Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

އެއް ބަޔަކަށް ޑެމޮކްރަސީއަކީ އަނެއް ބަޔަކަށް ޑިކްޓޭޓަރޝިޕް!

އެމެރިކާގެ ކެޕިޓޮލް ބިލްޑިންގް ނުވަތަ މަޖިލީސްކުރާ ގެއަށް، އިންތިޚާބު ނާކާމިޔާބުވެ މި މަހުގެ 20 ވަނަ ދުވަހު މަޤާމުން ފައިބަންޖެހިފައިވާ ރައީސް ޑޮލަންޑް ޓްރަމްޕްގެ ހައްދުފަހަނަ އަޅާފައިވާ ސަޕޯޓަރުން ވަދެގަނެ، އެތަނުގެ ޙުރުމަތް ކަނޑާ، ތަނަށް ގެއްލުންދީ، މި ޙާދިސާގެ ތެރޭގައި ފަސް މީހަކު މަރުވި ކަމީ، އެމެރިކާގައި އަދި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް ގިނަ ބަޔަކު ސިއްސުވާލި ޙަބަރެކެވެ.

މި ހާދިސާ ހިނގީ ދުނިޔޭގެ އެހެން ޤައުމެއްގައިނަމަ، އަދި ވަކިން ޚާއްޞަކޮށް މި ކުޑަކުޑަ މުސްލިމް ދިވެހިރާއްޖޭގައި ނަމަ، އޭގެ ނަތީޖާއާމެދު އަޅުގަނޑު ވިސްނާލީމެވެ. ސިޔާސީ އަރައިރުންވުމުގެ ތެރެއިން ރާއްޖޭގައި ހިނގާފައިވާ ބައެއް ފާހަގަކުރެވޭ ހާދިސާތަކުގެ އަލީގައެވެ.

އަޅުގަނޑުގެ ސިޔާސީ ޙަޔާތުގައި ކުރެވުނު އެފަދަ ފުރަތަމަ ތަޖުރިބާއަކީ 19 ސެޕްޓެމްބަރު 2003 ގައި މާފުށި ޖަލުގައި ހިނގި ހަޅުތާލާއި ބަޑީގެ ހާދިސާ އަދި ވިދިގެންއައި ދުވަހު މާލޭގެ ޖުމްހޫރީ މައިދާނުގައި ސިޔާސީ ލީޑަރުން އިސްވެތިބެ ހިނގި ހަމަނުޖެހުމެވެ. ހިނގާދިޔަ ކަންކަމުގެ ތަފްޞީލަށް ނުވަތަ ދިރާސާއަކަށް ދިއުމުގެ ބަދަލުގައި، މި ކޮލަމުގެ ބޭނުމަށް އަޅުގަނޑު ސަމާލުކަން ދޭނީ އޭގެ ސަބަބުން ނުކުތް ނަތީޖާއަށެވެ. އަދި ވަކިން ޚާއްޞަކޮށް ޑެމޮކްރަސީގެ ތަރިކަވެރިން ކަމުގައި ދައުވާކުރާ ބޭރުގެ ބައެއް ފަރާތްތަކުގެ އަމަލުތަކަށެވެ.

ހާދިސާ ހިނގިތާ ހަފްތާ ނުވަނީސް ބޭރުގެ ގިނަ ނޫސްވެރިންނާއި، އެމެރިކާ އަދި ޔޫރަޕުގެ އެތަކެއް ޖަމްއިއްޔާ ޖަމާއަތްތަކުގެ 'މާހިރުން' ތިބީ ރާއްޖޭގައެވެ. އެއް ބަޔަކު ބޮޑެތި ކެމެރާ ކޮނޑުއަޅައިގެންނެވެ. އަނެއް ބަޔަކު އެކިއެކި ފާސް ކަރުގައި އަޅުވައިގެން ނޯޓުފޮތްތައް ހިފައިގެންނެވެ. އަދި، އިތުރު ބަޔަކު އުޅުނީ ކޯޓު ފަޓުލޫނުގައި ބްރީފްކޭސް ހިފައިފައެވެ. ކަންކަން އޮޅުންފިލުވަނީ ވަކި ބައެއްގެ ފަރާތުންނެވެ. މަޝްވަރާކުރަނީ ވަކި ފިކުރެއްގެ ބަޔަކާ އެކަންޏެވެ. ރައްޔިތުންގެ ވިންދު ހޯދަނީ ވަކި ބަޔަކު ދައްކާ މީހުންގެ ބަސްދީގަތުން ނަގައިގެންނެވެ. އެމީހުންގެ ނަޒަރުގައި ޑެމޮކްރަސީއަށް ބީރައްޓެހި، ނާތަހުޒީބީ، ހަމުގެ ކުލަ އަނދިރި، ޖާހިލު ބަޔަކަށް ޒަމާނީ އާދަކާދައިގެ ފިލާވަޅުތަކެއް ދިނުމާއި، ސަރުކާރެއް ބަލިކަށިކުރުމަށް އަދި ޤައުމެއް ފަޟީޙަތްކުރުމަށެވެ.

އެއަށްފަހު އައީ 12 އޮގަސްޓް 2005 ގައި ހިނގި ހާދިސާއެވެ. ވެރިކަމުގެ ބޭނުމުގައި ހޭކުޑައިކޮށް، މާލޭގެ މަގުތަކުގައި ރަތަފައެއްހެން ތެޅިފޮޅުމަށްފަހު، ޖުމްހޫރީ މައިދާނުގައި ފައިވަށްކޮށްގެން އިނދެ، މިފަދަ ކަންކަމަށް އަދި އެހާ ފަރިތަނޫން ރައްޔިތުންގެ ހިތްތައް ސަރުކާރާމެދު ކަޅުކުރުމަށް، އަދި މަޖުބޫރުކުރުވައިގެން ހައްޔަރުވެ، ސިޔާސީ ބޮންތިއަށް އެރުމުގެ ދަތުރު ހަލުވިކުރުމަށް ހަމްދަރުދީ ހޯދަން މަސައްކަތްކުރަމުންދިޔަ މުޙައްމަދު ނަޝީދު ކުޅުނު ފިލްމެވެ.

ނަޝީދު ހައްޔަރުވި ދުވަހު އެމެރިކާއިންނާއި އިނގިރޭސިވިލާތުން އައި ނޫސްވެރިންގެ ފޯނު ކޯލުތައް، އޭގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް ސުނާމީއެއް އަރާ ސަތޭކަ އެތައް ނިކަމެތިން ނިޔާވުމަށްފަހު އައި ކޯލަށްވުރެ ގިނައެވެ. އަޅުގަނޑަށްވުރެ އެކަން ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެއެވެ. އެއިރު އަޅުގަނޑަކީ އެކޯލުތައް ނަގާ، އެއަށް ޖަވާބުދިން ސަރުކާރުގެ އިސް ތަރުޖަމާނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލުންނާއި އެފަދަ އެހެން ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން އައި ސިޓީބިޓީގެ އަދަދު އެތައް ހާހަކަށް އެރިއެވެ. އަޅުގަނޑާއި އެކަމަށް ކަނޑައެޅުނު އިތުރު ބައެއް ބޭފުޅުންނަށް އެގޮތުން އައި ލިޔުންތަކަށް ވަކިވަކިން ޖަވާބުދޭން އެތައް މަހެއް ނެގިއެވެ.

މި ދެ ހާދިސާގެ ސަބަބުން ނަމަވެސް، ނިޒާމަށް ބަދަލުތަކެއް ގެންނަން ރައީސް މައުމޫން ކުރެއްވި މަސައްކަތުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. ރަނގަޅަށް ރޯ ނުފިލާއޮތް ޤާނޫނު އަސާސީއަކާއި، އެހެން ބަޔަކު ލައިދިން ނަސޭހަތަށް ބަރޯސާވެގެން އެކުލަވާލި ނިޒާމެއްގެ ތެރެއިން ޤައުމުގެ ގުދާރަށް ނުކުޅަދާނެ ބުރަދަނެއް އުފުލަމުންދާތާ މިވީ ފަނަރަ އަހަރެވެ. ނަމަވެސް، ރައީސް މައުމޫން އެދިވަޑައިގެން ބަދަލެއް ނާދެއެވެ. ބޮޑެތި ނޫސް އެޖެންސީތަކުން ނެރެމުންއައި ޚަބަރުތަކުގައި، އެމަނިކުފާނުގެ ނަންފުޅުގެ ކުރިއަށް އެއިރު ވަނީ 'ހެވީ ހޭންޑަޑް’، 'ޑިކްޓޭޓަރ' އަދި 'އޮތޮރިޓޭރިއަން ރޫލަރ' ފަދަ ބަސްތައް ލަޤަބެއްގެ ސިފައިގައި އިތުރުކުރެވިފައެވެ.

ޒަމާނީ ޑެމޮކްރަސީގެ އެންމެ ބޮޑު އިންޤިލާބީ ބަދަލެއް، އެންމެ ދެތިން އަހަރުގެ ތެރޭގައި، ގެންނެވި ލީޑަރަށް އޭގެ 'ކްރެޑިޓް' ލިބިވަޑައެއްނުގަތެވެ. އޭގެ މޭސްތިރިއަކަށް މިވީ ފައިވަށްކޮށްގެން ޖުމްހޫރީ މައިދާނުގައި އިނދެ، ހައްޔަރުވެ، މިނިވަންވުމަށްފަހު ބޭރަށް ފިލައިގެންގޮސް، އެނބުރިއައިސް ހަރުކަށި ފިކުރާއި ހަމަނުޖެހުން ފަތުރައިގެން އެމަނިކުފާނުގެ ފަހުން ވެރިކަމަށް އައި ނަޝީދެވެ. ނުވިތާކަށް، ތިމާވެއްޓަށް ވިހި އަހަރުގެ މުއްދަތުގައި ރައީސް މައުމޫން ކުރެއްވި ޚިދްމަތުގެ 'ކްރެޑިޓް' ވެސް، ދެތިން ސްޓަންޓް ޖައްސައިގެން ނަޝީދު އޮތީ ނިގުޅައިގެންފައެވެ.

ތިން ވަނަ ހާދިސާއަކީ 2010 ގައި މާލޭގެ މަގުތަކުގައި ބޭއްވުނު 'ޒުވާނުންގެ މުޒާހަރާ' އެވެ. އެތައް ހާސް ބަޔަކު އެއްވެ ދިޔައީ މުޒާހަރާ ކުރަމުންނެވެ. ސިލޯނުގައި ތިބި ރާއްޖެއަށް ކަނޑައަޅާފައިވާ ހުޅަނގުގެ ސަފީރުން ތިބީ ހާސްކަންމަތީއެވެ. ކައިކައި ނިޔަފަތި ހުސްވެ، ނިޔަރޮދިވެސް ނެތެވެ. އެތަނުން ގިނަ ބޭފުޅުންނާ ޚުދު އަޅުގަނޑު ބައްދަލުކުރީމެވެ. ނަޝީދުގެ ސަރުކާރުން ކުރަމުންދިޔަ ޤާނޫނު އަސާސީއާ ޚިފާލު، ޑެމޮކްރަސީއަށް ބީރައްޓެހި ކަންކަމުގެ ވާހަކަ ދެންނެވީމެވެ. ކޮންމެ ބޭފުޅަކުވެސް ދެއްވީ އެއް ޖަވާބެކެވެ. ކަންކަން ރަނގަޅުކުރަން އަދި އިޞްލާޙުކުރަން ސަރުކާރަށް ވަގުތު ދޭންވީ ކަމަށެވެ. ނަޝީދުގެ 'ހަނީމޫން ޕީރިއަޑް' ކަމަށެވެ. ކުރިން ވެރިކަން ކޮށްފައި ނުވާތީ އަދި ދަސްކުރަނީ ކަމަށެވެ. ކެތްތެރިވާންވީ ކަމަށެވެ. ވާނީ އެހެންތާއެވެ. އެބޭފުޅުން ލޯބިވާ، އެބޭފުޅުންގެ ޕަޕެޓް ލީޑަރެއް ވިއްޔާއެވެ.

ދެން އަޅުގަނޑުމެންނާ ބައްދަލުކުރީ ޢަބްދުﷲ ޣާޒީ ވަގަށް ނެގުމާ ވިދިގެން ފެށުނު މުޒާހިރާތަކެވެ. އާޚިރުގައި ނަޝީދުގެ ވެއްޓުމެވެ. އެދުވަސްވަރު ހަމަ އެއްޗެއް ބުނެލަންކެރުނު، ބަޔާނެއް ނެރިލަންކެރުނު އަދި ޚަބަރެއް ހަދާލަން ކެރުނު ހަންގަނޑު ދޮން އެކަކުވެސް ނެތެވެ. ބެލީ ކަމުގައި މަތިޖަހާ، އޮއްބާލައިގެން އަންނިގެ އަގު ވެއްޓުނަނުދީ ހިފެހެއްޓޭތޯއެވެ. ހީކުރީ، ޒުވާނުންގެ މުޒާހިރާ ފަދައިން، ވަކި ހިސާބަކުން ކަންތައް މައިތިރިވެ، ނިމޭނެ ކަމަށެވެ. އަންނި ސަލައިމަތްވެ، ވެރިކަމުގައި ހުންނާނެ ކަމަށެވެ.

ނަޝީދުގެ އަނިޔާވެރި ސަރުކާރުގެ ނިމުން 7 ފެބްރުއަރީ 2012 ގައި ކުރިމަތިވުމާއެކު، ސިހި، ގަބުވެފައިތިބި ހާލުގައި އެއްކަލަ ހުޅަނގުގެ ވަފުދުތައް ރާއްޖެއައެވެ. ހަދާނެ ވަކި ގޮތެއް ނުނިންމި ދުވަސްތަކެއް ތިއްބެވެ. އެއް ދުވަހު އިސްތިއުފާގެ ސިޓީލިޔެ، އަނެއް ދުވަހު ތިމާގެ ބޮލުގައި ބަޑި ޖައްސައިގެން ވެރިކަމުން ފައިބަން މަޖުބޫރުވީ ކަމަށް ނަޝީދު ބުނުމާއެލު، ކުރިއަށްދާން ހިފާނެ އެއްޗެއް އެވެރިންނަށް ލިބުނެވެ. މިއަދު ޓްރަމްޕް ކަންކުރަމުންދާ ގޮތުން، ފަސޭހައިން ގުނބޯ ހެދޭ ސަޕޯޓަރުންނާ އެއްފަދައިން، ރާއްޖޭގައިވެސް ބަޔަކު ނަޝީދުގެ މި ދެކޮޅުނުޖެހޭ ވާހަކަތަކުގެ އަވައިގައިޖެހި، އެވާހަކަތައް ހާސަރު ޤަބޫލުކުރަން ފެށިއެވެ.

ހަޤީޤަތުގައި އެދަނޑިވަޅުގައި ދައްކަން އޮތީ، އަންނި ޤާނޫނާ ޚިލާފަށް ކުރި ގިނަ ކަންތައްތަކުގެ ވާހަކައެވެ. ނަމަވެސް، ދެއްކީ ސަރުކާރު ބަދަލުވުން ޞައްޙަތޯ ނުވަތަ ނޫންތޯ އެވާހަކައެވެ. ކޯނީ ރިޕޯޓުގެ ނަމުގައި ބޭރު މީހުން ތިބެގެން އެކަމަށްވެސް ފައިސަލާ ކުރެވުނެވެ. ވެރިކަން ބަދަލުވުން ޞައްޙަ ކަމަށެވެ. ވެރިކަމަށް އެނބުރި އައިސް މިއަދު އަލުން އެވާހަކަތައް ދައްކައިގެން ޚިޔާލު ތަފާތު އެންމެންނަށް އަނިޔާކުރަން އެމް.ޑީ.ޕީން ކުރާ މަސައްކަތުގައި، އެރިޕޯޓަކީ ބޭރު ބަޔަކު ލިޔުނު އެއްޗެއް ކަމެއް ހަނދާނެއް ނެތެވެ.

ދެން އައީ އެންމެ ވާދަވެރި އިންތިޚާބެވެ. ފުރަތަމަ ބުރު ބާޠިލުކޮށް އަލުން ބޭއްވުމަށް ސުޕްރީމް ކޯޓުން ނިންމި 2013 ގެ ރިޔާސީ އިންތިޚާބެވެ. ރައީސް ޔާމީން ދެވަނަ ބުރަކަށް ވަޑައިގަތުމަށް ހުރަސްއަޅަން ކުރި އެކަން ފެއިލްވީއެވެ. އަދި، ދެވަނަ ބުރު ކާމިޔާބު ކުރެއްވީއެވެ.

ނަޝީދާއި އެމް.ޑީ.ޕީ އަނެއްކާވެސް ޝަކުވާ ހިފައިގެން ދިޔައީ ހުޅަނގުގެ މަދަދުގާރުންގެ ގާތަށެވެ. ނަތީޖާ ބަދަލުކުރުމުގެ އުންމީދުގައެވެ. ޓްރަމްޕް ފަދައިން ވެރިކަމުގެ އުންމީދު ކަނޑައެއް ނުލައެވެ. މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވުމުން، ބޭރުގެ މަދަދުގާރުންނަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތެވެ. ނަމަވެސް، ރަޙްމަތްތެރިކަމުގެ ރޫޙުގައި އެއް ކަމެއް ކޮށްދިނެވެ. އެއީ، އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލުކުރި މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ގެންގޮސްދިނުމެވެ. ކުޑަކުޑަ ރާއްޖޭގެ އިންތިޚާބެއްގައި ރައްޔިތުން ވޯޓުލައިފައި ވަނިކޮށް އެ ބާޠިލުކޮށް، އަލުން އެވޯޓު ނަގަން ޤައުމުގެ އެންމެ މަތީ ކޯޓުން ކަނޑައެޅުން މިވީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވި ނުރައްކަލަކަށެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ޕީ.ޕީ.އެމްގެ ކެނޑިޑޭޓް ރައީސް ޔާމީން ހުވާކުރެއްވުމަށް އދ. މެދުވެރިކޮށް ހުރަސްއަޅަން ޖެހި އެންމެ ފަހު ދަންތުރަވެސް ފެއިލްވިއެވެ. ހަމަ ނަސީބުންނެވެ. އެމް.ޑީ.ޕީގެ ފަރާތުން އެމައްސަލަ ސަލާމަތީ މަޖިލީހަށް ގެންދިޔައީ ވީޓޯ ބާރު އޮންނަ ބޮޑު ޤައުމެކެވެ. އެ މައްސަލައަކީ ތާކުންތާކު ނުޖެހޭ އެއްޗެއްކަން ސާބިތުކޮށްދީ، އެ މަޖިލީހުން ބޭރަށް އެއްލާލީ، މަޖިލީހުގައި ތިބި ވީޓޯ ބާރު އޮންނަ އެއަށްވުރެ ބޮޑު ދެ ޤައުމުންނެވެ.

އެމް.ޑީ.ޕީ އަނެއްކާވެސް އިދިކޮޅު ޕާޓީއަކަށްވުމުން، ނިދީގައި ތިބި އެއްކަލަ ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކަށް ހޭލެވުނެވެ. ޓްރާންސްޕޭރަންސީތަކާއި އެމްނެސްޓީތަކަށް އަނެއްކާވެސް ރާއްޖެ ފެނި، ދިވެހިންނަށް މާބޮޑު ހަމްދަރުދީއެއް އުފެދިއްޖެއެވެ. ހާދިސާތަކުގެ ސިލްސިލާ ނިންމާލާނީ ރައީސް ޔާމީންގެ ޒަޢާމަތުގައި ކުރިމަތިވި މޭޑޭ މުޒާހިރާ އަދި 1 ފެބްރުއަރީ 2018 ގައި ހިންގި ފެއިލްވި ބަޣާވާތުންނެވެ. މޭޑޭ މުޒާހިރާއަށްފަހު ބަޔަކު ހައްޔަރުވިއެވެ. އެކަން ކުށްވެރިކޮށް ބަޔާން ނެރުނު ބަޔަކު ތިބީ ނަޝީދުގެ ވެރިކަމުގައި ހާހަކަށްވުރެ ގިނަ މީހުން ސިޔާސީ ކަންކަމުގައި ތަކުރާރުކޮށް ހައްޔަރުކުރިއިރު ފުރަގަސް ދީގެންނެވެ. އެދުވަހު އަނިޔާވެރިވާން އެންމެ ބޮޑަށް ހިތްވަރުދިން މީހާ މިއަދު އެހުރީ މިނިސްޓަރުކަމުގައެވެ. އަދި، ބައިވެރިވެ، ޖަލު ޙުކުމް އިއްވުނު އެންމެން މިއަދު އެތިބީ މިނިވަންވެފައެވެ.

މޭޑޭގައިވެސް ގޯސްވީ ފުލުހުންނެވެ. މާ ހަރުކަށީ ކަމަށްވިއެވެ. އެކަމަކު ލޮލުން ފެނުނީ ބަޔަކު ފުލުހުން ގައިގާ ތަޅާ، ދަތި އަޅުވާ ވައްޓާ މަންޒަރެވެ. ބޭރުގެ ބޭފުޅުން ވިދާޅުވީ އެއީ ފުލުހުންގެ ތަމްރީނުތައް އަދި މަދުވުމުން، ކޮންޓްރޯލްކުރަން ނޭނގުމުގެ ނަތީޖާއެއް ކަމަށެވެ. ހަމަ އެފަދައިން، ސިޔާސީ ފަރާތްތަކުގެ ރިޝްވަތާއި ޤާނޫނީ އިދާރާތަކުގެ ރޭވުމުގައި ހިނގާދިޔަ ބަޣާވާތުގެ ފަހުން، ކުރިން ރައީސް މައުމޫނަށް ދިންފަދަ ލަޤަބުތަކެއް ރައީސް ޔާމީނަށްވެސް ބަޔަކު ދިނެވެ. ސުޕްރީމް ކޯޓުގައި ތަޅު އަޅުވާ، އިސް ފަނޑިޔާރަކު ރަހީނުކުރި ނަޝީދަކީ އެމީހުންނަށް އެއިރުވެސް އަދި މިހާރުވެސް ހަމަ ޑެމޮކްރަސީގެ މާބޮޑު ބަޠަލެކެވެ.

އެމެރިކާއަށް އަލުން ނަޒަރު އަނބުރާލާނަމެވެ. ހިނގައިދިޔަ ހާދިސާ މީޑިޔާތަކުން މި ހަފްތާތެރޭގައި ސިފަކުރަމުން އަންނަ ގޮތާމެދު ވިސްނާލީމެވެ. މިކަން ހިނގީ އެމެރިކާގައި ވީމާ، މިއީ ޑިކްޓޭޓަޝިޕެއްގެ އަލާމާތަކަށް ނުވާނެތާއެވެ. ޤައުމުގެ ނިޒާމު ބަލިކަށިކަމުން އަދި ޑެމޮކްރަސީ ވީރާނާވަމުންދާކަމުގެ ދަލީލަކަށް ނުވާނެތާއެވެ. މިކަން ހިންގީ ހަންކުލަ ދޮން ބަޔަކަށް ވީތީ، އެބަޔަކީ ހައްދުފަހަނަ އަޅާފައިވާ ބަޔަކަށް ނުވާނެތާއެވެ. އަދި، އެއީ މެދު އިރުމަތިން އައި މުސްލިމް ބަޔަކަށް ނުވާތީ، އެއީ އާދައިގެ ހާދިސާއެކެވެ. ޓެރަރިސްޓް ހަމަލާއަކަށް ނުވާނެތާއެވެ.

އެމްނެސްޓީ އެއް ނެތެވެ. ސަރުކާރު ކުށްވެރިކޮށް ބަޔާން ނެރޭ ބަޔަކުވެސް ނެތެވެ. މީޑިޔާއިން ދަނީ މަރުވި ފުލުސްމީހާގެ ވާހަކައިގެ ބަދަލުގައި ޕޯޑިއަމް ގެންދިޔަ މީހާގެ ވާހަކައަށް ބޮޑު ޖާގައެއް ދެމުންނެވެ. އަލިފާން ބޯޅަ އުކުމަށް ވިއަސް ނުވަތަ ތަޅާނެ ކުދިން ނެރެން ގޮވިއަސް، ބޭނުންހާ އެއްޗެއް ކިޔުމަކީ ދުލުގެ މިނިވަންކަން ކަމަށް އަޅުގަނޑުމެންނަށް އަންގަމުންދިޔަ ފަރާތްތަކުން ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތައްވެސް ބަންދުކުރެވިއްޖެއެވެ.

އެތާނގައި އެދުވަހު ބަޑިވެސް ޖެހިއެވެ. ބޮންވެސް ގެންގުޅުނެވެ. ނާއިބު ރައީސް ޕެންސް ދަންޖައްސަން ގަހެއްގައި ވާގަނޑެއް ޖަހާފައި ހުރިކަމަށްވެސް ވެއެވެ. ނިމުނުއިރު، ރައްދުގައި ބަޑިޖެހުނު މިންވަރު އަދި ފުލުހުން ބާރުގެ ބޭނުންކުރި މިންވަރު މާބޮޑަށްވެސް މަދުވީ ކަމަށް އެބަ ބުނެއެވެ.

އެތައް ސަތޭކަ މީހުން ހައްޔަރު އެބަ ކުރެއެވެ. އަދި ސަރުކާރު ވައްޓާލަން އުޅުނު ކަމަށް އެބަ ދައުވާ ކުރެއެވެ. އެތަނުން ހައްޔަރު ނުކުރެވުނީތީ، ފޮޓޯ ނެރެގެން، މަޢްލޫމާތު ހޯދައިގެން ގޮސްވެސް އެބަ ހައްޔަރު ކުރެއެވެ. އެއީ ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމެވެ. ޑެމްކްރަސީގައި އޮންނަ ގޮތެވެ. އެކަމަކު، އެއް ބަޔަކަށެވެ. ރާއްޖެ ނަމަ، ކަން ވާނެގޮތް އެބަ އެނގެއެވެ.

ނިންމާލާނީ، އަނެއްކާވެސް ކުރީގެ ހަނދާނަކުންނެވެ. ރައީސް ވަޙީދުގެ ޒަޢާމަތުގައި އާ ދައުރަށް 2013 ގައި ރައްޔިތުންގެ މަޖިލީސް ހުޅުވަން އެމް.ޑީ.ޕީން ހުރަސްއެޅި ހާދިސާއެވެ. ޤާނޫނީ ގޮތުން އެމަނިކުފާނު އަދާކުރައްވަންޖެހޭ ވާޖިބަކަށް ތަކުރާރުކޮށް ހުރަސްއެޅުމެވެ. މަޖިލީހުގައި ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގުމެވެ. މިކަން އަޅުގަނޑު ދުށީ ވަރަށްވެސް ގާތުންނެވެ. އެއިރު އެމަނިކުފާނުގެ ކެބިނެޓުގައި ހިނުމުން، މަޖިލީސް އިމާރާތުގައި ހުރީމެވެ.

ދެވަނަ ދުވަހު ރައީސް ވަހީދު ތަޤްރީރު ކުރައްވަން މަސައްކަތްޕުޅު ފެއްޓެވިއިރު، ގެލަރީގައި އަޅުގަނޑުމެން ވަޒީރުންގެ އިތުރުން ބޭރުގެ ސަފީރުންވެސް ތިއްބެވިއެވެ. މަންޒަރު ފެނުމުން އަޅުގަނޑު އެ ބޭފުޅުންނާ ބައެއް ސުވާލު ކުރިމަތިކުރުވީމެވެ. މިފަދަ ކަމެއް އެބޭފުޅުންގެ ޤައުމެއްގައި ހިންގާނަމަ، ކަންކުރައްވާނީ ކިހިނަކުންތޯ އެހީމެވެ. އަދި، މިސާލަކަށް އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް ނުވަތަ އެމެރިކާގެ ކެޕިޓޮލް ބިލްޑިންގްވެސް ފާހަގަކުރީމެވެ. ރައީސުލްޖުމްހޫރިއްޔާއަށް ހުރަސްއެޅުމަކީ ހަމަ ޑެމޮކްރަސީތޯ އަހާލީމެވެ. މަޖިލީހުގައި މާރާމާރީ ހިންގުމަކީ ހަމަ ހުއްދަކުރާނެ ކަމެއްތޯވެސް އޮޅުންފިލުވާލީމެވެ.

ޖަވާބުގައި އެބޭފުޅުން ވިދާޅުވީ އެއީ މަޝްވަރާ ނުކުރެވޭތީ، އެމް.ޑީ.ޕީން ކުރާ ޖާއިޒު އިޙްތިޖާޖެއް ކަމަށެވެ. އެވަގުތު މޭޒުތައް އުކަމުންދިޔަ އެމް.ޕީ އިންނާއި، ބޮލުގައި ޑަސްބިން އަޅައިގެން ހުރި އެމް.ޕީ އާއި ރިޔާސަތުގައި އިނދެ ސެލްފީ ނަގަމުންދިޔަ އެމް.ޕީ އަދި މައިކުތައް އުފުރާ، ވުވުޒެލާއިން އަޑުގަދަކުރަމުންދިޔަ އެމް.ޕީ އިންގެ ގޮވެއްޔާއި އަތުގައި އޮތް ބްރިސިލްބޯޑުގައި ލިޔެފައި އޮތީ މަޝްވަރާގެ ވާހަކަ ނޫން ކަމަށް ދަންނަވާލާފައި އަޅުގަނޑު ކުރުކޮށްލީއެވެ. މިއަދު އެބޭފުޅުންނާ އަލުން ދިމާވާނެ ނަމަ، ހަމަ އެސުވާލު ކޮށްލާނަމެވެ. އެމެރިކާގެ މިސާލާއެކުގައެވެ.