Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 2

ދެވަނަ ސިފަ: ކެތްތެރިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ ކެތްތެރިކަމުގެ ސިފައެވެ. އެއާއި ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ކެތްތެރިކަމަކީ ކޮބާހެއްޔެވެ؟

އެއީ اللهގެ އަމުރުތަކަށް ކިޔަމަންގަނެ، نهى ކުރެއްވި ކަންތަކުން ދުރުހެލިވެ ހުރެ، ދިމާވާ މުސީބާތްތަކަށާއި އުނދަގޫތަކަށް ރުހިގެން އުޅުމެވެ.

ސިޔާސީލީޑަރުން ރީތިވާ އެއްސިފައަކީ ކެތްތެރިކަމުގެ ސިފައެވެ. ސޔާސީ ލީޑަރަކުނަމަ އުދަގޫތައް تحملކުރާނެއެވެ. އަދި ދުނިޔަވީ مصيبات ގެ މައްޗަށް ހިތާމަވެރިވެގެން ނުތިބޭނެއެވެ. އަދި އެއީ ފުރިހަމަ މުސްލިމެއްގެ ވެސް ސިފަމެއެވެ. މާތްالله وحيކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ) (البقرة 153) މާނައީ:- އޭ إيمانވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.

އިދިކޮޅު މީހުންގެ އުނދަގޫތަކަށް ކެތްތެރިވުން

ސިޔަސީ ލީޑަރުންނަކީ ދަތިތަކާއި އުނދަގޫތައް ކުރިމަތިވާނެ ބަޔެކެވެ. އެމީހުން އެ ނިކުންނަކީ މުޖުތަމައެއްގައި ޒަމާނުއްސުރެން އަށަގަނެފައި ހުންނަ ފަސާދަތައް ދުރުކޮށް ތާހިރުކުރުމަށެވެ. އެއީ އެހާ ފަސޭހަ ކަމެއްނޫނެވެ. ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެކަން ޔަޤީންވެއެވެ. އެލީޑަރަކު ހެޔޮނިޔަތުގައި އިޞްލާޙަށް ގޮވަމުން ދާއިރު އަނެއްކޮޅުން ދާނީ އިންކާރު ކުރަމުން، ހަޖޫޖަހަމުން، އަދި ދެކޮޅުވެރި ވަމުންނެވެ. އެފަދަ ވަގުތުގައި ކެތްތެރިކަން ނެތިއްޖެނަމަ އެމީހަކު ސިޔާސީ މައިދާނުގައި ފޭލްވުމާއި ގާތްވީއެވެ. ނުވަތަ ފޭލްވީއެވެ. އެހެންކަމުން ސިޔާސީ ލީޑަރުން ކާމިޔާބީއާ ހަމަޔަށް ވާސިލުވުމަށްޓަކައި ކެތްތެރިކަން ދަސްކުރަން ޖެހޭނެއެވެ. އަދި އެފަދަ ކެތްތެރިކަން ދަސްކުރުމަށް ޓަކައި ޚިޔާލަށް ގެންނަންޖެހޭނީ ނަބީބެކަލުންގެ ކެތްތެރިކަމެވެ.

نبي ބޭކަލުންނަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާވެރި ބެކަލުންނެވެ. اللهގެ دينއަށް ގޮވައިލެއްވުމުގައި އެބޭކަލުންނަކީ އުނދަގޫތަކާއި ދަތިކަން تحمل ކުރައްވާފައިވާ ބޭކަލުންނެވެ. އަހަރުމެންގެ رسول އާ صَلّى اللهُ عَلَيْهِ وسَلَّم، އިސްލާމް ދީން ފެތުރުވުމަށްޓަކައި ތަފާތު ނުހަނު ބުރަ އުނދަގޫތަކާއި ދަތިތައް އުފުއްލަވާފައި ވެއެވެ. އެކަލޭގެފާނު دينއަށް ގޮވައިލެއްވުމުގެ މައްޗަށް، މުޝްރިކުން ދިޔައީ އިންކާރު ކުރަމުން ދެކޮޅުވެރި ވަމުންނެވެ. އެގޮތުން އެކަލޭގެފާނަށް ސީދާވާގޮތަށް އުނދަގޫ ދެމުން ދިޔައެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންނަށް އުނދަގޫ ދެމުން ގެންދިޔައެވެ. އެކަލޭގެފާނުގެ ގޭގެ ދޮރުކޮޅުމައްޗަށް، ކަރުގޮހޮރާއި ކުނިވެފައިވާ ތަކެތި އެޅުންފަދަ އުނދަގޫތައް ކުރިމަތި ކުރަމުން ގެންދިޔައެވެ. ނަމަވެސް އެކަލޭގެފާނު ގެންދެވީ ދީނަށް ގޮވައިލެއްވުމުގެ މައިދާނުގައި އަދި މުޖުތަމަޢު ތާހިރުކުރެއްވުމުގެ މައިދާނުގައި އެ އުނދަގޫތަކަށް ކެތްތެރިކަން އިސްކުރައްވަމުންނެވެ. މާތް الله ރުއްސުންލެއްވި عبد الله بن مسعود، އެކަލޭގެފާނު ކެތްތެރިކަން އިސްކުރެއްވެވި މިންވަރު ބަޔާން ކޮށްދެއްވަމުން ރިވާ ކުރެއްވިއެވެ.

عنْ أَبي عبْدِ الرَّحْمنِ عبْدِ اللَّه بنِ مسْعُودٍ رضيَ اللَّه عنه قَال : كَأَنِّي أَنْظُرُ إِلى رسولِ اللَّه صَلّى اللهُ عَلَيْهِ وسَلَّم يحْكيِ نَبيّاً من الأَنْبِياءِ ، صلواتُ اللَّهِ وسَلاَمُهُ عَليْهم ، ضَرَبُهُ قَوْمُهُ فَأَدْموْهُ وهُو يمْسحُ الدَّم عنْ وجْهِهِ ، يقُولُ: « اللَّهمَّ اغْفِرْ لِقَوْمي فإِنَّهُمْ لا يعْلمُونَ » متفقٌ عَلَيْه .

މާތްالله ރުއްސުންލެއްވި أبو عبْدِ الرَّحْمن، عبْدِ اللَّه بنِ مسْعُود ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. އަދިވެސް ތިމަންނަގެ ލޯމަތީގައި رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم، ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކަށް މެދުވެރިވި ކަންތައްތައް ކިޔުއްވާ ދެއްވި މަންޒަރު އެބަހުއްޓެވެ. حديث ކުރެއްވިއެވެ. އެނަބިއްޔާގެ قوم ގެ މީހުން އެނަބިއްޔާއަށް ތަޅާ އަނިޔާކުރިއެވެ. ފަހެ ލޭތައް އޮހޮރޭ ވަރުކުރިއެވެ. އަދި އެނަބިއްޔާގެ އެލޭތައް ބިމަށް ވެއްޓިއްޖެއްޔާ عذاب އަތުވެދާނޭ ކަމުގެ ބިރުން އެލޭތައް ބިމަށް ވެއްޓިޔަނުދެއްވާ ފޮހެލަ ފޮހެލާ ހުންނެވިއެވެ. (އެحالގައި ހުންނަވައިގެންވެސް) دعاء ކުރައްވަމުން ގެންދެވިއެވެ. اللهمހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންނަގެ قومގެ މީހުންގެ ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އެމީހުންނަށް މިކަންކުރެވުނީ އެމީހުންނަށް ނޭނގޭތީއެވެ.

މާތް الله وحيކުރެއްވިއެވެ.

وَلَقَدْ كُذِّبَتْ رُسُلٌ مِنْ قَبْلِكَ فَصَبَرُوا عَلَىٰ مَا كُذِّبُوا وَأُوذُوا حَتَّىٰ أَتَاهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَاتِ اللَّهِ ۚ وَلَقَدْ جَاءَكَ مِنْ نَبَإِ الْمُرْسَلِينَ (الأنعام 34)

މާނައީ:- ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް رسولންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ رسولން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ نصرވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި اللَّهގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ رسولންނަށް نصرދެއްވާނެކަމަށް ކުރައްވާފައިވާ وعدގެ ބަސްފުޅުތަކަށް) ބަދަލެއް ގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ رسولންގެ خبرތައް ކަލޭގެފާނާ ހަމަޔަށް އައިސްފައިވާކަން ކަށަވަރެވެ.

އިދިކޮޅުމީހުންނަށް ރައްދު ދިނުމުގައި ކެތްތެރިވުން

ސިޔާސީ ލީޑަރުންނަކީ އިދިކޮޅުން އިވޭ ކޮންމެ އަޑަކަށް ރައްދު ދޭންޖެހޭ ބަޔެއްނޫނެވެ. ސިޔާސީ ލީޑަރުންގެ ސިފައަކަށް ވާންޖެހޭނީ އެފަދަ އަޑުތަކަށް ރައްދު ދިނުމުގައި ކެތްތެރިވުމެވެ. މާތް اللهގެ އަންނަނިވި وحيބަސްފުޅުން ޢިބްރަތް ލިބިގަތުންހުއްޓެވެ. މާތް الله وحيކުރެއްވިއެވެ.

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِلْ لَهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ (الأحقاف 35)

މާނައީ: ފަހެ، رسولންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسولން (އެބަހީ: أولوالعزمގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعدކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسقވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.

أولو العزم ގެ ބޭކަލުންނަކީ : نوح عليه سلام އާއި  إبراهيم عَلَيْهِ السَّلاَم އާ موسى عَلَيْهِ السَّلاَم އާعيسى عَلَيْهِ السَّلاَم އާއި محمد  صَلّى اللهُ عَلَيْهِ وسَلَّم އެވެ.

ތިމާގެ ކިބައިން މީހުން ކަންކަމަށް އެދޭތީ ދިމާވާ އުނދަގޫތަކަށް ކެތްތެރިވުން

ސިޔާސީ ލީޑަރުންގެ ގޮތުގައި ﷲ އިރާދަކުރައްވާ މީހަކަށް އެހެންމީހުން، އެމީހަކަށް މުހުތާދަވާނެ ނުވަތަ ބޭނުންޖެހޭނެ ކޮންމެސް ސިފައެއް ހުރުމަކީ އެކަށިގެންވާ ކަމެކެވެ. އެއީ މުދާ ވެރިކަމެއް ނުވަތަ ޢިލްމުވެރިކަމެއް ނުވަތަ ހުނަރު ވެރިކަމެއްކަމުގައި ވިޔަސް މެއެވެ. އެފަދަ  ވަޤުތުގައި ތިމާގެ ކިބައިން މީހުން ކަންކަމަށް އެދޭތީ ހާސްވުމުގެ ބަދަލުގައި ނުވަތަ ރުޅިމޫނު ދެއްކުމުގެ ބަދަލުގައި ކުރިމަތިލާންޖެހޭނީ އުފަލާއި ހިނިތުންވުމުގެ މޫނަކާއި އެކުގައެވެ. މީހުން އެދޭ ހުރިހާ ކަމެއް ނުވަތަ މީހުންގެ ހުރިހާ މުހުތާދައެއް ފުއްދައިދިނުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއްނޫނެވެ. އޭގެ ޙައްލަކީ އެމީހަކާއި ރީތިބަހުން މުޚާޠަބުކޮށް، ކުޅަދާނަވީ މިންވަރަކުން އެކަމެއް ކޮށްދީ، ކުޅަދާނަކަން ނުވާނަމަ އެކަން ހާމަކޮށްދީ، އޭނާގެ އެ މުޙުތާދައެއްގެ މައްޗަށް ތިމަންނަގެ  ހިތުގައިވެސް ނުތަނަވަސްކަން ވާކަން އޭނާއަށް އިހްސާސްވާ ގޮތަށް އޭނާއާއި ވާހަކަ ދައްކައި އޭނައަށް އަޑުއިވޭގޮތަށް އެކަމަކަށް މަގުފަހިވުން އެދި ﷲ އަށް ދުޢާކޮށްދިނުމެވެ. މިކަމުގައި رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّمގެ އަންނަނިވި حديث އަށް ވިސްނަވާލެއްވުމުން ވަރަށް އިބްތަރްތެރި ފިލާވަޅެއް ދަސްވާނެއެވެ.

عَنْ أبي سَعيدٍ بْن مَالِك بْن سِنَانٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُمَا أَنَّ نَاساً مِنَ الأنصَارِ سَأَلُوا رَسُولَ الله صَلّى اللهُ عَلَيْهِ وسَلَّم فأَعْطاهُم ، ثُمَّ سَأَلُوهُ فَأَعْطَاهُمْ ، حَتَّى نَفِد مَا عِنْدَهُ ، فَقَالَ لَهُمْ حِينَ أَنَفَقَ كُلَّ شَيْءٍ بِيَدِهِ : « مَا يَكُنْ مِنْ خَيْرٍ فَلَنْ أدَّخِرَهُ عَنْكُمْ ، وَمَنْ يسْتعْفِفْ يُعِفَّهُ الله وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ ، وَمَنْ يَتَصَبَّرْ يُصَبِّرْهُ اللَّهُ . وَمَا أُعْطِىَ أَحَدٌ عَطَاءً خَيْراً وَأَوْسَعَ مِنَ الصَّبْرِ » مُتَّفَقٌ عَلَيْهِ .

މާނައީ: މާތްالله ރުއްސުންލެއްވި أبو سَعيد بْن مَالِك بْن سِنَان الخُدْرِيގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން انصَارىންގެ ބޭކަލުން ކޮޅެއް، رسول الله صَلّى اللهُ عَلَيْهِ وسَلَّمގެއަރިހުގައި އެހީއަކަށް އެދި ދެންނެވިއެވެ. ފަހެ އެކަލޭގެފާނު އެބޭކަލުންނަށް އެހީފުޅެއް ދެއްވެވިއެވެ. ދެން އެބޭކަލުން ދެވަނަ ފަހަރު އެހީއަކަށް އެދިވަޑައިގަތެވެ. ފަހެ އެބޭކަލުންނަށް އެކަލޭގެފާނު އެހީފުޅެއް ދެއްވެވިއެވެ. އެންމެ ފަހުން ގޮސް އެކަލޭގެފާނު އަތްޕުޅުގައި ހުރި ހުރިހައި އެއްޗެއް ހުސްވެއްޖެއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ހުރިހައި އެއްޗެއް ދެއްވައި ހުސްވުމަށް ފަހު حديث ފުޅުކުރެއްވިއެވެ. ތިމަންރަސޫލާއަށް ލިބިފައިވާ ތަނަވަސްކަމަކުން ތިޔަބޭކަލުންނަށް ނުދެއްވާ އެއްވެސް އެއްޗެއް ރައްކާކޮށްފައެއް ނުވެއެވެ. އަދި މީސްތަކުންގެ ކައިރީ އާދޭސްނުކޮށް ފުދިގަތުމަށް އެދޭ މީހާއަށް الله سبحانه و تعالى ފުދުންތެރިކަން ދެއްވައެވެ. އަދި مصيبات ތަކަށް ކެތްތެރިވެއްޖެ މީހާއަށް الله سبحانه وتعالى ކެތްތެރިކަން ދެއްވައެވެ. އަދި އެއްވެސް މީހަކަށް ކެތްތެރިވުމުގެ ސިފައަށްވުރެ ވަކީން މާތްސިފައެއް ނުލިބޭނެއެވެ.

ތިމާއަށް ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުން

ﷲ ސުބްޙާނަހޫ ވަތަޢާލަ އިރާދަކުރައްވާ މީހަކަށް، އެއިލާހު މިންވަރުކުރައްވާ ގޮތެއްގެ މަތީން ދަތިތައް ކުރިމަތިކުރައްވައި އިމްތިޙާނުކުރައްވައެވެ. އެކަމުގެ މަޞްލަޙަތު މޮޅަށް ދެނަވޮޑިގަންނަވާނީ ހަމަ އެއިލާހެވެ. ވަރަށް ގިނަ ފަހަރަށް އެފަދަ ކަންތަކަކުން އެކަން މެދުވެރިވާ މީހާއަށް އިބްރަތް ޙާސިލުވެ ހިތްވަރު ލިބި މުސްތަޤުބަލުގައި ދިމާވެދާނެ މުޞީބާތް ތަހައްމުލުކުމުގެ ހިތްވަރާއި ބުންވަރު އެހެން މީހުންނަށްވުރެ ބޮޑަށް ލިބިވެސްދެއެވެ. ސިޔާސީ ލީޑަރުންނަކީ މަދުންނަމަވެސް ތަފާތުގެއްލުން (ނަފްސާނީ، މާއްދީ، މައުނަވީ ގެއްލުން) ތަކާއި ކުރިމަތިލާންޖެހޭބަޔަކުކަން ޤަބޫލުކުރަން ޖެހޭ މިންވަރަށް ދުނިޔެގައި ޢާއްމުކޮށް، ދެވެހި ރާއްޖޭގައި ޚާއްޞަކޮށް ހާދިސާތައް ހިނގައިފިއެވެ. އެހެންކަމުން ސިޔާސީ ލީޑަރެއްގެ ޙައިސިއްޔަތުން މުޖުތަމައަށް ޚިދުމަތް ކުރަން ނިކުންނަ މީހާ ފަހުލަވާނަކަށް ވުމަށްޓަކައި ކެތްތެރީންނަށް الله سبحانه وتعالى މިނަވަރު ކުރައްވާފައިވާ ބޮޑެތި ثواب އާއި ގިނަގުނަ ފާފަފުއްސެވުމާއި ހެޔޮދަރުމަ ދެއްވާނެކަން އަންގަވާފައިވާ އާޔަތްތަކަށް ރުޖޫޢަވެ އެއިން ޢިބްރަތް ލިބިގަތުން ހުއްޓެވެ. މާތް الله وحي ކުރެއްވިއެވެ.

وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ  أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ ( البقرة)

މާނައީ:- ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! އެއުރެންނީ އެއުރެންނަށް مصيبةއެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرةއަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرةން مغفرةއާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ.

މާތް الله وحىކުރެއްވިއެވެ.

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ ﴿ الزمر ١٠﴾

މާނައީ:- ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حسابއެއްނެތިއެވެ.

عنْ أَبي سَعيدٍ وأَبي هُرَيْرة رضي اللَّه عَنْهُمَا عن النَّبيِّ صَلّى اللهُ عَلَيْهِ وسَلَّم قَالَ : «مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حَزَن وَلاَ أَذًى وَلاَ غمٍّ ، حتَّى الشَّوْكَةُ يُشَاكُها إِلاَّ كفَّر اللَّه بهَا مِنْ خطَايَاه » متفقٌ عليه .

މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި أَبو سَعيد އާއި أبوهُرَيْرة އާއި ދެބޭކަލުން ސަލާމާއި ސަލަވާތްލެއްވި ނަބީކަލޭގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديثކުރެއްވިއެވެ. މުސްލިމަކަށް އުނދަގުލެއް ވެއްޖެއްޔާ އަދި ވަރުބަލިކަމެއް ލިބިއްޖެއްޔާ އަދި ދެރަކަމެއް މެދުވެރި ވެއްޖެއްޔާ އަދި ހިތާމައެއް ކުރިމަތި ވެއްޖެއްޔާ އަދި (އެންމެ ކުޑަވެގެން) އޭނާގެ ފަޔަށް ކަށްޓެއް ހެރުނުކަމުގައި ވިޔަސް އެކަމުގެ ސަބަބުން الله سبحانه وتعالى އެމީހެއްގެ ކުށްފާފަތައް ފުއްސަވާ ވޮޑިގަންނަވައެވެ.

ނޭދެވޭ ކެތްތެރިކަން ނުވަތަ މަކްރޫހަވެގެންވާ ކެތްތެރިކަން

ބައެއް حالة ތަކުގައި އެއްޗެއް ނުބުނެ ނުވަތަ އެކަމާއި ދެކޮޅަށް މަސައްކަތް ނުކޮށް ހުރުމަކީ مكروه ވެގެންވާ ކަމެކެވެ. އެއީ ކެތްތެރި ކަމެއްނޫނެވެ. އަދި ކިއެއްތަ! އެއީ ފިނޑި ކަމެކެވެ. އެހެންކަމުން އެފަދަ ބައެއް حالة ތައް ދަންނަވާލާނަމެވެ.

  • ދީނުގެ ކަމަކާއިމެދު އިހްމާލުވާކަން އެގުން.
  • قانون އާއި މެދު އިހްމާލުވާކަން އެނގުން.

އެފަދަ حالةތަކުގައި އެކަމަކާއި އިންކާރުނުކޮށް ހުރުމަކީ ފިނޑިކަމުގެ އެންމެ ދަށު ދަރަޖައެވެ. އަދި އެއީ ސިޔާސީ ލީޑަރެއްގެ ޙަޔާތުގައި ޖެހޭނެ އެންމެ ބޮޑު އެއްލައްގަޑެވެ. އެފަދަ ލަތްގަޑެއް ޖެހިއްޖެނަމަ ފިލުވައިލުން ވާނީ ވަރަށް އުނދަގޫކަމަކަށެވެ.

މުޖުތަމަޢުން ފެންނަ މުންކަރާތްތަކަށް އިންކާރު ކުރުމުގައިއިސްލާމްދީން ކަނޑައަޅުއްވާފައިވާ މިންގަނޑު ތަކެއްވެއެވެ. އެކަން . رسول لله صلى الله عليه وسلمއ ގެ އަންނަނިވި حديث ން އެގެވެ. އެކަލޭގެފާނު حديثކުރެއްވިއެވެ.

عن أَبي سعيدٍ الخُدْريِّ رضي اللَّه عنه قال : سمِعْتُ رسُولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم يقُولُ : « مَنْ رَأَى مِنْكُم مُنْكراً فَلْيغيِّرْهُ بِيَدهِ ، فَإِنْ لَمْ يَسْتَطعْ فبِلِسَانِهِ ، فَإِنْ لَمْ يَسْتَطِعْ فَبقَلبهِ وَذَلَكَ أَضْعَفُ الإِيمانِ » رواه مسلم .

މާތްالله ރުއްސުންލެއްވި أَبو سعيد الخُدْري ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ.رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديثކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެކަލޭގެފާނު حديثކުރެއްވެވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެއްޔާ ފަހެ އެކަން އަތުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ އެކަން އަތުން މަނާކުރާށެވެ. ފަހެ (އަތުން މަނާކުރުމުގެ) ކުޅަދާނަކަން ލިބިގެން ނުވާނަމަ ދެން ދުލުން މަނާކުރާށެވެ. ފަހެ (ދުލުން މަނާކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާނަމަ) ހިތުން އެކަމަކީ ނުބައިކަމެއް ކަމުގައި ދެކޭށެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ.

ކެތްތެރިކަމަށް މަގުފަހިވާ ކަންތައްތައް

  • ހަމަކަށަވަރުން ދުނިޔެއަކީ ފަނާވެގެން ހިނގައިދާނެ ތަނެއްކަން ގަބޫލުކުރުން.
  • ހަމަކަށަވަރުން އިންސާނާއަކީ اللهގެ މިލްކެއް އެއްކަމާއި އެނބުރި ދާންޖެހޭ ފަރާތަކީ އެއީކަން   ގަބޫލުކުރުން.
  • ދުނިޔޭގެ ދަތިކަމަށްވުރެ آخرةން ލިބޭ نعمةތައް ރަނގަޅުވާނެކަން ގަބޫލުކުރުން.
  • ދަތިކަމަކަށްފަހު އުފާ ފާގަތި ކަމެއް އަންނާނެކަން ގަބޫލުކުރުން.
  • މުސީބާތުގެ ވަގުތު اللهއަށް އެދި ދެންނެވުމާއި އިސްތިޢުފާރުކުރުން ގިނަކުރުން.
  • މުސީބާތުގެ ވަގުތު نبي ބޭކަލުންނަށް ދިމާވި مصيبةތަކާއި އެބޭކަލުންގެ ކެތްތެރިވެވަޑައި ގަތުންތަކާއި سلف الصالحގެ ކެތްތެރިކަން ހަނދާނަށް ގެނައުން.
  • ހެޔޮމިންވަރާއި ނުބައި މިންވަރަށް إيمان ވުން.

مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ  لِكَيْلَا تَأْسَوْا عَلَىٰ مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ ۗ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿ الحديد٢٣-٢٢ ﴾

މާނައީ: އެއްވެސް مصيبةއެއް، ތިމަންރަސްކަލާނގެ އެ مصيبةއެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: اللوح المحفوظގައި) ލިޔުއްވާފައިވާ حالގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ اللَّهއަށް ދާދި ފަސޭހަ ކަމެކެވެ. (އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، فخرވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.