Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 4

ހަތަރު ވަނަ ސިފަ: އިޙްސާންތެރިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ އިޙްސާންތެރިކަމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ކުރު ވާހަކައެއް

އިޙްސާންތެރިކަމުގެ ނަތީޖާއަކީ ފޮނި އެއްޗެކެވެ. އެއް ފަހަރަކު عبد الله بن عمر بن الخطاب (رضي الله عنهما) ވަޑައިގަތެވެ. އަދި އަޅަކު އޭނާގެ ވެރިމީހާގެ ބަކަރި ހުއިހައްޕަނިކޮށް ދެކެވަޑައިގަތެވެ. އަދި އެ އަޅުމީހާ އިމްތިހާނު ކުރެއްވުމަށް ގަސްތުކުރެއްވިއެވެ. އެހެންކަމުން އެއަޅުމީހާގެ ކާރިއަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ތިޔައިން ބަކަރިއެއް ތިމަންނައަށް ވިއްކާށެވެ. އަޅުމީހާ ބުންޏެވެ. އެއީ ތިމަންގެ ބަކަރިތަކެއް ނޫނެވެ. އެއީ ތިމަންގެ ބޮޑުމީހާގެ ބަކަރިތަކެކެވެ. عبد الله بن عمر ވިދާޅުވިއެވެ. ބޮޑުމީހާ މިތާނގައި ނެތެއް ނޫންހެއްޔެވެ؟ އޭނާއަކަށް ނޭނގޭނެއެވެ. އޭނާ ކައިރީގައި އެ ބަކަރި، މިނިކާވަގު ކާލީއޭ ބުނާށެވެ. އެ ހިނދު އެ އަޅުމީހާ ރުޅިވެތިކަމުގެ އަޑަކުން ބުންޏެވެ. ތިމަންގެ ބޮޑުމީހާއަށް ނުފެނުނީމަ، الله ބައްލަވައި ވޮޑިނުގަންނަވަނީ ހެއްޔެވެ؟ ފަހެ އެجواب ގެ މައްޗަށް عبد الله بن عمر ވަރަށް އުފާ ކުރެއްވިއެވެ. އަދި އެ އަޅުވެތިމީހާގެ ވެރިޔާ ގާތަށް ވަޑައިގެން އެ އަޅުވެތިމީހާ ގަތުމަށްފަހު މިނިވަން ކުރެއްވިއެވެ.

إحسان ކަމަކީ ކޮބާ ހެއްޔެވެ؟

އެއީ ސިއްރާއި ފާޅުގައި، ބަހާއި އަމަލުން، الله ރުއްސަވާ ގޮތަށް ހުރުމެވެ.

إحسان ތެރިވުމުގެ ވައްތަރުތައް

  • الإحسان مع الله: އެބަހީ الله އަށްޓަކައި إحسان ތެރިވުމެވެ. އެއީ އިންސާނާ ހުރިހާ ވަގުތެއްގައި މާތް الله ތިމާ ދެކެދެނެވޮޑިގެންވާކަން ހަދާންކޮށްގެން ހުރުމެވެ. ޚާއްސަކޮށް އަޅުކަންކުރާ ހިނދުގައެވެ.

މާތްالله ރުއްސުންލެއްވި عُمر بنِ الخطاب ގެ ކިބައިން ރިވާވެގެންވެއެވެ. އެއްދުވަހަކު ތިމަންމެން رسول اللَّه صَلّى اللهُ عَلَيْه وسَلَّمގެ އަރިހުގައި އިށީނދެގެން ތިއްބާ ހުދުކަން ވަރަށް ގަދަ ފޭރާމެއް ތުރުކުރައްވާގެން ހުންނެވި، ބޮލުގެ އިސްތަށިގަނޑުގެ ކަޅުކަން އެހައިމެ ގަދަ އަދި ދަތުރުގެ އެއްވެސް ވަރުބަލިކަމުގެ އަސަރެއް ފެންނަން ނެތް ބޭކަލަކު އައިސް ހުއްޓިއްޖެއެވެ. އަދި އެއީ ކޮންބޭކަލެއްކަން ދެނެ ހުރި އެކަކުވެސް ތިމަންމެންގެ ތެރޭގައި ނެތެވެ. މިބޭކަލަކު ވަޑައިގެން އައި ގޮތަށް އައީ ސަލާމާއި ސަލަވާތް ލެއްވި ނަބީ ކަލޭގެފާނުގެ އަރިހަށެވެ. ދެން އެކަލޭގެފާނުގެ ކަކޫފުޅުގައި ކަކޫ ޖައްސަވައިގެން އިށީނދެ ވަޑައިގެންފިއެވެ. އަދި އެކަލޭގެފާނުގެ ފައިފަނދު މަތީ ދެއަތް ޖައްސަވާ އަދަބުވެރިވެ ހުންނަވައިގެން ސުވާލުކުރެއްވިއެވެ. އޭ محمد ގެފާނެވެ. އިސްލާމް ކަމަކީ ކޮބައިކަން ތިމަންނައަށް ބުނެ ދެއްވާށެވެ. ފަހެ رسول اللَّه صَلّى اللهُ عَلَيْه وسَلَّم حديث ކުރެއްވިއެވެ. އިސްލާމް ކަމަކީ ހަމަކަށަވަރުން ތިބާ މާތް الله ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް ހެކިވުމާއި އަދި ހަމަކަށަވަރުން محمد ގެ ފާނަކީ الله ގެ ރަސޫލާކަމަށް ހެކިވުމާއި އަދި ނަމާދު قائم ކުރުމާއި، އަދި زكاة ދިނުމާއި އަދި رمضان މަހު ރޯދަ ހިފުމާއި، ކުޅަދާނަކަން ލިބިގެންވާނަމަ ގެފުޅަށް ގޮސް حج ވުމެވެ. ދެން އެބޭކަލަކު ވިދާޅުވިއެވެ. ތިޔަ ވިދާޅުވީ ރަނގަޅަށެވެ. މިގޮތަށް މިބޭކަލަކު އަމިއްލައިން ސުވާލުކޮށް އަދި ލިބޭ ޖަވާބާއި މެދު ރަނގަޅުކަމަށް ނިންމަމުން ގެންދާތީވެ ތިމަންމެން ތިބީ حيران ވެގެންނެވެ. ދެން ސުވާލުކޮށް ލެއްވިއެވެ. إيمان ކަމަކީ ކޮބައިކަން ތިމަންނައަށް ބުނެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ތިބާ الله އަށް އީމާންވުމާއި އެކަލާނގެ ملائكة ބޭކަލުންނަށް إيمان ވުމާއި އެކަލާނގެ ބާވައިލެއްވި ފޮތަކަށް إيمان ވުމާއި އެކަލާނގެ ފޮނުއްވި ރަސޫލު ބޭކަލުންނަށް إيمان ވުމާއި آخرة ދުވަހަށް إيمان ވުމާއި ހެޔޮ މިންވަރާއި ނުބައި މިންވަރަށް إيمان ވުމެވެ. ދެން މިބޭކަލަކު ވިދާޅުވިއެވެ. ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ދެން ސުވާލުކުރެއްވިއެވެ. إحسانކަމަކީ ކޮބައިކަން ތިމަންނައަށް ބުނެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ ހަމަކަށަވަރުން ތިބާއަށް އެކަލާނގެ ފެންނަ ކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވާކަން ދަނެގެން ހުރެ އެކަލާނގެއަށް އަޅުކަން ކުރުމެވެ. މިބޭކަލަކު ވިދާޅުވިއެވެ. ތިޔަ ވިދާޅުވީ ރަނގަޅަށެވެ. ދެން ސުވާލުކުރެއްވިއެވެ. قيامة ދުވަސް އަންނާނެ ދުވަހަކީ ކޮބައިކަން ތިމަންނައަށް ބުނެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސުވާލު ވެވުނު މީހާއަކީ ސުވާލު ކުރެއްވި މީހާއަށްވުރެ މޮޅު علم ވެރިއެއް ނޫނެވެ. (އެބަހީ އެސުވާލުގެ ޖަވާބު ކަލޭގެފާނާއި ތިމަންކަލޭގެފާނާއި ދެމީހުން ކުރެ އެކަކަށް ވެސް ނޭނގެއެވެ.) ދެން އެބޭކަލަކު ވިދާޅުވިއެވެ. قيامة ވުމުގެ علامة ތަކުގެ ތެރެއިން ބައެއް علامةތައް ބުނެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. قيامة ވުމުގެ علامة ތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އަޅު އަންހެނުން އެމީހުންގެ ސާހިބުންނަށް ދަރިން ގިނަ ގިނައިން ވިހާން ފެށުމެވެ. (ދަންނައެވެ. އެބަހުގެ މުރާދަކީ إسلامى فتوحات ތައްގިނަވެ އަޅުން ގިނަވުމުގެ ސަބަބުން أخلاقي ފެންވަރު އެހާމެ ބޮޑަށް ދަށްވެގެން ދާތަން އަންނަތަން ފެނުމެވެ. އަންހެން ދަރީން އެމީހުންގެ މައިން އަޅުވެތި ކޮށްލައިގެން އުޅޭން ފާށާނެއެވެ. ނުވަތަ އަންހެން ދަރީންގެ ކުރިމަތީގައި މަންމަ ހުންނައިރު ހީވާނީ އޭނާގެ ނޯކަރު އަޅު އަންހެނަކު ހުރި ހެންނެވެ. ފިރިހެން ދަރީންގެ ކުރިމަތީގައި ބައްޕަ ހުންނައިރު ހީވާނީ އޭނާގެ ނޯކަރު އަޅު ފިރިހެނަކު ހުރިހެންނެވެ.) އަދި حديث ކުރެއްވިއެވެ. ދެވަނަ علامة ތަކީ ނިކަމެތި ވެގެންގޮސް އަރާނެ ފައިވާނެއްގެ މިންވަރުވެސް ނެތް، އޮނު ފޭރާން ފުރިހަމަ ނުކުރެވޭ، ބަކަރި ހުއިހައްޕާގެން ދިރިއުޅޭ މީހުން އެހާމެބޮޑަށް މުދާވެރި ވެގެން ދާނެއެވެ. އެމީހުން ދާނީ އެކަކަށް ވުރެ އަނެކަކުގެ ގެ، އުސް ކުރުމަށްޓަކައި މަތި މައްޗަށް ނަގަމުންނެވެ. ދެން މިބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. عمرގެފާނު ވިދާޅުވެތެވެ. އޭގެ ތިންދުވަސް ފަހުން ތިމަންނަ އެކަލޭގެފާނުގެ އަރިހަށް ދިއުމުން حديث ކުރެއްވިއެވެ. އޭ عمرގެ ފާނެވެ! އެދުވަހު އެސުވާލު ކުރެއްވެވީ ކޮންބޭކަލެއްކަން  ތިބާއަށް އެނގުނު ހެއްޔެވެ؟ ތިމަން ދެންނެވީމެވެ. މޮޅަށް ދެނޮވޮޑިގަންނަވާނީ الله އެވެ. ދެން އެކަލާނގެ ރަސޫލާއެވެ. ދެން حديث ކުރެއްވިއެވެ. ހަމަކަށަވަރުން އެބޭކަލަކީ جبريل ގެފާނެވެ. އެހިނދު އެވަޑައިގަތީ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން އޮޅުން ފިލުއްވާދެއްވުމަށެވެ.

މައިންބަފައިންނަށް إحسانތެރިވުން

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا ﴿ الإسراء ٢٣ ﴾

މާނައީ:- އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެ ދެ މީހުންނަށް أُفވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!

ތިމާގެ މީހުންނަށް إحسان ތެރިވުން

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا ﴿ النساء ١﴾

މާނައީ:- އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އެކަލާނގެއީ، އެންމެ نفسއަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفسގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤالކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ.

عن أَنسٍ رضي اللَّه عنه أَن رسولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم قال: «مَنْ أَحبَّ أَنْ يُبْسَطَ له في رِزقِهِ ، ويُنْسأَ لَهُ في أَثرِهِ ، فَلْيصِلْ رحِمهُ » متفقٌ عليه. މާތް الله ރުއްސުންލެއްވި أَنس ގެފާނުކިބައިންރިވާވެގެންވެއެވެ.ވިދާޅުވިއެވެ.ހަމަކަށަވަރުން رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވެވިއެވެ. އެމީހެއްގެ رزق ގައި ރޯދި ބަރަކާތް ގިނަވެ އަދި އެމީހެއްގެ عمرގައި ބަރަކާތް  ލެއްވުމަށް އެދޭ މިހާ ފަހެ ގާތް ތިމާގެ ކަމުގެ ގުޅުން ބަދަހި ކުރާ ހުއްޓެވެ.

وعن سلْمان بن عامرٍ رضي اللَّه عنه ، عن النبيِّ صَلّى اللهُ عَلَيْهِ وسَلَّم قال : « إِذا أَفْطَرَ أَحَدُكُمْ فَلْيُفْطِرْ عَلَى تَمرٍ ، فَإِنَّهُ بركَةٌ ، فَإِنْ لَمْ يجِد تَمْراً ، فَالماءُ ، فَإِنَّهُ طُهُورٌ » وقال: « الصَّدقَةُ عَلَى المِسكِينِ صدقَةٌ ، وعَلَى ذي الرَّحِمِ ثِنْتَانِ : صَدَقَةٌ وصِلَةٌ » .

މާތްالله ރުއްސުންލެއްވި سلْمان بن عامر ސަލާމާއި ސަލަވާތްލެއްވި نبيކަލޭގެފާނުގެ ކިބައިން ރިވާ ކުރައްވަވައެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދަ ވީއްލާނަމަ  ފަހެ ކަދުރުން ރޯދަވީއްލުން ހުއްޓެވެ. ފަހެ މިހެނީ ހަމަކަށަވަރުން އޭގައި ބަރަކާތްވެއެވެ. ފަހެ ކަދުރު ނުލިބިއްޖެނަމަ ފަހެ ފެނުން ރޯދަވީއްލާ ހުއްޓެވެ. މިހެނީ ފަހެ ހަމަކަށަވަރުން އޭގައި ސާފުތާހިރުކަން  ވެއެވެ. އަދި حديثކުރެއްވެވިއެވެ. مِسكِينއަކަށް صدقَةއެއް ކޮށްފި މީހަކަށް صدقَةއެއްގެ އެއްދަރުމައިގެ ثوابލިބޭހުއްޓެވެ. ތިމާގެ މީހެއްގެ މައްޗަށް صدقَة ކޮށްފި މީހަކަށް ދެ ثواب ލިބޭ ހުއްޓެވެ. އެއީ صدقَة ކުރުމުގެ ثوابއާއި ތިމާގެކަމުގެ ގުޅުން ބަދަހިކުރުމުގެ ثواب އާއި ދެ ثواب އެވެ.

އަވަށްޓެރިންނަށް إحسان ތެރިވުން

وعن ابنِ عمرَ وعائشةَ رضي اللَّه عنهما قَالا: قال رسولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم: « مَا زَالَ جِبْرِيلُ يُوصِينِي بِالجارِ حتَّى ظَنَنتُ أَنَّهُ سيُوَرِّثُهُ » متفقٌ عليه .

މާތްالله އެބޭކަލުންނަށް ރުއްސުންލެއްވި عبدالله بن عمرގެފާނާއި عائشةَގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެދެބޭކަލުން ވިދާޅުވިއެވެ. رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވެވިއެވެ. އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތުމަށް جِبْرِيلُ ގެފާނު ތިމަންކަލޭގެފާނަށް وصية ކުރައްވަމުން ގެންދެވިލެއް ބޮޑުކަމުން އަވަށްޓެރިޔާ ވާރުތަ ވެރިއަކަށް ވެދާނެހެން ތިމަންރަސޫލާއަށް ހީކުރެވިގެން ދިޔައެވެ.

އަވަށްޓެރިންނަށް އުނދަގޫ ނުދިނުންވަނީ އީމާންކަން ފުރިހަމަވުމުގެ ތެރެއިންނެވެ. رسول اللَّه صَلّى الله عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. (مَنْ كَانَ يُؤْمِنُ باللَّهِ وَالْيَوْمِ الآخِرِ، فَلا يُؤْذِ جَارَهُ ، وَمَنْ كَان يُؤْمِنُ بِاللَّهِ والْيَوْمِ الآخرِ ، فَلْيكرِمْ ضَيْفهُ، وَمَنْ كَانَ يُؤْمنُ بِاللَّهِ وَالْيومِ الآخِرِ ، فَلْيَقُلْ خَيْراً أَوْ لِيَسْكُتْ )» متفقٌ عليه . މާނައީ: الله އާއި آخرةއަށް ދުވަހަށް ايمانވާމީހާ ފަހެ އޭނާގެ އަވަށްޓެރިޔާއަށް އުނދަގޫ ނުކުރާ ހުއްޓެވެ. އަދި الله އާއި آخرةއަށް ދުވަހަށް ايمانވާމީހާ ފަހެ އޭނާގެ މެހުމާނަށް ކަމޭހިތާ ހުއްޓެވެ. އަދި الله އާއި آخرة އަށް ދުވަހަށް ايمانވާމީހާ ފަހެ ހެޔޮބަސް ބުނާހުއްޓެވެ. ނުވަތަ ހަމަ ހިމޭނުން ހުންނަ ހުއްޓެވެ.

ފަގީރުންނަށް إحسان ތެރިވުން

مسلم އަކުނަމަ فقير ންނަށް إحسان ތެރިވާނެއެވެ. އަދި އެމީހުންގެ މައްޗަށް صدقة  ކުރާނެއެވެ. އެމީހުންގެ މައްޗަށް ހޭދަކުރުމަށް ދަހިވެތި ނުވާނެއެވެ. ވާރިދުވެފައިވެއެވެ. فقير މީހާ قيامة ދުވަހު މުއްސަނދިމީހާގެ ކަރުގައި އެލިގަންނާނެއެވެ. އަދި ބުނެއެވެ. އޭތް ހައްދަވައި ގެންގުޅުއްވާ اله އެވެ. މީނާކުރެން ސުވާލު ކުރައްވާށެވެ. މީނާ މީނާގެ މުދަލުން ތިމަންނާއަށް ނުދިނީ ކީއްވެގެން ހެއްޔެވެ؟ އަދި ތިމަންނަ ދިއުމުން ގޭގެ ދޮރު ލައްޕައިގަތީ ކީއްވެގެން ހެއްޔެވެ؟

يتيم ންނަށާއި مسكين ންނަށް إحسان ތެރިވުން

އަހަރުމެންނަށް نبي އާ صلى الله عليه وسلم އަމުރުކުރައްވާފައި ވަނީ يتيم ންނަށް إحسانތެރިވުމަށެވެ. އަދި يتيم ންނަށް إحسان ތެރިވާ މީހާއަށް ސުވަރުގެ ލިބިގެންވާކަމުގެ އުފާވެރި خبر ދެއްވާފައިވެއެވެ.

وعن سهلِ بن سعدٍ رضي اللَّه عنه قال : قال رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم: «أَنَا وكافلُ الْيتِيمِ في الجنَّةِ هَكَذَا» وأَشَار بِالسَّبَّابَةِ وَالْوُسْطَى ، وفَرَّجَ بَيْنَهُمَا» . رواه البخاري.

މާތް الله ރުއްސުންލެއްވި سهل بن سعد ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ. ތިމަންކަލޭގެފާނާއި އަދި ޔަތީމުން ބަލާމީހުން ސުވަރުގޭގައި ތިބޭހުށީ މިހާ ކާރި ކާރީގައެވެ. އަދި އެކަލޭގެފާނު، އެކަލޭގެފާނުގެ މެދު އިނގިލިފުޅާއި شهادة އިނގިލިފުޅު ހަރަކާތް ކުރައްވާ اشارة ކޮށްލެއްވިއެވެ.

އަދިވެސް نبي އާ صلى الله عليه وسلم  حديث ކުރެއްވިއެވެ.

وعنه عن النبي صَلّى اللهُ عَلَيْهِ وسَلَّم قال:  السَّاعِي علَى الأَرْمَلَةِ وَالمِسْكِينِ كَالمُجاهِدِ في سبيلِ اللَّه» وأَحْسُبهُ قال: «وَكَالْقائِمِ الَّذي لا يَفْتُرُ، وَكَالصَّائِمِ لا يُفْطِرِ»متفقٌ عليه .

އަދި އެ صحابي، (އެބަހީ މާތް الله ރުއްސުންލެއްވި أَبو هريرة) ސަލާމާއިސަލަވާތްލެއްވި ނަބީ ކަލޭގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ހުވަފަތް ވެފައިވާ އަންހެނުންނާއި  މިސްކީނުންނަށް އެހީތެރި ވާމީހާ (ثواب އާއި ދަރުމައިގެ ގޮތުން) الله سبحانه وتعالى ގެ މަގުގައި ޖިހާދު ކުރާ މުޖާހިދަކާއި އެއްފަދައެވެ.

ރާވީ ވިދާޅުވެތެވެ. އެކަލޭގެފާނު حديث ފުޅުކުރެއްވިހެން ތިމަންނައަށް ހީވިއެވެ. މަޑުނުކޮށް ރޭއަޅުކަން ކުރާ މީހެއްފަދަ އެވެ. އަދި މެދުނުކެނޑި ރޯދައަށް ހުންނަ މީހެއް ފަދަ އެވެ.

7- ތިމާގެنفس އަށް إحسانތެރިވުން

ތިމާގެ نفس އަށް إحسان ތެރިވުމަކީ حرام ކަންތަކުން نفس ދުރުކޮށް ބެހެއްޓުމެވެ. އަދި نفسން ކުރާ ކޮންމެ ކަމަކީ الله ރުއްސަވާ ކަންތައްކަމުގައި ހެދުމެވެ. އެގޮތަށް نفس ގެންގުޅެފިނަމަ އެ نفس އަށް ދާނީ طاهر  ވެގެންނެވެ. އަދި އަބާއްޖަވެރިކަމުން އެ نفس އެއް ސަލާމަތްވެގެން ދާނެ އެވެ. މާތް الله وحى ކުރެއްވިއެވެ.

إِنْ أَحْسَنْتُمْ أَحْسَنْتُمْ لِأَنْفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا ﴿ الإسراء٧ ﴾

މާނައީ:- ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ نفسތަކަށެވެ. ފަހެ، ދެވަނަފަހަރަށް وعدފުޅު އައި ހިނދު (ތިޔަބައިމީހުންގެ عداوةތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصىއަށް) ވަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ.

ތިމާ ބުނާ ބަސްތަކުގައި إحسان ތެރިވުން

مسلم އަކުނަމަ ބުނާ ކޮންމެ ބުނުމެއްގައި إحسان ތެރިވާނެއެވެ. އެގޮތުން ރަނގަޅު ވާހަކަ ނޫނީ ނުދައްކާނެއެވެ. މާތް الله وحى ކުރެއްވިއެވެ.

وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِنْكُمْ وَأَنْتُمْ مُعْرِضُونَ ﴿ البقرة ٨٣﴾

މާނައީ:-إسـرآءيـلގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވި ހިނދު، ހަނދުމަކުރާށެވެ! އެއީ، اللَّهއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، يتيمންނާއި،
مسكينންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި زكاة ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ.

8- މަސައްކަތް ކުރުމުގައި إحسانތެރިވުން

مسلم އަކުނަމަ ކުރާ ކޮންމެ عمل އެއްގައި إحسان ތެރިވާނެއެވެ. މަސައްކަތުގައި إحسانތެރިވުމަކީ އެމަސައްކަތެއް ފުރިހަމައަށް ބަރާބަރަށް  ކުރުމެވެ. مسلم ން ކުރާ عمل ތައް ފުރިހަމަކޮށް ބަރާބަރަށް ކުރުމަކީ އެކަމުގެ މައްޗަށްثواب އާއި ދަރުމަ ލިބިގެންވާ ކަމެކެވެ. رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ.

وقال رسول الله: "إن الله يحب أحدكم إذا عمل عملاً أن يتقنه،قيل: وما إتقانه يا رسول الله؟ قال: "يخلصه من الرياء والبدعة".

މާނައީ: ހަމަކަށަވަރުން الله سبحانه وتعالى ލޯބިވެތިވެ ވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއިން މީހަކު عمل އެއް ކުރަނީނަމަ އެކަމެއް ފުރިހަމައަށް ކުރުމަށެވެ. ދެންނެވުނެވެ. އޭ الله ގެ رسولއާއެވެ. އެކަމެއް ފުރިހަމަޔަށް ކުރުމަކީ ކޮބާހެއްޔެވެ؟ حديث ކުރެއްވިއެވެ. އެއީ އެކަމެއް ބިދުޢަތަކުންނާއި ކަންދެއްކުމުން ސަލާމަތްކުރުމެވެ.

9- ސަލާމް ކުރުމުގައި إحسان ތެރިވުން

مسلم އަކުނަމަ ސަލާމްކުރުމުގެ މައްޗަށް إحسان ތެރިވާނެއެވެ. ސަލަމްކުރުމުގެ މައްޗަށް إحسان ތެރިވުމަކީ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ކުރަމުންގެން ދިއުމެވެ. އަދި ސަލާމަށް ޖަވާބު ދިނުމެވެ. މާތް الله وحى ކުރެއްވިއެވެ.

وَإِذَا حُيِّيتُمْ بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ﴿ النساء ٨٦﴾

މާނައީ:- ތިޔަބައިމީހުންނަށް سلامކޮށްފިނަމަ، އެއަށްވުރެ ރިވެތި سلامއަކުން ތިޔަބައިމީހުން سلامކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

إحسانތެރިންނަށް ބޮޑުވެގެން ވާ ދަރުމަ ވެއެވެ.

މާތް الله وحى ކުރެއްވިއެވެ.

وَأَنْفِقُوا فِي سَبِيلِ اللَّهِ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ  وَأَحْسِنُوا  إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ ﴿ البقرة١٩٥﴾ މާނައީ:- اللَّهގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفسތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ! އަދި إحسانތެރިވާށެވެ! ހަމަކަށަވަރުން، إحسانތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.