Support Us

ވާހަކަ: ހިމާޔަތް އެދެމޭ- 29

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

"ޔޫ ޝުޑް ގޯ ދެއަރ ޓޫ." ނަވާޒް ވައި އަޑަކުން ބުނެލިއެވެ. އެމޫނު ނޮޅާލަން މާޔާ ހިތަށް އެރިއެވެ. އޭނާގެ ތޫނު ނިޔަފަތިތަކުގައި ހުރި ވަރެއް ދައްކާލަން ބޭނުންވިއެވެ. އެކަމަކު އެ ދަރަޖަށް ވެއްޓުމަކުން ވަކި މޮޅެއް ނެތްކަން އެނގޭތީ މާޔާ ކެއްތެރިކަން އިސްކުރިއެވެ.

"ޓެލް މީ." ދަތްޕިލަ ޖައްސާލަމުން މާޔާ އަހައިލިއެވެ. ނަވާޒް ބުނާނެ އެއްޗަކާއި މެދު ކެއްތެރިކަން ކޮޅުންލާ ހިސާބުގައި ހުރި ދެވަނަ މީހަކީ މިކިއަލްއެވެ. ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލަމުން ނަވާޒް ހޭންފެށިއެވެ. އޭނާގެ ޖަވާބު އައީ ހުނުމާއި އެކުގައެވެ.

** **

"ގުރައިދޫގައި، މޮޔައަކު ބަހައްޓަން އެ ނޫން ކޮންތަނެއް ހުރީކީ."

ހަލަބޮލި މަގުތަކުގައި ބާރަށް ބަރުގޮނު އަޅަމުން ދިޔަ ކާރު ތެރޭ އިން މާޔާގެ  ސިކުނޑީގައި އަދިވެސް ގުގުމަނީ ނަވާޒްގެ ރަހުމެއް ނެތް ޖުމްލައެވެ. ދިރި ހުރި ވިންދު ޖަހަމުން ދިޔަ އޭނާގެ ހިތް ހަންޖަރުން ފޮތިފޮތި ކޮށްލި ނަމަވެސް އެހާ ތޫނު ތަނެއް ނުވީހެވެ.

ބައްޕަ ދެކިލުމުގެ ނަޞީބު ނުލިބި އަލުން ގެއްލުނު ކަމުގެ އިހްސާސް މާޔާއަށް ކުރެވެމުން ދިޔައެވެ. ވިއްސި ވިހާލިވެގެން ދިޔަ ތަސްވީރުތަކެއްހެން އޭނާ ދެކެމުން އައި ހުވަފެންތައް ބުރައިގެން ދިއުން ނޫން ގޮތެއް ނުވިއެވެ. ނަވާޒް ގެ ވިހަ ދުލުން އޭނާގެ ބައްޕަ ސިފަކުރަމުން ދިޔައިރު ހީވަނީ ބައްޕަ އަކީ އިންސާނުންގެ ތެރެއިން ވާ މީހެއް ނޫން ހެންނެވެ.

މަގުމައްޗަށް ސަމާލުކަން ދެމުން ދޭތެރެއަކުން މިކިއަލް ބަލާލާއިރު މާޔާ ފެންނަނީ ގޮނޑީގައި ބައިންދާފައި އިން ހިލައިގެ ބުދެއްހެންނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަ ފިޔަވައި އޭނާގެ ފުށުން ދިރިހުރިކަމުގެ ނިޝާނެއް ނެތެވެ. މިކިއަލް ރުޅި ކޮންޓްރޯލްކޮށްލިއެވެ. މާޔާ ނެތްނަމަ އޭނާ އެގެއިން ނިކުންނާނީ ނަވާޒްގެ ފުރާނަ ދުއްވާލާފައެވެ. ނަވާޒްގެ އަނގަމަތީގައި ޖަހާ ފަޅާލި ވަގުތު ޝެހެނާޒްގެ ދެލޮލުން ނިރާލި ކަރުނަ ވެގެން ދިޔައީ މިކިއަލް ރުޅި ކޮންޓްރޯލްކުރަން ލިބުނު ފުރުޞަތަކަށެވެ. އެހެން ނޫންނަމަ އޭނާގެ ދެއަތުން މިއަދު ބޮޑު ފާފައެއް ކުރެވުނީހެވެ.

ދަރިންގެ ހިތުގައި މައިންބަފައިންނާއި މެދު އޮންނަންވާ ކުލުނު ނެތިދަނީ ހަމަ އެމީހުންގެ އަމަލުތައް ބަހައްޓާ ގޮތުންނެވެ. ނަވާޒްގެ ހިތުގައި ބައްޕައަށް ޒައްރެއްގެ ވަރަށްވެސް ލޯބި އުފެދިފައިނެތީ ނަވާޒް ބޮޑުވެގެން އާއިރު ބައްޕަ ހުރިކަމުގެ އިހްސާސްކުރެވިފައި ނެތުމުންނެވެ. އޭނާ އެހާ ތުއްތުއިރު މަންމަ ވަރިކޮށްފައި ޝަރުމީލާ އާއި ކައިވެނިކޮށް އެރަށުން ދިޔައިރު ނަވާޒް ބައްޕަ ބޭނުންވާނެކަން އެކަކުވެސް ޤަބޫލެއްނުކުރިއެވެ. އޭނާ ބޮޑުވަމުން އާއިރު އެކި މަރުހަލާތަކުގައި އެކަނިވެރިކަމާއި ބާކީކުރުމުގެ އެކި ހާދިސާތަކުގެ ސަބަބުން ބައްޕަ އާއި މެދު ނަފްރަތު އުފެދެމުން ދިޔައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ރަށް ދޫކޮށް އައިފަހުން ކުއްލިއަކަށް ދައުލަތުން އޭނާއަށް އެންގީ ބައްޕަ އާއި ހަވާލުވުމަށެވެ. ދެކޮޅު ހަދަން ބޭނުންވިއަސް އޭނާއަށް އެ ޒިންމާ މަތިކުރުވިއެވެ.

ބައްޕަ އާއި މެދު މައުލޫމާތު އެއްކުރިއިރު ބައްޕަގެ ނަމުގައި ހުރި މުދަލުގެ މައުލޫމާތު އެނގުމާއި އެކު ނަވާޒް ހަވާލުވާން އެއްބަސްވިއެވެ. އެގޭގައި ބައްޕަ ބެހެއްޓީ އެ އެއްޗެހި އޭނާގެ ނަމަށް ބަދަލުކުރެވެންދެންނެވެ. ބައްޕަ އާއި ހަވާލުވިއިރު ބައްޕަ ބަލަހައްޓަންޖެހޭ ގޮތް އޭނާއަށް ކިޔައިދިނެވެ. އެކަމުގައި ފަރުވާ ކުޑަކުރީ ގަސްތުގައެވެ. އަނެއްކާވެސް އޭނާގެ ބެލުމުގެ ދަށުން ފޮނުވާލެވޭނެ ވަރުގެ އުޒުރެއް ބޭނުންވާތީއެވެ. ނަވާޒް އަމިއްލަ އަށް އިއުތިރާފްވެ އެހުރިހާ ކަމެއް ގޮވާ ނިމުނުއިރު މާޔާ ކުރި ސުވާލުން މިކިއަލްވެސް ހައިރާންވިއެވެ. ބައްޕަގެ ތަރިކައިން އެއްވެސް އެއްޗެއް ބޭނުން ނުވާކަމުގައި އޭނާ ބުނެފި ނަމަ ބައްޕަ ގެނެސްދޭނަންތޯ މާޔާ ސުވާލުކުރުމުން ނަވާޒްވެސް ބަލަން ހުރީ އަޖައިބެއް ފެނިގެން މީހަކު ހުންނާނެ ފަދައިންނެވެ. ނަވާޒް ހަނދާންކޮށްދިނީ އޭނާ ފަދައިން މާޔާއަށްވެސް ބައްޕަގެ ފަރާތުން އެއްވެސް މޮޅެއް ނުލިބޭ ކަމެވެ. މާޔާ ދެންވެސް ކުރީ ސުވާލެކެވެ. ބައްޕަގެ ޒިންމާތައް ބައްޕަ ނުއުފުލުމަކީ ދަރިންގެ ޒިންމާއިން ބަރީއަވާނެ އުޒުރެއްތޯއެވެ.

** **

ގެއަށް އާދެވުމާއި އެކު މިކިއަލް މަޑުކުރަންވީތޯ މާޔާ ކުރެ އަހާލިއެވެ. އެކަމަކު މާޔާ ބޭނުންވީ އެކަނިވެލާށެވެ. މިކިއަލް ތަކުރާރުކޮށް ނުރޯން ހިތްވަރުދޭން މަސައްކަތްކުރިއަސް މިވަގުތު މާޔާ ބޭނުންވަނީ ހިތްހަމަޖެހެންދެން ރޯލާށެވެ.

"ހަވީރުން އަހަރެން އަންނާނަން މާޔާ ބަލައި، މާޔާ ބައްދަލުކުރަންޖެހޭ މީހަކު އެބަހުރި،" މާޔާ އެތެރެއަށް ވަންނަން އުޅުމުން މިކިއަލް ބުނެލިއެވެ. މިކިއަލް އެޑްރެސްކުރީ ކާކުތޯ އެނގެން ބޭނުންވާކަން މާޔާގެ މޫނުމަތިން އެނގެއެވެ. މާޔާގެ ކޯތާފަތް ފޮހެލައިދިނުމަށްފަހު މިކިއަލް އެދުނީ އަރާމުކޮށްލުމަށެވެ. އެއްވެސް ތަފްސީލެއް ދޭން މިކިއަލް ބޭނުމެއް ނޫނެވެ. މާޔާގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. އޭނާ އިތުރު ސުވާލެއް ކުރުމަކާއި ނުލައި ގޮސް އެތެރެއަށް ވަނެވެ. ކޮޓަރީގެ ދޮރު ލައްޕާފައި ގޮސް އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތެވެ. އަދިވެސް އޭނާގެ ނަފްސު ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާގެ ދެލޯ ވަނީ ހިކިފައެވެ.

އެކަކުގެ ލެއިން އުފެދުނު ދެ ދަރިންގެ މެދުގައި މިހާ ބޮޑު ފަރަގެއް ހުރީ ކީއްވެކަމެއް ނޭނގެއެވެ. ބައްޕަގެ ފަރާތުން މާޔާ ބޭނުންވަނީ އެންމެ ކަމެކެވެ. އޭނާއަށް ދަރިފުޅާއި ކިޔައި ގޮވާލީމައި އެކަން އެ ނިމުނީއެވެ. ބަދަލުގައި އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްދޭނަމެވެ. އޯގާތެރިކަމާއި އަޅާލުން ލިބޭނެއެވެ.

އަނެއްކާވެސް ސިކުނޑި ފުރިގެން ދިޔައީ ބައްޕަ އާއި އެކު ރޭވުނު އުފާވެރި ތަސްވީރުތަކުންނެވެ. ފިލްމެއްގެ މަންޒަރުތަކެއް ފަދައިން ފުސްގަނޑެއްގެ ތެރޭގައި މުސްކުޅި ފިރިހެނަކަށް އަޅާލާ މަންޒަރު ކުރެހެމުން ދިޔައެވެ. އުންޑުން ޖެހިލައި ބާލީހުގައި މާޔާ ބޯ އަޅާލިއެވެ. ދެލޮލުގެ ހިމަކޮޅުން ކަރުނަ ފޭދިގެން ފައިބަމުން ދިޔައިރު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ.

ފޯނު އެލާމްވި އަޑަށް މާޔާއަށް ބަލައިލެވުނެވެ. ބަންގި ގޮވުމުގެކުރިން އައި ހަނދުމަކޮށްދިނުމުގެ އެލާމެކެވެ. މާޔާ ތެދުވެ ފެންވަރާލިއެވެ. ވުޟޫކޮށް ނަމާދަށް ތައްޔާރުވިއެވެ. ބަންގީގެ އަޑު ކެނޑުމާއި އެކު ނަމާދު އަދާކޮށްފައި ސުންނަތް ނަމާދަށް ފެށިއެވެ. ސަޖިދައިގައި ގިނަ ވަގުތު އޭނާ އޮތެވެ. ފުރަތަމަ ދުޢާކުރީ މަންމައަށެވެ. އެއަށްފަހު ބައްޕައަށެވެ. ދެން ހެއްދެވިފަރާތުގައި ދެންނެވީ ބައްޕަގެ ބައްޔަށް ޝިފާ ދެއްވުން އެދިއެވެ.

** **

ދޮރުގައި ޓަކިދިން އަޑަށް ދޮރު ހުޅުވަން ހިނގައިގަތެވެ. މިކިއަލް އައީ ބާއޭ ހިތަށް އެރިއެވެ. މިކިއަލް އޮތީ އޭނާ ބަލާ އަންނާނެ ވާހަކަ ބުނެފައެވެ. ނަމާދުން ފައިބައިގެން އޭނާ ތައްޔާރުވަމުނ ދިޔައީ އެހެންވެއެވެ. ނަމާދުގެ ސަބަބުން އޭނާގެ ރޫހަށް ތާޒާކަން ލިބިއްޖެއެވެ. ސިކުނޑީގެ ނުތަވަސްކަން ފިލައިފިއެވެ. ހިތަށް ފިނިކަން ލިބިއްޖެއެވެ.

ދޮރު ހުޅުވާލިއިރު ހުރީ ޝީތެވެ. އެތެރެއަށް ވަންނަމުން ޝީތު އަހައިލީ ސައިބޮއިފިންތޯއެވެ. މާޔާ ނޫނެކޭ ބުނެފައި ބަލައިލިއިރު ޝީތުގެ އަތުގައި ހެދިކާ ކޮތަޅެއް ހުއްޓެވެ. ބަނޑުހައި ހޫނުކަން އިހްސާސްވީ ދެނެވެ. އޭނާއަށް މި ހުރެވުނީ ހެނދުނު ސައިބުއި ގޮތަށެވެ.

ޝީތު އާއި ދެމީހުންނަށް ދެ ތަށި ކޮފީ ގިރައިގެން އާއިރު ޝީތު އިނީ ޓީވީ ހުޅުވައިގެންނެވެ. މާޔާ އައުމާއި އެކު ޓީވީ މިއުޓްކޮށްލާފައި ހަމަޖެހިލިއެވެ. ހެދިކާއެއް ނަގައި އެތިކޮޅެއް ކާލާފައި ޝީތު އަހައިލީ މިތަނުގައި އުޅެނީ އެކަނިތޯއެވެ. މާޔާ އާއެނކޭ ބުނެލީ ބޯޖަހާލާފައެވެ.

"އަހަންނަށް ނުކެރިފައި މިހުންނަނީ މާޔާ ކައިރީ އެއް ވާހަކަ ބުނަން. އެކަމަކު ނުބުނެ ހުންނާކަށްވެސް ބޭނުމެއް ނޫން، މާޔާއަށް އެނގެއެއްނު އަހަންނަށް އެންމެ ފަސޭހައީ މާޔާ ކައިރީ ހިއްސާކުރަން ކަން.'' ޝީތުގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އޭނާ ނެގި ހެދިކާވެސް ކޮތަޅު ތެރެއަށް ލާފައި ހަމަޖެހިލިގޮތުން ބޮޑު ކަމެއްގެ ވާހަކަ ބުނަން އުދަނގޫވެގެން އުޅޭކަން އެނގެއެވެ.

"އެނގެއޭ، އަހަރެން އަޑުއަހަން މި އިނީ." މޭޒުމަތީގައި އޮތް ޝީތުގެ އަތްތިލައިގައި މާޔާ އަތް ޖައްސައިލީ އޭނާ ބުނާ ލަފްޒުތަކުގައި ހުރި ތެދުކަން އަންގައިދޭށެވެ. ޝީތު ޖެހިލުންވެފައި އިންތަން ފެނުމުން މާޔާ ހިނިތުންވެލީ އޭގެ ސަބަބުން ޝީތުއަށް ހިތްވަރު ދިނުމުގެގޮތުންނެވެ. މާޔާގެ ހިތް މަޑުމޮޅިވެފައިވަނީ ޝީތު ބުނަން އުޅޭ ވާހަކަ އާއި މެދު އުފެދުނު ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ.

"އަހަރެންގެ ބައްޕައަށް މާޔާ މަޢާފްކޮށްދެންވީނު." މާޔާއަށް އަތް ދަމައިގަނެވުނެވެ. ހީވީ ހޫނު އެއްޗެއްގެމަތީ އަތްޖައްސާލެވުމުން ބޭއިޚްތިޔާރުގައި އަތް ދަމައިގަނެވުނުހެންނެވެ. އިސްޖަހައިގެން އިން ޝީތުގެ މޫނަށް މާޔާއަށް ބަލައިލެވުނުއިރު އޭނާގެ ދެބުމަ ގޮށްޖެހިފައިވިއެވެ.

"ޝީތުއަށް އެނގޭނެ ޖަވާބުގައި އަހަރެން ބުނާނީ ކީކޭކަން." މާޔާ ތެދުވަމުން ބުނެލިއެވެ. ޝީތު ނޫން އެހެން މީހަކު ނަމަ އޭނާ އަމުރުކުރާނީ ވަގުތުން އޭނާގެ ކުރިމަތިން ދިއުމަށެވެ. ރުޅި އަޔަސް އޭނާގެ ފުށުން މަޑުމައިތިރިކަން ފެނުނީ ޝީތުއަށްޓަކައިއެވެ.

"މާޔާ، މާޔާ ފަދައިން އަހަރެންވެސް ދުވަސްތައް ހޭދަކުރިން، އެކަމަކު މިހާރު ބަލާބަލަ، އާ ދިރިއުޅުމާއި އެކު މުޅިން ބަދަލުވެއްޖެ، އެ ހިތްދަތިކަން ފިލައި ގޮއްސި، މާޔާ، ހުރިހާކަމެއްގެ ހައްލަކީވެސް ވަގުތު، އެޔާއި އެކު އެއީ މާޒީކަމަށްބަލައި ކުރިއަށް ދިއުން، ދެން އޮތީ އަހަރެމެން ބަލައިގަންނަ ވަރުގެ ބައިވެރިއަކު ޚިޔާރުކުރުން، "

ޝީތު ތެދުވެގެން އައިސް މާޔާގެ ފުރަގަހުގައި ހުއްޓުނެވެ. އޭނާ ހިތާއި ހިތުން ދުޢާކުރަމުން ދިޔައީ އޭނާގެ އެދުމަށް މާޔާ ފުރަގަސްނުދިނުމަށެވެ.

"އެންމެންގެ ނަޞީބު އެއްގޮތެއް ނުވާނެ، ޝީތުއަށް ދިމާވިގޮތަކަށް ނޫން އަހަންނަށް ދިމާވީކީ، ޝީތު ބަނޑުބޮޑުވެ ބައިގެން ދިޔައީ އެއްވެސް މީހަކަށް ނޭނގި، އެއްވެސް މީހެއްގެ ކުރިމަތީ ލަދުގަންނަން ނުޖެހި، ބާކީވުމާއި ބާކީ ކުރުމުގެ ހިތްދަތިކަން ނުލިބި، ޝީތުއަށް މަޢާފްކުރަން ފަސޭހަވީ އެހެންވެ، އަހަރެން ދުވަހަކުވެސް މަޢާފެއް ނުކުރާނަން،" މާޔާ އެނބުރިފައި ޝީތުގެ މޫނަށް ބަލާލިއެވެ.

"ތިއައީ މާޔާގެ ހިތްހަރުކަން، މިހާރު މާޔާއަށް އުފުލަން ޖެހިފައިވަނީ ކޮން ބުރައެއް؟ ދުވަސްކޮޅަކުން މީހުން ހަނދާންނެތިދާނެ، މާޔާގެ ދިރިއުޅުން ކުރިއެކޭ އެއްފަދައިން ދުވަސްކޮޅަކުން ހަމަޖެހިދާނެ، އެކަމަކު އަހަރެންގެ ބައްޕަ މުޅި އުމުރު ހޭދަކުރާނީ ޖަލުގައި، " ޝީތުގެ ރާގު ބަދަލުވަމުން ދިޔައެވެ. އޭނާއަށް ނާކާމިޔާބު އިހްސާސްވެ ރުޅީގެ ޖަޒްބާތުތައް އަތްގަދަކުރަމުން ދިޔައެވެ. ބަސްމަގުގައި ހަރުކަށިކަމާއި ރުންކުރުކަން ހުއްޓެވެ.

"ހީ ޑިޒާވް ދެޓް." މާޔާގެ ޖަވާބުވެސް އައީ އެހާމެ ހަރުކަށިކޮށެވެ. ޔޫނުސްގެ ސަބަބުން ގެއްލުނީ ހަމައެކަނި އޭނާގެ އުފާވެރިކަމެއް ނޫނެވެ. އޭނާގެ މަންމަވެސް މެއެވެ. މަންމަގެ ބަލިމަޑުކަން ގުޅިފައިވަނީ ޔޫނުސް ދޭންފެށި ބޭސްތަކުގެ ސަބަބުންނެވެ. އެހެންނަމަ މިއަދު އޭނާގެ މަންމަ ދުނިޔޭގައި ހުރީހޭ ހިތަށް އަރައެވެ.

"އަހަރެންގެ ބައްޕަ ވީމަތަ؟" ޝީތުއަށް މޭގައި އަތް ޖައްސާލެވުނެވެ. އޭނާގެ މޭ ފިތިގެން ދިޔަ ކަހަލަ އިހްސާސާއި އެކު މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. އޭނާ މާޔާގެ ކައިރިން އެ ނޫން އެއްވެސް ކަމަކަށް ދުވަހަކުވެސް ނޭދޭނެއެވެ. ބަދަލުގައި އެއްވެސް ކަމެއް ބޭނުމެއްވެސް ނޫނެވެ.

"ކުށްކުރީމައި އަދަބު ލިބެންޖެހޭ ކޮންމެ މީހަކަށްވެސް، އެއީ ޝީތުގެ ބައްޕަކަމުގައި ވިއަސް." މާޔާގެ ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. ޔޫނުސް ކުރި ކުށާއި ބަލާފައި ޖަލުގައި ބެހެއްޓުމަކީ އަދި މާ ކުޑަ އަދަބެކެވެ. އެއީ އިތުބާރު ހިފޭ މަޤާމެއްގައި ހުރި މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އޭގެ ސަބަބުން ގެއްލުނީ އޭނާގެ ނަފްސުގެ ހަމަޖެހުން އެކަންޏެއް ނޫނެވެ. އެފަދަ ގުޅުންތަކާއި މެދު އިތުބާރުވެސްމެއެވެ.

"އެހެންވީއިރު މިކިއަލް އެހުރީ ކީއްވެ؟ އޭނަ މާޔާއަށް ބިރު ނުދައްކާތަ؟ އަހަރެންގެ ބައްޕައަށް ބިރު ނުދައްކާތަ؟ މާޔާ އަކީ ކުށެއް ނުކުރާ މީހެއް ނޫނޭ، އަމިއްލަ އށް ކުރި އެއްވެސް ކުށަކަށް އަދަބު ލިބިގަންނަން މާޔާއަށް ކެރޭނެތަ؟ މިކިއަލް އާއި މާޔާގެ ދެމެދުގައި ނުހިނގާ ބާކީ އޮތީ ކޮންކަމެއް؟ އެ ނުވޭ ކުށަކަށް؟ " ޝީތު އަށް ކޮންޓްރޯލް ނުކުރެވުނެވެ. އޭނާ މާޔާއަށް ވިސްނައިދެން ބޭނުންވީ ކޮންމެ ކުށެއްގެ ކައްފާރާއަކަށް މަޢާފް އާއި ތައުބާވުން ވާކަމެވެ. އެ ފުރުޞަތު އެންމެންވެސް އޮންނަންޖެހޭކަމެވެ.

މާޔާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޝީތު ކުރި ކޮންމެ ސުވާލަކާއި އެކު އޭނާގެ ދޫ ހިމޭންކަން އިޚްތިޔާރުކޮށްފިއެވެ. އޭނާގެ ބަސް ހުއްޓުނީއެވެ. ދިފާއުގައި ބުނަން އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އަމިއްލައަށް އުޅެވުނު ގޮތް ހަނދާނަށް އަންނަންފެށީ ކަޅާއި ހުދުގެ މަންޒަރުތަކެއް ފަދައިންނެވެ.

** **

މިކިއަލް ބޭރުގައި ހުރެ މާޔާގެ ފޯނަށް ގުޅަމުން ދިޔައެވެ. ޚަބަރެއް ނުވުމުން އޭނާ ކަންބޮޑުވިއެވެ. ދޮރުގައި ތަޅާ ތަޅާ ވަރުބަލިވެއްޖެއެވެ. ނިދިފައި އޮތް މީހަކަށް ހޭލެވޭނެ ވަރަށް އޭނާއަށް ގުޅިއްޖެއެވެ. މާޔާއަށް ކަމެއްވީއޭ ހިތަށް އެރިއެވެ. އެންމެފަހުން އެ އެޕާރޓްމެންޓްގެ ވެރިމީހާއަށް ގުޅައި ޑަބަލް ހޯދައިގެން އެތެރެއަށް ވަނެވެ.

ދެފިޔަވަޅެއް އަޅާލާފައި މިކިއަލް ހައިރާންވީ ގޭތެރެ އޮތް ހާލަތު ފެނިފައެވެ. އެތަން މިތަނުގައި ހުރި ސޯފާގެ ކުޝަންތަކާއި ވަށިގަނޑުގައި ހުރި މާތައް ފެނިފައި މީހަކު އެތަނަށް ވަދެ މާޔާއަށް ކަމެއްކުރީއޭ ހިތަށް އެރިއެވެ. އެކަމަކު އަނެއްކާވެސް އޭނާ ހުއްޓުނީ ސޯފާގެ އަނެއްފަރާތުން އިވެމުން ދިޔަ ގިސްލުމުގެ އަޑާއި އެކުގައެވެ. އެއީ މާޔާގެ އަޑުކަން އެނގުމުން އޭނާއަށް ދުއްވައިގަނެވުނެވެ.

ތިރީގައި އިށީދެގެން އިން މާޔާގެ މޫނު ފޮރުވިފައިވަނީ ދެކަކުލުގައި މޫނު ޖައްސާލާފައިވާތީއެވެ. އެއާއި އެކު ދެއަތް ވަށާލައިގެން އޭނާ އިންއިރު އެތަނަށް މީހަކު ވަދެގެން އައިކަން ނުވެސް އެނގެއެވެ.

"މާޔާ"

ދެކަކޫ ޖަހައި މާޔާ އާއި އެއްވަރަށް ތިރިވަމުން މިކިއަލް ގޮވާލިއެވެ. އޭނާ އެއްއަތުން މާޔާގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭނާގެ އަޑާއި އެކު މާޔާ އިސްއުފުލައިލިއެވެ.

މިކިއަލް ދެއަތް އުފުލައިލީ އޭނާގެ ދެއަތުން ހިމާޔަތް ދޭނަމޭ ބުނާ ފަދައިންނެވެ. އޭނާގެ މޭގައި ބޯ އަޅާލާފައި މާޔާއަށް ބޭނުން ވަރަކަށް ރޮވިދާނެއެވެ. ވަރުބަލިވުމެއް އަދި ފޫހިވުމެއް ނެތި މާޔާގެ ވާހަކަތައް އަޑުއަހަން އޭނާއަށް އިނދެވިދާނެއެވެ. މާޔާ އާއި ދިމާލަށް މިކިއަލް ހިނިތުންވެލިއެވެ. މާޔާ ދެއަތް ތިރިކޮށްލާފައި ހީވީ އަންނަން އުޅުނުހެންނެވެ. ތެދެކެވެ. މާޔާ ގުދުވެ މިކިއަލް އާއި ކައިރިވިއެވެ. އެކަމަކު އެދެއަތުގެ ތެރެއިން ހިމާޔަތް ހޯދާކަށް ނޫނެވެ. މާޔާ އަތް ވީއްލައި މިކިއަލްގެ މޫނުމަތީ ޖެހީއެވެ.

ވީތަދަށްވުރެ ހައިރާންވެފައި މިކިއަލްއަށް އިނދެވުނެވެ. ކޯތާފަތްމަތީ ފިރުމައިލަމުން މިކިއަލް ބަލަން އިނީ ހައިރާންވެފައެވެ.(ނުނިމޭ)