Support Us

ނަސްލު ޙިމާޔަތްކުރުމާއި ޢަޒުލުކުރުމުގެ މަފްހޫމް

ނަސްލު ޙިމާޔަތްކުރުމަކީ ޝަރްޢީ މަޤްޞަދުގެ ތެރެއިން މަޤްޞަދެކެވެ. ޢަޒްލުކުރުމަކީ އެކަމުގެ ސަބަބުން ނަސްލު މަދުވުމަށް މަގުފަހިވެދާނެކަމެއްގެ ގޮތުގައި ބައެއްމީހުން ދެކެފުން އެކަށީގެންވާކަމެކެވެ. އެހެންކަމުން ޢަޒްލުކުރުމަކީ ނަސްލު ޙިމާޔަތްކުރުމުގެ ޝަރްޢީ މަޤްޞަދަށް ހުރަސް އެޅިދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.

ޢަޒުލު ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެކެވެ. އަދި ނަސްލު ޙިމާޔަތްކުރުމަކީ ވާޖިބެކެވެ. ބޭރުފުށަށް ބަލާއިރު މި ދެކަމަކީ ތަޢާރުޠުވާ ދެކަމެވެ. މިފަދަ ބޭފުށުގެ އިޚްތިލާފުތަކަށް އަމާޒުކޮށްގެން އިސްލާމް ދީނުގެ ޢަދުއްވުން މުސްލިމުންގެ މެދުގައި ޝައްކު އުފެއްދުމަށް މަސައްކަތްކުރުމަކީ އެކަށިގެންވާ ކަމެކެވެ. އެފަދަ ވަގުތެއް އައުމުގެ ކުރިން މިކަމުގެ ޙަޤީޤަތް، ޝަރްޢީ އަލީގައި ބަޔާންވެފައި އޮތުމަކީ މުހިއްމުކަމެކެވެ.  ބަޔާންވެދިޔަ ކަންތައް ސާފުވާނެ ފަދަ ޢިލްމީ ބަޙުޘެއް ދިވެހި ބަހުން މިހާތަނަށް ލިޔެވިފައި ނެތުމީ މި މައުޟޫޢު މުހިއްމުވާ އެންމެ ބޮޑު އެއްސަބަބެވެ.

ފިޤްހު ޢިލްމުވެރީންގެ ދުލުން "ނަސްލު"ގެ ލަފުޒު ބުނެވިއްޖެ ނަމަ އޭގެ މުރާދަކީ "ދަރި" އެވެ. އަދި އެއީ އިންސާނުންގެ ދަރީން ނުވަތަ ޙައިވާނުންގެ ދަރީން ކަމުގާވިޔަސް މެއެވެ. އަދި ބައެއް ފަހަރަށް މިމާނަ މާބަނޑުވުމަށް ވެސް ބޭނުންކުރެވެއެވެ.

ނަސާރާއިން اللَّهގެ ރުހިވޮޑިގަތުން އެދިގެން ކަމަށް ބުނެ، رهبانية ގެ ނަމުގައި ކައިވެނިން މަޙުރޫމުވެތިބުން، އިސްލާމް ދީން ގަބޫލެއްނުކުރެއްވިއެވެ. ސަބަބަކީ ނަސްލު ޙިމާޔަތްކުރުމަކީ ޝަރްއީ މަޤްޞަދަކަށްވާތީއެވެ. އަދި ކައިވެނިން މަޙުރޫމުވެތިބުމީ އެ މަޤްޞަދަށް ހުރަސް އެޅޭކަމަކަށް ވާތީއެވެ. رهبانية ގެ ނަމުގައި ކައިވެނިން މަޙުރޫމުވެތިބުން މާތް ﷲ ކުށްވެރިކުރެއްވިއެވެ.

ޖާހިލިއްޔަ ޒަމާނުގާ ޢަރަބިންގެ ބައެއް ޤަބީލާތަކުން މަޢީޝަތުގެ ގޮތުން ދަތިވެދާނެކަމުގެ ބިރުންވެސް އަންހެންކުދިން މަރާހަދަމުން ގެންދިޔަ އަމަލަށް އިސްލާމް ދީން އިންކާރު ކުރެއްވިއެވެ. އަދި ކުރިމަތި ވެދާނެ ލަދަކުން ސަލާމަތް ވުމަށް، ޖާހިލިއްޔަ ޒަމާނުގާ ޢަރަބިންގެ ބައެއް ޤަބީލާތަކުން އަންހެން ދަރީން މަރަމުން ގެންދިޔަ ޢަމަލު ވެސް އިސްލާމް ދީން ކުށްވެރިކުރެއްވިއެވެ.

ނަސްލު ޙިމާޔަތްކުރުމަށްޓަކައި ތަރުޢީބު ދެވުނު އެންމެ ބޮޑު ވަސީލަތަކީ ކައިވެނީގެ ވަސީލެތެވެ. އެއީ ނަސްލު ޙިމާޔަތް ކުރުމަށް އޮތް ހަމައެކަނި ވަސީލަތެވެ. އެ ވަސީލަތުން ފަރުޖު ރައްކާތެރިކުރުމާއި ނަފްސާނީ ހަމަހިމޭންކަން ވެސް ލިބެއެވެ.

ނަސްލު ޙިމާޔަތްކުރުމަށް ހުރަސް އެޅިދާނެ ބައެއް ވަސީލަތްތަކުތެރޭގައި ހައްޔަރުން ނެއްޓުވުން (އެބޯޓް ކުރުން) ހިމެނެއެވެ. ޝަރްޢީ ޢުޛުރަކާ ނުލައި އެއްވެސް ވަގުތެއްގައި، ފުރާނަ އެޅުމުގެ ކުރީގައި ނުވަތަ ފަހުގައި ވިޔަސް ދަރި ވެއްޓުމަކީ ހުރިހާ ފިޤްހު ޢިލްމުވެރީންގެ ނަޒަރުގައި ޙަރާމް ކަމެއް ކަމުގައި ބެލެވެއެވެ.

ނަސްލު ޙިމާޔަތްކުރުމަށް ހުރަސް އެޅިދާނެ ބައެއް ވަސީލަތްތަކުތެރޭގައި ނުވިހާ އޮޕަރޭޝަން ކުރުން ހިމެނެއެވެ. ނުވިހާ އޮޕަރޭޝަނަކީ ދޭތެރެ ދުރުކުރުމުގެ ވެސް އެއްގޮތެވެ. އޭގެ ބޭނުމަކީ ދާއިމީ ގޮތަކަށް ދަރިމައިވުން ހުއްޓާލުމެވެ. ބަލިވެ އިނުމާއި ވިހެއުމަކީ އިންސާނާގެ ފިޠުރަތުގައިވާ އިލާހީ ފުރިހަމަ ސުންނަތެކެވެ. އެރީތިވެގެންވާ އިލާހީ ސުންނަތާއި ޚިލާފަށް އެއްވެސް ޝަރުޢީ ޢުޛުރަކާ ނުލައި ދާއިމީ ގޮތަށް ނުވިހާ ގޮތަށް ހެދުމަކީ ޙަރާމް ކަމެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. އެއީ އިންސާނީ ނަސްލު ފަނާކޮށްލުމެވެ.

ޢަޒްލުކުރުމާމެދު ފިޤްހުގައި އައިސްފައިވާ އިޚްތިލާފަކީ ނަސްލު މަދުކުރުމަށް ނުވަތަ ދަރިން ވަކިގޮތަކަށް ހޯދުމަށްޓަކައި ހުއްދަކުރާ ކަމެއްގެ ގޮތުގައި އެކަން މާނަކުރެވިފައި ނުވެއެވެ. އަޞްޙާބު ބޭކަލުން ޢަޒްލު ކުރެއްވީ ދިރިއުޅުމުގައި ދިމާވި މުހިއްމު ޙާދިޘާތަކާ ގުޅިގެން މައިމީހާގެ ޞިއްޙަތަށްޓަކައި އާއި އަދި އަޅުވެތިކަމުގެ ނަމުން ނަސްލު ސަލާމަތް ކުރުމުގެ މަތިވެރި މަޤުޞަދުގައިކަމަށް ބެލެވެއެވެ.

މައިގަނޑު ގޮތެއްގައި ޢަޒުލު ކުރަންޖެހޭ އަޞްލު ސަބަބަކީ މައިމީހާ އާއި ކުޑަ ދަރިފުޅުގެ ސިއްޙަތު ސަލާމަތް ކުރުމަށްޓަކައެވެ. ދެއަހަރު ދުވަހުގެ މުއްދަތަށް ވިހެއުމުގެ ދޭތެރެ ދުރުކުރުން އެންމެ ރަގަޅުކަމުގައި ދީނީ ފަހުގެ ޢިލްމުވެރިންގެ ބަސްފުޅުތައް ލިބިފައިވާތީއާއި އަދި ކީރިތި ޤުރްއާނުގައި ދަރީންނަށް ގާތުން ކިރު ދިނުމަށް އަންގަވާފައިވާ އިރްޝާދުތަކުން ވެސް އެކަމުގެ ޢިޝާރާތް ލިބޭކަމަށް ބައެއް ޢިލްމުވެރިން ދެކެލައްވާތީވެ ޢަޒުލުކުރުމުގެ މަފްހޫމަކީ ނަސްލު ޙިމާޔަތްކުރުންކަމުގައި ބެލެވެއެވެ.

"މި ދިރާސާގެ ތައުސިއްޔާތެއްގެ ގޮތުގައި ނުވަތަ އިލްތިމާސެއްގެ ގޮތުގައި ބާޙިޘު ހުށަހަޅަނީ ދިވެހި ރާއްޖޭގައި ފެމެލީ ޕްލޭނިންގެ ޙަރަކާތްތަކުގައި ޢަމަލު ކުރާނެ އުޞޫލުތަކެއް އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެކުލަވާލުމާއި އަދި ދޭތެރެ ދުރުކުރެވޭ  ވަސީލަތްތަކުގެ ގެއްލުމާއި ފައިދާގެ ދިރާސާއެއް ޝަރްޢީ މަޤްޞަދުގެ އަލީގާ ކުރިޔަށް ގެންގޮސްގެން ރައްޔަތުން އިތުރަށް ހޭލުންތެރިކުރުމަށެވެ." 

މި ދިރާސާ އެއްކޮށް ވިދާޅުވެލެއްވުމަށް ޓަކައި ތިރީގައި އެވާ ލިންކަށް ފިއްތަވާލައްވާށެވެ. https://docdro.id/rmjIs6i