Support Us

ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ނަޤުލުކުރުމުގެ މައްސަލަ

ކަމެއް ހުއްދަކުރުމާއި ޙަރާމްކުރުން ކަނޑައަޅާ ޢިލްމަކީ ފިޤްހު ޢިލްމާއި އޭގެ އުޞޫލުތަކެވެ. ދަލީލު ކަނޑައެޅުމުގައި ޤުރްއާނާއި ސުއްނަތުގެ ކަލިމަތަކުގެ އިތުރުން ފިޤްހުގައި ކަނޑައެޅިފައިވާ ޤަވާއިދުތަށް ހިމެނެއެވެ. މިދެންނެވި ޤަވާއިދުތަކުގެ ތެރެއިން ބައެއް ޤަވާއިދުތައް އުފެދިފައިވަނީ ޝަރްޢީ ނައްޞުތަކުގެ މައްޗަށް ބިނާވެގެންނެވެ. އަދި ބައެއް ޤަވާއިދުތައް އުފެދިފައި ވަނީ ފިޤްހުގެ ކަފިތައް އޭގެ އަޞްލުތަކާއި ގުޅުވައިގެން ފިޤްހު އިލްމުވެރީން ކުރެއްވެވި ދިރާސަތަކުން ލިބިވަޑައިގަތް ނަތީޖަތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެންނެވެ. ފިޤްހުގެ ޤަވާއިދުތަކުގެ ޙުކުމަކީ އަންނަނިވި ޝަރްޠުތަކާއި އެކު އެއީ ޝަރްޢީ ދަލީލެއްގެ ގޮތުގައި ބަލައިގަތުމެވެ.

  • އެޤަވާއިދެއް އުފެދިފައި ވަނީ އޭގެ އަޞްލު ޤުރްއާނުން ނުވަތަ ސުއްނަތުން ނުވަތަ އިޖުމާއުން ކަމުގައިވާނަމަ އެއީ ޝަރްޢީ ދަލީލަކެވެ.
  • އެޤަވާއިދެއްގެ މަފުހޫމު ޝަރްޢީ ނައްޞުތަކާ އެއްގޮތްވެފައި އަދި އެޤަވާއިދައްވުރެ ހަރުދަނާ ދަލީލެއް އެކަމެއްގެ މައްޗަށް ލިބިފައި ނުވުމާއި އަދި އެދަލީލުގެ މައްޗަށް އިޢްތިރާޟުކުރެވޭ އެހެން ދަލީލެއް ނެތްނަމަ އެއީ ޝަރްޢީ ދަލީލަކެވެ.
  • އެޤަވާއިދެއް އުފެދިފައިވަނީ ޞައްޙަ އިޖުތިހާދަކުން ކަމަށްވެފައި އޭގެ އަޞްލު ޝަރްޢީ ހަމަތަކަށް ފެތުން ނުވަތަ ފިޤްހުޢިލްވެރީންގެ މިންގަނޑުތަކަށް ފެތޭނަމަ އެއީ ޝަރްޢީ ދަލީލަކެވެ.
  • އެ ޙުކުމެއް ކަނޑައަޅަން ޤަޞްތުކުރެވޭ ކަމެއްގައި، ޤިޔާސްކުރެވޭ ފިޤްހުގެ ޤަވާއިދުގައިވާ ހުރިހާ ޝަރްޠުތައް ފުރިހަމަޔަށް ހުރުން ނުވަތަ ހުރިހާ ޙައިސިއްޔަކުން އެއްގޮތް ވެއްޖެނަމަ އެއީ ޝަރްޢީ ދަލީލަކެވެ.

މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގައި ދަލީލު ބިނާކުރެވެނީ ފިޤްހުގެ ޤަވާއިދުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ދެ ޤަވާޢިދެއްގެ މައްޗަށް ރިޢާޔަތްކުރެވިގެންނެވެ. އެއީ سد الذرائع ގެ ޤަވާޢިދާއި الاستحسانގެ ޤަވާޢިދެވެ. އެހެންކަމުން މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމު ގެ މަވްޟޫޢުގައި މުހިއްމު ދެ ސުވާލެއް އުފެދެއެވެ. އެއް ސުވާލަކީ، މައްޔިތާ މަރުވި ބިމުން އެހެން ބިމަކަށް ނުގެންދިއުމަށް سد الذرائع ގެ ޤަވާޢިދު ބާރު އަޅަނީ ކިހާ މިންވަރަކަށްތޯއެވެ؟ ފިޤުހުގެ ބަހުރުވައިންނަމަ އަޘަރު ކުރަނީ ކިހާ މިންވަރަކަށްތޯއެވެ؟ އަނެއްސުވާލަކީ، މައްޔިތާ މަރުވި ބިމުން އެހެން ބިމަކަށް ގެންދިއުމަށް الاستحسان ގެ ޤަވާޢިދު ތަންދެނީ (އަޘަރު ކުރަނީ) ކިހާ މިންވަރަކަށްތޯއެވެ؟

މި މަޢުޟޫޢުގެ މަޤްޞަދަކީ ކޮވިޑްގައި މަރުވާ ސިރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ނަޤުލުކުރުން، سد الذرائع وفتحها ގެ ޤަވާޢިދުގެ ދަށުން މަނާކުރެވޭ މިންވަރާއި، އަދި الاستحسان ގެ ޤަވާޢިދުގެ ދަށުން ތަންދޭ މިންވަރު ކަނޑައެޅުމެވެ.

ފުރަތަމަ އަކުރު: سد الذرائع وفتحهاގެ ޤަވާޢިދުގެ މަފުހޫމު.

ހ-سد الذرائعގެ މާނަ:

އޭގެ ކަލިމަ އުފެދިފައިވަނީ ދެ ލަފުޒެއް ގުޅިގެންނެވެ. އެއީ سدގެ ލަފުޒާއި، الذرائع ގެ ލަފުޒެވެ. އަރަބި ބަހުގައި سدގެ މާނައަކީ ކަމެއް (އުނިކަންތައް) މަނާކުރުމެވެ. الذرائعގެ މާނައަކީ ވަސީލަތެވެ. (އިބްނު މަންޡޫރް، ލިސާނުލްޢަރަބް 3/207)

سد الذرائعގެ ޤަވާއިދުގެ މުރާދަކީ ޝަރްޢީ ކަމެއްގައި އިހްމާލުވުމަށް މަގުފަހިކޮށްދޭ މަގުތައް ބަނަދުކުރުމެވެ. ނުވަތަ އެފަދަ ކަމަކަށް އަރައިގަތުމަށް އުފެއްދޭ އޮޅުވައިލުންތަކަށް މަގުބަންދުކުރުމެވެ. ނުވަތަ ޝަރީޢަތުގައި މަނާކުރެވިފައިވާ ކަމަކަށް ގަސްތަކާ ނުލައިވެސް އަރައިގަނެވިދާނެ މަގުތައް ބަންދުކުރުމެވެ. (އިބްނުލްޤައްޔިމް، އިޢުލާމުލްމުވައްޤިޢީން، 3/119)

ބައެއް ބޭކަލުން މާނަކުރައްވާ ގޮތުގައި އެއީ ޙަރާމްކަމެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރުހީވާތީވެ، އެކަމާއި ހަމަޔަށް ފޯރާފާނެ ކަމަށް ބުރަވެވޭ ބައެއް ކަންކަން މަނާކުރުމެވެ. އަދި އެމީހަކަށް މަނާކުރެވޭ އެފަދަ ކަންތައްތަކަކީ އޭގެ އަޞްލުގައި ޙުއްދަ ކަންތައް ކަމުގައިވިޔަސް މެއެވެ. (އަލްޤަރާފީ، ޝަރަޙަ ތަންޤީޙިލްފުޞޫލް، 449)

ށ- فتح الذرائعގެ މާނަ:

ޢަރަބި ބަހުގައި (فتح)ގެ މާނައަކީ ހުޅުވައިލުމެވެ. އެއީ ބަންދުކުރުމުގެ އިދިކޮޅު ސިފައެކެވެ. (އިބްނު މަންޡޫރް، ލިިސާނުލްޢަރަބް 2/536)

އޭގެ މުރާދަކީ ވަސީލަތެއްގައި ހިފުމުން ވާޞިލުވާނެ ނަތީޖާއަކީ މަޞްލަޙަތު އެކުލެވޭ ކަމެއްކަމުގައި ވަނީނަމަ އެވަސީލަތެއްގައި ހިފުމެވެ. ސަބަބަކީ ޝަރްޢީ މަޞްލަޙަތު އިސްކުރުމަކީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތް ކަމަށްވާތީއެވެ. (އަލްޤަރާފީ ،ޝަރަޙަ ތަންޤީ ޙިލްފުޞޫލް،449، އިބްނުލްޤައްޔިމް، އިޢުލާމުލްމުވައްޤިޢީން، 3/119)

މީގެ މިސާލަކީ، ހަނގުރާމައިގެ މުސްލިމު އަސީރުން ސަލާމަތްކުރުމަށްޓަކައި ހަނގުރާމަވެރި ކާފިރުންނަށް ފިދިޔަ (ފައިސާ، މުދާ) ދިނުމެވެ. އަސްލަކީ ހަނގުރާމަވެރި ކާފިރުންނަށް މުދާ ދިނުމާއި ހޭދަކުރުމަކީ ޙަރާމްކަމެކެވެ. އެއީ އެމުދާތައް މުސްލިމުންނާއި ދެކޮޅަށް ބާރު އުފެއްދުމަށް ބޭނުންކުރެވި އަދި މުސްލިމުން ބަލިކަށި ވުމަށް މަގުފަހިވެދާނެތީއެވެ. އެއާއިޚިލާފަށް ހަނގުރާމަވެރި ކާފިރުންނަށް ފިދިޔަ (ފައިސާ، މުދާ) ދިނުން ޝަރީޢަތުގައި ހުއްދަކުރެވެނީ އެއަށްވުރެބޮޑު ގެއްލުމަކުން އަރައިގަތުމަށެވެ. އެއީ މުސްލިމުންގެ ޢާއިލާތައް ބިނާކުރުމާއި މުސްލިމު މުޖަމުޢު މުސްލިމުން ބޭނުންކޮށްގެން ގަދަފަދަކުރުމަށެވެ. (އައްޝާޠިބީ، 1341ހ، 4/199)

الذرائعގެ މާނައަކީ ވަސީލަތެވެ. ފިޤްހު އުޞޫލުގެ ޢިލްމުވެރީންގެ އިސްޠިލާޙުގައި އޭގައި ޢާއްމު މާނައަކާއި އަދި ޚާއްޞަ މާނައެއް އެކުލެވެއެވެ.

الذرائعގެ ޢާއްމު މާނަ: އެއީ ކަމަކަށް ވާޞިލު ވުމަށް އޮންނަ މަގެކެވެ. ވާޞިލުވެވޭ އެކަމަކީ ޝަރީޢަތް ހުއްދަކުރާކަމެއްނަމަ އެ ވަސީލަތުގެ ދޮރު ހުޅުވައިލުމެވެ. އަދި ވާޞިލުވެވޭ އެކަމަކީ ޝަރީޢަތް ހުއްދަނުކުރާކަމެއްނަމަ އެ ވަސީލަތުގެ ދޮރު ބަންދުކޮށްލުމެވެ. (ސަޢަދީ އަބޫޖައިބް، އަލްޤާމޫސުލްފިޤިހީ، 1/136)

الذرائعގެ ޚާއްޞަ މާނަ: އެއީ ހުއްދަ ވަސީލަތެއް، އެހެނަސް އެވަސީލަތެއްގެ  ބޭނުން ހިފައިފިނަމަ  ފަސާދައަކަށް ސިދާ ވާޞިލު ވެވިދާނެ ނުވަތަ އެވަސީލަތެއްގެ  ބޭނުން ކޮށް ފިނަމަ ފަސާދައަކަށް ވާޞިލު ވެވިދާނެ ކަމަށް ބޮޑަށް ބުރަވެވޭ ނުވަތަ އެވަސީލަތެއްގައި މަޞްލަޙަތަށް ވުރެ ފަސާދަ ބޮޑުކަމަށް ބުރަވެވޭ ކަންތައްތަކެވެ. (އައްޝައުކާނީ، އިރްޝާދުލްފަޙޫލް، 217)

ނسد الذرائعގެ ޤަވާއިދު ވުޖޫދު ވުމުގެ ޝަރްޢީ ދަލީލު

سد الذرائعގެ ޤަވާއިދު އުފެދިފައިވަނީ އޭގެ އަޞްލު ޤުރްއާނުންނެވެ. ދަލީލުތައްގިނައެވެ. އެހެންކަމުން އެންމެ ދަލީލެއް ހުށަހަޅަމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ) މާނައީ:اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوةތެރިކަމުގެ ގޮތުން اللَّهއަށް އެއްޗެހި ގޮވައިފާނެތެވެ. (ސޫރަތުލްއަންޢާމް108)

އަޞްލަކީ ދީނުގެ ދިފާޢުގައި اللَّه ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް އެއްޗެހިގޮވައި ދީން ދިފާޢުކުރުން ހުއްދަވުމެވެ. ނަމަވެސް އެއީ ހުއްދަކަމެއްކަމުގައި ވިޔަސް އެކަމުން ނިކުންނާނެ ފަސާދަ ބޮޑެވެ. އެއީ އެކަމުގެ ސަބަބުން އެމީހުން اللَّهއަށް އެއްޗެހި ގޮވައިފާނެތީއެވެ. އެހެންކަމުން އެއުރެން އަޅުކަންކުރާ ތަކެއްޗަށް މުސްލިމުން އެއްޗެހިގޮވުމަށްވުރެ މަޞްލަޙަތު ބޮޑުވެގެންވަނީ އެއުރެން اللَّهއަށް އެއްޗެހި ގޮވައިފާނެތީ އެކަންނުކުރުމަށެވެ.  (އިބްނުލްޤައްޔިމް، އިޢުލާމުލްމުވައްޤިޢީން، 3/137)

ދެވަނަ އަކުރު:الاستحسان ގެ ޤަވާޢިދުގެ މަފުހޫމު.

ހ- الاستحسانގެ ބަހަވީ މާނަ:

ޢަރަބި ބަހުގައި الاستحسان އަކީ ކަމެއްގައި ގިނަ ކަންތައް އެކުލެވިފައި އޭގެތެރެއިން އެއްގޮތަކީ އެކަމެއްގައި އޮތް އެންމެ ރަނގަޅުގޮތް ކަމަށް ތިމާއަށް އެއްބަސްވެވުން ނުވަތަ ސިކުނޑި ޤަބޫލުކުރުމެވެ. ކަމެއް ރަނގަޅުކަމަށް ދެކެފި މީހާ އެކަން ބަލައިގަންނާނީ ރަނގަޅުކަމެއްގެ ގޮތުގައެވެ. އެއީ ޙިއްސީ ކަމެއްކަމުގައި ވިޔަސް ނުވަތަ މަޢުނަވީ ކަމެއްކަމުގައި ވިޔަސް މެއެވެ. މިސާލަކަށް، ކެއުން ވަރަށްރަނގަޅު ކަމަށް ބަލައިގެންފިއެވެ. މިސާލަކަށް، މިއީ މުސްލިމުން މިކަމުގައި ރަނގަޅުގޮތްކަމުގައި ދެކުނުގޮތެވެ. (އިބްނު މަންޡޫރް، ލިިސާނުލްޢަރަބް، މާއްދާ: ޙަސަން) (އައްސަރްޚަސީ، އުޞޫޫލުއްސަރްޚަސީ، 2/200)

 ށ- الاستحسانގެ އިޞްޠިލާޙީ މާނަ:

ފިޤްހު ޢިލްމުވެރީން الاستحسانގެ އިޞްޠިލާޙީ މާނަކުރެއްވި ގޮތްތައް އެއްގޮތަށްވުރެ ގިނައެވެ. އޭގެތެރެއިން އެއްގޮތް ދަންނަވާލަމެވެ.

އެއީ الاستحسانއަކީ، ޝަރްޢީ ނައްޞެއްގެ ޢަލީގައި، ނުވަތަ ޝަރްޢީ ޡުރޫރަތަކަށްޓަކައި ނުވަތަ ޤިޔާސުގެ އަލީގައި ނުވަތަ އާދަކަދައިގެ މައްޗަށް ބިނާވެގެން އަޞްލު ޙުކުމާއި ޚިލާފަށް އެވައްތަރުގެ އެހެން ޙުކުމަކަށް މަގުފަހިވެ އެކަމެއް ހުއްދަވުމެވެ. (އަލްޢަޒާލީ، އަލްމުސްތަޞްފާ، 1/138) ( އިބްނުއްނައްޖާރް، އަލްކައުކަބުލް މުނީރް، 3/15)

މިސާލު: ޝަރްޢީ ނައްޞެއްގެ ޢަލީގައި އަޞްލު ޙުކުމާއި ޚިލާފަށް މަގުފަހިވި ޙުކުމް: މުދަލުގެ މިލްކުވެރިކަމުގެ އަޞްލު ޙުކުމް ދެމިގެންވަނީ ދިރިހުރުމުގެ މައްޗަށެވެ. ނަމަވެސް އެޙުކުމާއި ޚިލާފަށް ވަޞިއްޔަތުގެ ޙުކުމް އިސްތިޙްސާނުގެ މަގުން ޝަރްޢީ ނައްޞު (من بعد وصية يوصى بها أو دين) ގެ ޢަލީގައިޘާބިތުވެފައިވުމެވެ.

މިސާލު: ޡުރޫރަތަކަށްޓަކައި އަޞްލު ޙުކުމާއި ޚިލާފަށް މަގުފަހިވި ޙުކުމް: ހެކިބަސް އަދާކުރުމުގައި އަޞްލަކީ ހަމަލޮލަށް ފެނުމެވެ. އެގޮތުން ބަލައިފިނަމަ ނަސަބު ސާބިތުކުރުމުގައިވެސް ޢަޞްލަކީއެއީއެވެ. ނަމަވެސް އެއީ އުނދަގޫކަމެކެވެ. އަދި ނަސަބު ސާބިތުކުރުމުގައި ހަމަލޮލަށްފެނުމުގެ ޝަރްޠު ގައިހިފައިފިނަމަ ނަސަބު ޘާބިތުވުމަށް ހުރަސް އެޅި މީސްތަކުންގެ މަޞްލަޙަތު ގެއްލިދާނެއެވެ. އެހެން ކަމުން ޡުރޫރަތަކަށްޓަކައި ހެކިބަސް އަދާކުރުމުގައި އަޞްލުކަމުގައިވާ ހަމަލޮލަށް ފެނުމުގެ ޝަރްޠާއި ޚިލާފަށް އިތުބާރުކުރެވޭ މީހުންނަށް ލިބިފައިވާ މަޢުލޫމަތާއި އެއްގޮތަކަށް އެމީހުން އަދާކުރާ ހެކިބަހުގެ މައްޗަށް ބިނާކޮށް ނަސަބު ސާބިތު ކުރުން ހުއްދަވުމެވެ.

މިސާލު: ޤިޔާސުގެ ޢަލީގައި އަޞްލު ޙުކުމާއި ޚިލާފަށް މަގުފަހިވި ޙުކުމް: ވައްކަމުގެ ޢަޞްލު ޙުކުމަކީ އަތްކެނޑުމެވެ. ނަމަވެސް ދަރަނީ މުޢާމަލާތެއްގައި ދަރަނި ދައްކަންއޮތް މުއްދަތު ފާއިތުވެ ދަރަނި އަނބުރާލިބޭނެ އެއްވެސް ގޮތެއްނެތިގެން އަރަނި ވެރިޔަކު، ދަރަނިވެރިޔާގެ މުދަލުން ވައްކަންކޮށްގެން އޭނާގެ ޙައްޤު ނަގައި ފިނަމަ އެކަމުގައި އަތްނުކެނޑުމެވެ. ސަބަބަކީ އޭނާ ނެޤީ އޭނާގެ ޙައްޤުކަމަށްވާތީއެވެ. ދަންނައެވެ. މިފަދަ މައްސަލަތަކުގައި އަތްކެނޑުމުގެ ޙައްދު ޤާއިމު ނުކެރެވުނުކަމުގައި ވިޔަސް އެޢަމުލު ހިންގުމުގައި އެމީހަކު ޤާނޫނައި ޤަވާއިދާއި ޚިލާފުވެފައިވާމިންވަރަކުން ވެރިޔާއަށް ފެންނަ (ޤާނޫގައި ބަޔާންވެގެންވާ) އަދަބުތައް ޙައްޤުވާނެއެވެ.

މިސާލު: އާދަކަދައިގެ މައްޗަށް ބިނާވެގެން އަޞްލު ޙުކުމާއި ޚިލާފަށް މަގުފަހިވި ޙުކުމް: މިކަމުގައި މިވަގުތު ދޭން އެންމެ ރަނގަޅު މިސާލަކީ ކޮވިޑް ގައި ކަރަންޓީނު ހުއްދަވާ މިސާލެވެ. އަޞްލަކީ ނުކުމެ އުޅުމަކީ ޝަރްޢީގޮތުންނާއި ޤާނޫނީ ގޮތުން ހުއްދަ ކަމެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ނުކުމެ އުޅުން މަނާކުރުން ހުއްދައެވެ.

ނ- الاستحسانގެ ގެ ޤަވާއިދު ވުޖޫދު ވުމުގެ ޝަރްޢީ ދަލީލު

الاستحسانގެ ޤަވާއިދު އުފެދިފައިވަނީ އޭގެ އަޞްލު ޤުރްއާނުންނާއި ސުންނަތުންނެވެ. ގިނަ އާޔަތްތަކާއި ޙަދީޘްތައް އެކަމުގެ މައްޗަށް ލިބެއެވެ. މިތާގައި ކުރުކޮށްލުމުގެ ގޮތުން އާޔަތަކާއި ޙަދީޘެއް ދަންނަވާލާނަމެވެ.

ޤުރްއާނުގެ ދަލީލު: (الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَٰئِكَ الَّذِينَ هَدَاهُمُ اللَّهُ ۖ وَأُولَٰئِكَ هُمْ أُولُو الْأَلْبَابِ) މަނައީ: އެއުރެންނީ، ބުނެވޭބަސް އަޑުއަހާ، އޭގެތެރެއިން އެންމެރަނގަޅު ތަކެއްޗަށް تبعވާ މީހުންނެވެ. އެއުރެންނަށް اللَّه ތެދުމަގު ދެއްކެވި މީހުންނީ އެއީއެވެ. އަދި ބުއްދީގެ أهلވެރިންނީވެސް، ހަމައެއުރެންނެވެ.(ޒުމަރު ސޫރަތް 18)

ޙަދީޘުގެ ދަލީލު: (وما رَاهُ المُسلِمُون حَسناً فَهوَ عِندَ اللهِ حسَنٌ) (އަޙްމަދު، މުސްނަދު، 1/379)

ތިންވަނަ އަކުރު: މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން:

ހ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގައި ފިޤްހުގެ ބަސް

ޙަނަފީ މަޒުހަބް: މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން ހުއްދައެވެ. އެއީ ވަޅުލެވފައި ނުވާނަމައެވެ. ޙަނަފީ މަޒުހަބުގެ ބޭކަލުންގެ އަރިހުގައި މައްޔިތާ ނަޤުލުކުރުން ހުއްދަ ކުރެވެނީ އެއްމޭލު ނުވަތަ ދެމޭލު ދުރުމިނުގެ ރާސްތާގެ ތެރޭގައިއެވެ. ނަމަވެސް އެބޭކަލުންގެ އަރިހުގައި އެންމެ އެދެވިގެންވަނީ މައްޔިތާ މަރުވި ސަރަހައްދެއްގައި ވަޅުލުމެވެ. ( އިބްނު ޢާބިދީން، ޙާޝިޔާ، 1/840)

މާލިކީ މަޒުހަބް: މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން ހުއްދައެވެ. އެއީ އެ ނަޤުލުކުރުމުގައި މައްޔިތާގެ ޙުރުމަތް ނުގެއްލޭނަމައެވެ.  (ޢަލީޝް، ފަތުޙުލްޢަލިއްޔިލްމާލިކް..)

ޝާފިޢީ މަޒުހަބް: ޝާފިޢީ މަޒުހަބުގެ އެއް ޤައުލަކީ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން ޙަރާމެވެ. އަނެއް ޤައުލަކީ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން މަކްރޫހެވެ. (އައްޝަރްބީނީ، މުޢުނިލްމުޙުތާޖް، 1/365)

ޙަންބަލީ މަޒުހަބް: ޙާޖަތަކަށް ޓަކައި މެނުވީ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން މަކްރޫހެވެ. ސުއްނަތް ވެގެންވަނީ މަރުވި ހިސާބެއްގައި ވަޅުލުމެވެ. (އަލްބަހޫތީ، ކައްޝާފުލްޤައްނާޢު، 2/97)

ށ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގައި ވާރިޘުންގެ ހުއްދައާއި ޙުކުމް

މައްޔިތަކަށް ޤަޒްފު ކުރެވިއްޖެނަމަ، އިސްލާމީ ޝަރީޢަތާއި ވަޟްއީ ޤާނޫން، މައްޔިތާގެ ވާރިސުންނަށް ދަޢުވާ އުފުލުމުގެ ޙައްޤު ލިބިގެންވެއެވެ. އިސްލާމީ ޝަރީޢަތާއި ވަޟްއީ ޤާނޫން، މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގެ ޙައްޤު ލިބިގެންވަނީ ވެސް ހަމައެކަނި ވާރިޘުންނަށެވެ. މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމުގައި ވާރިޘުންގެ ހުއްދަ އޮތުން ލާޒިމުކުރެއެވެ. (ޢަމްރޫވ، އަޙްކާމު ޖަރާއިމުލްއިޢުތިދާއި ޢަލަލްއަމްވާތް، މާސްޓަރް ތެސީސް،2004 ޖާމިއަތް ނާއިފް، ސަޢުދިއަރަބިޔާ)

އިސްވެދެންނެވުނު ފިޤްހު ޢިލްމުވެރީންގެ ބަސްތައް އެއްކޮށްލުމުން ލިބެނީ ދެ ނަތީޖާއެކެވެ.

ފުރަތަމަ ނަތީޖާއަކީ: މައްޔިތާ ނަޤުލުކުރުމުގެ މަސައްކަތް ލުއިވެފައި، ކަޑައްތުކުރަންޖެހޭ މަގު ކުރުނަމަ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުން އެންމެ ރަނގަޅު ކަމަށެވެ. އެބަހީ މައްސަލައެއް ނެތް ކަމަށެވެ.

ދެވަނަ ނަތީޖާއަކީ: ކާފިރުންގެ ބާރު ހިނގާ ބިމެއްގައި މުސްލިމަކު މަރުވުވުން، ވާރުތަވެރީން، ނުވަތަ ބަލަދުވެރީން އެމައްޔިތާ މުސްލިމު ޤައުމަކަށް ނުވަތަ އަވަށަކަށް ނަޤުލުކުރަން ބޭނުން ވެއްޖެނަމަ އެކަން ހުއްދަ ކަމަށެވެ.

ތިންވަނަ ނަތީޖާއަކީ: މައްޔިތާ މަރުވި ބިމުން އެހެން ބިމަކަށް ނަޤުލު ނުކުރުމަށް سد الذرائع ގެ ޤަވާޢިދު އަޘަރު ކުރާމިންވަރު:

މައްޔިތާ ނަޤުލުކުރުމުގައި އުނދަގުތަކާއި ނުރައްކަލާއި މައްޔިތާގެ ޙުރުމަތް ގެއްލުމާއި ޚަރަދު ބޮޑުވުން ފަދަ ގެއްލުންތަކަށް މަގުބަންދު ކުރުމަށް ޓަކައި سد الذرائع ގެ ޤަވާޢިދުގެ ދަށުން ވާޖިބު ވަނީ ޝަރްޢީ ބޭނުމެއްނުވާނަމަ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުނުކޮށް މަރުވި ސަރަޙައްދެއްގައި އަވަހަށް ވަޅުލުމަށެވެ.

ހަތަރު ވަނަ ނަތީޖާއަކީ: މައްޔިތާ މަރުވި ބިމުން އެހެން ބިމަކަށް ނަޤުލު ކުމުގައި الاستحسانގެ ޤަވާޢިދު އަޘަރު ކުރާމިންވަރު:

އަޞްލަކީ ޖަނާޒާގެ ކަންތައްތައް ވީއެންމެ އަވަހަކަށް ނިންމުމަށްފަހު، ވަޅުލުމެވެ. އެއާއި ޚިލަފަށް މައްޔިތާގެ ޙުރުމަތް ގެއްލިގެންހިގައިދާނެ ދޮރުތައްބަންދުކުރުމަށް ޓަކައި ޝަރްޢީ ބޭނުމެއް އޮވެއްޖެ ނަމަ الاستحسانގެ ޤަވާޢިދުގެ ދަށުން އެދެވިގެންވަނީ ވަޅުލުން ފަސްކޮށް މައްޔިތާގެ ޙުރުމަތް ދެމެހެއްޓުމަށެވެ. މިދުވަސްވަރުގައި މައްޔިތާގެ ހަށިގަނޑު ހަލާކުނުވެ ރައްކާތެރިކޮށް ބެހެއްޓޭނެ ޒަމާނީ ވަސީލަތްތަށް ހުރުމާއިއެކު ޝަރްޢީ ބޭނުމެއް އޮވެއްޖެ ނަމަ މައްޔިތާ މަރުވި ބިމުން އެހެން ބިމަކަށް ނަޤުލު ކުރުމަށް މިޤަވާއިދުން ހުއްދަލިބެއެވެ. 

ބަޙުޘުގެ ނަތީޖާ:

1- ކޮވިޑްގައި މަރުވާ ސިރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ނަޤުލުކުރުމުގެ ޝަރްޢީ ބޭނުމެއްގެ ގޮތުގައި ހުށަހެޅިފައިވަނީ އެންދުމުގެ ބަދަލުގައި ވަޅުލުމަށެވެ. މައްޔިތާ އެންދުމަކީ ޙަރާމްކަމެއް ކަމުގައި ވާތީވެ އެއީ މައްޔިތާ އެއްތަނުން އަނެއްތަނަށް ނަޤުލުކުރުމަށް ހުއްދަ ލިބޭ ޝަރްޢީ އުޒުރެކެވެ. ނަމަވެސް ކޮވިޑްގައި މަރުވާ ސިރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ނަޤުލުކުރަނީ ސިރީލަންކާގެ ސަރުކާރުން ކަމަށް ވެފައި، އަދި ވަޅުނުލައި އަންދަން ނިންމަނީވެސް ހަމަ އެ ސަރުކާރުން ކަމަށް ވާތީ ސިރީލަންކާގެ ސަރުކާރުގެ އެ ޢުޒުރު ޝަރްޢީ މިންގަނޑަށް ނުފެތޭ ކަމަށް ބާޙިޘަށް ބުރަވެއެވެ. އެހެންކަމުން އިސްވެ ދެންނެވުނު سد الذرائع ގެ ޤަވާޢިދާއި الاستحسانގެ ޤަވާޢިދުގެ ދަށުން މައްޔިތާ ނަޤުލުކުރުމާއި ވަޅުލުން ފަސް ކުރުމަށް ލިބޭ ޝަރްޢީ، އަދި ދީނީ ހުއްދަ، ކޮވިޑްގައި މަރުވާ ސިރީލަންކާގެ މުސްލިމުންގެ ހަށިތައް ސިރީލަންކާގެ ސަރުކާރުން ރާއްޖެއަށް ނަޤުލުކުރުމަށް ލިބިގެންނުވާ ކަމަށް ބާޙިޘަށް ފެނެއެވެ.

2- މައްޔިތާ އެއްތަނުން އަނެއް ތަނަށް ނަޤުލުކުރުމުގައި ވާރިޘުންގެ ހުއްދަ އޮތުން އިސްލާމީ ޝަރީޢަތާއި ދުނިޔޭގެ ޤާނޫނުގައި ލާޒިމުވެފައިވާތީވެ ކޮވިޑްގައި މަރުވާ ސިރީލަންކާގެ މުސްލިމުންގެ ހަށިތައް އޭގެ ވާރުތަވެރީންގެ ހުއްދައަކާއި ނުލައި ރާއްޖެއަށް ނަޤުލުކުރުމަކީ ޝަރްޢީ އަދި ބައިނަލް އަޤްވާމީ ކުށެއް ކަމުގައި ބެލެވިދާނެ ކަމަށް ފެނެއެވެ. އެގޮތުން އެކުށުގެ ބައިވެރީންގެ ގޮތުގައި އެ ހަށިތައް ފޮނުވާ ފަރާތާއި އެއާ ޙަވާލުވާ ފަރާތް ހިމެނޭނެ ކަމަށް ޤަބޫލުކުރެވެއެވެ.

3- މައްޔިތާގެ ހަށިގަނޑު އެންދުމުން ސަލާމަތްކޮށް، ވަޅުލުމަށް މަގު ހޯދުމަށްޓަކައި، ދެވަނަ ގޮތެއްނެތިގެން، ކޮވިޑްގައި މަރުވާ ސިރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖެއަށް ނަޤުލުކުރަނީ އޭގެ ވާރުތަވެރީންގެ ފަރާތުން ކަމުގައި ވެއްޖެނަމަ އެއީ ޝަރްޢީ ބޭނުމެކެވެ. އެ ޙާލަތުގައި ޖަނާޒާގެ ކަންކަން ރާއްޖޭގައި ހަމަޖައްސައިދިނުމަކީ ވަރަށް މުހިއްމު އަދި ސަވާބާއި ދަރުމަ ހުރި ކަމެއްމެއެވެ.