Support Us

ހިބަރުވަދާއި މިޔަރުވަދުވެސް ނުދުއްވާނެ ކަމަށް ޤަބޫލުކުރާނީ ކިހިނެއްތޯ؟

އަހަރެމެންގެ، އާދެ ދިވެހިންގެ މިއަދުގެ އިޖުތިމާޢީ ހާލަތު މިހާރު އޮތް ގޮތާމެދު ވިސްނާލާއިރު ފެންނަނީ އެހާރާ އަޅާބަލާއިރު ވަރަށް ތަފާތުކޮށެވެ. އެހާރާ އަޅާކިއުމުގެ ނަޒަރަކުން ބެލުމުގެ ގޮތުން އެއްޗެއް ދަންނަވާކަށް ނެތީމެވެ.

ޝައްކެއް ނެތް ގޮތުގައި އަޅުގަނޑުމެންގެ އިޖުތިމާޢީ ހަޔާތުގައި މައްސަލަތަކެއް ހުރިކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. ނަމަވެސް އަޅުގަނޑަށްވެސް ޤަބޫލުކުރެވެނީ ހާލަތަށް ބަދަލު އަންނާނެ ކަމެވެ. މިއަންނަ ބަދަލުތަކަކީ ޖަމާޢަތަށް ފައިދާކުރާނެ ކަންކަމަށް ނުވުމަކީ މިކަމަށް އެދެވޭ ގޮތެވެ. މިގޮތުން ތަފާތުތައް ހުރި ދާއިރާތަކަށް ބަލާއިރު އަދުލް އިންސާފް، އިޤްތިޞާދު، ދީނީ، ސިޔާސީ މުޢާމަލާތްތައް އަދި ތިމާވެށި ފަދަ ދާއިރާތައް ފާހަގަކޮށްލަންޖެހެއެވެ.

އަޅުގަނޑުމެންނަކީވެސް މި ބަވަނަވެފައިވާ ދުނިޔޭގައި ހިމެނޭ ޤައުމެކެވެ. މީސްކޮޅު މަދު ނަމަވެސް އަޅުގަނޑުމެން އުޅެންޖެހޭ ގޮތާއި އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެންނަށް އިޚްތިޔާރު ލިބިގެންވާ ބައެއް ކަމުގައި ވާންޖެހެއެވެ. އެހެނަސް ހިތާމައަކީ މިކަން މިގޮތަށް ހިނގާކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤައުމެއްގެ ނިސްބަތުން ބަލާއިރު އެޤައުމެއް ހިންގުމަށްޓަކައި ތިބި ބަޔަކީ ރައްޔިތުންގެ ހަޤީޤީ ހޮވުމަކުން އައިސްފައިވާ ބައެއް ކަމުގައިވުން ލާޒިމެވެ. މިކަން މިގޮތަށް ނުވާނަމަ މިކަމަކީ އަޅުގަނޑުމެންގެ އުޞޫލުތަކާ ޚިލާފްކަމެކެވެ. އެހެނަސް މިކަން ކުރުމަށް ތެދުވާނީ ކާކުހެއްޔެވެ؟ ބައެއްގެ އިޢުތިރާފުން އިޢުލާންކުރެވޭ ކަންކަމުގައިވެސް މިފަދަ ކަންކަމަށް އިޢުތިރާފްވުމުން އެކަމެއް އެއީ ނުރަނގަޅު ކަމެއްކަމާ އެކު ބަލާނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމެއްކަމަށް ބުނާނީ ކާކުހެއްޔެވެ؟

މިގޮތުން މިސާލެއް ދަންނަވާނަމަ މިހާރު މިއޮތް ސަރުކާރު އައީ ބޭރު ޤައުމެއްގެ އެހީތެރިކަމުން ކަމަށް ސަރުކާރުގެ އިސްވެރިޔަކު ދުނިޔެއަށް އިޢުލާންކުރުމުން އެކަން ބެލުމަށް އެދުނީ ކާކުހެއްޔެވެ؟ މިކަމަކީ ބަލަންޖެހޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ޤާނޫނުތަކާ ޚިލާފަށް ކަމެއް ހިނގައިފިކަން މިފެންވަރުގެ ބޭފުޅަކު މީޑިޔާގައި ބަޔާންކުރުމުން މިއީ ބެލެވެންޖެހޭނެ ކަމެކެވެ. އުފެދޭ ސުވާލަކީ މިފަދަ ކަންކަން އިސްލާޙްކުރުމަށް ޖަމާޢަތުން އިސްނަގާނެ ފަރުދެއް ނެތް ކަމެވެ. ޤާނޫނުން ވަނީ މިފަދަ ކަންކަން ރަނގަޅުކޮށް އިޞްލާހް ގެނައުމަށްޓަކައި ކޮންމެ ފަރުދަކަށްވެސް ފުރުޞަތު ދީފައެވެ. އެހެންކަމުން އަހަރެމެން ޒިންމާ ނުނަގައި އެވާހަކަ ދައްކަނީ ކީއްވެގެންހެއްޔެވެ؟ ކޮންމެވެސް ބިރެއް އޮތީ ހެއްޔެވެ؟ ނުވަތަ އެކަމެއް ބެލޭނެކަމާ މެދު ޔަޤީންކަން ނެތީހެއްޔެވެ؟ ތިބާގެ ކަމެއް ބަލައިދިނުމަށް އަދި އެހީތެރިވުމަށް އެހެން މީހަކު ހެޔޮ އެދިގެން ނާންނާނެއެވެ. އަހަރެމެންގެ ޖަމާޢަތް އިސްލާހްކުރުމަށް ތެދުވުމަކީ އަހަރެމެންގެ މައްޗަށް އޮތް ލާޒިމް ކަމެކެވެ. އެއީ ކުރަންޖެހޭނެ ކަމެކެވެ. އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. އެހެންވީއިރު މިކަމާ ޖެހިލުންވާންވީ ކަމަކީ ކޮބައިހެއްޔެވެ؟

އަޅުގަނޑުމެން ދެކޭ ގޮތުގައި މިފަދަ ކަމަކާ ކުރިމަތިނުލަނީ އިންޞާފް ލިބޭނެކަމުގެ ޔަޤީންކަން ނުލިބޭތީ ކަމަށް ވެދާނެއެވެ. އެއީ ކުރިމަތީގައި ހިނގާ ކަންކަމުންނާއި ކަމާ ބެހޭ މުއައްސަސާތަކުން ކަންތައް ކުރައްވާގޮތުން އެމީހެއްގެ ހިތުގައި ނުވަތަ އެބައެއްގެ ހިތުގައި މިކަމުގެ ޔަޤީންކަން ނެތުމެވެ. މިފަދަ ކަމަކާ ބެހޭގޮތުން ބަލާލާއިރު މިފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިން ކޭސްގެ މައްސަލަ ލައިވްކޮށް ދައްކަމުން ބެލި މައްސަލައަކަށް ވީ ހިނދު، އެ މައްސަލަ ބެލިގެން ހުކުމްކުރެވުނު ގޮތަކީ އިންޞާފްވެރި ގޮތެއް ކަމަށް އެތައް ރައްޔިތުންނެއް އަދި ޤާނޫނީ އެތައް ބޭފުޅުންނެއް އަދި ދީނީ އެތައް ޢިލްމުވެރިންނެއް ވެސް ޤަބޫލެއް ނުކުރައްވައެވެ. ނަމަވެސް ނުފޫޒު އެކަމުގެ ތެރެއަށް ވަދެ އެކަމުގެ ސަބަބުން އައި ޙުކުމާ މެދު މުޖުތަމަޢުގެ ވަރަށް ބޮޑު ބައެއް ހިތްހަމަނުޖެހުމަކީ ކަންކަން އިޞްލާޙްކުރުމަށް ހުރަސް އަޅާ ކަމެއް ކަމުގައި ބެލެވިގެން ދެއެވެ. މުޖުތަމަޢު ޤަބޫލުނުކުރާނަމަ އެއީ އިންޞާފް ކަމަކަށް ނުބެލެވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ޢަމަލުތައް ހިންގާ ސަރުކާރުތަކަކީ ޢަދުލް އިންޞާފަށް ހުރަސްއަޅާ ސަރުކާރުތަކެއް ކަމުގައި އެޤައުމުތަކުގެ ޢާއްމު ރައްޔިތުން ޤަބޫލުކުރެއެވެ.

ރާއްޖޭގެ އެއްވެސް ކަމެއްގައި "ހަދިޔާ" ނުދީ ކަމެއް ނުކުރެވޭނެ ކަމަށް ވަރަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިގޮތުން އެތައް ބަޔަކު އެ ޤަބޫލުކުރަނީ އެކަހަލަ އެތައް ތަޖުރިބާތަކެއް މީސްތަކުންނާ ދިމާވެފައި ހުރުމުގެ ސަބަބުންނެވެ. ރިޝްވަތު ހިފުމަކީ ޢާއްމު ކަމެއް ކަމަށް ވަނީ ވެފައެވެ. އަދި ކަންކަމުގައި މިވެނި ވަރެއް ދޭންޖެހޭނެ ކަމަށް ކަނޑައެޅިގެން ބުނާކަމަށް މީސްތަކުން ބުނެ އުޅެއެވެ.

ކަންކަން މިހިސާބަށް ދިއުމުން ޤައުމެއްގެ ހާލަތަކީ ކޮބައިބާވައެވެ؟ ތެދުވެރިކަމެއް ނެތެވެ. އިމާންތެރިކަމެއް ނެތެވެ. ތިމާއަކީ މުސްލިމެއް ކަމުގައި ބުނެގެން ދީނީ ގޮތުން މިއީ ކިހާވަރެއްގެ ނުބައި ކަމެއް ހަނދާން ހުންނާނެ ކަމަކަށް ނުވެއެވެ. މިހެންކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ރަނގަޅު މުޖުތަމައެއް ކަމަށް ދެކޭނީ ކިހިނެއްތޯއެވެ؟

ހަމަ މިއާ އެކު ކަންކަމުގައި ދޮގު ހެކި ދިނުމާއި ދޮގު ހެކި އުފެއްދުމަކީ އެތައް ބަޔަކު ދައްކާ ވާހަކައަކަށް ބަލާއިރު އަޅުގަނޑުމެންގެ މުޖުތަމައުގައި ކުރަމުން އަންނަ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިކަން މިހެން އޮންނަ ނަމަ އިންޞާފް ހޯދާނީ ކިހިނެއް ހެއްޔެވެ؟ ކޮންފްލިކްޓް އޮފް އިންޓްރެސްޓް އެމީހެއްގެ މައްޗަށް އޮންނަ ފަރާތްތަކުގެ ހެކިބަސް ނަގައިގެން މައްސަލަތައް ބަލާނަމަ މިއީ ޝަރުޢީ ގޮތުން ނުކުރެވޭނެ ކަމަކަށް ވާހިނދު މިގޮތަށް ޢަމަލުކުރާތަން ފެނިގެން ދިއުމީ އެކަމެއްގެ ތެރެއަށް ނުފޫޒު ވަނުން ކަމުގައި ނުވޭތޯއެވެ؟ ހަމަ އެއާއެކު މުއްތަހަމަކު މައްސަލަ ބަލާ ޤާޟީއަކާ މެދު އެފަރާތުގެ އިތުބާރު ނެތް ކަމަށް ބުނާ ހިނދު އެފަދަ ޤާޟީއަކު އެ މައްސަލައެއް ބެލުމަކީ އިސްލާމީ ޝަރީޢަތުގެ ރިވެތި ޢަދަބުތަކާ ޚިލާފް ކަމެކެވެ. އެފަދަ ޤާޟީއަކަށް އެންމެ ޢައުލާވެގެންވަނީ އެ ޤާޟީއަކު އެ މައްސަލައަކުން ތަނާޒިލްވުމެވެ. މިހެން ހެދުމުން އެމީހަކަށް އަދުލް އިންޞާފް ލިބިގެން ދާނެކަމުގެ އުއްމީދު އިތުރުވެގެންދާނެއެވެ. މިހެން ނުވާނަމަ ނަތީޖާއަކީ މީގެ އިދިކޮޅުކަމާ މެދު ޝައްކެއްނެތެވެ.

އަޅުގަނޑު ދެކޭގޮތުގައި އިސްލާމީ ޤައުމެއްގެ އިޖުތިމާޢީ ޙަޔާތެއް ހެޔޮގޮތުގައި އޮތުމަށް އެންމެ ބާރުއަޅައި ނަޞޭހަތްތެރިވާ ބަޔަކީ ޢިލްމުވެރިންނެވެ.  އިލްމުވެރިންނާމެދު މިއަދުގެ ޒުވާނުންގެ ތެރޭގައި ދެކެނީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. މިހެން މި ދެންނެވީ އެމީހުން ދެކޭގޮތުގައި ރާއްޖޭގެ ޢިލްމުވެރިންނަކީ އެމީހަކު ސަޕޯޓްކުރާކުރާ ގޮތަކަށް އެބައެއްގެ ވާހަކަތައް ބިނާކުރާ ބައެކެވެ. އަދި އެމީހުން ދެކެނީ އެފަދަ މީހުންނަކީ ގަނެވޭ ބައެއް ކަމަށެވެ. އެކި ކަހަލަ ހަދިޔާ ދީގެންނެވެ. އެހެންކަމުން ޢިލްމުވެރިންގެ ވާހަކަތައް ޤަބޫލުކުރުން އެއީ މުހިއްމު ކަމެއް ނޫން ކަމަށް ބައެއް މީހުން ދެކެއެވެ. އަދި މިގޮތުން މިސާލު ޖަހައި ދައްކާ ވާހަކަތައް ނިކަން ދެކިބަލާށެވެ.

ޝޭއިޚް އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމަކީ މީގެ ދިރިހުރި މިސާލު ކަމުގައި ބުނެއެވެ. އެހެނީ ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީން ނައްތާލުމަށް ފޮނުވާފައިވާ އެޖެންޓެއް ކަމަށާއި އޭނާއަށް އެހީވާ މީހަކީ ދީން ނައްތާލުމަށް އެހީވާ މީހެއް ކަމުގައި އާއްމުކޮށް މީޑިޔާގައި، ﷲ ގަންދީ ހުވާކޮށް ދައްކާފައިވާ ވާހަކަތައް ހުއްޖަތަކަށް ފުދޭ ކަމަށާއި އަދި ރައީސް ނަޝީދަކީ ޤައުމު ފަސާދަކުރާ މީހެއް ކަމަށް ވިދާޅުވެ ރައީސް މައުމޫނު ވެސް ވާހަކަ ދައްކަވައި ހެއްދެވުމަށްފަހު މި ދެ ބޭފުޅުންވެސް އެ ތިއްބެވީ އެމީހުންނާ އެކު މި ސަރުކާރު ދަމަހައްޓަވާށެވެ. އަދި އެންމެ ހައިރާންވާ އަނެއް ކަމަކީ އިސްލާމް ދީނާއި ﷲ އަށާއި ކީރިތި ރަސޫލާއަށް ހަޖޫޖަހައި، ބަޔާންތައް ނެރެފައިވާ މީހުންނަށް ރައްކާތެރިކަންދީ ހަދަމުންދާއިރު ޗުއްޕުވެސް ބުނަން ނުކެރި އެބައިމީހުންގެ ޝަރީކުން ކަމުގައި ވެގެން ތިބުމެވެ.

އަދި ޢިލްމުވެރިން ވިދާޅުވަނީ މިފަދަ ކަންކަމަށް ހިތްވަރުދީ ސަޕޯޓްކުރާ މީހުންނަކީ ހަމަ އެބައިމީހުންގެ ތެރެއިންވާ މީހުން ކަމަށެވެ. މިހެން ބުނާއިރު މި މީހުން އެމީހުންގެ ސަޕޯޓަރުންގެ ގޮތުގައި ތިބުމަކީ ކޮން ފަދަ ކަމެއްތޯއެވެ؟ އެހެންވީއިރު މިފަދަ މީހުން ދައްކާ ވާހަކަ އަށް އިތުބާރުކުރާނީ ކިހިނެއްތޯއެވެ؟ އެހެންވީއިރު މިފަދަ ޢިލްމުވެރިން ހިބަރުވަދާއި މިޔަރުވަދުވެސް ނުދުއްވާނެ ކަމަށް އަހަރެމެން ޤަބޫލުކުރާނީ ކިހިނެއްތޯއެވެ؟

އަދިވެސް އަހަރެމެންގެ މުޖުތަމައުއަށް އިތުރަށް ބަލައިލަމާތޯއެވެ؟ އަޅުގަނޑުމެންނަށް ލިބޭ ޢާއްމު ޚަބަރުތަކުންވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު އަންގައިދެއެވެ. އަޅުގަނޑަށް ދެންނެވޭނީ މުޖުތަމަޢު ވަނީ ފާހިޝް ޢަމަލުތައް ކުރުމުގަޔާއި ޑްރަގު ބޭނުންކުރުމާއި ރާބުއިމާއި ޖިންސީ ގޯނާކުރުމުގެ ޢަމަލުތަކުން ދެރަވަރު ހާލަތެއްގައި ކަމަށެެވެ. މި ކަންކަމަކީ ސިއްރުކޮށްފައިވާ ކަންކަމެވެ. އަޅުގަނޑުމެން ދެކެނީ މިކަމުގައި ފިޔަވަޅު އަޅައި ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ކޮންމެވެސް ބަލިމަޑުކަމެއް އެކުލެވިގެންވާ ކަމަށެވެ. ކޮންމެ ގޮތަކުންވެސް މުއްސަނދިވުމުގެ ދަހިވެތިކަމުގައި ޖެހި އިންސާނިއްޔަތަށް ގެއްލުންދޭ ކަންކަންކުރުމަކީ އެއްވެސް ހާލަތެއްގައި އެހާ ބޮޑުކަމެއް ކަމުގައި ނުދެކުމެވެ. ވެރިކަމުގެ ފަރާތުން ފަރުވާކުޑަކުރުމާއި ކޮންމެވެސް އަމިއްލަ މަސްލަހަތެއްގެ މައްޗަށް ބެލެވި ކަންކަން ހުއްޓުވަން އުޒުރުވެރިވެފައިވުމެވެ.

ވަގުތު ފާއިތު ނުވަނީސް، ހެޔޮމަގަށް އައުމަށްޓަކައި، ޖަމާއަތުގެ ރައްކާތެރިކަމަށްޓަކައި ދީނީ ރިވެތި އުސޫލުތައް ހިފަމާ ހިންގަވާށެވެ. އަހަރެމެން ކޮންމެ މީހަކީވެސް މިކަން ހުއްޓުވުމަށް ޒިންމާކުރެވިފައިވާ މީހެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *