Support Us

އަޒްހަރުގެ އެންމެ އިސްވެރިޔާ ޝައިޚު ޑރ. އަޙްމަދުއް ޠައްޔިބު ފަރަންސޭސީ ރައީސް މެކްރޯނާ ބައްދަލުކުރައްވަނީ

ޔޫރަޕް ވަނީ އިސްލާމްދީނަށް ދަރަނިވެރިވެފައި: ޝައިޚުލްއަޒްހަރު

އަޒްހަރުގެ އެންމެ އިސްވެރިޔާ ފަޟީލަތުއް ޝައިޚު ޑރ. އަޙްމަދުއް ޠައްޔިބު 7 ނޮވެންބަރުގައި ފަރަންސޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޖޭން އީވް ލޯޑްރިއާނާއާ ބައްދަލުކުރެއްވުމުގެ ތެރޭގައި ވަރަށް ހޫނުކޮށް ފަރަންސޭސިވިލާތާ ދެކޮޅަށް ފާޑުވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މުޙައްމަދު ނަބިއްޔާއަށް ފުރައްސާރަކޮށް އިހާނެތިކޮށް ހިތުމަކީ "އަހުރެމެން ބަލައިގަންނާނެ ކަމެއްނޫނެވެ." އަޒްހަރުގެ ޝައިޚު ވިދާޅުވިގޮތުގައި ކިތަންމެ ދިގުލައިގެން ދިޔަސް "އަހުރެމެން މި މަސްއަލަ ކޯޓަށް ހުށައަޅާނަމެވެ."

އަޒްހަރުގެ ފޭސްބުކްގެ ރަސްމީ ޞަފްޙާގައި ޝާއިޢުކޮށްފައިވާ ބަޔާން ބުނާގޮތުގައި ޝައިޚުލްއަޒްހަރު ފަރަންސޭސި ޚާރިޖީ ވަޒީރަށް ވިދާޅުވިއެވެ. "ހަމަކަށަވަރުން ޔޫރަޕަކީ އިސްލާމްދީނަށާއި އެދީނުގެ ނަބިއްޔާއަށް ދަރާފައިވާ ބައެކެވެ. އެ ދީން މުޅި އިންސާނިއްޔަތަށް އަލިކަން ދެއްކިއެވެ." ޝައިޚުލްއަޒްހަރު އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްލާމްދީން ނިރުބަވެރިކަމުން ސިފަކުރާ ސިފަކުރުމަކީ އަހުރެމެން ދެކޮޅުހަދާ ކަމެކެވެ. އެއީ އެއްވެސް ބޭނުމެއްނެތް ކަމެކެވެ. މިފަދަ މުޞްޠަލަޙުތަކުގެ ތެރޭގައި ވަގުތު ނަގައިލަން އަހުރެމެންނަށް ވަގުތު ލިބިގެނެއް ނުވެއެވެ. މި ފަދަ މުޞްޠަލަޙުތައް ބޭނުންކުރުން ވަގުތުން ހުއްޓައިލަން އެބަ ޖެހެއެވެ. އެއީ ދުނިޔޭގެ އެންމެހާ މުސްލިމުންގެ ޝުޢޫރުތައް ޒަޚަމުކުރަމުންދާ ބަސްތަކެކެވެ.އެއީ ޙަޤީޤަތް އޮޅުވައިލާ ބަސްތަކެކެވެ."

އަޒްހަރުގެ އިސްވެރިޔާ ޑރ. އަޙްމަދުއް ޠައްޔިބު ފަރަންސޭސީ ހާރިޖީ ވަޒީރު ޖޭން އީވް ލޯޑްރިއާނާއާ ބައްދަލުކުރައްވަނީ

ރަސޫލާއަށް ފުރައްސާރަ ކުރާއިރު ޑިޕްލޮމަސީއެއް ނޯންނާނެ

ޝައިޚުލް އަޒްހަރު ވަރަށް ކޯފާވެ ހުންނަވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްލާމްދީނާއި އެ ދީނުގެ ނަބިއްޔާއާ ބެހޭގޮތުން އަހުރެމެން ވާހަކަ ދައްކާއިރު ޑިޕްލޮމަސީއެއް ނޯންނާނެއެވެ. ދުނިޔޭގެ އެންމެހާ މުސްލިމުންނަކީ (ވެރީންކަމުގައި ވިޔަސް ރައްޔިތުންކަމުގައި ވިޔަސް) އިސްލާމްދީނުގެ ނަމުގައި ނިރުބަވެރި އެއްވެސް ޢަމަލެއް ހިންގުމަށް ޤަބޫލުވާނެ ބައެއްނޫނެވެ. އިސްލާމްދީނާއި އެ ދީނުގެ ނަބިއްޔާ ﷺ އަކީ ނިރުބަވެރިކަމުން ބަރީއަވެގެންވާ ބޭކަލެކެވެ."

އަޒްހަރުގެ އެންމެ ބޮޑު އިމާމު ޑރ. އަޙްމަދުއް ޠައްޔިބު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަޒްހަރަކީ ދެ ބިލިޔަނެއްހާ މުސްލިމުންގެ އަޑު ތަމްސީލު ކުރާ ފަރާތެވެ. ނިރުބަވެރީންނަކީ މުސްލިމުން ތަމްސީލު ކުރާ ބައެއްނޫނެވެ.އެ ފަދަ މީހުންގެ ޢަމަލުތަކުގެ ޒިންމާ މުސްލިމުންނަށް އުފުއްލާކަށް ނުޖެހޭނެއެވެ." އަޒްހަރުގެ ޝައިޚު ޑރ. އަޙްމަދުއް ޠައްޔިބު ވިދާޅުވިއެވެ. "މިއީ މާފަށް އެދުމުގެ ގޮތުން އަހަރެމެން ދައްކާ ވާހަކައެއް ނޫނެވެ. އިސްލާމްދީނަށް އެއްވެސް ކަމެއްގައި މާފަށް އެދޭކަށް ނުޖެހޭނެއެވެ."

ފަރަންސޭސި ވަޒީރުގެ ދަތުރުފުޅުގެ މަޤްޞަދު

ނޮވެންބަރު 7 ވީ ހޮނިހިރު ދުވަހު ފަރަންސޭސި ޚާރިޖީ ވަޒީރު ޤާހިރާއަށް ވަޑައިގަތީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފަރަންސޭސ ވިލާތުގައި ކުރެހި ކާޓޫނުތަކުގެ މަސްއަލައިގައި މުސްލިމުންގެ ގާތަށް ރުޅި އައިސް ފަރަންސޭސި މުދާތައް ބޮއިކަޓްކޮށް ފަރަންސޭސިވިލާތާ އެ ޤައުމުގެ ރައީސް މެކަރޯނާ ދެކޮޅަށް ޢަރަބި ދުނިޔެއާއި އިސްލާމީ ޤައުމުތަކުގައި މުޒާހަރާތައް ކުރަން ފެށުމުން އެ ކަންތައްތައް "ހަމަހިމޭން" ކުރެއްވޭތޯއެވެ. ފަރަންސޭސި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ އެ ކަން ހިނގާފައިވާ ގޮތް ބަޔާންކޮށް ދިނުމަށާއި މުސްލިމުން ހަމަހިމޭން ކުރެވޭތޯ ރައީސް މެކަރޯން ފަށްޓަވާފައިވާ މަސައްކަތް ކުރިއަށް ގެންދެވުމެވެ.

ދެ މިންގަނޑުގެ ޢަމަލެއް

މި ހުސްވި އޮކްޓޫބަރު މަހުގެ ފަހުކޮޅުގައި ޝައިޚުލް އަޒްހަރު ދެއްވި ޚިޠާބުގައި ވިދާޅުވިއެވެ. "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޝިޢާރުގެ ދަށުން ދީންތަކަށް އިހާނެތިކޮށް ހިތައި އެ ދީންތަކުގެ މުޤައްދަސް ރަމްޒުތަކުގެ ޤަދަރު ވައްޓައިލައި ބޭއިޙްތިރާމު ކުރުމަކީ ފިކްރީ ދެ މިންގަނޑުގެ ޢަމަލެކެވެ. އަދި އެއީ ޞަރީޙަ ބަހުން ނަފްރަތްތެރިކަމަށް ގޮވައިލާ ގޮވައިލުމެކެވެ."

އަޒްހަރުގެ އިމާމު ޞިފަކުރެއްވި ގޮތުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިހާނެތިކޮށް ހިތުމަށް ގޮވައިލާ ކާޓުނުތައް ކުރެހުމަކީ ގޮތެއްފޮތެއްނެތް ހަޑިމުޑާރު ޢަމަލެކެވެ. އެއީ މަސްއޫލިއްޔަތަށް ޒިންމާވުމުން ބޭރުވުމެކެވެ. އެއީ ރިވެތި އަޚްލާޤީ އިލްތިޒާމުތަކާ ޚިލާފު ކަމެކެވެ. އެއީ ބައިނަލްއަޤްވާމީ ޢުރްފާއި ޢާއްމު ޤާނޫނާ ޚިލާފު ކަމެކެވެ. އެއީ މި މާތްދީނަށާއި މި ދީނުގެ ކީރިތި މޫރިތި ރަސޫލާ ﷺ އަށް ހަތުރުވެރި ވުމަށާއި ދުޝްމަނު ވުމަށް ސާފު ބަހުން ގޮވައިލާ ގޮވައިލުމެކެވެ."

ކީރިތި ރަސޫލާ ތަޢާރުފުކޮށްދިނުމަށް ޓަކައި ދުނިޔޭގެ ތަފާތު ބަސްތަކުން ޚާއްޞަ މަންސާއެއް ފަށްޓަވާނެ ކަމަށް ޝައިޚުލް އަޒްހަރު ވަނީ އިޢުލާނު ކުރައްވައިފިއެވެ. މުސްލިމުންނާ ދުޝްމަނުވުން ޖަރީމާއަކަށް ހަދާ ޤާނޫނެއް ފާސްކުރުމަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލެއްވިއެވެ.

ޝައިޚުލް އަޒްހަރު ޑރ. އަޙްމަދުއް ޠައްޔިބު ފަރަންސޭސި ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވަމުން ((އިންސާނީ އުޚުއްވަތްތެރިކަމުގެ ޢަހްދުނާމާ))ގެ ކޮޕީއެއް ހަދިޔާ ކުރެއްވިއެވެ. މިއީ އިންސާނިއްޔަތަށް ޓަކައި އަޒްހަރާއި ކެތަލިކް ފައްޅިން އެކުލަވައިލެއްވި ޢަހްދުނާމާއެއް ކަމަށް ޝައިޚުލް އަޒްހަރު ވިދާޅުވިއެވެ.  މި ޢަހްދުނާމާގައި ޝައިޚުލްއަޒްހަރާއި ޕޯޕް ފްރޭންސިސް ސޮއި ކުރައްވާފައި ވަނީ 6 ފެބްރުވަރީ 2019ގައި އަބޫ ޡަބްއުގައެވެ.

މި ލިޔުން އަރުއްވަމުން ޝައިޚުލް އަޒްހަރު ވިދާޅުވިއެވެ. "މި ޢަހްދުނާމާ ކަށަވަރުކޮށްދެނީ ދީންތަކަކީ ނިރުބަވެރިކަމާ ހަނގުރާމައާ ދެކޮޅު ޢަޤީދާތަކެއް ކަމެވެ. އަދި ކިއެއްހެއްޔެވެ. ދީން އައިސްފައިވަނީ އިންސާނިއްޔަތު ބާއްޖަވެރިކޮށް ދިނުމަށެވެ. މި ޢަޙްދުނާމާއަކީ އިންސާނީ އުޚުއްވަތްތެރިކަމަށާއި، އެކުގައި ޞުލްޙަމަސަލަސްކަމާއެކު ދިރިއުޅުމުގެ މަގު ޗާޓެކެވެ. ޔޫރަޕްގެ އިއްތިޙާދުން މި ޢަހްދުނާމާ ބަލައިގަނެ މި ޢަހްދުނާމާގައި އައިސްފައިވާ އުޞޫލުތަކަށް ތަބާވުމަށް އަހުރެމެން ގޮވައިލަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *