Support Us

މާލެއެކޭ އެއް ފެންވަރަށް ނޫނީ އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައިވާ ސިޓީއަކަށް އައްޑޫ ސިޓީ ހަދަން ބޭނުން: ރައީސް

އައްްޑޫ ސިޓީއަކީ މާލެއެކޭ އެއް ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައިވާ ސިޓީއަކަށް ހައްދަަވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެންޕެއިންގައި ރޭ އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެތައް ސަތޭކަ ސަޕޯޓަރުންނާއެކު އައްޑޫ ހައިސްކޫލްގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ މާލޭގައި ކުރިއަށް ގެންދާ ތަރައްގީގެ ހުރިހައި މަސައްކަތްތަކެއް އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންދަވަން ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މާލޭގައި ކުރިއަށްގެންދާ ހުރިހާ މަސައްކަތެއް، މާލެއާ އެއް ފެންވަރުގައި ހުރިހާ ކަމެއް ވެސް، ސިއްހީ ނިޒާމު ވެސް، ގެދޮރުވެރިކަން ވެސް، ހަގީގަތުގައި ގެދޮރުވެރިކަން އެއީީ އެންމެ ބޮޑު މައްސަލަ މުޅި ރާއްްޖޭގައި ވެސް މާލެއާ އެއް ފެންވަރަކަށް އަދި އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައި އޮންނަ ތަނަކަށް މި ސިޓީ (އައްޑޫސިޓީ) ހަދައިދިނުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލްވާނީ، ގްރޭޓާ މާލޭ އޭރިއާއާ އެއް ފެންވަރަކަށް ދެކުނުގެ ހަތަރު އަތޮޅު އެއް އަތޮޅު އަނެއް އަތޮޅުން ގުޅިލާމެހޭ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަަރައްގީކޮށްގެން ކަމަށެވެ. އަދި އުތުރުގެ ހަތަރު އަތޮޅެއް އެގޮތަށް ތަރައްގީކުރެވި، މެދު ރާއްޖެތެރޭގެ ހަތް ސަރަަހައްދެއް އެ ފެންވަރަށް ވަކި ރަށްތަކެއްގެ ގޮތެއްގައި ތަރައްގީކޮށްގެން ކަމަށެވެ.

"މިކަހަލަ ކޮންސެޕްޓަކަށް ނުގޮހެއް ދުރު ރާސްތާއަކަށް ހުރިހާ ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރުގެ ފެންވަރުގެ އެންމެ މަތީ ހިދުމަތް… ދެމެހެއްޓެނިވި ގޮތަކަށް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގެ ވިސްނުމަކީ 1980 ގެ އަހަރު ތަކުން ފެށިގެން ސަރުކާރުތަކުން ކޮށްފައިވާ ދިރާސާތަކެއް ކަމަށާއި ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެނެވިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ކުރުމަށް ނިންމައި ރައްޔިތުންނަށް ހުށަހެޅުއްވުމުން ރައްޔިތުން އެކަން ބަލައިގަނެ އެމަނިކުފާނާ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ދެކުނުގެ މައި ހަބަކީ އައްޑޫ ސިޓީ ކަމުގައި ކަނޑައަޅާފައިވާއިރު އައްޑޫ ސިޓީގެ ތަރައްގީގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ކުރެވޭނީ ރައްޔިތުން މި ސަރުކާރަށް ދެމުން އަންނަ އެއްބާރުލުން ދީގެން ކަމަށާއި އެ އެއްބާރުލުން މި މަހު 21ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް ދޭނެ ކަމަށް ފުރިހަމައަށް ޔަގީން ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ބޮޑުތި މަޝްރޫއުތައް ދައުރުގެ ކުރީކޮޅުގައި ނުފަށާނެ ކަމަށާއި އެކަމުގެ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނު ބޭނުންފުޅުވީ އެކަން ބަދަލުކޮށް، ދައުރުގެ ކުރީކޮޅު މަސައްކަތްތައް ފަށަން ކަމަށް ރައީސް ވިދާޅުވިއެވެ.

"ފަސް އަހަރުގެ ދައުރެއް ރައްޔިތުން ހަވާލުކޮށްފައި މި އޮންނަނީ. އެ ފަސް އަހަރުގެ ދައުރު ނިމެން ގާތްވީމާ ދެން އުޅެން ފެށީމަ އެއީ އިހުލާސްތެރިކަމެއް ނޫން. އަޅުގަނޑު ދެންނެވިން ރައްޔިތުންގެ ގާތުގައި އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ވެރިކަމަކީ އަމާނާތެކޭ. ބޮޑު ޒިންމާއެކޭ، ވަރުގަދަ މަސްއޫލިއްޔަތެކޭ، އަޅުގަނޑު… ރައްޔިތުންނާ މުހާތަބުކޮށް ދައްކާ ވާހަކައަކީ ވެސް ތެދުވެރިކަމާއި މި އަމާނާތްތެރިކަމާއި ޒިންމާދާރުކަމާ އެކީގައި އެކަމެއް ހަގީގަތަކަށް ހެދުމަށް ނިޔަތުގައި ދައްކާ ވާހަކައެއް. އެހެންވެ ބޭނުންވަނީ ފުރަތަމަ ދުވަހު މަސައްކަތް ފަށާށޭ، އެގޮތަށް މަސައްކަތް ފެށީ،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި ހިތަދޫ- ހުޅުމީދޫ ބްރިޖްގެ މަސައްކަތް ހަފުތާ 14ގެ ތެރޭގައި ހިމަނައިގެން ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު އެ މަސައްކަތުގެ ތެރެއިން ކަނޑުއަޑީގެ ސާވޭތައް ނިމި ތިންބައިކުޅަ އެއްބައިގެ ޑިޒައިނިންގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި ދައުރު ނިމުމުގެ ކުރިން އެ ބްރިޖްގެ މަސައްކަތް ނިންމަން ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން މި ދައުރު ނިމުމުގެ ކުރިން މި ބްރިޖް ނިންމަން. 2028 އައިމަ ކުރާ ކަމަކަށް ބާއްވާކަށް ބޭނުމެއް ނޫން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ކިތަންމެ ބޭނުންވިޔަސް އެ މަސައްކަތް ވެސް މަޖިލީހަށް ހުއްޓުވިދާނެ ކަމަށާއި މިދިޔަ ހަތަރު މަސް ދުވަހު ދިޔަ ގޮތަށް ދާ މަޖިލީހެއް އަލުން އަތުވެއްޖެ ނަމަ އެ ބްރިޖްގެ މަސައްކަތް ވެސް ހުއްޓުވިދާނެ ކަމަށެވެ. އަދި އެ ފުރުސަތު ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ނުދިނުމަށް ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެ މަނިކުފާނަށް އެއްބާރުލުން ދެއްވައިފިނަމަ "ރަނުންރަނަށް" ހުރިހާ ވައުދެއް ފުއްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ކުރަން ނިންމައިފައިވާ ކަންކަމުގެ ތެރޭގައި އެއާޕޯޓްގެ މަސައްކަތް ވެސް ކުރިއަށްދާނީ މި ސަރުކާރުން ވައުދުވެފައިވާ ގޮތަށް އެންމެ ފުރިހަމަ އިންޓަނޭޝަނަލް އެެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު ވެސް އެ މަސައްކަތް ފަށައި، ހައިސީޒަން އަންނަން ވާއިރަށް ޑައިރެކްޓް ފްލައިޓްތައް އައްޑޫ ސިޓީއަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ޓޫރިސްޓުން އައްޑޫ ސިޓީއަށް އަންނަ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އައްސޭރި ޓޫރިޒަމްގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށްދާއިރު އައްޑޫ ހަންކެނޑަ މަޝްރޫއުގެ އަމަލީ މަސައްކަތް އޮތީ ފެށޭ ހިސާބުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ހިތަދޫ- ހުޅުމީދޫ ބްރިޖް އެޅިގެން ދިޔައީމާ އައްޑޫ ސިޓީއަށް ވަރަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށާއި ބްރިޖަކީ ތަރައްގީގެ ފާލަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ބްރިޖަކީ އެއާޕޯޓް ޑިވެލޮޕްމަންޓާއި ޓޫރިޒަމާ ގުޅިލާމެހިފައިވާ ބްރިޖެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މިއީ ބަދަލަކަށް ވޯޓް ދޭންވީ ފަހަރު ކަމަށާއި ކޮންމެ ޕާޓީއެއްގައި ހުއްޓަސް އައްޑޫގެ ތަރައްގީ ހަގީގަތަކަށް ހެދުމަށްޓަކައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ހޮވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވުމަށްޓަކައި ބޭކާރުކޮށްލާނެ އެންމެ މިނިޓެއް ވެސް ނެތް ކަމަށާއި ޕާޓީއަށްވުރެ ސިޓީ އިސްކޮށް، ތަރައްގީއަށް ވޯޓު ދީފި ނަމަ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުން ކޮށްދޭން ނިންމައިފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *