Support Us

ބީއެމްއެލް މަތީ ތަޢުލީމު އިސްލާމިކް ފައިނޭންސްގެ ގޮންޖެހުންތައް

ބީއެމްއެލްއިން މަތީ ތަޢުލީމަށް އިސްލާމިކު ފައިނޭންސް ތަޢާރަފު ކުރުމަކީ ވަރަށް ވެސް ބޮޑު އުފަލެކެވެ. އެއީ ދިވެހިރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެޅުނު ބިންގަލެކެވެ. ސަބަބަކީ ތަރައްޤީގެ ބިންގަލަކީ މަތީ ތައުލީމުގެ އަހުލުވެރީން އެތަނަކުން ލިބެންހުރުމެވެ. ހަޤީޤީ ތަރައްޤީއަކީ މަތީ ތައުލީމު ލިބިފައިވާ މީހުން އެ ޤައުމުގައި ގިނަވުމެވެ.

މިސާލަކަށް ދިވެހިރާއްޖެއަށް ދިމާވެފައިވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ސިއްޙީ ފަރުވާގެ ގޮންޖެހުމެވެ. ރަނގަޅު ފެންވަރުގެ ޑޮކުޓަރުން ރާއްޖެއިން ނުލިބޭ މައްސަލައެވެ. މި ސަބަބާ ހުރެ ވަރަށް އާދައިގެ ބަލިތަކަށް ވެސް ބޭސްކުރުމަށް އޮޅަދޫކަރައަށާއި އުތުރު ކަރައަށް ދާންޖެހިދެއެވެ. ނުވަތަ އެއަށްވުރެ ދުރަށެވެ. އަތޮޅުތަކުގެ ހޮސްޕިޓަލުގެ އަގުލަބިއްޔަތު އޮތީ ބޭރުގެ ޑޮކްޓަރުންނަށެވެ. އެއީ ދިވެހިން ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން ދިމާވެފައިވާ ކަމެކެވެ. އައްޑު އަތޮޅުގެ ދަރީންގައިވެސް ބިދޭސީ ޑޮކްޓަރުން ނަގައިފައިވާ ފުރަތަމަ ޑިގްރީ (MBBS) ޙާސިލުކުރުމުގެ ޢިލްމީ ޤާބިލުކަން އެބަހުރި ކަމަށް ޤަބޫލުކުރެވެއެވެ. އަދި ފުރުސަތު ލިބޭނަމަ ސްޕެޝަލައިޒުވުމުގެ ޤާބިލުކަން ވެސް ހުންނާނެ ކަމަށް ޤަބޫލުކުރެވެއެވެ. މިއީ ހަމައެކަނި މިސާލެކެވެ. ކޮންމެ ދާއިރާއަކަށް ބަލައިލިޔަސް ފެންނާނީ މަތީ ތަޢުލީމަށް ބޭނުންވެފައިވާ މިންވަރުގެ ބޮޑުކަމާއި މުހިއްމުކަމެވެ. މިފަދަ ދަނޑިވަޅެއްގައި ބީއެމްއެލްއިން މަތީ ތަޢުލީމަށް އިސްލާމިކު ފައިނޭންސް ތަޢާރަފު ކުރުމަކީ ދިވެހި ޒުވާނުންނަށް ލިބޭ ވަރަށް ވެސް ބޮޑު އުފަލެކެވެ. ނަމަވެސް ބީއެމްއެލްއިން މަތީ ތަޢުލީމަށް ތަޢާރަފުކުރި އިސްލާމިކު ފައިނޭންސްގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް އެބަވެއެވެ. އެހެންކަމުން މިފުރުޞަތުގައި އެގޮންޖެހުންތަކާއި އޭގެ ޙައްލެއްގެ ގޮތުގައި ފެންނަ ޚިޔާލެއް ހިއްސާކޮށްލާނަމެވެ.

ފުރަތަމަ ގޮންޖެހުން: ފައިނޭންސްކޮށްދޭ އަދަދުގެ 150 އިންސައްތަ ރަހުނުކުރުން

މަތީ ތައުލީމަށް ބޭނުންވެފައިވާ މިންވަރުގެ މުހިއްމުކަމާ މެދު މިސާލު ނެގީ ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ސިއްޙީ ފަރުވާގެ ގޮންޖެހުން ކަމަށް އިސްވެ އިޝާރާތްކުރެވިފައިވާތީވެ މި ނުޤުތާގައިވެސް މެޑިސިންގެ ފައިނޭންސަށް ވިސްނަމާ ހިނގާށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައި މެޑިސިން ކިޔަވާނަމަ އެންމެ ކުޑަކޮށް ބެލިޔަސް އަހަރަކު ޓިއުޝަން ފީސް 25،000 ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން ކޯސް ފުރިހަމަ ކުރުމަށް އެއްލައްކަ ޑޮލަރަށްވުރެ ގިނައިން ފައިސާ ބޭނުންވެއެވެ. އަދި ހަތަރު ނުވަތަ ފަސް އަހަރުގެ ހުރުމާއި ކެއުމާއި އެހެނިހެން ޚަރަދަށް ފަންސާސް ހާސް ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. އެހެންކަމުން އެއް ލައްކަ ފަންސާސް ހާސް ޑޮލަރު ނަގަން ބޭންކުގައި ބަހައްޓާނެ ރަހުނުގެ ހަރުމުދާ ހުރީ ދިވެހި ރައްޔިތުންގެ ތެރެއިން ކިތައް މީހުންގެ އަތުގައިތޯ ވިސްނަންޖެހެއެވެ.

ބީއެމްއެލްއިން މަތީ ތަޢުލީމަށް ތަޢާރަފުކުރި އިސްލާމިކު ފައިނޭންސް ލޯން، ވަޒީރު ބޭފުޅުން، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން، އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ވެރީން ބޭނުންފުޅުވާނެހެން ހީޔެއްނުވެއެވެ. ސަބަބަކީ އެ ބޭފުޅުންނަކީ ކަނޑައެޅޭ ރަނގަޅު މުސާރައެއް ލިބޭ ބަޔަކަށް ވާތީއެވެ. އަދި ކިއެއްތަ! އެލޯނަށް ގިނަ ފަހަރަށް ބޭނުންވެފައި ވާނީ އަތޮޅުތަކުގެ މީހުންނެވެ. އެ މީހުންގެ ޢާއްމު ހަރުމުދަލަކީ އެމީހުން ދިރިއުޅޭ ގޯތީގައި އަޅާފައި ހުންނަ ކުޑަކުޑަ ޖިފުޓިއެކެވެ. އެއިން މަތީ ތަޢުލީމަށް ބަހައްޓަންޖެހޭ 150 އިންސައްތަ ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދި މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ތަންތަނަށް ކުލި ދައްކައިގެން ތިބޭ މީހުންނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންގެ ހަރުމުދަލަކަށް ހުންނަނީ ސަވާރުވުމަށް ގެންގުޅޭ ސައިކަލެވެ. އެއިން ވެސް މަތީތަޢުލީމަށް ބަހަށްޓަންޖެހޭ 150 އިންސައްތަ ލިބޭނެ ކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

ދެވަނަ ގޮންޖެހުން: ކިޔެވުމުގެ ޖުމުލަ ޚަރަދުގެ 25 އިންސައްތަ އަމިއްލައަށް ޚަރަދުކުރުން

މިއީ ގާތްގަނޑަކަށް ފަސްވަރަކަށް ލައްކަ ދިވެހި ރުފިޔާގެ ވާހަކައެކެވެ. ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން އެމީހުންގެ ދަރީން ބަލާބޮޑުކޮށް ސެކެންޑަރީ ތަޢުލީމު ކަޑައްތުކުރުވަނީ ވަރަށް ބުރަކޮށް މަސައްތަކޮށްގެންނެވެ. ގިނަ މީހުންގެ ދިރިއުޅުމުގައި ދަރީން ބަލާބޮޑުކުރުމުގެ މަރުޙަލާއަކީ ޢާއްމު ބަހުރަވައިން ނަމަ "އަނގައާއި އަތާ ދިމާނުވާ" މަރުޙަލާއެކެވެ. އެހެންކަމުން އެފަދަ ނިކަމެތި ބަޔަކަށް އިސްވެދެންނެވި 25 އިންސައްތަ ވެސް ވާނީ ބޮޑު ތަކުލީފަކަށެވެ.

މިކަމުގެ ޙައްލު

އަޅުގަނޑު ޚިޔާލެއް މިކަމުގައި ހިއްސާކޮށްލާނަމެވެ.

  • ފައިސާ ޚަރަދުކުރާއިރު އޭގެ ރަހުނުގެ ގެރެންޓީ އަކީ ކޮންމެހެންވެސް ބޭނުންވާނެ އެއްޗެކެވެ. އިސްލާމީ އުޞޫލަކީވެސް އެއީއެވެ. އެހެންކަމުން ބީއެމްއެލްއިން މަތީތަޢުލީމަށް ތަޢާރަފުކުރި އިސްލާމިކު ފައިނޭންސް ލޯނަށް ބޭނުންވާ 150 އިންސައްތައިގެ ރަހުނުގެ ގެރެންޓީ ދެއްކުމަށް ދަރިވަރަކު ނުކުޅެދިއްޖެ ޙާލަތެއްގައި ނުވަތަ ދަރިވަރުގެ އަތުގައި ހުރި ރަހުނަކަށް މަދުވާ ޙިއްޞާގެ ގެރެންޓީ، ދިވެހި ސަރުކާރުން ނުވަތަ ހަޔަރ އެޑިއުކޭޝަނުން ބީ.އެމް.އެލް އަށް ދިނުން.

(މިކަމުގައި ތަޢުލީމު ނިމުމުން ވަކި މުއްދަތަކަށް ދިވެހިރާއްޖޭގައި ޚިދުމަތްކުރުމަށް ޝަރުޠު ކުރެވިދާނެއެވެ.)

  • ކިޔެވުމުގެ ޖުމުލަ ޚަރަދުގެ 25 އިންސައްތަ އަމިއްލައަށް ޚަރަދުކުރުމުގެ ޝަރުޠު އިޞްލާޙުކޮށް ލޯނުގެ 100 އިންސައްތަ ދޭގޮތަށް ބޭންކުން ބަދަލުކުރުން، ނުވަތަ އެ 25 އިންސައްތަ ސަރުކާރުން ނުވަތަ ހަޔަރ އެޑިއުކޭޝަނުން ދަރިވަރަށް ހަމަޖައްސައިދިނުން.