Support Us

ވާހަކަ: ޔުކްތާ – 17

"ކަލޭ ވަނީ ޔުކްތާ އެންމެ ޅައުމުރުގައި އޭނާއަށް އެތައް އަނިޔާއެއްދީ ނިކަމެތި ކޮށްފައި. އެފަކީރު މިހާތަނަށްވެސް ތަހައްމަލު ކުރަމުން ދިޔައީ ކަލޭގެ އަނިޔާވެރި ކަމުގެ ހިތި ރަހަ." ރައޫފު ފާރާލާ ފިއްތާލާ ކަރުގައި ހިފައިގެން ހުރެ އެޒުވާނާ ވާހަކަ ދެއްކިއެވެ. އޭރުވެސް ޔުކްތާ އޮތީ ބޮލަށް އެނބުރުން އަރައިގެން ނުތެދުވެވިފައެވެ. އޭނާއަށް އެމީހުން ދައްކާ ވާހަކައެއް ސާފެއްނުވެއެވެ.

"ކަލޭތީ ކާކު. މިއީ މިރަށު މީހުން މާ ހަމްދަރުދީ ވާވަރު ކުއްޖެއް ނޫން. ކަލޭވެސް ބޭނުމިއްޔާ ތަންކޮޅެއް ފަހުން އާދޭ." ރައޫފު މަލާމާތް ކުރިއެވެ.

"ގޮތްކުޑަ އިބިލީސް. މިކަހަލަ މީހުން ވީ ދުވަސް ދުއްވާލަން. މަމީ އޭނާގެ ފިރިމީހާ. ކަލޭ ތިބެހެނީ އަހަރެންގެ އަންހެނުންނާ." އާރިޒު އެމީހާގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ. އާރިޒު ވަނީ އިންތިހާއަށް ރުޅިއައިސްފައެވެ.

"އަހަރެން ކަލޭ މަރާލާނަން. ކަލޭ ދިރިއުޅެން ދޫކޮށެއް ނުލާނަން." ކައިރީގައި ހުރި ލަކުޑިބުރިއެއް ނަގާ ރައޫފުގައިގާ އޭނާޖެހިއެވެ. އެވަގުތު ރައޫފުގެ ބޮލުން ލޭ އަންނަން ފަށައިފިއެވެ. ރުޅިއައިސް ފައިވާ އާރިޒަށް ހެދޭ ނުހެދޭއެއްވެސް ނޭނގެއެވެ. އާރިޒުގެ ދެވަނަ ހަމަލަ ރައޫފަށް އަމާޒު ކޮށްލިއެވެ. ނަމަވެސް ވެއްޓިފައި އޮތް ޔުކްތާ އަށް އެމަންޒަރު ބަލާކަށް ނުކެރުނެވެ. އޭނާ ބާރަށް ހަޅޭއްލަވައިގަތެވެ. ވެއްޓެމުން ތެދުވަމުން އެތަނަށް އަންނަން ހިނގައިގަތެވެ. އާރިޒަށް ޔުކްތާ ފެނުމުން ލަކުޑިބުރި އެއްލާލެވުނެވެ. އަދި އަވަހަށް ޔުކްތާ ގާތަށް ދިޔައެވެ. ޔުކްތާގެ ނިވާނުވާ ހަށިގަނޑު ފެނުމުން އޭނާ އޭގެ އިންތިހާއަށް ރަހުމް އުފެދުނެވެ. ނިތްކުރިން ފައިބަމުން ދިޔަ ލެއިން އޭނާ ނިހާޔަތަށް ހަމްދަރުދީ ވެވުނެވެ. އޭނާގެ ގަމީސް ބާލާ ޔުކްތާގެ ހަށިގަނޑު ނިވާކުރިއެވެ. ޔުކްތާ އާރިޒު ގައިގައި އޮޅުލައިގަތެވެ. އަދި ބާރަށް ރޯންފެށުނީ މީހެއްގެ އެހީތެރިކަން ނުހަނު ބޭނުންވެފައިވަނިކޮށް އާރިޒު ފެނުމުންނެވެ. މިފަދަ ކޮންމެ ވަގުތެއްގައި އާރިޒުގެ ރައްކާތެރިކަން ލިބޭތީއެވެ. އޭނާގެ ފުރިހަމަ ހިމާޔަތް ލިބޭތީއެވެ. ތަންވަޅު ބެލުމަށްފަހު ރައޫފު ނިކުމެގެން ހިނގައްޖެއެވެ. އޭނާ އެހެން ނުހެދިނަމަ  އާރިޒުގެ އަތުން  ރައޫފު މަރުވީހެވެ.

"ދެން ހިތްހަމަ ޖައްސާލާ. ޔުކް އަކަށް އެކަކަށްވެސް ދެން ނުބެހެވޭނެ." އޭނާ ޔުކްތާ ގަޔާ ކައިރިކޮށްލިއެވެ. ދުވަހަކުވެސް އެހެން މީހަކަށް ޔުކްތާ ގައިގާ އަތް ނުލެވޭނޭ ބުނާކަހަލަ ގޮތަކަށެވެ. އޭނާގެ ރައްކާތެރިކަމާއި ހިމާޔަތް ދުވަހަކުވެސް ބީނުވާނޭ ކަހަލަ ގޮތަކަށެވެ.

"އެކަމަކު…." ޔުކްތާއަށް ދުރަށް ޖެހިލެވުނީ ހުރިހާކަމެއް ހަނދާން ވުމުންނެވެ. އޭނާ ވަނީ ނުހަނު ހިތް ދަތިވެފައެވެ. އާރިޒު އޭނާއަށް އަޅާލަނީ ހަމަ މަންމަގެ ވަސިއްޔަތް ފުރިހަމަ ކުރަންބާވައެވެ. ނުވަތަ ޔުކްތާދެކެ ލޯބިވާތީ ބާވައެވެ. ނޫނެކެވެ. އޭނާ ތެދުވެރި ލޯބިވީނަމަ ޝިޔާއަކީ ޔުކްތާގެ ދަރިއެއް ކަމުގައި ބުނީހެވެ. ޝިޔާއަށް ލުކީމިޔާ ޖެހިފައި ހުރިވާހަކަވެސް ބުނީހެވެ. އަނޫއަކާ އެގުޅުމެއްވެސް ނުބޭއްވީހެވެ.

"އަހަރެން މިއައީ މިރަށުގައި މަޑުކުރާކަށް ނޫން. މިހާރު ފުރަން ތައްޔާރުވެގެން އާދޭ." ޕާޓީގެ މީހުންގެ ކުރިން އޭނާ މާލެދާން ބޭނުންވިއެވެ. ޔުކްތާ ނުބުނެ ރަށަށް އައީތީ އޭނާ ރުޅިއައެވެ. އެހެންނޫންނަމަ މިރޭ އެހާދިސާއެއް ތަކުރާރެއްވެސް ނުވީހެވެ.

"އަޅުގަނޑު ނުދިޔަކަމުގައިވިޔަސް އާރިޒަށް ހިތާމައެއް ލިބޭނެހެނެއް ހިއެއްނުވޭ." ކުޑައިރުކޮޅެއް ތެރޭގައި ތައްޔާރުވެގެން އައި ޔުކްތާ މާލެ ދާން އުޒުރުވެރިވިއެވެ. އާރިޒުގެ ލޯބި ޔަގީން ކުރަން ބޭނުމެވެ. އޭނާގެ ހިތުގައި އެތައް ޝަކުވާތަކެއް އާރިޒާ މެދުވެއެވެ.

އާރިޒު އެއްޗެކޭ ނުބުނެއެވެ. އޭނާ ޔުކްތާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. އަދި ޔުކްތާ ގޮވައިގެން އަތިރިއަށް ހިނގައިގަތެވެ. ޔުކްތާ ގަދަހެދޭތޯ އުޅުނެވެ. ނަމަވެސް އާރިޒު ހުރީ މާގަދައަށް ހިފަހައްޓާފައެވެ. ޔުކްތާއަށް ވާހަކަ ދެއްކުމުގެ ފުރުސަތެއްވެސް އޭނާ ނުދެއެވެ. އަދި ލޯންޗަށް އެރުމާއެކު ދުއްވާލިއެވެ. ލޯންޗުގައި ދުއްވާމީހާ ފިޔަވައި ދެމީހުން ތިބީ އެކަންޏެވެ. ނަމަވެސް ދުރުގައެވެ. ނުދަންނަ ބީރައްޓެހި ކަމެއްގައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންނަށް ރިސޯޓަކަށް ދެވުނެވެ. ދިޔަގޮތަށް އާރިޒު ދިޔައީ ރެސް ޓޯރަންޓަށެވެ.

"ފަތިހު މާލެ ފުރަން ޖެހޭ. އެއްވެސް ކަމެއް ބޭނުންތަ." ދެމީހުންގެ ހިމޭންކަން ފިލުވާލީ އާރިޒެވެ. ޔުކްތާ ހިނދުކޮޅަކަށްވެސް އަނޫ ދެއްކި ވާހަކަތައް ހަނދާނެއް ނުނެތެއެވެ. އޭނާ އާރިޒާމެދު ބައެއްފަހަރު ޝަކުވާތައް ގިނަވެ ފޫހިކުރުވައެވެ. އަނެއްބައި ފަހަރު އޭނާގެ ހިމޭންކަމުން އެތައް ޝައްކުތަކެއް އުފައްދައެވެ. ނަމަވެސް އާރިޒުގެ އޯގާތެރިކަމުން ބިންވަޅުނެގިފައިވާ ލޯބި އާލާވެއެވެ. އޭނާގެ އަމުރުވެރި ހަރުކަށި ބަސްތަކުން ބައެއްފަހަރު ޖެހިލުންވެސް ވެއެވެ.

ޔުކްތާ ބޯޖަހާލީ ދައްކާނެ ވާހަކަ ނެތިގެނެއް ނޫނެވެ. މިގަޑީގައި އެއްޗެއް ބުނެފިނަމަ ހީނުކުރާގޮތަކަށް އާރިޒު ރުޅި އަތުވެދާނެތީއެވެ. މިރޭ އޭނާގެ ޢަމަލު ހުންނަގޮތުން ޔުކްތާއަށް އުނދަގޫވެއެވެ. ޖެހިލުންވެސް ވެއެވެ. ކުރަން ބޭނުންވާ ޝަކުވާތަކާއި އަހަން ބޭނުންވާ ސުވާލުތައް އަހާކަށް ނުކެރެއެވެ. އޭނާއަށް ކުރިންވެސް އާރިޒު މިހާ ހަރުކަށިވެފައި ވާތަނެއް ނުދެކެއެވެ.

މާލެ ދެވުމާއެކު އާރިޒު ގެއަށް ޑޮކްޓަރު ގެނައެވެ. އަދި ޔުކްތާ ބެލުމަށްފަހު ލޭނެގިއެވެ. އިރުކޮޅަކުން ޑޮކްޓަރުގެ ފޯނެއް އައުމުން އޭނާ ބޭރަށް ނިކުތެވެ. މެންދަންވެ ދޭއްޖެހި އިރުވެސް އާރިޒު ގެއަކަށް ނާދެއެވެ. އާރިޒުގެ އިންތިޒާރުގައި ސޯފާގައި އިން  ޔުކްތާއަށް ހޭލެވުނީ ހެނދުނުވުމުންނެވެ. އޭނާ އާރިޒު މަތީން ހަދާންވިއެވެ. އާރިޒު އަނެއްކާ ރޭގައި ގެއަށް ނާންނަނީ ބާވައެވެ؟ ގެއަށް އައިނަމަ ޔުކްތާއަށް ނުގޮވީ ކީއްވެބާވައެވެ؟ ނޫނީ އަނޫގާތަށް ދިޔައީ ބާވައެވެ؟ ޔުކްތާ އެތައް ގޮތަކަށް ވިސްނަމުން ދިޔައެވެ. ނޫނެކެވެ. އާރިޒު އަނޫއާއި ގުޅުން އޮންނަނަމަ ޔުކްތާ މާލެ ނުގެނައީހެވެ.

އޭނާ ފޮނި އުންމީދަކާއެކު އާރިޒަށް ސައިހަދައިދިނެވެ. އޮފީހަށް ދިއުމުގެ ކުރިން އޭނާ އާރިޒާއި ވާހަކަދައްކަން ބޭނުންވެއެވެ. އޭނާގެ ސުވާލު ތަކުގެ ޖަވާބު ބޭނުންވެއެވެ. އާރިޒު އޭނާ ބޭނުންވޭތޯ ބަލަން ބޭނުންވެއެވެ. އޮފީހަށް ދާން ތައްޔާރުވެގެން އައި އާރިޒު ޔުކްތާއަށް ބަލާވެސް ނުލައެވެ. ޔުކްތާ ތައްޔާރުކުރި އެއްޗިހީގެ ރަހަވެސް ބަލާނުލިއެވެ. އޭނާ ފުރިޖް ހުޅުވާލިއެވެ. އަދި ޕާންފޮއްޗެއްނަގާ އަމިއްލައަށް ޓޯސްޓްކޮށްލިއެވެ. އޭނާ ބިސްގަނޑަކާއިއެކު ސައިބޮއިގެން އޮފީހަށް ދިޔައެވެ. މީ މިހާރު އާރިޒުގެ އާދައެވެ. އޭނާ ޔުކްތާއަކާ އެއްވެސް ގުޅުމެއް ނެތެވެ. ހަފުތާއެއް ވީއިރުވެސް އާރިޒުގެ މިޒާޖަކަށް ބަދަލެއް ނާދެއެވެ. އާރިޒު ޔުކްތާ އަކާ ވާހަކައެއް ނުދައްކައެވެ. ޔުކްތާގެ އެކަހެރި ކޮށްލުމަކަށް ބަދަލެއް ނާދެއެވެ. މިކަމާ ޔުކްތާވަނީ އިންތިހާއަށް ދެރަވެފައެވެ.

