...

Support Us

ކޮލަމް: ސައީދުގެ ތުލަ

ޑޮލަރު ތާށިވުމުން ދަރިވަރުންނާއި ބެލެނިވެރިން މާޔޫސްވަނީ

ރާއްޖޭގެ ބިންގަނޑު ތިރިވުމާއި ބިން ކުޑަވުމުގެ ސަބަބުން އެތެރޭގެ އުފެއްދުންތެރިކަމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، ރާއްޖޭގެ އާބާދީއަށް ބޭނުންވާ ހުރިހާ އެއްޗެއް މިޖެހެނީ ރާއްޖެއަށް އެތެރެކުރާށެވެ.

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހިނގާ ކޮންމެ ކަމެއްގެ އަސަރުވެސް ރާއްޖެއަށް ކުރެއެވެ. މިފަދަ ދަތި ދަނޑިވަޅުތަކުގައި، ރާއްޖޭގެ ނާޒުކުކަމާއި އަޅުގަނޑުމެންގެ އަމިއްލަ އިޚްތިޔާރު ކަންކަމުގައި ނެތްކަމުގެ އިހްސާސް ކުރެވެއެވެ.

މިހާރުވެސް ރާއްޖެއަށް ދިމާވެގެން މިއުޅެނީ އެފަދަ ކަމެކެވެ. މިދިޔަ ވަނަ އަހަރު ފަހުކޮޅު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެން ފެށި، ކޯވިޑާ ގުޅިގެން މުޅި ދުނިޔެ، އެއް ގައުމުން އަނެއްގައުމަށް ދަތުރުނުކުރެވޭ ގޮތަށް ރައްޔިތުން "ބަންދު"ވީއެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއްކުރީ، ރާއްޖެ ފަދަ ހަމައެކަނި ފަތުރުވެރިކަމަކީ "ރަންބިސް އަޅާ ކުކުޅު"ގެ ގޮތުގައި ބަލައިގަނެފައިވާ ގައުމުތަކަށެވެ.

ރާއްޖެއިން އެހެން ގައުމުތަކާ ގުޅިގެން ހިންގާ ވިޔަފާރި މުއާމަލާތުތައް ހިންގަނީ ޔޫއެސް ޑޮލަރުންނެވެ. ފަތުރުވެރިކަން ހުއްޓި، ރިސޯޓްތައް ފަޅުވުމާއެކު، "ރަންބިސް އަޅާ ކުކުޅު" ވެސް ވެންޓިލޭޓަރަށް ލާން މަޖުބޫރުވީއެވެ. މީގެ އިތުރުން، ރާއްޖޭގެ އާބާދީއާ ދާދި އެއްވަރުގެ ބިދޭސީ މަސައްކަތްތެރިންގެ މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރުކުރާ މިލިއަން ޑޮލަރަކީވެސް ރިހޭ ފައިގައި އަޅާ އިތުރު ވޭނެކެވެ.

ކޮވިޑްގެ އަލާމާތްތައް ދުނިޔޭގައި ފެށުމުގެ ކުރިންވެސް، ޑޮލަރުގެ ރަސްމީ ރޭޓަށްވުރެ، މަތީ ރޭޓުން ޑޮލަރުގެ ވިޔަފާރި އަންނަނީ ކުރަމުންނެވެ. މި ވިޔަފާރީގައި އަތުރުކުރިއާއި ފައިކުރި އޮޅާލައިގެން އުޅެނީ ބިދޭސީންނެވެ.

ޑޮލަރު ލިބުން ދަތިވުމާއެކު، ރާއްޖޭގެ ބޭންކުތަކުން އަޅަންފެށި ފިޔަވަޅުތަކުން އެންމެބޮޑު އަސަރެއް ކުރީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށެވެ. ޚާއްސަކޮށް ކިޔަވާ ކުދިންނަށެވެ.

ސަރުކާރުގެ ލޯން ސްކީމާއި އަމިއްލަ ޚަރަދުގައި ނަމަވެސް، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ހުރިހާ ޚަރަދެއް މިހާރުވެސް ހަމަޖައްސަނީ އެ ދަރިވަރުންނަށް ނުވަތަ އެ ދަރިވަރުންގެ ބެލެނިވެރިންނަށް ލިބޭ ދިވެހި ރުފިޔާއިން، ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެންނެވެ.

ބޭންކުތަކުން ދޫކޮށްފައިވާ ކާޑުތަކަށް މިހާރު ލިބޭނެ ކަމަށް، ބޭންކުތަކުން ކަނޑައަޅާފައިވާ މިންވަރަކީ، ދަރިވަރުންގެ ޚަރަދުތައް ހަމަޖައްސާލަން އެކަށީގެންވާ މިންވަރު ނޫން ކަމަށްވާތީ، ދަރިވަރުންނާއި ބެލެނިވެރިން ދަނީ އެކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރަމުންނެވެ. އާއިލާއާ ވަކިން ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ޚަރަދުތައް ހަމަޖައްސާނެ ގޮތެއް ނޭނގިގެން ބެލެނިވެރިން އިންތިހާއަށް ކަންބޮޑުވަނީއެވެ. ރާއްޖެއިން ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއެވެ. ކާޑުން، މަހެއްގެ މައްޗަށް ލިބޭ 250 ޑޮލަރަކީ އެއްވެސް ކަމެއް ކުރެވޭނެ މިންވަރެއް ނޫނެވެ. ދެން ޖެހެނީ ކޮންމެ މަހަކުވެސް ބޭންކުގައި ސަލާންޖަހާށެވެ. ސަލާން ޖަހައިގެން މިކަން ހަމަޖެހޭ ފަހަރުވެސް އާދެއެވެ.

ޑޮލަރު ލިބުމުގެ މިހާ ދަތި ޙާލަތެއް ރާއްޖޭގައި އޮތް ނަމަވެސް، ޑޮލަރުގެ ކަޅު ބާޒާރުގައި އެއްވެސް ދަތިކަމެއް ނެތެވެ. ބޭންކުތަކުގެ އޭޓީއެމް ތަކުގައި ކައިރީގައި، ގްރޫޕް ހަދައިގެން ތިބޭ ބިދޭސީން ބޭނުން ޢަދަދަކުން ޑޮލަރުގެ މުއާމަލާތު ކުރަނީއެވެ. މިއީ ކޮންމެވެސް ގޮތަކުން ރާއްޖެއަށް އެތެރެވާ ޑޮލަރު ކަމުގައިވިޔަސް، ރަސްމީ ރޭޓުގައި ޑޮލަރު ވިއްކާ އެއްވެސް ދިމާލެއްގައި މި ޑޮލަރު ހަރުނުލުމަކީ ވަރަށް ބޮޑު ސުވާލެކެވެ.

ޑޮލަރުގެ މުއާމަލާތު ހިންގުމަށް، ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ގަނެ ވިއްކުމަކީ، މަނާކަމެއް ކަމުގައި މަނިޓަރީ ގަވާޢިދު (01 މާރިޗް 1987) ގައި ކަނޑައަޅާފައި ވީނަމަވެސް، ރަސްމީ ރޭޓަށްވުރެ އެތަކެއް ގުނައެއް ބޮޑުކޮށް ރާއްޖޭގައި ބޭރު ފައިސާގެ މުއާމަލާތު ކުރާކަން މުއައްސަސާތަކަށް އެނގޭއިރުވެސް އެކަމާ އެއްވެސް ބަހެއް އެފަރާތްތަކުން ނުބުނުމަކީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ރޯމާ ދުވާލު މަގުމަތީގައި، ބޭރު ފައިސާގެ މުއާމަލާތު މަނާ ރޭޓެއްގައި ކުރާއިރު އެތަން ފެންނަ މީހަކުވެސް ނެތެވެ. ބަލާނެ މީހަކުވެސް ނެތެވެ.

ގާނޫނަކުން މަނާކޮށްފައިވާ ކަމެއް ކުރާއިރުވެސް އެކަން ނުހުއްޓުވި، ނުވަތަ އެއީ ކުށަކަށް ނުވާނަމަ، ގާނޫނުގެ ބޭނުންކޮށްގެން ކަންކަން މަނާ ކުރުމުގެ ބޭނުމަކީ ކޮބައިބާއެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.