...

Support Us

ކޮލަމް: ސައީދުގެ ތުލަ

ނަސްރުގެ ދުވަސް.. ހަމައެކަނި ބަންދު ދުވަހެއްގެ އިހްސާސް…

އިއްޔެއަކީ މިއަހަރުގެ ނަސްރުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު، ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަރައި ދިން ހަމަލާ، ނާކާމިޔާބުވެ، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ލިބުނު ނަސްރު ފާހަގަ ކުރުމަށެވެ.

ނަސްރުގެ ދުވަހުގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަވެސް ހިތަށް އަންނަނީ، ކުލީ ސިފައިންގެ ހަމަލާއަށް ރައްދު ދިނުމުގައި ސާބިތުކަމާއެކު ހުންނެވި ޝަހީދު ޙުސައިން އާދަމުގެ ހަނދާނެވެ. އޭނާގެ އަގުނުކުރެވޭ ފަދަ ގުރުބާނީއެވެ. ގައުމުގެ މިނިވަންކަން ހިމާޔަތްކޮށްދިނުމަށް ޝަހީދު ޙުސައިން އާދަމްވީ ގުރުބާނީއެވެ.

މާތްﷲ އެ މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އަދި މި ހާދިސާގައި ޝަހީދުވި ހުރިހާ ދިވެހިންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

ޝައްކެއްނެތް ގޮތުގައި، ދިވެހި ރާއްޖެ މިއަންނަނީ ކުރިއަރަމުންނެވެ. އެންމެކުޑަކޮށް ތަރައްގީވެފައިވާ ގައުމުގެ ތަކުގެ ލިސްޓުން މީގެ އެތަކެއް އަހަރެއް ކުރިން ރާއްޖެވަނީ އުނިކުރެވިފައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ގޮތުން ބޮލަކަށްޖެހޭ ނިސްބަތް މިވަނީ އެތައް ގުނައެއް މަތިވެފައެވެ. ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ސައްތައިން ސައްތަ ލިޔަންކިޔަން ދަންނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. އަދިވެސް މިލިސްޓު ދިގު ކުރެވިދާނެއެވެ.

ނަމަވެސް، ސުވާލަކީ، މި ހުރިހާ ކަމެއް ޙާސިލްވިއިރު، ގައުމު ދެކެ ލޯބިވާ، ގައުމުގެ މިނިވަންކަމާ ސިޔާދަތު ހިމާޔަތްކުރުމުގައި ގުރުބާންވާނެ ދިވެހި ދަރިއަކު އަޅުގަނޑުމެންނަށް އުފެއްދިއްޖެތޯއެވެ؟ މާލޭގެ މަގުތަކުގެ މަތިން ފެންނަ މަންޒަރުތަކުން، މި ދަންނަވާލި ސުވާލުގެ ޖަވާބު އޮންނާނެ ގޮތް ތަސައްވުރު ކުރެވެއެވެ.

މި ދިވެހި ފަސްގަނޑު އަޅުގަނޑުމެންނާ ހަމައަށް މިނިވަންކަމާއެކު ވާރުތަވެފައިވަނީ، ވަރަށްގިނަ ބައެއްގެ ގުރުބާނީންނެވެ. ދިވެހި ފަސްގަނޑުގައި ފަސް ވަގުތު މި އަޑުއިވޭ ބަންގިއާއި، މަލަމަތީގައި ވިހުރެވޭ ފެއްސާއި ރަތާއި ހުދުގެ ދިދަ އަޅުގަނޑުމެންނާ ހަމައަށް އައީ އަޅުގަނޑުމެންގެ ކާބަފައިންގެ ގުރުބާނީގެ ސަބަބުންނެވެ. މިއީ ހިލޭ ލިބުނު އެއްޗެއް ނޫނެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ގުރުބާނީއަށް، އެފަރާތްތަކަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އިންތިހާއަށް ބޮޑެވެ.

ގައުމީ މިފަދަ ދުވަހެއް އަންނަ ކޮންމެ ފަހަރަކު ފެންނަނީ ސަރުކާރު ބަންދުވެ، ސްކޫލްކުދިން ދިވެހި ލިބާސްލައި، ދުވަހާ ގުޅޭ ކޮންމެވެސް ކަމެއް ކޮށްލާ މަންޒަރެވެ. ވަގުތީ ކަމެއްގެ ގޮތުގައެވެ.

ހަގީގީ މާނައިގައި، މިފަދަ ދުވަހެއްގެ މުހިއްމުކަން ކުދިންގެ ހިއްތަކާއި ސިކުޑިއާއި ގާތަށްވެސް ދެއެކޭ ނުދެންނެވޭނެއެވެ. އެފަދަ ކަމެއްވެސް ކުރެވެއެކޭ ނުދެންނެވޭނެއެވެ. އެހެންނަމަ، މަގުމަތިން މި ފެންނަ މަންޒަރު ނުފެންނާނެއެވެ.

އަޅުގަނޑުމެންގެ އަތުގައި ފައިސާ ހުރިނަމަ، ދުނިޔޭގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ރާއްޖޭގެ ހުރިހާ ރަށްތައް ބުރިޖަކުން ގުޅުވައިލެވިދާނެއެވެ. ކޮންމެ މީހަކަށް ދެ ފްލެޓްގެ ރޭޓުން ފްލެޓްވެސް އެޅިދާނެއެވެ. ފެންވަރު ރަނގަޅު ހޮސްޕިޓާތަކާއި ޕާކުތަކާއި ކުޅިވަރު ބިންތައްވެސް ގާއިމް ކުރެވިދާނެއެވެ. އެހެން ނަމަވެސް، ގައުމު ދެކެ ލޯބިވާ، ގައުމު ދެކެ ފަޚްރުވެރިވާ ދަރިއަކު ބިނާ ނުކުރެވުނުނަމަ، މަތީގައި ދެންނެވި އެއްޗެތީގެ ބޭނުމެއް އެބައޮތްތޯއެވެ؟

ގައުމީ ބަތަލުންގެ ޒިކުރާއާއި ގުރުބާނީއަކީ، ހަމައެކަނި އެފަދަ މުނާސަބަތެއް ފާހަގަކުރުމަށް ބާއްވާ ޖަލްސާއަކަށް ވެގެން ނުވާނެއެވެ. ގައުމީ ބަތަލުންގެ ވާހަކަތަކަކީ، ފޮތެއްގައި ރީތިކޮށްލިޔެ، ޢަމަލު ނުކުރާ ވާހަކަ ތަކަކަށް ވެގެންނުވާނެއެވެ. އެފަދަ ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ ވަގުތީ އަދި ހިނދުކޮޅެއްގެ ކަމަކަށްވެސް ވެގެން ނުވާނެއެވެ.

މިދިވެހި ފަސްގަނޑާއި، މި ފަސްގަނޑުގެ ވަށައިގެންވާ ތަކެއްޗަށް އަޅުގަނޑުމެން ލޯބިވާން ޖެހެއެވެ. ދިވެއްސަކަށް ވީތީ، ނިކަން ހަށިފުޅާކޮށް ފަޚްރުވެރިވާން ޖެހެއެވެ. ގައުމުގެ މިނިވަންކަމަށްޓަކައި، ޝަރުތެއްނެތި ޤުރުބާންވާން ތައްޔާރުވާންޖެހެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން ހިޔާމަތްކުރުމަކީ، ދިވެއްސަކަށްވީތީ، ކޮންމެ ދިވެއްސެއްގެވެސް ވާޖިބެކެވެ. މިވާޖިބު އަދާކުރުމަށް ދަސްކޮށް ނުދެވިއްޖެނަމަ، ގައުމީ ކޮންމެ ދުވަހެއްގައި އިހްސާސް ކުރެވޭނީ، އިއްޔެ ކަހަލަ، ހަމައެކަނި ސަރުކާރު ބަންދު ދުވަހެއްގެ އިހްސާސެވެ.