Support Us

ގަޅިމަސް އެރި ދުވަސް

ކުޑަގޭ މެދުހުއްތުގެ ދޮންމަނިކު، ނުވަތަ މިހައިރުގެ ގޮތަށް ނަމަ މިނިވިލާ ރަމްޒީ އިނީ ހެނދުނުގެ ނާސްތާޔަށް އިންސާފު ކުރާށެވެ. މޭޒުމަތި ފަޅުފިލުވާލަން ހުރީ ކުލަ މަޑު ސައިފަތު ފެން ޖޯޑަކާއި ހިކި ރޮށި އަޅައިފައި ހުރި ތައްޓަކަށް ވިޔަސް، އިންސާފާއި ފަޅުފިލުމަކީ މިންވަރުން ޞައްޙަ، ދިން ވަރުން ފުދޭ ދެ ލަފުޒުކަން އޭނާ ދަނެއެވެ. އެހެން ކަމުން…

”އިއްޔެ އިޢުލާނު ކުރެވުނު ފަދައިން، މި މޫސުމުގެ ގަޅިމަސް އިއްޔެއިން ފެށިގެން ރާއްޖޭގެ ރަށްރަށުގެ ފަޅު ތެރެޔަށް ވަންނަން ފަށައިފި. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދަޔާ އެއްގޮތްވާ ގޮތުގެ މަތީން، ބޭނުން ކޮންމެމީހަކު އައިސް ހިލޭ ނަގާ ގޮތަށް ރަށްރަށުގެ އެކި ހިސާބުގައި ގަޅިމަސް އަށިތައް މިހައިރު އެތުރިފައި އެބަ ހުރި.“

އަޑު އައީ މޭޒުމަތީގައި ހުރި، ދެބައިން ބާވެފައިވާ، ތަންކޮޅެއް އިހުގެ މޮޑެލެއްގެ ރޭޑިޔޯއަކުންނެވެ. އަޑު އަހާނެ މީހުން ތަންކޮޅެއް މަދަސް،  ރާއްޖޭގެ ރޭޑިޔޯއިން އަދިވެސް ޚަބަރު ކިޔާތީ ރަމްޒީ އެކަމާ އުފާކުރެއެވެ. ރަމްޒީއަކީ ދެބައިޢުމުރަށްވުރެ މައްޗަށް ގޮސްފައި ހުރި، މިހައިރުގެ ބަހުރުވައިންނަމަ ދިގު މުއްދަތަށް ބޭސް ވެސް ކައިލާ އުޅޭ މީހެކެވެ.

މިއަދުގެ ޚަބަރު ވެގެން ދިޔައީ ރަމްޒީއަށް ވަރަށް ޚާއްޞަ އުފާވެރިކަމެއް ލިބިގެން ދިޔަ ދުވަހަކަށެވެ. މިއަދުގެ ޚަބަރުގައި އެ މަހެއްގެ ވާހަކަ ދެކެވުނު މޫސުމީ ގަޅިމަހަކީ ރަމްޒީޔަށް މާ މީރު މަހެކެވެ. އާދަޔާ ޚިލާފަށް މީރު މަހެކެވެ.

ރަމްޒީ މާ ރަނގަޅަށް ދަންނަ ގޮތުގައި، ގަޅިމަހަކީ އާދަޔާ ޚިލާފު މަހެކެވެ. ރާއްޖޭގެ ރަށްރަށުގެ ފަޅުތަކުން މި މަސް ފެންނާނީ ތިން ހަތަރު ފަސް އަހަރަކުން އެއް ފަހަރުއެވެ. އެ ގޮތަށް ފެންނަ ފަހަރަކުވެސް ފެންނާނީ އެންމެ ދުވަހަކު އެވެ. އެ ދުވަހަކީ ގިނަ ރަށްރަށުގެ ފަޅުތެރެޔަށް ރިތެއް ބާނައިލާނޭ ޖާގަވެސް ނުލިބޭވަރަށް ގަޅިމަސް އޮލައަޅައިލައިފައި އޮންނަ ދުވަހަކަށް ވެއެވެ. އެކަމަކު ޖެހިގެން އަންނަ ދުވަހު މަސްތައް ދިޔަ ތަނެއް، ބަޔަކު ނުނަގާ މަސްތައް ވަނީ ކޮން ތާކަށް ކަމެއްވެސް ނޭނގި މަސްތައް ޣައިބު ވެދާނެއެވެ.

ގަޅިމަހަކީ ކުލަވެސް ރީތި މަހެކެވެ. ބުރަކަށި މަތި ސުވާސާ ކުލައިގައި، ބަނޑުދޮށް ސާފު ރިހިކުލައިގައި އޮންނަ މި މަސް ފެނިފައި މީހަކު ލޯބިން މަރުވާ ވަރު ވާނެއެވެ. މަހުގެ އަރިމަތީގައި ކަޅުކުލަޔަކަށްދާ ކުލަޔަކުން ކަނޑައިލައިފައި އެ ހުންނަ ނަލަ ގަޅިޔަކީ މަހަށް ނަން ދިން ސިފައެވެ. މަސްވެރީންނާއި ރައިވެރީންނާ މާ ހަވާސާ ވުމަކީ ޖާހަށް ބުރޫއަރާ ޒާތުގެ ކަމެއް ކަމަށް ދެކޭ މުދާވެރީންނަށް ވެސް ގަޅިމަސް މާ ރީތިވެގެން އުޅެއެވެ. އަދި ގިނައިން ކައި ވެސް އުޅޭ މެއެވެ.

ގަޅިމަހަކީ ބާނަންވެސް ފަސޭހަ މަހެކެވެ. ބައު ތިނޯހެއްގެ ކޮޅުގައި މުއިރިކޮޅަކުން އަސްޖަހައިލައިފައި އެއްލިޔަސް ގަންނާނެއެވެ. ކަނިފަށް ލީ ބުޅިޔެއް، ކަރާ ކަންވާރެއް، ނުވަތަ އެމަށް ފުދޭ ކަހަލަ އެއްޗެއްގެ ވަސް ނެތަސް ވެސް ދަހިކޮށް ގަންނާނެއެވެ. ހަމަ އެ އެއްލީ، އެ ގަތީއެވެ. އެކަމަކު އެ މަހުގެ ބޮލުގައި ވެސް ސިކުނޑިޔެއް އޮވެއެވެ. ރަމްޒީއަށްވެސް އެކަން އެނގެއެވެ.

ގަޅިމަހުގެ ޚަބަރު ނިމުމާއެކު ރަމްޒީގެ ޚިޔާލުގެ ފަރުދާޔަށް އަރަމުން ދިޔަ ހުސްބުޅީގެ ހުވަފެނީ ބައިސްކޯފުގެ ފީތާ ވެސް ކެނޑިއްޖެއެވެ. އެހެންކަމާއެކު، އޭނާ އަވަސްވެގަތީ އޭނާޔަށް ޙައްޤު ގަޅިމަހުގެ މިންވަރު ލިބިގަތުމަށް ގެޔާ އެންމެ ގާތުގައި ހުރި ގަޅިމަސް ބަހާ އައްޓާ ދިމާޔަށް ދެވޭތޯއެވެ. ދުޅަހެއުކަމުގެ ފިލާވަޅުތައް އަބަދުމެ ދެއްވަދެއްވައި އެ ތިއްބަވާ ބޮޑެތި ޙަކީމުން އެ ވިދާޅުވާ ގޮތަށް ސައިބޯނިން އަތް ދޮވެލައިގެން، ބައު ފޮތީގެ ތިން ފަށަލަ މޫނުމައްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާ ކޮށްގެން، އަވަށު އެދުރުގޭގައި ކިޔަވައިދޭން އުޅުނުއިރު ލިބުނު ތަނުން ބަރުމާޕީސް މުންޑެއް އަނދެލައިގެން، އޭނާޔަކީ އޭނާގެ ޒަމާނުގައި އަމާނާތްތެރިއެއްކަމުގެ ރަމްޒަކަށް ހިމެނޭ، ކިރިޔާ ކަރުކަރުންނޭޅި އޮތް ގަންޖުފަރާހެއް ގަޔަށް މަހައިލައިގެން ރަމްޒީ މަގުމައްޗަށް ނިކުމެއްޖެއެވެ.

”އޮނހޯ! އައްސަލާމް ޢަލައިކުމް! ރަމްޖީ ބޭބޭ ރަނގަޅުދޯ؟ ބޭބޭ ކޮން ތާކަށް ދަނީ؟“

ރަމްޒީގެ ކުރިމަތީގައި އެ ހުރީ ރައްޓެހީންގެ ފަންވަތަށް އަދި ނުލެވުނަސް، ދެކެފަރިތައިންގެ ގިންތީގައި ހިމެނޭ މީހެކެވެ. ދިވެހި ބަހަށް ކިތަންމެ ފަރިތަޔަސް، ބޭރު މީހެކެވެ. ނިސްބަތްވާ ޤައުމެއް މުޅީން ކަށަވަރު ނުވިޔަސް، ދިރިއުޅެން ކުރާ މަސައްކަތަކީ ކޮބައިކަން އަދި ޢަމުދުން ނޭނގުނަސް، އަޅައިގެން ހުރި ހެދުމުންނާއި ހިފައިގެން ހުރި ފޯނުން އޭނާޔަކީ ތަނަވަސްކަމުގެ އަހުލުވެރިޔެއްކަން އަންގައިދޭ ބިދޭސީއެކެވެ. ހަމުގެ ކުލައިން ދިވެހީންނާ ވައްތަރުވިޔަސް، އަދަބު ސަދަބުގައި ޚާރިޖީ އަދާތަކެއް   ހުރި… މީހެކެވެ.

”ވަޢަލައިކުމުއް ސަލާމް! ޝުޕޯންމިއާ ކޮންތާކަށް؟“ ރަމްޒީ އެ މީހާ ގާތު އަހައިލިއެވެ.

”އަހަރެން މި ދަނީ ހިލޭ ގަރިމާޝް ހުރޭ ޓީވީން ބުނީމައި އެ ތަނަށް. އަހަރެން އެފާޓުމެންޓު ފުލް ކަރަންޓީން. އަހަރެން އެކަނި ނިކުތީ އެންމެންނަށް މަޝް ގެންދަން.“ ދަތްދޮޅިޔަށް ވުރެ ތަންކޮޅެއް ތިރީގައި އޮތް މަޑު ފެހިކުލައިގެ ފޮތި ތުނބުޅި ހަމަޖައްސައިލައިފައި، ނަލަ ގޮތަކަށް މަގުމައްޗަށް ކުޅެއް ޖަހައިލައިފައި، އެ މީހާ ޖަވާބު ދިނެވެ.

”އަހަރެން މި ދަނީ… އެ ކޮޅުގައި އޮތް ކަމަކު. ކަލޭމެންނަށް ހުރި ގަޅިމަސް އަށި އެބަހުރި އެކޮޅުގައި.“  ރަމްޒީ އަކީ ވެސް ހުރިހައި ކަމެއްގައި އެހައި ބޮޑު ތެދުވެރިޔެއް ނޫނެވެ. އޭނާ އެހެން އެ ބުނީ ޝުޕޯން އޭނާ ފަހަތުން އަޅައިގެން ފާނެތީއެވެ. އޭނާ ކަންބޮޑުވީ ޝުޕޯން އަކީ ބިދޭސީއަކަށް ވީމައެއް ނޫނެވެ. ޝުޕޯން އަކީ ’ކުރާ ވަކި މަސައްކަތެއް ނޭނގި ތަނަވަސްކަމާއެކު ދިރިއުޅޭ‘ ގިންތީގެ މީހަކަށް ވާތީ، އެ ބަދުނާމުގެ ދަވާދުން ބައެއް ރަމްޒީ ގައިގައި އުނގުޅިދާނެތީއެވެ.

”އޭ ބަލަ ދޮންމަނިކާ ކޮން ތާކަށް؟ ކޮން ވަޑާމެއް؟“ ރަމްޒީ ޝުޕޯން ގާތުން ސަލާމަތްވެގެން ހައެއްކަ ފިޔަޅު ކުރިޔަށް އެޅިތަނާ އެ އިވުނީ އޭނާ މާ ރަނގަޅަށް ދަންނަ، ކުޑައިރުއްސުރެ ދަންނަ، ރަޙުމަތްތެރިޔެއްގެ އަޑެވެ. ރަމްޒީއަށް ހަމަ ދާދި އިހަކަށްދުވަހު އެނގުނު ގޮތުގައި އޭނާގެ މި ރަޙްމަތްތެރިޔާ، އެހެން ގޮތަކަށް ދަންނަވާ ނަމަ ޖަހާމުގުރިހިޔާދެކުނުބައިގޭ އަލިފުޅު، ހުރީ މިއުޅޭ ބަލިގަނޑު ޖެހިގެން ގޭގައި އެކަހެރިކޮށްފައެވެ. އަލިފުޅަކީ ލާރިކޮޅު އަދި ގެންގުޅުނަސް މޯބައިލް ފޯނު ގެންގުޅޭ މީހަކަށް އަދި ނުވެފައި، ރަމްޒީއަކީ އެކަހަލަ އެއްޗިހި އަދި ގަނެވޭވަރު މީހަކަށް ނުވާތީ، ރަޙުމަތްތެރިޔާގެ ޚަބަރު ބަލައިލާނޭ ގޮތެއް ނެތިފައި ހުއްޓައި، އޭނާ އެ ފެނުނީ ކުރިމަތީގައި ހުއްޓައެވެ.

”ވަޢަލައިކުމުއް ސަލާމް! އަހަރެން މި ދަނީ މިއަދު ގަޅިމަސް އެރި ވާހަކަ ރެޑިޔޯއިން ގޮވީމައި އެ ދިމާޔަށް. ހިލޭ މަސްކޮޅެއް ލިބޭތޯ.“ އަލިފުޅު ނުގޮވާ ސަލާން ބަލައިގެންފައި ރަމްޒީ ބުނެލިއެވެ. އަދި ހިތުގައި އޮތް ސުވާލު ދޫ މައްޗަށް ގެނައެވެ.”ބަލަ މީހަކު ބުނި އަހަރެން ގާތު، ކަލޭ އޮތީ މިއުޅޭ ކަންތަކާ ލައިގަނެގެން ގޭގައި އެކަހެރި ކޮށްފައޭ ފަސޭހަ ވަންދެން… އެއީ  ދޮގު ވާހަކައެއް، އުތަ؟“

”ނޫނޭ، އެއީ ތެދެއް. އަހަރެންނަށް ބޮޑު ވަރު ނުވިޔަސް އެ ކަން ލައިގަތް ކަން އެނގުނުތާ މިއަދަށް އަަދި މިއީ ހަތަރު ވަނަ ދުވަސް. އަދި ނާދޭ ފަސޭހަވިތޯ ބަލާކަށް. އެކަމަކު މިއަދު ގަޅިމަސް އެރީމައި އެ ބުނާ ގޮތަށް ދެން ގޭގައި ހުރެވޭތަ؟! އެހެން ހުރި ހުރިހައި ބަންދު ތަކެއް ވަގުތީ ގޮތުން ފިލައިފި ކަމަށް ބަލައިގެން މަސްކޮޅެއް އަތުޖެހޭތޯ އުޅުނީމައި މިއަދު ހަމަ އެންމެ ރަނގަޅުވާނެ! އެންމެން ގަޅިމަހައިގެން ދުވާ އިރު، ކާކުތަ ބަލަނީ އަހަރެން ގޭގައި މަޑުން އެބަ ހުރިތޯ؟ އެހެން ނޫނަސް، މަގޭ ނިތްކުރިމަތީ ލިޔެވިފައި އެބަ ހުރިތަ އަހަރެން މި އުޅެނީ ބަލިވެޔޭ؟“ އަލިފުޅު ބުނެލިއެވެ.

އަލިފުޅު އެ ކުރި ސުވާލު ގެ ޖަވާބު އަމިއްލަ ނަފުސަށް ދިނުމުގެ ގޮތުން، ރަމްޒީ އަލިފުޅާ ދިމާޔަށް ރަނގަޅަށް ބަލައިލިއެވެ. ފޮތި މޫނުމައްޗެއްގެ ހިޔަނިވެސް ނުއެޅި ހުރި މޫނުމަތީގައި އެ ހުރި ސާދާ ހިނިތުންވުމާއި، ދުޅަހެއުކަމުގެ ވިދުން އޭނާގެ ނިތްކުރިމަތިން ދައްކާ ގޮތުން، އަލިފުޅެކޭ ގަދަވެ ސަަލާމަތުން ހުރި މީހެކޭ ފެންނަ ފެނުމުގައި ހަމަ ކުޑަވެސް ތަފާތެއް ނެތެވެ.

”އެކަމަކު ބަލިވެ އުޅޭ މީހުންނަށް ވަކި ގަޑިޔެއްގައޭ މަސް ދޫކުރަނީވެސް ރެޑިޔޯއިން އެ މަންޖެ ބުނި.“ ރަމްޒީ ބުނެލިއެވެ.

”ކާކަށްތަ އެނގޭނީ؟ ކާކުތަ ބަލަނީ؟ އަހަރެން މަސްކޮޅު ހިފައިގެން ގެންގޮސް ގެޔަށް ލައިފައި، ރޯދަޔަށް ގެޔަށް ހޯދަން ހުރި ބައެއް އެއްޗިހި ހޯދައިލަން ބާޒާރު މައްޗަށް އަރައިލައި، ގޭ ދޮށު ގަމުތެރޭ ދެތިން ފިހާރަޔަށް ވަދެލައި، މާފަންނު ދޮންދައިތާމެން ގެޔަށް ކަދުރު ކޮޅެއް ވައްދައިލައިދީ، ކުރަން ވެފައި ހުރި އެ ކަހަަލަ ދެތިން ކަމެއް ކޮށްލައި ހަދައިލަން މިއަށް ވުރެ ރަނގަޅު ދަނޑިވަޅެއް ކޮބައި؟ ކީކޭ ބުނަނީ؟ “ އަލިފުޅު އަހައިލިއެވެ.

ވާހަކަ އެ ހިސާބަށް ދިޔަތަނާ ދެވެރިން ސިއްސައިގެން އެ ދިޔައީ ތަންކޮޅަކަށް ވުރެވެސް ގާތުން ކާރެއްގެ ބަރުގޮނު އެޅި އަޑަށެވެ. ދެ މީހުންމެ ކާރާ ދިމާޔަށް އެނބުރި ބަލައިލިއިރު ކާރު ދުއްވާމީހާޔާ ދިމައިގައި ހުންނަ ދޮރުގެ ބިއްލޫރިގަނޑު ހުރީ ތިރިކޮށްފައެވެ. އަދި ދުއްވާ މީހާ ދެ މީހުންނާ ދިމާޔަށް ހިނިތުން ވެލައިފައި އެއްޗެއް ބުނަންފެށިއެވެ.

”ބައްލަވަ! ކާރަށް އަރުއްވަން ވީ ނޫންތޯ؟“ މާމުޔަށް ވުރެވެސް ފޮނި، ހިތްހެޔޮ އަޑަކުން ޑުރައިވަރު އަހައިލިއެވެ.

”އަހަރުމެން މި ދަނީ ގަޅިމަސްކޮޅެއް ލިބޭތޯ. ހިނގައިލައިފައި ހިނގައިދާނަން!“ އެހެން ދުވަސް ދުވަހު މަގު މެދަށް ނިކުމެ އަތް ހޫރައިހޫރައި ވަރުބަލިވާއިރުވެސް ޑޮލަރު ދޭ ދޮން މީހުން ނޫނީ ނުނަގާންކަމަށް މަޑުވެސް ކޮށްނުލާ އެ ދާ ކަހަލަ ކުލީކާރެއް މިއަދަކު މާ ދީލަތި ވެގެން ފަހަތުން އަޅައިގަނެގެން މި އުޅެނީ އަނެއްކާ ކީއްވެގެންބާވައޭ، ޑުރައިވަރަކާ އަނގަޔަކުން ނުބުނާނަމޭ ހިތަށް އަރައިފައިވެސް ރަމްޒީ އަހައިލިއެވެ.

”ނޫން! އެހެން ނުހައްދަވާ! މިއަދު ދަތުރު މި ކޮށްދެނީވެސް މުޅިިން ހިލެޔޭ! އަރުއްވާ، އަވަހަށް އަރުއްވާ!“ މި އަޑު އައީ ކާރުގެ ފަހަތު ދޮރުގެ އަނދިރި ބިއްލޫރިގަނޑު ތިރިވެލިތަނުން އެދިމާއިންނެވެ. ރަމްޒީއާއި އަލިފުޅާ ދެ މީހުންނަށް އެ ދިމާޔަށް ބަލައިލެވުނީ އެއް ފަހަރާއެވެ. ދެ މީހުންނަށް ފެނުނީ ކަޅު ބުރުގާއެއް އަޅައިގެން، އަނދިރި ކުލައެއްގެ ފައިލެއް އަތުން ހިފައިގެން އިން އަންހެނެކެވެ. އޭނާގެ ހިނިތުންވުން ވެސް މާމުއި ފަދައެވެ.

”ހިލޭ ދަތުރު ކޮށްދިނުމަކީ ޓެކްސީ ސެންޓަރުން މަނާކޮށްފައި އޮންނަ ކަމެއް ނޫންތޯ؟“ ރަމްޒީ އަހައިލިއެވެ.

”ނޫން! ނޫން! މިއީ ޓެކްސީ ދަތުރެއް ނޫން. މިއަދު މިއީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ކުރާ ކަމެއް. ސެންޓަރަކަށް ރަސްމީކޮށެއް ނޭނގޭނެ އަޅުގަނޑުމެން މިއަދު މި ޚިދުމަތް ދޭ ކަމެއް.“ ޖަވާބު ދިނީ ސުވާލު އެ މީހަކާ އަމާޒުވި މީހާއެއް ނޫނެވެ. ޑުރައިވަރެވެ. ”އަރުއްވާ! އަވަހަށް އަރުއްވާ!“

ރަމްޒީއާއި އަލިފުޅު ކާރަށް އަރައިފިއެވެ. ދެވެރީން އެކީ އަރަން ދިމާކުރީމައި ފަހަތު ސީޓުގައި އިން މީހާ ކުރީ ސީޓަށް، ޑުރައިވަރު ގާތަށް، ބަދަލު ވެއްޖެއެވެ. އަދި ފަހަތު ސީޓުން ދެ ފިރިހެނުންނަށް ޖާގަ ހަދައިދިނެވެ.

”އަޅުގަނޑަށް ކިޔަނީ ސަމީނާ. ދެ ކަލުން ތިޔަ ދުރުވަނީ ގަޅިމަސް ހޯއްދަވަންތޯ؟“ ދެ މީހުން ކާރަށް އަރައިފައި ކާރުގެ އެތެރެ ބަލައިލިއިރު، ޑުރައިވާރާ ފަހަތު ސީޓާ ދެމެދުގައި ޢާންމު ގޮތެއްގައި ހުންނަ ރަބަރު ގަނޑެއް މި ކާރަކު ނެތެވެ. ސަމީނާގެ މި ސުވާލު ދެ ރަޙުމަތްތެރީންގެ ކަންފަތާ ހަމަޔަށް އެހައި ސާފުކޮށް އެ ފޯރީ އެހެން ވެގެންނެވެ.

”ލައްބަ!“ ރަމްޒީ ޖަވާބު ދިނެވެ.

”އެހެން ވިއްޔާ، އެއްޗެއް ނަންގަނެލަންތޯ؟“ ސަމީނާ އަހައިލިއެވެ.

”ލައްބަ!“ އެ މީހާ އެ ބުނަން އުޅޭ އެއްޗެއް ބަލައިގަންނަން ރަމްޒީ އެއްބަސްވިއެވެ.

”ގަޅިމަހުގެވެސް ހުންނާނެ އެތައް ވައްތަރެއް. އޭގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާހުރި ބާވަތަކީ މަހުގެ ބުރަކަށި މަތީގައި އެހުންނަ ކުލަ ގަދަވެފައި، އަރިމަތީގައި އެހުންނަ ގަޅިތައް ތަންކޮޅެއް ފާޓުފުޅާ ޒާތަކަށް އެ ހުންނަ މަސް ކަން އެނގިލައްވާ ދެއްތޯ؟“ ސަމީނާ އަހައިލިއެވެ.

”ނޫން! މިހައި ތާކަށް އަދި ނޭނގޭ،“ ރަމްޒީ ބުނެލިއެވެ. އަލިފުޅު އެއްޗެއް ނުބުންޏެވެ. ކާރަށް އެރިގޮތަށް ވަކި އެއްޗެއް ނުބުނެ  މަޑުން އެބަ އިނެވެ. އޭނާޔަށް މީރީވެސް ގަޅި ހަނި ގަޅިމަހެވެ.

”ސައިންސުގެ އެންމެ ފަހުގެ ހޯދުންތަކުން އެނގޭ ކަމެއް އެއީ. ގަޅިތައް ކުލަ ގަދަވެފައި ފާޓުފުޅާ ގޮތެއް ހުންނަ ކަމަށް ވަންޏާ، އެ މަހުގެ ފައިދާތައް ގިނަ ވާނެ،“ ސަމީނާ ކަށަވަރުކަމާއެކު ޖަވާބު ދިނެވެ. އަދި އަހައިލިއެވެ. ”ތިޔައީ ކޮންކޮން ގޭގެޔެއްގައި އުޅުއްވާ ކޮންކޮން ބޭކަލުންނެއްކަން ބުނެދެއްވައިފާނަންތޯ؟“

ކާރުތެރޭގެ ވާހަކަތައް މިކަހަލަ ގޮތަކަށް ދަމުން ގޮސް، ރަމްޒީމެން ގެޔާ އެންމެ ގާތުގައި ހުރި ގަޅިމަސް އައްޓާ ކާރު އަރައި ހަމަވެއްޖެއެވެ. އެއީ އަތިރިމަތީގައި ހުރި އައްޓެކެވެ. އެއިރު، ކާރަށް އެރި މީހުންނާއި ކާރުގައި އެއިރުވެސް ތިބި މީހުންނާ ދެމެދު އެކި ބާވަތުގެ ވާހަކަ ދެކެވި، މަޢުލޫމާތުތަކެއް ބަދަލުކުރެވި، މިކަހަލަ އެތަކެއް ކަމެއް ވެ ނިމިއްޖެ މެއެވެ.

ރަމްޒީމެން ކާރުން ފައިބަން ބަލައިލިއިރު، ގަޅިމަސް އަށި ވަށައިގެން މީހުންގަނޑު އޮތީ ތޮއްޖެހި ބާރުވެފައެވެ. އެއްވެފައި އޮތް މީހުންގެ ތެރެއިން ފުރޭނިގެން ނިކުންނަ ބައެއް މީހުންގެ އަތުގައި މަސް އަޅައި ފުރައިފައި ހުރި ކޮތަޅު ތަކާއި ވަށިވަށިގަނޑު ހުރި ތަން ދެވެރިންނަށް ފެނުނެވެ. އަދި ގަދަ މީހާޔަށް ގަދަ، ބަލި މީހާޔަށް ބަލި، މި ކަހަލަ އުޞޫލަކަށް އެތާނގައި ޢަމަލު ކުރެވޭ ކަހަލަ އިޝާރާތްތަކެއް ވެސް ފެންނަމުން ދިޔައެވެ.

ރަމްޒީއަށް އެވަގުތު ބަލައިލެވުނީ ކުރިމަތިން ފެންނަން އޮތް ކަނޑަށެވެ. ދުވަހަކީ އަވި ބާރު، ކަނޑު މަޑު ދުވަހެކެވެ. އެހެން ނަމަވެސް…. އަނދުން ކުލައިގެ ކޫރެއް ކަހަލަ ކަޅު ވިލާކޮޅެއް އުދަރެހާ ގާތުން ފެންނަން ހުއްޓެވެ. އަދި އެ ކަހަލަ ވިލާކޮޅެއް ހުރުމަކީ ކޮން ކަހަލަ ކަމެއްކަން ރަމްޒީއަށް އެނގުނެވެ.

ކުޑަގޭ މެދުހުއްތުގެ ދޮންމަނިކު، ނުވަތަ ރަމްޒީއަކީ ވިއްސާރަ ވެއްޖިއްޔާ ފިނިބަލީގެ އަސަރުތައް ހިލިގަނެ، ބުއްދީގެ މައްޗަށް ވަހުމު އިސްވާ މީހެއްކަން އަލިފުޅަށް އެނގެއެވެ. ތެޔޮފާން ލައިފަޔޭ ބުނާވަރު އަދި ނުވިޔަސް، މަޑުކޮށް ފެންނަން އޮތް ކަނޑުން ބޮޑު ރާޅެއް ހިއްލައިލައިފާނެކަން ރަމްޒީގެ ހިތަށް އެ ވައްދައިދިނީ ކޮން ވަސްވާހެއް ދިން ކޮން ސޫތްޕެއް ކަންވެސް އެނގޭނީ ހަމަ ރަމްޒީއަށެވެ. އެކަމަކު އެއްކަލަ އަނދުންކޫރު އުދަރެސް މަތިން ފެންނަން އެބަ އޮތް މެއެވެ. ބުއްދިން ނުވަތަ ވަހުމަކުން ނަމަވެސް ހިތްވަރު ދީގެން ރަމްޒީގެ ނިތްކުރި މަތިން ހަމަ ކުއްލިޔަކަށް އެ ހިއްލައިގަތް އޮށްދާ ފެނުނީ އޭނާގެ އެންމެ ގާތް އަލިފުޅަށެވެ.

”ބައްލަވަ! އަޅުގަނޑުގެ މި އިންނެވި ރަޙުމަތްތެރިޔާގެ ޙާލު މާ ރަނގަޅު ހެނެއް ހީއެއް ނުވޭ. އަޅުގަނޑުމެން ނެންގެވި ހިސާބަށް އަވަހަށް އަނބުރާ ގެންގޮސް ދެއްވާ!“ އެހައި ތަނަށްވެސް އަނގައިނުބުނެ އިން އަލިފުޅު ޑުރައިވަރު ގާތު އެދުނެވެ.

”އަޅުގަނޑުމެން މިއަދު ހިލޭ ދަތުރު މި ކޮށްދެނީ ގަޅިމަސް އަށިތަކާ ހަމަޔަށް. ގޭދޮށަށް ދުރުވަންވާނީ އެހެން ކާރެއްގައި. އަވަހަށް ފައިބަންނަވާ!“ ޑުރައިވަރު ބުނެލިއެވެ. ”މި ހިސާބަށް ދުރުވެފައި ހުސްއަތާ ގެޔަށް ނުދުރުވެ، ހިތްވަރު ކޮށްލައްވައިފައި ގަޅިމަސްކޮޅެއް ހިއްޕަވައިގެން ދެން ދުރުވަންވީ ނޫންތޯ؟“

”ފާޓުފުޅާ ގަޅި ހުންނަ މަސް ނަންގަވައްޗެ! ފައިދާ ހުރީ އެއިރުން…“ ކިޔާކިޔާ ފަރިތަވެފައި އޮތް ބަންޖެއްހެން ސަމީނާ ބުނެލިއެވެ.

އެ ހިސާބުން މޫނު މައްޗަށް އަނދިރި ވެލައިފައި، ނޭވާ ކުރުވެލައިފައި، ދެން ވީ ގޮތެއް ރަމްޒީއަކަށް ނޭނގުނެވެ.