Support Us

ކީރިތި ރަސޫލާ ޢިއްޒަތްތެރިކޮށް މާތްކުރުން- 3

 

ރަސޫލުﷲ ﷺ ގެ މާތްކަން ބަޔާންކުރައްވަމުން ﷲ އަންގަވަނީ ޢަރަބީންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި ﷲ އެކަލާނގެ ރަސޫލާ ﷺ ޢަރަބީންގެގާތަށް ފޮނުއްވި ވާހަކައެވެ. މިކަން ބަޤަރާ ސޫރަތުގެ 151 ވަނަ އާޔަތުން އެނގެއެވެ. ޖެހިގެން އޮތް އާޔަތުގައި ﷲ އަންގަވަނީ އެކަލާނގެ ރަސޫލުﷲ ﷺ ފޮނުއްވި ކަމަށްޓަކައި އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. މިކަމުން ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺ އަށް ދެއްވި ޢިއްޒަތާއި ޝަރަފްގެ ހައްދެއްނެތް ކަމެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭ ކަމަކީ ރަސޫލުﷲ ﷺ ގެ ދަރަޖަ މަތިވެރިކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއްކުރުމެވެ.

ތައުބާ ސޫރަތުގެ 40 ވަނަ އާޔަތް ﷲ ބާވައިލެއްވީ ތަބޫކު ހަނގުރާމައިގައެވެ. މިއާޔަތުގައި ﷲ ހަނދާންކޮށްދެއްވީ ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅެކެވެ. އޭގެ ނުވަ އަހަރުކުރިން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެކަލޭގެފާނު ފިއްލަވަން އިންނެވިއިރު ދުޝްމަނުންނަށް ފެނިދާނެތީ އަބޫބަކުރުގެފާނު ބިރުފުޅުން އުޅުއްވަން ފެށުމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ. ހިތާމަ ނުކުރެއްވުމަށާއި ﷲ ވޮޑިގެންވަނީ އެބޭކަލުންނާއެކުގައި ކަމަށް ރަސޫލުﷲ ﷺ ވިދާޅުވި ވިދާޅުވުމެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެ މީހަކުނެތަސް އެކަލޭގެފާނަށް ﷲ ނަސްރުދެއްވާނެކަން މިއާޔަތުންވެސް އެނގެއެވެ. ލޯތްބާއި ތަޢުރީފުގެ މިއާޔަތުން އެކަލޭގެފާނުގެ ދަރަޖައިގެ މާތްކަން ކަށަވަރުކޮށްދެއެވެ.

ރަސޫލުންނާއި ނަބިއްޔުން ﷲ ވަނީ ފާފައާއި ކުށުން ބަރީއަކުރައްވާފައެވެ. އަދި އެބޭކަލުންނަކީ ﷲ އިޚުތިޔާރުކުރައްވައި މާތްކުރައްވައިފައިވާ އެކަލާނގެ މަންދޫބުންނެވެ. އެހެންކަމުން އެބޭކަލުންގެ ހުރިހާ ކަމެއް ހުންނަންޖެހުނީ ﷲ ރުހިވޮޑިގެންވާ ގޮތަށެވެ. ﷲ އެބޭކަލުންގެ ދަރަޖަ ކިތަންމެބޮޑަކަށް އުފުއްލެވިޔަސް އެބޭކަލުންނަކީ އިލާހީ ބޭކަލުންނެއް ނޫނެވެ. މިކަން ކީރިތި ޤުރުއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. ރަސޫލުންނާއި ނަބިއްޔުންނަށް އިރުޝާދުދެއްވީ ﷲ އެވެ. އެއީ މަލާއިކަތުން މެދުވެރިކުރައްވައެވެ. އެގޮތުން އެބޭކަލުންގެ ނިންމެވުންތަކާއި އަމަލުފުޅުތައް ﷲ ރުހިވޮޑިގަންނަވާގޮތަށް އެކަލާނގެ އިސްލާހުކުރެއްވިއެވެ.

ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވި އެއްގޮތަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރެއްވުމުގެ އިޚުތިޔާރު އެކަލޭގެފާނަށް ދެއްވައިގެންނެވެ. އެގޮތުން ރަސޫލުﷲ ﷺ ކުރެއްވި އެއްވެސް ކަމެއް ﷲ ނުހުއްޓުވައެވެ. މިކަމުން ރަމްޒުކޮށްދެނީ ﷲ ގެ ލޯބި އެކަލޭގެފާނުގެ މައްޗަށްހުރިވަރެވެ. ﷲ، އެކަލާނގެ ރަސޫލާ ﷺ އިސްލާހުކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެއެވެ. އެކަމަކު ﷲ، ރަސޫލުﷲ ﷺ އިސްލާހުކުރެއްވީ އެކަލޭގެފާނު މަތިވެރިކުރައްވައި ދަރަޖަ އުފުއްލަވައިގެންނެވެ. އެކަލޭގެފާނު ކަމެއް ކުރެއްވުމުން ނުވަތަ ކަމެއް ނުކުރައްވައި ދޫކޮށްލެއްވުމުން ﷲ އެކަމުގައި އިރުޝާދުދެއްވީ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވައިގެންނެވެ. މިފަދަ ކިތަންމެ ހާދިސާއެއް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ.

މައްކާ ފަތަހަކުރެއްވުމާއެކު ރޫމީންގެ ހަމަލާއަކަށް މުސްލިމުން ތައްޔާރުވާންޖެހުނެވެ. އެގޮތުން ގަދަވެ ސަލާމަތުން ހުރި ކޮންމެ މުސްލިމް ފިރިހެނަކު މުސްލިމް ލަޝްކަރާއި ގުޅުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. މިކަމާ ގުޅިގެން ހަނގުރާމަކުރެވެން ނެތް މުސްލިމް ފިރިހެނުން ސަބަބު ބަޔާންކޮށްދޭންޖެހުނެވެ. ދެން މުސްލިމުންނަށް ވެގެންތިބި މުނާފިޤުން އެކަލޭގެފާނުގެ އަރިހުގައި އުޒުރުގެ ގޮތުގައި ފާޑުފާޑުގެ ބަހަނާތައް ދެއްކިއެވެ. ޖަވާބުގައި އެމީހުންނަށް ރަސޫލުﷲ ﷺ އެންގެވީ ގޭގައި ތިބުމަށެވެ. ﷲ މިކަމާ ރުހިވޮޑިނުގެން ތައުބާ ސޫރަތުގެ 43 ވަނަ އާޔަތުގައި ރަސޫލުﷲ ﷺ އާއި ސުވާލުކުރެއްވިއެވެ. މި އާޔަތުގައި ﷲ ސުވާލުކުރެއްވީ އެކަލޭގެފާނަށް ޢަފޫކުރެއްވުމަށްފަހުއެވެ. މިކަމުން އެނގި ކަށަވަރުވަނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމެވެ.

މީހަކަށް ކަމެއް ގޯސްކޮށް ކުރެވުނީމަ އެކަމުގައި ވާހަކަ ދައްކާއިރު މުޚާޠަބުކުރާނީ އެމީހާއަށެވެ. އެގޮތުން އެމީހާއަށް މުޚާޠަބުކުރާނީ ތިބާ މިމޭރުމުންނެވެ. އެއް ދުވަހަކު ރަސޫލުﷲ ﷺ ޣައިރު މުސްލިމުންގެ މުހިންމު ޝަޚުސިއްޔަތަކަށް އިސްލާމް ދީން ބަޔާންކޮށްދެއްވަނިކޮށް ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް އައެވެ. އެވަގުތު އެކަލޭގެފާނަށް އެމީހާއަށް ސަމާލުކަން ނުދެއްވުނެވެ. މިކަމާ ﷲ ރުހިވޮޑިނުގަތްކަން ވަގުތުން އެންގެވިއެވެ. އެކަމަކު ﷲ ގެ ވަހީގެ ބަސްފުޅުގައި އޮތީ އޭނާ މޫނު ހެއްދެވި ވާހަކައެވެ. ކަލޭގެފާނު މޫނުފުޅު ހެއްދެވި ކަމަކަށްނޫނެވެ. މިއީ އިސްލާހު ކުރެއްވުމުގައިވެސް ރަސޫލުﷲ ﷺ ގެ ދަރަޖަ ﷲ އުފުއްލެވިގޮތެވެ. މިކަމުން އެނގެނީ އެކަލޭގެފާނަށް އަޅުގަނޑުމެން މާތްކޮށް ހިތަންޖެހޭވަރުގެ ބޮޑުކަމެވެ.

ތަހުރީމް ސޫރަތުން އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ރަސޫލުﷲ ﷺ ގެ ލޮބުވެތި އަނބިކަނބަލަކަށްވެސް އެކަލެގޭފާނަށް ކިތަންމެ ކުޑަކޮށް ނަމަވެސް ކުޑައިމީސްކޮށް ހިތުމަށް ޖާގަނެތްކަމެވެ. ރަސޫލުﷲ ﷺ ގެ ދެ އަނބިކަނބަލުންނަށް އަމާޒުކޮށް ﷲ އެންގެވީ އެކަނބަލުންނަށް ތައުބާގެ ދޮރު އޮތް ކަމަށެވެ. އެހެން ނޫންނަމަ ﷲ އާއި ޖިބުރީލުގެފާނާއި މަލާއިކަތުންނާއި މޫމިނުން އެކަލޭގެފާނުގެ ހިމާޔަތުގައި ތިއްބެވި ކަމަށެވެ. މިކަމުން އެނގި ކަށަވަރުވާ ކަމަކީ ﷲ އެކަލާނގެ ނަބިއްޔާ ﷺ ގެ ދަރަޖަ މަތިވެރިކުރެއްވި މިންވަރެވެ.

ޙުޖުރާތު ސޫރަތް ފައްޓަވަމުން އީމާންވި މީހުންނަށް ﷲ އަންގަވަނީ އެއިލާހާއި ރަސޫލުﷲ ގެ ކުރިއަށް އެއްވެސް ކަމެއް އިސްނުކުރުމަށެވެ. ޔަޢުނީ އެއްވެސް މީހެއް ނުވަތަ އެއްވެސް ތަނެއް ނުވަތަ އެއްވެސް އެއްޗެއް ނުވިތާކަށް އެއްވެސް ފަލްސަފާއެއް ﷲ އާއި ރަސޫލުﷲ ﷺ އަށްވުރެ ބޮޑަށް އިސްނުކުރެވޭނެކަމެވެ. މިއާޔަތުންވެސް ހާމަވެ ކަށަވަރުވަނީ ﷲ އެކަލާނގެ ނަބިއްޔާ މާތްކުރެއްވިވަރެވެ. ހުޖުރާތު ސޫރަތުގެ ދެވަނަ އާޔަތަށް ފިކުރު ހިންގާއިރު ރަސޫލުﷲ ﷺ އަޑުފުޅަށްވުރެ ގަދައަށް އަޑުއުފުލުން މުސްލިމުންނަށް މަނަލެވެ. މިއަދު އަޅުގަނޑުމެންނާއެކު އެކަލޭގެފާނުގެ އަޑުފުޅެއްނުވެއެވެ. މިއަދު އަޅުގަނޑުމެންނާ އެކުގައިވަނީ އެކަލޭގެފާނުގެ ސުއްނަތެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުއްނަތުގެ މައްޗަށް އެހެން އެއްވެސް ނެރެޓިވްއެއްގެނައުން އަޅުގަނޑުމެންނަކަށް ހުއްދައެއްނޫނެވެ. މިކަމުންވެސް ފާޅުކޮށްދޭ ކަމަކީ އެކަލޭގެފާނުގެ މަތިވެރިކަމެވެ.

ﷲ އެކަލާނގެ ރަސޫލާ ނޫރެއްފަދައިން ސިފަކުރައްވާފައިވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިންސާނާއަށް އޭނާގެ ވަށައިގެންވާ ދުނިޔެ ފެންނަނީ އަލިކަމުގެ ސަބަބުންނެވެ. ލޮލުގެ ނޫރު ހުރި ކަމުގައިވިޔަސް ދުނިޔޭގައި އަލިކަމެއް ނުވާނަމަ އެމީހަކަށް ނުފެންނާނެއެވެ. ހަމައެގޮތަށް ލޮލުގެ ނޫރު ނުވާ މީހާއަށް ދުނިޔޭގައި ކިތަންމެ ބޮޑު އަލިކަމެއް ހުއްޓަސް އެއްވެސް އެއްޗެއް ނުފެންނާނެއެވެ. ފެނުމަށްޓަކައި ލޮލުގެ ނޫރެކޭ އެއްފަދައިން ދުނިޔޭގައިވެސް އަލިކަން ހުންނަންޖެހެއެވެ. އަޙުޒާބު ސޫރަތުގެ 46 ވަނަ އާޔަތުގައި ރަސޫލުﷲ ﷺ ގެ ދަރަޖަ އުފުއްލެވުމުގެ ގޮތުން ﷲ އެކަލޭގެފާނު ސިފަކޮށްދެއްވީ އަލިކުރާ ބައްތިއެއް ފަދައިންނެވެ. އަދި އެކަލާގެފާނު ގޮވައިލައްވަނީ ﷲ ގެ އިޒުނާފުޅާއެކު އެކަލާނގެ ދީނަށް ކަމުގައި ވަޙީކުރެއްވިއެވެ. މިކަމުންވެސް ދަލީލުކޮށްދެނީ ނަބިއްޔާ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ.

އަޢުރާފު ސޫރަތުގެ 157 ވަނަ އާޔަތުގައި ﷲ އެކަލާނގެ ނަބިއްޔާ ﷺ ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައެވެ. މިއާޔަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ދަރަޖައިގެ މަތިކަން ކަށަވަރުވެއެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށްޓަކައި ވެވަޑައިގަންނަވާ ޤުރްބާނީވެސް މިއާޔަތުން އެނގެއެވެ. އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ޢިއްޒަތްދީ، އެކަލޭގެފާނަށް ނަސްރުދީ، އެކަލޭގެފާނަށް ބާވައިލެއްވި ފޮތުގައި ހިފާ މީހުންނަކީ ދިންނަވާނޭ މީހުންކަމުގައި ﷲ އަންގަވައެވެ. މިއިން އެނގިކަށަވަރުވަނީ ﷲ އެކަލޭގެފާނުގެ ދަރަޖަ އުފުއްލަވާފައިވާވަރެވެ. އަދި އެކަލޭގެފާނަށް ކަމޭނުހިތައި އެކަލޭގެފާނަށް ޢިއްޒަތްނުދިން ބަޔަކު ގެއްލިހަލާކުވާނޭކަންވެސް މިއާޔަތުން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސަފުޅުކަމާއި ރަސޫލުﷲ ﷺ އަކީ އެކަލާނގެ ރަސޫލާކަން އަންގައިދޭ ހެއްކަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަން އަންގައިދޭ އެންމެބޮޑު ހެއްކަކީ ޚުދު ރަސޫލުﷲ ﷺ އެވެ. ޤަލަމް ސޫރަތުގެ ހަތަރުވަނަ އާޔަތުން މިކަން އެނގެއެވެ. މިއާޔަތުގައި ﷲ ބަޔާންކުރައްވަނީ އެކަލޭގެފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމެވެ. ޔަޢުނީ އެކަލޭގެފާނަކީ ދޮގު ވާހަކަ ނުދައްކަވާނެ ބޭކަލެއްކަމެވެ. އެކަލޭގެފާނުގެ ޒާތީ ހަޔާތްޕުޅާއި އާންމު ހަޔާތްޕުޅުން ކަށަވަރުވި އެންމެބޮޑު ކަމަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމެވެ. ސާޅީސް އަހަރު ވަންދެން ދޮގެއް މަކަރެއް ހީލަތެއް ޚިޔާނާތެއް ނުވެއެވެ. މީހަކަށް މަލާމާތެއް ފުރައްސާރައެއްނުކުރައްވައެވެ. މީހެއްގެ ޙައްޤަކަށް ކުޑަމިންވަރަކަށްވެސް އަރުއްވައިނުގަނެއެވެ. މުޅި މުޖުތަމަޢުގެ ލޯތްބާއި އިޙުތިރާމް އެކަލޭގެފާނަށް އޮތެވެ. ނަތީޖާއަކީ އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެކަމުގެ ޔަގީންކަން މައްކާގެ މީސްތަކުންނަށްވެސް އޮތުމެވެ.

ރަސޫލުﷲ ﷺ ގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް ބާރު އަޅުއްވައި މުޝްރިކުންނަށް ﷲ ގޮންޖެއްސެވިއެވެ. އެކަލޭގެފާނު އިތުރުފުޅު ނުހައްދަވާނެ ކަމަށް އިޝާރަތްކުރައްވައި މުޝްރިކުންނަށް ﷲ ގޮންޖައްސަވަނީ ޙާއްޤާ ސޫރަތުގައެވެ. ޤުރްއާނަކީ ﷲ ބާވައިލެއްވި ޙައްޤު ފޮތްކަމުގައި އެންގެވިއެވެ. ﷲ އަށް ނިސްބަތްކޮށް އެކަލޭގެފާނު ވާހަކަފުޅެއް ދެއްކެވިނަމަ އެކަމުގެ ޖަޒާ އެކަލޭގެފާނަށް ލިބިވަޑައިގަތީސް ކަމަށް ﷲ އެންގެވިއެވެ. މިކަމުން އެނގި ކަށަވަރުވަނީ އެކަލޭގެފާނުގެ ދަރަޖައިގެ މަތިވެރިކަމާއި ޤުރްއާނަކީ އެކަލާނގެ ކަލާމްފުޅުކަމެވެ.

ކީރިތި ޤުރްއާނަކީ ރަސޫލުﷲ ﷺ ގެ އުފެއްދެވުމެއް ނޫންކަމަށް އެޤުރްއާން ހެކިވެއެވެ. ނަޖުމް ސޫރަތުގެ 3 ވަނަ އާޔަތުން 5 ވަނަ އާޔަތަށް މިކަން ކަށަވަރުވެއެވެ. ﷲ މި އަންގަވަނީ ޤުރްއާން ކަމަށް ވިދާޅުވެ ނަބިއްޔާ ﷺ އިއްވާ ބަސްފުޅަކީ އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅެއް ނޫންކަމަށެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވާ ފަދައިން އެއީ ﷲ ގެ ޙަޟުރަތުން ވަހީގެ މަލާއިކަތާ ޖިބުރީލް އެކަލޭގެފާނަށް ގެނެސްދެއްވާ ވަޙީއެވެ. އެހެންކަމުން އަމީނާއި ޞިއްދީޤުގެ ނަމުން މަޝްހޫރުކަން ލިބިވަޑައިގެންފައިވާ ނަބިއްޔާ އުނގަންނައިދެއްވާ ޤުރްއާން ބަލައިގަންނަން ޖެހޭކަން މިއާޔަތްތަކުން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނަކީ ﷲ ގެ ކަލާމްފުޅުކަން އަންގައިދޭ އެންމެބޮޑު ދަލީލަކީ ރަސޫލުﷲ ﷺ އެވެ. ހަމައެގޮތަށް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާކަން އަންގައިދެނީ ކީރިތި ޤުރްއާންއެވެ. ޔާސީން ސޫރަތުގެ ދެވަނަ އާޔަތާއި ތިންވަނަ އާޔަތަކީވެސް މިދެންނެވިފަދަ މިސާލެކެވެ. ކީރިތި ޤުރްއާން ގަންދެއްވާފައި ﷲ އަންގަވަނީ އެކަލޭގެފާނަކީ ރަސޫލު ބޭކަލެއް ކަމުގައެވެ. އެހެންކަމުން ރަސޫލުﷲ ﷺ އަކީ ﷲ ގެ ރަސޫލާކަމުގެ އެންމެ ބޮޑު ހެއްކަކީ ކީރިތި ޤުރްއާންއެވެ. މިއިން އަޅުގަނޑުމެން ލިބިގަންނަންޖެހޭ މެސެޖަކީ ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ.

ރަސޫލުﷲ ﷺ އާއި ކީރިތި ޤުރްއާންވަނީ ގުޅިލާމެހިފައިވަނީ ވަކިނުކުރެވޭވަރަށެވެ. އެހެންވެ ކީރިތި ޤުރްއާނުން ރަސޫލުﷲ ﷺ ވަތްކެއް ނުކުރެވޭނެއެވެ. ހަމައެގޮތަށް ރަސޫލުﷲ ﷺ ގެކިބައިން ކީރިތި ޤުރްއާން ވަތްކެއް ނުކުރެވޭނެއެވެ. މިކަމުގެ އެއް ހެއްކަކީ ބައްޔިނާ ސޫރަތެވެ. ފާޅުވެގެންވާ ދަލީލު ނުވަތަ ބައްޔިނާ މީސްތަކުންނަށް ﷲ ފޮނުއްވިއެވެ. އެއީ އެދަލީލަކީ ނުވަތަ ބައްޔިނާއަކީ ރަސޫލުﷲ ﷺ އާއި ކީރިތި ޤުރްއާންއެވެ. މިކަން ބައްޔިނާ ސޫރަތުގެ ފުރަތަމަ ދެއާޔަތުން އެނގެއެވެ. މިއިން އަނެއްކާވެސް އެނގިކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލުﷲ ﷺ މާތްކުރައްވާފައިވާވަރެވެ.

ރޯފިލާފައި ތިބި ނުވަތަ ތަންދޮރު ދަންނަ ބައެއް މުސްލިމުން ދައްކާ ވާހަކައެއް އޮވެއެވެ. އެމީހުން ބުނާގޮތުގައި ﷲ ވަނީ ކީރިތި ޤުރްއާން ރައްކާތެރިކުރައްވާފައެވެ. އެހެންވެ އެމީހުން ކީރިތި ޤުރްއާނަށް ތަބާވަނީ އެޤުރްއާނާމެދު އެއްވެސް ޝައްކުކަމެއްނެތިއެވެ. އެކަމަކު ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތަކުގެ ޞައްޙަކަމާމެދު އެފަދަމީހުންނަށް ޔަގީންކަންމެއްނުވެއެވެ. އެހެންވެ ޙަދީޘް ގަބޫލުކުރަން ދަތިކަމަށް އެފަދަ މީހުން ބުނެއެވެ. ހައިރާންވެ އަންތަރީސްވާންޖެހެނީ ﷲ ޤުރްއާން ރައްކާތެރިކުރެއްވިގޮތް އަޅުގަނޑުމެންނަށް ނޭގޭތީއެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނާއި ހަމައަށް ވާސިލުކޮށްދެއްވީ މަލާއިކަތުންނެއްނޫނެވެ. އެކަމަކު އެކަންކުރެއްވީ މުސްލިމުންނެވެ. ﷲ ކީރިތި ޤުރްއާނުގައި އެޤުރްއާން ރައްކާތެރިކުރެއްވިގޮތް ބަޔާންކުރައްވާފައިވެއެވެ.

ޙިޖުރު ސޫރަތުގެ 49 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވަނީ ޢިލްމުވެރިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ހުރި ވާހަކައެވެ. ޝައްކެއްނެތްގޮތުގައި އެބޭކަލުންނަކީ ޤުރްއާން ހިތުދަސްކުރެއްވި ރަސޫލުﷲ ﷺ ގެ ޞަޙާބީންނެވެ. އެއަށްފަހު އެބެއިކަލުންނަށް ތަބާވި މުސްލިމް އަޙުންނާއި އުޚުތުންނެވެ. ކީރިތި ޤުރްއާނެކޭ އެއްގޮތަށް ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް އަޅުގަނޑުމެންނާހަމައަށް ގެނެސްދެއްވީ އެކަލޭގެފާނުގެ ޞަޙާބީންނެވެ. ކީރިތި ޤުރްއާނުގައި ﷲ ބަޔާންކުރެއްވި ހިތްތަކުގައި ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތައް ބިންވަޅުނެގުނެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙަދީޘްފުޅުތަކާމެދު ސުވާލު އުފައްދާ މީހާއަށް ހަގީގަތުގައި އެޝައްކުއުފެއްދެނީ ޤުރްއާނާމެދުގައެވެ. އެކަލޭގެފާނުގެ ޞަޙާބީންނާމެދު ﷲ ތަކުރާރުކޮށް އަންގަވަނީ އެބޭކަލުންނާމެދު އެކަލާނގެ ރުހިވޮޑަތްކަމަށާއި އެބޭކަލުން ﷲ އާމެދު ރުހުނުކަމަށެވެ. އެހެންވެ އެބޭކަލުންގެ ނަޒާހަތްތެރިކަމުގައި އެއޮތީ ފުރިހަމައަށް ސިއްކަޖެހިފައެވެ.

ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުތަކަށް ނުވަތަ އެކަލޭގެފާނުގެ ސުއްނަތުގައި ފިސާރި ވަރުގަދައަށް ހިފަންޖެހޭކަމަށް ހެކިވަނީ ކީރިތި ޤުރްއާންއެވެ. ނިސާ ސޫރަތުގެ 65 ވަނަ އާޔަތުގައި ﷲ އެއިލާހަށް ގަންދެއްވުމަށްފަހު ރަސޫލުﷲ ﷺ އަށް އެންގެވީ ކީކޭތޯއެވެ؟ މީހަކު އީމާންވިކަމަށްވާނީ ހަމަކޮންމެ ކަމެއްގައިމެ އެމީހާ ރަސޫލުﷲ ﷺ ގެ ނިންމެވުން ގަބޫލުކުރުމުން ކަމުގައެވެ. ރަސޫލުﷲ ﷺ ގެ ސުއްނަތް ކުޑަގޮތަކަށް ނަގަންޖެހުނުނަމަ މިއާޔަތުގައި ﷲ އެންގެވީހީ ކޮންމެކަމެއްގައިމެ ކީރިތި ޤުރްއާނަށް ބެލުމަށެވެ. މިކަމުން އެނގި ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވައި މަތިވެރިކުރައްވާފައިވާވަރެވެ. އަދި އަޅުގަނޑުމެން މުސްލިމުން އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހޭވަރުގެ ބޮޑުކަމެވެ. މިއީ މިއަދު މުޅި މުސްލިމް އުއްމަތްކުރަންޖެހިފައިވާ ބޮޑުމަސައްކަތެކެވެ.

ޤުރްއާނާއި ރަސޫލޫﷲ ﷺ ވަކިކުރެވޭނެ އެއްވެސް ގޮތެއްނުވެއެވެ. ނުވަތަ އެއްވެސް ގޮތަކުން އެކަލޭގެފާނުގެ ސުއްނަތް ދޫކޮށެއްނުލެވޭނެއެވެ. މިކަން ތަކުރާރުކޮށް ކީރިތި ޤުރްއާނުގައި ﷲ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވައިފައިވެއެވެ. ނިސާ ސޫރަތުގެ 61 ވަނަ އާޔަތުގައި ﷲ އަންގަވަނީ ކީރިތި ޤުރްއާނަށް އަންނަންޖެހޭފަދައިން ﷲ ގެ ރަސޫލާ ﷺ އަށްވެސް އަޅުގަނޑުމެން އަންނަންޖެހޭކަމަށެވެ. މިފަދަ އެތައް އާޔަތަކުން އެނގިކަށަވަރުވަނީ ރަސޫލުﷲ ﷺ މާތްކުރައްވައި މަތިވެރިކުރައްވާފައިވާވަރެވެ. އަދި ކީރިތި ޤުރްއާނާއި އެކަލޭގެފާނުގެ ސުއްނަތް ގުޅިލާމެހިފައިވާކަމެވެ.

ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވާފައިވަނީ އެފަދަ ދެވަނައެއްނުވާފަދަ މަތީ ދަރަޖައަކަށެވެ. އެގޮތުން މީހަކަށް އިސްލާމް ދީނަށް ވަދެވެނީ ރަސޫލުﷲ ﷺ ރަސޫލުކަން ގަބޫލުކޮށް އެކަލޭގެފާނަށް ތަބާވެގެންނެވެ. އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ވަކިނުކުރެވޭނެކަމަށް ﷲ އެންގެވިއެވެ. ނިސާ ސޫރަތުގެ 151 އާޔަތުގައި ﷲ އަންގަވަނީ އީމާންވުމުގައި ﷲ އާއި އެކަލާނގެ ރަސޫލުންނާދެމެދު ތަފާތުކުރާ މީހާއަކީ ކާފަރެއްކަމުގައެވެ. އެހެންކަމުން އިސްލާމް ދީނަށް ވަންނަ ކޮންމެ މީހަކު ރަސޫލުﷲ ﷺ އަށް ހުރިހާ މާނައެއްގައި ތަބާވެ އެކަލޭގެފާނަށް މާތްކޮށްހިތަންޖެހެއެވެ. އެހެންނޫނީ އެމީހާ ކުފުރުގެތެރެއަށް ގެއްލެނިކުރައްވައެވެ. ކީރިތި ޤުރްއާނުގައިވާ މިފަދަ އެތައް މިސާލަކުން ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވިވަރު އެނގިގެންދެއެވެ.

ރަސޫލުﷲ ﷺ ގެ ސުއްނަތުގައި ހިފަންޖެހޭކަމަށް އަންގައިދެނީ ކީރިތި ޤުރްއާންއެވެ. އަދި އެނޫން އެހެން ނެރެޓިވްއެއް ނެތްކަމަށް ސާފުބަހުން އަންގަނީ ކީރިތި ޤުރްއާންއެވެ. ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތަށް ނަޒަރު ހިންގާލަމާތޯއެވެ؟ ﷲ އަމުރުކުރައްވަނީ ރަސޫލު ﷲ ﷺ ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ހިފުމަށެވެ. ހަމައެގޮތަށް ﷲ އަމުރުކުރައްވަނީ ރަސޫލުﷲ ﷺ މަނާކުރެއްވި ކޮންމެ ކަމަކުން އަޅުގަނޑުމެން ދުރުހެލިވުމަށެވެ. ﷲ ގެ އިންޒާރުގެ މިބަސްފުޅުން އެނގެނީ އެކަލޭގެފާނުގެ ސުއްނަތުގެ ދިފާއުގައިވަނީ ޚުދު ކީރިތި ޤުރްއާންކަމެވެ. މިކަމުންވެސް ލިބޭ ފިލާވަޅަކީ ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ. އަދި އެކަމާ ސުވާލުކުރެވޭނެ އެއްވެސްގޮތެއްނެތްކަމެވެ.

 އަޅުގަނޑުމެންނަށް ރަސޫލު ﷲ މުހިންމުވާ ސަބަބު

ރަސޫލުﷲ ﷺ އަކީ ނަބީކަން ޚަތިމްކުރެއްވި އެންމެ ފަހުގެ ނަބީކަލޭގެފާނެވެ. އެހެންކަމުން ﷲ އެކަލޭގެފާނު ފޮނުއްވާފައިވަނީ މުޅިން ޢާލަމްތަކަށެވެ. ޢާލަމްތަކުގައިވާ އެންމެހައި މަޚުލޫޤުންނަށް އެކަލޭގެފާނަކީ ޤިޔާމަތަށް ދާދެން އެމީހުންގެ ރަސޫލާއެވެ. އެހެންވެ ރަސޫލުﷲ ﷺ ގެނެސްދެއްވި ރިސާލަތަކީ އެންމެފަހުގެ ރިސާލަތެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ބިންގަލަކީ ﷲ ގެ ކަޅާމްފުޅު ކީރިތި ޤުރްއާންއެވެ. މިއީ ޤިޔާމަތަށްދާދެން ދެމިއޮންނާނެ މުޢުޖިޒާތެއްވެސްމެއެވެ. ނަތީޖާއަކީ ﷲ އަށް އީމާންވާ ކޮންމެ މީހަކަށް އެންމެ މުހިންމު ބޭކަލަކަށް ރަސޫލުﷲ ﷺ ވުމެވެ.

އިސްލާމް ދީނަކީ ފަލްސަފާއެއްނޫނެވެ. ހަމައެގޮތަށް އިސްލާމް ދީނަކީ އަޅުކަމެއްވެސް ނޫނެވެ. އެކަމަކު ﷲ ބާވައިލެއްވި މިދީނަކީ ދިރިއުޅުމުގެ އުސޫލެކެވެ. އެހެންކަމުން އެކަމަކަށް އިސްލާމް ދީން ނުވަންނަ އެއްވެސް ކަމެއް މުސްލިމެއްގެ ދިރިއުޅުމުގައި ނުވެއެވެ. ކެއުމާއި ބުއިމާއި ނިދުމާއި އުނުފޭރާންލުމާއި ފާޚާނާކުރުމުގައިވެސް އަމަލުކުރަންޖެހޭ ސާފު ހަމަތަކެއް އިސްލާމް ދީނުގައިވެއެވެ. ތިމާގެ އަމިއްލަ ޒާތީ ހަޔާތާއި ތިގެ އިޖުތިމާޢީ ހަޔާތާއި ތިމާގެ ވަޒީފާގެ ހަޔާތުގެ ހުރިހާކަމެއް ބަހައްޓަންޖެހޭގޮތް ދީނުގައިވެއެވެ. އިސްލާމް ދީން ބިނާކުރެވިފައިވާ އިރުޝާދު ފޮތް ނުވަތަ އިންސްޓްރަކްޝަން މެނުއަލްއަކީ ކީރިތި ޤުރްއާނާއި ރަސޫލުﷲ ﷺ ގެ ސުއްނަތެވެ. މިދެންނެވި މެނުއަލް މުސްލިމުންނަށް ބަޔާންކޮށްދެއްވައި އުނގަންނައިދެއްވި އިމާމަކީ ރަސޫލުﷲ ﷺ އެވެ. އެހެންކަމުން މުސްލިމުންނަށް އެކަލޭގެފާނުގެ މުހިންމުކަން ކުޑަވާނެ އެއްވެސް ގޮތެއްނެތެވެ.

ޢާލަމްތަކަށް ކައުކުރެއްވި އެންމެ ޚުލްޤުހެޔޮ ބޭކަލަކީ ރަސޫލުﷲ ﷺ އެވެ. އަޚުލާޤާއި ސުލޫކުގައި އެކަލޭގެފާނަކީ އެންމެ މާތް ނަމޫނާއެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނެވެ. އެގޮތުން ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތަކީ އެކަމުގެ މިސާލެކެވެ. ޞަޙީ މުސްލިމުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާފަދައިން ރަސޫލުﷲ ﷺ ގެ ޚުލްޤުފުޅަކީ ކީރިތި ޤުރްއާންއެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ޙައްޤު ބަސްފުޅުކަމާއި އެކަލެގެފާނަކީ ﷲ ގެ ޙައްޤު ރަސޫލާކަން އަންގައިދެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އިޚުލާސްތެރިކަމުގައި ކެތްތެރިކަމާއި ހިތްތިރިކަމުގައި އެވަރުގެ ބޭކަލެއް މިދުނިޔެ ނުދެކެއެވެ. ޚުދު އެކަލޭގެފާނުގެ ޢަދުއްވުންވެސް އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު ޝައްކެއްނުއުފައްދައެވެ. އެހެންކަމުން ރަސޫލުﷲ ﷺ ގެ މުހިންމުކަން އިންސާނުންގެ މެދުގައި ފަނޑުވާނެ އެއްވެސް ގޮތެއްނެތެވެ.

ރަސޫލުﷲ ﷺ އަކީ އެންމެ ފުރިހަމަ ނަމޫނާއެވެ. ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި އެންމެ ހެޔޮ އަދި ރަނގަޅު މިސާލަކީ އެކަލޭގެފާނެވެ. މިކަމަށް ހެކިވަނީ ކީރިތި ޤުރްއާނުގެ އަޙުޒާބު ސޫރަތުގެ 21 ވަނަ އާޔަތެވެ. އެކަލޭގެފާނުގެ ރިވެތި ނަމޫނާއިން ނަމޫނާ ލިބިގަތް ކޮންމެ މީހަކީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކޮށްފި މީހެކެވެ. އެހެންކަމުން ތިމާގެ ހަޔާތް ބާއްޖަވެރިކޮށް ސުވަރުގޭގެ ނިޢުމަތް ހާސިލުކުރުމަށްއޮތް ހަމައެކަނީ މަގަކީ ރަސޫލު ﷲ ﷺ ނަމޫނާއަކަށް ބަލައިގެން އެކަލޭގެފާނު ހިންގެވި މަގުން ހިނގުމެވެ. މިސަބަބަށްޓަކައި ދުނިޔެ އޮތްހާ ދުވަހަކު އެކަލޭގެފާނުގެ މުހިންމުކަމަށް ކުޑަވެސް ފަނޑުކަމެއްނާންނާނެއެވެ.

ރަސޫލުﷲ ﷺ އަކީ މުއައްސަސާއެއް ނުވަތަ އިންސްޓިޓިއުޝަނެކެވެ. އިސްލާމް ދީނުގެގެ ޝަރަޙަ ނުވަތަ ހުރިހާ ތަފުސީލެއްވަނީ އެކަލޭގެފާނުގެ ސުއްނަތުގައެވެ. އިސްލާމް ދީނުގެ އާދަކާދައާއި ޘަޤާފަތްވަނީ އެކަލޭގެފާނުގެ ސުއްނަތުގައެވެ. މުސްލިމުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަދި ކަންކުރަންޖެހޭގޮތާއި ކަންނުކުރަންނުޖެހޭގޮތް އެކަލޭގެފާނުގެ ސުއްނަތުން އެނގެއެވެ. ނަތީޖާއަކީ މުސްލިމުންގެ އުނގެނެންޖެހޭ މުހިންމު ޢިލްމަކަށް އެކަލޭގެފާނުގެ ސުއްނަތްވުމެވެ. ސުއްނަތުގައި ނުހިފުމަކީ ފާފަވެރިވާ ކަމެކެވެ. ބައެއް ހާލަތުގައި ސުއްނަތަށް އިންކާރުކޮށްފި މީހަކު ކުފުރުވެއެވެ. ނަތީޖާއަކީ މުސްލިމުންގެ މެދުގައި އެކަލޭގެފާނުގެ މުހިންމުކަން ދުވަހަކުވެސް ކުޑަނުވުމެވެ.

އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭ ކަމެކެވެ. އިސްލާމް ދީނުގެ ރުކުންތައް ފުރިހަމަކުރުމަށްޓަކައި ރަސޫލުﷲ ﷺ ދެއްކެވި ނަމޫނާގައި ހިފަންޖެހެއެވެ. ނުވަތަ ރުކުންތައް ފުރިހަމަކުރުމަށްޓަކައި އެކަލޭގެފާނުގެ ސުއްނަތުގައި ފުރިހަމައަށް ހިފަންޖެހެއެވެ. އެހެންނޫނީ ނަމާދުކުރާންގޮތެއް ނޭގޭނެއެވެ. ޒަކާތްދެވޭނީވެސް އެކަލޭގެފާނުގެ އިރުޝާދަށް ތަބާވެގެންނެވެ. ހަމައެގޮތަށް ﷲ ރުހިވޮޑިގަންނަވާގޮތަށް ރޯދަ ހިފުން އޮތީވެސް އެކަލޭގެފާނު ގެންނެވިގޮތުގައި ހިފައިގެންނެވެ. ޙައްޖާއި ޢުމުރާގެ އެންމެހައި ކަންކަން އަޅުގަނޑުމެންނަށް އުނގަންނައިދެއްވީވެސް އެކަލޭގެފާނެވެ. އެހެންކަމުން ﷲ އަމުރުކުރެއްވިގޮތަށް އަދި އެކަލާނގެ ރުއްސަވާގޮތަށް ދީނުގެ ރުކުންތައް ފުރިހަމަކުރެވޭނީ ރަސޫލު ﷲ ﷺ އަށް ފުރިހަމައަށް ތަބާވެ ކިޔަމަންވެގެންނެވެ. ކަންމިހެންހުރިއިރު އެކަލޭގެފާނުގެ މުހިންމުކަން ނުހަނުބޮޑެވެ.

ރަސޫލުﷲ އާމެދު އަޅުގަނޑުމެން ކަންކުރަންވީގޮތް

އަޅުގަނޑުމެން މިއަދު ރަސޫލުﷲ ﷺ އާމެދު ކަންކުރުމުގެ ކުރިން ބަލަންޖެހެނީ ﷲ އެކަލޭގެފާނާމެދު ކަންކުރެއްވިގޮތަށެވެ. މިހާރު އަޅުގަނޑުމެންނަށް ކަށަވަރުވެފައި އޮންނާނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މަޤާމާއި ދަރަޖައާއި މަތިވެރިކަމާއި މާތްކަމެވެ. ދެން އަޅުގަނޑުމެން ބަލަންޖެހެނީ އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން އެކަލޭގެފާނާމެދު ކަންކުރެއްވިގޮތަށެވެ. އެބޭކަލުން އެކަލޭގެފާނަށް ތަބާވެ ކިޔަމަންތެރިވީ ސުވާލަކާއިނުލައެވެ. އެބޭކަލުންގެ ފަލްސަފާއަކީ ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމުއެވެ. އެބޭކަލުން މިދުނިޔެއިން އެންމެބޮޑަށް އިހުތިރާމްކުރެއްވީ އެކަލޭގެފާނަށެވެ. ހަމައެގޮތަށް އެބޭކަލުން މިދުނިޔެއިން އެންމެބޮޑަށް ލޯބިކުރެއްވީވެސް އެކަލޭގެފާނަށެވެ. މިދެންނެވި ބޭކަލުން ކިޔަމަންތެރި އިޚުލާސްތެރި އަމަލުތަކާމެދު ރުހިވޮޑިގަންނަވާކަން ﷲ އެންގެވިއެވެ.

އެހެންވެ އަދުގެ މުސްލިމުން ބަލާލަންޖެހެނީ ރަސޫލުﷲ ﷺގެ އާލުންނާއި  އަސްޙާބުން އެކަލޭގެފާނާމެދު ކަންތައްކުރެއްވިގޮތަށެވެ. ރަސޫލުﷲ ﷺ ގެ ޞަޙާބީން އެކަލޭގެފާނަށް މާތްކޮށް ހިތްތެވީ ﷲ އެންގެވިމަގުންނެވެ. ވިސްނާލައްވާށެވެ! އުމުރުފުޅުން ސާޅީސް އަހަރުފުޅުވަންދެން ރަސޫލުﷲ ﷺ އަކީ މައްކާގެ ރައްޔިތެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ އަޚު ބޭކަލެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ ރަހުމަތްތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ފިރިކަލެކެވެ. އެކަލޭގެފާނަކީ ބަފައިކަލެކެވެ. އެކަލޭގެފާނަކީ އަވަށްޓެރި ބޭކަލެކެވެ. މިއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރިން ރަސޫލުﷲ ﷺ ގެ ހަޔާތްޕުޅުގައި ގުޅުންތައް ހުރިގޮތެވެ. އެހެންވެ އެހެން އިންސާނެކޭ އެއްގޮތަށް އެކަލޭގެފާނާއި ތިމާގެކަމާއި ރަހުމަތްތެރިކަމުގެގޮތުން ވަރަށް ގާތްމީހުން އުޅުނެވެ.

އެކަމަކު އެކަލޭގެފާނަށް ރަސޫލުކަން ލިބިވަޑައިގަތުމާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. ހުރިހާ ކަމެއް ބަދަލުކުރުވީ އެބޭކަލުންނަށް ލިބިވަޑައިގަތް އީމާންކަމެވެ. އެއަށްފަހު އެބޭކަލުންނަށް ދެން މުޅިންވެސް ފެނިވަޑައިގަތީ ﷲ ގެ ރަސޫލާ ﷺ އެވެ. މިސާލަކަށް އެކަލޭގެފާނުގެ އެންމެގާތް އެކުވެރިޔާ އަބޫބަކުރު އެންމެ ފަހަރަކުވެސް ތިމަންކަލޭގެފާނުގެ މިތުރު ނުވަތަ އެކުވެރިޔާ މިހެން ވިދާޅެއްނުވެއެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވީ ﷲ ގެ ރަސޫލާ ﷺ ވިދާޅުވި މިހެންނެވެ. ރަސޫލުﷲ ގެ ދަރިކަނަބަލުން ފާޠިމަތު ވާހަކަދައްކަވާއިރު ތިމަންކަމަނާގެ ބައްޕާފުޅު ވިދާޅުވިއެކޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ރަސޫލުﷲ (ﷲ ގެ ރަސޫލާ) ﷺ ވިދާޅުވި މިފަދައިންނެވެ. ޢާއިޝަތުގެ ފާނު އެންމެ ފަހަރަކުވެސް ތިމަންކަމަނާގެ ފިރިކަލުންނޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ﷲ ގެ ރަސޫލާ ﷺ ވިދާޅުވިއެވެ. އެކަލޭގެފާނުގެ އެންމެ އަރިސް ކޮންމެ ބޭކަލަކަށާއި ބޭކަނބަލަކަށް އެންމެފުރަތަމަ ފެނިވަޑައިގަތީ ﷲ ގެ ރަސޫލާ އެވެ. އެއަށްފަހު ފިރިކަލުންނެވެ. ނުވަތަ އެއަށްފަހު ބަފައިކަލުންނެވެ. ނުވަތަ އެއަށްފަހު އެންމެގާތް މިތުރުކަލޭގެފާނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް އިހުތިރާމްކުރަންޖެހެނީ މިގޮތަށެވެ.

އެންމެ ފުރިހަމަ މާނައިގައި ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމަށްޓަކައި އެންމެ ފުރަތަމަކުރަންޖެހޭ ކަމަކީ އެކަލޭގެފާނާމެދު ތިމާދެކޭގޮތް ނުވަތަ ތިމާއަށް އެކަލޭގެފާނު ފެންނަގޮތް ރަނގަޅުކުރުމެވެ. ޒަމާނީ ބަހުރުވައިންނަމަ ތިމާގެ ޕަސެޕްޝަނާއި އެޓިޓިއުޑް ރަނގަޅުކުރުމެވެ. މިކަންކުރެވޭނީ ތިމާ މިހާރު ބަނދެވިފައިހުރި ފިކުރުންނިކުމެ އުނގެނި ދަސްކޮށްގެންނެވެ. ތިމާ ދައްކާ ވާހަކައާއި ކުރާކަން ހީއަށް ބިނާނުކޮށް ހަގީގަތް ހޯދައިގެންނެވެ. ރަސޫލުﷲ ﷺ އަކީ ކޮބައިކަން އެނގި އެކަލޭގެފާނާމެދު ތިމާދެކޭގޮތް މުޅިން ރަނގަޅުކުރެވޭނީ ކީރިތި ޤުރްއާނުން އެކަލޭގެފާނު ދަސްކޮށްގެންނެވެ. ހަމައެފަދައިން އެކަލޭގެފާނުގެ ސީރާއިން އެކަލޭގެފާނު އުނގެނިގެންނެވެ. މިކަމުގައިވެސް އަޅުގަނޑުމެން ބަލަންޖެހެނީ އެކަލޭގެފާނު ޞަހާބީން ކަންކުރެއްވިގޮތަށެވެ.

