Support Us

އަންހެނުންގެ އެހާރާއި މިހާރު

"މުސްލިމް އުޚްތުންނޭވެ! އަނިޔާވެރިކަމުން ތިޔަކަނބަލުން މިނިވަން ކުރެއްވެވީ މާތްވެގެންވާ އިސްލާމްދީނެވެ. އެހެންކަމުން ތިޔަކަނބަލުންގެ ސަގާފަތަކީ އިސްލާމީ ސަގާފަތް ކަމުގައި ހައްދަވާށެވެ. ތަހުޒީބާއި ތަރައްގީ ވަނީ އިސްލާމީ އުޞޫލުތަކުގައި ކަމަށް ޤަބޫލުކުރައްވާށެވެ. ތިޔަކަނބަލުންނަކީ އުއްމަތުގެ ދެބައިކުޅަ އެއްބައެވެ. އަދި ހަމަ ކަށަވަރުން އަހަރެމެންނަށްޓަކައި ތިޔަ ކަނބަލުން އަނެއް ބައި ވިހައެވެ. ވީމާ ތިޔަކަނބަލުންނަކީ މުޅި އުއްމަތެވެ."

ހުޅަނގުގެ ދަޢުވާއަކީ އަންހެނުންނަށް މިނިވަންކަން ހޯދާދިނީ މަޣުރިބީ ތަހުޒީބު ކަމަށެވެ. ނަމަވެސް އަންހެނުން އަޅުވެތިކަމުގައި ތިއްބާ، އެކަނބަލުންނަށް މިނިވަންކަން ހޯދައިދެއްވީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކެވެ. އިހުޒަމާނަށް ބަލާއިރު އަންހެނުންގެ މައްޗަށް ވަނީ އަނިޔާވެރިވެފައެވެ. އިޖްތިމާޢީ ޙައްޤުތައް ވަނީ ފޭރިގަނެފައެވެ. ގަނެ ވިއްކުމާއި ދިރިތިއްބާ ވަޅުލައިމެރުމާއި އަޅުވެތިކުރުން ފަދަ ޢަމަލު ތަކުންވަނީ ހިތްދަތިކޮށްފައެވެ. އަދި އަންހެނާގެ އިންސާނިއްޔަތާއި މެދު ޝައްކުތައްވެސް އުފައްދާލައިފައިވެއެވެ.

 

ނަމަވެސް މާތްވެގެންވާ އިސްލާމްދީނުގެ އިރު މިދުނިޔޭގެ ވުޖޫދަށް ފާއްދާލުމާ ގުޅިގެން އަންހެނުންނަށް މިނިވަންކަމާއި އިންސާނީ ފުރިހަމަ ޙައްޤުތައް ލިބެން ފެށިއެވެ. އިސްލާމްދީނުގެ ރިސާލަތު ފުރިހަމަވެގެން ދިޔައިރު އަންހެނުންނަށް ވަނީ، ކުރީގައި އެމީހުނާއި މެދު ކުރެވިފައިވާ ހުރިހާ އަނިޔާތަކުން ސަލާމަތްކަން ލިބި މާތް އިންސާނެއްގެ މަގާމު ލިބިފައެވެ. މީގެ އިތުރުން އޯގާވެރިކަމާއި މާތްކަމުންވެސްވީ ޝަރަފުވެރި ކުރެވިފައެވެ.

ކަން މިހެން އޮތުމާއެކުވެސް މިހާރަކަށް އައިސް ޣައިރު މުސްލިމުންދަނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ނަމުގައި ކުރާ ދަޢުވާއެއް ކަމަށް ހަދައިގެން ތިބެ، އަންހެނުން ހަތިޔާރަކަށް ބޭނުންކޮށްގެން އިސްލާމީ މުޖުތަމަޢު ބަރުބާދުކޮށްލުމަށްޓަކައި އިސްލާމީ އަޤީދާތަކާއި މެދުގައި ޝައްކު އުފައްދަމުންނެވެ. އެމީހުންގެ ގޮވާލުންތަކަށް އެހާ ފަސޭހައިން އިޖާބަދެވެނީ، އެކަނބަލުންގެ މާޟީ ހަނދުމަނެތި ކުރައްވައިގެން ތިއްބަވާތީއެވެ. އެހެންކަމުން އަންހެނުންނަށް، އެކަނބަލުންގެ ގެއްލިފައިވާ ނުވަތަ ގެއްލެމުންދާ ބާއްޖަވެރިކަމާ ހަމަޔަށް އަނބުރާ ގެނެސް ދިނުމަށްޓަކައި އެކަނބަލުންގެ މާޟީ ހަނދާންކޮށް ދިނުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ.

އަންހެނާއަކީ ކާކުހެއްޔެވެ؟

އަންހެނާއަކީ އެއީ ފިރިހެނާގެ ދައްތަ، ނުވަތަ މަންމަ، ނުވަތަ އަންހެން ދަރިފުޅު، ނުވަތަ މާމަ، ނުވަތަ މާމަފަރާތު ބޮޑުދައިތަ ނުވަތަ ބައްޕަފަރާތު ބޮޑުދައިތައެވެ.

ގްރީކްގެ ނަޒަރުގައި އަންހެނުން

އިސްލާމްދީން އައުމުގެ ކުރިން ޔޫނާން (ގްރީސް)ގެ ތާރީޚަށް ބަލާއިރު އެދުވަސްވަރުގައި އަންހެނުންނަކީ ވިޔަފާރިއަށް ގެންގުޅޭ މުދަލާއި އެއްހަމަ ބައެކެވެ. އަމިއްލަ އަންހެން ދަރިންނާއި އަނބިމީހާ ޢާންމު ބާޒާރުގައި ގަނެވިއްކައިފައި ވެއެވެ. އަންހެނުންނަށް މުޖުތަމަޢުގައި ލިބިފައިވާ އެއްވެސް ޙައްޤެއްނޮއޮވެއެވެ. އަމިއްލަ މުދާތައް މިލްކު ކުރުމުގެ އިޚްތިޔާރު ނެތުމުގެ އިތުރަށް ފިރިޔަކު އިޚްތިޔާރު ކުރުމުގެ ޙައްގެއްވެސް ނޮއޮވެއެވެ. ތަރިކަފަދަ މުދަލުން މުޅިންވަނީ މަޙްރޫމް ކުރެވިފައެވެ.

ގްރީކްގެ މަޝްހޫރު ފިލޯސަފަރެއް ކަމުގައިވާ ސޮކްރޭޓްސް އަންހެނުންނާއިމެދު ބުނެފައިވާ ޢިބާރާތް ތިރީގައި އެވަނީއެވެ.

"ދުނިޔެ ހަލާކުވުމުގެ އެންމެ ބޮޑު އަސްލަކީ އަންހެނުންނެވެ. އަދި އަންހެނުންނަކީ، ވިހަ ގަހެކެވެ. އެގަހުގެ މިސާލަކީ، ބަލާލޮލަށް ބޭރުފުށުން ވަރަށް ރީއްޗެކެވެ. ނަމަވެސް ދޫނިސޫފާސޫފި އެގަހުން ކެއުމުން ވަގުތުން މަރުވެދެއެވެ."

ރޯމަނުންގެ ނަޒަރުގައި އަންހެނުން

ރޯމަނުން އަންހެނުން ހިމަނާފައިވީ އެމީހުންގެ މިލްކިއްޔާތުގެ ތެރޭގައެވެ. ރޫމާނީ ޝަރީޢަތުގައި ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވެފައި ނުވެއެވެ. ލިބޭދަރި ޤަބޫލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު ބައްޕައަށް އޮވެއެވެ. އެހެންކަމުން އަނހެނަކު ވިހައިފިނަމަ ކުޑަދަރިފުޅު ބައްޕަގެ ފަޔާއި ދިމާލުން ބިންމަތީގައި ބޭއްވެއެވެ. އެހިނދު އެބައްޕަޔަކު ދަރިފުޅު ބިންމަތީން ނަގައިފިނަމަ ބެލެވެނީ އެދަރިފުޅު އޭނާގެ އާއިލާއަށް ޤަބޫލުކުރެވުނީ ކަމަށެވެ. އެބައްޕަޔަކު ދަރިފުޅު ނުނަގައިފިނަމަ އެކުއްޖާ ޢާންމު ބާޒާރަށް ނުވަތަ ޢާންމުން އެއްވާ ތަނެއްގައި ބޭއްވެއެވެ. ފިރިހެން ކުއްޖަކުނަމަ ކޮންމެވެސް މީހަކު ގެންގޮސްފާނެއެވެ. އަންހެން ކުއްޖަކަށް ވެއްޖެނަމަ އެތާގައި އޮވެގެން  ފިނިހޫނާއި ބަނޑުހައި ހޫނުކަމަށް ކެތްނުކުރެވިގެން، އެންމެފަހުން އެކުއްޖަކު މިދުނިޔެއަށް އަލްވަދާޢު ކިޔައެވެ.

ރޯމަންގެ ގަދީމީ ތާރީޚްގައި އަންހެނުންނާ މެދު ޢަމަލު ކުރެވިފައިވަނީ، ޔޫނާނީ ތާރީޚްގައިވެސް އަންހެނުންނާއިމެދު ކަންތައްތައް ކުރެވިފައިވާ ގޮތާއި ދާދި އެއްގޮތަކަށެވެ. އަންހެނުން ގަނެވިއްކުން ހުއްދަ ކުރެވިފައިވެއެވެ. މުދަލުން ހޭދަކުރުމުގެ އިޚްތިޔާރު އަންހެނުންނަކަށް ނޯވެއެވެ. ރޯމަނުންގެ ނަޒަރުގައި އަންހެނުންނަކީ ދާއިމީ އަޅުވެތި ބައެކެވެ. އަންހެނަކަށް ވެއްޖެނަމަ ތިބެންޖެހެނީ، އުފަންވުމަށްފަހު މަރުވަންދެން އެންމެ ފުރަތަމަ ބައްޕަގެ، ދެން ކައިވެންޏަށްފަހު ފިރިމީހާގެ ވަޞިއްޔަތުގެ ދަށުގައި މިނިވަންކަމެއްނެތް އަޅުވެތި ބައެއްގެ ގޮތުގައެވެ.

ސީނުކަރައިގެ މީހުންގެ ނަޒަރުގައި އަންހެނުން

ކުރީގެ ސީނުކަރައިގެ މީހުން ދުށްގޮތުގައި ބާއްޖަވެރިކަމާއި މުދާވެރިކަން ނެތިދިއުމުގެ ސިއްރަކީ އަންހެނުންނެވެ. އަނބިމީހާ އަޅުން ވިއްކާ އުޞޫލުން ވިއްކުމުގެ ޙައްޤު ފިރިމީހާއަށް އޮވެއެވެ. އަންހެނަކު ހުވަފަތް ވެއްޖެނަމަ އެ އަންހެނަކު ހިމެނޭނީ މަރުވިމީހާގެ ޢާއިލާއަށް އޭނާގެ ފަރާތުންލިބޭ ވާރުތަ މުދަލެއްގެ ގޮތުގައެވެ. އަދި މީގެއިތުރުން އެދުވަސްވަރު އެމީހުންގެ އަނބިން ދިރިތިއްބާ ވަޅުލުމުގެ އިޚްތިޔާރުވެސް އޮވެއެވެ.

ހަމުރާބީ ޤާނޫނުގައި އަންހެނުން

ޙަމުރާބީ (1792ق.م- 1750ق.م) އަކީ ބެބިލިއޯންގެ އެންމެ މަޝްހޫރު އެއް ރަސްކަލެކެވެ. އެދުވަސްވަރު އޮތް ކުދިކުދި ވެރިކަންތައް އެއްކޮށް ޢިރާޤުގައި ބޮޑު ދަވްލަތެއް ޤާއިމް ކުރިއެވެ. ހަމުރާބީ ޤާނޫނުއަކީ 1902މ. ވަނަ އަހަރު ސޫސާ ކިޔުނު ރަށުން ފެނުނު ޤާނޫނެކެވެ. އަދި، ފަހުން ފްރާންސްގެ ލޯވަރ މިއުޒިއަމަށް މިޤާނޫނު ގެންދެވިފައި ވެއެވެ. މިއީ ހިލައެއްގައި ކަނޑާނެގި ލިޔެވިފައިވާ ޤާނޫނެކެވެ. އެ ހިލައިގެ މަތީގައިވަނީ ޙަމޫރާބީގެ ތަސްވީރެވެ. ތިރީގައިވަނީ  މިސްމާރީ ބަހުން ލިޔެފައިވާ،285 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނު ޙަމޫރާބީގެ ނައްސެވެ.

ހަމުރާބީ ޤާނޫނުގައި އަންހެނުން ހިމެނިފައިއޮތީ އެއްގަމު މަސްކެވޭ ޖަނަވާރުތަކުގެ ލިސްޓްގައެވެ.އަދި މިޤާނޫނު ބުނާގޮތުންނަމަ ފިރިހެނަކު އަންހެނަކު ޤަތުލު ކުރިޔަސް އެމީހަކު ޤަތުލު ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި އެމީހަކު ޖެހޭނީ އެމީހެއްގެ އަންހެންދަރި ޤަތުލުކުރުމަށް ނުވަތަ މިލްކު ކުރުމަށް ޤަތުލުވި އަންހެނާގެ ވަލީވެރިޔާއާއި ޙަވާލުކުރާށެވެ.

ހިންދުސްތާނުގައި އަންހެނުންގެ ޙާލަތު އޮތްގޮތް

އިންޑިޔާގެ ތާރީޚުން ދައްކާގޮތުގައި އިންޑިޔާގެ އަންހެނުންނަކީ، އެމީހުންގެ މުޅި ޢުމުރަށްވެސް އަޅުވެތިކޮށް އުޅުނު ބައެކެވެ. ހިންދީ އާދަކާދައަށް ބަލާއިރު އެނގެނީ، ފިރިއަކު މަރުވެއްޖެނަމަ އަނބިމީހާ ދިރިއުޅުމުން މަޙްރޫމްކޮށް ކޮށްފައިވާ ކަމެވެ. އެގޮތުން އެމީހާގެ ފިރިމީހާ މަރުވާދުވަހު އެއަންހެނަކު މަރުވާންޖެހެއެވެ. އަދި އެފިރިމީހާ އަންދާލެވޭ އިރު އޭނާއާއި އެކު ދިރިހުރެގެން އަމިއްލައަށް އަންދައިގަންނަން ޖެހެއެވެ. މިގޮތަށް އިންޑިއާގައި 18 ވަނަ ޤަރުނާއި ހަމަޔަށް މިކަން ދެމިއޮތް ކަމަށް ބެލެވެއެވެ.

ހިންދީ ދީނުގައިވާ ގޮތުން އަންހެނުންނަކީ، އަލިފާނާއި، ބިޗުލާއި، ވިހައާއި، ނަރަކައާއި،މަރާއި، ވަޔާއި އަދި ޤުދުރަތީގޮތުން ދިމާވާ ނުރައްކާތެރި ކާރިސާ ތަކަށްވުރެ ނުރައްކާތެރިކަން ބޮޑުއެއްޗެކެވެ.

ޢާންމު ގޮތެއްގައި ހިންދީ ދީނުގައި ފިރި މަރުވެއްޖެނަމަ އެ އަންހެނެއްގެ ޙަޔާތުގެ ބާކީއޮތް ބައި ވޭތިކުރަން ޖެހޭނީ އެމަރުވި ފިރިމީހާގެ އިއްދާގައެވެ. އަދި އެއަންހެނަކާއި، އެހެންމީހުން އިންސާނީ އުޞޫލުން މުޢާމަލާތްކޮށް ނަހަދާނެއެވެ. އެހެންކަމުން ފިރިމަރުވާ އަންހެނާއަށް އެންމެ ރަނގަޅުގޮތް ކަމުގައި އޮންނަނީ އޭނާގެ ފިރިމީހާ އަންދާލެވޭ ވަގުތު އޭނާއާއެކު އަލިފާނަށް ވެއްޓި އަނދައިގަތުމެވެ. ނޫންނަމަ އޭނާއަށް ދުނިޔެއިން ކުރިމަތިވާ އުނދަގުލާއި ތުރާތަކުގެ ވޭން އަލިފާނުން ލިބޭވަރަށްވުރެންވެސް އޮންނަނީ ބޮޑުވެފައެވެ.

ފާރިސްކަރައިގައި އަންހެނުންގެ ޙާލަތު އޮތްގޮތް

ފާރިސްކަރައިގައި އަންހެނުން ވެފައިވަނީ ހަމައެކަނި ފިރިހެނުންގެ ޝަހުވާނީ އެދުން ފުއްދަން ތިބި ބައެއްގެ ގޮތުގައެވެ. އެހެންކަމުން ފާރިސީންގެ ޤާނޫނުގައި މައިންނާއި، އުޚްތުންނާއި،ބޮޑުދައިތައިންނާއި، އެއްބަނޑު އެއްބަފާ އަޚުންނާއި އުޚްތުންގެ އަންހެން ދަރިނަނާއި ކައިވެނި ހުއްދަ ކުރެވިފައިވެއެވެ. ފާރިސްކަރައިގައި އެދުވަސްވަރު އޮތް އާދައަކީ އަންހެން ކުއްޖަކުނަމަ ގެންގުޅެ ބޮޑުކުރަންޖެހެނީ ރަށްބޭރުގައި ބަންދުކުރެވިފައިވާ ވަކި ހިސާބެއްގައެވެ. ކާންދީ ބަލަހައްޓާ ޚާދިމު ފިޔަވާ އިތުރު އެއްވެސް މީހަކަށް އެކުދިންނާއި ބައްދަލެއް ނުކުރެވޭނެއެވެ. ފާރިސްކަރައިގައި އަންހެންކުދިން ގެންގުޅެ ބޮޑުކުރަނީ ވީހާވެސް ބަފައިންގެ އަޅާލުން ކުޑަ ގޮތަކަށެވެ. މިހާ ނިކަމެތި ގޮތަކަށް ތިބެގެން ބޮޑުވާ އަންހެނުން ދުނިޔޭގައި ބެހެއްޓުމާއި މަރާލުމުގެ އިޚްތިޔާރު އޮންނަނީ އަނެއްކޮޅުން ފިރިހެނުންނަށް ދީފައެވެ.

ޔަހޫދީންގެ މެދުގައި އަންހެނުންގެ ޙާލަތު އޮތްގޮތް

ޔަހޫދީންގެ ބައެއް ޖަމާޢަތްތަކުގައި ކަނޑަ އެޅިފައިވާ ގޮތުން އަންހެނުންނަކީ ނޯކަރުންނާއި އެއް މަޤާމެއްގެ ބައެކެވެ. އަދި ޔަހޫދީންގެ ގާތުގައި ބައްޕައަށް އަންހެން ދަރި ވިއްކާލުމުގެ ފިރިހަމަ އިޚްތިޔާރު އޮވެއެވެ. އަދި ޔަހޫދީންގެ ހަމަތަކުން، އަންހެން ދަރިއަކަށް ތަރިކަމުދަލުން ވާރުތައިން ލިބޭނީ، ނިޔާވިމީހެއްގެ ފިރިހެން ދަރިޔަކު ނުވާނަމައެވެ. ނުވަތަ އަންހެން ދަރިޔަކަށް ލިބޭނީ އެކުއްޖެއްގެ މައިންބަފައިންގެ ޙަޔާތުގައި އެމީހުން ދީފައިވާ އެއްޗެކެވެ. މިނޫން އެއްޗެއް ލިބޭކަށް ނޮއޮވެއެވެ. ޔަހޫދީންގެ މެދުގައި ކަނޑައެޅިފައިވާ ތަރިކައިގެ އުޞޫލުން މަރުވާމީހާގެ ތަރިކާގައި ގޯތި ގެދޮރު ހުރިނަމަ އެއިން އަންހެނުންނަށް ލިބޭނެއެވެ. އެހެން ލިބޭނީވެސް ވާރުތަކުރާ ފިރިހެނަކު ނެތްނަމައެވެ. އެގޯތިގެދޮރު ފިޔަވައި އަންހެނަކަށް މިސްޤާލެއްގެ މިންވަރުވެސް ނުލިބޭނެއެވެ. މިކަމާ ބެހޭގޮތުން ދިރާސާކުރެއްވި ފަރާތްތައް އެންމެ ހައިރާން ވާންޖެހުނު ކަމަކީ، އަންހެން މީހާގެ ބޭބެ ހުރުމުގެ ސަބަބުން ތަރިކައިން އަންހެނުން މަޙްރޫމް ކުރި ހިނދު އަނެއްކޮޅުން އެބެބެއަށް ޚަރަދުކުރުމާއި އެބޭބެއަކު ކައިވެނި ވާހިނދު ރަންދިނުން އެ އަންހެން ކޮއްކޮ ނުވަތަ ދައްތަގެ މައްޗަށް ލާޒިމް ކުރެވިފައިވާތީއެވެ. (خروج، 21:7،)

ޔަހޫދީން ދެކޭގޮތުގައި އަންހެނުންނަކީ ލަޢުނަތް ލެއްވިގެންވާ ބައެކެވެ. އޭގެ ސަބަބެއްކަމަށް އެމީހުން ބުނަނީ އާދަމްعليه السلآم އޮޅުއްވާލެއްވީ އަންހެނުން ކަމަށެވެ. (تكوين، 3: 1-16 )

ޔަހޫދީންގެ ބައެއް ޖަމާޢަތްތަކުން، އަންހެނުންގެ ޙައިޟުގެ ދުވަސްވަރު (މައްސަރު ދުވަސްވަރު) އެމީހުނާއެކު އެއް މަޖްލިސް ނުކުރެއެވެ. އަދި އެކުގައި ކައިބޮއި ނަހަދައެވެ. އަދި ހިފާ ގެންގުޅޭ ކަންވާރެއްގައި ބީހިއްޖެނަމަ ބަލާނީ އެއްޗެއް ނަޖިސްވީކަމަށެވެ. އަދި ބައެއްމީހުން އަންހެނުންގެ ޙައިޟުގެ ދުވަސްވަރުގައި ފޭލިގެއެއް ޖަހާފައި އެތާނގައި ބައިތިއްބައެވެ. އަދި އެތަނަށް ފެނާއި ރޮށިފަދަ ކާއެއްޗެއް އަޅާފައި ބަހައްޓައެވެ. ޙައިޟުން ތާހިރުވަންދެން އިންނަން ޖެހެނީ އެ ފޭލިގޭގައި އެކަނި، ގިނިކަންޏާ ހިތާމައިގައެވެ. (لاوين: 15: 19-23  )

ކުރިސްޓިއަނުންގެ މަދުގައި އަންހެނުންގެ ޙާލަތު އޮތްގޮތް

ރާހިބުންގެ ނަޒަރުގައި ރޫމާނީ މުޖުތަމަޢުގައި ނުބައިކަންތައް ފެތުރުމުގެ ސިއްރަކީ އަންހެނުންނެވެ. އަދި އެކަމާއި ޒިންމާ އުފުލަންޖެހޭ ފަރާތަކީވެސް އަންހެނުން ކަމުގައި އެމީހުން ދެކެއެވެ. މިނަޒަރިއްޔާތުގެ މައްޗަށް ބުރަވެ ކްރިސްޓިއަނުން ދެކެނީ ކައިވެންޏަކީ އެއިން ދުރުހެލިވާންޖެހޭ ފަދަ ހަޑިހުތުރު ކަމެއް ކަމުގައެވެ. އަދި އެމީހުން ދެކޭގޮތުގައި ކައިވެނި ކުރުމަށްވުރެ ނުކޮށްތިބުން މާތްވެގެންވެއެވެ. އަދި އެމީހުން ވަނީ، ކައިވެނި ކުރުމަކީ ޝައިޠާނީ ޢަމަލެއް ކަމުގައި އިޢުލާން ކޮށްފައެވެ.

ފަސްވަނަ ޤަރުނުގައި ލާހޫތީން އެއްވި ކޮންފަރެންސެއްގައި ބަޙުސް ކުރެވުނީ އަންހެނުންނަށް ރޫޙެއް ވޭތޯ ނުވަތަ އަންހެނުންނަކީ ފުރާނައެއްނުވާ ހަމައެކަނި ހަށިގަނޑެއްތޯ ބެލުމަށެވެ. ޖަލްސާއިން ނިމުނީ އަންހެނުންނަކީ ރޫޙާނީ ފުރާނައެއްގެ ވެރި ބައެއް ނޫންކަމަށެވެ. މިގޮތުން ޢީސާ ޢަލައިހިއްސަލާމް ގެ މަންމާފުޅު މަރިޔަމް ޢަލައިހިއްސަލާމް ފިޔަވައި ދުނިޔޭގައިތިބި ހުރިހާ އަންހެނުންވެސް މިކަމުގައި ހަމަހަމަކަމަށް ނިންމިއެވެ.

މީލާދީ ސަނަތުން 586 ގައި ފަރަންސޭސީން ކޮންފަރެންސެއް ބޭއްވިއެވެ. އެ ކޮންފަރެންސްގައި ބަޙުސް ކުރެވުނީ އަންހެނުންނާއި ބެހޭގޮތުން އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ.

ހ. އަންހެނުންނަކީ އިންސާނުންތޯ ނުވަތަ ނޫންތޯ؟

ށ. އަންހެނުންނަށް ރޫޙެއް ވޭތޯ ނުވަތަ ނުވޭތޯ؟

ނ. އަންހެނުންނަށް ރޫޙެއް ވާނަމަ އެއީ އިންސާނެއްގެ ރޫޙެއްތޯ ނުވަތަ ޖަނަވާރެއްގެ ރޫޙެއްތޯ؟

ހުރިހާ ބަޙުސް ތަކަށްފަހު ނިމުނީ އަންހެނުންނަކީ އިންސާނުން ކަމަށެވެ. ނަމަވެސް އަންހެނުން ހެއްދެވީ ހަމައެކަނި ފިރިހެނުންގެ ޚިދުމަތުގައި ކަމަށެވެ.

ޢަރަބީންގެ މެދުގައި އަންހެނުންގެ ޙާލްތު އޮތްގޮތް

ޢަރަބީންގެ މެދުގައި އަންހެނުންނަށް ތަރިކަ މުދަލުން ލިބިގަތުމުގެ ޙައްގެއް ނުވެއެވެ. އަނބިމީހާއަށް ކަނޑައެޅިފައިވާ އެއްވެސް ޙައްގެއް ނޯވެއެވެ. ވަރިކުރުމަށް ކަނޑައެޅޭ ޢަދަދެއް ނޯވެއެވެ. މީހަކު މަރުވާއިރު އިނދެގެން އުޅޭ އަނބިމީހާއަކީ، މަރުވި މީހާގެ ވާރިސުންގެ ތެރެއިން އެންމެ ދޮށީ ފިރިހެނަކަށް (އެއީ އޭނާގެ މަންމަ ކަމުގައި ނުވާނަމަ) ލިބޭ ވާރުތަ މުދަލެކެވެ. އެމީހަކު އެއަންހެނަކާއި ކައިވެނީގެ ގޮތުން ގުޅެން ބޭނުންވާނަމަ ތަރިކަ މުދާ ބެހުމުގެ ތެރޭގައި އެ އަންހެނެއްގެ ބޮލުގައި ފޮތިގަނޑެއް އަޅައެވެ. އެއީ އެމީހަކު އެ އަންހެނަކު ބޭނުންކަމުގެ މައްޗަށް ކުރެވޭ އިޝާރާތެއްގެ ގޮތުގައެވެ. އަދި އެމީހަކު އެއަންހެނަކާއި ކައިވެނީގެ ގޮތުން ގުޅެން ބޭނުން ނުވާނަމަ ވިއްކާލުމުގެ ނުވަތަ އެހެންމީހަކާއި ކައިވެނި ކޮށްދިނުމުގެ އިޚްތިޔާރު އޮންނަނީ އެ ފިރިހެނަކަށެވެ.

ޢަރަބީންގެ ބައެއް ޤަބީލާ ތަކުން އަންހެން ކުދިން ދިރިތިއްބާ ވަޅުލާ މަރަމުން ގޮސްފައިވެއެވެ. އަލް އިމާމް ޤަތާދާ ވިދާޅުވެފައިވެއެވެ. މުޡަރު އާއި ޚުޒާއާއި މި ދެޤަބީލާގެ މީހުން އަންހެން ކުދިން ދިރިތިއްބާ ވަޅުލާ ހެދިއެވެ. އަދި އަންހެންކުދިން ދިރިތިއްބާ މެރުމުގައި މި ދެޤަބީލާއަށްވުރެން ތަމީމު ޤަބީލާވީ ކުރީގައެވެ. އަދި ޢަރަބީންގެ ބައެއް މީހުން އަންހެންކުދިން ޢަރަޤުކޮށް، އަދި ކަތިލާ މަރާފައިވެއެވެ.

އާދެ! ކުރުގޮތަކަށް ދަންނަވާނަމަ މުޅި ދުނިޔެއޮތީ އަންހެނުންގެ މައްޗަށް އަނިޔާވެރިކަމާއި އަނދިރިކަމުގެ ވިލާތަކުން ފުރާލާފައެވެ.

އެހާރުގެ ރަޙުމެއްނެތް އަނިޔާވެރިކަމާއި އިސްލާމްދީން މިންވަރު ކުރެއްވި މިހާރުގެ ދާއިމީ މަތިވެރިކަމާއި ދެމެދު އަޅާ ބެލުމުން އެނގެނީ، އިސްލާމްދީން އައުމުގެ ކުރީން އަންހެނުންވީ އިންސާނީ ހުރިހާ ޙައްޤު ތަކުން މަޙުރޫމް ކުރެވިފައިކަމެވެ. އަދި އިސްލާމްދީން އައުމުން އަންހެނުންނަށް އެކަނބަލުންގެ ގެއްލިފައިވީ ހުރިހާ ޙައްޤުތައް އަނބުރާ ލިބުނުކަމެވެ.

އިސްލާމްދީން އައުމުގެ ކުރީން އޮތީ، އަންހެނުން ވިޔަފާރި މުދަލެއްގެ ގޮތުގައި ގަނެވިއްކުން ހުއްދަ ކުރެވިފައެވެ. ތަރިކަ މުދަލުން މަޙުރޫމް ކުރެވިފައެވެ. މުދާވެރިކަމުގެ ޙއްޤުން އެއްކިބާ ކުރެވިފައެވެ. މަސްކެވޭ ޖަނަވާރުތަކާއި އެންހަމަ ކުރެވިފައެވެ. ސުންޕާ ބައެއްކަމަށް ކަނޑައެޅިފައެވެ. ދިރި ތިއްބާ ވަޅުލަމުން ގެންގޮސްފައެވެ. އިންސާނުންގެ ސަފުން ބޭރުކުރެވިފައެވެ.

ނަމަވެސް އިސްލާމްދީން އައުމުން އަންހެނުންނަށް މިނިވަންކަމާއި، ތަރައްޤީ ލިބުނެވެ. ވިޔަފާރި މުދަލެއްގެ ގޮތުގައި އަންހެނުން ގަނެވިއްކުން މަނާކުރެވުނެވެ. ތަރިކަ މުދަލުން އަންހެނުންނަށް ބައި ކަނޑަ އެޅުނެވެ. މުދާވެރިކަމުގެ ޙައްޤު އަންހެނުންނަށް ލިބުނެވެ. އަންހެން ދަރީން ދިރިތިއްބައި މެރުން ޙަރާމް ކުރެވުނެވެ. އަދި އަންހެނުންނަކީ ފުރިހަމަ އިންސާނުންކަން ހާމަކޮށް ދެވުނެވެ.

މިނިއުމަތާއި ހުރެ މުސްލިމު އަންހެނުންނަށް ދުނިޔޭގެ އެހެން ހުރިހާ އަންހެނުންގެ މައްޗަށް ފަޚުރުވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ. މިނިޢުމަތަކީ އިސްލާމްދީނުގެ މާތްކަމުން އަންހެނުންނަށް ލިބުނު މަތިވެރި ކަމެކެވެ. އިސްލާމްދީނަކީ ފުރިހަމަ ކަމުގެ ދީނެވެ. ތަރައްޤީއާއި ތަހުޒީބުގެ ދީނެވެ. އެދީނުގައި އަންހެނުންނަށް ކަނޑައެޅިފައިވާ ތަރައްޤީއާއި ތަހުޒީބު އެހެން އެއްވެސް ދީނަކުން ފެންނާކަށް ނެތެވެ.

ހުޅަނގުގެ އަންހެނުން އުޅެނީ ހަޤީޤީ މިނިވަންކަމާއި އިއްޒަތުގައި ކަމަށް ބުނެ އުފުލާލެވޭ އަޑަކީ މުސްލިމް އަންހެނުން މަގުފުރައްދާލުމަށްޓަކައި ޖަހާލެވޭ މަކަރާއި ހީލަތުގެ މަޅިގަނޑެކެވެ. ހުޅަނގުގެ ދަޢުވާއަކީ އަންހެނުންނަށް މިނިވަންކަން ހޯދާދިނީ މަޣުރިބީ ތަހުޒީބު ކަމަށެވެ. ނަމަވެސް އަންހެނުން އަޅުވެތިކަމުގައި ތިއްބާ، އެކަނބަލުންނަށް މިނިވަންކަން ހޯދާދެއްވީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކެވެ.