Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 1

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ إخلاصތެރިކަމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ކުރު ފުލޯކް ވާހަކައެއް، އެހެނަސް ވަރަށް ޢިބްރަތްތެރި     

ބުނެވެއެވެ. ހަމަ ކަށަވަރުން بني إسرائيل ބާގައިގައި އަޅުވެރިޔަކު އުޅުނެވެ. ފަހެ އޭނާގެ އަރިހަށް އޭނާގެ قوم ގެ މީހުން ދިޔައެވެ. އަދި ދެންނެވިއެވެ. ހަމަކަށަވަރުން ބަޔަކު މީހުން ގަހަށް އަޅުކަން ކުރަން ފަށާފިއެވެ. އަދި اللهއަށް شريك ކުރަމުން އެބަ ގެންދެއެވެ. އެހިނދު އަޅުވެރިޔާ ގަދަފަދައަށް ރުޅި އިސްކުރެއްވިއެވެ. އަދި ކޯރާޑީއެއް ނެންގެވުމަށްފަހު އެގަސް ކެނޑުމަށް ހިނގައިގަތެވެ. އަދި ދިޔަ މަގުމަތީން އޭނާއާއި إبليس، މުސްކުޅި މާތް މީހެއްގެ ސޫރައިގައި ބައްދަލުކުރިއެވެ. އަދި އޭނާ ކުރެން އެހިއެވެ. ތިބާ ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟ ފަހެ އަޅުވެރިޔާ ވިދާޅުވިއެވެ. ތިމަންނަ މިދަނީ ބަޔަކު މީހުން الله ފިޔަވައި އަޅުކަން ކުރަމުން ގެންދާ ގަހެއް ކަނޑާށެވެ. ފަހެ އިބްލީސް ބުންޏެވެ. ތިމަންނަ ތިބާއަށް ހިލާ ތިޔަކަން ކުރެވުނަކަ ނުދޭނަމެވެ. އަދި އިބްލީސް އަޅުވެރިޔާ އާއި ބަނޑު މުސާރައަށް އޮޅުލާ ބައްދަންފެށިއެވެ. ނަމަވެސް އެސޮރުގެ މައްޗަށް އަޅުވެރިޔާ ގަދަވިއެވެ. އަދި އެސޮރު ބިންމައްޗަށް އަނބުރާ ޖެހިއެވެ. އެހިނދު އިބްލީސް ބުންޏެވެ. ހަމަ ކަށަވަރުން ތިމަންނަ ތިބާއަށް ތިއަށްވުރެ ރަނގަޅު ގޮތެއް ހުށަހަޅަމެވެ. އެއީ ތިބާއަކީ فقيرއެކެވެ. މުދަލެއްނެތް މީހެކެވެ. އެގަސް ނުކަނޑާ ދޫކޮށްލައިފިނަމަ ކޮންމެ ދުވަހަކަށް ދެ ދިރުހަމުގެ މަގުން ފައިސާ ދިފާނަމެވެ. ފަހެ އަޅުވެރިޔާ އެގޮތާމެދު އެއްބަސްވިއެވެ.

އެންމެ ފުރަތަމަ ދުވަހު އަޅުވެރިޔާ ދެދީނާރު އަތުލައިގަތެވެ. އަދި ދެވަނަ ދުވަހު ދެ ދީނާރު އަތުލައިގަތެވެ. ނަމަވެސް ތިންވަނަ ދުވަހު ދީނާރެއް ނުލިބުނެވެ. ދިނާރު ދޭން ވަޢުދުވީ މީހާގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން ރުޅި އިސްކުރެއްވިއެވެ. އަދި ކޯރާޑީ ނެންގެވިއެވެ. އަދި އެގަސް ކެނޑުމަށް ހިނގައިގަތެވެ. އަދި ވިދާޅުވިއެވެ. މިއަދު އެގަސް ނުކަނޑާ ދޫނުކުރާނަމެވެ. ދިޔަ މަގުމަތީގައި، إبليس، މުސްކުޅި މާތް މީހެއްގެ ސިފައިގައި އޭނާއާއި ބައްދަލުކުރިއެވެ. އަދި އޭނާ ކުރެން އެހިއެވެ. ތިބާ ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟ އަޅުވެރިޔާ ވިދާޅުވިއެވެ. މިދަނީ އެއްކަލަ ގަސް ކަނޑާށެވެ. އެހިނދު އިބްލީސް ބުންޏެވެ. ތިބާއަށް ތިކަން ކުރަން ލާހިކައެއް ނޫނެވެ. އަހުރެން ތިބާއަށް ތިޔަކަން ވިޔަކަނުދޭނަމެވެ. އެހެން ބުނުމުން ދެމީހުން ބަނޑުމުސާރަޔަށް ބައްދައިގަތެވެ. ނަތީޖާއަކަށްވީ މިފަހަރު އަޅުވެރިޔާގެ މައްޗަށް އިބްލީސް ގަދަވެގެން ދިޔުމެވެ. އަދި އަޅުވެރިޔާ ބިންމައްޗަށް އަނބުރާ ޖެހިއެވެ. އެހިނދު އަޅުވެރިޔާ އެއްސެވިއެވެ. މިފަހަރު ތިމަންގެ މައްޗަށް ތިބާ ގަދަވެގަތީ ކޮންގޮތަކުން ހެއްޔެވެ؟ އެކަމުގެ ސިއްރަކީ ކޮބާހެއްޔެވެ؟ އެސޮރު ބުންޏެވެ. އެހެނީ ހަމަ ކަށަވަރުން ތިބާ އެންމެ ފުރަތަމަ ދުވަހު ރުޅި އިސްކުރީ الله އަށްޓަކައެވެ. އަދި ތިބާގެ އެعمل، خالص ވެފައި އޮތީ އެއިލާހަށެވެ. އެހެންކަމުން الله سبحان وتعالى ތިމަންނާގެ ފުށުން ތިބާ މިންޖުކުރެއްވިއެވެ. ނަމަވެސް މިފަހަރު ތިބާ ރުޅި އިސްކުރީ ތިބާގެ އަމިއްލަ ނަފުސަށްޓަކައެވެ. އެއީ ދީނާރު ނުލިބުމުގެ މައްޗަށެވެ. އެހެންކަމުން ތިމަންނައަށް ތިބާ ބަލިކޮށް ލެވުނީއެވެ. އަދި ތިބާގެ މައްޗަށް ގަދަކަން ލިބުނީއެވެ.

އިޚްލާޞްތެރިކަމަކީ ކޮބައި ހެއްޔެވެ؟

އެއީ ތިމާ ކުރާ ކޮންމެ عمل އެއް الله އަށް ޓަކައި خالص ކުރުމެވެ. ހަމައެކަނި އެ އިލާހުގެ ރުއްސެވުން އެދިގެންނެވެ. އަދި އެކަމުގައި ކަންދެއްކުމެއް ނުވަތަ އަޑު އުފުލުމެއް ނުބޭއްވުމެވެ.

އިޚްލާޞްތެރިކަމުގެ މުހިއްމުކަން

މުސްލިމެއްގެ މައްޗަށް ވީޖިބުވެގެންވަނީ އެމީހެއްގެ އެންމެހާ عمل ތަކުގައި ނިޔަތް خالص ކުރުމެވެ. އެހެނީ الله سبحانه وتعالى قبول ކުރައްވަނީ ހަމައެކަނި އެ އިލާހަށް خالص ކުރެވޭ ކަންތައްތަކެވެ. އެ އިލާހުގެ ފޮތުގައި އެ އިލާހު ވަހީ ކުރެއްވިއެވެ.

قَالَ اللهُ تَعَالَى: (وَمَا أُمِرُوا إِلاَّ لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ) [البينة :5]

މާނައީ: باطل މަގުން އެއްކިބާވެތިބެ، اللَّهއަށް އަޅުކަން خالصކުރާ حال، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު قائمކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دينއަކީ އެއީއެވެ.

އަދި އެއިލާހު وحى ކުރެއްވިއެވެ. (أَلَا لِلَّهِ الدِّينُ الْخَالِصُ) [الزمر: 3] މާނައީ: ދަންނާށެވެ! خالصވެގެންވާ دينވަނީ اللَّهއަށެވެ.

رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم حديث ކުރެއްވިއެވެ.

وعَنْ أَميرِ الْمُؤْمِنِينَ أبي حفْصٍ عُمرَ بنِ الْخَطَّابِ رضي الله عنه ، قال : سمعْتُ رسُولَ الله صَلّى اللهُ عَلَيْهِ وسَلَّم يقُولُ  « إنَّما الأَعمالُ بالنِّيَّات ، وإِنَّمَا لِكُلِّ امرئٍ مَا نَوَى ، فمنْ كانَتْ هجْرَتُهُ إِلَى الله ورَسُولِهِ فهجرتُه إلى الله ورسُولِهِ ، ومنْ كاَنْت هجْرَتُه لدُنْيَا يُصيبُها ، أَو امرَأَةٍ يَنْكحُها فهْجْرَتُهُ إلى ما هَاجَر إليْهِ » متَّفَقٌ عليه

މާތް الله ރުއްސުންލެއްވި اميرالمؤمنين، ابو حفص، عمرގެފާނު ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم حديث ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ހަމަކަށަވަރުން عملތައްވަނީ ނިޔަތުގެ މައްޗަށެވެ. އަދި އެ عمل ތަކުގެ جزاء ލިބުންވަނީ އެމީހެއްގެ ނިޔަތުގެ މައްޗަށެވެ. ފަހެ އެމީހެއްގެ هجر ކުރުން الله އާއި رسول އާ އަށްޓަކައި  ހަދައިފި މީހާގެ هجر ކުރުންވަނީ  قبول ވެގެންނެވެ. އަދި އެމީހެއްގެ هجرކުރުން ދުނިޔޭގެ ހެވެއް ހޯދުމަށް ނުވަތަ އަންހެނަކާއި ކައިވެނި ކުރުމުގެ مقصدގައި ކޮށްފި މީހާއަކަށް اخرة ދުވަހުން هجر ކުރުމުގެ ثواب އެއް ނެތެވެ.

އަދި رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم حديث ކުރެއްވިއެވެ. إن الله لا يقبل من العمل إلا ما كان له خالصًا، وابْتُغِي به وجهُه) (النسائي).

މާނައީ :- ހަމަކަށަވަރުން الله، އެއިލާހަށް خلاص ކުރެވޭ އަދި އެއިލާހުގެ ރުއްސެވުން އެދިގެން ކުރެވޭ عمل އެއް ނޫނީ قبول ނުކުރައްވައެވެ.

އިޚްލާޞްތެރިކަމުގެ ސިފައަކީ ނަބީ ބޭކަލުންގެ ސިފައެއް.

موسى عليه السلام ގެ إخلاص ތެރިކަމުގެ ސިފަ ބަޔާން ކުރައްވަމުން މާތް الله وحى ކުރެއްވިއެވެ. (وَاذْكُرْ فِي الْكِتَابِ مُوسَىٰ ۚ إِنَّهُ كَانَ مُخْلَصًا وَكَانَ رَسُولًا نَبِيًّا ) (مريم: 51) މާނައީ: ކަލޭގެފާނު މިފޮތުން موسىގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيارކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسولއަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.

إبراهيمގެފާނާއި، إسحاقގެފާނާއި، يعقوبގެފާނުގެ إخلاص ތެރިކަމުގެ ސިފަ ބަޔާން ކުރައްވަމުން މާތް الله وحى ކުރެއްވިއެވެ. (وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ) (ص 45-46) މާނައީ :އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيمގެފާނާއި، إسحاقގެފާނާއި، يعقوبގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عملކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهلވެރިންނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلةއަކުން މާތްކުރައްވައި، خيارކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ حضرةގައި خيارކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ.

ނިޔަތުގައި إخلاصތެރިކަން އޮވެއްޖެނަމަ އެކަމެއް ނުކުރެވުނަސް ބޭކާރުވެގެނެއް ނުދާނެކަމުގެ ދަލީލު

رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم ގެ އަރިހަށް ބަޔަކު ދިޔައެވެ. ފަހެ އެމީހުން ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ. ތިމަންމެން، ކަލޭގެފާނާއެކު ތަބޫކު ހަނގުރާމާއިގައި ބައިވެރިކޮށް ދެއްވާށެވެ. އަދި ތިމަންނާމެން އަތުގައި އެއްވެސް ހަތިޔާރެއް އަދި އެއްވެސް މުދަލެއް ނެތެވެ. ދަންނައެވެ. އެވަގުތު رَسُولُ اللهِ صَلّى اللهُ عَلَيْهِ وَسَلَّم ގެ އަތްޕުޅުގައި އެމީހުންނަށް އެކަމަށް އެހީއެއް ދެވޭނެ ފަދަ ތަނަވަސްކަމެއް ނުވެއެވެ. އެހެންކަމުން އެމީހުންނަށް  އެނބުރި ދިއުމަށް ވިދާޅުވިއެވެ. އެހިނދު އެބައިމީހުން ދިޔައީ އެމީހުންގެ ކިބައިގައި الله ގެ މަގުގައި جهاد ކުރުމުގެ ތަނަވަސްކަން ނެތުމުގެ މައްޗަށް ހިތާމަ ކުރަމުން އަދި ރޮމުންނެވެ. ފަހެ الله سبحانه وتعالى އެމީހުންގެ حق ގައި قيامة އާއި ޖެހެންދެން ތިލާވަތު ކުރެވެމުން ދާނޭހެން قرآن ބާވައިލެއްވިއެވެ.

މާތް الله ވަހީކުރެއްވިއެވެ. لَيْسَ عَلَى الضُّعَفَاءِ وَلَا عَلَى الْمَرْضَىٰ وَلَا عَلَى الَّذِينَ لَا يَجِدُونَ مَا يُنْفِقُونَ حَرَجٌ إِذَا نَصَحُوا لِلَّهِ وَرَسُولِهِ ۚ مَا عَلَى الْمُحْسِنِينَ مِنْ سَبِيلٍ ۚ وَاللَّهُ غَفُورٌ رَحِيمٌ وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوْا وَأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنْفِقُونَ (التوبة ٩١-٩٢) މާނައީ: ނިކަމެތިންގެ މައްޗަކަށް، އަދި ބަލިމީހުންގެ މައްޗަކަށްވެސް، އަދި (ހަނގުރާމަޔަށްޓަކައި) ހޭދަކުރާނޭ އެއްޗެއް ނުލިބޭ މީހުންގެ މައްޗަކަށްވެސް ކުށްފާފައެއް ނެތެވެ. اللَّهއަށާއި، އެކަލާނގެ رسولއާއަށް އެއުރެން ތެދުވެރިވެ، إخلاصތެރި ވީނަމައެވެ. إحسانތެރިންގެ މައްޗަކަށް (އެއުރެން ކުށްވެރި ކުރާކަށް) އެއްވެސް މަގެއްނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ. އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. އޭގެމަތީގައި ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ، އެއުރެންގެ ލޯތައް ކަރުނައިންފުރި، އޮހޭ حالގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ.

ފަހެ نبي އާ صَلّى اللهُ عَلَيْهِ وَسَلَّم އެ ހަނގުރާމައަށް ނިކުމެވަޑައިގަތުމަށްފަހު أصحاب ބޭކަލުންނަށް حديث ކުރެއްވިއެވެ.

وعَنْ أبي عَبْدِ اللَّهِ جابِرِ بْنِ عَبْدِ اللَّهِ الأَنْصَارِيِّ رضِيَ الله عنْهُمَا قَالَ :كُنَّا مَع النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم في غَزَاة فَقَالَ : «إِنَّ بِالْمَدِينَةِ لَرِجَالاً مَا سِرْتُمْ مَسِيراً، وَلاَ قَطَعْتُمْ وَادِياً إِلاَّ كانُوا مَعكُم حَبَسَهُمُ الْمَرَضُ» وَفِي روايَةِ : «إِلاَّ شَركُوكُمْ في الأَجْرِ» رَواهُ مُسْلِمٌ.

މާނައީ: މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި ابو عبد لله، جابر بْن عبدلله ގެ ކިބައިން ރިވާވެގެންވެއެވެ. އެصحابي ވިދާޅުވިއެވެ. ތިމަންމެން نبى އާ صلى الله عليه وسلم ގެ އަރިހުގައި ހަނގުރާމައެއްގައި (އެބަހީ: تبوك ހަނގުރާމައިގައި) ބައިވެރިވީމުއެވެ. ފަހެ އެކަލޭގެފާނު حديثކުރެއްވިއެވެ. ހަމަ ކަށަވަރުން مدينةގައި ބަޔަކު ވެއެވެ. ތިޔަބައިމީހުން جهاد ކުރުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅެއްގައްޔާއި ހިނގާ ކޮންމެ ހިނގުމެއްގައްޔާއި އަދި ތިޔަބައިމީހުން جهاد ކުރުމަށްޓަކައި ހުރަސްކުރާ ކޮންމެ ވާދީއެއްގައި أجرގެ ގޮތުން ތިޔަބައިމީހުންނާއި އެކުގައި އެމީހުންވެއެވެ. އެމީހުން ނިކުތުމުން މަނާކުރީ އެބައިމީހުންގެ ބަލިކަމުގެ عذر އެވެ.

އަދި އެހެން ރިވާޔަތެއްގައިވެއެވެ. "ثواب ލިބުމުގައި ތިޔަބައިމީހުންނާއި އެކުގައި އެމީހުން ބައިވެރިކުރެވިގެންވެއެވެ."

ބުޚާރީގެ ރިވާޔަތެއްގައިވެއެވެ. عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ :رَجَعْنَا مِنْ غَزْوَةِ تَبُوكَ مَعَ النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم فَقَالَ: «إِنَّ أَقْوَامَاً خلْفَنَا بالمدِينةِ مَا سَلَكْنَا شِعْباً وَلاَ وَادِياً إِلاَّ وَهُمْ مَعَنَا ، حَبَسَهُمْ الْعُذْرُ». މާނައީ: މާތް الله ރުއްސުންލެއްވި انسގެފާނު ކިބައިން ރިވާވެގެންވެއެވެ. ތިމަންމެން نبيއާ صلى الله عليه وسلم ގެ އަރިހުގައި تبوك ހަނގުރާމައިން އެނބުރި ދިޔައީމެވެ. ފަހެ حديث ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންމެންވަނީ مدينةގައި ބަޔަކުފަސްކޮށްފައި އައިސްފައެވެ. (ނަމަވެސް) ތިމަންމެން (جهاد ކުރުމަށްޓަކައި ފަރުބަދަ މަތިން) ހުރަސްކުރާ ކޮންމެ ހުރަސް ކުރުމުގައްޔާއި އަދި ހުރަސް ކުރާ ކޮންމެ ވާދީއެއްގައި (أجرގެގޮތުން) އެމީހުން ތިމަންމެންނާއި އެކުގައިވެއެވެ. އެމީހުން ނިކުތުމަށް މަނާ ކުރީ އެމީހުންގެ ބަލިކަމުގެ عذرއެވެ.

ކުރާކަންތައް ކާމިޔާބު ކުރުމަށްޓަކައި އިޚްލާޞް ތެރިކަން ބޭނުންވާކަމުގެ ދަލީލު

ކަމެއް ކުރުމުގައި إخلاصތެރިކަން ނެތިއްޖެ ނަމަ އެކަމެއް قبول ނުކުރެވެއެވެ. اللهގެ ޙަޟްރަތުން އައިސްފައިވާ  ޤުދުސީ حديثއެއްގައި رسول صلى الله عليه وسلم ކުރެއްވިއެވެ.

وَعَنْ أبي هُريْرَةَ رضي اللَّه عنْهُ قَالَ : سَمِعْتُ رَسُولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم يَقُولُ: « قَالَ اللَّه تعَالى: أنَا أغْنى الشُّرَكَاءِ عَنِ الشِّركِ، منْ عَملَ عَمَلا أشْركَ فيهِ مَعِى غَيْرِى ، تَركْتُهُ وشِرْكَهُ » رواه مسلم.

މާތްالله ރުއްސުންލެއްވި أبو هُريْرَة ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديثކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. އެކަލޭގެފާނު حديثކުރެއްވިއެވެ. الله سبحانه وتعالى، وحى ކުރެއްވިއެވެ. ތިމަންއިލާހު ވޮޑިގެންވަނީ شريك ކުރާ މީހުންގެ شريك ކުރުމުން ހުސްތާހިރުވެގެންނެވެ. މީހަކު عملއެއްކޮށް އެކަމުގައި ތިމަންإله އާއި އެހެންފަރާތެއް ބައިވެރިކޮށްފިނަމަ ތިމަންއިލާހު އެމީހަކާއި އަދި އެމީހަކު شريك ކުޅަކަމަކާއިއެކު ދޫކޮށްލައްވަމެވެ. އެބަހީ އެކަމުގެ ثوابން އެމީހަކު މަހުރޫމު ކުރައްވައި އަދި އެ عملއެއް باطل ކުރައްވަމެވެ.

ޝައިތާނުންނަކަށް ޢިޚްލާޞްތެރީން މަގުނުފުރެއްދޭނެ ކަމުގެ ދަލީލު

ސިޔާސީ މީހުންނަށް ބޮޑި ލިބޭ އެއް ކަމަކީ ބައެއް ފަހަރު ޝައިޠާނުންގެ ބަސް ޤަބޫލުކުރުމެވެ. ޝައިޠާނުންގެ ސިފަ ލިބިގެންވާ އިންސާނުން ތިބުމަކީވެސް އެކަށިގެންވާ ކަމަކެވެ. އެހެންކަމުން އެފަދަ މީހުންގެ ނުބައިކަމުން ސަލާމަތްވާން އޮތް މަގަކީ އިޚުލާޞްތެރިކަމުގެ ސިފަ އިސްކުރުމެވެ. އެއްވެސް އޮޅުމެއްނެތް ގޮތުގައި إخلاصތެރީންގެ ކިބައިން شيطان އާ ދުރުވާނެއެވެ. އެއީ ޖިއްނި ޝައިޠާނަކު ކަމުގައި ވިޔަސް އަދި އިންސި ޝައިޠާނަކު ކަމުގައި ވިޔަސްމެއެވެ. އަދި އެމީހަކަށް ޝައިތާނުންނަކަށް ވަސްވާހެއް ނުދެވޭނެއެވެ. އެއީ الله سبحانه وتعالى, شيطانއާގެ ނުބައިކަމުން إخلاص ތެރިން ރައްކާތެރި ކުރައްވާފައި ވާތީއެވެ. ކީރިތި قرآنގައި ﷲ ވަޙީކުރެއްވިއެވެ. (قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ) (الحجر 39-40) މާނައީ: އެކަލޭގެ(ޝައިޠާނާ) ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ خيارކުރައްވާފައިވާ إخلاصތެރިން މެނުވީއެވެ.

އިޚްލާޞްތެރިކަމުގެ އިދިކޮޅު ސިފައަކީ ކަންދެއްކުން

ކަން ދެއްކުމަށް ޢަރަބި ބަހުގައި ކިޔަނީ الـريـاء އެވެ. އެއީ މީހާ ހެޔޮ ކަންތައްތައް ކުރުމުގައި އެހެން މީހުންނަށް ފެންނަނަމަ ހީވާގިވެ އުޅުމެވެ. އަދި އެކަނި ހުންނައިރު ކަންނެތްވެގެން އުޅުމެވެ. އަދި މީސްތަކުންގެ ފުށުން ސަނާ އަޑުއިވޭނަމަ އެކަމެއްގެ މައްޗަށް ގަދަފަދައަށް މަސައްކަތް ކުރުމެވެ. އަދި މީހަކު ދެރަބަހެއް ރައްދުކޮށްފިނަމަ އެކަމެއް ކުރުން މަޑުކުރުމެވެ. އެއީ منافقينންގެ ސިފައެކެވެ. މާތް الله ކުރެއްވިއެވެ. (إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا) (النساء 142) މާނައީ: ހަމަކަށަވަރުން، منافقން، اللَّهއަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عملތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.

ކަންދެއްކުމަކީ اللهއަށް ވެވޭ شرك އެކެވެ.

رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم  حديثކުރެއްވިއެވެ. (إن أخوف ما أخاف عليكم الشرك الأصغر). قالوا: وما الشرك الأصغر يا رسول الله؟ قال صلى الله عليه وسلم: الرياء) މާނައީ: ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު  ބިރު ހީވާ އެންމެ ބޮޑު ކަމަކީ ކުޑަ شركގެ މައްޗަށެވެ. އެބޭކަލުން ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ. ކުޑަ شرك އަކީ ކޮބާ ހެއްޔެވެ؟ حديث ކުރެއްވިއެވެ. އެއީ ކަންދެއްކުމެވެ.

ކަންދެއްކުމަކީ عمل ތައް باطلވާ ކަމެކެވެ.

މާތް الله ކުރެއްވިއެވެ. (فَوَيْلٌ لِلْمُصَلِّينَ الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ الَّذِينَ هُمْ يُرَاءُونَ وَيَمْنَعُونَ الْمَاعُونَ) (الماعون 4-7) މާނައީ:- ފަހެ، އެއުރެންގެ ނަމާދާމެދު غافلވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ. އަދި ހިފައި ގެންގުޅޭ ތަކެތި މީހުންނަށް ނުދީ، މަނާކުރާ މީހުންނެވެ.

މާތް الله ކުރެއްވިއެވެ. (وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا) ( الفرقان23 )

މާނައީ:- އަދި عملގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عملތައް (ޢިޚްލާޞްތެރިކަންނުވާނަމަ) ވަޔާ ބުރައިގެންދާ ކުނޑިފުށްތަކެއް ފަދައިން ލައްވާހުށީމެވެ.

رَسُول اللَّه صَلّى اللهُ عَلَيْهِ وسَلَّم  حديثކުރެއްވިއެވެ. (إن الله يحب أحدكم إذا عمل عملاً أن يتقنه،قيل: وما إتقانه يا رسول الله؟ قال: "يخلصه من الرياء والبدعة".)

މާނައީ: ހަމަ ކަށަވަރުން الله سبحانه وتعالى ލޯބިވެތިވެ ވޮޑިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއިން މީހަކު عمل އެއް ކުރަނީނަމަ އެކަމެއް ފުރިހަމައަށް ކުރުމަށެވެ. ދެންނެވުނެވެ. އޭ اللهގެ رسولއާއެވެ. ކަމެއް ފުރިހަމަޔަށް ކުރުމަކީ ކޮބާހެއްޔެވެ؟ حديث ކުރެއްވިއެވެ. އެއީ އެކަމެއް ބިދުޢަތަކުންނާއި ކަންދެއްކުމުން ސަލާމަތްކުރުމެވެ.

ތިމާކުރާކަންތަކަށް ޢިޚްލާޞްތެރިކަން ލިބިގަންނާނެ ގޮތް

  • އެކަމެއް ކުރަން ފެށުމުގެ ކުރީގައި އިސްތިޚާރާގެ ނަމާދުކުރުން.
  • އެކަމެއް ފަށައިގަންނަ ހިނދު ޢިޚްލާސްތެރިކަން މިންވަރުކޮށް ދެއްވުން އެދި ﷲ އަށް ދުޢާކުރުން.
  • އެކަމެއްގެ މެދުތެރެއިން އެކަން ކުރުމައި އޮތް އިޚްލާޞްތެރިކަމުގެ ނިޔަތް އާލާކުރުން.
  • އެކަމެއް ނިމުމުން އެކަން ﷲއަށް ޓަކައި ޤަބޫލުކޮށްދެއްވުން އެދި ދުޢާކޮށް ނިންމުން.

 ތިމާ ކުރާ ކަންތަކުގައި ޢިޚްލާޞްތެރިކަން ހުރި މިންވަރު ދަނެގަންނާނެ ގޮތް

  • ތިމާ ކޮށްފި ކަމަކަށް ބަޔަކު ކިތަންމެ ވަރަކަށް ތަޢުރީފުކުރިޔަސް އެކަމަކަށް ތިމާގެ ދުލުން އުފާފާޅުނުކުރުން.
  • ތިމާ ކޮށްފި ކަމަކަށް ބަޔަކު ކިތަންމެ ވަރަކަށް އެއްޗެހި ގޮވިޔަސް އެކަމަށް ރައްދު ނުދިނުން.
  • ތިމާ ކޮށްފި ކަމަކަށް ބަޔަކު ސަނާކިޔުނަސް ނުވަތަ ހަޖޫޖެހިޔަސް ފަރުވާލެއް ނުބެހެއްޓުން.