Support Us

ތަކުރާރުކޮށް ވެސް ބުނެވޭނީ އެއީ ހަމަ ގައުމަށް ޣައްދާރުވުމެވެ.

ބޭރު ގައުމެއްގައި ހުރެ ދިވެހިރާއްޖޭގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ގައުމަށް ޣައްދާރު ވުން ހެއްޔެވެ؟ އެހެން ގައުމެއްގެ ޢަސްކަރިއްޔާއިން ރާއްޖެ އަރައި، މި ދިވެހި ގައުމު ހިފުމަށް ގޮވައިލުމަކީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ރާއްޖެއަކީ ޢަސްކަރީ ގޮތުން އާރެއް ބާރެއް ނެތް ތަނަކޭ ބުނުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ދިވެހި ހުރިހާ ރައްޔިތުން މަރައި ހުސްކުރުމަށް ފަހު މި ގައުމު ހިފޭނެއޭ ބުނުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ރާއްޖޭގެ ސިފައިންގެ އޮފިސަރަކަށް ހުރެ ޢަސްކަރިއްޔާގެ އޮފިސަރުން ގޮވައިގެން އަމިއްލަ މަސްލަހަތު ހުރިގޮތަށް މަސައްކަތް ކުރަން އުޅުމަކީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ފުލުހުންގެ އިސްވެރިއަކަށް ހުރެ ފުލުހުންގެ ސިއްރު މައުލޫމާތު ހާމަކުރަން ނުޖެހޭ ބަޔަކަށް ސިއްރު ހާމަކުރުމަކީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟

މި ހުރިހާ ސުވާލުތަކުގެ ޖަވާބަކީ ހަމަ އެންމެ ޖަވާބެކެވެ. އެއީ ހަމަ ގައުމަށް ޣައްދާރުވުމެވެ.

ދިވެހި ގައުމުގެ ދިދައިގެ ހުރުމަތަށްޓަކައި ހެދިފައި ހުރި ގަވާއިދުތަކާއި އުސޫލުތައް މުގުރާލުމާއި ބާތިލު ކުރުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ދިވެހި ގައުމީ ދިދައަށް ވުރެ އެހެން ގައުމެއްގެ ދިދައަށް ހުރުމަތްތެރިކޮށް ހިތައި މަޝްހޫރު ކުރުމަށް މަސައްކަތް ކުރުމަކީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ދިވެހިބަސް ނިކަމެތިކޮށް ދިވެހިބަސް ވެއްޔާ މޮޑެލަން ހަޖޫ ޖެހުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބަކީ ވެސް ހަމަ އާނ އެކެވެ.

ދިވެހިން ތަބާވެގެން ތިބި މަތިވެރި އިސްލާމް ދީނަށް ފުރައްސާރަ ކުރުމީ ދިވެހި ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ދީނުގެ ހައްގުގައި ވަކާލާތު ކުރާ މީހުންގެ އަގު ވައްޓައިލުމާއި ހަނގުރާމަވެރި ޓެރަރިސްޓު ޖަމާއަތްތަކާ ރާއްޖެ ގުޅުވުމަކީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ މި ގައުމު ސެކިއުލާކޮށް މާތް ﷲ ގެ ޙުކުމް ފުޅުތަކަށް ގޮންޖެހުމީ ވެސް ދިވެހި ގައުމަށް ޣައްދާރުވުން ހެއްޔެވެ؟

ކީރިތި މާތް ނަބިއްޔާއަށް ބަދު ބަސްބުނެ ދީނުގެ ދޯހަޅި ކަމާއި ދިވެހިންގެ ދީނީ ޢަޤީދާ ފުނޑުފުނޑު ކުރަން އުޅުމީ ވެސް ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ރާއްޖޭގައި ހެދިފައި ހުރި ދީނީ އެއްބައި ވަންތަކަމުގެ ގާނޫނުގެ ބާރު ކަނޑުވައިލައި އެއީ ވުޖޫދުގައި އޮތް އެއްޗެއް ނޫންކަން ވިސްނައިދޭން އުޅުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟

ޖަވާބުގައި ހަރު އަޑުން ބުނެވޭނީ އާނ އެކެވެ.

ދިވެހި ގައުމުގެ އިގުތިސާދު ބަލިކަށި ކުރުމަކީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވައިލައި ފާޅުގައި މަސައްކަތް ކުރުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ދިވެހި ގައުމަށް ލިބެން އޮތް މާލީ މަންފާތަކާއި ފާގަތި ކަމަށް ފާޅުގައި ހުރަސް އަޅައި ހެދުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟

ހަރު އަޑުން ބުނެވެނީ އާނ އެކެވެ.

ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމުއިއްޔާ ޖަމާއަތްތަކުން ފާޅުގައި އިސްލާމް ދީނުގެ ޙުކުމްތަކަށް ގޮންޖަހައި އެކަންކަން ބަދަލު ކުރާން އުޅުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ އިސްލާމް ދީނުގެ ޙުކުމްތަކާއި ޚިލާފަށް އެއް ޖިންސުން ކައިވެނިކުރަން ފުރުސަތު ދިނުމާއި ދިވެހިން އެހެން ދީންތަކަށް އުޅުމަށް ފުރުސަތު ދިނުމަށް ގޮވައިލުމީ ހަމަ ޣައްދާރުވުން ހެއްޔެވެ؟

ތަކުރާރުކޮށް ވެސް ބުނެވޭނީ އާނ އެކެވެ.

ރާއްޖޭގެ ގައުމީ އަބުޠާލުންގެ ޒިކުރާ އާނުކޮށް ގައުމީ މުނާސަބަތުތައް ފަނޑުކުރާން މަސައްކަތް ކުރުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟ ޝަހީދުންނާއި ގައުމު މިނިވަން ކުރަން ޖިހާދު ކުރި މީހުންނަށް ހަޖޫ ޖެހުމީ ގައުމަށް ޣައްދާރުވުން ހެއްޔެވެ؟

މި ފަހަރު ވެސް ހަމަ ބުނެވޭނީ އާނ އެކެވެ. އެފަދަ މީހުންނަށް މި ފަސްގަނޑުގައި މިނިވަން ކަމާއެކު އުޅުމުގެ ފުރުސަތު ލިބިގެން ނުވާނެއެވެ. އަދި އެ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ގާނޫނުގައި ކަޅާއި ހުދުން ލިޔެ ތަންފީޒު ކުރެވެންވާނެއެވެ. ޣައްދާރުންގެ ލިސްޓްގައި އެ މީހެއްގެ ނަން ކަޅު އަކުރުން ލިޔެވެން ވާނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުން ދިވެހިން ފާހަގަކުރީ އުފަލާ އެކުގައެވެ. އެ މުނާސަބަތުގައި ދިވެހި ގައުމުގެ އަގުހުރި ދަރިއެއް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީ ޓީވީ އިންޓަވިއު އެއްގައި ވިދާޅުވި އެންމެ ފަހު ބަސްފުޅަކީ ކޮބައިތޯއެވެ<

"ދިވެހި ގައުމަށް ދެރަވާނޭ، ގެއްލުމެއް ވާނޭ، ފަދަ ހަމަ އެންމެ ކަމެއް ވެސް ހަމަ އެކަކު ވެސް ނުކުރާށޭ. އެއީ އަޅުގަނޑުގެ އެންމެ ފަހުބަހަކީ ވެސް އަދި އިލްތިމާސަކީ ވެސް."

އަޅުގަނޑުގެ އެންމެ ފަހުބަހަކީ ވެސް ހަމަ އެއީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *