...

Support Us

ކޮލަމް: ސައީދުގެ ތުލަ

ކޮންޖެޝަން ޗާޖާއި ބަޖެޓް- ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ

"ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" މި ޢިބާރާތަކީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ބަޖެޓަށް އިޝާރާކުރައްވައި ވިދާޅުވި އިބާރާތެކެވެ. އަދި އެ ބަޖެޓަށް ވޯޓު ދެއްވަން ޖެހިވަޑައިގަންނަވާ ފަދަ ޙާލަތެއްގައި ހުންނަވަން ޖެހިވަޑައިގެންފިނަމަ، ބަޖެޓް ފާސްކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދަކީ، އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ އެއްޗެއް، އެއްވެސް ފޮރުވުމެއްނެތި، ވަރަށް ސާފުކޮށް ވިދާޅުވާ ބޭފުޅެކެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން، އިވޭ ވާހަކަތައް ހުރީ ދެކަފިވެފައެވެ. އެއްބައި ބޭފުޅުން ވިދާޅުވާ ގޮތުން، އެއީ، ރާއްޖެއަށް އާރޯކަށް ގެނެސް، ދިވެހިންގެ ހިތްތައް އުފަލުން ފޮޅުވާލާނެ އުއްމީދީ ބަޖެޓެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ، އެއީ އުއްމީދެއްނެތް، ހުސް ޢަދަދުތަކެއްގެ މައްޗަށް ބިނާވެފައިވާ ބަޖެޓެއް ކަމަށެވެ.

ބަޖެޓާ ބެހޭގޮތުން، މަޖިލީހުގެ ކޮމިޓީތަކުގައި ކުރެވުނު މަޝްވަރާގައި، ގަވަރުނަރާއި އޮޑިޓަރ ޖެނެރަލްގެ ކަންބޮޑުވުންތައް ވެސް މީޑިޔާގެ ތެރެއިން އަޅުގަނޑުމެންނާ ހަމައަށް ވަނީ ތިލަވެފައެވެ.

މާލީ އަދި އިގްތިސާދީ ދާއިރާއަކީ އަޅުގަނޑު އެހާ ފަރިތަ ދާއިރާއެއް ނޫނެވެ. އަމުދުން، އެ ދާއިރާއާ ގުޅޭގޮތުން، އިވޭ ބޮޑެތި ބަސްތައްވެސް، ގޫގުލް ކުރުމުންވެސް ދަނީ އަޅުގަނޑުގެ ބޯމަތިންނެވެ. މިއީ އަޅުގަނޑުގެ ގަމާރުކަން ކަމަށް ބައްލަވާށެވެ. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ އެއްޗަކީ، ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަން ޖެހިއްޖެނަމަ، ފައިސާ އިތުރަށް ހޯދަންޖެހޭނެކަމެވެ.

އަންނަ އަހަރުގެ ބަޖެޓުންވެސް ފެންނަނީ އެ މަންޒަރެވެ. ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާއެވެ. ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ 33.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، އިތުރަށް ހޯދަންޖެހެނީ ނުވަތަ ދަރަނިވެރިވާނީ، 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ އަޅުގަނޑަށް އެނގޭ އެންމެ ބޮޑުވަރެވެ.

ދެންޖެހޭނީ 15.5 ބިލިއަން ރުފިޔާ ހޯދާނެ ގޮތެއް އިންތިޒާމް ކުރާށެވެ.

ދައުލަތުގެ 2021 ވަނަ އަހަރުގެ ބަޖެޓާ ގުޅުވައިގެން، އިތުރު ޓެކްސްތަކުގެ ވާހަކަތައްވެސް މިއަންނަނީ ފެންމަތިވަމުންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލަންޖެހޭ ޓެކްސްއަކީ "ކޮންޖެޝަން ޗާޖު"ގެ ގޮތުގައި މާލޭގައި ދުއްވާ އުޅަނދުފަހަރުން ނެންގެވުމަށް ވިސްނަވާ ޓެކްސްއެވެ.

މީގެ ކުރީގައި އުފެދުނު ހުރިހާ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތެއްގެ ތެރެއިން، މާލެއާއި އަތޮޅު ތެރޭގެ ތަފާތު ބޮޑުވެ، މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރުވިއެވެ. މިއީ ރައްޔިތުން ހިތުން ރުހުމުން ކުރި ކަމެއް ނޫނެވެ. އެހެން އެއްވެސް ގޮތެއް ނެތިގެން، އުފަންރަށް ދޫކޮށް މާލެއަށް ބަދަލުވާން ޖެހުނީއެވެ.

ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލެއަކީ، ތޮއްޖެހި، ގުޑާލާނެ ޖާގައެއްނެތް، ދިރިއުޅެން ކަމުނުދާ ތަނަކަށް ވެއްޖެއެވެ. މި ސަބަބު މެދުވެރިކުރުވީ، ރައްޔިތުންނެއް ނޫނެވެ. ސަރުކާރުތަުންނެވެ.

ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ވެރި ރަށަކީ، ހުރިހާ ރައްޔިތުންގެ ތަނެކެވެ. އެގޮތުން މާލެއަކީ ވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށެކެވެ. މާލޭގެ ރަށްވެހީންނާއި އެހެން ރަށްރަށުގެ ރަށްވެހީންގެވެސް ތަނެކެވެ. ތަފާތު ކުރުމެއްނެތިއެވެ. މާލޭގެ ރަށްވެއްސަކަށްވުމުން ލިބޭ ވަކި މޮޅުކަމެއްނެތެވެ.

އަތޮޅެއްގެ ރަށްވެއްސަކަށްވުމުން ލިބޭ ދެރައެއް ނުވަތަ ނިކަމެތިކަމެއްވެސް ނެތެވެ.

މާލެއަށް މީހުން ތޮއްޖެއްސުމުގެ ސިޔާސަތުގެ ތެރެއިން، އަތޮޅުތެރޭގައި ތިބި މީހުން މާލެގެނެސް، މުޅި މާލެ ތޮއްޖެއްސުމަށްފަހު "ކޮންޖެޝަން ޗާޖު"ގެ ގޮތުގައި ރައްޔިތުންގެ އަތުން ފައިސާ ނެގުމަކީ އިންސާފުވެރި ގޮތެއް ކަމުގައި ނުފެނެއެވެ. ސަބަބަކީ މި ދެންނެވި ތޮއްޖެހުން ގެނައީ ރައްޔިތުން ކަމުގައި ނުވާތީއެވެ.

ކޮންޖެޝަން ޗާޖަކީ ކޮންމެހެން ނަގަންޖެހޭނެ އެއްޗެއް ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުން ވިދާޅުވަނީ އެކަމުގެ ސަބަބުން، ދުއްވާތަކެތި މަދުވެ، މަގުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އެ ވިސްނެވުމުން ވިސްނާނަމަ، ދުންފަތުގެ ޑިއުޓީ 200 އިންސައްތަ އަށް ބޮޑުވުމުން، މިގައުމުގައި ސިނގިރޭޓްބޯ އެއްވެސް މީހަކު ހުރެގެން ނުވާނެނޫންތޯއެވެ؟ ނަމަވެސް، ސިނގިރޭޓް އިމްޕޯޓްކުރާވަރު މަދުވި ކަމަކަށް ނުފެނެއެވެ. އަދި ބޯމީހުންވެސް މަދުވި ކަމަކަށް ނުފެނެއެވެ.

ކޮންޖެޝަން ޗާޖު ނެގުމަށް ބާރުއަޅުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުންނަމަ، މިފަދަ ޗާޖުތައް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ނަގައެވެ. އަޅުގަނޑުވެސް އެކަމަށް އެއްބަސްވަމެވެ.

ސުވާލަކީ، އެފަދަ ގައުމުތަކުގައި އޮންނަ ފަދަ "ޕަބްލިކް ޓްރާންސްޕޯޓް" ސިސްޓަމެއް މާލޭގައި އެބައޮތްތޯއެވެ؟ އެފަދަ ކަމަކަށް، މާލޭގެ ބައެއް މަގުތައް (ހަނިކަމުގެ ގޮތުން) އެކަށީގެންވޭތޯއެވެ؟

ލިބޭ އެއްޗަކާ އެއް މިންވަރަކަށް ޚަރަދުކުރުމުގެ ވިސްނުމަކީ ސަރުކާރުންވެސް ގެންގުޅެންޖެހޭނެ ވިސްނުމެކެވެ. އުސޫލެއްނެތި، ސަރުކާރުން ކުރަންޖެހޭ ބޭކާރު ޚަރަދުތައް ކުރުމަށް ރައްޔިތުންގެ ބުރަކަށިތައް ގުރުބާން ކުރުމަކީ ރަގަޅު ގޮތެއް ނޫނެވެ. ސަރުކާރުންވެސް އިގްތިސާދުކޮށް، ޚަރަދުކުރުމުގައި ވިސްނަންޖެހޭނެއެވެ. ބޭކާރު މަގާމުތަކާއި ކުންފުނިތައް އުފައްދަވާކަށް ނުޖެހެއެވެ. ދައުލަތުގެ އާމްދަނީ ނިސްބަތްވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ފައިސާއަށް ކަމަށްވާތީ، އެ ފައިސާ ޚަރަދުކުރުމުގައި ސަރުކާރުން ވިއަސް ޒިންމާދާރު ވާންވާނެއެވެ. އެ ޚަރަދުތައް ކުރެވުނުގޮތް ރައްޔިތުންނަށް ހާމަކޮށްދޭންވާނެއެވެ.

ސަރުކާރުގެ ޚަރަދުތައް ފޫނުބެއްދޭ ކޮންމެ ދަނޑިވަޅެއްގައި އާ ނަމެއްގައި ކޮންމެވެސް ބާވަތެއްގެ ޓެކްސްއެއް ތަޢާރަފްކުރުމުގެ ވިސްނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވިސްނުމެކެވެ.

އުޅަނދުތައް ޕާކްކުރާނެ ޖާގަ ނުދައްކަވާ ޕާކިން ސްޓިކަރ މަތިމައްޗަށް ޖައްސަވަނީއެވެ. މިހާރު މިއައީ އުޅަނދުތައް ތޮއްޖެހޭތީ "ކޮންޖެޝަން ޗާޖް"އެވެ. ބަޖެޓުގެ ދަރަނި ކުޑަކުރުމަށެވެ. ނުވަތަ ސަރުކާރު ހިންގުމަށް ފައިސާ ހޯދުމަށެވެ.

މާލެ މިވަގުތު މިވަނީ އުޅަނދުފަހަރުގެ ސަބަބުން "ކޮންޖެސްޓް" ވުމަށްވުރެ، މީހުންގެ އާބާދީގެ ސަބަބުން "ކޮންޖެސްޓް" ވެފައެވެ. ފައިސާ ހޯދުމަށް "ހެޑް ޗާޖް" ނަންގަވަން ފައްޓަވައިފިނަމަ، މާގިނަ ލާރި ލިބޭނެ ކަމަށް ފެނެއެވެ. އަޅުގަނޑަކީ އިގްތިސާދީ މާހިރަކަށް ނުވިއަސް މިކަހަލަ ލަފައެއް އެރުވިދާނެއެވެ.