Support Us

ނަސްރު ދުވަސް: އެދުވަހުގެ މާނައާއި އެދުވަހުން ލިބެން އޮތް ބައެއް އިބުރަތް

މިއަދަކީ ނަސްރު ދުވަހެވެ. އަދުގެ ތާރީޚަށް ބަލައިލުމުން ވެސް އެނގޭ ގޮތުގައި، ނަސްރު ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. މި ލިޔުމުގައި، ދުވަހާ ބެހޭ ގޮތުން އެއްޗެއް ލިޔުމުގެ ދައުވަތު ލިބުމުން، އެކަމަށް އިޖާބަދީ، ދުވަހުގެ މުނަސަބަތާ މެދު ލިޔާނެ އެއްޗަކާ މެދު ވިސްނާލުމުން، ދެތިން ކަމެއް ހިތަށް އެރައެވެ. މި ދުވަސް ނޮވެމްބަރު 3 ގައި ފާހަގަކުރެވެނީ ކީއްވެގެން ކަމެވެ. މި ދުވަސް ޚާއްސަކުރެވެނީ ކާކަށްތޯއާއި އޭގެ މާނައަކީ ކޮބައިކަމެވެ. ދެން، ނޮވެމްބަރު ތިނެއްގެ ހާދިސާއިން ލިބިގަނެވޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާއިން އިބުރަތް ލިބިގަނެގެން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގީ 1988ވަނަ އަހަރުއެވެ. އެ އަހަރުގެ ނޮވެމްބަރު ތިނެއްގައެވެ. ރާއްޖޭގެ މުވާތިނަކު ކަމުގައިވި އަބްދުﷲ ލުތުފީ އިސްނަގައިގެން، އޭނާގެ ބަހަށް، އޭނާގެ ރައްޓެހި ހަތަރު ފަސްމީހަކު އޭނައާ ބައިވެރިވެ، މިބައި މީހުން، ސިރިލަންކާ ގައި އެދުވަސް ވަރު، އެތަނުގެ ސަރުކާރާ ދެކޮޅަށް މަދަނީ ހަނގުރާމައެއް ކުރިއަށް ގެންދަމުން ދިޔަ ޓެމިލް ޓައިގާރސްގެ ޖަމާއަތުގެ ޣައިރު ގާނޫނީ ނުރަސްމީ އަސްކަރީ ބަޔަކު، ރާއްޖެ ގެނެސް، އެމީހުންގެ އަސްކަރީ  އެހީގައި، ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމުގެ ޣަދަރުވެރި އަމަލެއް ހިންގީ މި ތާރީޚުގައެވެ. މި ހާދިސާގައި ރާއްޖޭގެ ރަސްމީ އަސްކަރީ އެތައް ބޭކަލަކާއި އަދި މަދަނީ އެތައް ބަޔަކުވެސް ޝަހީދުވިއެވެ. މީގެ އިތުރުން، އިމާރާތްތަކަށާއި މުދަލަށްވެސް ގެންލުން ލިބުނެވެ. މިހާދިސާ ހިނގީ 1988ގެ ނޮވެމްބަރު ތިނަކަށް ވެފައި އެދުވަހުގެ ޣަދަރުވެރި އުދުވާނީ ހަމަލާ ބަލިކޮށް، ދިވެހިންނަށް ނަސްރު ލިބުމުން، އެ ހާދިސާއަށް ފަހު، އެދުވަސް، ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިނެއްގައި، ފާހަގަކުރެވެނީއެވެ.

ނޮވެމްބަރު ތިނެއްގެ ޣަދަރުވެރި ހާދިސާގައި ޝަހީދުވި އަސްކަރީ ބޭފުޅުންނަކީ އެދުވަހުގެ ނުރައްކާތެރި ހާދިސާއާ ކެރިގެން ކުރިމަތިލައްވައި، ހާދިސާގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެކަމުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވެ ދިޔަ ބޭބޭފުޅުންނެވެ. މީގެތެރެއިން އަޅުގަނޑުމެން އެންމެންގެ ގައުމީ ވައުޔުގެ، (ކޮންޝަންސްގެ) ހޭލުންތެރިކަމުގެ، ހަދާނުގައި މިއަދު ހަރުލާފައި ހުރި އެއް ބޭކަލަކީ މަރުހޫމު ކޯޕުރަލް ޝަހީދު ހުސައިން އާދަމެވެ. މީގެ އިތުރުން އެދުވަހު ޝަހީދުވެ ދިޔަ ދިވެހި ސިފައިންގެ އެހެން ބޭކަލުންނަކީ ލެފްޓިނެންޓު މޫސާ އަހުމަދާއި، ސާޖަންޓު ކުޑަ އާދަމް ކުޑަތުއްތުއާއި، ސާޖެންޓު އާދަމް ނަސީރާއި ކޯޕުރަލް ހުސައިން މުހައްމަދާއި ކޯޕުރަލް މުހައްމަދު އިބުރާހިމާއި ކޯޕުރަލް މުހައްމަދު ހަސަނާއި ކޯޕުރަލް އަބްދުﷲ ޒުހައިރެވެ.

އެދުވަހުގެ ޣައްދާރުންގެ ރޭވުމަކަށްވީ މާލެ އަރައި ރާއްޖޭގެ ސިފައިންގެ މައި މަރުކަޒު ހިފުމެވެ. މިކަން ކުރެވުމުން، މުޅި ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެނެވި، އެމީހުންގެ މަގުސަދު ހާސިލުވާނެތީއެވެ. އެދުވަހު، މިކަން ނުވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެއް ކަމަށްވީ މަރުހޫމު ކޯޕުރަލް ޝަހީދު ހުސައިނު ކަމަށް ބުނެވިދާނެއެވެ. ސާބިތުކަމާއެކު، އޭނާގެ މަގާމު ދޫނުކޮށް، ވަރަށް ކެރިގެން، އޭނާ ޝަހީދުވެގެން ބިން މައްޗަށް ވެއްޓިވަޑައިގަތުމަށްދާން ދެން، ސިފައިންގެ މައި މަރުކަޒު ދިފާއުކުރެއްވުމުގައި އޭނާ ދެމިހުންނެވުމުންނެވެ. މީގެ އިތުރުން، މި އުދުވާނީ ހަމަލައާ ކުރިމަތި ލެއްވި އެހެން ދިވެހި އަސްކަރީންގެ މުހިއްމު ދައުރު ވެސް، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމުގެ ސަބަބުކަމުގައި ވެއެވެ. މި މަސައްކަތުގައި، މަރުހޫމު ޝަހީދު ހުސައިނުގެ އިތުރުން ވެސް، ޝަހީދުވެވަޑައިގެން އެހެން ދިވެހި އަސްކަރީ ބޭފުޅުންނަކީ ވެސް އެބޭފުޅުންނާ ހަވާލުވެފައި އޮތް ވާޖިބު އަދާކުރެއްވުމުގެ އަމަލީ މަސައްކަތުގައި އުޅުއްވަނިކޮށް ޣަދަރުވެރި އުދުވާނީ ބަޑީގެ ހަމަލާތަކުގެ ޝިކާރައަށްވެ، ޝަހީދުވީ ބޭކަލުންނެވެ. ޚާއްސަ ގޮތެއްގައި، އެކަމަކީ އެބޭކަލުންގެ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށަހަޅާލެވިގެން ދާނޭ ކަމެއްކަން އެނގިލައްވައިގެން ތިއްބަވައި، އެދުވަހުގެ 'ރެކޯ ޕެޓްރޯލުގައި' އާދެ ކަންތައްތައް ހިނގަމުންދާ ގޮތް ހޯދުމުގެ 'ރެކޮނައިސާންސް’ގެ ފާރަވެރި ބުރުގައި ބައިވެރިވެ، ޝަހީދުވި ބޭކަލުންނެވެ. މި އެންމެ ބޭކަލުންނަށް ހެޔޮ ރަހުމަތްލައްވައި، ސުވަރުގެ ދެއްވާހުށިކަމެވެ.

އެދުވަހު، އަޅުގަނޑުމެންނާ ވަކިވެ ދިޔަ، މަދަނީ ބޭފުޅުން، ވަކިވެދާން ޖެހުނީ، އެކިއެކި ސަބަބުތަކާ ހުރެއެވެ. ބައެއް ބޭފުޅުން، އަވަހާރަވީ، އެބޭފުޅުންގެ ވަޒީފާގެ ވާޖިބު އަދާކުރުމުގެ ގޮތުން، ހެނދުނު ހެނދުނާ ވަޑައިގަންނަވަން ޖެހޭ ސަރުކާރުގެ އޮފީސްތަކަށް ވަޑައިގަތުމުގެ މަގުމަތީ އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. ނިގުޅެމުން ދިޔަ ދުވަހުގެ ހާދިސާތަކުގެ ފީތާގެ ނުރައްކާތެރިކަން، ކުޑަކޮށްވެސް އިހުސާސުވެ، އެނގިވަޑައިގެންފައި ނެތީމައެވެ. އަނެއްބައި ބޭފުޅުންނަކީ، އެބޭފުޅުންގެ ދުވަހުގެ އާދައިގެ މަތިން ކަންތައްތައް ކުރައްވަން އުޅުއްވުމުގެ ތެރޭގައި، ނޭނގި ތިއްބަވައި، ނުރައްކަލުގެ ތެރެއަށް ނަފްސު ހުށަހަޅާލެއްވުނު ބޭފުޅުންނެވެ. އަދި، މީގެ އިތުރުން، އަނެއްބައި ބޭފުޅުންނަކީ އެދުވަހު، ޣަދަރުވެރި ޚާއިނުން، ނުހައްގުން ހިފާ ހައްޔަރުކޮށްގެން ގެންދިޔަ މަދަނީ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. ޣަދަރުވެރި ޚާއިނުންގެ މި ބައިގަނޑު، ދިވެހި އާގުބޯޓެއް ކަނޑުފޭރިގަނެގެނެ، މިނަންގަތް މަދަނީ ބޭފުޅުން ރަހީނުންގެ ގޮތުގައި ހައްޔަރުކޮށް ގެންގޮސް، ޣަދަރުވެރި ޚާއިނުންގެ ބައިގަނޑު މާޔޫސީ ހާލަތަކަށް ގޮސް، ސަލާމަތްވުމުށްޓަކައި، އެއްވެސް ރަހުމެއްނެތި، އަދި ގާނޫނާއި އަޚުލާގުގެ ކުޑަވެސް ހަމައަކަށް ބެލުމެއް ނެތި، މެއްސާއި މަދިރި މަރާހެން، ދިވެހިންގެ ބަޔަކު ބަޑިޖަހާ މަރާލީއެވެ. މިނަންގަތް މަދަނީ ބޭފުޅުންނަކީ ފަހަރެއްގައި ވެސް ޣައްދާރުންގެ ޣަދަރުވެރި އަމަލާކުރިމަތިލައްވައި ޣަދަރުވެރި ބައިގަނޑަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިކުރެއްވި ބޭފުޅުންނެއް ނޫނެވެ. އެހެންވެ، ޣަދަރުވެރިންގެ މިއަމަލު ހިމެނޭނީ 'ހަނގުރާމައިގެ ޖަރީމާ’އެއްގެ ގޮތުގައެވެ. ހަމަ އެކަނި މި އަމަލުން ވެސް، އެފަދަ މުޖުރިމުންނަށް މަރުގެ އަދަބު ހައްގުވާ ޖަރީމާއެކެވެ. ޝަހީދުވި، މިނަންގަތް މަދަނީ ބޭފުޅުންގެ ތެރޭގައި، އިސްލާމީ މަރުކަޒުގެ އެދުވަސްވަރުގެ އިމާމު ހިމެނިވަޑައިގަންނަވައެވެ. މަޑުމައިތިރި، ބަސްމަދު، ވަރަށްވެސް ޚުލްގު ހެޔޮ، ސޯލިހު ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެ، އާންމުންގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. މިފަދަ ބޭފުޅެއްގެއާއި، އެދުވަހު، ބޭރަހުމީ ސިފައެއްގައި ގަތުލުކޮށްލެވުނު މަދަނީ އެހެން ބޭފުޅުން ގަތުކޮށްލަން ޖެހެން އޮންނާނީ އަޅެ ފަހެ، ކޮން ސަބަބެއް ހެއްޔެވެ؟

އެދުވަހު، އަޅުގަނޑުމެންނާ ވަކިވެ ދިޔަ ހުރިހާ ބޭފުޅުންގެ މަތިން މިއަދާއި އަދި، އެހެން ދުވަސްތަކުގައި ވެސް، އަޅުގަނޑުމެން ހަނދާންކުރަން ޖެހެއެވެ. އެބޭފުޅުންގެ މައްޗަށް ހެޔޮ ދުއާކޮށް، އެބޭފުޅުންގެ ކުށްފާފަތައް ފުއްސަވައި، ސުވަރުގެލެއްވުމުން އަދައިގެންނެވެ. އަދި، ގައުމީ ވައުޔުގައި ހަރުކުރުވައި، މިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެވެސް ކަހަލަ ހަނދާނީ ބިނާއެއް ވެސް ތައްޔާރުކުރަން ޖެހެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި، ބައެއް އާންމު އިމާރަތްތަކާއި މަގުތަކަށް އެބޭބޭފުޅުންގެ ނަން ދެވެން ޖެހެއެވެ. އެބޭބޭފުޅުންގެ ގުރުބާނީ ހަނދާކޮށް، ޣަދަރުވެރިކަމާއި ޣަދަރުވެރިންގެ ކިބައިން ގައުމުގެ ސަލާމަތްކުރުމުގެ ހޭލުންތެރިކަން، މީސްތަކުންގެ ހިތްތަކުގައި އުފައްދައި އެކަން ދެމެހެއްޓުމަށްޓަކައެވެ.

އެދުވަހު، ޝަހީދުވެ، އަޅުގަނޑުމެންނާ ވަކިވެ ދިޔަ ބޭބޭފުޅުންގެ އިތުރުން، ހަނދާނުގައި ބަހައްޓަން ޖެހޭ އެހެން ބައެއްވެސް ވެއެވެ. އެބޭފުޅުންގެ ސިފައިންގެ ހުވަޔަށް ތެދުވެރިވެ ތިއްބަވައި، ގައުމުގެ ދިފާއުގައި، އެއްވެސް ބިރެއް ޖެހެލުމުއް ނެތި، އެބޭބޭފުޅުންގެ ނަފްސުތައް ނުރައްކަލުގެ ތެރެއަށް ހުށަހަޅާލެއްވި އަސްކަރީ ބޭކަލުންނެވެ. ކުރިން ވެސް ނަންގަތް ފަދައިން އެދުވަހުގެ 'ރެކޯ ޕެޓްރޯލުގައި' ނިކުންނަވައި ހަރަކާތްތެރިވި ބޭކަލުންނެވެ. މީގެ އިތުރުން، ޚާއްސަ ގޮތެއްގައި ހަނދާނަށް ގެންނަން ޖެހެނީ އެދުވަހު، އެކި ސިފަސިފައިގައި، އެކިއެކި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އާންމު ރައްޔިތުންގެ އަގު ބޮޑު ޚިދުމަތެވެ. މީގެ ތެރޭގައި، އެދުވަހުގެ އުދުވާނީ ބަޑިތަކުގެ ހަމަލާއިގެ އަމާޒަކަށްވެ، ޒަޚަމްވީ ބޭބޭފުޅުން ހަސްފަތާލަށް ގެންގޮސް، އެބޭބޭފުޅުންނަށް ފޯރުކޮށްދޭން ޖެހޭ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އާންމުން ހިމެނެއެވެ. އަދިވެސް، އާންމުންގެ ހަނދާނުގައި އަދު ނުހުރެދާނެ، އެހެން ނަމަވެސް، ވަރަށް މުހިއްމު އަގުހުރި ބައެއް ކަންކަން ހަނދާނަށް ގެންނަން ޖެހެއެވެ. މިފަދަ އަގުހުރި އެއް ޚިދުމަތެއްގެ ވާހަކަ ލިޔެލާނަމެވެ. ޣަދަރުވެރި ޚާއިނުން މާލޭތެރޭ ހަރަކާތްތެރިވަމުން، މާލޭގެ މުހިއްމު ބައެއް ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމުގެ ބޭނުމުގައި، ނޫނީ އެފަދަ ތަންތަނުގެ ބޭނުން، ސަރުކާރުގެ އިދާރާތަކަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށްޓަކައި، އެކި ކަންކަން ކުރަން ގަސްދުކުރިއެވެ. މީގެ ތެރޭގައި ރާއްޖޭގެ މުވާސަލީ މަރުކަޒާއި އަދި މާލެއަށް ކަރަންޓުދޭ މައި އިންޖީނުގެ ހަލާކުކޮށްލަން ނިންމުން ހިމެނެއެވެ. މިގޮތުން، އޭރުގެ ބޮޑު އިންޖީނުގެ ހަލާކުކޮށްލަން ގަސްދުކޮށް ޣައްދާރުންގެ އިސް މީހަކު އިންޖީނުގެއަށް ދިޔައެވެ. ނަމަވެސް، އިންޖީނުގޭގައި އެދުވަސް ވަރު މަސައްކަތްކުރެއްވި އިންޖިނޭރަކު، މިކަންކުރަން އުޅުނު ޣައްދާރުންގެ އިސް މީހާއަށް ވިސްނައިދިނީ އެކަންކޮށްފި ނަމަ، ގެއްލުންވާނީ ސަރުކާރަކަށް ނޫންކަމެވެ. އެކަމުގެ ގެއްލުން އެންމެން ވެސް އިހުސާސުކުރަން ޖެހޭނޭކަމެވެ. އަދި، ސަރުކާރު ބަދަލުވެއްޖެ ނަމަ، ޚުދް އަލަށް ސަރުކާރަށް އަންނަ ބަޔަކަށް ވެސް، އިންޖީނުގެ މުހިއްމުވާނޭ ކަމެވެ. މިފަދަ، ހިކުމަތްތެރި ގޮތެއްގައި، އޭނާގެ ހާޒިރުބުއްދި ބޭނުންކުރައްވައި، ޣަދަރުވެރިންނާ، މި ނަންގަތް އިންޖިނޭރު ވާހަކަދައްކަވައި، އިންޖީނުގެ ހަލާކޮށްލުން ހުއްޓުވިއެވެ.

ކޮންމެ އަކަސް، ނަސްރު ދުވަހުގެ ވާހަކަދައްކާއިރު، މިއީ ހަނދާންކޮށްލަން ޖެހޭ ކަންކަމެވެ. އިންސާނުންގެ ރަނގަޅު ސިފަތައް އެންމެ ރީތިކޮށް ފާޅުވެ، ހާމަވެގެން ދަނީ ނުރައްކަލާ ކުރިމަތިވާ ވަގުތުތަކުގައެވެ. ނޮވެމްބަރު ތިނެއްގައި، އަޅުގަނޑުމެންގެ ތެރެއިންވެސް މިކަން ފާޅުވެގެން ދިޔައެވެ. އެއްވެސް، އަނާނިއްޔަތު، އާދެ، އަނާއަނާ ކަމެއް ނެތި، އެހެން މީހުންގެ ލާބައާއި ހެވަށްޓަކައި މަސައްކަތް ކުރުމުގެ ސިފައެވެ. މިފަދަ އެތައް ބަޔަކު އެދުވަހު އަޅުގަނޑުމެންގެ މުޖުތަމައުން ފެނިގެން ދިޔައެވެ. މިއިން އެނގި ސާފުވަނީ، އިންސާނީ ނަފްސުގެ އެންމެ ބާރުގަދަ އުންސުރަކީ ހެވާއި ރަނގަޅުކަން ކަމެވެ. އެކިއެކި ސަބަބުތަކާ ހުރެ، މި އަސްލަށް، ފަސްއެޅި، ވަޅުޖެހި ފޮރުވިފައި އޮތަސް، ވަގުތު ޖެހުމުން، އެކަން ފެންމަތިވެ، ފާޅުވެ، އެކަމުގެ ރީތި އަސަރު ފެނިގެންދާކަމެވެ. އެހެންވެ، މިއަދު ވެސް، އަދި، އަބަދުވެސް، މިއީ ޝުކުރުވެރިކަމާއެކު ފާހަގަކުރަން ޖެހޭ ކަމެކެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާއާ ގުޅޭ، ނަންގަނެވި ދިޔަ ފިދާއީ ވާހަކަތަކަކީ އަޅުގަނޑުމެންގެ ގައުމީ ވައުޔުގެ ހަނދާނުގައި ބިންވަޅު ނެގެން ޖެހޭނޭ ކަންކަމެވެ. މިކަންކަން، އާދެ، ނޮވެމްބަރު ތިނެއްގެ ހާދިސާއާއި އިހާއި އަދި ފަހުގެ މިފަދަ އެހެންވެސް ތާރީޚީ ހާދިސާތައް ތަފްސީލުކޮށް ލިޔެވި، އަޅުގަނޑުމެންގެ މަދުރަސީ މަންހަޖުގައި ހިމެނި، އިސްކޫލުތަކުގައި ކިޔަވައި ދެވެން ޖެހެއެވެ. ޕޯޗުގީޒުންނާއި ހޮޅީންގެ، އިހުގެ، ވާހަކަތަކެވެ. ރާއްޖޭގެ ދެކުނުގެ ބައެއް ވަކިވެގަތުމުގެ މައްސަލައިގެ، ފަހުގެ، ވާހަކަތަކެވެ. ގައުމު ބައިބައިވެ، މިނިވަންކަން ގެއްލުމުގެ ބިރު އުފެދުނު ހާދިސާތަކެވެ. 'ނަސްރު ދުވަހެއް' ފާހަގަކުރުމުގެ މާނައިގެ ތެރޭގައި މިކަން ހިމެނެއެވެ. އެދުވަހުގެ ބަތަލުން، އާދެ، އެދުވަހު އަޅުގަނޑުމެންނާއި ވަކިވެ ދިޔަ ބަތަލުންނާއި އަދި އެނޫންވެސް އެދުވަހުގެ ބަތަލުންގެ މަތިން ހަނދާންކޮށް، އެބަތަލުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެ ބަތަލުންނަށް ޝުކުރުއަދާކުރުމެވެ. މިކަން، ގައުމީ ހަނދާނުގައި ހަރުލައްވައި، ދަމަހައްޓައި، މިފަދަ ހާދިސާތައް ތަކުރާރުވެ ދިޔުން ހުއްޓުމަށްޓަކައި މިވާހަކަތައް ތަފްސީލުކޮށް ލިޔެވި، މަދުރަސީ މަންހަޖު މެދުވެރިކޮށް ކިޔަވައި ދެވެން ޖެހެއެވެ.

ޝައްކެއް ނެތް ގޮތުގައި ނަސްރު ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މިނަންގަތް ފަދަ، ނަސްރު ދުވަހާ ގުޅޭ ވާހަކަތަކުގެ ހަނދާން އާކޮށް، ނޮވެމްބަރު ތިނެއްގެ ހާދިސާއާއި އަދި ވެސް، އިހުގައި، ހިނގާފައި ހުރި މިފަދަ ކަންކަން، ގައުމީ ވައުޔުގެ ތެރޭގައި، ގައުމީ ހޭލުންތެރިކަމުގެ ތެރޭގައި، ބިންވަޅުނަގައި ހަރުކޮށްލުމެވެ. މިފަދަ ހާދިސާތައް، ގައުމީ ވައުޔުގެ ތެރޭގައި ހަރުކޮށްލާއިރު، ނޮވެބަރު ތިނެއް ފަދަ ހާދިސާތަށް މެދުވެރިވާން ދިމާވާ ސަބަބުތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި، އެފަދަ ހާދިސާތަކަށް ތައްޔާރުވެފައި ތިބީ ކިހާ ވަރަކަށްތޯއާއި އެ ފަދަ ހާދިސާތައް ދިމާވުމުން، ކަންތައް ކުރެވުނު ގޮތުގެ މައްޗަށް، ފަސް އެނބުރި ބަލައި، ގޯހެއް ހެދިފައިވާ ނަމަ، އިސްލާހުކުރަން ޖެހޭ ކަންކަން ދެނެގަނެ، ފާހަގަކުރަން ޖެހެއެވެ. އެކަންކަން އިސްލާހުކުރުމަށްޓަކައެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާއަށް ބަލާލާއިރު، މިހާދިސާ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބެއް އޮތެވެ. ގައުމުގެ ސިޔާސީ ހަޔާތަށް ވެރިވެފައި އޮންނަ ވަރުގަދަ އިސްތިބްދާދީ (ޑިކްޓޭޓަރޝިޕްގެ) ސިފައެވެ. ވެރިކަމަކީ އިސްތިބްދާދީ ކުލަޖެހިފައި އޮތުން ނިޔާކުރަނީ ގައުމުގެ ޖަމާއީ ހަޔާތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު، އެއްވެސް މީހަކަށް ނެތުމެވެ. ގައުމުގެ ހުރިހާ ކަމެއް، އެންމެ މީހެއްގެ މުށު ތެރަށް ލެވިފައި އޮތުމެވެ. އަދި، މުސްތަބިއްދު ވެރިޔަކު ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރަމުން ގެންދިޔަޔަސް، ފާޑުކިމުގެ ގޮތުން އެއްޗެއް ބުނެވޭނޭ ގޮތް ނެތުމެވެ. އެފަދަ ކަމެއް ކޮށްފިނަ، ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވުނަސް ބޮޑެތި އަދަބު ލިބި، އެކަން ކުރި މީހަކަށް ނުވަތަ އެކަމަށް ތުހުމަތު ކުރެވުނު މީހުންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައި، ބައެއް ފަހަރު، އެ މީސް މީހުންގެ ފުރާނަވެސް ދުއްވާލެވެއެވެ. މިފަދަ ގޮތަކަށް ކަންތައް އޮތުމުން، ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔެން އޮންނަނީ ސިއްރުންނެވެ. 'ބިމުއަޑީގައި' ޝާއިއުކުރެވޭ ނޫސްތަކާއި މަގުމައްޗަށް އުކޭ ކަރުދާސްތަކުގައެވެ. އިމާރާތް އިމާރާތްތަކުގައްޔާއި ފާރު ފާރުތަކުގައި، ކުރެހޭ ކުރެހުންތަކާއި ލިޔެވޭ ލިޔުންތަކުންނެވެ. މިފަދަ ގޮތެއްގައި، ކަންތައްވެ، މަދަނީ ސިފައެއްގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ އެއްވެސް ގޮތެއް ނެތުމުން، ބަޣާވަތަށާއި އަދި ޣަދަރުވެރި ހަރަކާތްތަކަށް ވެސް މަގު ފަހިވެގެންދަނީއެވެ. މިއީ ފަހަރެއްގައި ވެސް، ބަޣާވަތާއި ޣަދަރުވެރި ހަރަކާތްތައް ތަބުރީރުކޮށް (ޖަސްޓިފައިކޮށް) އެކަންކަން ރަނގަޅުކޮށް، ހުއްދަކުރުމެއްނޫނެވެ. ނަމަވެސް، މިހެން ބުނުމުގެ ބޭނުމަކީ، ނޮވެމްބަރު ތިނެއްގެ ހާދިސާއާއި އެފަދަ ބަޣާވަތްތަކުގެ ހާދިސާތައް މެދުވެރިވާން ޖެހެނީ ވަކި ކަހަލަ ސިޔާސީ އަދި އިޖުތިމާއީ އޮނިގަނޑެއްގެ ތެރޭގައިކަން ބަޔާންކުރުމެވެ. އާންމު ރައްޔިތުންގެ ތަސައްވުރުގައި، ވެރިކަމަކީ އިސްތިބްދާދީ އަނިޔާވެރި ވެރިކަމަކަށްވެ، ގާނޫނީ ސިފައެއްގައި އެކަމާ ފާޑުކިޔައި އެއްވެސް އެއްޗެއް އެއްވެސް މީހަކަށް ބުނެވެން ނެތުމަކީ ޣަދަރުވެރި އަމަލުތަކާއި ބަޣާވަތްތައް މެދުވެރިކުރުވާ ސިޔާސީ އަދި އިޖުތިމާއީ އޮނިގަނޑުކަން ފާހަގަކުރުމެވެ.

މިކަމުން ހަނދާންކޮށްލަންޖެހޭ ވަރަށް ވެސް މުހިއްމު ކަމެއް އެބަ އޮތެވެ. ވެރިކަމުގައި އިސްތިބްދާދީ ކުލަ ޖެހިއްޖެ ނަމަ، ގައުމީ ހަޔާތަށް ހީނަރުކަން އަންނާނޭކަމެވެ. ގައުމަކީ، ވެރިމީހާގެ ނަޒަރުގައި އޭނާގެ އަމިއްލަ މިލްކަކަށްވެ، ވެރިކަމަކީ ހަމައެކަނި އޭނާގެ ހައްގެއް ކަމަށް، އޭނާ ދެކޭގޮތް ވެއެވެ. މަރުހޫމު ޝިހާބު ވިދާޅުވެފައިވާ ފަދައިން، 'މުޅި އުއްމަތަކީ ވެރިޔާކަމުގައި ވެދެއެވެ'. ދެން، އާންމުގެ ތެރެއިން، ވެރިކަމަށް ފާޑުކިޔައި، ވެރިކަމާ އިދި ކޮޅަށް ނިކުންނަ މީހަކަށް ނުވަތަ ބަޔަކަށް، މުސްތަބިއްދު ވެރިޔާއާއި ދައުލަތާ އެކައްޗަކަށްވެ، ވެރިޔާ ވެރިކަމުން ދުރުކުރުމުގެ އެދުމުގައި ބަޣާވަތާއި އަދި ގައުމަށް ޣަދަރުވެރިވުން ވެސް ތަފާތުނުކުރެވި، އެ ބަޔެއްގެ ނަޒަރުގައި އެފަދަ ހުރިހާ ކަމެއް ވެސް ހުއްދަކުރެވިގެންދަނީއެވެ. އާޚިރު ނަތީޖާއަކީ މުޅިގައުމު ބައިބައިވެ، އަމިއްލަ ވަތަން ހަލާކުވެ، ފުނޑުފުނޑުވެ، އެންމެން ވެސް ގެއްލުމާ ކުރިމަތިލާން ޖެހުމެވެ. މީގެ މިސާލުތައް ދުނިޔޭގެ ކަންކޮޅުތަކުން މިއަދުވެސް ފެންނަމުން އެބަދެއެވެ. އިރާގާއި ސީރާޔާއިންނެވެ. ސޯމާލިޔާއާއި ލީބިޔާއިންނެވެ.

މިއިން ލިބިގަނެވޭ އެންމެ މުހިންމު ފިލާވަޅަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުސަތު ހުޅުވިފައި އޮންނަން ޖެހޭކަމެވެ. ސަރުކާރާ މެދު އުފެދޭ ނުރުހުންތައް، އެއީ ހައްގުކަމުގައި ވިޔަސް ނުވަތަ ނުވިޔަސް، އެކަން ފާޅުކުރެވޭނޭ މަގު ހުޅުވިފައި އޮންނަން ޖެހޭ ކަމެވެ. އަދި، މިފަދަ ފާޑުކިޔުންތަކާއި ނުރުހުންތައް، ސިއްހީ ގޮތެއްގައި، މަދަނީ ސިފައެއްގައި، ގާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ފާޅުކުރަނީ ކިހިނެއްކަން ރައްޔިތުންނަށް ދަސްކޮށްދޭން ވެސް ޖެހެއެވެ. އަދި، ރައްޔިތުން ވެސް މިކަން ކުރަން ޖެހޭނީ އެމީހުންގެ ވެސް އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް އޮންނަކަން އެނގި ތިބެ، އެކަން އަދާކުރަމުންނެވެ. އެއީ ދެންމެ މިނަންގަތް ހެން، ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި، ފާޑުކިޔުމާއި ނުރުހުން ފާޅުކުރުމެވެ. އަދި، މިކަމަކީ ބަޣާވަތްކުރުމާއި ޣަދަރުވެރިވުމަށް އޮންނަ ވަސީލަތެއް ކަމުގައި، ނުދެކުމެވެ. ނުނީ އެއީ ޒާތީ ގޮތެއްގައި ތިމާ ބޭނުން މީހަކާ ދިމާކޮށް، އެ މީހަކު ފަޟީހަތްކުރުމަށް ލިބޭ ހުއްދައަކަށް ވެސް ނުހެދުމެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާއިން ލިބޭ އިބުރަތުގެ ވާހަކަދައްކާއިރު، ދެން ހަނދާންކޮށްލަން ޖެހެނީ، ކަމާ ބެހޭ ފަރާތްތަކުން، މިފަދަ ކަމަކަށް ތައްޔާރުވެފައި އޮތް މިންވަރުގެ މައްޗަށެވެ. ނޮވެމްބަރު ތިނަކާ ބެހޭ ގޮތުން، ލިޔެވިފައވާ ލިޔުންތަކަށް ބަލާލާއިރު، އެނގެނީ، އެ ހާދިސާގެ ވާހަކަ ސަރުކާރުގެ އިސް ފަރާތްތަކަށް، ކޮންމެވެސް ވަރަކަށް ނަމަވެސް، ކުރިން އެނގިފައިވާ ކަމެވެ. ނަމަވެސް، އެހާދިސާ ހިނގައި ނިމިދިޔަ ގޮތުގެ މައްޗަށް ނަޒަރު ހިންގައިލުމުން ފާޅުވެ، ހާމަވެގެންދަނީ، ކުރިން އެނގިފައި އޮތް ކަމަކާ ކުރިމަތިލާން ޖެހޭ ވަރާ ގާތަށް ވެސް، ކަމާ ބެހޭ ފަރާތްތަކުން، ތައްޔާރުވެފައި ނުވާކަމެވެ. މިކަން ސާފުކޮށްލަ ދިނުމުގެ ގޮތުން ދެތިން ކަމެއްގެ ވާހަކަ ލިޔެލާނަމެވެ.

ރާއްޖެއަށް ބޭރުގެ ބައަކު ހަމަލާދިނުމަށް އަންނަން އޮންނާނީ ދެގޮތެއްކަން ވިސްނާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ކަނޑު މަގުންނާއި ވައިގެ މަގުންނެވެ. މިކަން ދެނެގަންނަން އަސްކަރީ ތަޖުރިބާކާރަކަށް ވާކަށް ނުޖެހޭނެއެވެ. ހަމަލާދޭން އަންނަން އުޅެނީ ޣައިރު ގާނޫނީ ނުރަސްމީ ބާޣީން ޖަމާއަތަކުން ކަމަށް އެނގިފައިއޮތް އިރު، އެފަދަ ކުޑަ ޖަމާއަތެއް ހުއްޓުވުމުގެ ގާބިލުކަން، ތަމްރީނު ލިބިގެން ތިބި ސިފައިންގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. ބާޣީންގެ ބަޔަކަށް ވައިގެ ބަދަރު ބޭނުން ނުކުރެވޭ ގޮތް ހަދާލުމަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ރަންވޭ މަތީ ދެތިން ރުއްގުޅި ބޭއްވިޔަސް މިކަން ވެދާނެއެވެ! އަދި، ކަނޑު މަގުން މާލެއަށް ވަންނަން އޮންނަ ދެމަގު ވެސް ފޯރިމަރައި، ހަމަލާދޭން އަންނަ ބާޣީންގެ ބަޔަކު މާލެ އެރުމުރުގެ ކުރިން ހިފެހެއްޓެން ޖެހޭނޭ ގޮތެއް ރޭވިފައި އޮންނަން ޖެހޭނެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް ތައްޔާރުވެފައެއް ނެތެވެ. އެންމެ ކުޑަވެގެން، ސިފައިންގެ މައި މަރުކަޒު ފޯރިމަރަން ތިބި ފޯރީންނަށް، ސަލާމަތްކަންމަތީ ސިފައިންގެ ތެރެއަށް ވަދެ ނުކުމެ އުޅެވޭނޭ ގޮތެއް ވެސް ހެދިފައި ނެތެވެ. (ނޮވެމްބަރު ތިނެއްގެ ހާދިސާގެ ފަހުން މިކަން ކުރެވުނެވެ. ފޯރިމަރަން ތިބޭ ގޮޅިން ދޮރުކަނޑައި ސިފައިންގެއަށް ވަދެވޭ ގޮތް ހަދައިގެންނެވެ.)

މިފަދަ ގޮތަކަށް ކަންތައް ރޭވި، ކުރެވިފައި ނެތުމުގެ އަސްލު ސަބަބަކީ ސިފައިންގެ ނާގާބިލުކަމެއް ނޫނެވެ. މި މައްސަލަވެސް ގުޅެނީ ތަނަށް ވެރިވެފައި އޮންނަ ސިޔާސީ އިސްތިބްދާދާއެވެ. ވެރިކަމުގައި ހުންނަ ވެރިޔާގެ އެންމެ އިސް މަގުސަދަކަށް، ވަޒީފާއަކަށް، ވެފައި އޮންނަނީ އޭނާގެ ވެރިކަން، މުޅި އުމުރަށް ދެމެހެއްޓުމެވެ. އެހެންވެ، ތިމާ ހަދާ ގާނޫނުތަކާއި އަދި ގަވާއިދުތަކަށް އިތުބާރެއް ނުކުރެވެއެވެ. ނަތީޖާއަކީ، އެއްވެސް އެހެން މީހަކަށް ވެސް އިތުބާރު ނުކުރެވުމެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް އެމީހުން ތަބާވުމުގެ ޝައްކު ވެރިމީހާގެ ހިތުގައި އުފެދިފައި އޮތުމެވެ. ހުރިހާ ބާރެއް ތިމާގެ އަތަށްލައި، ތިމާއަކީ ގައުމު ހިންގާ އިދާރީ އަމުރުވެރިޔާގެ އިތުރުން، ގާނޫނުތައް ހަދާ އަމުރުވެރިޔާއާއި އަދި އަސްކަރީ އަމުރުވެރިޔާވެސް މެއެވެ. ޚާއްސަ ގޮތެއްގައި އަސްކަރީ އިސްފަރާތްތަކަށް އޮންނަން ޖެހޭ އިތުބާރު ކުޑައެވެ. ނަތީޖާއަކަށްވަނީ، މުހިއްމު މަގާމުތަކަށް ދުރުވިސްނޭ، ތެދުވެރި އިޚުލާސްތެރިން، ހެޔޮގުތައި ތަމްރީނުކޮށް، އެބަހީ، ގައުމަށް އިޚުލާސްތެރިވެ، ގާނޫނީ އިމުގެ ތެރޭގައި ތިބެ، އެމީހުންގެ ވަޒީފާއަދާކުރޭނޭ ފަދަ ބަޔަކު ތައްޔާރުކޮށް، އެފަދަ ބަޔަކު މުހިއްމު މަގާމުތަކަށް އިސްކުރެވި، މަސްއޫލުވެރިނުކުރެވުމެވެ. މިކަމުގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާކުރިމަތިވެ، ހަތިޔާރު ބޭނުން ޖެހުނު ހިނދު، ހަތިޔާރު ގުދަނުގެ ތަޅު ދަނޑި އޮތީ އެންމެ ފަސޭހައިން ލިބޭ ގޮތެއްގައި ނޫންކަން އެންމެނަށް އެނގުމެވެ! އާދެ، ވެރިންނާއި އަސްކަރިއްޔާއާ ދެމެދު އޮތް އިތުބާރު މިކަމުން ފެނިގެން ދެއެވެ. މިހެން ކަންތައް އޮތުމުން، ކަންކަމުގައި އެންމެ އެކަށީގެންވާ ގޮތުގައި މަޝްވަރާކުރެވޭ ގޮތެއް ނުވެއެވެ.  އަދި، މަޝްވަރާ ކުރެވުނަސް، އަމާޒަކަށް ވެފައި އޮންނަނީ ވެރިމީހާ ރުހޭ ވާހަކަތައް އޭނާއަށް އިއްވުމެވެ. އިޚުލާސްތެރިކަމާއެކު މައްސަލައެއްގެ ހަގީގަތް ބަޔާންކޮށް ރަނގަޅު މަޝްވަރާއެއް ދެވޭތޯ ބެލުމެއް ނޫނެވެ.

ކުރިން ހިނގާނެ ކަމުގެ ޚަބަރު ލިބިފައި އޮތް ކަމަކަށް، އެކަށީގެންވާ ގާތަށް ވެސް ތައްޔާރުވެފައި ނެތުމުން، އުދުވާނީ ހަރަކާތުގެ މީހުންނަށް މާލެ އަރަން ފަސޭހަވިއެވެ. އަދި، ސިފައިންގެ ފޯރިމަރަން ތިބި ބޭކަލުންގެ ފުރާނައަށް ނުރައްކާވެ، ކޯޕްރަލް ހުސައިން އާދަމް ޝަހީދުވުމުގެ ހިތާމަވެރި ހާދިސާ ދިމާވިއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ދިވެހި ސިފައިންނަށް ހަރަކާތްތެރިވުމަށް ހުރަސްތަކެއް ވެސް އެޅުނެވެ. ކުރިން ބުނިހެން، ހަތިޔާރު ގުދަނުގެ ތަޅުދަނޑީގެ މައްސަލަވެސް ޖެހި، ހަތިޔާރު ބޭނުންވި ވަގުތު، ގުދަނުގެ ތަޅު ދަނޑި ފަސޭހައިން ލިބޭ ގޮތް ވެސް ނުވުމުންނެވެ. އަމަލުކުރަންވާނޭ ގޮތުގެ އެކަށީގެންވާ ޕުލޭނެއް، ކުރިއްސުރެން ހަމަ ޖެހިފައި ނެތްކަން،  ކަންތައްވެދިޔަ ގޮތުގެ މައްޗަށް ބަލާލުމުން ހީވެއެވެ. އާދެ، އަނެއްކާ ވެސް، ތަކުރާރުކޮށް ބުނަން ޖެހެނީ، ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ޚަބަރު ލިބިފައި އޮތުމާއެކު ވެސް، އެކަށީގެންވާ ގާތަށް ވެސް އެކަމަށް ތައްޔާރު ނުވެ އޮތްކަމެވެ. ނަތީޖާއަކަށްވީ އެތަށް ބަޔަކު، ބޭކާރު ގޮތުގައި، ޝަހީދުވެ ދިޔުމެވެ. މިކަމުގެ މަސްއޫލިއްޔަތު އުފުލި އެއްވެސް ބަޔަކު އުޅުނު ހެއްޔެވެ؟ ތައްޔާރީތައް ވާންވީ ވަރަށް ނުވިކަމުގެ މަސްއޫލިއްޔަތެވެ. މިއަދު، ނޮވެމްބަރު ތިނެއްގެ ވާހަކަދައްކާއިރު، އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ވެސް ދައްކަންޖެހޭނޭ ވާހަކައެކެވެ. ދެންމެ ނަންގަނެވި ދިޔަ މައްސަލަ – އާދެ، ކުރިން އެކަމުގެ ޚަބަރު ލިބި، އެނގިފައި އޮތް ކަމަކަށް އެކަށީގެންވާ ގޮތުގައި ތައްޔާރުނުވެ އޮތުމުގެ މައްސަލަ – މިއީ ވެސް އެކަމުގެ ހަގީގަތް ހޯދައި، އެކަމުން އިބުރަތް ލިބެން ޖެހޭނޭ ކަމެކެވެ.

ދެން އޮތް ސުއާލަކީ ނޮވެމްބަރު ތިނެއްގެ ހާދިސާއިން އިބުރަތް ލިބިގަނެގެން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާ ދިމާވާން މެދުވަރިވާ މައިގަނޑު ސަބަބުތަކަށް ކުރިން އިޝާރަތްކޮށްލެވުނެވެ. ގައުމުގެ ސިޔާސީ ހަޔާތުގައި އިސްތިބްދާދީ ސިފަ ޖެހި އަށަގަތުމެވެ. ގައުމުގެ ހުރިހާ ބާރުތަކެއް އެކެއްގެ އަތް ދަށަށް ގެނެއްސައި އޮތުމެވެ. ވެރިކަމަކީ ވަކި މީހެއްގެ ހައްގަކަށްވެ، މުޅި ދައުލަތަކީ ވެސް އެމީހެއްގެ 'ވިޔަފާރި ކަޑަ’އަކަށް ވެފައި އޮތުމެވެ. ވަކި މީހެއްގެ ވެރިކަން ދެމެހެއްޓުމަކީ ވެރިކަމުގެ މައި އަމާޒަށްވެ، އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއް ބައްޓަންކުރެވުމެވެ. އެހެންވެ، އިސް ވަޒީފާތަކަށް، އެ ވަޒީފާތަކަށް ގާބިލުނޫން މީހުން އިސްކުރުމެވެ. އެމީހުން ކޮންޓުރޯލުކުރުން ފަސޭހަވާނެތީއެވެ. ކަމަކާ ބެހޭ ގޮތުން ހެޔޮ އެއްޗެއް ބުނަން ވެސް އެފަދަ މީސްމީހުންނަށް ނޭނގޭނެތީއެވެ. ވެރިންނަށް ދޮގު ތައުރީފުތައްކޮށް ޚުޝާމަދުކުރުމުގައި އެފަދަ މީހުން ތިބޭނެތީއެވެ. އެމީހުންގެ ވަޒީފާ ރައްކާކުރުމުގެ ގޮތުން، ލީޑަރު ތަސްބީހަ ކިޔުމަކީ ގައުމީ ޚިދުމަތް ކަމުގައި ހަދައިގެން، ރޯމާ ދުވާލަށް އެއީ ރޭގަނޑޭ ވެރިޔާ ބުނެފި ނަމަ، އާނއެކޭ، އަނދިރިކަން ވެސް ގަދައޭ ބުނެ، ބޯޖަހާލަ ޖަހާލާ ތިބޭނެތީއެވެ. މިހެން ކަންތައް އޮތުމުން ކަންކަމުގައި، ގައުމީ މަސްލަހަތު އިސްކޮށްގެން، މަޝްވަރާއެއް ކުރުމުގެ ފުރުސަތެއް އޮންނާނެ ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބުތަކަށް ބަލައި، މިފަދަ ސަބަބުތައް ނެތިކޮށްލުމަށް، ނޮވެމްބަރު ތިނެއްގެ ހާދިސާއަށް ފަހު، ބައްތިރީސް އަހަރު ދުވަހު ފާއިތުވީއިރު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟

ހިތާމައާ އެކު ބުންނަ ޖެހެނީ މާ ހަރުދަނާ ފިޔަވަޅުތަކެއް އަދިވެސް ނޭޅޭ ކަމެވެ. ސިޔާސީ ހާލަތު އަދިވެސް އޮތީ މުސްތަބިއްދު ސިފައެއްގައެވެ. ވެރިކަމުގައި ތިބޭ ބަޔެއްގެ އަމާޒަކަށް ވެފައި އޮތީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ވެރިކަމުގައި ތިބެވޭނޭ ގޮތް ހެދުމެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ، ގައުމު ބިނާކޮށް، ގައުމައިގެން ކުރިއަށް ހިނގާން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެއެވެ. ހެއްކަކީ ހެއްޔެވެ؟ އާންމުންގެ ހާލަތަށް ބަލާލާށެވެ. އާންމުންގެ ގިނަ ބަޔަކު، ހަމަޖެހިގެން، ދިރި އުޅެވޭނޭ ގެދޮރު ނެތުމެވެ. އެތަށް ބަޔަކު ކުލީގެ އަޅުވެތި ކަމުގައި ޖެހިފައިވުމެވެ. އާންމު ބޭނުންތައް ފުއްދާ ލެވޭނޭ ގޮތެއް ނެތި، މައްސަލައެއް ދިމާވެއްޖެ ނަމަ، އާންމުން ސަލާންޖަހަން ޖެހިފައި ވުމެވެ. މީގެ ހެކި ހޯދަން ބޭނުން ވެއްޖެ ނަމަ މީސް މީޑިޔާގެ ސަފުހާތަކަށް ބަލާލާށެވެ! ހާލުގައި ޖެހިފައިވާ މީހުން ސަލާންޖަހަމުން ގެންދާތަން ފެންނާނެއެވެ. މަސައްކަތް ނުކުރުމުގެ ސަގާފަތް އުފެދި، މަސައްކަތާ ދުރަށް ޖެހިފައިވާ ތަނެވެ. އާންމު އަޚުލާގީ ފެންވަރު ދަށަށް ގޮސް، ވައްކަމާއި ފޭރުމާއި، ބަދުއަޚުލާގީ އަމަލުތަކާއި މީހުން މެރުންވެސް އާންމުވެފައި ވުމެވެ. އަދުލު އިންސާފުގެ ނިޒާމުގައި ކުޅޭކުޅޭ ސިފަ ޖެހި، ބޮޑެތި ބޮޑެތި ކުށްވެރިން، ގޭގައި ނުވަތަ މަގުމައްޗަށް ދޫކޮށްލައި އެކަން ތަބުރީރުކުރުމުގެ ގޮތުން، ތާކުން ތާކު ނުޖެހޭ ވާހަކަ، ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރިން ދެއްކުމެވެ. މިހެން ކަންތައްތައް ވަނީ ތަނަށް ވަންނަ އާމްދަނީ މަދުވެގެންނެއް ނޫނެވެ. ތަނަށް ވަންނަ އާމްދަނީ ހަމަހަމަ ގޮތެއްގައި ބެހިގެންދާނޭ ނިޒާމެއް ގާއިމު ކުރެވިފައި ނެތި ވެރިކަމުގެ ސަފުގައި ތިބި މީހުންނާއި އެމީހުންނާ ގުޅޭ ގާތް މީހުންގެ ހައްގަކަށް އެ އާމްދަނީ ވުމުންނެވެ.

ބަޣާވާތްތަކާއި ޣަދަރުވެރި އަމަލުތައް ހުއްޓުވަން ކުރަންޖެހޭ ކަންކަމުގެ ބަދަލުގައި އަޅުގަނޑުމެންނަން ފެންނަނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ޣަދަރުވެރި އަމަލުގެ މޭސްތިރި އަބްދުﷲ ލުތުފީ ފަދަ މީސްމީހުން އަދުގެ ވެރިކަމުގައި ތިބި ތަނެވެ. އަބްދުﷲ ލުތުފީ ޓެމިލް ޓައިގަރުން ގެނައި ގޮތަށް، އިންޑިޔާ ސިފައިން ރާއްޖެ އައިސް ރާއްޖެ ހިފަން ގޮވާލި މީހުން، މިއަދު އެތިބީ ވެރިކަމުގައެވެ. އަދި، އެމީހުންގެ ވެރިކަން ދެމެހެއްޓުމުގެ ދަހިވެތިކަމުގެ އެދުމުގައި އިންޑިޔާގެ އަސްކަރީ ބާރުތައް ރާއްޖޭގައި ގާއިމުވެ ތިބުމަށް މަގު ފަހިކޮށްދެމުން އެތިބަގެން ދަނީއެވެ. މި މަގާމުގައި، ނޮވެމްބަރު ތިނެއްގައި، އިންޑިޔާގެ އަސްކަރިއްޔާއިން ވެދިން އެހީ، ޝުކުރުވެރިކަމާއެކު ފާހަގަކުރަން ޖެހެއެވެ. އެމީހުންގެ އެހީ އަމާޒުވަނީ ފަހަރެއްގައި ވެސް އަބްދުﷲ ލުތުފީއާއި ޓައިގަރުން ރާއްޖެއިން ފައްސާލުމެއް ނޫނެވެ. އެދުވަހު، އެމީހުންގެ މަސައްކަތް އަމާޒުވީ އަބްދުﷲ ލުތުފީއާއި އޭނާގެ ބައިވެރިންގެ ޣަދަރުގެ ނުބައި އަމަލު ކާމިޔާބުނުވެ ފިލައި ދިޔުމުން، އެމީހުން ހިފައި ހައްޔަރުކޮށްގެން ގެނައުމެވެ. ކުރިން ވެސް، ނަންގަތްހެން، އެކަށީގެންވާ ގޮތެއްގައި ތައްޔާރީ ހާލަތެއްގައި ރާއްޖެ އޮތް ނަމަ، އިންޑިޔާގެ މީހުންގެ ނޫނީ އެހެން ބަޔެއްގެ ވެސް އަސްކަރީ އެހީއަކަށް، ރާއްޖެއިން އެދޭކަށް، އެދުވަހު، ނުޖެހުނީހެވެ. މީގެ އިތުރުން، އިންޑިޔާގެ ނިޔަތަކަށްވެފައި އޭރު ވެސް އޮތީ، ރާއްޖޭގައި އެމީހުންގެ ބާރު ފެތުރުމެވެ. އެހެންވެ، ނޮވެމްބަރު ތިނެއްގެ ހާދިސާވީ އެކަން ކުރުމަށް އެމީހުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މީގެ ހެއްކަކީ، އެ ހާދިސާއަށް ފަހު، އެމީހުން ބޭލުން އެހާ ފަސޭހަކަމަށް ނުވުމެވެ. ކޮންމެހެނެއް ކަންތައް ނިމިގެން ދިޔަކަމުގައި ވިޔަސް، އެމީހުންގެ އެދުވަހުގެ ޚިދުމަތަށް ޝުކުރުއަދާކުރަން ޖެހެއެވެ. އަދި، ބައެއް ޚަބަރުތައް ބުނާ ގޮތުން އެމީހުންގެ ޚިދުމަތުގެ އަގު ދައްކައި، އިންޑިޔާ ސިފައިން ރާއްޖެދޫކޮށްދާން ޖެހުނެވެ. މިކަމުގެ ހައްގު ޝުކުރު އޭރުގެ ދިވެހި ސަރުކާރަށް ލިބެން ޖެހެއެވެ. ކޮންމެ ނިޔަތެއްގައި ވިޔަސް، އެދުވަހު، އިންޑިޔާއިން ރާއްޖެއަށް އެހީވެ ދިނުމަކީ ޝުކުރުއަދާ ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް މީގެ މާނައަކީ ރާއްޖޭގައި އެމީހުން ގާއިމުވެ ތިބުމަށް އޮތް ބަހަނާއަކަށް ހެދުމެއް ނޫނެވެ. މީހަކަށް މީހަކު އެހީވުން އެއީ އެހީ ލިބޭ މީހާގެ ގެއާއި އޭނާގެ އަނބިދަރިންގެ އިއްފަތާއި ހުރުމަތް ކަނޑާލުމަށް އެހީދޭ މީހާއަށް ދެވޭ ހުއްދައަކަށް ނުވާ ފަދައިންނެވެ.

ކޮންމެ އަކަސް، މިކަން ކަމަށް ބަލާލުމުން، ހިތާމައާއެކު ފާހަގަކޮށްލަން މަޖުބޫރުކުރުވަނީ ނޮވެމްބަރު ތިނެއްގެ ހާދިސާއިން އެއްވެސް އިބުރަތެއް ނުލިބޭ ކަމެވެ. އެއްކޮޅުން، ބަޔަކު، އެމީހުންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި، ގައުމު ވިއްކާލަންވެސް ފަސް ނުޖެހި ތިބި ބަޔަކު ވެރިކަމުގައި މިއަދު ތިބީމައެވެ. އަނެއް ކޮޅުން، ނޮވެމްބަރު ތިނެއްގައި އާންމު ލޯތަކަށް އަބްދުއްލޯހި ލުތުފީ ފަދަ ޣަދަރުވެރި ޣާއިނުން ފާހަގަކުރެވުނު އިރު، ރާއްޖެ ހިފަން އަޑު ހަރުކޮށް، ވަރަށް ވެސް ފާޅުގައި ގޮވި، ހަމަ އަބްދުއްލޯހި ލުތުފީއާ އެއްފަދަ ޣަދަރުވެރި ޚާއިނުން، މިއަދުގެ އާންމުންގެ ލޯތަކަށް ނުފެންނާތީއެވެ. މިއީ ހަގީގަތް ކަމަށްވާއިރު، ނޮވެމްބަރު ތިނެއްގެ ހާދިސާއަށް ފަހު، ފާއިތުވެ ދިޔަ ބައްތިރީސް އަހަރު ދުވަހުގެ ތެރޭގައި ގައުމީ ހޭލުންތެރިކަން ހެޔޮ ގޮތުގައި އިތުރުވެއްޖެއޭ ބުނެވޭނޭ ޖާގައެއް އެބަ އޮތް ހެއްޔެވެ؟

ނޮވެމްބަރު ތިނެއްގެ ހާދިސާއިން އިބުރަތް ލިބިގަނެ، އެކަން މެދުވެރިކުރުވި ސަބަބުތަކާ ކުރިމަތިލައި، އެ ހިތާމަވެރި ހާދިސާއަށްފަހު، ފާއިތުވެ ދިޔަ ބައްތިރީސް އަހަރު ދުވަހުގެ ތެރޭގައި މިކަންކަން އިސްލާހުކުރުމަށް އުޅުނު ނަމަ، ޝައްކެއް ނެތް ގޮތުގައި، އެކަންކަން އިސްލާހުވީހެވެ. އެކަން ކުރުމަށް ބޭނުންވަނީ ރަނގަޅު ގައުމީ ހޭލުންތެރިކަމެކެވެ. ކަން ކުރާނޭ ގޮތުގެ ރަނގަޅު ޕުލޭނެކެވެ. އެއަށް ފަހު، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހިތްވަރާއި ކެރުމާއެކު، ނުގުޑާ ފަދަ އަޒުމަކާއިގެން، މަސައްކަތްކުރާނޭ ދުރުވިސްނޭ މިސާލީ ލީޑަރުންނެވެ.

މިފަދަ އިސްލާހީ މަސައްކަތްތަކީ، އެކަމާއިގެން އުޅުވިއްޖެ ނަމަ، ބައްތިރީސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިދާނޭ ކަމެއްކަން ތާރީޚު ބުނެދެއެވެ. އިހުގެއާއި މިހާރުގެ ވެސް ތާރީޚު މިކަމަށް ހެކިވެއެވެ. އިހުގެ އިސްލާމީ ތާރީޚެވެ. ދުނިޔޭގެ ތާރީޚު ދުށް އެންމެ ވަރުގަދަ، އިސްލާހީ އިންގިލާބު ކާމިޔާބީ ގޮތެއްގައި ފުރިހަމަވުމަށް ނެގީ ތޭވީސް އަހަރު ދުވަހެވެ. އަދުގެ ބައެއް ގައުމުތައް، ނިކަމަތި ދެރަ ހާލަތެއްގެ ތެރެއިން، އާދެ، ތިންވަނަ ދުނިޔޭގެ ހާލަތުން އެއް ވަނަ ދުނިޔޭގެ ދަރަޖައަށް ގެންނަން ނެގީ ފަންސަވީހަކަށް އަހަރެވެ. މިކަންވެދިޔަ ގޮތާއި، އަދި، އަޅުގަނޑުމެންނަށްވެސް މިކަން ކުރެވިދާނޭކަމުގެ ހިތްވަރާއި ދުރުވިސްނުން ބޭނުން ނަމަ، މިފަދަ މައްސަލަތަކާ ބެހޭ ލިޔުންތައް ބަލައި އެކަމުން އިލްހާމު ލިބިގަނެ އެމަސައްކަތް ކުރާނޭ ގޮތް ހޯދަންވީއެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާ ހަނދާންކޮށް، ނަސްރު ދުވަސް ފާހަގަކުރަމުންދާއިރު، ނޮވެމްބަރު ތިނެއް ފަދަ ހާދިސާތައް ތަކުރާރުވެ ނުދިޔުމަށްޓަކައި، އަދި، ސިޔާސީ މަސްރަހުން، އަބްދުއްލޯހި ލުތުފީން ފަދަ ޣަދަރުވެރިން ފާޅުވެ ނުދިޔުމަށްޓަކައި، ލިބިގަންނަން ޖެހޭ އެންމެ މުހިއްމު އެއް އިބުރަތަކަށް ވާން ޖެހޭނީ މިކަމެވެ. މަތީގައި ބަޔާންކުރެވި ދިޔަ، ނޮވެމްބަރު ތިނެއްގެ ހާދިސާ މެދުވެރިވާން ދިމާވި ސަބަބުތައް ނައްތާލައި، ގައުމުގެ އެންމެންނަށް އަމާޒުކުރެވިގެން، ގައުމަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނެސް، ހަމަޖެހިގެން، އެންމެނަށް ވެސް، މިނިވަންކަމާއެކު، ދިރި އުޅެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *