...

Support Us

މާލޭގައި ހުރި ވަޤުފު ބިންތައް ރަށްރަށަށް ބަދަލުކުރުމުން ނިކުތް ފިޤުހީ އަސަރު

މިއީ 1970 ގެ ހިތާމަވެރި ޙާދިސާ އެކެވެ. ސައްތައިން ސައްތަ މުސްލިމު ދިވެހި ރާއްޖޭގެ ފުރަ މާލޭގައި ހުރި ވަޤުފު ބިންތައް އެދުވަސްވަރު އުފެއްދުނު ޤާނޫނެއްގެ އެހީގައި ރަށްފުށަށް ބަދަލުކޮށްލުމެވެ. އެ ދުވަސްވަރު ރަށްފުށުގެ ބިންތަކަކީ ޢިމުރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރުމުގެ މާބޮޑު ފުރުޞަތުތަކެއް އޮތް ތަނެއްނޫނެވެ. އޭގެ ނަތީޖާއަކަށްވީ ރާއްޖެއިން ވަޤުފުގެ ނަންވެސް ނެތި ގެއްލި ވަޤުފެއްގެ ގޮތުގައި ހަމައެކަނި މިސްކިތްތަކާއި ސަހަރާތައް ހިމެނުމެވެ.

ފިޤުހުގެ ޢާއްމު ބަހަކީ ވަޤުފު ބަދަލުނުކުރުމެވެ. އެ އެއްޗެއް ހުރި ތަނެއްގައި ބެހެއްޓުމެވެ. ނަމަވެސް ޝަރްޢީ މަޤުޞަދެއް ކުރިމަތިވެއްޖެނަމަ ވަޤުފު އެއްތަނުން އަނެއްތަނަށް ބަދަލުކުރަން ފިޤުހު ޢިލްމުވެރީން ހުއްދަ ދެއްވައެވެ. އަދި އެ ބަދަލުކުރުމުގައި ޟުރޫރީ މަޤުޞަދެއް ނުވަތަ ބޭނުންތެރި މަޤުޞަދެއް ނުވަތަ އިތުރަށް ފުރިހަމަކުރުމުގެ މަޤުޞަދެއް އޮތުން ލާޒިމެވެ. އަދި އެއިން އެއްވެސް މަޤުޞަދަކަށްޓަކައި ވަޤުފެއް އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގެ އަސާސަކީ ނުވަތަ ޝަރުޠަކީ އެފަދަ ދެވަނަ ވަޤުފެއް އުފެއްދުމެވެ. އަދި ކުރީގައި ހުރި ވަޤުފުގެ ހުރިހާ ފިޤްހީ އަޙްކާމުތަކެއް އަލަށް އުފެއްދި ވަޤުފުގެ މައްޗަށް ހިނގުމެވެ. ނަމަވެސް 1970 ގެ އަހަރުތެރޭގައި އޮތް ސަރުކާރުން، މާލޭގައި ހުރި 29 ވަޤުފު ބިން އއ. ތޮއްޑުއަށް ބަދަލުކުރިކުރުމަކުން މިއަދާ ހަމަޔަށް ވެސް އެއްވެސް ޝަރްޢީ މަޤުޞަދެއް ޙާޞިލުކުރެވިފައިނުވެއެވެ.

އެވަޤުފު ބިންތަކާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވި ނަންބަރ: 2/2017 (9 މާޗް 2017) ފަތުވާގެ އަށްވަނަ ނަންބަރުގައި ވާގޮތުން "އެ ބިންތައް ބަދަލުކުރި ފަހުން ވޭތުވެދިޔަ 30 އެތައް އަހަރެއްގެ ތެރޭގައި އެ ވަޤުފު ބިންތައް ބަލަހައްޓާނެ ނާޒިރަކު ޢައްޔަން ކޮށްފައިނެތުމާއި، އެ ބިންތަކުގައި އަޅަންޖެހޭ ޢިމާރާތްތައް ކޮށްފައިނެތުމާއި، އެބިންތަކުން ވަޤުފުގެ އަހުލުވެރީންނަށް މަންފާ ލިބެނެވި އެއްވެސް ކަމެއް އިންތިޒާމުކޮށްފައި ނެތެވެ."

އިސްވެ ދެންނެވުނު ފަތުވާގެ ހަތް ވަނަ ނަންބަރުގައި ވާގޮތުން އެއީ ދަރިދަރިކޮޅަށް ނުވަތަ ފިޤުހުގެ އިސްޠިލާހުންނަމަ ވަޤުފު ޒުއްރީ ނުވަތަ އަހްލީއެކެވެ. އެގޮތަށް ވަޤުފުކުރުމަކީ ޝަރީއަތުގައި ހުއްދަކަމެކެވެ. ވަޤުފުކުރެވުނު ދަރިފަސްކޮޅު ނެތްނަމަ އެތަކެތި އެނބުރިދާނީ އެތަނެއްގައި ތިބި މުސްލިމުންނަށެވެ. އަދި ވަޤުފުކުރި ފަރާތުން ވަޤުފުކުރުމަށް ބޭނުން ކުރި ޢިބާރާތް ކަށަވަރުކޮށް އެ ލަފުޒުގެ ދަށުން ވަޤުފުކުރި މީހާގެ ކޮންކޮން ދަރިދަރިކޮޅެއްތޯ އެމަންފާގައި ހިމެނެނީ ދީނީ މުއައްސަސާއަކުން ކަނޑައަޅައި އެމީހުން ޙިއްޞާވާ ގޮތަކަށް، އެބިންތަކުގެ ފައިދާ ވަޤުފުގެ މަޤުޞަދު ޙާސިލުވާ ގޮތަކަށް ބަދަލުކޮށް ތަރައްޤީ ކުރެވިދާނެ ކަމަށް ފެނެއެވެ.

މާލޭގައި ހުރި ވަޤުފު ބިންތައް ރަށްފުށަށް ބަދަލުކުރުމުން ނިކުތް ފިޤުހުގެ އެއް އަސަރަކީ ވަޤުފުކުރި މީހާއަށް ކުރާ ޢަސަރެވެ. ވަޤުފުކުރި މީހާއަށް އަސަރުކުރާ ގޮތަކީ އޭނާ، އޭނާގެ މުދަލުން ޙިއްޞާއެއް ﷲގެ ނަމުގައި ވަޤުފުކުރަނީ އެއިން އޭނާ މަރުވެފައި އޮންނައިރު ދާއިމަށް ދަރުމަޔާއި ޘަވާބު ލިބުން އުއްމީދުކޮށްގެންނެވެ. އަދި ވަޤުފު ހިމެނެނީ صَدقَةٍ جاريَةٍ ގެ ގޮތުގައެވެ. މީހާ މަރުވުމަށް ފަހު ޘަވާބަޔާއި ދަރުމަ ލިބޭ އެއްކަމަކީ ހިނގަހިނގާ ހުންނަ ޞަދަޤާތެކެވެ. عن أبي هُرَيْرَةَ رَضيَ اللَّه عَنْهُ أنَّ رسُول اللَّهِ صَلّى اللهُ عَلَيْهِ وسَلَّم قال : « إذا مَاتَ الإنسَانُ انقطَعَ عمَلُهُ إلاَّ مِنْ ثَلاثٍ : صَدقَةٍ جاريَةٍ ، أوْ عِلم يُنْتَفَعُ بِهِ ، أَوْ وَلَدٍ صَالحٍ يَدعُو له » رواه مسلم .މާނައީ: މާތްاللَّه ރުއްސުންލެއްވި أبوهُرَيْرَة ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم، حديث ކުރެއްވިއެވެ. އާދަމުގެ ދަރިޔާ މަރުވުމުން ތިންކަމެއް ފިޔަވައި އެމީހާގެ އެންމެހައި އަމަލުތައް ކެނޑިގެން ހިނގައިދެއެވެ. އެއީ ހިނގަހިނގާ ހުންނަ صدقة އެކެވެ. ނުވަތަ ފައިދާ ދެނިވި علم އެކެވެ. ނުވަތަ صالح ދަރިއަކު (ހުރެގެން އެދަރި) އެމީހަކަށް ކުރާ دعاء އެވެ.

އެހެންކަމުން ވަޤުފުވެރިޔާ ކޮށްފައިވާ ވަޤުފު ނުހިނގާ ހުއްޓިފައި ހުންނަ ހުރުމަކީ ވަޤުފުކުރި މީހާގެ ޙައްޤުގައި ކުރެވޭ ކުށެކެވެ. އެކުށް ކުރުމަކަށް އިސްލާމީ ފިޤުހު ހުއްދައެއްނުދެއެވެ. އަދި އެ ކުށަކަށް ފިޤުހުގައި މަޢާފެއްނެތެވެ. މަޢާފު އޮތީ ހަމަ އެންމެ ގޮތަކަށެވެ. އެއީ އަލުން އެ ވަޤުފު ދިރުވާ އިޢާދަކުރުމެވެ. އެހެންކަމުން މިފަދަ ދީނީ ޙައްޤުތަކުގެ ޒިއްމާ އުފުލާން އޮތް މުއައްސަސާ އަކީ (މަސްއޫލުވެރިއަކީ) ކޮބައިތޯ ސުވާލުއުފެދެއެވެ.

وعن ابن عمرَ رضي اللَّهُ عنهما عن النبي صَلّى اللهُ عَلَيْهِ وسَلَّم قال : « كُلُّكُمْ راعٍ، وكُلُّكُمْ  مسئولٌ عنْ رعِيَّتِهِ ، والأَمِيرُ رَاعٍ ، والرَّجُلُ راعٍ علَى أَهْلِ بَيْتِهِ ، والمرْأَةُ راعِيةٌ على بيْتِ زَوْجِها وولَدِهِ ، فَكُلُّكُمْ راعٍ ، وكُلُّكُمْ مسئولٌ عنْ رعِيَّتِهِ » متفقٌ عليه .މަނައީ: މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد الله بن عمر، ސަލާމާއި ސަލަވާތްލެއްވި ނަބީ ކަލޭގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ އެމީހާ ބަލާބަލަހައްޓަން ޖެހިފައިވާ މީހުންނާއި މެދު قيامة ދުވަހުން ސުވާލުކުރެވޭނެ މީހެކެވެ. امِيرއަކީ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި ފިރިހެނާއަކީ އޭނާގެ އަހުލުބައިތުން ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެއާއި އަދި އޭނާގެ ދަރީން ބަލާބަލަހަށްޓަން ޖެހިފައިވާ މީހެކެވެ. ވީމާ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބަލާބަލަހައްޓަން ޖެހިފައިވާ މީހެކެވެ. އަދި އެމީހަކު ބަލާބަލަހަށްޓަން ޖެހިފައިވާ މީހުންނާއި މެދު قيامة ދުވަހުން އެމީހަކާއި ސުވާލު ކުރެވޭނެއެވެ.

މި މަޢުޟޫޢަށް މީގެ ކުރީން ވެސް އަޅުގަނޑު ވާނީ ޢިލްމީ މަޖައްލާއެއްގައި އަރަބި ބަހުން މަޒުމޫނެއް ޝާއިޢުކޮށްފައެވެ. މައުޟޫޢުގެ ސުރުޚީއަކީ (الأثر الفقهي على نقل الأوقاف الأهلية إلى الريف (المالديف نموذجا)އެވެ. ވިދާޅުވެލެެއްވުމަށް ތިރީގައި އެވާ މަޖައްލާ ބެއްލެވުންއެދެމެވެ.

العدد: الثامن عشر، 2020

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. އަޅުގނޑަށް ހީވަނީ ނުކުންނާނީ ނަތީޖާހެން. އަސަރު ނަމަ ކުރާނީ.. ނުކުތް ފިގުހީ ނަތީޖާ ނުވަތަ ކުރި ފިގުހީ އަސަރު

  2. އެ ބަހުޘު އެކުގައި ތަރުޖަމާކުރައްވައި ރާއްޖޭގައި ޝާއިޢުކުރެއްވުން މުހިންމުކަމުގައި ދެކެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.