Support Us

ދުންފަތުގެ އިސްތިޢުމާލުގެ ގެއްލުމާއި ނުރައްކާ

މާތް ވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ރައްކާތެރިކުރުމަށް އަމުރުކުރައްވާފައިވާ، އަދި އެއަށް ޝަރްޢީ އުޞޫލުގެ ޢިލްމުވެރިން الضرورات الخمس (ބޭނުންތެރި ފަސްކަންތައް) ގެ ނަމުން ނުވަތަ الكيات الخمس (މައިގަނޑު ފަސްކަންތައް) ގެ ނަމުން ނަންދެއްވާފައިވާ ފަސް ކަމެއް ވެއެވެ. އެއީ ދީން ރައްކާތެރި ކުރުމާއި، ނަފްސު ރައްކާތެރި ކުރުމާއި، ބުއްދި ރައްކާތެރި ކުރުމާއި، އަބުރު ރައްކާތެރި ކުރުމާއި އަދި މުދާ ރައްކާތެރިކުރުމެވެ.

މިހެންކަމުން މިތާނގައި މި ހުށަހަޅަނީ ދީނާއި، ނަފްސާއި، ބުއްދިއާއި، އަބުރާއި މުދާ ސަލާމަތްކުރުމަށްޓަކައި ދުރުހެލިވެގަންނަން ޖެހޭ ކަންތައްތަކުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލާމެދު ފެނިފައިވާ ބައެއް ގެއްލުންތަކެވެ.

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް ދެއްވާދޭނވެ. އާމީން.

ދުންފަތުގެ މާނަ

ދުންފަތަކީ ނިކޮޓިއަނާއި ޓަބަކަމް (NICOTIANA TABACUM) ކިޔާ ގަހެއްގެ ފަތެކެވެ. މިގަހަކީ SOLANACEAFAM އާއިލާގެ ތެރޭގައި ހިމެނޭ ގަހެކެވެ. މި ދެންނެވި ނިކޮޓިއަނާ ގަހުގެ ތެރޭގައި ފަސްދޮޅަހަށްވުރެ ގިނަ ވައްތަރުގެ ގަސް ހުރެއެވެ. ނަމަވެސް އޭގެތެރެއިން ދުން އެރުވުމަށާއި ދުފުމަށް ބޭނުންކުރަނީ އެންމެ ދެވައްތަރުގެ ގަހެވެ. އެއީ NICOTIANA TABACUM އާއި NICOTIANA RUSTICUM އެވެ. ދުންފަތަށް (TOBAGO) ނަން ދެވިފައިވަނީ، ދުންފަތް އެންމެ ފުރަތަމަ ފެނިފައިވަނީ ކެރީބިއަން ކަނޑުގައިވާ ޓޮބަގޯ ނަމަކަށް ކިޔުނު ޖަޒީރާއަކުން ކަމަށްވާތީ ކަމަށް ބުނެވެއެވެ. ނުވަތަ އެދުވަސްވަރު އުޅުނު ރެޑް-އިންޑިއަނުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރި ކަށިގަނޑަށް ކިޔާނަން ކަމުގައިވާ (TABACUM) ގެ ލަފްޒު ކަމަށްވެސް ބުނެވެއެވެ.

 

ދުންފަތް ގަހަކީ ގާތްގަނޑަކަށް 1-2 މީޓަރު ދިގުމިނަށް ހެދޭ ވިނައެކެވެ. އެގަހުގެ ދަނޑިގަނޑު މެދުމިންވަރަކަށް ހަރެވެ. އެ ގަހުގައި އަޅާ ކޮންމެ ވަކެއްގައި ހަތަރު ހާހާއި އަށްހާހާއި ދެމެދުގެ ޢަދަދަކަށް ކުދިކުދި އޮށް ހުރެއެވެ. އެހެންކަމުން އެންމެ ދުންފަތް ގަހަކުން މިލިއަން މުޑުވައް އުފައްދާލުމަށް އެއްވެސް ދަތިކަމެއް ނުވެއެވެ. މިދެންނެވި އޮށްތައް ހުންނަނީ ވަރަށް ކުދިކޮށް ކުކުޅުބިސް ބުރަށެވެ. އޮށް ވަޅުލާތާ ހަތަރު ފަސް ދުވަހެއްގެ ތެރޭގައި ފަޅައިދެއެވެ. ދުންފަތުގެ އޮށުގެ އެންމެ ގްރާމެއްގައި ދިހަހާހާއި، ބާރަހާހާއި ދެމެދުގެ އަދަދަކަށް އޮށް ހުރެއެވެ. ފެން ނުޖައްސައި ހިކިކޮށް ބަހައްޓައިފިނަމަ މިއޮށް ވަރަށް ދިގު މުއްދަތަކަށް ހަލާކުނުވެ ހުރެއެވެ. ދުންފަތް އެންމެ ރަނގަޅަށް ހެދެނީ ޖައްވުގެ ހޫނުމިން ގާތްގަނޑަކަށް 27 ޑިގްރީއަށް ހުރުމުންނެވެ. އަދި ވައިގެ ތެއްކަން ބޮޑަށް ހުންނަ ސަރަޙައްދުތަކުގައި މިގަސް ރަނގަޅަށް ހެދެއެވެ. އަދި ވައި ގަދައަށް ޖެހޭނަމަ މީގެ ދަނޑުތަކަށް ރަނގަޅެވެ.

ދުންފަތުގެ ތާރީޚް

ދުންފަތުގެ ތާރީޚަކީ ކޮބައިތޯ ބަލާއިރު ބުނެވޭނީ އެއީ މީގެ 2،500 އަހަރުކުރިން މެކްސިކޯއިން އެދުވަސްވަރުގައި ތިބި މީހުންނަށް އެނގުނު ގަހެއް ކަމަށެވެ. އަދި އެދުވަސްވަރު އެތާނގައި ތިބި މީހުން މިގަހުގެ ފަތުން ޕައިޕް ހަދައިގެން އޭގެ ޒަރީޢާއިން ދުންބޯން ފެށިއެވެ. އަދި މިގޮތަށް ދުންއެރުވުމުގެ އިތުރުން ހެފުމަށާއި އަނގައިގައި ގިނައިރު ބޭއްވުމަށްވެސް ބޭނުންކުރަން ފެށިއެވެ. ދެން މެކްސިކޯ މީހުންގެ ފަރާތުން އެމެރިކާގަ އާއި ކެރީބިއަންގައި އުޅުނު ރެޑް-އިންޑިއަނުންނަށް މިކަން ދަސްވިއެވެ. އަދި އެމީހުން މެކްސިކޯ މީހުންނެކޭ އެއްފަދައިން ދުންފަތުގެ އިސްތިޢުމާލު ކުރަން ފެށިއެވެ. ނަމަވެސް ރެޑް-އިންޑިއަނުން ދުން ބުއިމަށް ގެންގުޅުނު ކަށިގަނޑު ހަދާފައިވަނީ "Y" ވައި އަކުރެއްގެ ސިފައިގައެވެ. އަދި ގަސްތަކުގެ ފަތްތަކަށް ދުންފަތް އަޅައިގެން ބިޑި އަނބުރައިގެން ބޯންފެށިއެވެ. މިއިން ބިޑިއެއްގައި ހުންނަނީ 8-10 ސެންޓިމީޓަރެވެ. މިބިޑިއަށް އެމީހުން ކިޔުނު ނަމަކީ (CIGAROS) އެވެ. މިގޮތަށް ޒަމާންތަކެއް ވޭތުވެ ދިޔުމަށްފަހު ކަންދިމާވި ގޮތަކީ މީލާދީން 1492 ގައި މަޝްހޫރު ފަތުރުވެރިޔާ ކްރިސްޓްފަރު ކޮލަންބަސް ދަތުރުކުރަމުން ގޮސް އިރުމަތީ އިންޑިޔާ ކަމަށް ހީކޮށް ލެފީ އެމެރިކާގެ ބަހާމާސް ނަމަކަށް ކިޔުނު ޖަޒީރާއަށެވެ. އަދި އެއްގަމަށް ފައިބައިގެން ބެލިއިރު އެރަށުގެ މީހުންނާއި އިންޑިއާގެ މީހުންނާއި ވަރަށް ބޮޑަށް ކުލައިންނާއި އިސްކޮޅުންނާއި، އުޅުމުންނާއި ވާހަކަ ދެއްކުމުން ތަފާތެވެ. އެހެންވެ އެމީހުންނަށް ނަންދިނީ ރެޑް-އިންޑިއަނުންގެ ނަމުންނެވެ. އަދި ކޮލަންބަސް ރަށުތެރެއަށް ނިކުތުމުން ފެނުނީ އެރަށުގެ މީހުން އަނގައިންނާއި ނޭފަތުން ދުންއަރުވާ މަންޒަރެވެ. އެހެންކަމުން އެކުރަނީ ކޮން ކަމެއްކަން ނޭނގިގެން އެކަމާއި ޙައިރާންވެ ވިސްނަން ފެށިއެވެ. އަދި އެންމެ ފަހުން އަމިއްލައަށް ރަހަބަލައިގެން ދުންފަތް ތަޖުރިބާ ކުރީއެވެ. މިގޮތަށް މިވާހަކަ ކޮލަންބަސް އޭނާގެ ޑައިރީގައި ލިޔުނެވެ. ނަމަވެސް ދުންފަތްގަސް ނުވަތަ އޮށް އޭނާ ޔޫރަޕަކަށް ނުގެންދެއެވެ. ޔޫރަޕަށް ދުންފަތް އައީ މީލާދީން 1556ގައި ސްޕޭން ސަރުކާރުން ސްޓަޑީ ޓްވަރ އެއްގައި މެކްސިކޯއަށް ފޮނުވި (FERNANDES FRANSISCO) ނަމަކަށް ކިޔުނު ޑޮކްޓަރަކު ދަތުރު ނިންމާފައި އެނބުރި އައިއިރު ގެނައި މުޑުވަކުންނެވެ. ސްޕޭންގައި ދުންފަތް ތަޢާރަފްވުމާއި ވިދިގެން ދުވަސްކޮޅެއްގެ ތެރޭގައި (1558ގައި) ޕޯޗުގީޒުންނަށް ދުންފަތް ތަޢާރަފްވިއެވެ. އަދި ޕޯޗުގީޒުން ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އިތުރުން ސައިނަސް ފަދަ ބަލިތަކަށް ބޭހެއްގެ ގޮތުގައި ދުންފަތް ބޭނުންކުރަން ފެށިއެވެ. މިދުވަސްވަރުގައި ޕޯޗުގީޒްގައި ފްރާންސްގެ އެމްބެސެޑަރަކަށް ހުރީ ޖޯން ނިކޯޓް ކިޔުނު މީހެކެވެ. މީނާއަށް ފަރާންސްގެ ރަނިކަމަނާ މަދަރ ކެތުރިން ޑިމޯސިސް ސައިނަސް ޖެހުނު ޚަބަރު ލިބުމުން އޭގެ ބޭހެއްގެ ގޮތުގައި ފޮނުވީ ދުންފަތް ދަޅުތަކެވެ. އެހިސާބުން ފްރާންސްގައި ދުންފަތް ތަޢާރަފްވީއެވެ. އެއީ މީލާދީން 1559 އެކެވެ.

ދުންފަތް ތަޢާރަފްވާން ފެށުމުން 1828 ގައި ކުރެވުނު ދިރާސާއަކުން ޖަރުމަނުގެ ދެ ސައިންސްވެރިއަކަށް ވިހަ މާއްދާއެއް ވަނިކޮށް ފެނުނެވެ. އަދި ދުންފަތުގައިވާ މި ވިހަ މާއްދާއަށް ކިޔާނެ ނަމަކާއިމެދު އެމީހުން ވިސްނި ވިސްނުމުން ފެނުނީ އެމާއްދާއަށް، ފްރާންސަށް އެންމެ ފުރަތަމަ ދުންފަތް ތަޢާރަފްކުރި ޖޯން ނިކޮޓުގެ ނަމުން ނަންދިނުމެވެ. އެހެންކަމުން ދުންފަތުގައި ހުންނަ ވިހަ މާއްދާއަށް ނަންދިނީ ނިކޮޓިންގެ ނަމުންނެވެ. މިދެންނެވި ޖޯން ނިކޮޓް ފްރާންސްގެ އެމްބެސެޑަރެއްގެ މަޤާމްގައި ޕޯޗުގީޒުގައި 1559 ން 1561ށް ހުއްޓެވެ.

އިނގިރޭސިވިލާތަށް އެންމެ ފުރަތަމަ ދުންފަތް އެތެރެވެފައިވަނީ އިނގިރޭސި ވިލާތުގެ އެދުވަސްވަރުގެ ރަނިކަމަނާ އެލިޒަބަތު 1 ގެ ލޯބިވެރިޔާގެ ޒަރީޢާއިން ކަމަށް ބުނެވެއެވެ.

އިސްލާމީ ދުނިޔެއަށް ދުންފަތް ތަޢާރަފް ވާންފެށީ ގާތް ގަނޑަކަށް ހިޖުރައިން 1000 ވަނަ އަހަރުގެ ތެރޭގައެވެ. ބުނެވޭ ގޮތުގައި މޮރޮކޯއަށް ދުންފަތް ތަޢާރަފް ކުރީ ބޭސްކުރާ މީހެއްގެ ނަމުގައި އެރަށަށް ގޮސްހުރި ޔަހޫދީއެކެވެ. ތުރުކީއަށް ދުންފަތް ތަޢާރަފް ކުރީ އިނގިރޭސިވިލާތުގެ ކްރިސްޓިއަނެއް ކަމަށް ބުނެވެއެވެ. ސުޑާންއަށް ދުންފަތް އެތެރަކުރީ މަޖޫސީއެއް ކަމަށް ބުނެވެއެވެ. މިއީ މަސްތުވާ ތަކެތިން ސަލާމަތް ވުމަށް 1982 މާޗްގައި މަދީނަތުލް މުނައްވަރާގައި ބޭއްވުނު "ފުރަތަމަ ބައިނަލް އަޤްވާމީ މަސްތުވާ ތަކެއްޗާ އިދިކޮޅު އިސްލާމީ ސެމިނަރ" އިން ނިންމެވި ގޮތެވެ.

ދުންފަތުގެ އިސްތިޢުމާލުގެ ގެއްލުން

ދުންފަތުގެ އިސްތިޢުމާލުގެ އިތުރުން ދުންފަތް ހެއްދުމަކީވެސް ގެއްލުން ހުރި ކަމެކެވެ. ސަބަބަކީ ދުންފަތް ހެއްދުމުން މޭވާއާއި ގޮވާން ހައްދާ ބިން މަދުވެއެވެ. ދުނިޔޭގެ ކާބޯތަކެތި މަދުވުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަޤީރުންގެ ޢަދަދު ނުހަނު ގިނައެވެ. ވީއިރު ދުންފަތް ހައްދާ ބިންތަކުގައި މޭވާއާއި ގޮވާން ހައްދާނަމަ މިހާރު ކުރިމަތިވެފައިވާ ފަޤީރުކަމަށް ކޮންމެވެސް ހައްލެއް އަންނާނެކަން ކަށަވަރެވެ.

އަނެއް ސަބަބަކީ، ދުންފަތަކީ އެ އިންދުމުގެ ގާތްގަނޑަކަށް ހަތަރު ހަފްތާއިން ފެށިގެން އެދަނޑު ފައްކާވަންދެން ވަރަށް ގިނަ ގަސްކާނާ ބޭނުންވާ އެއްޗެކެވެ. ހަމަ އެގޮތަށް ފަނިމަރާ ބޭސްތައް އެހާމެ ގިނައިން ދުންފަތް ދަނޑުތަކަށް ބޭނުންކުރަން ޖެހެއެވެ. ގިނަ މީހުން ދަންނާނެ ފަދައިން ބީ.އެޗް.ސީ، ކޮލޮރިން، ޑީބީ.ސީބީ، ޑީ.ޑީ.ޓީ ފަދަ ފަނިމަރާ ވިހަ ބޭސްތަކަކީ އޭގެ ސަބަބުން މައިގަނޑު ގޮތެއްގައި ކެންސަރާއި އަދި މަދުން ނަމަވެސް ވާގިދޫވުން ފަދަ ބަލިތައް މެދުވެރިކޮށްދޭ އެއްޗެކެވެ. އަދި މީގެ އިތުރަށް ދުންފަތް ހެއްދުމަކީ ތިމާވެއްޓަށްވެސް އެހާމެ ގެއްލުންހުރި ކަމެކެވެ. ސަބަބަކީ ދުންފަތް ހިއްކުމަށް އަލިފާން ޖަހަން ޕެޓްރޯލާއި ގޭސް ޚަރަދު ބޮޑުކަމުން 3 ވަނައަށް ދުނިޔޭގައި މުޅިންހެން ބޭނުންކުރަނީ ދަރުކަމަށް ވާތީއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު ހަތް މިލިއަން އޭކަރުގެ ޖަންގަލި މިކަމަށްޓަކައި ކޮށަން ޖެހެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން އިންސާނާގެ ޞިއްޙަތަށް ވަރަށް ބޮޑެތި ގެއްލުން ވެއެވެ. އެއީ ދުންފަތުގައި ވިހަ މާއްދާތަކެއް ވާ ކަމަށްޓަކައެވެ. ދުންފަތުގައި މައިގަނޑު ގޮތެއްގައި ހުންނަ ވިހަ މާއްދާތަކަކީ ކާބަން މޮނޮކްސައިޑާއި ނިކޮޓިނާއި ތާރެވެ.

  1. ދުންފަތުގައި ހުންނަ ކާބަން މޮނޮކްސައިޑްގެ ސަބަބުން ލޭގައި ހުންނަ އޮކްސިޖަން ނެގުމުގެ ބާރު ބަލިކޮށްލައެވެ.
  2. ދުންފަތުގައި ހުންނަ ނިކޮޓިނަކީ ލޭމަތިކުރާ އެއްޗެކެވެ. އަދި ހިތުގެ ހިނގުން އަވަސްކުރާ އެއްޗެކެވެ. އަދި ކުރީގައި ދެންނެވި ކާބަން މޮނޮކްސައިޑްގެ ތެރެއަށް ނިކޮޓިން އެއްވުމުން ހިތުގެ ވޭލުތަށް ބަންދުވެ ސިކުނޑިއާއި ލޭގެ ނިޒާމަށް ގެއްލުންވުން އަވަސްވެއެވެ.
  3. ދުންފަތުގައި ހުންނަ ތާރ (TAR) އަކީ ފުއްޕާމެއަށް ކެންސަރު ޖައްސާ އެއްޗެކެވެ.

ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް ނެރެވުނު ބައިނަލް އަޤްވާމީ ޤަރާރުތައް

  • 1890 ގައި އެމެރިކާގެ ކޮލަމްބިއާގައި ދުންފަތާ ދެކޮޅަށް ޤަރާރެއް ނެރެވުނުކަމަށް ވެއެވެ.
  • 1899ގައި ނޯވޭގައި ކުޑަކުދިންނާއި ކައިރީގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ކުރެވުނެވެ.
  • 1900ގައި ޖަޕާނުގައި، އަދި 1908ގައި ސޮކޮޓްލޭންޑްގައި ވެސް ކުޑަކުދީންނާއި ކައިރީގައި ދުންފަރުގެ އިސްތިޢުމާލު ކުރުން މަނާ ކުރެވުނެވެ.
  • 1933ގައި ޔޫ.ކޭގައި ކުޑަކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ކުރެވުނެވެ.
  • 1962ގައި ޔޫ.ކޭގައި މީޑިއާއިން ދުންފަތުގެ އިޝްތިހާރު ކުރުން މަނާ ކުރެވުނެވެ. އަދި ސިއްޙަތަށް ގެއްލުން ހުރި އެއްޗެއްކަން އަންގައިދޭ ނިޝާން ސިނގިރެޓުގައި ޖެއްސެވެ.
  • 1965ގައި އެމެރިކާގައި ދުންފަތުގެ އިޝްތިހާރު ކުރުން މަނާ ކުރެވުނެވެ.
  • 1970ގައި WHO އިން ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި އެއްބަސްވެވުނެވެ. އަދި ހަމަ އެއަހަރު ސިންގަޕޫރުގައި ކަނޑައެޅޭ ސަރަޚައްދު ތަކުގެގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ކުރެވުނެވެ.
  • 1971ގައި އިނގިރޭސި ވިލާތުގައި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޓީއެއް އުފެއްދުނެވެ.
  • 1974 ގައި WHO އިން މެމްބަރު ޤައުމުތަކުން ދުންފަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެދި ދެންނެވިއެވެ.
  • 1975ގައި އިންޑިއާގައި މަސްތުވާތަކެތި ވިއްކުމާއި އިޝްތިހާރުތައް ކުރުން ކޮންޓްރޯލް ކުރެވުނެވެ.
  • 1976ގައި ޢިރާޤުގައި ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރާ ޤަރާރެއް ފާސްކުރެވުނެވެ. އަދި ޢިރާޤުގެ ބައެއް ތަންތާގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެސް ކުރެވުނެވެ.
  • 1977ގައި މިޞްރުގައި ރޭޑިއޯއިންނާއި ޓީ.ވީގެ ޒަރިއްޔާއިން ދުންފަތުގެ އިޝްތިހާރުކުރުން މަނާކުރެވުނެވެ. އަދި ހަމަ އެ އަހަރު އިނގިރޭސި ވިލާތުގައި ދުންފަތުގެ އިސްތުޢުމާލާއި ދެކޮޅަށް މަސައްކަތް ކުރެވޭ ޤައުމީ ދުވަހެއް ފާހަގަކުރެވުނެވެ.
  • 1979ގައި ޢަރަބީންގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކުން ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤަރާރެއް ފާސްކުރެވުނެވެ. އަދި ހަމަ އެ އަހަރު ޢިރާޤުގައި ހެލްތު ދާއިރާރަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވުނެވެ. އަދި ސިނގިރެޓް ފޮށީގެ ބޭރުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އިންޒާރު ޖެހުން ވެސް ހިމެނެއެވެ. އަދި އެޤައުމުގައި އުފައްދާ ސިނގިރެޓުގައި ހުންނަ ނިކޮޓިނާއި ކެތުރީން މަދު ކުރެވުނެވެ.
  • 1980ގައި ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލާ މެދު ހޭލުންތެރިކުރުމުގެ ޕޮރޮގްރާމް ހިންގަން WHO އިން ޤަރާރެއް ކަނޑައެޅުނެވެ.
  • 1984ގައި މަސައްކަތްކުރާ ތަންތާގައި ދުންފަތުގެ އިސްތިޢުމާލުކުރުން ސުޢޫދީ ޢަރަބިއާގައި މަނާ ކުރެވުނެވެ.
  • 1986ގައި އޮފީސްތަކުގައި ތިބޭ ސިނގިރެޓް ބޯމީހުންގެ އުނދަގުލުން އެހެންމީހުން ސަލާމަތް ކުރަން WHO އިން މަސައްކަތް ކުރެވުނެވެ.
  • 1986ގައި ޢިރާޤުގައި ރަސްމީ ޖަލްސާތަކާއި އޮފީސްތަކުގައި ސިގިރެޓްބުއިން މަނާ ކުރެވުނެވެ.

ދުންފަތުގެ އިސްތިޢުމާލާ މެދު ފާހަގަވާ ބައެއް ނުކުތާތައް

  1. ދުންފަތުގެ އިސްތިޢުމާލުގެ ނަމުން އިސްލާމްދީނުގައި ޞަރީޙަކޮށް އެއްޗެއް ބަޔާން ކުރެވިފައެއް ނުވެއެވެ. ސަބަބަކީ ދުންފަތުގެ އިސްތިޢުމާލަކީ ހިޖުރައިން 1000 އަހަރު ފަހުން އިސްލާމީ ދުނިޔެދުށް އެއްޗެކެވެ. ދުންފަތަކީ އިބްލީސްގެ ކުޑަގިފިލި ކުރިތަނުން ފެޅި ގަހެއްކަމަށް ލިޔެވިފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. އެއީ އަމިއްލައަށް ބަޔަކު އުފައްދާފައިވާ ޙަދީޘެކެވެ.
  2. ދުންފަތުގެ އިސްތިޢުމާލަކީ ޞިއްޙަތަށް ގެއްލުންދޭ އެއްޗެއް ކަމަށް ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމުޢިއްޔާ އިން ވަނީ ކަނޑައަޅައިއެވެ. ބުނެވޭ ގޮތުގައި ދުންފަތުގެ ސަބަބުން އަހަރަކު 1.5 މިލިއަން މީހުން މަރުވެއެވެ. އަދި 1945ގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ހީރޯޝިމާ އާއި ނަގަޒާކީ އަށް އެޅި އެޓަމް ބޮމުން މަރުވި ކަމަށް ވަނީ ދެލައްކަ ފަންސާސްހާސް މީހުންނެވެ. އެއީ ދުންފަތުން އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބައެވެ.
  3. އިސްލާމީ ދުނިޔެއަށް ދުންފަތް ތަޢާރަފްވުމާ ގުޅިގެން ފުރަތަމަ ކޮޅުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެއް ކަމުގައި ގިނަ ދަންނަ ބޭކަލުން އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ދުންފަތުގެ ގެއްލުމާމެދު ހިޔާލު ތަފާތުވުމުން އެބެއިކަލުންގެ ފަތުވާ ދެވަނަ ފަހަރަށް ބަދަލު ކުރެއްވިއެވެ. ބައެއް ދަންނަ ބެއިކަލުން ދުންފަތް ޙަރާމް ކުރެއްވިއެވެ. އަދި ބައެއް ދަންނަ ބެއިކަލުން އެއީ މަކްރޫޙަ އެއްޗެއް ކަމަށް ނިންމިއެވެ. މިގޮތަށް އައިސްފައި ވަނިކޮށް ދުންފަތުގެ ގެއްލުން ސާފުކޮށް އެނގުމުން މިހާރު ގިނަ ދަންނަ ބެއިކަލުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ.
  4. 1982ގައި މަދީނަތުލް މުނައްވަރާގައި ބޭއްވުނު ބައިނަލް އަޤުވާމީ މަސްތުވާ ތަކެއްޗާ ބެހޭ އެންމެ ފުރަތަމަ ސެމިނާއިން ނިންމެވީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދުންފަތް ހެއްދުމާއި، ދުންފަތް ވިއްކުމަކީ ޙަރާމް ކަމެއް ކަމުގައެވެ.
  5. ސުޢޫދީ އަރަބިއާގެ ދާރުލް އިފްޠާއިން ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި އަދި އޭގެ ވިޔަފާރި ކުރުމަކީ ޙަރާމް ކަމެއް ކަމަށް ފަތުވާ ދެއްވާފައެވެ.
  6. ޖާމިޢުލް އަޒުހަރުގެ ފަތުވާދެއްވާ ކޮމެޓީން ވަނީ ދުންފަތުގެ އިސްތިޢުމާލު ކޔުރުމާއި އޭގެ ވިޔަފާރި ޙަރާމް ކުރައްވާފައެވެ. މިފަތުވާ އަށް ތަޞައްވަފުލް އިސްލާމީ ކިޔުނު މަޖައްލާގެ 1984 އޮކްޓޫބަރު މަހުގެ ޢަދަދުގައި ޝާއިޢު ކުރެވިފައި ވެއެވެ.
  7. ދުންފަތަކީ ޙަރާމް އެއްޗެއް ކަމަށް ދުނިޔޭގެ އިސްލާމީ ޖަމާޢިތްތަކުން ފަތުވާ ދެއްވާފައިވާތީ އާއި ޢިލްމީ ގޮތުން ދުންފަތަކީ އިންސާނާގެ ޞިއްޙަތަށް ގެއްލުންދޭ އެއްޗަކަށް ވާތީވެ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ހަލާކު ހުރި ކަމެކެވެ. ގެއްލުން ހުންނަ ކަންތައްތަކަކީ އިސްލާމްދީން މަނާކުރައްވާފައިވާ ކަންތައްތަކެވެ. ކީރިތި رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ "لا ضرر ولا ضرار" މާނައީ: "ގެއްލުން ދިނުމާއި އަދި ގެއްލުން ލިބިގަތުމެއް ނުވެއެވެ."
  8. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އެމީހާގެ މުދާ ފައިދާއެއް ނެތްގޮތުގައި ބޭކާރުކޮށްލެވޭ ޢަމަލެއް ކަމަށް ދުނިޔޭގެ ބޮޑެތި މުފައްކިރުން ވިދާޅުވެއެވެ. އެހެންކަމުން އެއަށް އިސްރާފް ކުރުމޭ ދެންނެވިދާނެއެވެ. އިސްރާފްކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ ۖ ) (الإسراء 27) މާނައީ: "ހަމަކަށަވަރުން އިސްރާފްކުރާ މީހުންވަނީ ޝައިޠާނާގެ އަޚުންތަކެއް ކަމުގައެވެ."
  9. ރޯފިޔާ އާއި ލޮނުމެދު ކައިގެން ހުންނަ މީހާގެ މައްޗަށް އަޅުކަމާއި ކައިރިވުން މަކްރޫޙަވާ ގޮތަށް ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ހުންނަ މީހާގެ މައްޗަށްވެސް އެފަދަ އަޅުކަންތައް މަކްރޫޙަ ކަމުގައި ބެލެވިދާނެއެވެ.
  10. ޔޫރަޕްގެ ޢިލްމުވެރިއަކު ދުންފަތުގެ ވިޔަފާރިއަށް ނަންދެއްވާފައިވަނީ "މަރުގެ ވިޔަފާރި އެވެ."

މިހެންކަމުން ދުންފަތުގެ އިސްތިޢުމާލަކީ ފައިދާއެއް ނެތް، ގެއްލުން ހުރި ޢަމަލެކެވެ.

 

ރެފަރެންސް

  1. އަލްމަވްޤިފުއް ޝަރަޢީ މިނައްތިބުޢި ވައްތަދުޙީނި- ޑ.ރ. މުޙައްމަދު ޢަލީ އަލްބާރު. ސ.25 ޗާޕް، ސުޢޫދީ ޕަބްލިޝިން އެންޑް ޑިސްޓްރިބްޝަން ހައުސް-ޖިއްދާ، ސުޢޫދު ޢަރަބިއާ 1994، އިންސައިކްލޮޕީޑިއާ ބްރެޓޭނިކާ 15 ވަނަ އެޑިޝަން 1982، 18/464،467
  2. ދުންފަތުގެ ތާރީޚާ ބެހޭގޮތުން މަޢުލޫމާތު ނަގާފައިވަނީ އަލްމަވްޤިފުއް ޝަރަޢީ މިނަށް ތިބުޢި ވައް ތަދުޚީނި މިނަން ކިޔުނު ފޮތުންނެވެ.
  1. ޟާހިރަތުލް މުޙައްދަރާތި ވަލް ޙައްލުލް އިސްލާމީ- ޑ.ރ. ޖަބަރު މަޙްމޫދު ޞ. 38 ޗާޕް ދާރް ޢައްމާރު، އޮމާން ޖޯޑަން 1992 އަލް މަވްޤިފުއްޝަރަޢީ މިނަށް ތިބްޢި ވައްތަދުޙީނި ޑ.ރ. ޢަލީ އަލްބާރު ޞ. 74-81