Support Us

ބަހުގެ ޠަބީޢަތާއި ބަސް އުފެއްދުމާމެދު

ދިވެހި ބަހަކީވެސް އިންސާނުން ބަސްމޮށެއުޅޭ ބަސްތަކުގެ ތެރެއިން ބަހެކެވެ. ކޮންމެ ބަހެއްވެސް އުފަންވަނީ އަސަރުކުރުމާއި އަސަރުކުރުވުން، ތަރައްޤީވުމާއި އާވެއާލާވުން އޭގެ މިޒާޖުގައި އެކުލެވިގެންވާ ގޮތެއްގައެވެ. އިންސާނުންގެ ގުޅުންތަކާއި އެބައިމީހުން ކަޑައްތުކުރާ މަރުޙަލާތަކުގެ އަސަރު އެބައިމީހުން ވާހަކަ ދައްކައި އުޅޭ ބަސްތަކުން ފެންނަން ހުރެއެވެ.

އަދި ހަމަ އެފަދައިން އެއްބަސް އަނެއްބަހަށް އަރަނިވެރިވުމާއި ދަރަނިވެރިވުމަކީ ބަސްބަހުގެ ޠަބީއަތާ ގުޅި ލާމެހިފައިވާ ކަމެކެވެ. އަވަށްޓެރިކަން ނުވަތަ އެފަދަ ކޮންމެވެސް ގުޅުމެއްގެ މައްޗަށް ބިނާކޮށެވެ. ދިވެހިބަސް ދިވެހިކުރުމުގެ މާނައަކީ ދިވެހިބަހުގެ ރަދީފު މައް ދިވެހީގެ މައްޗަށް ކުރުކޮށްލުން ކަމުގައި ހީވެއްޖެނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި މެނުވީ ނުވާނެއެވެ. އެފަދަ ޚިޔާލުތަކަކީ، ޙަޤީޤަތާ ދުރު ޖައްވެއްގައި ދިރިއުޅޭ ބަލި ޚިޔާލުތަކެކެވެ. ދިވެހިންގެ ދޫދޫމަތީ ބަހެއް ގިނަގިނައިން ތަކުރާރުވެ ރެޔާދުވާލު ދައްކާ ވާހަކައަށް އެބަސް ވަދެ އާއްމު ވެއްޖެނަމަ އެއީ، ބޭރުބަހެކޭ ބުނުމުގެ ޙައްޤެއް ހަމަ އެކަކަށްވެސް ނޯންނާނެއެވެ. އެހެނީ، ކުރިން ދެންނެވިހެން އަސަރުކުރުމާއި އަސަރު ކުރުވުމަކީ، އަރަނިވެރިވުމާއި ދަރަނިވެރިވުމަކީ، ބަހަވީ ނަޒަރުން ބަލާއިރު އިޖުތިމާޢީ އަދި އިންސާނީ ޤާނޫނެކެވެ. މިޤާނޫނުން ދިވެހިބަސް ވެސް އިސްތިސްނާއެއް ނުވެއެވެ. ކުޑަވެސް ޝައްކެއްނެތެވެ. މިއީ ހަމައެކަނި ވަކި ލަފުޒުތަކާމެދު އޮތް އުސޫލެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ ބަހުގެ ތަފާތު އެކުލަވައިލުންތަކާއި ޖުމްލަ ހެދުމާއި ޢިބާރާތްކުރުމާއި އެއްބަސް އަނެއްބަހަށް ލަފުޒުދީ އަތުލުމަކީވެސް އިސްވެ ދެންނެވި އުސޫލުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިދެންނެވި އިޖްތިމާޢީ ގުޅުމާއި ރައްޓެހިކަމުގެ މާނައަކީ ބަހުގެ ހަމަތަކާއި އަޞްލު ގެއްލޭގޮތަށް އެއްބަސް އަނެއްބަހާ މަސްހުނިވުމެއް ނޫނެވެ. ކޮންމެ ކަމަކަށްވެސް މިންގަނޑެއްވާ ފަދައިން މިކަމުގައިވެސް މިންގަނޑެއް ވެއެވެ. ހަމައަށް ލޯބިކުރާ ކޮންމެ މީހަކަވެސް އެއްބަސްވާނެ ފަދައިން ކަނޑައެޅިފައިވާ ހަމަތަކަކާއި އުޞޫލުތަކެއް ނެތި ބޭރު ބަސްބަސް މާދަރީ ބަހުގެ ތެރެއަށް ވަނުމަކީ، ކަނޑައެޅިގެން ހުރި ނުރައްކަލެކެވެ. އަމިއްލަ ބަހުގެ ޝަޚުޞިއްޔަތާއި ހައިބަތާއި އަޞްލު ގެއްލޭ ކަމެކެވެ.

ބިދޭސީ ބަސް ދިވެހި ކުރާއިރު ދިވެހި ބަހުގެ ހަމަތަކާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ. ތަނުގެ މާހައުލާއި ދިވެހި މިޒާޖަށްވެސް ރިއާޔަތް ކުރަން ޖެހެއެވެ. މިއާ ޚިލާފަށް ބިދޭސީ ބަސްތަކާއި އެބަސްތަކުގެ ވައްޓަފާޅިތައް ދިވެހިބަހުގެ ތެރެއަށް ވަދެއްޖެނަމަ ބަހާމެދު ދިރާސާ ކުރައްވާބޭފުޅުންނަށް އޮޅިވަޑައިގަންނަވާގޮތް މެދުވެރި ވެދާނެއެވެ. ނަތީޖާއެއްގެ ގޮތުން ބަހުގެ އަޞްލާ އެބަހުގައި އެކުލެވިގެންވާ ތަފާތު ސިއްރުތައް އޮޅުންބޮޅުންވެ ބަހުގެ ޙަޤީޤަތްވެސް އޮޅިދާނެއެވެ. މިގޮތުން ޝާމީ ޢާއިލާގެ ބަހެއް އާރާމީ ޢާއިލާއަށް ނިސްބަތް ކުރެވުންވެސް އޮންނާނީ ދާދި ކައިރީގައެވެ. މިގޮތް ދިމާވެއްޖެނަމަ ބަސްބަހުގައި ހުންނަ އެއްބަސް އަނެއް ބަހާ ގުޅޭ ޠަބީޢަތް ހިމެނޭނީ މާދަރީބަހުގެ ޞިއްޙަތަށް ކަނޑައެޅިގެން ހުރި ގެއްލުމެއް ކަމުގައެވެ.

ލަފުޒެއްގެ ދާއިރާ ފުޅާވެ ދޭހަތައް ގިނަގުނަވާނީ އެ ލަފުޒުތައް ބޭނުން ކޮށްގެން ދައްކާ ވާހަކައިގެ ދާއިރާ ތަނަވަސްވެ ފުޅާވީ މިންވަރަކުންނެވެ. ނުވަތަ ދިރިއުޅުމާއި ދިރިތިބީންގެ މަޤްޞަދުތަކަށް އިޖާބަ ދިނުމުގެ ޤާބިލިއްޔަތު ލިބިގެންވި ނިސްބަތަކުންނެވެ. މިގޮތުން އާބަސްތައް އުފަންވެ އިތުރު މާނަތަކަށް މަގުފަހިވެއެވެ. މިއީ، ބަހުގެ ޢިލްމާ ގުޅޭ ޢާއްމު ގަވާއިދެކެވެ.

އަލަށް ތަޢާރުފުވާ ތަކެއްޗާއި ޢިލްމީ އިސްތިލާޙުތަކަށް ދިވެހި ބަސް އުފައްދާއިރު ސަމާލުވުން އެދެވިގެންވާ ޢިލްމީ މިންގަނޑު ތަކެއް ވެއެވެ. އެއީ:-

  1. ޢާއްމު ދިވެހި ލަފުޒެއްގެ ނުވަތަ ބޯދާ ލަފުޒެއްގެ ދޭހަތަކާމެދު ފުންކޮށް ވިސްނާ ޚިޔާލު ކުރުމަށްފަހު އަލަށް ބޭނުންތެރިވި ޢިލްމީ މާނަ އިތުރު ކުރުން.
  2. އަލަށް ތަޢާރަފުވި ލަފުޒު ނުވަތަ އިޞްތިލާޙުގެ ދޭހައާގުޅޭ ދިވެހި ލަފުޒު އުފެއްދުން.
  3. ދިވެހި ބަހުގެ ރޫޙާއި މިޒާޖާ ގުޅޭގޮތުން ކުޑަބަދަލެއް ގެނައުމަށްފަހު ބޭރު ލަފުޒު ބޭނުން ކުރުން.
  4. އަޑާމެދު ވިސްނުމަށްފަހު ބަސް އުފެއްދުން.
  5. އަލަށް ތަޢާރުފުވި އެތި ނުވަތަ ކަން ނުވަތަ މަޤާމުގެ ބޭނުމާމެދު ވިސްނުމަށްފަހު ލަފުޒެއް އުފެއްދުން.

މީގެ އިތުރަށް ބިދޭސީ ބަހުގެ ދޭހަތަކާމެދު ވިސްނުމަށްފަހު ތަރުޖަމާ ކުރުމަކީވެސް ބަހުގެ ބައެއް ޢިލްމުވެރިން ތާއީދު ކުރައްވާ މިންގަނޑެކެވެ. މިސާލަކަށް Floriculture މިލަފުޒުގެ ދިވެހި ގޮތަކީ "މާގަސް ގޮވާން ކުރުން" ކަމުގައި ހެދިދާނެއެވެ. ނަމަވެސް މި މިންގަނޑަކީ، އާބަސް އުފެއްދުމުގެ ހަމައެކަނި މިންގަނޑު ކަމުގައި ދުށުމަކީ ކުށެއް ކަމުގައި މެނުވީ ނުވެއެވެ.

ހަމަ މިމޭރުމުން ބަސްތަކެއް ކޮށާމަށައިގެން އެއް ލަފުޒަށްވުރެ ގިނަ ލަފުޒުން އެއް ލަފުޒެއް އުފެއްދުމަކީވެސް ބަސް އުފެއްދުމުގެ ހަމައެކެވެ. ޢަރަބި ބަހުގައި މިގޮތަށް ބަސް އުފެއްދުމަށް ބޭނުންކުރާ އިޞްތިލާޙަކީ "ނަޙުތު" އެވެ. އަޅުގަނޑުމެންގެ ކާބަފައިންނަށް މި މިންގަނޑު ތަޢާރަފު ވެފައިވާ ކަމުގެ ހެކިތައް ދިވެހިބަހުގެ ބައެއް ލަފުޒުން ފެންނަން އެބަހުއްޓެވެ. މިސާލަކަށް "ނުއި" "ފަހޮޅި" މާނައަކީ "ނޫ އުއި" "ފަސް އޮޅި" ކަމުގައިވާ ހިނދު އެއީ މިދެންނެވި އުޞޫލުގެ މަތިން އައިސްފައިވާ ދެ ލަފުޒު ކަމުގައި ޤަބޫލު ކުރެވެއެވެ. މިގޮތުން "ރަންވަންލޯ" މިލަފުޒަކީ "ރަންވަދެފައިވާލޯ" އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *