Support Us

އުމުރާމެދު އުފެދުނު ޚިޔާލުތަފާތުވުމުގެ ސަބަބުން ރީތީގެ ރާނީގެ ތާޖު ދޫކޮށްލާން މަޖުބޫރުވެއްޖެ

ލާއޯސްގެ ރައްޔިތުންގެ ދީމުޤްރާޠީ ޖުމްހޫރިއްޔާގެ (ލާއޯސްގެ) ފަޚުރެއް ކަމުގައި ދެކޭ ރީތީގެ ރާނީގެ މި އަހަރުގެ ޝަރަފު ހާޞިލުކުރި ސޫޕަވާދީ ޕުންގސަވަން އަށް ދިމާވި މައްސަލަތަކެއްގައި އެ މަގާމު ދިފާޢުކުރާން އުނދަގޫވެގެން އެކަން ދިފާޢުކުރާން ކުރި ހަނގުރާމައިގައި އެންމެ ފަހުން ހަތިޔާރު ބަހައްޓައިފިއެވެ. އޭނާގެ ޤާނޫނީ އުމުރާމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ހުރެއެވެ.

މި ރީތީގެ ރާނީ މިކަން ހާމަކޮށްފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް ޞަފުޙާގައި ހާމަކޮށްފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ. "އަޅުގަނޑު، ސޫޕަވާދީ ޕުންގސަވަންއަށް މިސް ވޯލްޑް ލާއޯސް 2021ގެ ޝަރަފުވެރި ލަޤަބު ދިފާޢުކުރެވޭން ނެތްކަމަށް މިއަދު މި އިއުލާނުކުރަނީ މިކަން ދިފާޢުކުރާން ކުރި ހަނގުރާމައިގައި ހަތިޔާރު ބަހައްޓަމުންނެވެ. މި ވަގުތު މިކަމާ ބެހޭ ގޮތުން ކުރޭ ސުވާލުތަކަށް އިޖާބުދޭކަށް އަޅުގަނޑު ނެތީމެވެ." މި ބަޔާން އާންމުކުރަމުން އެ ބަޔާނުގެ ފުރަތަމަ ފޮޅުވަތުގައި ހިތާމަވެރި މޫނަކާއި ލައްޕައިލައިފައިވާ އަތްތިލައެއްގެ ނިޝާންގެ އިމޯޖީއެއް ހިމަނައިފައިވެއެވެ.

"އަޅުގަނޑަށް ކުރެއްވި އިތުބާރަށް ޓަކައި، ރީތީގެ މުބާރާތް އިންތިޒާމުކުރެއްވި ހުރިހާ ބޭފުޅުންނާއި ހުރިހައި ފަނޑިޔާރުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެމެވެ." އޭނާ އިތުރަށް ބަޔާންކޮށްފައިވެއެވެ.

ލާއޯސްގެ ރީތީގެ އާ ރާނީގެ މަގާމަށް ސޫޕަވާދީ ހޮވީ މި ދިޔަ މާރިޗް މަހު 31 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. މި މަގާމަށް އޭނާ ހޮވުމާއެކު، އޭނާ ވެފައިވަނީ މިއަހަރު ޑިސެންބަރު މަހު، ޕުއެރްތޯރިކޯގައި ބާއްވާން ހަމަޖެހިފައިވާ ދުނިޔޭގެ ރީތީގެ ރާނީގެ މުބާރާތް (މިސް ވޯރލްޑް 2021) ގައި ލާއޯސް ތަމްސީލުކުރާނެ މަންދޫބަށެވެ.

އެހެންނަމަވެސް މި ޝަރަފުވެރި މަޤާމަށް ސޫޕަވާދީ ހޮވުނުކަން އިއުލާނުކުރެވުމާއެކު، އޭނާގެ ގައުމުގެ ސަރުކާރުން ހައްދަވައިފައިވާ އޭނާގެ އައިޑީކާޑްގެ ފޮޓޯއެއް މީސްމީޑިއާގައި ލީކުކޮށްލިއެވެ. މި ކާޑުން ހާމަވާ ގޮތުގައި ސޫޕަވާދީގެ އުފަން އަހަރެއް ކަމަށް އޮތީ 1991އެވެ. މާނައަކީ އޭނާގެ އުމުރަކީ 30 އަހަރެވެ. އެހެން ނަމަވެސް މީގެ ކުރީން އޭނާ ވަކާލާތުކޮށްފައިވަނީ އޭނާގެ އުމުރުން މިއަހަރު ފުރެނީ 26 އަހަރު ކަމަށެވެ.

ދުނިޔޭގައި ރީތީގެ ރާނީގެ މުބާރާތްތައް އިންތިޒާމުކުރާ ފަރާތްތަކުން، އެ މުބާރާތުގައި ބައިވެރި ވެވޭނެ އެންމެ ދޮށީ އުމުރެއް ކަމަށް ވަރަށް ހަރުކަށިކަމާއެކު ކަނޑައަޅައިފައިވަނީ 26 އަހަރެވެ. އެއީ މުބާރާތް ބާއްވާ ތާރީޚުގެ ދެ މަސްދުވަހުގެ ކުރިއާ ހަމައަށެވެ.

މި ގަވާއިދަށް ބަލާއިރު ލާއޯސްގެ ރީތީގެ މުބާރާތް ކާމިޔާބުކޮށްފައިވާ ސޫޕަވާދީ ޕުންގސަވަން، މުބާރާތަށް ޝަރުޠުފުރިހަމަވާ އުމުރަށްވުރެ ދޮށިކަން މި ވަނީ ސާބިތުވެފައެވެ. އެއީ އޮޅުމެއް ކަމަށް ނުވަތަ އޮޅުވައިލުމެއް ކަމަށް ވިޔަސް އެ މަޤާމު ދިފާޢުކުރުމަކީ އޭނާއަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އެކަން ކުރެވޭނީ އޭނާގެ ޞައްޙަ އައިޑީކާޑު ހާމަކޮށް، މީސްމީޑީއާގައި ލީކުވެފައިވަނީ ނަގުލީ އެއްޗެއްކަން ސާބިތުކޮށްދީގެންނެވެ. ނަމަވެސް މިކަން ކުރުމުގެ ފުރުޞަތެއް ނުވަތަ އެ ހިތްވަރެއް ސޫޕަވާދީއަށް ނެތް ކަމަށް ގަބޫލުކުރެވުނު ހިނދު އޭނާ މި ވަނީ ހަތިޔާރު ބަހައްޓައި ކަމާ ބެހޭ ހުރިހާ ފަރާތްތަކުން މައާފަށް އެދިފައެވެ. މިކަން މިހެން ދިމާވުމާއެކު، ދެން ލާއޯސްގެ ރީތީގެ ރާނީގެ ގޮތުގައި ދުނިޔޭގެ ރީތީގެ މުބާރާތުގައި ލާއޯސް ތަމްސީލުކޮށްދޭނީ ލާއޯސްގެ ރީތީގެ ރާނީ މުބާރާތުން ދެވަނަ (ފަސްޓް ރަނަރަޕް) އަށް އައި ރީތީގެ ރާނީ ޕޯންވިލައި ލުއާންގލަތު ކަމަށް ވަނީ ލަފާކުރެވިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *