Support Us

ކޮލަމް: ކެޔޮނިރު

އުފާވެރި ޖުމްހޫރީ ދުވަހެކޭ ކިޔާނެ އެއްވެސް ބޭނުމެއް މިއަދަކު ނެތެވެ!

މީގެ ދެތިން މަސް ދުވަސް ކުރީން މި ދިވެހި ޤައުމުގެ މިނިވަން ދުވަސް އަޅުގަނޑުމެން ފާހަގަކޮށްފީމެވެ. މިއަދު މި ފާހަގަ ކުރަނީ ޤައުމުގެ ޖުމްހޫރީ ދުވަހެވެ. މިފަދަ ދުވަސްތައް އަންނަމުން، ފާއިތުވަމުންދާއިރު ދިވެހީން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޤައުމަށް މިއަންނަ ބަދަލުތަކާއި ޤައުމުގެ މިސްރާބު ހުރީ ކޮން ދިމާލަކަށްތޯ ބަލައި ވިސްނާން އެބަޖެހެއެވެ. ރާއްޖެ ފަދަ ކުދި އެހެން ޤައުމުތަކަށް އަންނަ ބަދަލުތަކުން މިސާލު ނަގަންޖެހެއެވެ. އެގޮތުން ބަލާއިރު، މިސާލަކަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަކީ ދިވެހި ރާއްޖެއާ އެއްގޮތް ކަންތައްތަކެއް ހުރި ޤައުމެކެވެ. އިނގިރޭސީންގެ ދަށުން ދިވެހި ރާއްޖެ 1965 ވަނަ އަހަރު މިނިވަން ވީއިރު، ޔޫ.އޭ.އީ އަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނީ އޭގެ ހަ އަހަރު ފަހުން، 1971 ވަނަ އަހަރުއެވެ. ދިވެހި ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް ފަސް ލައްކަ ކަމުގައިވާއިރު ޔޫ.އޭ.އީގެ އާބާދީ އަކީ ގާތްގަނޑަކަށް ދިހަ ލައްކަ އެވެ. ޔޫ.އޭ.އީގެ ރައްޔިތުންގެ އާބާދީ އަކީ އެންމެ އެއް މިލިއަން ކަމުގައިވާއިރު އެ އެންމެންނަކީ ވެސް މުސްލިމުންނެވެ. ނަމަވެސް ޔޫ.އޭ.އީގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ އާބާދީ ހައިރާންވާހާ ގިނައެވެ. އެއީ އާބާދީގެ އަށް ގުނަ، ނުވަތަ ގާތްގަނޑަކަށް އަށް މިލިއަނެވެ. އަށް މިލިއަން ބިދޭސީންގެ މައްޗަށް އެއްމިލިއަން ރައްޔިތުން ވެރިކަން ކުރާއިރު ޔޫ.އޭ.އީގެ އަޮފީސްތަކާއި ކުންފުނިތަކުގެ މުހިއްމު ގިނަ ވަޒީފާތައް އަދާ ކުރަނީ ބިދޭސިންނެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ، ޝްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް ފަދަ ދެކުނު އޭޝިއާގެ ޤައުމު ތަކުގެ މީހުންނެވެ.

ދިވެހި ރާއްޖޭގެ މިސްރާބު ވެސް ހުރީ މިފަދަ ދިމާލަކަށް ކަމަށް ލަފާ ކުރެވެއެވެ. ދިވެހީންގެ އާބާދީ މިލިއަނަކަށް އަރާއިރު ދިވެހި ޤައުމުގައި ބިދޭސީންގެ އާބާދީ އަށް މިލިއަނަށް އެރުމަކީ ވުން އެކަށީގެންވާ ކަމެކެވެ. ޔޫ.އޭ.އީގެ ބިދޭސީ އާބާދީގެ ތެރޭގައި އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެއީ 34 ލައްކަ ނުވަތަ 3.4 މިލިއަނެވެ. ދިވެހި ރާއްޖޭގެ ދައްޕަރުގައި ބިދޭސީ އިންވެސްޓަރުންނަށް "ސެކަންޑް ހޯމް"ގެ ނަމުގައި ގެ ގަނެގެން ރަށްވެހިކަމުގެ ދާއިމީ ވިސާ ހޯދައިގެން ބޭރު މީހުންނަށް އުޅެވޭ ގޮތަށް ރާއްޖޭގެ ޤާނޫނު މިހާރު އެދަނީ ފާސް ކުރަމުުންނެވެ. ދެލައްކަ ފަންސާސް ހާސް ޑޮލަރު އިންވެސްޓް ކުރުމުން ދާއިމަށް ރައްވެހިކަން ލިބެއެވެ. އެއާއެކު ބޭރުގެ، ހާއްސަކޮށް އިންޑިއާގެ، އެތައް ބަޔަކު އައިސް ދައްޕަރު، ގުޅީފަޅު، ހުޅުމާލެ އަދި އައްޑޫ ސިޓީ ފަދަ ތަންތަނުން ގެ ގަނެގެން، ދާއިމީ ރަށްވެހީންގެ ގޮތުގައި ރާއްޖޭގައި ދިރިއުޅެ، ވިޔަފާރި ކުރަން ފަށާނެއެވެ. ދުވަސްކޮޅަކުން މުޅި ދިވެހި ޤައުމުގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުން ފެށިގެން ގޮސް ބޮޑެތި ވިޔަފާރިތައްވެސް ކޮންޓްރޯލް ކުރާނީ ބިދޭސީންނެވެ. ހާއްސަކޮށް އިންޑިއާ މީހުންނެވެ.

މުސްލިމް ނޫން ބިދޭސީންގެ އާބާދީ ބޮޑުވީ ވަރަކަށް އެ މީހުންގެ އެދުންތައް އިތުރުވެ، އެމީހުން އަޅުކަން ކުރާނެ ފައްޅިތައް އަޅައިދިނުމަށް އެމީހުން ޑިމާންޑް ކުރާނެއެވެ. އަދި އެކަމަށް އެމެރިކާ، އިންޑިއާ އަދި ޔޫ.އެން އާއި އީޔޫ ފަދަ ބައިނަލްއަޤްވާމީ ފަރާތްތަކުން ބާރު އަޅަން ފަށާނެއެވެ. ޔޫއޭއީގައިވެސް ކަންވީ އެފަދައިންނެވެ. ޔޫ.އޭ.އީގައި އުޅޭ ހިންދޫން އަޅުކަން ކުރުމަށްޓަކައި އިންޑިއާއިން ބޭރުގައި އަޅާ އެންމެ ބިޔަ ހިންދީ ފައްޅި އިމާރާތް ކުރުމުގެ މަޝްރޫއު ފެއްޓުމުގެ ހުއްދަ 2015 ވަނަ އަހަރު ދެއްވީ ޔޫ.އޭ.އީގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދް ދެއްވިއެވެ. އެ ފައްޅި ހުރި ބިމުގެ ބޮޑުމިނަކީ ފަސް ލައްކަ އަކަ ފޫޓެވެ. އަރަބި މުސްލިމް ޤައުމެކެވެ. އާބާދީގައި ހުސް މުސްލިމުންނެވެ. ނަމަވެސް ވަޒީފާ އަދާކުރަން ގެނައި އިންޑިއާ މީހުންގެ ބާރު ޔޫ.އޭ.އީގައި، އެޤައުމުގެ ރައްޔިތުންނަށް ވުރެ ގަދައެވެ. ފަސް ލައްކަ އަކަފޫޓުގެ ހިންދީ ފައްޅި އެހެރީ އަޅާފައެވެ. ދިވެހި ރާއްޖެ މިދާ މިސްރާބުން އިންޑިއާގެ ހިންދޫ ފައްޅިއެއް ރާއްޖޭގައި އަޅާނެ ދުވަސް ވަރަށް ކައިރި ވެއްޖެ ކަމަށް ފެނެއެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އިންޑިއާ އިން އިމާރާތް ކުރަމުންދާ ބިޔަ މިލިޓަރީ މަރުކަޒު އެހެރަގެން ނިމެނީ އެވެ. އައްޑޫ އާއި ލާމުއަތޮޅުގައި އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރާއި އިންޑިއާ ސިފައިން އެބަތިއްބެވެ. އުތުރުން ހަނިމާދޫގައި އިންޑިއާ ސިފައިން ދުއްވާ ޑޯނިއާ މަތިންދާ ބޯޓަކާއި އިންޑިއާ ސިފައިން އެބަތިއްބެވެ. އިންޑިއާ އާއި އެކު ދިވެހި ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ތަފްސީލް ތަކާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު މީޑިއާ އަށް ހާމަކުރަން ސަރުކާރު ދެކޮޅުހަދައެވެ. ހަމަ އެފަދައިން އެމެރިކާ އާއި އެކު ދާދި ފަހުން ދިވެހި ސަރުކާރުން ސޮއިކުރި ޑިފެންސް އެއްބަސްވުމުގެ ތަފްސީލް ދިނުމަށް ވެސް ދިވެހި ސަރުކާރު ދެކޮޅެވެ. ޤައުމީ ސަލާމަތް އުޒުރަކަށް ދައްކާފައެވެ.

ދިވެހި ސިފައިންގެ ބަނދަރެއް ކަމުގައިވާ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނާއި އިންޑިއާގެ މަނަވަރުތައް ބޭތިއްބޭ ގޮތަށް އިންޑިއާ އާއި އެކު ދިވެހި ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ދާދި ފަހުން ދިވެހި ނޫހަކުން ރިޕޯޓްކޮށްފައި ވެއެވެ.


ރާއްޖޭގެ ރިސޯޓް ތަކަށް އިންވެސްޓް ކޮށްގެން ތިބި ބިދޭސީ އިންވެސްޓަރުންނަށް އެމީހުންގެ ރިސޯޓްތައް ކުއްޔަށް ދީފައިވާ މުއްދަތުގެ ތެރޭ އެމީހުންނަށް އުޅެވޭ ގޮތަށް ރާއްޖެއިން އެމީހުންނަށް ގޯތި ވިއްކަން ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާކަން ދާދި ފަހުން ވަނީ ހާމަކުރައްވާފައެވެ. އެންމެ ދެލައްކަ ފަންސާސް ހާސް ޑޮލަރު އިންވެސްޓް ކުރުމުން ރާއްޖޭގެ ރަށްވެހިކަން ލިބޭގޮތަށް ޤާނޫނަށް ބަދަލު ގެނައުމުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މީ ވަރަށް މޮޅު ކަމެއްގެ ގޮތުގައި އިޝްތިހާރު ކުރައްވައި ޓްވީޓް ކުރައްވާފައެވެ. އެމްޑީޕީގެ ސަރުކާރުން ދިވެހި ޤައުމު ބޭރުގެ ފަރާތްތަކަށް ހުޅުވަމުންދާ ސިލްސިލާގެ އިތުރު އެހެން ބޮޅެއްވެސް މިވަނީ ވުޖޫދުވެފައެވެ. އައިލެންޑް އޭވިއޭޝަން ފަދަ ދިވެހި ސަރުކާރު ސަތޭކަ ޕަސަންޓު އޮންނަ ކުންފުނިތަކުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކައިގެން ޤައުމުގެ ދަރަންޏާއި ހަރަދުތައް ހަމަޖެއްސުމުގެ ބޮޅެކެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މޯލްޑިވިއަންގެ ހިއްސާ ވިއްކުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ސްޕައިސް ޖެޓް އެއާލައިނަށެވެ. އަދި މުއާސަލާތީ ހިދުމަތްދޭ އިތުރު ކުންފުންޏެއް ހެދުމުގެ ހުއްދަދީ، އެކަމުގެ ހުއްދަ އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ދިވެހި ސަރުކާރުން ތައްޔާރު ވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.

ނޮވެމްބަރ 9 ވަނަ ދުވަހު އިންޑިއާގެ ފޮރިން ސެކްރެޓްރީ ރާއްޖެ ވަޑައިގެންނެވި ދަތުރުގެ ތެރެއިން އިވުނު އެއް އަޑަކީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް އ.ދގެ އާއްމު މަޖުލީހުގެ ރައީސްކަން ހޯދައިދިނުމަށް އިންޑިއާ އިން އެހީވާ ވާހަކައެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު ރައީސް ނަޝީދު މިހާރު މިވަނީ އިންޑިއާގެ ފޭވަރިޓް ބޯއިގެ މަޤާމުން ދެވަނަ އަށް ވެއްޓިފައެވެ. މިހާރު އެމަޤާމް ލިބިފައިވަނީ އަބްދުﷲ ޝާހިދަށެވެ. އިންޑިއާގެ ނުފޫޒު އިތުރަށް ގަދަކޮށް 2023 ގައި ރައީސް ކަމަށް އިންޑިއާއިން ނަގައި ދައްކާނީ އަބްދުﷲ ޝާހިދު ކަމަށް ބެލެވެއެވެ.

އެމްޑީއެން އާއި އުތެމަ ފަދަ މަދަނީ ޖަމާއަތްތަކުން އިސްލާމް ދީނަށާއި ކީރިތި ރަސޫލުﷲ ﷺ އަށް ބަދުބަސް ބުނުމުން އެ ޖަމާއަތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު އަޅަން ނުކެރުނު ސަރުކާރަކުން މިހާރު ފެންނަ މަންޒަރަކީ މުހިއްމު ގިނަ މުއައްސަސާ ތަކުގައި އެމްޑީއެން އާ ގުޅުން ހުރި ފަރާތްތައް ތިބި ތަނެވެ. ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމަކީ އެމްޑީއެންގެ ލާދީނީ ރިޕޯޓް ނެރުނުއިރު އެމްޑީއެންގެ ރައީސެވެ. ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަކީ ވެސް ކުރީން އެމްޑީއެންގެ މެމްބަރެކެވެ. ރައީސް އޮފީހާއި އެނޫންވެސް މުހިއްމު އެތައް މުއައްސަސާއެއްގައި އެމްޑީއެން އާއި އުތެމައާ ގުޅުން ހުރި ފަރާތްތައް އެބަތިއްބެވެ.


ރައީސް ސޯލިހަށް ފާޅުގައި ތާއީދު ކުރައްވާ ސިޔާސީ ފަރާތެއް ކަމުގައިވާ، އަދި މާލޭގެ މޭޔަރ ކަމަށް ކުރިމަތި ލައްވާފައިވާ ފަރާތެއް ކަމުގައިވާ އަލްހާން ފަހުމީ ދޭތެރެ ދޭތެރެއިން ދައްކަވާ ވާހަކައިންވެސް ބިރުވެރި މަންޒަރެއް އެބަފެނެއެވެ. މަސްތުވާ ހިކި އެއްޗެއް ކަމުގައިވާ ވީޑް ރާއްޖޭގައި ހުއްދަކުރުމަށް އަލްހާން ދާދި ފަހުން ގޮވާލައްވާފައިވެއެވެ. އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން މި ނޮވެމްބަރ މަސްތެރޭ އެޤައުމުގެ 21 އަހަރުން މަތީގެ މުސްލިމުންނަށް ބަނގުރާ ގަނެ، ވިއްކައި، ބޮއެ ހެދުމަކީ ހުއްދަ ކަމެއް ކަމަށް ކަނޑައެޅުމުން ދިވެހި ރާއްޖޭގައި ވެސް އެފަދައިން ހަދަން ފެންނަ ކަމަށް އަލްހާން ޓްވީޓް ކުރައްވާފައި ވެއެވެ. އަލްހާންގެ މިފަދަ ވާހަކަ ތަކަކީ ރައްޔިތުންގެ ވިންދު ހުރި ގޮަތް ސަރުކާރުން ބަލައިލާން ވެެގެން ކުރާ ޓެސްޓަކަށް ވެސް ވެދާނެއެވެ. ޔޫއޭއީ އިން މިގެނައި ބަދަލުތަކުގެ ތެރޭގައި 21 އަހަރުން މަތީގެ ޔޫއޭއީ މުސްލިމުންނަށް ކައިވެނިން ބޭރުގައި އެއްކޮށް އުޅުމުގެ ހުއްދަވެސް ވަނީ ދީފައެވެ. ރާއްޖޭގައި ކެސިނޯ އެޅުމުގެ ހުއްދަދިނުމުގެ ޤަރާރެއް ވެސް ދާދި ފަހުން މަޖުލިހަށް ހުށަހެޅުނެވެ. ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރުގެ ޤަރާރު އެވަގުތު ބަލައިނުގަތަސް ފަހުން ވާނެ ގޮތެއް ނޭނގެއެވެ. އަލްހާން ތާއިދު ކުރައްވާ ގޮތަށް، ޔޫއޭއީ އިން ހުއްދަ ދިން ފަދައިން، ރާއްޖޭގައި 21 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ރާ ބުއިމުގެ ހުއްދަ ދޭ ދުވަސް ވެސް މާދުރު ހެެނެއް ހިއެއް ނުވެއެވެ.

އިންޑިއާ އާއި ދިވެހި ރާއްޖޭގެ ގުޅުން ބަދަހިވަމުން މިދާ ރޭޓުގައި ކުރިއަށް ގޮސް އިންޑިއާގެ ނުފޫޒު މި ދިވެހި ޤައުމުގައި އިތުރުވަމުން މިދާ ރޭޓުގައި އިތުރުވަމުން ގޮސް، މާގިނަ ދުވަހެއް ނުވެ ޔޫއޭއީގައި އެޅި ވަރުގެ ހިންދީ ފައްޅިއެއް ރާއްޖޭގައި އަޅައި، އިންޑިއާ ނަސްލުގެ މީހުންނަށް ދިވެހި ރައްޔިތުކަން ދީ، 21 އަހަރުން މަތީގެ މީހުންނަށް ރާ ބުއިމުގެ ހުއްދަދީ، އެއް ޖިންސުގެ މީހުންނަށް ކައިވެނި ކުރުމުގެ ހުއްދަވެސް ހަމަ ދީފާނެއެވެ. ދިވެހި ރާއްޖޭގެ މިސްރާބު ހުރީ ޔޫއޭއީގެ މިސްރާބަށެވެ. ޔޫއޭއީ އަށް އިންޑިއާގެ އަތްގަދަކޮށް އިންޑިއާގެ މުށުތެރެއަށް ޔޫއޭއީ ލާފައިވާ ގޮތަށް މި ދިވެހި ޤައުމުވެސް މިދަނީ އިންޑިއާގެ މުށުތެރެއަށް ލެވެމުންނެވެ. ދެން 2023 އޭ ކިޔާ ބަޔަކު އެހެން ކިޔަކިޔައި ތިބޭށެވެ. އޭގެ މާކުރީން އިންޑިއާ ހަދާނެ އެއްޗެއް ހަދައި ނިންމާނެކަން ޔަޤީނެވެ. އުފާވެރި ޖުމްހޫރީ ދުވަހެކޭ ކިޔާނެ އެއްވެސް ބޭނުމެއް މިއަދަކު ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
231

One Response

  1. ބުޝްރީގެ މުއްސަނދި މައުލޫމާތު މިޤައުމާއި ހިއްސާކޮއްދެއްވާތީ ވަރަށްއުފާވެއެވެ މިއީ ހަމަ ހަޤީގަތެވެ އިންޝާﷲ މިރާއްޖެ މިމަކަރުވެރި ދަންތޫރައިންނެއްޓި ސަލާމަތުގެ އަށްސޭރިއަކަށް ގެންދާނެ ދިވެހިދަރީން އަދި ނުކުންނާނެ.. މިނިވަން ދުވަހެއް ޖުމްހޫރީ ދުވަހެއް މިއަދަކު ނެއް… މިދާރޭޓުންދަންޏާ އީދު ރޯދަ ފަދަދުވަސްތައްވެސް ގެއްލިދާނެ.. ހޭލާ ހޭލާ ހޭލާ ދިވެހީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *