...

Support Us

ކޮލަމް: ސައީދުގެ ތުލަ

ޑިމޮކްރަސީއަށް 14 އަހަރު… ނަތީޖާ ހަމަ ސުމެއް

ދެހާސް އަށް ވަނަ އަހަރު ތަސްދީގު ކުރެވުނު އާ ގާނޫނު އަސާސީއާއެކު، ގިނަ ޕާޓީތައް ބައިވެރިވާ ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ދަތުރުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ހުރިހާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެ ނަޒަރިއްޔާތުން ވިސްނާނަމަ، އާ ގާނޫނު އަސާސީ ތަސްދީގު ކުރިތާ މިއަހަރުގެ އޮގަސްޓަމަހަށް 14 އަހަރު ވާނެއެވެ.

ސާދަ އަހަރުގެ މާޒީއަށް ބަލާއިރު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވައިފިއެވެ. އެއީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމެވެ. ދެހާސް އަށާރަ ވަނައަހަރުގެ ނޮވެމްބަރުމަހުގައި ފެށުނު ރިޔާސީ ދައުރާއެކު، ހަތަރު ވަނަ ރައީސެއްގެ ގޮތުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ދައުރު މިހާރު ހިނގަމުން ދަނީއެވެ.

ދެހާސް އަށް ވަނަ އަހަރު ތަސްދީގު ކުރެވުނު އާ ގާނޫނު އަސާސީއަކީ، ދުނިޔޭގެ ފެންވަރުގައިވެސް ގުނާލެވޭނެ ރަނގަޅު ގާނޫނު އަސާސީއެއް ކަމަށް، އޭރު ހުރިހާ ފަރާތްތަކުންވެސް ވަކާލާތު ކުރެއްވިއެވެ. ޒަމާނާ އެއްގޮތަށް ރާއްޖެއަށް އަންނަންޖެހޭ ކުރިއެރުންތަކާއި އިންސާނީ ހައްގުތަކަށް އެ ގާނޫނު އަސާސީއިން ކަށަވަރުވާނެ ކަމަށްވެސް މި ދެންނެވި ބޭފުޅުން ހަރުއަޑުން ވަކާލާތު ކުރެއްވިއެވެ. މީގެ އިތުރުން ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންނަށް ހެވާއި ލާބައާއި ތަހުޒީބު ގެނެސްދޭނެ ކަމެއް ކަމަށް ދެކި، އެ ގާނޫނު އަސާސީ ތަސްދީގުކުރުމަށް މުޒާހަރާވެސް ކުރިއެވެ.

އަދި 2008، 2013، އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ، ވާދަވެރިންގެ މެދުގައި ކެމްޕެއިން ކުރުމުގެ ފުޅާ ފުރުސަތުތަކަށް ފަހުގައެވެ. ވެރިކަމަށް ވާދަ ކުރާ ފަރާތްތަކުން، ރައްޔިތުންނަށް ވިއްކަން ކަނޑައެޅި މެނިފެސްޓޯގެ ވާހަކަ ދައްކަން އެކަށީގެންވާ ވަގުތު ދީފައެވެ. މި ދެންނެވި ތިން އިންތިޚާބުގައިވެސް ރައްޔިތުންގެ ކުރިމައްޗަށް ޕާޓީތަކުން ހުށަހެޅި މެނިފެސްޓޯތަކާއި، ވައުދުތައް އަދިވެސް އެހެރީ ތާޒާކަމާއެކު ފެންނާށެވެ.

ޑިމޮކްރެސީގެ ދަތުރުގައި ރާއްޖެ ކަޑައްތު ކުރަމުންމިދާ 14 އަހަރުގައި ލިބުނީ ކޮން ކުރިއެރުމެއްބާއެވެ؟ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން އަދުލު އިންސާފު ގާއިމްކުރުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ އުއްމީދު އޮތީ ހަމައެކަނި އުއްމީދެއްގެ ގޮތުގައެވެ. އެއްވެސް ރައްޔިތަކަށް އަދުލު އިންސާފުގެ ޒައްރެއްގެ މިންވަރުވެސް ލިބިދާނެ ކަމަށް ގަބޫލުކުރާ އެކަކުވެސް މިރާއްޖެއަކު ނެތެވެ.

ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހަކީ، ފާރަވެރިވެ ޒިންމާދާރުކުރުވާ ބައެއްގެ ދައުރު އަދާކުރަންޖެހޭ ބައެއް ކަމަށްވިޔަސް މިކަން ހިނގާތަނެއް ނުފެނެއެވެ. ކޮންމެ އިންތިޚާބެއްގައިވެސް އިވޭ އަޑަކީ، ސަރުކާރުގެ ވައުދު ފުއްދުމަށް މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް މަސައްކަތްކޮށްދޭ މުއައްސަސާއެއްނަމަ، ގާނޫނު ހެދުމުގެ އެ ބާރު ވަކި ބާބެއްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅީ ކީއްވެބާއެވެ؟

ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަދީފައިވާ ރައްޔިތުން ތަމްސީލްކުރާ "އިއްޒަތްތެރި" މެމްބަރުންގެ ލޮލަށް ރައްޔިތުން ފެންނަ ވަރަށްވުރެ ބޮޑަށް، ސަރުކާރަށް ހުޝާމަދުކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓުދޭނަމަ، އެއީ ރައްޔިތުން ތަމްސީލް ކުރާ މެމްބަރުންނަށް ވަނީ ކީއްވެތޯއެވެ؟

ފަރުދުންގެ އިންސާނީ ހައްގުތައް އަދާކުރުމަށް، ދެއަތުގެ އިނގިލިތަކުން ގުނާ ޢަދަދު ނުކުރެވޭހާ މިނިވަން މުއައްސަސާތައް އުފައްދާ، މުސާރައިގެ ބިލް ބޮޑުވެއްޖެއެވެ. މި ދެންނެވި މުއައްސަސާއަކުން ރައްޔިތަކަށްވީ ފައިދާއެއް އެބައޮތްބާވައެވެ؟ ކޮރަޕްޝަންގެ ކަންތައްތައް ހުއްޓުވުމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނެއް ހެދި ފަހުން، ކޮރަޕްޝަންގެ މައްސަލަތައް ހުރީ ސަހަރޯ ކިޔަންޖެހޭ މިންވަރަށް މަތީގައެވެ.

ރައްޔިތުންގެ ފައިދާއަށް ކަމަށްބުނެ އުފެއްދި ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ކޮންމެ އަހަރަކު ބަހަމުން ގެންދިޔައަސް، ޖަގަހަ ހަދައި، އަބުރު ކަތިލުން ނޫން ކަމެއް ޕާޓީތަކުން ނުކުރާއިރު، އެފައިސާ ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟

އިދިކޮޅުގައި ތިބޭއިރު، ކޮންމެ ކަމެއް ކަމުނުދާ ކަމަށް ވަކާލާތުކޮށް އަޑު އުފުލާ ފަރާތްތަކުން، ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، ހުރިހާ ކަމެއް ވަރިހަމަވަނީ ކީއްވެބާއެވެ؟ ސަރުކާރުތެރެއިން ކިތައްމެ ބޮޑު ޖަރީމާއެއް ހިނގި ނަމަވެސް، އަނގަހުޅުވާލަން ނުކުރޭވަރަށް، ވަޒީފާގެ ޗިޓް އަނގަމަތީގައި ތަތްކުރަނީ ކީއްވެބާއެވެ؟ ފަސް އަހަރުގެ ސިޔާސީ މަގާމެއްގައި މުޅި އުމުރުގެ ބާކީ އޮތް ތަނުގައި ދިރިއުޅެވޭނެ މުއްސަނދިކަން ހޯދުމަށް ދަހިވެތިވަނީ ކީއްވެބާއެވެ؟

މި ދެންނެވި އެއްވެސް ކަމެއްގެ ހައްލެއްނެތި، ޒަމާނީ ޑިމޮކްރަސީގައި ރާއްޖެ 14 އަހަރު ކަޑައްތު ކުރަނީއެވެ. ރައްޔިތުންގެ ލާބައަށް، ދިވެހި ގައުމަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ރައްޔިތުން ގިނަ އިންތިޒާރުތަކެއް ކޮށްފިއެވެ. ރައްޔިތުންގެ ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެކަމަކު ނަތީޖާ ސުމެކެވެ. ވެރިންގެ އިޚްލާސްތެރިކަން ނެތުމުގެ ސަބަބުންނެވެ.