިނިވަންކަން ވަޤުތީގޮތުން ހިފެހެއްޓުމާއި، އާދައިގެ ޙާލަތުގައި ޢަމަލުކުރާ ބައެއް ޤާނޫނުތަކަށް ޢަމަލުކުރުން ވަޤުތީގޮތުން ހުއްޓާލުން ހިމެނިގެންވެއެވެ. މިކަން ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޢިޢުލާންކުރެވުނު އިޝާރާތްކުރެވުނު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރައްޔިތުންގެ ބައެއް އަސާސީ ޙައްޤުތައް ވަޤުތީގޮތުން ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން އާދައިގެ ޙާލަތުގައި ތަޠްބީޤުކުރެވޭ ބައެއް ޤާނޫނީ ޤާޢިދާތަކަށް ޢަމަލުކުރުން ވަޤުތީގޮތުން ނަމަވެސް ހުއްޓުމަކަށް އައެވެ.

އިސްވެ އިޝާރާތްކުރެވުނު ކަންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެނީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭ އަސާސީ އުޞޫލުތައް ޤާނޫނުއަސާސީގައި އެކަށައަޅައިފައި ވަނިކޮށް، ކުއްލި ނުރައްކަލުގެ ޙާލަތު ތަންޡީމުކުރާ ޢާންމު ޤާނޫނަކުން، ނުވަތަ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ފަދަ ޚާއްޞަ ޤާނޫނަކުން ވިއަސް ކުއްލި ނުރައްކަލުގެ ޙާލަތު ތަންޡީމުކުރުމަކީ އޭގެ ޒާތުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދުސްތޫރީ ޠަބީޢަތު ނަފީވެގެންދާނޭ ކަމެއް ނޫންކަމެވެ. އެހެންކަމުން، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި ބުނެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ތަންޡީމުކުރެވިފައި އޮންނާންވާނީ ކުރިންވެސް އިޝާރާތްކުރި ފަދައިން ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭ އަސާސީ އުޞޫލުތަކާ ތަޢާރުޟު ނުވާނޭ ގޮތެއްގެ މަތިންނެވެ. މިގޮތުން، ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ ނައްޞުތަކުގެ އަލީގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 6 ވަނަ ބައިގައި ކުއްލި ނުރައްކަލުގެ ޙާލަތު ތަންޡީމުކޮށްފައިވާ ގޮތުގެ މައްޗަށް ނަޒަރުކުރާއިރު އަސާސީ ތިން ކަމެއް ފާހަގަކުރެވެއެވެ.

(ހ) ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ)ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލާތު އިޢުލާން ކުރުމުގެ އިޚްތިޞާޞް ޞިއްޙަތާބެހޭ ވަޒީރަށް ދީފައިވުމެވެ. ޤާނޫނުއަސާސީގެ 115 (ވ) އާއި، 253 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމުގައި ބަޔާންކޮށްފައިވާއިރު، ޞިއްޙަތާބެހޭ ވަޒީރަށް އެ ބާރު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ދިނުމަކީ ޙަޤީޤަތުގައި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ "ކޮންސްޓިޓިއުޝަނަލިޓީ"ގެ އުޞޫލާ ޚިލާފަށް ދެވޭ ބާރަކަށް މެނުވީ ނުވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އިޢުލާންކުރެވޭ ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ޙާލަތާ ތަފާތު ޙާލަތެއް ކަމުގެ ޙަޤީޤަތާ ޚިލާފު ތަޞައްވުރެއް އުފެދި، ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ އަސާސީ އުޞޫލުތަކާއި، ގެރެންޓީތަކަށް ފުރިހަމަޔަށް ރިޢާޔަތް ކުރެވުމަކާ ނުލައި ބުނެވުނު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި، ކުއްލި ނުރައްކަލުގެ ޙާލަތާ ބެހޭ އުޞޫލުތައް ތަންޡީމުކުރެވިފައި ވެއެވެ.

(ށ) ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގެ ދަށުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރައްޔިތުންގެ އަސާސީ އެތައް ޙައްޤުތަކެއް ވަޤުތީގޮތުން ހިފެހެއްޓުމާއި، ބައެއް ޤާނޫނުތަކަށް ޢަމަލުކުރުން ވަޤުތީ ގޮތުން ހިފެހެއްޓުން ހިމެނިގެންވާއިރު، އޭގެ ޚުޠޫރަތްތެރި ކަމަށްޓަކައި، ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އެންމެ އަސާސީ އެއް ދުސްތޫރީ ގެރެންޓީއަކީ، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ނެރޭ ޤަރާރުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ "ރަޤާބާ" (oversight) ޤާނޫނުއަސާސީގެ 257 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އޮތުމެވެ.

އެހެންނަމަވެސް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އިޢުލާންކުރާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މައްޗަށް ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހަށް "ރަޤާބާ" ނުކުރެވޭނަމަ، އެ ޤާނޫނުގެ ދަށުން އިޢުލާންކުރެވޭ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން އެޅޭ ފިޔަވަޅުތަކަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ޙުދޫދުގެ ތެރޭގައި އެޅިފައިވާ ފިޔަވަޅުތަކެއްކަން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރުން މެދުވެރިކޮށް، ކަށަވަރުކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ގެއްލިގެންދާނެކަން ކަށަވަރެވެ.

(ނ) ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ކުއްލި ނުރައްކަލުގެ ޙާލަތުގެ އިޢުލާންކުރާ ޤަރާރާ ގުޅިގެން، އަދި އެ ޤަރާރުގެ ދަށުން އަޅާ ފިޔަވަޅުތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކަކީ ޢާންމުގޮތެއްގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި ޢާންމު މަޞްލަޙަތާ ގުޅިފައިވާ އަވަސް ޠަބީޢަތުގެ ޚުޞޫމަތްތަކަކަށް ވާތީ، ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަނުގެ އުޞޫލުތަކަށް ރިޢާޔަތްކޮށް، ކޯޓް މަރްޙަލާގައި އެފަދަ މައްސަލަތައް ދިގުލައިގެން ނުގޮސް ނިހާއީ ޙުކުމަކުން އެފަދަ ޚުޞޫމަތްތަކަށް އަވަސް ޙައްލު ލިބިގެންދިއުމުގެ ޟަރޫރަތްތެރިކަމަށް ރިޢާޔަތްކޮށް އެފަދަ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން ދީފައިވަނީ ޢަދްލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ މަތީގައިވާ ސުޕްރީމް ކޯޓަށެވެ.

ނަމަވެސް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަޅާ ފިޔަވަޅުތަކުގެ ޞައްޙަކަމާ މެދު އުފެދޭ ޚުޞޫމަތްތަކާމެދު؛ މި ސާލެއްގެ ގޮތުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ 255 ވަނަ (ށ) ގައި ޙަވާލާދީފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިފައިވާނަމަ އެއާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކާއި، ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާ ފިޔަވަޅުތަކުގެ "ޕްރޮޕޯރޝަނަލިޓީ" (proportionality) އާ ގުޅިގެން ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފަހައްޓަންޖެހުނު ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވަނީ އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަން ޖެހޭ މިންވަރަށް ކަމާމެދު އުފެދޭ ޚުޞޫމަތްތަކާއި، އެ ނޫންވެސް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް، ބުނެވުނު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި ޞަރީޙަކޮށް ބަޔާންކޮށްފައި ނެތުމުގެ ސަބަބުން އެފަދަ މައްސަލަތަކުގައި ގޮތެއް ކަނޑައަޅާ ކޯޓަކީ މިސާލަކަށް ސިވިލް ކޯޓަށް ވެގެން ދިއުމަކީ ޤާނޫނުއަސާސީގެ 258 ވަނަ މާއްދާއާ ޚިލާފަށް ކުރެވޭ ކަމަކަށް މެނުވީ ނުވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެނީ ކޮރޯނާ ވައިރަސް (covid-19) ގެ ޢާލަމީ ވަބާ ނުވަތަ ބަލިމަޑުކަން ދިވެހިރާއްޖޭގައި ފެތުރެންފެށުމާއެކު، ޤާނޫނު ނަންބަރު: 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)ގެ ދަށުން އިޢުލާންކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާ ތަފާތު ޙާލަތެއް ނޫންކަމެވެ. އެހެންކަމުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ޤާނޫނު ނަންބަރު: 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ހުށަހެޅިފައިވާ މި ދަނޑިވަޅުގައި، އޭގެ އިތުރުން، ބުނެވުނު ޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އަދި އެ ޤާނޫނުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރާ ގުޅިގެން އުފެދޭ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅައި އެ ޤާނޫނަށް އިޞްލާޙު ގެނައުމަކީ ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ "ކޮންސްޓިޓިއުޝަނަލިޓީ" ގެ އުޞޫލަށް ރިޢާޔަތްކޮށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *