Support Us

ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމަށްފަހު ފުރަތަމަ އެރީ މިސްކިތަށް

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެރޭ ބޮން ގޮއްވާލި މީހާ، ބޮން ގޮއްވާލުމަށްފަހު ދުވަމުން، ހިނގަމުން ގޮސް އެންމެ ފުރަތަމަ އެރީ މިސްކިތަށް ކަމަށް ފުލުހުން ބުނެފިއެވެ.

ބޮން ގޮއްވާލި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 25، ފުލުހުން ވަނީ ހުޅުމާލޭގައި އޭނާ އުޅޭ ފްލެޓުން، ރޭ ފަތިހު 4.25ގައި ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ރިމޯޓެއް ބޭނުންކޮށްގެން އޭނާ ބޮން ގޮއްވާލައިފައި ވަނީ ރައީސް ނަޝީދު ކާރުކޮޅަށް އަރައިވަޑައިގަންނަވާތަން ބަލަން، މަޖީދީމަގުގައި ހުންނަ އަތަމާ ޕެލަސްގެ ތިރީގައި ހުރެގެން ކަމަށެވެ. އަދި ބޮން ގޮއްވާލުމަށްފަހު ދުވަމުން ގޮސް، ޗާންދަނީމަގު ކޮޅުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް އެރި ކަމަށާއި، ގިނަ އިރެއްނުވެ މިސްކިތުން ފައިބައިގެން ގޮސް، އަމީނީ ބިލްޑިންގެ ކުރިމަތީގައި އޮންނަ ޕާކަށް ދިޔަ ކަމަށާއި، މައްސަލައިގައި އިއްޔެ ހައްޔަރުކުރި މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، އެތަނުގައި އޭރު ހުރި ކަމަށެވެ. އަދި އެ ދެ މީހުން އެކުގައި މާލެތެރޭގައި އުޅުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދުހަމް އަތުލައިގަތީ ފުލުހުންނަށް އާންމުންގެ މީހަކު ދިން މައުލޫމާތެއްގެ މައްޗަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ އެ ފަރާތާ ވަކިން ބައްދަލުކޮށް ޝުކުރު އަދާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދުހަމް ހައްޔަރުކުރިއިރު އޭނާ ވަނީ، މީހާގެ ސިފަ ބަދަލުކުރަން ތުނބުޅި ބާލައި، ބޯކޮށައިފައި ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެކަމަށް ބޭނުންކުރި ސާމާނުވެސް އޭނާ އުޅުނު ފްލެޓް ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބޮން ގޮއްވުމުގެ އޮޕަރޭޝަން ހިންގުމަށް އެ މީހުން ބޭނުންކުރި ފޯނާއި ސިމްތަކުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި، ދާދި ފަހުން ގަނެފައިވާ އެ ސިމްތަކުން އެ މީހުން އެމީހުންނާ ވާހަކަ ދައްކައިފައިވާ ކަމަށާއި އަދި އެންމެ ފަހުން ގުޅާފައިވާ އެހެން ފަރާތްތަކުގެ މައުލޫމާތު ދެނެގަންނަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އަދުހަމާއި މުޖާޒުގެ އިތުރުން ދެން ހައްޔަރުކޮށްފައި ވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، އެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މީހުން ބޮން ގޮއްވާލި ބޭނުމާއި އެކަމުގެ ފަހަތުގައި ދެން ތިބި މީހުންގެ ތަފްސީލް އެނގޭނީ ތަހުގީގު ކުރިއަށް ދާވަރަކުން ކަމުގައި ފުލުހުން ބުންޏެވެ.

.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4221
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް