Support Us

އިތުރު ބަހުސަކަށް ދާކަށް ނުޖެހެއެވެ.

މިއަދުގެ ދިވެހި މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުންނަށް ބަލައިގަނެވޭނީ ކިހާވަރަކަށްތޯއެވެ؟ އަދި ކުށްކުރުން ހުއްޓުވުން މިއީ ކިހާ ސީރިއަސް މައްސަލައެއްކަން ސަރުކާރަށް ވަޒަންކުރެވޭ ކަމަށް ރައްޔިތުން ގަބޫލް ކުރޭތޯއެވެ؟ އެހެން ކަމަށް ވާނަމަ މިއަދުގެ މާހައުލު މިދަނީ ރަނގަޅު މިސްރާބަކަށްތޯއެވެ؟

ހުޅުމާލެ ކައިރީގައި އޮތް ސަފާރީ ޔޮޓެއްގައި ދާދި ފަހުން ދެ ދިވެއްސަކު ބޭރު ގައުމެއްގެ އަންހެނަކު ރޭޕްކުރި ކަމަށް އަޑުފެތުރިގެންދިޔައެވެ. އަދި ޖެހިގެން އައި 24 ގަޑިއިރުތެރޭ ވާހަކަ ބަދަލުވެ، އެފަދަ ކަމެއް ނުހިނގާ ކަމަށާއި އެއީ ޖިންސީ ގޯނާއެއް ކުރީ ކަމަށް ވެގެންދިޔައެވެ.

ގައުމެއްގައި އެއިރަކު އުޅޭ ބައެއްގެ ފުރާނައާއި މުދަލާއި ދިރިއުޅުމަށް މަސައްކަތްކުރާނެ މާހައުލަކީ ރައްކާތެރިކަން ކޮންމެހެން ލިބެންޖެހޭ ކަންކަމެވެ. އެހެންކަމުން އެފަދަ ހިމާޔަތް ބޭނުންވާތީ ރައްޔިތުން އެކަން ހައްލު ކުރުމަށް ސަރުކާރެއް ބޭނުންވާނެއެވެ.

އިންސާނީ ތަޖުރިބާއިން ދައްކާ ގޮތުގައި ބައެއް އިންސާނުންނަކީ ކުށްތަކަށް އަރައިގަންނަ ބައެކެވެ. ވަކި ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުން ކުސްތަކަށް އަބަދުމެ ދަނީ ބަޔަކު އަރައިގަންނަމުންނެވެ. އަދި މިކަމަކީ އެއްވެސް ފަރުދަކަށް އެކަނިމާއެކަނި ހައްލު ކުރެވޭނެ ނުވަތަ ޖަމާއީ ގޮތުގައިވެސް ހައްލު ކުރެވޭނެ ވަރަށްވުރެ ސީރިއަސް މައްސަލަތަކެއް ދިމާވާނެ ކަންތައް ކަމަށްވާތީ ސަރުކާރެއްގެ ބޭނުން އެއީ ހަމަ ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާނެ މުވައްސަސާއެއް ކަމާ ދޭތެރޭ ޝައްކު ކޮށްގެން ނުވާނެއެވެ. މިއަކަށް އިތުރު ބަހުސެއް ބޭނުމެއްނުވެއެވެ.

އެހެންކަމުން ރައްޔިތުން ސަރުކާރެއް އެކުލަވައިލަނީ އެސަރުކާރަކާ ހަވާލުވާ ބައެއްގެ އަތްމައްޗަށް ވަރަށް ބޮޑު އިތުބާރެއް ދޫކުރަމުންނެވެ. ދެފަރާތުން ވަނީ ވަރަށް ވަރުގަދަ އިޖުތިމާއީ އަހުދެކެވެ. ރައްޔިތުން އެމީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރާ ހަވާލުކުރަނީއެވެ. އަދި ސަރުކާރުން ރައްޔިތުންގެ އެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވައުދުވަނީއެވެ. މިއަހުދާ ދޭތެރޭ ސުވާލު އުފެދޭގޮތަށް ކަންކަން ހިނގާނަމަ ރައްޔިތުންގެ އިތުބާރު އެސަރުކާރަކަށް ލިބޭނެ ގޮތެއް ނުއޮންނާނެއެވެ. އޮވެގެންވެސް ނުވާނެއެވެ. އިތުރު ބަހުސެއްނެތެވެ.

ސަރުކާރަކީ އިންސާނުންގެ ބުއްދިއަށް ފެންނަ އެންމެ ފުރިހަމަ ނިންމުން ނިންމާ ބަޔަކަށްވުން ލާޒިމެވެ. އެނޫން ގޮތަކަށް ސަރުކާރުގެ ކަންކަން ހުންނަ ނަމަ އެއީ ވަގުތުން ވަގުތަށް އެކަމެއް ހައްލު ކުރަންޖެހޭ ކަމެކެވެ. އެފަދަ ކަންކަން ހައްލު ކުރެވޭނީ ސަރުކާރުގައި ތިބީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ފެންވަރު ނެތް ބައެއް ކަމަށް ވާނަމަ، އެބަޔަކަށް ފިޔަވަޅު އެޅި މަގާމުން ދުރުކުރެވިގެންނެވެ. އެހެނީ ސަރުކާރާ ހަވާލުވެގެން ތިބި ބަޔަކީ "އިލްމީ ގޮތުން" އެންމެ މުއްސަނދި ބަޔަކަށް ވާންޖެހެއެވެ. ނޭދެވޭ އަމުލުތައް ތަހުގީގު ކުރުމުގައި ސަރުކާރު މުވައްޒަފުންގެ ފަރާތުން ސީރިއަސްކަން އޮންނަންޖެހޭނެއެވެ. މިއާ ދޭތެރޭވެސް އިތުރު ބަހުސެއް ކުރާކަށް ބޭނުމެއްނުވެއެވެ.

ކުށްކުރާ ފަރާތްތަކުން ކުށްކުރުމަށްފަހު އަބަދުވެސް ފިލަން މަސައްކަތް ކުރާނެއެވެ. އަދި ދިވެހިރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި، މީސްކޮޅު މަދުވެފައި އެއްބަޔަކު އަނެއްބަޔަކުގެ ތިމާގެ މިންވަރު، އެކަކު އަނެކަކާ ކައިރިކަމުން ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކާ ކުށްކުރާ މީހަކާ ތިމާގެވުން އޮންނާނީ ވަރަށް ކައިރީގައެވެ. އެފަދަ ހާލަތެއްގައި ކުށްކުރާ މީހާ "ބަސްޓްވެފައި" ބޯދަމައިގަނެވޭނެ ގޮތެއް އޮތިއްޔާ ސަރުކާރުގައި ހުންނަ ތިމާގެ މީހާގެ ފަރާތުން އެ ކުށުން ބަރީއަވުމަށް އާއްމު ގޮތެއްގައި އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރާނެއެވެ. މިއަކަށްވެސް އިތުރު ބަހުސެއް ބޭނުމެއް ނުވެއެވެ.

ތިމާގެ ބައްޕަ އަދި މަންމަ ކަމުގައިވިޔަސް ކުށެއް ކުރި ކަމަށް ތުހުމަތުވެއްޖެނަމަ ފުރިހަމަ ތަހުގީގު ހިންގައި އަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެއެވެ. އެންމެ ފަރުދަކާ ހެދި މުޅި ރައްޔިތުންގެ އިތުބާރު ގެއްލުވައިލައި، މުޅި ސަރުކާރު ބަދުނާމުވެގެން ވެސް ކުށް ކުރިމީހާ ފިލުވަން މަސައްކަތް ކޮށްފިނަމަ ސަރުކާރުގެ އިތުބާރު ގެއްލި ސަރުކާރާއި ރައްޔިތުންނާ ދެމެދު ވެވުނު އަހުދު ބާޠިލްވާނެއެވެ. އެހެންކަމުން މިކަމުގެ ސީރިއަސްކަމުގެ ބަހުސަކަށްވެސް އިތުރަކަށް ދާކަށް ނުޖެހެއެވެ.

ދާދިފަހުން ދިމާވި ސަފާރީގެ މައްސަލާގައި އާއްމު ރައްޔިތުން ވަނީ އެކަމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އެއް އަޑަކުން ބުނެފައެވެ. އަދި ޚުދު ފުލުހުންގެ ބަޔާނުންވެސް އެކަމުގައި ކުށްތަކެއް ހިނގައިފައި ހުރި ކަމަށް ވަނީ އިއުތިރާފްވެފައެވެ. ރާއްޖޭގެ ގާނޫނާ ޚިލާފް އަމަލުތަކެއް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ވަރަށް ޒިންމާދާރު ކުޑަ ގޮތަކަށް ކުށާ ދޭތެރޭ ނަޒަރު ކުރެވުނު ކަމަށް ފުލުހުންގެ ބަސްދީގަތުމެއްގައި ދޭހަވެގެންދިޔައެވެ.

ރާއްޖެއަކީ ބޭރު ގައުމުތަކުން އަންނަ މެހުމާނުންނަށް ރައްކާތެރި އަދި ގައުމުގައި އުޅޭ ރައްޔިތުންނަށް ރައްކާތެރި ފުރިހަމަ މެހުމާންދާރީ ލިބޭ ތަނަކަށް ހަމަ ކޮންމެހެން ވާންޖެހެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ހިނގާބިނގާވެ އުޅުމާއި ތަންތަނަށް ޒިޔާރަތްކުރުމާއި އަދި ބޭރު ގައުމުތަކުން އަންނަ ފަރާތްތަކަށް ދުނިޔޭގައި ވަކި އެހެން ތަނަކުން ނުލިބޭނެ ރައްކާތެރިކަން މިތަނުގައި ކަށަވަރު ކުރަންޖެހެއެވެ. އެއީ ސަރުކާރުގެ ބޮޑު މަސްއޫލިއްޔަތެވެ. މިއާ ދޭތެރޭވެސް އިތުރަކަށް ބަހުސަކަށްދާކަށް ނުޖެހެއެވެ.

ދިމާވި މި ހާދިސާއިން ވަރަށް ބޮޑު މައްސަލަތަކެއް ހުރިކަމަށް ރައްޔިތުން މިވަނީ އިއްތިފާގުވެފައެވެ. ރާއްޖޭގައި މިފަދަ ކަންކަން ހިނގައިގެން ނުވާނެ ކަމަށް ހަމަ އެންމެ ރައްޔިތުން އެއްބަސްވެއެވެ. އެކަމުގައި ސަރުކާރުން އަމަލުކުރި ގޮތް ރައްޔިތުންނަށް ވަނީ ކަށަވަރުވެފައެވެ. ގެއްލިއްޖެ އިތުބާރެއް އަލަކުން ނުލިބޭނެއެވެ. އެކަން ވެ ނިމިއްޖެއެވެ. ރައްޔިތުން ގޮތް ނިންމައިފިއެވެ. މިއަކަށްވެސް އިތުރު ބަހުސަކަށް ދާކަށް ނުޖެހެއެވެ. އަދި މިރާއްޖޭގައި މިފަދަ އަމަލެއް ތަކުރާރު ވުމަށް ދިވެހި ރައްޔިތުން ބޭނުން ނުވާނެކަން ވެސް ކަށަވަރުވެ އިތުރު ބަހުސަކަށް ދާކަށް ނުޖެހެއެވެ.

ރައްޔިތުން ހޭލާ އެބަތިއްބެވެ. ސަރުކާރުގެ މަސްލަހަތު އެއީ އެންމެ ބޮޑު މަސްލަހަތެވެ. ފަރުދަކަށް އެވަރު އަންގައިދިނުން ސަރުކާރަށް ލާޒިމުވާކަމާ ދޭތެރޭވެސް އިތުރު ބަހުސަކަށް ދާކަށް ނުޖެހެއެވެ. ރައްޔިތުންގެ މިސްރާބު ހުރީ މިހެންނެވެ. އެހެން ނޫން ކަމަށް ވާނަމަ ރައްޔިތުން މިސުވާލު ކުރިމަތިނުކޮށް ނުތިބޭނެއެވެ. މިކަމަށްވެސް އިތުރު ބަހުސަކަށް ދާކަށް ހަމަ ނުޖެހެއެވެ. ބޭނުންވާ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރު ނުވަނީހެއް އިންސާނުން ދުލެއް ނުދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *