Support Us

ތަރައްގީ ހުއްޓުވުމުގެ ބާރު އޮތީ ވެސް ރައްޔިތުންގެ އަތުގައި، ސަރުކާރަށް މެޖޯރިޓީ ނުލިބޭނަމަ ތަރައްގީއަށް ހުރަސްއަޅާނެ: ރައީސް

ރާއްޖޭގެ ތަަރައްގީއަށް ސަރުކާރުން ކުރަން ނިންމައިފައިވާ މަސައްކަތްތައް ހުއްޓުވުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެނަމަ ތަރައްގީއަށް ހުރަސްއަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ފ. ނިލަންދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ކުރެވޭނީ ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައިގެން، ދުރުރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީ ހަމަހަމަކަމާ އެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެނެސްދީގެން ކަމަށް ރިޔާސީ މެނިފެސްޓޯގައި ކަނޑައަޅައި ރައްޔިތުންނަށް ހުށަހެޅުމުން އެކަން ރައްޔިތުން ބަލައިގެންފައިވާއިރު އެ ޕްލޭނާ އެގޮތަށް ކުރިއަށްދާން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މާސްޓާ ޕްލޭންގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު އެ މާސްޓާ ޕްލޭން ހިމާޔަތް ކުރުމަށް މަޖިލީހުން ގާނޫނެއް ހެދުމަށް ނިންމަވައިފައިވާ ކަމަށެވެ. އަދި ރައްޔިތުން މިކަމަށް އެއްބާރުލުން ދީފި ނަމަ އެ ގާނޫނު ހެދިގެން އަންނާނެ ކަަމަށް ވިދާޅުވި އެވެ.

ތަރައްގީގެ މާސްޓާ ޕްލޭންގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރާއިރު އޭގެ ތެރެއިން އެއް އާބަން ސެންޓަރަކީ ނިލަންދޫ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިލަންދޫއަކީ އެ އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާ ފަދަ އާބަން ސެންޓަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

"މިކަމަށް ހުރަސް އެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި. މިއީ ސިޔާސީ ވާހަަކައެއް ނޫން. މި އަތޮޅުގެ ދާއިރާތަަކުގެ މަޖިލީސް ގޮނޑިތަކަށް ހޮވައިދޭ ބޭފުޅުންނަކީ މިކަމަށް، އަޅުގަނޑަށް 100 ޕަސެންޓް އެއްބާރުލުން ދޭނެ ބޭފުޅުންނަށް ރައްޔިތުން ނަހައްދަވައިފިއްޔާ ހަަމަ ހުރަސް އެޅުވޭނެ، އެޅޭނެެ، އަޅާނެ. މިދިޔަ ހަތަރު މަސް ދުވަހު މިކަން ނޫންތޯ ފެނުނީ މަޖިލީސް ތެރެއިން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ނިލަންދޫގެ ދާއިރާގެ ތަރައްގީއަށް ރައްޔިތުން ވިސްނައި، ރައްޔިތުންނަށްޓަކައި ދޭ އެއްބާރުލުމެއްގެ ގޮތުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ތަރައްގީގެ ދުވެލީގައި ބާރު ސްޕީޑުގައި ދިއުމަށް ރައްޔިތުން ކަމަރު ބަނދެލުމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންްނާ އެކު ވަޑައިގަތުމަށް އެންމެ ކުރީގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން އެއް ވިސްނުުމަކަށް ވަޑައިގެން މި ތަރައްގީގެ މަސައްކަތަށް… އެންމެން އެކުގައި ނިކުމެގެން… މިކަން ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި ނުކުމެވަޑައިގެންނަވާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިލަންދޫއެކޭ އެއްފަދައިން އެހެން ބައެއް ރަށްރަށުގެ ވެސް، ސަރުކާރާ ހަވާލުވިއިރު މަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށާއި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް މިހާރު ފަށައިފައިވާ ކަަމަށެވެ. އެގޮތުން ނިލަންދޫގެ ނަރުދަމާ އާއި މަގު ހެދުމާއި ސިއްހީ ހިދުމަތްތައް ރަނގަޅު ކުުރުމާއި މިފަދަ އެތައް ކަމެއް ކުރަން އެބަހުރި ކަމަށާއި ނިލަންދޫގެ ތަރަައްގީގެ މަސައްކަތްތައް ކުރިއަށްދާނީ އާބަން ސެންޓަރެއްގައި ހުންނަން ޖެހޭ ވަރަށް ކަންކަން ފުރިހަމަކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

މި ކަންކަން ކުރެވޭނީ ވެސް މަޖިލީހުން ފާސްކުރާ ބަޖެޓެއްގެ މައްޗަށް ކަމަށާއި މަޖިލީހާ ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްދީފައިވަނީ ނަމެއްގައި މަޝްރޫއުތައް ހިމަނައިގެން ކަމަށާއި ސަރުކާރަށް އެއްބާރުލުން ދޭ މަޖިލީހެއް އޮވެއްޖެ ނަމަ ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ވަރަށް ބަޖެޓް ފާސްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ވިސްނުމުގައި މުޅި ރާއްޖޭގެ ރައްޔިތުން ކުރިއަށްދާ ނަމަ، އަދި ޔަގީން އަޅުގަނޑަށް ކުރިއަށް ރައްޔިތުން ވަޑައިގެންނަވާނެކަން، ކުރިއަށްދާ ކަމުގައިވާނަމަ ފެނިގެންދާނީ ވަރަށް ބާރު ސްޕީޑުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީ ހާސިލް ވެގެންދާތަން. އެ ޔަގީންކަން ރައްޔިތުންނަށް އަޅުގަނޑު މިދެނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ނިލަންދޫގައި ފެށި، އެއާޕޯޓްގެ މަޝްރޫއުގެ އިތުރުން އެ ރަށު ފަޅުތެރޭގައި ދެ ރިސޯޓް ހަދައި ސިޓީ ހޮޓަލެއް ގާއިމްކުރަން ނިންމައކފައިވާ، މި ޕްލޭނާ އެކު ގިނަ މަސައްކަތްތަކެއްް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވާއިރު ސަރުކާރަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ސަރުކާރެއް ހިންގަންޏާ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށާއި ކޮންމެ ސިޔާސީ ވިސްނުމެއްގައި، ކޮންމެ މަގާމެއްގައި ހުރި މީހަކަށް ވެސް އެ މީހަކަށް ދޭންޖެހޭ ހިދުމަތެއް ދިނުމުގައި މި ސަރުކާރުން އެކަމަކަށް ނުބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ގައުމަށް ހަމަޖެހުން ގާއިމްކުރުމަށް ބަދަލު ހިފުމުގެ ރޫހު މި ގައުމުން ނައްތާލަންޖެހޭ ކަމަށާއި އެކަމުގެ ތެެރެއަށް އަލުން ދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރައްޔިތުން މިއަދު ވިސްނަންވީ އެންމެން ހަމަޖެހިގެން އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު ގައުމައިގެން ކުރިއަށް ދިއުމަށް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *