Support Us

ކޮލަމް: ނޫވިލު

ދިވެހި ފަސްގަނޑުގައި ދިވެހީން ބާކީކޮށް ބިކަވަނީ…

ވޭތުވެދިޔަ ދިގު ތާރީހުގައި ދިވެހީންނަކީ ޤައުމުގެ ކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންކަމުގައިވެސް ފިސާރި ޝާމިލްވެ، އަމިއްލައަށް އުޅެމުން އައިސްފައިވާ ހީވަގި، މުރާލި އަދި އުނގެނި ދަސްކުރަމުންދާ ބައެކެވެ. މިހެން ބުނެވޭނެ ހުރިހާ ހެއްކެއް، އޭރުވެސް މިހާރުވެސް ފެންނަން ހުރި، ނަމޫނާ ބައެކެވެ.

އީދު ކުޅިވަރުގައި ބޮޑު މަސް ބޭނުމުގެ ހަރަކާތެއް ކުރިއަށް ދަނީ.. -އަދިވެސް ފޮޓޯ: އަބްދުﷲ މުއާޒު

ދިވެހި ތާރީހު ކިޔައިލުމުންވެސް މިކަން ޔަގީންވެއެވެ. އަދި މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހުރި ހަތަރު ސަތޭކަ އަހަރުގެ ކުރި ދައްކުވައިދޭ ޒަމާންވީ ހިރިގަލުގެ މިސްކިތްތަކަށް އެކަނި ބަލައިލި ނަމަވެސް އެހެރީ ލޮލަށް ފެންނާށެވެ. ތާރީހު ބުނާގޮތުގައި މިނިވަންކަމާއި ފުދުންތެރި ކަމުގައިވެސް ދެމިތިބި، މުސްތަގިއްލު ބައެކެވެ. ފަހުރުވެރި ދަރިފަސްކޮޅެކެވެ. ދިވެހީންނެވެ. ދިވެހިރާއްޖެއެވެ. "މޯލްޑިވްސް"އޭ ކިޔައިގެން ބަޔަކު ދިން ނަމެއް ނިތްކުރީގައި ތަތްކޮށްގެން އުޅުނު ބައެއް ނޫނެވެ. "މޯލްޑިވިއަން" އެއްވެސް ނޫނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ. ލިއެކިޔާ އުޅެނީ ވެސް އަމިއްލަ ދިވެހި އަކުރުންނެވެ. ދިވެހިރާއްޖެއެވެ.

ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަނީކީ މިއަދަކު އެކަންޏެއް ނޫނެވެ. އަބަދުވެސް ދިވެހީން އަންނަނީ ކުރިއަރައި ތަރައްޤީވަމުންނެވެ. ސަރަހައްދުގެ އެހެން ޤައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ހަމަކުރަމުންނެވެ. ދިވެހިންނަކީ ކަންނެތްކަމާއެކު އަވަށްޓެރިންގެ އުނގުގައި އޮށޯވެލައިގެން ތިބި ބައެއް ވެސްނޫނެވެ. އަދި ކިއެއްތަ އަމިއްލަވަންތަކަމަކާ އެކު ދެމިތިބި، ވިސްނުންތެރި، ޖެހިލުންކުޑަ، މުރާލި ބައެކެވެ. މި ހުރިހާ ހަރުދަނާ ސިފައެއް ދިވެހީންނަށް ގެނެސްދިނީ މަތިވެރި އިސްލާމީ އަޤީދާއިންނެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

ނަމަވެސް މިއަދު ޤައުމުގައި ބައިބައިވުންތައް އުފައްދާ އަޤީދާ ބަލިކަށިކުރުވާނަމޭ ހިތާ ބަޔަކު ރާވައިގެން ގަސްތުގައި ނުކުމެ ދިވެހީންނަކީ ކަމެއްކުރަން ނުދަންނަ ބަޔަކަށް ހަދައިފިއެވެ. ދިވެހީން ބާކީކުރަން ވެގެންނެވެ. ދިވެހީންގެ ބާރު ކަނޑުވާލެވޭތޯއެވެ. މިދައްކަނީ ސައިހޮޓާ، ކެފޭ، ކުދި ފިހާރަތަކާއި ބޯކޮށާ ތަންތަނާއި ގެސްޓް ހައުސްތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ވަކީން ހާއްސަކޮށް އިމާރާތްކުރުން ފަދަ ބޮޑެތި ސިނާއީ މަސައްކަތްތައް ވެސް ހިމަނައިގެންނެވެ. ވަރަށް ދުރާލައި ރޭވިގެން ހިންގަމުންގެންދާ މިފަދަ އެތައް ކަމެއްގެ ވާހަކައެވެ. ދިވެހީން "ކަންނެތްކޮށްގެން" ނަގަމުންގެންދާ ގިނަގުނަ ނާޖާއިޒް ފައިދާތަކުގެ ވާހަކައެވެ.

ފަތުރުވެރިކަމަށް ބަލައިލިއަސް ގިނަ ޓޫރިސްޓް ރެސޯޓްތަކުގެ މަތީ ފަންތީގެ ވަޒީފާތައް ދެނީ ބިދޭސީންނަށެވެ. ޤާބިލް ދިވެހީން ނެތިގެންނެއް ނޫނެވެ. ސިލްސިލާކޮށް މަޑުމަޑުން ހިންގާ މި ނުރައްކާތެރި ރޭވުން މިހާރު އެންމެ މަތީ ހަރުފަތަށް އަރަންވެސް ފަށައިފިއެވެ. ނަން ބޯޑަކަށް ބޭނުންކުރަނީ "ދިވެހީން ނެތީ" ކަމަށެވެ. ދިވެހީން ތިބޭ ކަމަށް ވަނީ ހަމައެކަނި ވޯޓްލާންވީމައެވެ. މި ހިންގާ ކަންކަމަށް ސަމާލުކަންދީ ހޭލާ ނުތިބެވިއްޖެނަމަ ވޯޓުލާންވެސް ދިވެހީންނަކަށް ނުޖައްސާނެކަންވެސް ޔަގީނެވެ.

ހުޅުލޭ އެއާޕޯޓް ހެދުމުގެ މަސައްކަތް ފަސްދޮޅަހުގެ ކުރީކޮޅު ދިވެހިން ކުރަނީ

 

އެހެންނާފަހެ ދިވެހި ބޭންކުގެ ވެރިއަކަށް ވެސް ކުފޫހަމަވަނީ ކޮންމެވެސް ބިދޭސީއެކެވެ. ވަރަށް ކުޑަ ގޮތަކަށް ފެށުނު ދިވެހި ބޭންކް މިވަރަށް ފުޅާކުރީ ދިވެހީންނެވެ. މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލީމާ މި ބުނަނީ ވެރިއަކަށް ލާންޖެހޭނީ ބިދޭސީއެއް ކަމަށެވެ. ދެން އޮތީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓެވެ. ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެހީންގެ ކޮނޑުމަތީން ވެލި އުފުލައިގެން ދަގަނޑުފިލާ އަތުރައިގެން އެއާޕޯޓެއް ހެދި ދުވަހުން ފެށިގެން އައިސް ދުނިޔޭގައި މިވަގުތު މީހުން އުފުލާ އެންމެ ބޮޑު މަތިންދާބޯޓު ކަމުގައިވާ A380ގެ ބޯޓެއް، ދިވެއްސަކު ދުއްވާފައި ރަންވޭއަށް ތިރިކުރިއިރު އެއާޕޯޓް ހިންގަން އެންމެ އިސް މީހަކަށް ހުރީ ވެސް ދިވެއްސެކެވެ. ނަމަވެސް ކުއްލިއަކަށް މިހާރު ދިވެހީންނަށް ނޭނގޭ، ނުދަންނަ ކަމަކަށް ބަދަލުވެ ދޮން މީހަކު ލައިގެން ނޫނީ ރަންވޭއަށް ބޯޓެއް ތިރިކޮށްލެވޭ ވަރުވެސް ނުވާ ކަމަށް ބަދަލުވެއްޖެއެވެ. ހައިރާންވާ ކަމަކީ ދިވެއްސަކަށް ވެއްޖެއްޔާ ދޭނެ މުސާރައެއްވެސް ނޯވެއެވެ. އެކަމަކު ދޮން މީހަކަށް 30 ހާހުން ވިއަސް ދޭނެ ޔޫއެސް ޑޮލަރުވެސް ހުރެއެވެ. (އެއީ ހަތަރު ލައްކަ ފަސްދޮޅަސް ދެހާސް ހަ ސަތޭކަ ރުފިޔާއެވެ.)

ދެން އޮތީ ދިވެހީންގެ މަސްވެރިކަމެވެ. މި ކަމުގައިވެސް މަސް ބަންދުކުރާ ކާރުހާނާތައް ދޮން މީހުންގެ އަތަށް ދީފައި ދިވެހީން ތިބެންވީ ކަނޑިކިބުރި އަނދެގެން ގޭދޮރުމަތީގައި ތެލިބުރި ބަހައްޓައި އަލިފާންޖަހައި ދެލޮލަށް ދުންއަރުވައި ޖަޒީރާވަންތަކަން ފެންނަ ގޮތަށް މަސް ކައްކާށެވެ. ނޫނީ ބާކީވެގެން ދާންވީއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓުފަހަރު ދުއްވިޔަސް، ހެލިކޮޕްޓަރު ދުއްވަން ދިވެހީންނަށް ދަސްނުވާނޭ ކަމަށް ލިޔެގެން އުޅޭ ފޮތުގެ އެހެން ސަފުހާއެއްގައި މިޤައުމުގެ ވެރިންނަށް ތިބެންޖެހޭނެ މީހުންގެ ނަންތައްވެސް ލިޔެފައި އޮންނަކަން އެއީ ދިވެހީންނަށް ސިއްރެއް ނޫނެވެ. ވިސްނާ ތިބޭށެވެ. މި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ ދިވެހީންގެ ޤައުމެކެވެ.