Support Us

ސައީދުގެ ތުލަ

ވިދާޅުވެއްޖެނަމަ ކިޑްނީވެސް ދީފާނަން

މީލާދީ އައު އަހަރެއް އަޅުގަނޑުމެންނާ ބައްދަލުކޮށް، ހިނގަމުން ދަނީއެވެ.

މީގެ ކުރީގެ އަހަރުތަކުގައި، އާ އަހަރުގައި ކުރާން ގަސްދުކުރާ ކަންތައްތަކުގެ ލިސްޓާއި މިއަހަރުގެ ލިސްޓާ ވަރަށް ތަފާތެވެ.

ދެކެފަރިތަ ރައްޓެހިންގެ ފަރާތުންނާއި ބައްދަލުވާ މީހުންގެ ފަރާތުން، އެއްކޮށްލެވުނު މަޢުލޫމާތަށް ބުރަވާނަމަ، މީލާދީ އަހަރު ބައްދަލުކުރީވެސް މާޔޫސްކަމާއެކުގައެވެ. ހަދާނެގޮތް ހުސްވެ، އިނދަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އާ އަހަރެއް ބައްދަލުކުރުމުން ވީ އުފަލެއް، މޮޅެއް ނެތެވެ.

ބައްދަލުވި މީހުން ގާތު، އާ އަހަރުގައި ކުރަނީ ކީއްތޯ ސުވާލުކުރުމުން، ޖަވާބު އަންނަނީ މާޔޫސްކަމާއި، ފެންކަޅިވުމާއެކުގައެވެ. މުޅިންވެސް އެއްކަހަލަ ޖަވާބެވެ. އަނގައާއި އަތާ ދިމާވާނެ ކޮންމެވެސް ކަމެއް ކުރުމުގެ ވާހަކައެވެ. ކޮޓަރީގެ ކުލި ދައްކާނެ ގޮތެއް ހޯދުމެވެ. ދަރިފުޅުގެ ޓިއުޝަންފީ ދައްކާނެ ގޮތެއް ހޯދުމެވެ. ކަންމަތީ ފިހާރައިގައި އޮތް ދަރަނި ފިލުވާލާނެ ގޮތެކެވެ. ކޮންމެ ފަދަ ވަޒީފާއެއް ލިބުނަސް، އާއިލާގެ ހައްގުގައި ވަޒީފާ އަދާކުރާނެ ވާހަކައެވެ.

ރާއްޖެ މިހާރު ދަތުރުކުރަމުން މިދަނީ ފާއިތުވީ ބައި ގަރުނުގައިވެސް ދަތުރުނުކުރާހާ، އިގްތިސާދީގޮތުން ބަނަ ދުވަސްވަރެއްގެ ތެރޭގައެވެ. ކޮވިޑް19 ގެ ބަލިމަޑުކަމުގައި، ދުނިޔޭގެ އިގްތިސާދު ފުޑުފުޑުވެފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ކަމެއްވެސް ހުރީ ބޯކޮޅު ވަތަށް ޖަހާފައެވެ. އެކަމަކު ސިޔާސީ ކަންތައްތަކާއި ކޮރަޕްޝަނުގެ ކަންތައްތައް މިހުރީ މެކުހަށް ޖަހާފައެވެ.

ދެހާސް އަށްވަނަ އަހަރު ބޭއްވުނު ގިނަ ޕާޓީ ވާދަކުރެވޭ ރިޔާސީ އިންތިޚާބުގައި، ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކަމުން އައީ، އެ ޕާޓީއެއްގެ ވެރިކަމުގައި، ރާއްޖޭގެ ރައްޔިތުންގެ ޖީބުތައް ތަނަވަސްވާނެ ވާހަކައެވެ. ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްލާ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ވައުދުތައް ފެނިފައި ފިއްކަޑައިގެންދާވަރުވެއެވެ. ހުރިހާ ކަމެއް ބަރާބަރުވާނެއެވެ. ނަމަވެސް، ވެރިކަން ލިބުމާއެކު، މެނިފެސްޓޯއަކީ ދަންނަ އެއްޗަކަށްވެސް ނުވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް މިފަދަ މެނިފެސްޓޯތައް އަޅުގަނޑުމެންނާ ބައްދަލުކުރިއެވެ. އޭގެ ތެރެއިން ރައްޔިތުންގެ ހޮވި މެނިފެސްޓޯ ތަންފީޒުވަނީ ކިހާވަރަކަށްތޯ، ނުވަތަ ތަންފީޒުވީ ކިހާ މިންވަރަކަށްތޯ ނިންމަވާނީ ތިޔަ ބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާއެކު، ދެން އިވޭ އެންމެ ބާރު އަޑަކީ، ވައުދު ފުއްދުމަށް، މަޖިލީހުގެ އަގްލަބިއްޔަތު ބޭނުންވާ ވާހަކައެވެ. ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި، އަދި ވާދަވެރި ޕާޓީ ނިޒާމެއްގެ ތެރެއިން، އެއް ޕާޓީއަކަށް އެންމެ ބޮޑު އަގްލަބިއްޔަތު ލިބިފައިވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައެވެ. މަޖިލީހުގެ ބޮޑު އަގްލަބިއްޔަތު، އެއް ބައެއްގެ އަތުގައި އޮތުމުގެ ނަތީޖާ ވަޒަންކުރައްވާނީވެސް ހަމަ ތިޔަ ބޭފުޅުންނެވެ. މަޖިލީހުގެ ބޮޑު އަގްލަބިއްޔަތާއެކު، މިނިވަން މުވައްސަސާތަކާއި، ފަޑިޔާރުގޭގެ ކަންކަންވެސް އެއް ބަޔަކާ ޙަވާލު ކުރެވިއްޖެއެވެ. ނަތީޖާ އަމިއްލަފުޅަށް ވަޒަން ކުރައްވާށެވެ.

ފާއިތުވީ ދުވަސްތަކުގެ ކަންތައްތަކަށް ބަލާލާއިރު، އަޅުގަނޑަށް ފެންނަނީ ތަފާތު މަންޒަރެކެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ކަންތައްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހްގީގު ކުރެއްވިއެވެ. އަދި މަޖިލީހުންވެސް އެކަންތައް ބެއްލެވިއެވެ. ނަތީޖާއަކީ ވަޒީރަކު އިސްތިއުފާ ދެއްވަން މަޖުބޫރުވުމެވެ. ރާއްޖޭގެ ތާރީޚުގައި (ފަހަރެއްގައި) ފުރަތަމަ ފަހަރަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ވަޒީރަކު މަގާމުން ވަކިކޮށްފިއެވެ. ސަރުކާރު ހިއްސާވާ ކުންފުނި ތަކުގައި ކޮރަޕްޝަން އާއްމުވެފައިވާ ވާހަކަތައް މީޑިޔާގައި ކޮންމެ ދުވަހަކު ދައުރުވަނީއެވެ. ނައިޓަށް ރަށަށް ފޮނުވި ރިސޯޓު ކުދިންކޮޅު، ނައިޓު އަދި ޑޭ ވެސް ދުއްވާލަން ޖެހެނީ ވަޒީފާ ގެއްލިއްޖެކަމުގެ މާޔޫސް ކަމުގައެވެ. ސަރުކާރު ކޮންމެ އޮފީހެއްގައި ސިޔާސީ އެތަކެއް މަގާމެއް އުފެދިފައި ވީއިރުވެސް، ރައްޔިތުންގެ އުއްމީދާ ގާތަށްވެސް ކަންކަން ހަލުވިނުވާކަމުގެ ޝަކުވާތައް އިންތިހާއެވެ. ކުރީ ސަރުކާރުގެ "ކުނި" ސާފުކުރާތާ ދެއަހަރު ވީއިރުވެސް "ކުނިތައް" ސާފު ނުކުރެވުނު ވާހަކައެވެ. ދިވެހިންގެ އެއްވެސް އަގެއް ނެތި، ދައުލަތުގެ ވަޒީފާތަކަށް ބިދޭސީން ގެނެސް ލައްކައިން މުސާރަދޭ މަގާމުތައް އިތުރުވާ ވާހަކައެވެ. ކޮރަޕްޝަނުގެ ހާއްޔެއް ކަމަށްކީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން އޯކޭވި ވާހަކައެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، ބޯހަލާކުވާ ޒާތުގެ ކަންތައްތަކާއި ވާހަކަ އެވެ.

މި ހުރިހާ ކަމެއް މިހެން މިއޮއްވައި މިހާރު އިވޭ އަޑަކީ، ސަރުކާރުގެ ވައުދު ފުއްދުމަށް ކައުންސިލްތަކުގެ މެޖޯރިޓީ ބޭނުންވާ ވާހަކައެވެ.

އަޅުގަނޑުގެ ޖަވާބު ވަރަށް ކުރުވެފައި ސާދާއެވެ. ވިދާޅުވެއްޖެނަމަ، ކިޑްނީ ވެސް ދީފާނަމެވެ. ނަމަވެސް ގައުމުގައި ހުރި މައްސަލަތައް ހަޢްލު ކުރައްވާށެވެ. މިހާރު ލިބިފައިވާ ބާރުތަކާއެކުވެސް އެކަން ކުރެވޭނެއެވެ. މައްސަލަތައް ހައްލުކުރަން ނޭނގެނީ ގާބިލްކަން ނެތީމައެވެ. މައްސަލަ އަނެއްމީހާގެ ބޮލަށް ކަނޑާލުމަކީ އެންމެ ފިނޑި ގޮތެވެ. ކަންކަމާ ޙަވާލުވާއިރު، މައްސަލަ ހުންނާނެކަން އެނގެންވާނެއެވެ.