Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 5

ފަސްވަނަ ސިފަ: އަމާނާތްތެރިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އަމާނާތްތެރިކަމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ސީރަތުން އަމާނާތްތެރިކަމުގެ ފިލާވަޅެއް

نبيއާ صَلّى اللهُ عَلَيْهِ وَسَلَّم ގެ އަތްޕުޅަށް مكة فتح ކުރެވުނެވެ. އަދި އެކަލޭގެފާނު مسجد الحرامއަށް ވަދެވަޑައިގަތެވެ. އަދި كعبة، ގެ ވަށައިގެން طواف ކުރެއްވިއެވެ. އަދިطواف ކޮށް ނިމިވަޑައިގަތުމުން كعبة ގެ ތަޅުދަނޑިއާ حوالވެ ހުންނެވި عثمان بن طلحة ގެންނެވިއެވެ. އަދި كعبة ގެ ތަޅުދަނޑި ހޯއްދެވިއެވެ. އަދި كعبة ހުޅުއްވެވިއެވެ. ދެން އެކަލޭގެފާނު އެތެރެއަށް ވަދެވަޑައިގަތެވެ. އަދި كعبة ދޮރަކޮޅުމަތީ ހުއްޓިވަޑައިގަތެވެ. ދެން ކިޔަވައިވިދާޅުވިއެވެ. لا إله إلا الله وحده، صدق وعده، ونصر عبده وهزم الأحزاب وحده މާނައީ:- الله ފިޔަވައި އެހެން إله އަކު ނުވެއެވެ. އެއީ އެއްކައުވަންތަ إله އެވެ. އެކަލާނގެ وعد ފުޅު ތެދުވެރި ކުރައްވައިފިއެވެ. އަދި އެކަލާނގެ އަޅާއަށް نصرދެއްވައިފިއެވެ. އަދި ލަޝްކަރުތައް ބަލިކުރައްވައިފިއެވެ. އެއީ އެއްކައުވަންތަ إلهއެވެ.

ދެން އެކަލޭގެފާނު ހަރަމުފުޅުގައި އިށީނދެވަޑައިގަތެވެ. އެހިނދު على ގެފާނު ތެދުވެދެންނެވިއެވެ. އޭ الله ގެ رسول އާއެވެ. ތިމަންނާއާ كعبة ހުޅުވާ ލެއްޕުމާއި އަދި ފެންފޯރުކޮށް ބޯންދިނުމުގެ ވެރިކަން حوال ކުރައްވާ ދެއްވާށެވެ. علىގެފާނަކީ އެކަލޭގެފާނުގެ ބޮޑުބޭގެ ދަރިފުޅެކެވެ. ނަމަވެސް އެކަލޭގެފާނު އެގޮތަށް އެކަން ނުކުރެއްވިއެވެ. ސަބަބަކީ އެއީ އެހެން މީހެއްގެ حق އަކަށް ވާތީއެވެ. އެހިނދު نبيއާ صلى الله عليه وسلم  حديث ކުރެއްވިއެވެ. عثمان بن طلحة ކޮބާހެއްޔެވެ؟ ދެން އެ ބޭކަލަކު ގެންނެވުމަށްފަހު نبيއާ صلى الله عليه وسلم حديث ކުރެއްވިއެވެ. އޭ عثمان بن طلحة އެވެ. މިއޮތީ ތިބާގެ ތަޅުދަނޑިއެވެ. މިއަދަކީ ހެޔޮކަމުގެ ދުވަހެކެވެ. އަދި أمانة އޭގެ ވެރިފަރާތަށް ރައްދުކުރެވޭނެ ދުވަހެކެވެ. (سيرة ابن هشام)

މިކަމާ ގުޅިގެން الله سبحانه وتعالى قران ބާވައިލެއްވިއެވެ. (إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ النَّاسِ أَنْ تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُمْ بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا ﴿ النساء ٥٨﴾ މާނައީ:- ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާނަމަ، عدلއަށް حكمކުރުމަށްވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّهއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.

أمانةތެރިކަމަކީ ކޮބާހެއްޔެވެ؟

އެއީ حقތައް އަދާކުރުމާއި، ޙައްޤުތަކުގެ މައްޗަށް ރައްކާތެރިވުމެވެ.

رسول الله صلى الله عليه وسلم حديثކުރެއްވިއެވެ. (لا إيمان لمن لا أمانة له، ولا دين لمن لا عهد له- أحمد. މާނައީ:- އަމާނާތްތެރި ކަމެއް ނުވާ މީހަކަށް އީމާންތެރި ކަމެއް ނުވެއެވެ. އަދި عهد އަށް ރައްކާތެރިނުވާ މީހަކަށް ދީނެއް ނުވެއެވެ.

އަމާނާތްތެރިކަމުގެ ވައްތަރުތައް

  • އަޅުކަން އަދާކުރުމުގައި އަމާނާތްތެރިވުން

مسلم އަކުނަމަ އޭނާގެ މައްޗަށް فرض ކުރެވިފައިވާ އަޅުކަންތައް އަދާކުރުމުގައި އަމާނާތްތެރިވާނެއެވެ. އެގޮތުން އޭނާ އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެއެވެ. ނަމާދަށް ރައްކާތެރިވާނެއެވެ. ރޯދައަށް ފަރުވާތެރިވާނެއެވެ. މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރާނެއެވެ. އަދި އެނޫނަސް އެހެން އަޅުކަންތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާނެއެވެ.

  • ގުނަވަންތަކުގެ މައްޗަށް އަމާނާތްތެރިވުން

مسلم އަކުނަމަ އެމީހެއްގެ ގުނަވަންތަކުގެ މައްޗަށް އަމާނާތްތެރިވާނެއެވެ. ހަށިގަނޑުގެ އެންމެހާ ގުނަވަންތަކަކީ ހަވާލުކުރެވިފައިވާ އަމާނާތްތަކެކެވެ. އެހެންކަމުން އެއްވެސް ގުނަވަނެއް الله ނުރުއްސަވާ ކަމެއް ކުރުމަށް ބޭނުން ކުރުމަކީ އެއަމާނާތަށް ޚިޔާނާތްތެރިވުމެވެ. ލޮލަކީ ހަވާލު ކުރެވިފައިވާ އަމާނާތެކެވެ. حرام ތަކެއްޗަށް ބެލުމުން އެ ގުނަވަން ސަލާމަތް ކުރުމަކީ واجب ވެގެންވާ ކަމެކެވެ. ކަންފަތަކީ އަމާނާތެކެވެ. حرام ތަކެއްޗަށް އަޑުއެހުމުން އެ ގުނަވަން ސަލާމަތް ކުރުމަކީ واجب ވެގެންވާ ކަމެކެވެ. އަތަކީ އަމާނާތެކެވެ. حرام ކަންތައް ކުރުމުން އެގުނަވަން ސަލާމަތް ކުރުމަކީ واجب ވެގެންވާ ކަމެކެވެ. އެގޮތުން ހުރިހާ ގުނަވަންތައްވެސް މިފަދަ އެވެ.

  • ރައްކާކުރުމަށް ބެހެއްޓޭ ތަކެއްޗަށް އަމާނާތްތެރިވުން

ރައްކާކުރުމަށް ބެހެއްޓޭ ތަކެތި ސަމާލުކަމާ އެކު ބަލަހައްޓައި އޭގެ حق ވެރިފަރާތަށް ރައްދުކުރުމަކީ އަމާނާތެކެވެ. رسول الله صلى الله عليه وسلم، مكة ގެ مشركންގެ އަމާނާތް ބެލެހެއްޓެވިއެވެ. އެކަލޭގެފާނުގެ އަމާނާތްތެރިކަން ބޮޑުކަމުން އެކަލޭގެފާނަށް الامين ގެ لقب ލިބިވަޑައިގަންފައިވެއެވެ. އެކަލޭގެފާނު مكة އިން مدينة އަށް هجر ކުރެއްވި ހިނދު އެކަލޭގެފާނާ حوال ކުރެވިފައިހުރި އަމާނާތް އޭގެ އަހުލުވެރީންނަށް ރައްދުކުރުމަށްޓަކައި على بن أبي طالب ގެފާނާއި حوال ކުރެއްވިއެވެ.

  • މަސައްކަތް ކުރުމުގައި އަމާނާތްތެރިވުން

މީހާ އޭނާއާއި ހަވާލުކުރެވިފައިވާ މަސައްކަތް ފުރިހަމައަށް އަދާކުރުމަކީ އަމާނާތެކެވެ. އެގޮތުން ކިޔަވާ ކުދިން އެކުދީންގެ މަދުރަސީ މަސައްކަތް ފުރިހަމައަށް އަދާކުރުމާއި علم ހާސިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭނެއެވެ. އަދި ދަރީން އެމީހުންގެ މައިންބަފައިންނަށް احسان ތެރިވާން ޖެހެއެވެ. އެގޮތުން އެންމެހާ މަސައްކަތްތެރިން އެމީހެއްގެ މަސައްކަތް ފުރިހަމައަށް އަދާކުރަން ޖެހެއެވެ.

  • ވާހަކަ ދެއްކުމުގައި އަމާނާތްތެރިވުން

ވާހަކަ ދެއްކުމުގައި ތެދުވެރިކަމާއިއެކު ވާހަކަ ދެއްކުމަކީ އަމާނާތެކެވެ. ވާހަކަދައްކާމީހާ އަށް ދުލުން ބޭރުވާ ބަހުގެ قدر އެނގެންޖެހޭނެއެވެ. އެއީ ދުލުން ބޭރުވާ އެންމެ ބަހެއްގެ ސަބަބުންވެސް މީހަކު ހަލާކުވެގެންވެސް ހިގައިދާނެއެވެ. އަދި ދުލުން ބޭރުވާ އެންމެ ބަހަކުވެސް މީހަކު ބާއްޖަވެރިއަކަށް ވެސް ވެގެން ހިނގައިދާނެއެވެ. ބައެއް ފަހަރަށް ދުލުން ބޭރުވާ ބަހެއްގެ ސަބަބުން މީހަކު ނަރަކަ ވެރިއަކަށްވެސް ވެގެން ހިނގައިދާނެއެވެ. އަދި ބައެއްފަހަރަށް ދުލުން ބޭރުވާ ބަހެއްގެ ސަބަބުން މީހަކު ސުވަރުގެ ވަންތަވެރިއަކަށްވެސް ވެގެން ހިނގައިދާނެއެވެ. މާތް الله سبحانه وتعالى وحي ކުރެއްވިއެވެ. (أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿إبراهيم٢٤﴾ މާނައީ :اللَّه، ރަނގަޅު ބަހެއްގެ مثالޖެއްސެވީ ކޮން ފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށް ހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثالއެވެ.

މާތް الله سبحانه وتعالى وحى ކުރެއްވިއެވެ. (وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ اجْتُثَّتْ مِنْ فَوْقِ الْأَرْضِ مَا لَهَا مِنْ قَرَارٍ ﴿ إبراهيم ٢٦﴾ މާނައީ:- އަދި ނުބައި ބަހެއްގެ مثالއަކީ، ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއްނުވާ، ނުބައި ގަހެއްގެ مثالއެވެ.

ދުލުން ބޭރުވާ ބަހުގެ أهمية ކަން رسول الله صلى الله عليه وسلم ވަނީ އުއްމަތަށް  ބަޔާންކޮށްދެއްވާފައެވެ.

مسلم ންގެ އިޚްތިޔާރު ކުރާ ސިފައަކީ ރީތިބަހުން ވާހަކަ ދެއްކުމުގެ ސިފައެވެ. އަދި ރީތި ބަހުން ވާހަކަ ދައްކައިގެން إ لهى ރުއްސެވުން حاصل ކުރުމެވެ. މާތް الله ރުއްސުންލެއްވި أَبو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. ކޮންމެ ދުވަހެއްގެވެސް އިރު އެރުމުން އިންސާނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް (އެގުނަވަންތައް ސަހީ ސަލާމަތުން ހުރި ކަމަށްޓަކައި) صدقة ދިނުން (އެދެވިގެން) ވެއެވެ. (ދަންނާށެވެ!) ދެމީހެއްގެ މެދުގައި އިންސާފަށް ކަންކުރުމަކީ صدقة އެކެވެ. މީހަކަށް އެމީހާގެ އުޅަނދަށް ސަވާރުވުމުގައި ނުވަތަ ސާމާނު އެރުވުމުގައި އެހީތެރިވެދިނުމަކީ صدقة އެކެވެ. ރަނގަޅު ވާހަކަ އެއް ދެއްކުމަކީ صدقة އެކެވެ. ނަމާދަށް އަޅާ ކޮންމެ ފިޔަވަޅަކީ صدقة އެކެވެ. މަގުން އުނދަގޫވާ ތަކެތި ދުރުކުރުމަކީ صدقةٌ އެކެވެ.

  • مسئولية އަދާކުރުމުގައި އަމާނާތްތެރިވުން

ކޮންމެ إنسان އަކީ އެމީހަކާއި حوالވެފައިވާ مسئوليةތައް، އަމާނާތްތެރިކަމާއި އެކު އަދާކުރަން ޖެހިފައިވާ މީހެކެވެ.  މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد الله بن عمر، ސަލާމާއި ސަލަވާތްލެއްވި ނަބީ ކަލޭގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ އެމީހާ ބަލާ ބަލަހައްޓަން ޖެހިފައިވާ މީހުންނާއި މެދު قيامة ދުވަހުން ސުވާލުކުރެވޭނެ މީހެކެވެ. امِيرއަކީ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި ފިރިހެނާއަކީ އޭނާގެ އަހުލުބައިތުން ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެއާއި އަދި އޭނާގެ ދަރީން ބަލާބަލަހަށްޓަން ޖެހިފައިވާ މީހެކެވެ. ވީމާ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ  ބަލާ ބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އެމީހަކު ބަލާބަލަހަށްޓަން ޖެހިފައިވާ މީހުންނާއި މެދު قيامة ދުވަހުން އެމީހަކާއި ސުވާލު ކުރެވޭނެއެވެ.

  • ސިއްރަށް ރައްކާތެރިވުމުގައި އަމާނާތްތެރިވުން

مسلم އަކުނަމަ އޭނާގެأخ އާގެ ސިއްރު ރައްކަތެރިކުރާނެއެވެ. އަދި އޭނާއާއި މެދު خيانة  ތެރިއެއް ނުވާނެއެވެ. نبيއާ صَلّى اللهُ عَلَيْهِ وَسَلَّم حديثކުރެއްވިއެވެ. ((إذا حدَّث الرجل بالحديث ثم التفت فهي أمانة) [(أبو داود والترمذي)  މާނައީ:- މީހަކު އަނެއްމީހެއްގެ ކާރީ ވާހަކައެއް ދެއްކުމަށްފަހު، އެނބުރިގެން ގޮސްފިނަމަ އެއީ އަމާނާތެކެވެ.

  • ވިޔަފާރީގައި އަމާނާތްތެރިވުން

مسلم އަކުނަމަ ވިޔަފާރީގައި މަކަރު ނަހަދާނެއެވެ. އަދި خيانة ތެރި ނުވާނެއެވެ.

މާތްالله ރުއްސުންލެއްވި أَبوهُريرة ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُول اللَّهِ صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. ތިމަންމެންގެ މައްޗަށް ހަތިޔާރު އުފުލައިފި މީހާއަކީ ތިމަންމެންގެ ތެރެއިންވާ މީހެއްނޫނެވެ. އަދި ތިމަންމެނަށް މަކަރު ހަދައިފި މީހަކީ ތިމަންމެންގެ ތެރެމީހެއްނޫނެވެ.

އަދި މުސްލިމްގެ ރިވާޔަތެއްގައިވެއެވެ. ހަމަކަށަވަރުން رَسُول اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ކާތަކެތި އަޅައިފައި ހުރި ގޯންޏެއްގެ ކައިރިން ވަޑައިގަތެވެ. ފަހެ އެކަލޭގެފާނު އޭގެ އެތެރެއަށް އެކަލޭގެފާނުގެ އަތްޕުޅު ވެއްދެވިއެވެ. ފަހެ އެކަލޭގެފާނުގެ އިނގިލިތަކުގައި ތެތްކަން ޖެހުނެވެ. ފަހެ حديث ކުރެއްވިއެވެ. އޭ ކާތަކެތީގެ ވެރިޔާއެވެ. މިއީ ކޮންކަމެއްތޯއެވެ؟ އެމީހާ ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ. އެއަށް ވާރޭ ވެހުނީއެވެ. حديث ކުރެއްވިއެވެ. ތިބާ މީސްތަކުންނަށް ފެންނަ ގޮތަށް ވާރޭ ޖެހުނު ތަކެތި އެންމެ މަތީގައި ނުބެހެއްޓީ ކީއްވެގެންހެއްޔެވެ؟ ތިމަންމެނަށް މަކަރު ހަދާ މީހާއަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނެވެ.

أمانة ތެރިކަމަކީ މީސްތަކުން އެކަމަށް ރައްކާތެރިވެގެންފިނަމަ އެމީހުންނަށް ހެޔޮގޮތް މެދުވެރިވާ ކަމެކެވެ. އަދި އެބައެއްގެ މެދުގައި ކުލުނު ބޮޑުވާ ކަމެކެވެ. މާތް الله سبحانه وتعالى أمانة ގެ أهل ވެރި މުއުމިނުންނަށް ސަނާ  وحى ކުރެއްވިއެވެ. ފަހެ وحى ކުރެއްވިއެވެ. (وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ) ﴿ المعارج ٣٢﴾ މާނައީ:- އަދި، އެއުރެންނީ، އެއުރެންގެ أمانةތަކަށާއި، އެއުރެންގެ عهدތަކަށް ރައްކާތެރިވާ މީހުންނެވެ.

خيانة ތެރިންނަކީ މާތް الله سبحانه وتعالى ނުރުއްސަވާ ބަޔެކެވެ. (وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنْفُسَهُمْ ۚ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ خَوَّانًا أَثِيمًا) ﴿النساء١٠٧﴾ މާނައީ:- އެއުރެންގެ އަމިއްލަ نفسތަކަށް خيانةތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ خيانةތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

މާތްالله سبحانه وتعالى وحىކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ) ﴿ الأنفال٢٧ ﴾  މާނައީ:-  އޭ إيمانވެއްޖެ މީސްތަކުންނޭވެ! اللّهއަށާއި، رسولއާއަށް ތިޔަބައިމީހުން خيانةތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ أمانةތަކަށް، އެނގިއެނގި ތިބެ ތިޔަބައިމީހުން خيانةތެރި ނުވާށެވެ!