ރަސޫލުﷲ ގެ ﷺ ޞަޙާބީން އެކަލޭގެފާނުގެ ސުއްނަތުގައި ބާރަށް ހިއްޕެވިއެވެ. ﷲ އަށް އީމާންވުމަށްފަހު އެބޭކަލުން އީމާންވީ އެކަލޭގެފާނަށެވެ. ﷲ އަށް ކިޔަމަންވުމަށްފަހު އެބޭކަލުން ކިޔަމަންވީ އެކަލޭގެފާނަށެވެ. ޞަޙާބީން އެންމެބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި އިންސާނަކީ އެކަލޭގެފާނެވެ. ޞަޙާބީން އެންމެބޮޑަށްކުރެއްވި މަސައްކަތްޕުޅަކީ ރަސޫލުﷲ ﷺ ގެ ސުއްނަތް އާލާކޮށް ދިރުވުމެވެ. އެބޭކަލުން އެކަލޭގެފާނު ދެއްކެވި ނަމޫނާގައި ސާބިތުވެ ދިރިއުޅުމުގެ ބިންގާއަޅުއްވައި އެބިންގަލުގެ މަތީގައި ދިރިއުޅުން އާރާސްތުކުރެއްވިއެވެ. ކޮންމެ ކަމެއްގައިވެސް އެބޭކަލުން ބެއްލެވީ ކީރިތި ޤުރްއާނަށާއި އެކަލޭގެފާނުގެ ސުއްނަތަށެވެ. ނަތީޖާއަކަށްވީ އެބޭކަލުންގެ މެދުގައި ސުލްހަވެރިކަމާއި އަމާންކަމާއި އަދުލުވެރިކަމާއި ބާއްޖަވެރިކަންއޮތުމެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ ފުރަތަމަ ކަމަކީ އެކަލޭގެފާނަށް އިހުތިރާމްކުޑަވާނެ ކޮންމެކަމަކުން ދުރުހެލިވުމެވެ. ނުވަތަ އެކަލޭގެފާނަށް ކުޑައިމީސްވެދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ. އެގޮތުން އެއްވެސް ސިފައެއްގައި އެކަލޭގެފާނަށް ކަމޭނުހިތާ ބަޔަކާއެކީގައި އަޅުގަނޑުމެން އުޅެގެންނުވާނެއެވެ. އެކަލޭގެފާނުގެ މަގާމާއި ދަރަޖައަށް އުނިކަން އަތުވެދާނޭ ކަންކަންކުރާ މީހުންނާއެކީ އުޅުމެއްވެސްނުވެއެވެ. ހަމައެގޮތަށް އެކަލޭގެފާނުގެ ސުއްނަތުގެ ހުރުމަތްކަނޑާ މީހުންނާއެކީ އަޅުގަނޑުމެން ބައިވެރިވެގެންނުވާނެއެވެ. އަޅުގަނޑުމެން ބައިވެރިވެ ވާގިވެރިވާންޖެހޭނީ އެކަލޭގެފާނަށް މާތްކޮށްހިތާ އަދި ކަމޭހިތާ މީހުންނަށެވެ.

ރާއްޖެފަދަ އިސްލާމީ މުޖުތަމަޢުއެއްގައި ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް އިހުތިރާމްކުޑަކޮށްފިނަމަ އެކަން ކުށްވެރިކޮށް އެކަމާދެކޮޅަށް އަޑުއުފުލަންޖެހެއެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނެސް އެކަމުގައި އަވަސްފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސްކުރަންޖެހެއެވެ. ސަރުކާރުން ޤާނޫނާއ ޝަރީޢަތްމެދުވެރިކޮށް އެމީހަކަށް ޙައްޤުއަދަބުދޭންޖެހެއެވެ. ޣައިރު މުސްލިމުން މިބާވަތުގެ އަމަލުތައް ހިންގުމުން އެކަން ކުށްވެރިކޮށް އެކަމާދެކޮޅަށް ސުލްހަވެރިކަމާއެކު އަޑުއުފުލަންޖެހެއެވެ. އަޅުގަނޑުމެން އެމީހުންނަށް ދޭ ރައްދުގައި ދައްކަން ޖެހެނީ އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި މާތް ނަމޫނާއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުން ދައްކަންޖެހެނީ އެކަލޭގެފާނުގެ ޚުލްޤުފުޅެވެ. މިގޮތަށް ރައްދުދިނުމުން އެކަލޭގެފާނަށް ފުރައްސާރަކުރި މީހާ އިސްލާހުވެ އިސްލާމް ދީނަށްވަނުމުގެ ފުރުސަތު ތަނަވަސްވެއެވެ.

ރަސޫލުﷲ ﷺ އަރިހަށް ޔަހޫދީންތަކެއް އައިސް އެކަލޭގެފާނަށް ފުރައްސާރަކޮށް 'އައްސާމް ޢަލައިކަ' ގޮވިއެވެ. ޔަޢުނީ ކަލޭގެފާނަށް މަރުހުރި މިހެން އެމީހުންގޮވިއެވެ. ރައްދުގައި އެކަލޭގެފާނު ވިދާޅުވީ 'ކަލޭމެންނަށް އެފަދައިން ހުރި' އެވެ. ޔަހޫދީން ހިންގި މިޖަރީމާއާމެދު ކޯފާވެވަޑައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ ރ.ޢ. ހަޅޭއްފުޅުލެއްވިއެވެ. ރަސޫލުﷲ ﷺ ވަގުތުން އެކަން ހުއްޓުވައި އެކަން މަނާކުރެއްވިއެވެ. ވީމާ ޣައިރު މުސްލިމް ގައުމުތަކުގައި އެމީހުން އެކަލޭގެފާނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އަޅުގަނޑުމެން ރައްދުދޭންޖެހެނީ ފިސާރި ސްމާޓުކޮށެވެ. އަމިއްލަ ގައިގަ ރޯކޮށް ގެދޮރާއި މުދަލުގައި ރޯކުރުމުން އަޅުގަނޑުމެންވާނީ އިބުލީހުގެ ދަރިންނަށެވެ. ބޮޑެތި މުޒާހިރާކޮށް އާންމު މަސްލަހަތު ނަގާލުމުން އަޅުގަނޑުމެންވާނީ ޝައިޠާނާގެ ބއިވެރިންނަށެވެ. އެއާޚިލާފަށް ސުއްނަތަށް ރުޖޫޢަވެ އަދަބު އިހުތިރާމާއެކު ރައްދުދިނުމުން އެމީހުންނަށް އިސްލާހުގެ ދޮރުހުޅުވޭނެއެވެ.

މީހަކު ނުވަތަ ބަޔަކު ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށްފި ހާލަތެއްގައި އެކަމަށް ރައްދުދޭނެ އެންމެ ރަނގަޅުގޮތް ހޯދުމަށް ދުޢާކުރަންޖެހެއެވެ. އެއަށްފަހު ދުލާއި ގަލަމުން އެކަން އަދަބުވެރިކަމާއެކު ކުށްވެރިކޮށް ސޯޝަލް މީޑިއާ ފުރާލަންޖެހެއެވެ. ސޯޝަލް މީޑިއާ ފުރަންޖެހެނީ އެކަލޭގެފާނުގެ އިހުސާންތެރިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްތިރިކަމުގެ އޯގާތެރިކަމުގެ ވާހަކަތަކުންނެވެ. އެކަލޭގެފާނުގެ ޢަފޫކުރެއްވުމާއި އަމާނާތްތެރިކަމުގެ ހާދިސާތަކުންނެވެ. އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ ތަސްވީރުތަކުންނެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ދީލަތިކަމުގެ މިސާލުތަކުންނެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ހެޔޮކަމާއި މުރާލިކަމުގެ ވާހަކަތަކުންނެވެ. ހަމައެގޮތަށް ޣައިރު މުސްލިމް ޢިލްމުވެރިންނާއި ފަންނާނުން އެކަލޭގެފާނަށް ތަޢުރީފްކޮށް ފާޅުކޮށްފައިވާ ޝުޢޫރުތަކުންނެވެ. ނަތީޖާއަކަށްވާނީ ބައިބަޔަށް އެމީހުން އިސްލާމް ދީނަށް ވަނުމަށް ޝައުގުވެރިވުމެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ އެއްކަމަކީ އެކަލޭގެފާނުގެ ސީރާ އަޅުގަނޑުމެންގެ ދަރިންނަށް މިހާރަށްވުރެބޮޑަށް ކިޔަވައިދިނުމެވެ. އެކަލޭގެފާނުގެ ޖީލުގެ މީހުން އެންމެބޮޑު ސަމާލުކަމެއްދިނީ އެކަލޭގެފާނުގެ ސީރާއަށެވެ. އެކަލޭގެފާނު އުޅުއްވިގޮތް އެޖީލުގެ ދަރިންނަށް އުނގަންނައިދިނުމަކީ އޭރުގެ މަންހަޖުގައި އެންމެ އިސް މާއްދާއެވެ. ނަތީޖާއަކަށްވީ ރަސޫލުﷲ ﷺ ގެ ޞަޙާބީންގެ ޖީލު އެކަލޭގެފާނުގެ ސުއްނަތާއިއެއްގޮތަށް ދިރިއުޅުން ބިނާކުރުމެވެ. އަޅުގަނޑުމެން މިއަދުކުރަންޖެހޭ ކަމަކީ ސްކޫލްތަކުގެ ގްރޭޑް އެކަކުން ބާރައަށް އެކަލޭގޭފާނުގެ ސީރާ ކިޔަވައިދނިމުވެ. ކޮންމެ ގުރޭޑެއްގައި ބާރަ އަހަރުވަންދެން މިކަންކުރެވިއްޖެނަމަ އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާއި މާތްނަމޫނާއާއި އެއްގޮތަށް އަޅުގަނޑުމެންނަށް ދިރިއުޅުން ބައްޓަންކުރަން ފަސޭހަވާނެއެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ ކަންކަމުގެތެރޭގައި އެކަލޭގެފާނުކުރެއްވި ދުޢާތައް ދަސްކޮށް އެދުޢާތައްކުރުން ހިމެނެއެވެ. ހެނދުނާއި ހަވީރުގެ ދުޢާތައް ނުވަތަ މުސްލިމުންގެ ދުޢާގައި ހިމެނޭ އެންމެހައި ދުޢާތައް އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ. އަދި މިދެންނެވި ދުޢާތައް ޤަވާޢިދުންކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ވާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ދުޢާކުރަންޖެހެއެވެ. އެފަދަ ކޮންމެ ދުޢާއަކީ އެކަލޭގެފާނުގެ ސުއްނަތުން އައިސްފައިވާ ދުޢާއެކެވެ. އެހެންކަމުން މިދުޢާތައް ދަސްކޮށް ދުޢާކުރުން އާދައަކަށް ހެދުމަކީ އެކަލޭގެފާނަށް މާތްކޮށްހިތުމުގެގޮތުން ކުރަންޖެހޭ މުހިންމުކަމެކެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެ ގޮތުން ކުރަންޖެހޭ މުހިންމު އެއްކަމަކީ އެކަލެގޭފާނުގެ ސުއްނަތް ދިރުވައިއާލާކުރުމެވެ. އެގޮތުން އެކަލޭގެފާނު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވިގޮތް މީހުންނަށް އަންގައިދޭންޖެހެއެވެ. އެކަލޭގެފާނު މީހުންނަށް އިހުތިރާމްކުރައްވައި ކަމޭހިތްތެވިގޮތް އާންމުކޮށް މީހުންނަށް އަންގަންޖެހެއެވެ. އެކަލޭގެފާނު މީހުންނާއި ގުޅުންތައް ބެހެއްޓެވިގޮތާއި މީހުންނާއި މުއާމަލާތު ހިންގެވިގޮތް މިހާރުގެ ޖީލުތަކަށް ކޮންމެ ދުވަހަކު ހަނދާންކޮށްދޭންޖެހެއެވެ. އެކަލޭގެފާނު މަސްއޫލިއްޔަތު އުފުއްލެވިގޮތާއި ހިތްވަރާއެކު މަސައްކަތްކުރެއްވިގޮތް މީހުންނަށް ކިޔައިދޭންޖެހެއެވެ. ޣައިރު މުސްލިމުންނާމެދު އެކަލޭގެފާނު ބެހެއްޓެވި އިހުސާންތެރިކަން މީހުންނަށް އޮޅުންފިލުވައިދޭންޖެހެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މިންވަރާއި ފެންވަރުން އެކަލޭގެފާނުގެ ސުއްނަތް ދިރުވުމަކީ އެކަލޭގެފާނަށް ކަމޭހިތައި އެކަލޭގެފާނުދެކެ ލޯބިވުމެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަލޭގެފާނު އެންގެވިގޮތަށް އުޅުމެވެ. ނުވަތަ އެކަލޭގެފާނުގެ ސުއްނަތާއި އެއްގޮތަށް ދިރިއުޅުމެވެ. އެގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ގެ ޙައްޤުތަކާއި އެކަލޭގެފާނުގެ ޙައްޤުތައް އަދާކުރުމެވެ. އެއަށްފަހު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ އެޙައްޤުތައް އަދާކުރުމެވެ. މީހުންނަށް ހިތްހެޔޮވުމާއި މީހުންނަށް ހެޔޮކޮށް ހިތުމާއި ޢަދުލުއިންސާފުން ހުރިހާ ކަމެއްކުރުމެވެ. އެއްވެސް ގޮތަކަށް މީހުންނަށް އަނިޔާވެރިނުވުމާއި މީހުންނަށް މަޢާފްކޮށް ޢަފޫކުރުމެވެ. މީހުންނަށް ދީލަތިވުމާއި އެހީތެރިވުމާއި އިޙުތިރާމްކުރުމާއި އެމީހުންނަށް އަޅާލުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މެދުމިން އިޚުތިޔާރުކޮށް ހިތްތިރިކޮށް ސާދާކޮށް އުޅުމެވެ. އަދި ޙައްޤާއި ކެތްތެރިކަމަށް ވާގިވެރިވެ އެކަމަށް ބާރުއަޅައި އެގޮތުގައި ތިމާ ދެމިހުރުމެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެ ގޮތުން އެކަލޭގެފާނާމެދު މީހުންނަށް ކުރެވިފައިހުންނަ ނުރަނގަޅު ތަސައްވުރު ރަނގަޅުކޮށްދޭންޖެހެއެވެ. އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާ ފުށުއަރާ ހުރިހާ ވާހަކައަކަށް ނޫނެކޭ ބުނަންޖެހެއެވެ. އެގޮތުން މީހުންނަށް ރަނގަޅުގޮތް ބުނެދީ ކިޔައިދޭންޖެހެއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅާގުޅޭ ކޮންމެ ކަމެއްގެވެސް ޙައްޤު އަދި ރަނގަޅުގޮތް މީހުންނަށް ފިލުވައިދޭންޖެހެއެވެ. އެކަންކުރަންޖެހެނީ ޒަމާނުގެގޮތަށެވެ. އެގޮތުން ސޯޝަލް މީޑިއާ ބޭނުންކުރަންޖެހެއެވެ. ކުދިކުދި ވީޑިއޯތައް އުފައްދައި އެތަކެތި އިންޓަނެޓްމެދުވެރިކޮށް މީހުންނަށް ދައްކަންޖެހެއެވެ. މިމަސައްކަތްކުރުމުގައި ޣައިރު މުސްލިމުން މުހިންމު އަމާޒަކަށް ހަދަންޖެހެއެވެ.

ރަސޫލުﷲ އަށް މާތްކޮށް ހިތުމުގެގޮތުން އުފާވެރިކަމުގެ ޚަބަރުފަތުރައި އުއްމީދު އުފައްދަންޖެހެއެވެ. އަމާންކަމާއި ސުލްހައަށް ގޮވާލައި އެގޮތުގައި ތިމާ އުޅެންޖެހެއެވެ. ދެކޮޅުވެރިކަމާއި ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ދުރުގައިވާބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ޖާގަދިނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް މާތްކޮށް ހިތައި އެކަލޭގެފާނުދެކެ ލޯބިވާންޖެހެނީ ބަހާއި އަމަލުންނެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ދިރިއުޅުން ވާންޖެހެނީ އެކަލޭގެފާނުގެ ސުއްނަތް ރަމްޒުކޮށްދޭ ދިރިއުޅުމަކަށެވެ.

 

މައުލޫމާތު: މުފައްސިރު ނުޢުމާން ޢަލީ ޚާންގެ ދަރުސް 'އޮނަރިންގ ދަ މެސެންޖަރ'