Support Us

ދޭތެރެ ދުރުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތަކާއި އޭގެ އިސްލާމީ ޙުކުމް

 "ދިވެހިސަރުކާރުން އަންހެނުންނާއި ކުޑަކުދީންގެ ޙައްޤުތައް ޙިމާޔައްކުރުމުގެ ސިޔާސަތު އަލުން މުރާޖަޢާކޮށް ދިވެހި ރާއްޖޭގައި ފެމެލީ ޕްލޭނިންގެ ޙަރަކާތްތަކުގައި ޢަމަލު ކުރާނެ އުޞޫލުތަކެއް އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެކުލަވާލުމަށާއި ދިވެހި ރާއްޖޭގައި މައިންނާއި ޅަދަރީންގެ ޚާއްޞަ ހަސްފަތާލުތައް ޤާއިމުކުރުމަށް ގޮވާލަމެވެ."

ދިވެހިރާއްޖެ އަކީ އަންހެނުންނާއި ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޓަކައި ރެއާއިދުވާލު މެދުނުކެނޑި ވާހަކަ ދައްކަމުން އަދި ޤާނޫނުތައްވެސް ހަދަމުން އަންނަ ޤައުމެކެވެ. ދިވެހީންނަކީ ހުރިހާ ގޮތަކުން ތަރައްޤީވުމަށް މަސައްކަތްކުރަމުން އަންނަ ބަޔެކެވެ. މިފަދަ ހުރިހާ ތަރައްޤީތަކާއި އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ އެފަދަ ކަންކަމަށް ވަގުތު ލިބުމެވެ. މުޖުތަމަޢުގެ ބޮޑުބައެއް ޙިއްޞާކުރާ ބަޔަކީ އަންހެނުން ކަމުގައި ވީހިނދު އެކަނބަލުންނަށް މިފަދަ ވަޤުތު ހުސްކުރުމަށްޓަކައި ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ބޭނުންކުރަންޖެހޭ މިންވަރު އެއްދުވަހުން އަނެއްދުވަހަށް ބޮޑުވުން އެކަށީގެންވެއެވެ. ނަމަވެސް ދިވެހި ރާއްޖޭގައި ފެމެލީ ޕްލޭނިންގެ ޙަރަކާތްތަކުގައި ޢަމަލު ކުރާނެ އުޞޫލުތަކެއް އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެކުލަވާލެވިފައެއް ނުވެއެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު ދޭތެރެ ދުރުކުރުމުގެ ވަސީލަތްތަކުގެ ޙަރާމް ޙަލާލާއި މެދު ވެސް ބަހެއް ދީނީ މުއައްސަސާއަކުން ބުނެވިފައި އޮތުން މުހިއްމެވެ. ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ތަފާތެވެ. އޭގެތެރޭގައި ޠަބީޢީ ވަސީލަތްތަކާއި ޤަދީމީ ވަސީލަތްތަކާއި ޒަމާނީ ވަސީލަތްތަކާއި ދޭސީ ވަސީލަތްތަކާއި އަދި ބިދޭސި ވަސީލަތްތައް ވެއެވެ. އަދި އެތަކެތީގެ ގެއްލުމާއި ފައިދާވެސް ތަފާތެވެ. އެހެންކަމުން ޢާއްމު މީހަކަށް އޭގެ ޙުކުމަކާއި ހަމަޔަށް ވާޞިލުވުމަށް ޓަކައި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭނެކަން ޤަބޫލު ކުރެވެއެވެ. ވީމާ އެފަދަ ވަސީލަތްތައް ބޭނުން ކުރުމުގެ ކުރިން އެތަކެތީގެ ޝަރްޢީ ޙުކުމް ދަނެގަތުމާއި އަދި އެތަކެތީގެ ފައިދާ އާއި ގެއްލުމާއި މިފަދަ ވަސީލަތްތަކުގެ މުހިއްމުކަމާއި މިފަދަ ތަކެތި ބޭނުންކުރުމުގެ ޢަޚްލާޤީ މިންގަނޑު ލިޔެވިފައި އޮތުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. ނަމަވެސް އެފަދަ ޢިލްމީ ދިރާސާއެއް ފިޤްހުގެ އަލީގައި ހެދިފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އަދި އެކަމުގެ ޒިއްމާ ސަރުކާރުގެ ދީނީ މުއައްސަސާއަކުން އުފުލިކަމުގެ ޚަބަރެއްވެސް ލިބިފައެއްނުވެއެވެ.

ދިވެހި ރާއްޖޭގައި މައިންނާއި ޅަދަރީންގެ ޚާއްޞަ ހަސްފަތާލެއް ޤާއިމުކުރެވިފައެއް ނުވެއެވެ. އަދި އެތަނުން ފެމެލީ ޕްލޭނިންގެ ޚިދުމަތް ވެސް ފޯރުކޮށްދެމުން އަންނަ ތަނެއް ނުފެނެއެވެ. އެހެންކަމުން ދިވެހި ސަރުކާރުން އަންހެނުންގެ ޙައްޤު ޙިމާޔަތްކުރުމުގެ ނަމުގައި އުފުލާއަޑުތަކާއިމެދު ސުވާލުއުފެދެއެވެ. އަދި ސަރުކާރުން ކުޑަކުދީންގެ ޙައްޤު ޙިމާޔަތްކުރުމުގެ ނަމުގައި އުފުލާ އަޑުތަކާއިމެދު އެއަށްވުރެ ބޮޑަށް ސުވާލުއުފެދެއެވެ.

ދިވެހި ރާއްޖެއަށް ދޭތެރެދުރުކުރެވޭ ވަސީލަތްތައް ރަސްމީ ސިފައެއްގައި ތަޢާރަފްވެ އެކަމުގެ ޢަމަލީ މަސައްކަތް ހިންގަންފެށުނީ ހަތްދިހައިގެ ދުވަސްވަރުގައި ކަމަށް ބެލެވެއެވެ. އޭގެ ފަހުން އެކަމުގެ މަސައްކަތް ދިޔައީ މަޑުމަޑުން ކުރިޔަށެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ތިރީގައި މިދަންނަވާ ކަންތައް ފާހަގަ ކޮށްލެވެއެވެ.

1- 1993 ގައި ރާއްޖެތެރޭގައި ބޭއްވުނު ބައެއް ވޯކްޝޮޕްތައް

ރާއްޖެތެރޭގެ ބައެއް ބޮޑެތި އަތޮޅުތަކުގައި ބައެއް ވޯކްޝޮޕްތައް ބޭއްވިފައި ވެއެވެ. މިވޯކްޝޮޕްތަކުގައި ދަސްކޮށްދެވުނީ އެދުވަސްވަރުގައި ދިވެރިރާއްޖެއަށް ކުރިމަތިވެފައިވާ މައިންނާއި ޅަދަރީންގެ ސިއްޙަތުގެ މައްސަލަ ވިހެއުމުގެ ދޭތެރެދުރުކޮށްގެން ޙައްލުކުރާނެ ގޮތާއި އެކަމަށް ބޭނުންވެފައިވާ މިންވަރެވެ.

2- ނުވަދިހައިގެ އަހަރުތަކުގައި ރާއްޖެތެރޭގެ ބައެއް ބޭފުޅުން ބައިވެރިކޮށްގެން ބޭރު ޤައުމުތަކުގައި ހިންގުނު ބައެއް ސްޓަޑީ ޓްވާޒްތައް.

މިފަދަ ސްޓަޑީ ޓްވާއެއް މިޞްރުގައި ހިންގުނެވެ. އަދި އީރާނުގައިވެސް ހިންގުނެވެ. އަތޮޅުވެރިޔަކާއި ކަތީބަކާއި ފޫޅުމަޔަކާއި ފަނޑިިޔާރަކާއި ޓީވީގެ ބޭފުޅަކާއި ނޫސްވެރިޔަކާއި ހެލްތުވޯކަރަކާއި ހެލްތު މިނިސްޓްރީގެ ބޭފުޅަކާއި އަދި ދައުލަތުގެ އިސްބޭފުޅަކާއެކު 1996 ގައި ދިހަ ދުވަހުގެ މުއްދަތަށް މިޞްރުގައި ބޭއްވުނު މައިންނާއި ޅަދަރީންގެ ސިއްޙަތު ސަލާމަތްކުރުމުގެ ސްޓަޑީ ޓްވާގައި އަޅުގަނޑު ވެސް  ބައިވެރިވީމެވެ. މި ސްޓަޑީ ޓްވާރ އިން ދޭތެރެދުރުކުރުމުގެ މުހިއްމުކަމާއި އަދި ދޭތެރެދުރުކުރެވޭ ބައެއް ވަސީލަތްތަކުގެ މަޢުލޫމާތު ލިބުނެވެ.

3- ދޭތެރެދުރުކުރެވޭ ބައެއް ވަސީލަތްތަކުގެ މަޢުލޫމާތު ދިވެހި ބަހުން އެކުލަވާލުން.

ހ- 2006 ވަނަ އަހަރުން ފެށިގެން ޢާއިލާ ރޭވުމުގެ ޚިދުމަތް ދިނުމުގައި ރާއްޖޭގައި ޢަމަލު ކުރަމުންގެންދާ "ނޭޝަނަލް ސްޓޭންޑަރޑްސް ފޯރ ފެމެލީ ޕްލޭނިންގް ސަރވިސަސް"ގެ ދިވެހި ތަރުޖަމާއެއް ކޮށްފައި ވެއެވެ.

މިފޮތަކީ، ޢާއިލާ ރޭވުމުގައި ރާއްޖޭގައި ބޭނުންކުރެވޭ ހުރިހާ ވަސީލަތްތަކެއްވެސް ބޭނުން ކުރުމުގައި ބަލަންވީ މިންގަނޑުތަކާއި އަދި މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަަމަލުކުރަންވީ ގޮތްތައް ކަނޑައަޅާފައިވާ މިންގަނޑުތައް އަންގައިދޭ ފޮތެކެވެ. މިފޮތުގައި ރާއްޖޭގައި ބޭނުން ކުރެވޭ ވަސީލަތްތަކާއި، ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، ވަސީލަތްތަކުން ކޮށްފާނެ ނޭދެވޭ އަސަރުތަކާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާމެދު ޢަމަލު ކުރަންވީ ގޮތްތަކާއި، އެފަރާތްތަކަށް ކައުންސެލިން ފޯރުކޮށްދޭނެ ގޮތްތައް، ޚިދުމަތް ހޯދާ ފަރާތުގެ ޙައްޤުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ރައްކާތެރިކަން، އަދި ޚިދުމަތުގެ ރެކޯޑްތަކާއި ރިޕޯޓްތައް ބަލަހައްޓާނެ ގޮތް ވަރަށް ސާފުކޮށް ލިޔެވިފައިވެއެވެ. ނަމަވެސް ޝަރްޢީ މިންގަނޑުން ބަހެއް ބުނެވިފައެއްނުވެއެވެ. ނުވަތަ ބަހެއް ބުނެފައިވީނަމަވެސް ނުފުދެއެވެ. ސައްތައިން ސައްތަ މުސްލިމުންނަށް މިފަދަ ވަސީލަތެއް ފޯރުކޮށްދޭ ހިނދު އޭގެ ޝަރްޢީ މިންގަނޑު ރަނގަޅަށް ބަޔާންކުރެވިފައި އޮންނަންޖެހޭނެ ކަމަށް ފެނެއެވެ.

ށ- ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިސްވެ، 2005 ގައި ތައްޔާރުކޮށްފައިވާ "ޑިސިޝަން މޭކިން ޓޫލް ފޯރ ފެމިލީ ޕްލޭނިންގް ކްލައަންޓްސް އެންޑް ޕްރޮވައިޑަރސް" ގެ ދިވެހި ތަރުޖަމާއެއްކުރެވުނެވެ. އަދި މި ޓޫލްގެ އިނގިރޭސިބަހުގެ އަޞްލު ކޮޕީ ޑަބްލިޔު.އެޗް.އޯގެ ޑިޕާރޓްމަންޓް އޮފް ރިޕްރޮޑަކްޓިވް ހެލްތް އެންޑް ރިސަރޗް ވެބްސައިޓް   (http://www.who.int/reproductive-health/ )ގައި ޝާއިޢު ކުރެވިފައި ވެއެވެ. މި "ޑިސިޝަން މޭކިން ޓޫލް ފޯރ ފެމިލީ ޕްލޭނިންގް ކްލައަންޓްސް އެންޑް ޕްރޮވައިޑަރސް" ނުވަތަ ޢާއިލާ ރޭވުމުގެ ވަސީލަތްތަކާ ބެހޭގޮތުން ކައުންސެލިން ދިނުމަށް ބޭނުން ކުރެވިދާނެ މި ޓޫލްއަކީ ވަރަށް ބޭނުންތެރި ޓޫލެކެވެ. އަދި ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ބޭނުން ކުރެވިދާނެ ވަސީލަތެއް ކަމުގައި ފާހަގަ ކުރެވެއެވެ.

ދަންނައެވެ. ދޭތެރެ ދުރުކުރުމުގެ ރާއްޖޭގެ އެހާރާއި މިހާރަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހައްތަހާވެސް ޔުނިސެފް ފަދަ ކޮންމެވެސް ބޭރުބައެއްގެ އިސްނެގުން މިކަމުގައިވާ ތަނެވެ. އަދި ކުރަންޖެހޭ ޚަރަދުބަރަދު ވެސް އެފަދަ ތަންތަނުން ކުރަމުންގެންދާ ތަނެވެ. ރާއްޖޭގެ ޝައުޤުވެރިކަން މިކަމުގައި ކުޑަކަން ފާހަގަ ކުރެވެއެވެ. އެކަމުގެ އަޞްލު ސަބަބެއް ކަމުގައި ބެލެވެނީ އަންހެނުންނާއި ކުޑަކުދީންގެ ޙައްޤުތަކާއި މެދު ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައި ވާގޮތްކަމަށް ފެނެއެވެ.

ނ- 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ބިލު" ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، 17 ޑިސެންބަރު 2012 ވި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމުން މި ބިލު ޤާނޫނަކަށްވެ، "ޢާއްމު ޞިއްޙަތުގެ ރައްކާތެރި ކުރުމުގެ ޤާނޫނު" ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައި ވެއެވެ. އެހެންކަމުން ޝަރްޢީ އަލީގައި ޢާއިލާ ރޭވުމާބެހޭ ޤަވާޢިދެއް ހެދިފައި އޮންނަންޖެހޭނެ ކަމަށް ފެނެއެވެ.

ދޭތެރެ ދުރުކުރެވޭ ވަސީލަތްތައް ގިނަވެފައި އަދި އޭގެ ގެއްލުންތައް ތަފާތުވާ ކަމަށްޓަކައި އެކަމަށް މަޖުބޫރުވެއްޖެ މީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެ ވަސީލަތްތަކުގެ ތެރެއިން އެންމެ ގެއްލުން ކުޑަ ވަސީލަތް ޑޮކްޓަރުގެ ލަފާގެމަތީން އިޚްތިޔާރު ކުރުމެވެ. ކޮންމެ ޢިއްލަތެއް ވެސް ބިނާވަނީ މަޞްލަޙަތުގެ މައްޗަށް ކަމަށް ވެފައި ދެމަފިރިންނަށް އެމީހުންގެ މަޞްލަޙަތު ހުރިގޮތުގެ މައްޗަށް ޖިމާޢުވުން ނުވަތަ ޖިމާޢުނުވެ ތިބުން ހުއްދަ ކަމަށް ފިޤުހުން ހެކިލިބޭތީވެ އަންހެނާގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުން ފަދަ ހުއްދަކަންތަކުގެ މައްޗަށް ދޭތެރެދުރުކުރުމުގެ ޙުކުމަކީ ކޮބައިކަން އެނގެންޖެހެއެވެ.

މިލިޔުން އެއްކޮށް ވިދާޅުވުމަށް ޝައުޤުވެރިވާނަމަ ތިރީގައި މިވާ ލިންކަށް ފިއްތަވާލެއްވުންއެދެމެވެ.

https://docdro.id/NepPN5h