ހުކުރުދުވަހަކީ ބަންދު ދުވަހެއްކަމުން އެހެން ދުވަސްތަކާ ޚިލާފަށް ހުރިހާ ވަގުތަކު އާރިޒު ހުރީ ގޭގައެވެ. ރޭގަނޑު ބޭރަށް ނިކުންނަން އުޅެނިކޮށް ވާރޭ ވެހެން ފެށުމުން ވާރޭ ހުއްޓަންދެން އާރިޒު ނުހަނު ހަމަޖެހިލައިގެން ސިޓިން ރޫމުގައި ކޮފީއެއް ބޯން އިނެވެ. ޔުކްތާ ދެފަހަރަކު ސިޓިންރޫމަށް ނިކުންނަން އުޅުނެވެ. އޭނާ އާރިޒާ ވާހަކަ ދައްކަން ބޭނުންވެއެވެ. އާރިޒު އޭނާ ގެންގުޅެން ބޭނުން ނުވާނަމަ ރަސްމީގޮތުން ކައިވެނި ނިންމާލަން އެދެން ބޭނުންވެއެވެ. އެވާހަކަ ދައްކަން ނިކުންނަ ކޮންމެ ފަހަރަކު އާރިޒު ފެނުމުން އޭނާގެ ދެފައި ތުރުތުރު އަޅައެވެ. ދާހިއްލާ ކަންބޮޑުވެއެވެ. ބުނަންވީ އެއްޗިހި ހަނދާން ނެތެއެވެ. މިކަމުން ޔުކްތާގެ ހިތް ފަޅައިގެން ދާވަރުވިއެވެ. އޭނާ ބޭނުން ނުވާއިރު ރަށުން ގެނައީ ކީއްވެ ހެއްޔެވެ؟ މިހާ ބޮޑު އެކަނިވެރިކަމެއް ދިނުމަށްވުރެ ނިކަމެތި ކަމާއެކު އުޅެން ރަށުގައި ނުބެހެއްޓީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކުށެއްވެސް ކުރީ އާރިޒެވެ. އޭގެ ސަޒާ ލިބެނީ އޭނާއަށެވެ. ހުރިހާ ކަމެއް އޮޅުވާލީ އާރިޒެވެ. އޭގެ ހިތިވޭން ލިބުނީ އޭނާއަށެވެ. އާރިޒުދެކެ އިންތިހާއަށް ލޯބިވީ އޭނާއެވެ. އެލޯބީގެ ހިތި އިހުސާސް ކުރެވެނީ އޭނާއަށެވެ.

"އަޅުގަނޑު ނިކަމެއްޗެއް ވީމަތޯ ހުރިހާ އަނިޔާއެއް މިލިބެނީ……" ޔުކްތާ އަކަށް ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ އަޑުބެދިއްޖެއެވެ. އާރިޒުގެ އެންމެ ނަޒަރަކުން އޭނާގެ ބަސް ހުއްޓުނެވެ. ބުނަން އުޅުނު ބަސް ހަނދާން ނެތުނެވެ.

"ޔުކްތާ ރަށުގައި އުޅެން  ބޭނުން ވިއަސް އަހަރެންގެ ރުހުމާނުލައި ނޫޅެވޭނެ." ޔުކްތާއާއި ދިމާއަށް އެނބުރި އާރިޒުގެ ހަރުކަށި އަޑުން ބުންޏެވެ.

"އަޅުގަނޑު ބޭނުން ނޫނީވިއްޔާ ދިޔަ ނުދެއްވަނީ ކީއްވެތޯ." އެންމެފަހުން ޔުކްތާގެ މައިގަނޑު ޝަކުވާ ކުރެވުނެވެ.

"ޔުކްތާއަށް އަހަރެންގެ ހުއްދަނުހޯދާ  އެއްވެސް ތަނަކަށް ދިއުމުގެ މިނިވަންކަމެއް ނޯންނާނެ. ތީ އަހަރެންގެ އަނބިމީހާ ނޫންތަ؟" އަދިވެސް އާރިޒު ހުރީ ރުޅިއައިސް ފައެވެ.

"އަޅުގަނޑު މީ އަނބިމީހާއަށް ވީމަތޯ މިހުރިހާ ކަމެއް މިލިބެނީ." ޔުކްތާއަށް ރޮވެން ފެށިއެވެ.

"ޔުކްތާއަށް ކޮން އަނިޔާއެއް ދީގެން ކުއްލިއަކަށް ފުރީ. ޔުކްތާ ތިއީ އަހަރެން ވާންއުޅޭ ދަރިފުޅުގެ މަންމަ. ދިއުމުގެކުރިން އަހަރެން ގާތު ނުބުނެވޭތަ ޔުކްތާ ތިއިނީ އަހަރެންގެ ދަރިއަކަށް ބަލިވެކަމެއް. ޔުކްތާ އަހަރެންގާތު އުޅެން ބޭނުންނޫންނަމަ އަހަރެން ޔުކްތާއެއް ނުހިފަހައްޓާނަން. އެކަމަކު އެދަރިފުޅު ހުންނަން ޖެހޭނީ މިގޭގައި. ދަރިފުޅުގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހޭނީ ޔުކްތާއަށް." އާރިޒުގެ އަޑު މަޑުވިއެވެ.

"އަޅުގަނޑު…." ޔުކްތާ ބަނޑު ބޮޑުކަމެއް އެއްވެސް މީހަކަށް ނާންގައެވެ. އެހެންކަމުން އޭނާ ހައިރާންވިއެވެ.

"ޔުކްތާގެ ޕްރެގްނެންސީ ރިޕޯޓް އަހަރެން ދުށިން. އަދި އަނޫ ކޮޕީ ހައްދައިގެން ގެނައި ލިޔުންތައްވެސް ދުށިން. ޝިޔާއަކީ ޔުކްތާގެ ދަރިއެއްކަން އެނގުނީ ޝިޔާ ނިޔާވި ފަހުން. މަންމައާއި ޔުކްތާގެ ބައްޕައާއި ކޯޓުގައި ވެވިފައިވި އެއްބަސްވުންތައް އެނގުނީ އާއިލާއާބެހޭ މިނިސްޓްރީއިން.  ޝިޔާ ނިޔާވުމުން ހުރިހާކަމެއް ބެލުމުން. އެވާހަކަ ނުބުނެ ލަސްކޮށްލީ ޔުކްތާ ދެރަވާނެތީ. ޝިޔާގެ ހަނދާންތަކުން ޔުކްތާއަށް  އަސަރުކުރާކަމަށް ޑޮކްޓަރު ބުނެފައިވާތީ." އާރިޒުގެ އަޑު މަޑުވިއެވެ.

"ދެން އަނޫއޯ. އަޅުގަނޑު ހުރިހާކަމެއް ދުށިން." އޭނާގެ ދެލޯވަނީ ކަރުނުން ތެމިފައެވެ. އޭނާ އާރިޒު ގާތަށް އައިއިރު ގިސްލެވެއެވެ.

"މޮޔަ ކުއްޖާ. އެއީ އޭނާގެ މަކަރުވެރިކަން. އޭނާބޭނުންވީ އަހަރުމެން ދެމީހުން ދުރުކުރުވަން. އެލިޔުންތައްވެސް އެއީ އޮފީހުގައި ހުއްޓާވަގަށް ކޮޕީހައްދާފައިވާ އެއްޗިހި. އެކަމަކު އެހެން އަހަރެމެން ދުރެއް ނުކުރެވޭނެދޯ." އޭނާ ޔުކްތާގެ އަތުގައި ހިފާލިއެވެ.

"އަޅުގަނޑު އަނޫއަށް ވުރެ ހުތުރީތޯ. އަޅުގަނޑު އަނޫއަށްވުރެ ރަނގަޅު ނޫނީތޯ." ޔުކްތާ ޝަކުވާކުރީ ކުޑަކުއްޖެއް ފަދައިންނެވެ.

އާރިޒަށް ޔުކްތާ ފެނުނީ މައުސޫމު ނިޔަނެތި ކުއްޖެއްގެ ގޮތުގައެވެ. ބޮޑާހާކާ ޅަކުއްޖެއްގެ ގޮތުގައެވެ. އޭނާގެ ހިތުގައި ޔުކްތާއަށްޓަކައި އުފެދިފައިވާ ލޯބިން ހިތް ބަނޑުންދާވަރުވިއެވެ.

"ތިހާ ލޯބި އަދި ފުރިހަމަ ކުއްޖެއް އަހަރެން ދުވަހަކުވެސް ނުދެކެން." އޭނާ ޔުކްތާ ގަޔާ ކައިރި ކޮށްލިއެވެ.

"އެކަމަކު…. އަޅުގަނޑު ހަމަލޮލުން ދުށީމޭ." ޔުކްތާއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.

"އެހެންވީއިރު އެ ރައޫފާއި ޔުކްތާ…" އާރިޒަށް ނުބުނެވެނީސް ޔުކްތާ އާރިޒު ހުއްޓުވިއެވެ.

"ދޫންޏާ.. ލޮލަށް ފެންނަ ކޮންމެ ކަމަކީ ގަބޫލު ކުރެވޭނޭކަމެއް ނޫން. އެހެން އެކަން އޮތްނަމަ އަހަރެން ޔުކްތާއާއި އެނުބައިމީހާގެ ނުބައި ޢަމަލު ފެނި ޔުކްތާ އެކަނި ކޮށްލާ ދިޔަނަމަ….. ނަމަވެސް އަހަރެން ޔުކްތާއަށް އިތުބާރުކުރަން… އަހަރެން ޔުކްތާދެކެ ވަރަށް ލޯބިވޭ." އާރިޒު ކުރިއަށްވުރެ ބޮޑަށް ޔުކްތާ ގަޔާކައިރި ކޮށްލިއެވެ. ދުނިޔޭގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ދެމުންނެވެ. ރައްކާތެރިކަމާއި ހިމާޔަތް ދެމުންނެވެ. ދެންދުވަހަކުވެސް ޔުކްތާއަކަށް އަދި އޭނާގެ ދަރިއަކަށް އެކަހަލަ ބިރުވެރިކަމެއް އިހުސާސް ކުރާކަށް ނުޖެހޭނެ ކަމުގެ ޔަގީންކަމާ އެކުގައެވެ.

ރައޫފަށް އޭނާގެ ކުށުގެ އަދަބު ލިބުނެވެ. ނުވައަހަރުގެ ޔުކްތާއާއި ޖިންސީ އަނިޔާ ދިނުމުގެ ކުށުގައި އުމުރަށް ޖަލަށްލެވުނެވެ. އާރިޒުގެ ހެކިބަހާއި އޭނާގެ ފަލަ މަސްގަނޑުގައިވި ޔުކްތާ ވަޅިން ޖެހި ލަކުނު އެއީ ހެކިކަން ސާބިތު ވިއެވެ. އޭނާ އަމިއްލައަށް ކުށަށް އިއުތިރާފުވެ ޔުކްތާގެ ކިބައިން މާފަށް އެދުނުތަން މުޅި ރާއްޖޭގެ ރައްޔިތުންނަށް ޓީވީންނާއި ނޫސްތަކުން ފެނިގެން ދިޔައެވެ. އޭގެ ސަބަބުން މިގޮތަށް ފޮރުވިފައި ހުރި އެތައް މައްސަލައެއް ކޯޓަށް ހުށައެޅި އަނިޔާ ލިބުނު ކުދިންނަށް އިންސާފު ލިބިގެން ދިޔައެވެ. މައިންބަފައިން އެކަމަށް ސަމާލުވެ ހޭއަރައި ކުދިން އެފަދަ މީހުންނާ ދުރު ކުރަމުންދެއެވެ. މުޖުތަމައުގައި އެކަހަލަ މީހުން އެކަހެރި ކުރެވެމުން ދިޔައެވެ. އަދުލު އިންސާފު ގާއިމު ނުކުރެވޭ އަދި ޚިޔާނާތާއި ރިޝްވަތު ހިފާ ނިކަމެތިންގެ މައްސަލަތައް ނުބެލި މީދޫ ގާޒީ ވަޒީފާއިން ވަކިކުރެވި އަދުލުވެރި ވެރިއަކު ހަމަޖެހިގެން ދިޔައެވެ.

– ނިމުނީ-

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *